ލީގުގެ ފުރަތަމަ މެޗުގައި ސެންޓޭ އަށް ކުޅެވޭނެ

ސެންޓޭ އިއްޔެގެ ޕްރެކްޓިހުގައި - ފޮޓޯ: އިސްމާއިލް އައްފާން
ސެންޓޭ އިއްޔެގެ ޕްރެކްޓިހުގައި – ފޮޓޯ: އިސްމާއިލް އައްފާން

އަނިޔާ އަށް ފަރުވާ ހޯދަން ޑިސެމްބަރު މަހު ކުރި އޮޕަރޭޝަނަކާ ގުޅިގެން ކުޅުމާ ދުރުގައި ހުރި ނިއު ރޭޑިއަންޓުގެ އިތުބާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ވިކްޓަރީއާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ނިއު އިން ބުނެފި އެވެ.

ސެންޓޭ ކުޅުމާ ދުރަށް ދިޔައީ، 2012 ވަނަ އަހަރު ގައުމީ ޓީމާ އެކު ޕްރެކްޓިސް މެޗެއް ކުޅެނިކޮށް ފައިގެ ކަށިގަނޑެއް ބިންދައިގެން ދިއުމުން ފަރުވާ އަށް ލައްވާފައިވާ ޕްލޭޓްކޮޅެެއް ނެގުމަށް މިދިޔަ ޑިސެމްބަރު ފަހުކޮޅު ކުރި އޮޕަރޭޝަނާ ގުޅިގެންނެވެ.

ފިޓްނަސް ތަމްރީންތައް މީގެ ތިން ހަފުތާ ކުރިން ފެށި ސެންޓޭ ވަނީ އިއްޔެ ނިއުގެ ފަރިތަކުރުންތަކުގައި އެހެން ކުޅުންތެރިންނާ އެކު ބައިވެރިވެފަ އެވެ.

“ސެންޓޭ ލީގުގެ ފުރަތަމަ މެޗުގައި ކުޅެވޭނެ،” ނިއުގެ ބޯޑް މެމްބަރު އަހުމަދު ޒަރީރު ބުންޏެވެ. “އޭނާ ވަނީ ޕްރެކްޓިހާ ރަސްމީކޮށް އިއްޔެ ގުޅިފައި.”

ސެންޓޭ އިއްޔެގެ ޕްރެކްޓިހުގައި - ފޮޓޯ: އިސްމާއިލް އައްފާން
ސެންޓޭ އިއްޔެގެ ޕްރެކްޓިހުގައި – ފޮޓޯ: އިސްމާއިލް އައްފާން

އޭއެފްސީ ކަޕުގައި މިޔަންމާގެ އަޔެޔަވާދީ ޔުނައިޓެޑާ ދެކޮޅަށް ބުދަ ދުވަހު ކުޅޭ މެޗަށް ނިއު މިޔަންމާ އަށް ކުރާ ދަތުރުގައި ވެސް ސެންޓޭ ބައިވެރިވާނެ އެވެ. އެކަމަކު އެ މެޗުގައި އޭނާ ކުޅުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ޒަރީރު ބުންޏެވެ.

އަނިޔާގެ ސަބަބުން އޭނާ އަށް ޕީޕަލްސް ކަޕާއި އޭއެފްސީ ކަޕުގައި ނިއު ކުޅުނު ފުރަތަމަ ތިން މެޗުގައި ނުކުޅެ އެވެ. ހަވީރުން ހޮވި މިދިޔަ އަހަރުގެ ދެ ވަނަ އަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ސެންޓޭ އަކީ މިދިޔަ ސީޒަނުގައި ނިއު އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަނުގެ ދިރާގު ދިވެހި ލީގުގެ ފަހު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން ވެސް އޭނާ ކުޅުމާ ދުރަށް ދިޔަ އެވެ. އެކަމަކު އަނިޔާ އަށް ފަހު އެނބުރި އައިސް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި އީގަލްސް ކޮޅަށް ލަނޑު ޖަހައި ނިއު އަށް އެ މުބާރާތް މިލްކުކޮށްދިނެވެ.

(މަސްދަރު: ހަވީރު އޮންލައިން)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.