މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ގަދަ ފަހެއްގައި ޝާފީ

ގަދަ ފަހެއްގައި ހިމެނޭ ކުޅުންތެރިން )ކ-ވ( އަށް ޝާފީ، އިމްރާން، އަޝްފާގް، އުމެއިރު އަދި އަސަދުﷲ.

ހަވީރުން ހޮވާ 2012 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ވާދަކުރާ ގަދަ ފަސް ކުޅުންތެރިން ރޭ  އިއުލާންކޮށްފި އެވެ.

ހަވީރުން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާގެ މަގާމަށް ވާދަކުރަނީ މިދިޔަ އަހަރު މި މަގާމު ހޯދި ނިއު ރޭޑިއަންޓްގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި އެ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި ވިކްޓަރީގެ މުހައްމަދު އުމެއިރާއި ޝާފިއު އަހުމަދު އަދި މާޒިޔާގެ ފޯވަޑް އަސަދުﷲ އަބްދުﷲ އެވެ. މި ފަހަރުގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްދިނީ 1999 ވަނަ އަހަރާއި 2001 ވަނަ އަހަރު މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަލީ ޝިހާމް (ހުރާ އައްޔަ) އެވެ.

ހަވީރުން ދޭ ފުޓްބޯޅަ އެވޯޑުތަކަށް ވާދަކުރާ ކުޅުންތެރިންނާއި ކޯޗުން އަދި ރެފްރީން އިއުލާންކުރީ މިރޭ ޓީވީއެމް އިން ދެއްކި ހަވީރު ސްޕޯޓްސް އެވޯޑްސްގެ ކައުންޓްޑައުން ޝޯގަ އެވެ. މި ޝޯ ކުރިއަށް ގެންދިޔައީ ގައުމީ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް މީގެ ކުރިން ނެރެފައިވާ ކ. ހުރާގަ އެވެ.

ހަވީރުން 2010 ވަނަ އަހަރުން ފެށިގެން ހޮވަމުން އަންނަ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމަށް މި ފަހަރު ވާދަކުރަނީ މާޒިޔާގެ ދެ ކުޅުންތެރިން ކަމަށްވާ އަމްދާން އަލީ އާއި ސަމްދޫހު މުހައްމަދުގެ އިތުރުން ވިކްޓަރީގެ ރިލްވާން ވަހީދެވެ. މި މަގާމަށް ވާދަކުރާ ކުޅުންތެރިން އިއުލާންކޮށްދިނީ 1997 ވަނަ އަހަރު ހަވީރުން ހޮވި މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަބްދުﷲ އިބްރާހިމް (ހުރާ އަބުޅޯ) އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ މިޑްފީލްޑަރު މައުސޫމް އަބްދުލް ގަފޫރު (މާސޭ) އިއުލާންކުރި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ މިދިޔަ އަހަރު ނިއު އަށް ބޮޑު ކާމިޔާބީއެއް ހޯދައިދިން މުހައްމަދު ޝިޔާޒް (މޯހަން) އާއި މާޒިޔާ އަށް އެފްއޭ ކަޕް ކާމިޔާބުކޮށްދިން އިސްމާއިލް މަހެފޫޒް (އިންމަ) އަދި 2009 ވަނަ އަހަރު މި މަގާމު ހޯދި ވިކްޓަރީގެ އަލީ ސުޒޭނެވެ.

އަހަރުގެ އެންމެ މޮޅު ރެފްރީގެ މަގާމަށް ވާދަކުރަނީ ކުރިން މި މަގާމު ހޯދި އަލީ ސަލީމާއި އަހުމަދު އަސްލަމް އަދި އަހުމަދު ޝިފާނެވެ. ރެފްރީގެ މަގާމަށް ވާދަކުރާ ރެފްރީން އިއުލާންކޮށްދިނީ ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިސްހާގު އީސާ އެވެ.

ރާއްޖޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު އެވޯޑް ހަފުލާ ކަމަށްވާ ހަވީރު ސްޕޯޓްސް އެވޯޑްސްގެ ޕާޓްނަރުންނަކީ ދިރާގާއި އެސްޓީއޯ އަދި މޯލްޑިވިއަން އެވެ.  (ހަވީރު އޮންލައިން)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.