“ޕޮކެޓް ޝާކް” ނުވަތަ ޖީބު ލާފައި ހުރި މިޔަރެއް އެމެރިކާއިން ފެނިއްޖެއެވެ.
މިއީ މި ބާވަތުގެ މިޔަރު ފެނުނު ދެވަނަ ފަހަރު ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ. އެ ގޮތުން ފުރަތަމަ 36 އަހަރު ކުރިން ޕެރޫގެ ކަނޑުން ފެނުނު 17 އިންޗީގެ މިޔަރު މިހާރު ވަނީ ރަޝިޔާގެ ދާރުލްއާސާރެއްގައި ދައްކާލަން ބާއްވައިފައެވެ.
އެމެރިކާއިން ފެނުނު މި ދެވަނަ މިޔަރު ފެނުނީ 2010 ވަނަ އަހަރު ކަމަށާއި ނަމަވެސް މިހާތަނަށް މިއީ ކޮން ބާވަތެއްގެ މަހެއްކަން ޔަގީން ނުކުރެވިގެން ފިނިކުރާ އަލަމާރިއަކަށް ލާފައި އޮތީ ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ.
އެމެރިކާއިން ފެނުނު މި މިޔަރަކީ (ފޮޓޯގައި) އުމުރުން ވަރަށް މަދު ހަފުތާއެއް ވެފައިވާ މިޔަރެއް ކަމަށް ބެލެވޭ ކަމަށާއި އޭގެ ބޮޑު މިނުގައި ހުރީ އެންމެ 5 އިންޗިއެވެ.
“ޕޮކެޓް ޝާކް”ގެ ބަނޑު ދަށުގެ ދެ ފަރާތުގައި ދެ ޖީބު ހުންނަ ކަމަށާއި އޮސްޓްރޭލިއާގެ ހަނަފަސް ސަހަރާތަކުގައި އުޅޭ ޖަނަވާރެއް ކަމަށްވާ ކެންގަރޫގެ ބަނޑުގައި ހުންނަ ޖީބަކީ އެ ސޮރުގެ ދަރިން އުފުލުމަށް ގުދުރަތީ ގޮތުން އުފެދިފައިވާ އެއް ޖީބު ނަމަވެސް، މި ބާވަތުގެ މިޔަރުގައި މި ޖީބުތައް ހުންނަނީ ކީއްވެކަން އަދި ދެނެގަނެވިފައި ނުވާ ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ.