ދަރިފުޅު ވިހަންދެން ސިކުނޑި މަރުވެފައިވާ މާބަނޑު އަންހެނަކު މެޝިންގެ އެހީގައި ބާއްވައިފި

et-=16

އުމުރުން 22 އަހަރުގެ ކާލާ ޕެރޭޒް މިދިޔަ ފެބްރުއަރީ މަހު ބޮލުގައި ރިއްސާ ކަމަށް ބުނެ އަނބުރާގަނެގެން ގޭތެރެއަށް ވެއްޓުނެވެ. ދެން މި މާބަނޑު ޒުވާނާ އެމެރިކާގެ ނެބްރަސްކާ ސްޓޭޓްގެ ހޮސްޕިޓަލަކަށް ގެންދިއުމުން ޑޮކްޓަރުން ވިދާޅުވީ އޭނާގެ ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅި އޭނާގެ ސިކުނޑި މަރުވެފައިވާ ކަމަށެވެ.

އެހެންކަމުން ސަހަރާ އަށް ނުގެންގޮސް ކާލާ ބޭއްވީ ހޮސްޕިޓަލްގައި ލައިފް ސަޕޯޓް މެޝިނެއްގައެވެ. އެއީ އޭނާގެ ބަނޑުގައި އޮތް ތުއްތު ދަރިފުޅު ވިހަންދެނެވެ. ބަރުދަނުގައި އެއް ކިލޯ ހުރި މި ފިރިހެން ދަރިފުޅު ވިހެއީ މިދިޔަ މަހު ކުރީކޮޅުއެވެ. “އޭންޖަލް”ގެ ނަން ދީފައިވާ މި ތުއްތު ކުއްޖާގެ ސިއްހަތު ރަނގަޅެވެ.

ކާލާ މަރުވިއިރު އޭންޖަލް އަށް ވީ އެންމެ 22 ހަފުތާ ކަމަށާއި މިހެންވެ ކާލާގެ ރަހިމުން ބޭރުގައި އޭންޖަލް އަށް ދިރި ނުހުރެވޭނެތީ މެޝިނުގެ އެހީގައި ކާލާ ބޭއްވީ ކަމަށް، ވައޮޓް އަށް ދެއްވި  އިންޓަވިޔުއެއްގައި ޑޮކްޓަރު ޓޮޑް ލަވްގްރެން ވިދާޅުވިއެވެ.

ގާތްގަނޑަކަށް 100 ޑޮކްޓަރުންނާއި ނަރުހުންގެ މަސައްކަތުން ކާލާ އާއި އޭންޖަލްގެ ހާލަތު ވަރަށް ގާތުން ބަލަމުން އައި ނަމަވެސް، މިދިޔަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ކާލާގެ ހާލަތު މާ ގޯސްވުމުން ސިޒޭރިއަން އޮޕަރޭޝަނަކަށް ފަހު ކާލާގެ ރަހިމުން އޭންޖަލް ނެގީއެވެ.

އޭންޖަލް ބާއްވާފައިވަނީ ދުވަސް ނުފުރާ ވިހާ ކުދިންގެ ޔުނިޓެއްގައެވެ. އޭގެ ދުވަސްތަކެއް ފަހުން ކާލާ ވަނީ ރަސްމީކޮށް މަރުވެފައިކަން އިއުލާންކޮށް، އޭނާގެ ގުނަންތައް އެކި ފަރާތްތަކަށް ހައިރާތު ކޮށްފައެވެ.

ކާލާގެ މަންމަ، އަދި އޭންޖަލްގެ މާމަ ބާތާ ޕެރޭޒް ބުނީ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމު ބުނެދޭން ނެނގޭ މިންވަރަށް ހިތްހެޔޮ ކަމަށާއި ކާލާ މެޝިންގައި ބާއްވައިގެން ބަލައިދިނުމުގައި ދިން ބޮޑު ސަމާލުކަމުން މިކަން ދޭހަވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.