7 އަހަރު ފުރުނުއިރު، އީޓީ ދެމިއޮތީ އިޖުތިމާއީ ހިދުމަތްތެރިންގެ ހިތްވަރުން

އޭދަފުށި ޓައިމްސްގެ ސްކްރީން ސޮޓެއް. މިއަދު ވަނީ މިނޫހަށް 7 އަހަރު ފުރިފައި
އޭދަފުށި ޓައިމްސްގެ ސްކްރީން ސޮޓެއް. މިއަދު ވަނީ މިނޫހަށް 7 އަހަރު ފުރިފައި

 

ބ. އަތޮޅުގެ ބައެއް މީހުންނަށް އަދިވެސް ހީކުރެވިފައި އޮންނަނީ އޭދަފުށި ޓައިމްސް ނުވަތަ “އީޓީ” އަކީ އޭދަފުއްޓަށް އެކަނި ހާއްސަ އިޖުތިމާއީ ނޫހެއް ކަމަށެވެ. އެހެން ގައުމުތަކުގައި ވެސް ނުކުންނަ އިޖުތިމާއީ ނޫސްތަކަށް، އެ ސަރަހައްދެއްގައި އޮންނަ މައި މަރުކަޒުގެ ނަމުން ނަން ދެވިފައި އޮތުމަކީ ވަރަށް އާއްމު ކަމެކެވެ. މިއަދު އީޓީގެ 7 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު، މި ގޮތަށް ހޭލުންތެރި ވުމަށް އަދިވެސް ދުވަސް ނަގާނެ ކަމަށް ފެނެ އެވެ.

މި އަމާޒު ފުރިހަމަ ވެގެންދާނީ ބ. އަތޮޅުގެ ރަށްރަށުން ކުރާ ކަންތައްތައް އެ ފަރާތްތަކުން ވެސް އިސްނަގައިގެން އީޓީ އާ ހިއްސާކޮށްލުން އިތުރު ކުރަން ފެށުމުންނެވެ. ވޭތުވެދިޔަ ދުވަސްތަކާއި އަދި މިހާރު ވެސް އީޓީ އިން މި ގޮތަށް އެދެމުން އަންނަމެވެ. ނަމަވެސް ކުރިން ވެސް ބުނި ފަދައިން އީޓީ އަކީ ވިޔަފާރީގެ ގޮތުން ފައިދާއެއް ނުވާ، ހަމައެކަނި އިޖުތިމާއީ ހިދުމަތެއްގެ ގޮތުން “ފީ ސަބީލިއްލާހި” އަށް ޓަކައި ކުރެވޭ ކަމަށް ވާތީ، ފުރިހަމަ މުސާރައެއް ނޫނީ އެހެން ވެސް ގޮތަކުން މާލީ އެހީއެއް ދިނުމަށް އީޓީ ނުކުޅެދިފައިވާތީ އޭދަފުއްޓާއި މި އަތޮޅު އެހެން ރަށްރަށު ކުދިންނަށް ވެސް އީޓީގައި ފުލްޓައިމް ނޫސްވެރިއެއްގެ ވަޒީފާ ދިނުމަށް ވަނީ ނުކުޅެދިފައެވެ. އެ ގޮތުން މިހާރު އީޓީގައި ލިޔަމުން އަންނަ ލިޔުންތެރިންނަކީ ވެސް އަމިއްލަ ފައިދާ އަށް ވުރެ އަތޮޅުގެ “ބޮޑު މުޖުތަމައު”އަށް ކޮށްދެވޭ ހިދުމަތެއްކަން އިހުސާސް ކުރެވިގެން އިޖުތިމާއީ ހިދުމަތެއްގެ ގޮތުން މަސައްކަތް ކޮށްދިނުމުގައި ދެމިހުރި ފަރާތްތަކެވެ. އެހެނަސް އީޓީގެ މާލީ ގާބިލިއްޔަތުކަން ހުރި މިންވަރުން މި ފަދަ ފަރާތްތަކަށް ކޮންމެވެސް އެއްޗެއް ދެވޭތޯ އަބަދު ވެސް މަސައްކަތް ކުރަމެވެ.

