ތިމާވެށީގެ ދާއިރާއިން ޑަބްލިޔު.ޓީ.ޓީ.ސީގެ އެވޯޑު ސޮނެވާ އަށް ލިބިއްޖެ

ބ. އަތޮޅު ސޮނެވާ ފުށި ރިސޯޓް
ބ. އަތޮޅު ސޮނެވާ ފުށި ރިސޯޓް

 

ދުނިޔޭގެ ފަތުރުވެރިކަމާ ބެހޭ ކައުންސިލް، ވޯލްޑް ޓްރެވަލް އެންޑް ޓޫރިޒަމް ކައުންސިލް (ޑަބްލިޔު.ޓީ.ޓީ.ސީ) އިން ދޭ “ޓޫރިޒަމް ފޮ ޓުމޯރޯ” (“މާދަމާ އަށް ފަތުރުވެރިކަން”) އެވޯޑުގައި ތިމާވެށީގެ ދާއިރާއިން ސޮނެވާ ރިސޯޓްސް އެންޑް ރެސިޑެންސީސް އަށް އެވޯޑު ލިބިއްޖެއެވެ.

ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ މޯލްޑިވްސް ޑޮޓް ނެޓް ޑޮޓް އެމް ވީ ގައި ބުނެފައިވާ ގޮތުގައި މިދިޔަ މަހު 15 ވަނަ ދުވަހު ސްޕޭންގެ ވެރިރަށް މެޑްރިޑްގައި ބޭއްވި ޑަބްލިޔު.ޓީ.ޓީ.ސީގެ އެންމެ އިސް ވެރިންގެ ބައްދަލު ކުރެއްވުން ކަމަށްވާ ޑަބްލިޔު.ޓީ.ޓީ.ސީ ގްލޯބަލް ސަމިޓުގައި އެ ކައުންސިލުން ސޮނެވާ އަށް މި އެވޯޑު ދިނީ ދިވެހި ރާއްޖޭގެ ބ. އަތޮޅުގައި އެ ކުންފުނިން ހިންގާ ސޮނެވާ ފުށި ރިސޯޓާއި ތައިލެންޑްގައި ހިންގާ ސޮނެވާ ކިރި ރިސޯޓްގައި، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ތައާރަފު ކުރި މަސައްކަތްތައް ފާހަގަ ކުރުމުގެ ގޮތުންނެވެ.

ޑަބްލިޔު.ޓީ.ޓީ.ސީ އިން ތިމާވެށީގެ އެވޯޑު ދެނީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ހިންގާ ފަރާތްތައް ފާހަގަ ކުރުމަށެވެ.

“ތިމާވެއްޓަށާއި މުޖުތަމައަށް އޮތް ޒިންމާ އަޅުގަނޑުމެން ބަލައިގަންނަނީ ވަރަށް ސީރިއަސް ކަމާއެކު. އެއީ ދެމެހެއްޓެނިވި ވަސީލަތްތައް ބޭނުން ކޮށްގެން ރިސޯޓްތައް ތަރައްގީ ކުރުން ކަމަށް ވިޔަސް، ކުނީގެ ގޮތުގައި ބޭކާރު ވެގެންދާ ތަކެތި އަލުން އިއާދަ ކުރުން ކަމަށް ވިޔަސް، އަދި ފެނާއި ތިމާވެށި ހިމާޔަތް ކުރުން ކަމަށް ވިޔަސް، އާ ގޮންޖެހުންތަކާ ކުރިމަތިލައި، މި ފަދަ ކަންތައްތަކުގައި އިސްނެގުމުގައި އަބަދުވެސް އަޅުގަނޑުމެން ތައްޔާރުވެ ތިބެން،” ސޮނެވާ ގްރޫޕްގެ ފައުންޑަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު (ސީ.އީ.އޯ) ސޯނޫ ޝިވްދަސާނީ ވިދާޅުވިއެވެ.

ބ. އަތޮޅު ސޮނެވާ ފުށި ރިސޯޓް
ބ. އަތޮޅު ސޮނެވާ ފުށި ރިސޯޓް

 

“އަޅުގަނޑުމެންގެ ކުންފުނި އަދި ބްރޭންޑްގެ ހިތަކީ ‘އިންޓެލިޖެންޓް ލަކްސަރީ’ (‘ވިސްނުންތެރި މުއްސަނދިކަން’) ކަމުގެ ސުލޫކީ ސަގާފަތް. ދުނިޔެއާމެދު އަޅާލުމުގެ ފިޔަވަޅުތައް އަޅަމުން، ބުއްދި ހުޅުވިގެންދާ އަދި ހަނދާނުން ފިލައިގެން ނުދާ ފަދަ ތަޖުރިބާތައް އުފައްދައިދިނުން. އަޅުގަނޑުމެންގެ ‘ބިޒްނަސް މޮޑެލް’ (ނުވަތަ ވިޔަފާރި ބައްޓަން ކުރެވިފައިވާ އުސޫލު) އަށް ކުދިކުދި ބަދަލުތައް ގެނެސްގެން، ފަތުރުވެރިކަމުގެ ސިނާއަތަށް ފައިދާ ހުރި ބަދަލުތައް ގެނައުމަށް އިސްނެގުމުގެ ގާބިލިއްޔަތުކަން އަޅުގަނޑުމެންނަށް ލިބިފައިވޭ. އެއީ އަޅުގަނޑުމެންގެ ވިޔަފާރި އަށް ކުރާ ފައިދާ އާއި މެހެމާނުން އަޅުގަނޑުމެންގެ ހިދުމަތާ މެދު ދެކޭ ގޮތަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނޭ އުސޫލުން. ދުނިޔޭގެ ފަތުރުވެރިކަމުގައި ދެމެހެއްޓެނިވި ދާއިރާއިން ދެވޭ އެންމެ މަތިވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ މި އެވޯޑު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ފަހުރެއް،” އޭނާ އިތުރަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.