ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑުން (ދިރާގުން) މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގައި އިންޑޯ ޕާކެއް ގާއިމްކޮށްފިއެވެ.
ދިރާގުން އެ އެސޯސިއޭޝަން ހުންނަ އިމާރާތުގައި އިންޑޯ ޕާކެއް ގާއިމްކޮށްފައިވަނީ މިވަނީ މުޅި ދުނިޔެ ފާހަގަ ކުރާ އޯޓިޒަމް ދުވަހާ ގުޅުވައިގެން ރާއްޖޭގައި ތިބި އެފަދަ ކުދިންނަށް އެހީތެރިވެދިނުމުގެ ގޮތުން ކުންފުނީގެ ސީއެސްއާރު ހަރަކާތްތަކުގައި ހިމަނައިގެން ހަދިޔާކުރި ޕާކެކެވެ. އެޕާކުގައި، އެހެން ޕާކުތަކުގައި ހުންނަ ފަދަ އެކި ބާވަތްތަކުގެ ކުޅޭ އެއްޗެހި ހުއްޓެވެ.
ދިރާގުން ބުނީ ކުޑަކުދިން ހިމާޔަތް ކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާ ގެ ވަރަށް މުހިއްމު ދާއިރާއެއް ކަމަށެވެ. އެގޮތުން ގިނަ އަދަދެއްގެ އެކި މަސައްކަތްތައް ކުރަމުން ގެންދާ ކަމަށާއި މިއަދު އޯޓިޒަމް އެސޯސިއޭޝަންގައި ގާއިމް ކުރި ޕާކަކީވެސް އޭގެ ތެރެއިން އެއް މަަސައްކަތް ކަމަށް އެކުންފުނިން ބުންޏެވެ.
އެކުންފުނިން އެތަނުގައި ގާއިމް ކުރި “އިންޑޯ ޕްލޭ އޭރިއާ”ގައި ސްވިންގް، ސްލައިޑް، ބޯލް ޕޫލް، ކްލައިމްބިން ފްރޭމް، މަންކީ ބަރ، ޕްލޭ ހައުސް، ބާސްކެޓް ރިންކް، ކެޓަޕިލަރ ޓަނަލް އަދި ޓްރެމްޕޯލިން ފަދަ ތަކެތި ހިމެނެއެވެ.