ދިރާގުން ސެމްސަންގެ އެންމެ ފަހުގެ ފޯނުތައް ޕްރީއޯޑާއަށް ހުޅުވާލައިފި

ސެމްސަންގެ އެންމެ ފަހުގެ ފޯނުތައް ތައާރަފްކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ދިރާގު

ސެމްސަންގް ގެލެކްސީގެ ފަހުގެ ފޯނުތައް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ދިރާގުން މިރޭ ހުޅުވާލައިފި އެވެ.

ސެމްސަންގްއިން އެންމެ ފަހުން ބާޒާރަށް ނެރުނީ ގެލެކްސީ އެސް20، އެސް20 ޕްލަސް އަދި އެސް20 އަލްޓްރާ އެވެ.

ދިރާގު ހެޑް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ފޯނުތައް ތައާރަފްކޮށްދިނުމަށް އެ ކުންފުނީގެ ޗީފް މާކެޓިން އޮފިސަރު މަހްމޫދު ދައްސަރުއާއި ސެމްސަންގް ސްރީލަންކާގެ މެނޭޖިން ޑިރެކްޓަރު ކެވިން ޔޫގެ އިތުރުން ދިރާގުގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދު ވެސް ބައިވެރިވި އެވެ.

ގެލެކްސީގެ އެ ތިން ފޯނުގެ ސައިޒުގެ އިތުރުން ބައެއް ފީޗާސްތައް ވެސް ތަފާތެވެ. އެންމެ ބޮޑު ތަފާތެއް ފާހަގަކުރެވެނީ ތިން ފޯނުގެ ކެމެރާއިންނެވެ.

ގެލެކްސީ އެސް20 އާއި އެސް20 ޕްލަސްގައި 12 މެގަޕިކްސެލްގެ ވައިޑް އޭންގަލް ކެމެރާއެއް ހުންނައިރު، އެސް20 އަލްޓްރާގެ ވައިޑް އޭންގަލް ކެމެރާގައި 108 މެގަޕިކްސެލް ހުރެ އެވެ.

އެސް 20 އާއި އެސް 20 ޕްލަސްގެ ސެލްފީ ކެމެރާގައި 10 މެގަޕިކްސެލް ހުންނައިރު، އެސް20 އަލްޓްރާގެ ސެލްފީ ކެމެރާގައި 40 މެގަޕިކްސެލް ހުރެ އެވެ.

ގެލެކްސީ އެސް20 ސީރީޒްގެ ބައެއް ސިފަތައް

  • 100ގުނައަށް ޒޫމް ކޮށްލެވޭ ޒޫމް ލެންސް (ހަމައެކަނި އެސް20 އަލްޓްރާގައި)
  • 8ކޭ ވީޑިއޯ ރިކޯޑު ކުރުން
  • 45 ވޮޓު ފާސްޓް ޗާޖިން ސަޕޯޓު ކުރޭ
  • ސިންގަލް ޓޭކް މޯޑް (10 ފޮޓޯއާއި ހަތަރު ވީޑިއޯ އެއް ބަޓަނުން އެއްފަހަރާ ނަގާލެވޭ)
  • އެކްސްޕޭންޑަބަލް ސްޓޯރޭޖް: އެއް ޓީބީއާ ހަމައަށް
  • އިން-ސްކްރީން ފިންގަޕްރިންޓް ސްކޭނާ

ދިރާގުން މި ތިން ފޯނު ޕްރީއޯޑާ ކުރަން އެންމެ ކުޑަ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 1،009 ރުފިޔާ އެވެ. އަދި ޕްރީއޯޑާ ކުރާ ފަރާތްތަކަށް ހާއްސަ ހަދިޔާތަކެއް ދިނުމަށް ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

އެގޮތުން އެސް20 ޕްރީއޯޑާ ކޮށްގެން ގަންނަ ކޮންމެ ކަސްޓަމަރަކަށް ހަ މަސް ދުވަހުގެ މުއްދަތަކަށް މަހަކު ފަސް ޖީބީ ޑޭޓާ ހިލޭ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިރާގުން ބުނިގޮތުގައި އެސް20 ޕްލަސް އަދި އެސް20 އަލްޓްރާ ޕްރީއޯޑާކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ފޯނާއެކު ސެމްސަންގް ގެލެކްސީ ބަޑްސް ޕްލަސްއެއް ލިބޭއިރު، ހަ މަސް ދުވަހުގެ މުއްދަތަކަށް ކޮންމެ މަހަކު 10 ޖީބީގެ ޑޭޓާ ވެސް ހިލޭ ލިބޭނެ އެވެ.

މި ތިން ފޯނަކީ ވެސް ދިރާގުގެ އީސިމް ސަޕޯޓުކުރާ ތިން ފޯނެވެ.

ސެމްސަންގް ގެލެކްސީ އެސް20 ސީރީޒްގެ ފޯނުތައް ދިރާގުގެ ވެބްސައިޓު މެދުވެރިކޮށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.