އެމެރިކާގެ އޮހާޔޯ ސްޓޭޓްގެ އަންހެނެއް ކަމަށްވާ އުމުރުން 38 އަހަރުގެ ލަ-ސޮންޔާ މިޝެލް-ކްލާކް އޭނާގެ އުފަން މަންމަ ހޯދަން ކުރި މަސައްކަތުން އެނގުނީ އޭނާގެ މަންމަ މަސައްކަތް ކުރަމުން ދަނީ އޭނާ ވެސް މަސައްކަތް ކުރާ ކުންފުނީގައި ކަމެވެ.
ދާދި ފަހުން އޮހާޔޯގެ ޑިޕާޓްމަންޓް އޮފް ހެލްތުން ހާމަ ކުރި މައުލޫމާތުތަކެއްގެ އަލީގައި ލަ-ސޮންޔާ އަށް ވަނީ އޭނާގެ މަންމަގެ ނަން އެނގިފައެވެ. އެއީ ފްރާންސީން ސިމޮންސް އެވެ.
ލަ-ސޮންޔާ ދެން ފޭސްބުކް އަށް ވަދެ އެ ނަން ހޯދާލުމުން އެނގުނީ ފްރާންސީން ކިޔާ މީހަކު އޭނާ މަސައްކަތް ކުރާ އިންފޯސިޝަން ނަމަކަށް ކިޔާ ކުންފުނީގައި ވަޒީފާ އަދާ ކުރަމުން އަންނަ ކަމެވެ.
ފޭސްބުކް އިން އޭނާ ފްރާންސީން އަށް މެސެޖެއް ފޮނުވުމުން އޭގެ އަނެއް ދުވަހު ފްރާންސީން އޭނާ އަށް ފޯނުން ގުޅިއެވެ. ދެން ފްރާންސީން ގާތުގައި އޭނާ އަކީ ފްރާންސީންގެ ދަރިފުޅު ކަމަށް ބުންޏެވެ.
ފްރާންސީން ބުނީ އޭނާ އަށް ލަ-ސޮންޔާ ލިބުނީ އޭނާގެ އުމުރުން އެންމެ 15 އަހަރުގައި ކަމަށެވެ. އެހެންކަމުން ފުރާއުމުރުގައި ލިބުނު ދަރިފުޅު އަމިއްލަ އަށް ނުބެލިގެން އެހެން މީހަކު އެޑޮޕްޓް ކޮށްލަން ދޫކޮށްލީ ކަމަށެވެ. ނަމަވެސް އަމިއްލަ ބަނޑުން ވިހޭ ދަރިފުޅު އަލުން ދެކެލަން އަބަދު ވެސް ބޭނުންވެފައިވާ ކަމަށް ފްރާންސީން ބުންޏެވެ.
ފްރާންސީން ދިރިއުޅެނީ ވެސް ލަ-ސޮންޔާގެ ގެ އާ ވަރަށް ކައިރީގައި ހުންނަ ގެއެއްގައެވެ. އަދި އޭނާގެ އިތުރު ތިން އަންހެން ދަރިން އޭނާ އާއެކު އުޅެމުން ދެއެވެ. ލަ-ސޮންޔާ ބުނީ މިއިން އެއް ކޮއްކޮ މަސައްކަތް ކުރަނީ ވެސް މަންމަ ފަދައިން އޭނާގެ ކުންފުނީގައި ކަމަށެވެ.
ލަ-ސޮންޔާ ބުނީ އޭނާ އެޑޮޕްޓް ކުރި އާއިލާއިން އޭނާގެ އަސްލު މަންމަ ހޯދުމަށް އަބަދު ވެސް ހިއްވަރު ދިން ކަމަށެވެ. ފްރާންސީން ބުނީ ލަ-ސޮންޔާ އާ އަލުން ބައްދަލު ވުމުން އޭނާގެ އާއިލާ އިތުރަށް ފުޅާ ވެގެން ހިނގައްޖެ ކަމަށެވެ.