
ބ. އަތޮޅު ހޮސްޕިޓަލުގެ ބައެއް މަރާމާތުތައް ކުރުމަށް ހަވާއުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.
ހެލްތް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމް އެވެ. ހަވާއުޑް ވޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ހަސަން ވަހީދެވެ.
މި ޕްރޮޖެކްޓުގެ ދަށުން، ބ. އަތޮޅު ހޮސްޕިޓަލުގައި މިވަގުތު މަރާމާތު ކުރަން ޖެހިފައިވާ ދޮރާ ދޮރުފަތްތައް ބަދަލުކުރުމާއި ފާހާނާތައް މަރާމާތު ކުރުމުގެ އިތުރުން އިމާރާތުގެ ކަރަންޓް ވަޔަރިން ރަނގަޅު ކުރާނެ ކަމަށްް ހެލްތުން ބުންޏެވެ.
ބ. އަތޮޅު ހޮސްޕިޓަލުގެ ބައެއް މަރާމާތުތައް ކުރުމަށް ބަޔަކާ ހަވާލުކުރިއިރު، މިދިޔަ މާޗު މަހުތެރޭ އެ ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓަށް ބައެއް އިތުރުކޮށް، އަދި ބައެއް މަރާމާތުތައްވެސް ވަނީ ކޮށްފަ އެވެ.