 

އީޓީގެ އިނގިރޭސި ބައި ވެސް އެއް ފަހަރަކު ހުއްޓުނީ މި ފަދަ ދަތިތައް ކުރިމަތިވެގެންނެވެ. މި ޒަމާނުގައި ކޮންމެ މީހަކު ވެސް އާމްދަނީ ހޯދުމަށާއި އަމިއްލަ ދިރިއުޅުމުގެ ކަންތައްތަކުގައި މަސްއޫލުވެގެން އުޅޭއިރު އެހެން ކަމަކަށް ވަގުތު ދޭން ދަތިވާއިރު، އީޓީން އުފަލާއެކު ފާހަގަ ކޮށްލަނީ، އީޓީގެ އިނގިރޭސި ބައި އަލުން މި ފަށައިގަނެވުނީ ވެސް، އިނގިރޭސި ބަސް ޕްރޮފެޝަނަލް ފެންވަރަކަށް ތަމްރީން ވެފައިވާ އީޓީގެ ކިޔުންތެރިޔަކު، އީޓީގައި ދިވެހި ބަހުން ލިޔާ ލިޔުންތައް އިނގިރޭސި ބަހަށް ދުވަހުން ދުވަހަށް ތަރުޖަމާ ކޮށްދޭން، އިޖުތިމާއީ ހިދުމަތެއްގެ ގޮތުން ފެށުމުންނެވެ. އެހެންކަމުން މުޅިން ހިލޭ ނުވަތަ ކުޑަ އެއްޗަކަށް ނަމަވެސް އީޓީ އަށް ލިޔުންތައް ލިޔެދޭ އަދި ފޮޓޯ ހިއްސާ ކުރާ މިފަދަ ފަރާތްތަކަށް އީޓީން ނުހަނު ޝުކުރު އަދާ ކުރަމެވެ. އަދި އީޓީ ކަހަލަ ކޮމިއުނިޓީ އޮންލައިން ނޫހެއްގެ ވެބްސައިޓް ދެމެހެއްޓުމަށްޓަކައި ބޭނުންވާ ޒަރޫރީ ހަރަދުތައް ފަދަ ކަންތައްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ވަކިން ހާއްސަ ގޮތެއްގައި އީޓީ އަށް އިސްތިހާރުކޮށްދެއްވާ ދިރާގު، އުރީދޫ، ވިލާ ކޮލެޖު އަދި މަންދު ކޮލެޖު ފަދަ ފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ނުހަނު އިހުލާސް ތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މި ފަދަ ފަރާތްތަކުގެއިޖުތިމާއީ ހިދުމަތް ކުރުމުގެ ރޫހުން އީޓީ މިހާ ގިނަ ދުވަހު ނުދެމެހެއްޓި ނަމަ، މިއަދު އީޓީއެއް ނުއޮންނާނެއެވެ. އަތޮޅަށް އަމާޒު ކޮށްގެން އީޓީގެ ފަހުން ގާއިމު ކުރި ދެ ވެބްސައިޓް މިހާރު އަޕްޑޭޓް ނުވާ ގޮތަށް އީޓީ ވެސް “މަރުވެގެން” ދިޔައީހެވެ.

