ފްރާންސްގެ މަޝްހޫރު ފުޓުބޯޅަ ޓީމް ޕެރިސް ސެއިން ޖަމައިން (ޕީއެސްޖީ)ގެ ކޯޗުން ރާއްޖެ އައިސް ހިންގާ ކުޑަކުދިންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ފުރުސަތު އުރީދޫން އިއްޔެ ހުޅުވާލައިފި އެވެ.
މި މަހުގެ 29 އާއި 30 ގައި ބާއްވާ މި ޓްރެއިނިންގައި ބައިވެރިކުރަނީ ހަ އަހަރާއި 16 އަހަރާ ދެމެދުގެ 200 ކުދިންނެވެ.
ޕީއެސްޖީގެ ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ކުދިން އެކުދިންގެ ހުނަރު ދައްކާލަން ޖެހެނީ ސޯޝަލް މީޑިއާ ބޭނުންކޮށްގެންނެވެ. އެ ފުރުސަތު އުރީދޫން މިހާރު ވަނީ ހުޅުވާލައިފަ އެވެ.
އުރީދޫގެ ސީނިއަ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ ވިދާޅުވި ގޮތުގައި ކުދިންގެ ހުނަރު ދައްކުވައިދޭ ވީޑިއޯ ލާން ޖެހޭނީ “ހޭޝްޓެގް އުރީދޫ ޕީއެސްޖީ އެކެޑަމީ” ޖެހުމަށް ފަހު އިންސްޓަގްރާމަށެވެ.
“މި ޕްރޮގްރާމް މެދުވެރިކޮށް ޒުވާން ކުދިންނަށް ޓީމެއްގައި މަސައްކަތްކުރުމާއި ކުޅިވަރުގެ އަހުލާގާއި އަޒުމުގައި ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިންނަށް ވުމުގެ ހުވަފެން ހަގީގަތަކަށް ހެދުމުގެ ދޮރު ހުޅުވިގެން ދާނެ،” އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވި އެވެ.
ޓްރެއިނިންގައި ބައިވެރިވާ ކުދިން ހޮވަން ހަމަޖެހިފައި ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އެހީތެރިކަމާ ވެސް އެކުގަ އެވެ.
ޝައުގުވެރިކަން ހުންނަ ކުދިންނަށް މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އިންސްޓަގްރާމަށް ވީޑިއޯ ލުމުގެ ފުރުސަތު ލިބޭނެ ކަމަށް މަރިޔަމް ވިދާޅުވި އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އުރީދޫގެ ޕްރޮގްރާމް ވާނީ ރާއްޖޭގައި ފުޓްބޯޅަ ތަރައްގީކުރަން އެފްއޭމުން ކުރާ މަސައްކަތްތަކަށް އިތުރު ހިއްސާދާރުން ލުމުގެ ފެށުމަށެވެ.
އުރީދޫން ބުނި ގޮތުގައި ޕީއެސްޖީގެ ޕްރޮގްރާމް ރާއްޖޭގައި ބާއްވަނީ ދިވެހި ކުދިންނަށް ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަމާއި އެކުދިންގެ ހުވަފެންތައް ހަގީގަތަކަށް ހަދަން ބާރުއެޅުމުގެ މަގުސަދުގަ އެވެ. އަދި އުރީދޫގެ ހިދުމަތް ފޯރުކޮށްދޭ ގަތަރާއި އޮމާން އާއި އަލްޖީރިއާ އަދި ޓިއުނީޝިއާ ފަދަ ގައުމުތަކުގައި ވެސް އެފަދަ ޕްރޮގްރާމްތައް ވަނީ ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފަ އެވެ.