ސެމްސަންގް ގެލެކްސީ އެސް6 އަދި ގެލެކްސީ އެސް6 އެޖް ފޯނު، ދިރާގުން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.
ސެމްސަންގް ބްރޭންޑްގެ އެންމެ ފަހުގެ މި ފޯނުތައް ދުނިޔޭގެ ބާޒާރަށް ވެސް ނެރުނީ މިރެ އެވެ. މިފަދަ ޒަމާނީ ފޯނެއް، ބައިނަލްއަގުއާމީ ލޯންޗިންއާ އެކު ރާއްޖޭގެ ބާޒާރަށް ނެރުނު ފުރަތަމަ ފަހަރެވެ.
މިކަމަށްޓަކައި ދިރާގުގެ ހެޑް އޮފީސް ކުރިމަތީގައި ބޭއްވި ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިދިޔަ މަހުގެ ކުރީކޮޅު އޭނާ އަށް ސެމްސަންގްގެ އެންމެ ފަހުގެ ފޯނު ފެނިވަޑައިގަތުމުން އެ ފޯނު ދިވެހިންނަށް ފަސޭހައިން ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ބޭނުންވެ ވަޑައިގަތް ކަމަށެވެ. އަދި ސެމްސަންގްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރު ހައިކް މޯލްޑިވްސް މެދުވެރިކޮށް ދިރާގުން އެ ފޯނު މިހާރު ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ފޯނު ގަތުމަށް ޕްރީ އޯޑަ ކޮށްފައި ކަސްޓަމަރުންގެ ތެރެއިން ދިރާގަށް އެޑްވާންސް ފައިސާ ދެއްކި ހުރިހާ ކަސްޓަމަރުންނަށް މިރޭ ވަނީ ފޯނު ދޫކޮށްފަ އެވެ. އަދި އެއްފަހަރާ ފައިސާ ދައްކާފައިވާ ކަސްޓަމަރުންނަށް ވެސް ފޯނު ހަވާލުކޮށްފައި ވެ އެވެ.
މި ފޯނުތަކުގެ އަޖުމަ ބަލާލުމަށް، “އެކްސްޕީރިއަންސް ޒޯނެއް” ވެސް ދިރާގުގައި މިރޭ ވަނީ ގާއިމުކޮށްފަ އެވެ.
ދިރާގުން މި ފޯނުތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެނީ ގާތްގަނޑަކަށް ދުނިޔޭގެ ބާޒާރުގައި ސެމްސަންގުން މި ފޯނުތައް ވިއްކަމުންގެންދާ އަގުތަކުގަ އެވެ. އެގޮތުން ގެލެކްސީ އެސް6 ޕްލެޓް 13،030ރ. އަށް އަދި ގެލެކްސީ އެސް6 އެޖް ވިއްކަމުން ގެންދަނީ 15،375ރ. އަށެވެ.
ދިރާގުން ބުނި ގޮތުގައި ފޯނުތަކަށް ޕްރީ އޯޑަ ކުރާ ކަސްޓަމަރުންނަށް ސެމްސަންގާ ގުޅިގެން ހަދިޔާއެއްގެ ގޮތުގައި ވަޔަލެސް ޗާޖަރެއްގެ އިތުރުން ދެ އަހަރުގެ ވޮރެންޓީ ވެސް ކަސްޓަމަރުންނަށް ދިނުމަށް ވަނީ ނިންމައިފަ އެވެ.
ސެމްސަންގެ އެހެން ފޯނުތަކާ ޚިލާފަށް އެސް6 ގައި ބޭނުންކޮށްފައި ވަނީ ޕްލާސްޓިކް ފްރޭމްގެ ބަދަލުގައި މެޓަލް ފެރޭމެކެވެ. އަދި ފޯނުގެ ފަހަތުގައި ބޭނުންކޮށްފައި ވަނީ ބިއްލޫރި އެވެ. ޚަބަރު / ހަވީރު އޮންލައިން