މިދިޔަ އަހަރުގެ އީޓީގެ 6 ވަނަ އަހަރީ ދުވަހުގެ އެޑިޓަރުގެ ބަހުގައި އީޓީން ބުނެފައިވާ ފަދައިން ގައުމީ ނޫހަކަށް ވުރެ ކޮމިއުނިޓީ ނޫހަކުން އެ ގައުމެއްގެ އެ ސަރަހައްދެއްގައި ހުންނަ އެންމެ “އާދައިގެ” އަދި “ކުދިކުދި” ކަންތައްތައް ވެސް ގެނެސްދޭތީ މިއަދު ގައުމީ ނޫސްތަކުން ވެސް މި ވަނީ އެކަން ފާހަގަ ކުރަން ފަށައިފައެވެ.އެ ގޮތުން އޭދަފުއްޓާއި ބ. އަތޮޅުގެ އެހެން ރަށްރަށާއި ރިސޯޓްތަކުގައި އޮންނަ އިވެންޓްތަކުގެ މައުލޫމާތު ހޯދުމުގައި ރާއްޖޭގެ މުހިންމު ގައުމީ ނޫސްތަކުންނާއި އަދި ރާއްޖެއިން ބޭރުގެ ނޫސްތަކުން ވެސް މިހާރު މަސްދަރެއްގެ ގޮތުގައި ބަލަމުން އަންނަނީ އީޓީކަން އެއީ މި ނޫހުން ވަރަށް ފަހުރުވެރިކަމާއި އުފަލާއެކު ފާހަގަ ކުރާ ކަމެކެވެ.

އޭދަފުށީ ޓައިމްސް ފުރަތަމަ އަދަދުގެ ސްކްރީން ޝޮޓެއް
އޭދަފުށީ ޓައިމްސް ފުރަތަމަ އަދަދުގެ ސްކްރީން ޝޮޓެއް

 

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކޮންމެ އަހަރަކު ފާހަގަ ކުރާ މޭ މަހުގެ 3 ވަނަ ދުވަސް އީޓީގެ އުފަން ދުވަސް ކަމަށް ވުމަކީ ރަނގަޅު އިއްތިފާގެކެވެ. ހެޔޮ ފާލެކެވެ. ދުނިޔޭގެ ސުލްހަ ބަލަހައްޓާ ޖަމިއްޔާ ކަމަށް ވާ އދ އިން މި އަހަރުގެ މި ދުވަހުގެ ޝިއާރުގައި ނޫސްވެރިކަން އިތުރަށް ކުރިއެރުވުމަށާއި މި ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށާއި އަދި ހުރިހާ ކަމެއް “ޑިޖިޓަލް”ވެފައިވާ މި ފަދަ ޒަމާނެއްގައި ނޫސްވެރިންގެ އިތުރުން ނޫސްވެރިންނަށް މައުލޫމާތު ދޭ ފަރާތްތައް ހިމާޔަތް ކުރުމުގެ މުހިންމުކަން ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުން މި ފުރުސަތުގައި އީޓީ އިން އަނެއްކާވެސް ފާހަގަ ކޮށްލަން ބޭނުންވަނީ ހުރިހާ ބޭފުޅުންނަށް ވެސް އީޓީގައި ލިޔުމުގެ ފުރުސަތު އަބަދުވެސް ހުޅުވާލާފައިވާކަމެވެ. އެ ގޮތުން ތިޔަ ބޭފުޅުން ލިޔުއްވާ ލިޔުންތައް އީޓީ އަށް މެއިލު ކުރައްވަމުން ގެންދެވުން އެދެމެވެ.

