ޗެމްޕިއަން އިރާގު އަތުން ރާއްޖޭގެ ޒުވާން ޓީމަށް ބޮޑު ބައްޔެއް

އިރާގާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއްމް
އިރާގާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ތެރެއިން – ފޮޓޯ: އެފްއޭއްމް

އޭއެފްސީ 23 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު ތިން ވަނަ މެޗުން ބަލިވެއްޖެ އެވެ. މުބާރާތުގެ ދިފާއީ ޗެމްޕިއަނުންނާ ދެކޮޅަށް ރޭކުޅެވުނު މެޗުން ރާއްޖޭގެ ޓީމު ބަލިވީ 7-1 އިންނެވެ.

އޮމާނުގެ ވެރިރަށް މަސްކަޓުގައި ކުޅުނު މި މެޗުގެ ތިން ވަނަ މިނެޓުގައި އިރާގުން ލީޑު ނަގައިފައި ވަނިކޮށް ރާއްޖެއަށް ލަނޑުޖަހާ، ނަތީޖާ އެއްވަރުކޮށްދިނީ 28 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. ނަމަވެސް ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފު އިރާގުން ނިންމާލީ ލީޑުނަގައިގެންނެވެ. ދެ ވަނަ ހާފުގައި ރާއްޖެ އަށް އިރާގް ހިފެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވިއިރު، މި ހާފުގައި އިރާގުން ފަސް ލަނޑު ޖަހައި ތަފާތު ބޮޑު ނަތީޖާ އަކުން މެޗު ކާމިޔާބުކުރި އެވެ.

ރޭގެ މެޗުގައި ހަމްޒާ ޖެހި ގޯލަކީ އޭނާ 23 އަހަރުން ދަށުގެ ޓީމަށް ކުޅެދިން 6 މެޗުގައި ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

ހަމްޒާ ގޯލުޖެހުމަށްފަހު ޓީމާއެކު އުފާފާޅުކުރަނީ - ފޮޓޯ: އެފްއޭއްމް
ހަމްޒާ ގޯލުޖެހުމަށްފަހު ޓީމާއެކު އުފާފާޅުކުރަނީ – ފޮޓޯ: އެފްއޭއްމް

އަހުމަދު ސުހައިލް (ބަންބުޗް) ވަނީ ރޭގެ މެޗުގެ ދެވަނަ ހާފުގައި، މުހައްމަދު މުސްލިހުގެ ބަދަލުގައި ކުޅެން އަރައިފަ އެވެ. ހަމްޒާ އަށް މިމެޗުގެ ފުރަތަމަ ހާފުގައި ވަނީ ރީނދޫ ކާޑެއް ދައްކާފަ އެވެ. އަދި ކޮލިފައިންގެ ފުރަތަމަ މެޗުގައި ލެބަނަންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ކާޑާ އެއްކޮށް ދެކާޑު ހަމަވުމާ ގުޅިގެން، ފަހު މެޗަށް ހަމްޒާ ވަނީ ސަސްޕެންޑް ވެފައެވެ.

ރާއްޖެ އޮތީ ގްރޫޕް އޭގެ ފުލުގައި ޕޮއިންޓެއް ނުލިބި އެވެ. މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ރާއްޖެ އަށް ވަނީ ގެއްލިފަ އެވެ. އެއް ވަނައިގައި ހަ ޕޮއިންޓާ އެކު އިރާގު އޮތްއިރު ދެ ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ އޮމާނެވެ. ހަތަރު ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ތިން ވަނައިގައި ބަހުރޭން އޮތްއިރު ހަތަރު ވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ލެބަނަން އެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ލެބަނަން އަތުން 2-1 އިން ބަލިވިއިރު ދެ ވަނަ މެޗުން ބަހުރޭން އަތުން ބަލިވީ 3-0 އިންނެވެ. ކޮލިފައިންގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ އޮމާނާ ދެކޮޅަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.