މަޝްހޫރު ފުޓުބޯޯޅަ ކުޅުންތެރިންނަށް މެސެޖް ކުރެވޭ ކެމްޕޭނެއް، “ފޭންސް ޑޫ ވޮންޑާސް”ގެ ނަމުގައި، އުރީދޫން އިއްޔެ ފަށައިފި އެވެ.
މަޝްހޫރު ފުޓުބޯޅަ ކުލަބް، ޕެރިސް ސެއިންޓްޖަމައިން (ޕީއެސްޖީ) އާ ގުޅިގެން، އިއްޔެއިން ފެށިގެން ޖޫން 13 އިގެ ނިޔަލަށް ކުރިއަށް ގެންދާ މި ކެމްޕޭނުގައި ޕީއެސްޖީގެ މަގުބޫލު ކުޅުންތެރިން ކަމަށްވާ އިބްރަހިމޮވިޗާއި ތިއާގޯ ސިލްވާ އަދި ޑޭވިޑް ލުއިޒް ކަހަލަ ކުޅުންތެރިންނަށް މެސެޖު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ބްލޭސް މަޓުއިޑީ އާއި ލޫކަސް މޯރާ ފަދަ ކުޅުންތެރިންނަށް ވެސް މެސެޖް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫގެ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަން މަރިޔަމް އަހުމަދު ދީދީ ވިދާޅުވި އެވެ.
މި ކެމްޕޭންގެ ދަށުން މެސެޖް ފޮނުވުމަށް އުރީދޫން ވަނީ ހާއްސަ ވެބްސައިޓެއް ތައްޔާރުކޮށްފަ އެވެ. އެ ވެބްސައިޓުގައި ހޭޝްޓެގް ފޭންސް ޑޫ ވޮންޑާސް (fansdowonders#) ޖެހުމަށްފަހު މެސެޖު ކޮށްގެން މި ކެމްޕޭނުގައި ބައިވެރިވެވޭ އިރު މި ހޭޝްޓެގް ބޭނުންކޮށްގެން ޓްވިޓާ މެދުވެރިކޮށް ވެސް ކެމްޕޭނުގައި ބައިވެރިވެވޭނެ އެވެ. ކޮންމެ 24 ގަޑިއިރަކު ކެމްޕޭނުގެ ވެބްސައިޓަށް ބައެއް މެސެޖްތައް އެރުވުމުށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އުރީދޫގެ ހިދުމަތް ފޯރުކޮށްދޭ 17 ގައުމުގެ ތެރެއިން އެންމެ ރަނގަޅު މެސެޖްކުރާ އެކަކަށް ޕެރިހަށް ގޮސް ޕީއެސްޖީގެ މެޗެއް ބަލާލުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ޕީއެސްޖީގެ ޓްރޭނިން ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް އެ މީހަކަށް ލިބިގެން ދާނެ އެވެ.
ޕީއެސްޖީގެ މެޗު ކުރިއަށް ދާއިރު ސްޓޭޑިއަމްގައި އެންމެ މަގުބޫލު މެސެޖްތައް ޑިސްޕްލޭ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
(މަސްދަރު: ހަވީރު)