އޭދަފުއްޓަށް އަމާޒުކޮށްގެން އީޓީ ނެރެން ފެށި ނަމަވެސް، ވޭތުވެދިޔަ 7 އަހަރު ދުވަހު މެދުކެނޑުމެއް ނެތި އީޓީގެ މަސައްކަތް ކުރިއަށް ދިޔައީ މި ފަދަ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ކަމަށްވާއިރު، މި އަތޮޅުގައި އިތުރު ކޮމިއުނިޓީ ނޫސްތައް ގާއިމުވެ، ޒުވާން އާ ނޫސްވެރިން އުފެދުމަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެއް ކަމަށް ދެކެމެވެ. އޭދަފުއްޓަކީ ވަކިން ހާއްސަ ގޮތެއްގައި އިލްމްވެރިކަމާއި ނޫސްވެރިކަމުގައި ޒަމާނުއްސުރެ ރަންއަކުރުން ފެވިފައިވާ ރަށެކެވެ. އެ ގޮތުން ރާއްޖޭގެ އެންމެ ދުވަސްވީ ނޫސް ކަމަށްވާ ހަވީރުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ވެސް މިހާރު ހުންނެވީ އޭދަފުށީ ޒުވާނެކެވެ. އަދި ހަމަ އެ ނޫހުގެ އިސް އެޑިޓަރެއްގެ މަގާމު ވެސް ފުރުއްވަނީ ނޫސްވެރިކަމުގެ ގައުމީ އިނާމު ލިބިފައިވާ އޭދަފުށީ ދަރިއަކު ފުރަމުން އާދެއެވެ.

ބ. އަތޮޅުގެ ކުދިބޮޑު އެންމެހާ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، އެ ފަރާތްތަކުގެ ހަޔާތް ބާއްޖަވެރި ކޮށްދިނުމުގެ މާތް މަގުސަދުގައި އެންމެ ފުރަތަމަ އޭދަފުއްޓަށް އަމާޒުކޮށްގެން އީޓީން މަސައްކަތް ފެށި ނަމަވެސް، އީޓީ ޓީމުން ފެށި މި މަސައްކަތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރާ ނޫސްވެރިންގެ މަސައްކަތުން މި ވަނީ މުޅި އަތޮޅަށް އީޓީގެ މުހިންމު ހިދުމަތް ފުޅާ ކުރެވިފައެވެ. އެހެންކަމުން މި ކަމުގައި އީޓީ އަށް އެހީތެރިވި އަދި އެހީތެރިވަމުން އަންނަ ފަރާތްތަކުގެ އިތުރުން އީޓީ އަށް ކުރިން ލިޔުއްވި އަދި މިހާރު ވެސް ލިޔުއްވަމުން ގެންދަވާ ނޫސްވެރިންގެ އަގު ވަޒަން ކުރަމެވެ. އެއީ އީޓީގެ ހަގީގީ މޭސްތިރިންނެވެ. އީޓީ އަށް ލިބުނު ހުރިހާ ރީތި ނަމެއްގެ ޝަރަފުވެރިންނަކީ މި ނޫހުގެ ހީވާގި ލިޔުންތެރިންނެވެ.

ގުޅުންހުރި ލިޔުންތައް

3 ކޮމެންޓް

  1. AHMED NADEEM

    އީޓީ އާމެދު އަޅުގަނޑު ފަހުރުވެރިވަން. ކީ އިޓް އަޕް
    “އީޓީ އެވޯޑު”ގެ ނަމުގައި އެވޯޑެއް ތައާރަފް ކުިރަންފެނޭ.
    ހިނގާ ޒުވާނުނވެގެން އެކަމާ މަޝްވަރާކޮށްލަން.

    ރައްދު
  2. ޢައްލާމް

    އީޓީއަށް ލިޔަންބޭނުންވާ މީހެއްގެ ޝަރުތުތަކަކީ ކޮބައިތޯ؟
    އެދާއިރާއަކަށް ލިޔުމަށް އެންމެ ބޭނުން ޖެހިފައިވާ ދާއިރާއަކީ/ދާއިރާތަކަކީ ކޮބައިތޯ؟
    އީޓީއަށް ލިޔަންބޭނުންވާ ފަރާތްތަކުން ކަންކުރަން ޖެހެނީ ކިހިނެތްތޯ؟

    ރައްދު
  3. sainosa raai

    އީޓީ ވަރެއް ނެތް ހަމަ ކުރި އަތް އޮތްތާ އީޓީ ދާނީ ކުރިއަށް އިންޝާ ﷲ!!

    ރައްދު

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.