އަޔެވާދީއާ ދެކޮޅަށް ސެންޓޭ ކުޅޭނެ: ނިއު

އަޔެވާދީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޓީމުގެ ފަރިތަކުރުން ނިންމާލުމަށްފަހު ނިއު ކުޅުންތެރިން. - ފޮޓޯ: ނިއުރޭޑިއަންޓް
އަޔެވާދީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޓީމުގެ ފަރިތަކުރުން ނިންމާލުމަށްފަހު ނިއު ކުޅުންތެރިން. – ފޮޓޯ: ނިއުރޭޑިއަންޓް

އޭއެފްސީ ކަޕްގެ ގްރޫޕް އެޗްގައި މިއަދު މިޔަންމާގެ އަޔެވާދީ ޔުނައިޓެޑާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗުގައި ނިއު ރޭޑިއަންޓްގެ ފޯވާޑު އަލީ ފާސިރު (ސެންޓޭ) ކުޅޭނެ ކަމަށް އެ ޓީމުން ބުނެފި އެވެ.

މިޔަންމާގައި ހުރެ ނިއުގެ އޮފިޝަލް ހަސަން ހަމީދު (ޑަކޭ) “ހަވީރަ”ށް ވާހަކަ ދައްކަމުން ބުނީ، މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ސެންޓޭ ނުހިމެނުނު ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ސެންޓޭ ކުޅޭނެ ކަމަށެވެ.

ސެންޓޭ ނުލައި މި ސީޒަނުގެ މިހާތަނަށް ނިއު ވަނީ ހަތް މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. އެއް މެޗު އެއްވަރުވެގެން ނިމުނުއިރު، އަނެއް މެޗުން ނިއު ވަނީ މޮޅުވެފަ އެވެ. ނިއު މޮޅުވީ އޭއެފްސީ ކަޕްގައި ލާއޯއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުންނެވެ.

ސެންޓޭ އަކީ ނިއު އަށް މިދިޔަ ސީޒަންގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިއާ އެވެ.

ނިއު އިން ކުރިން ބުނީ، ސެންޓޭ ކުޅޭނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ކަމަށެވެ.

މިއަދުގެ މެޗަކީ މުބާރާތުގެ ދެވަނަ ބުރަށް ދިއުމަށް ނިއު އަށް މުހިއްމު މެޗެކެވެ. ނިއު އޮތީ މި ގްރޫޕްގެ ތިން ވަނައިގައި، ތިން މެޗުން ލިބުނު ތިން ޕޮއިންޓާ އެކު އެވެ. އަޔެވާދީ ދެވަނައިގައި އޮތީ ފަސް ޕޮއިންޓް ހޯދައިގެންނެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަތް ޕޮއިންޓާ އެކު ޕާސިބް ބަންޑުން އޮތްއިރު، އެންމެ ފުލުގައި އޮތީ އެއް ޕޮއިންޓާ އެކު ލާއޯ ޓޮޔޯޓާ އެވެ.

މިޔަންމާގައި މިއަދު މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން 14:00ގަ އެވެ. މި މެޗުން ޓީވީއެމް އިން ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. / ހަވީރު އޮންލައިން

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.