200 އަހަރުގެ ތެރޭގައި އިންސާނުން ސައިބޯގުންނަށް ވާނެ

ދިވެހި ފުރަތަމަ "ސައިބޯގް" ކަމަށްވާ ރާއްޖޭގެ ސައިންޓިސްޓް ޖާވިޝް ހަމީދު "ޓެޑް ޓޯކްސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ޖާވިޝް ޑޮޓް އޯގް
ދިވެހި ފުރަތަމަ “ސައިބޯގް” ކަމަށްވާ ރާއްޖޭގެ ސައިންޓިސްޓް ޖާވިޝް ހަމީދު “ޓެޑް ޓޯކްސް” ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ޖާވިޝް ޑޮޓް އޯގް

 

ދިވެހި ސައިންސްވެރިއެއް ކަމަށްވާ ޖާވިޝް ހަމީދު ވަނީ އޭނާގެ އިނގިއްޔަށް ދަގަފާނެއް ލައްވައިގެން އޭނާގެ ފޯނަށް އަންނަ އެސްއެމްއެސް މެސެޖްތައް ސީދާ އޭނާގެ ސިކުނޑިއަށް ފޮނުވައިދޭ ގޮތް ހަދައި މުޅި ދުނިޔެ އަށް އާ އީޖާދެއް ތައާރަފު ކޮށްފައެވެ.

ބޭރު މީހެއް ކަމަށްވާ ރިޗް ލީ ވަނީ އޭނާގެ ކަންފަތަށް މި ފަދަ މެގްނެޓެއް ލައްވައިގެން ހެޑްފޯން ނާޅައި މިއުޒިކް އާއި ލަވަ އަޑު އިވޭ ގޮތަށް ހަދައިފައެވެ.

ހަށިގަނޑަށް މެޝިނަރީ ލައްވައިގެން އިތުރު “ހިއްސު”ތަކެއް އިހުސާސް ކުރުމުގެ ގާބިލިއްޔަތު ލިބިފައިވާ މި ފަދަ “ސައިބޯގް”އިން ކުރިން ފެނިފައިވަނީ ހަމައެކަނި ހޮލީވުޑްގެ ސައިންސް ފިކްޝަން ފިލްމްތައް ކަމަށްވާ “ޓަރމިނޭޓަރ” އަދި “އެކްސް-މެން” ފަދަ ސީރީޒްއިން ކަމަށް ވިޔަސް، ކުރިއަށް އޮތް 200 އަހަރުގެ ތެރޭގައި ހުރިހާ މުއްސަނދިން ސައިބޯގުންނަށް ވާނެ ކަމަށް، އިޒްރޭލުގެ ޔުނިވާސިޓީ އޮފް ޖެރުސަލަމްގެ ސައިންސްވެރިޔާ ޔުވަލް ނޯވާ ހަރާރީ ވިދާޅުވެއްޖެއެވެ.

އިންސާނުންގެ ބޭރު ފުށުން ހުންނަ 5 ހިއްސު ކަމަށްވާ އަތްލުން (“ޓަޗް”)، ރަހަ ބެލުން (“ޓޭސްޓް”)، ވަސް ބެލުން (“ސްމެލް”)، ލޮލުން ބެލުން (“ވިޝަން”) އަދި އަޑު އެހުން (“ސައުންޑް”) ގެ އިތުރުން އިންސާނާގެ ސިކުނޑިއަށް “އިލްހާމް” ވާ ގޮތަށް ސިކުނޑިއަށް “ސީދާކޮށް” މައުލޫމާތު ފޮނުވުމުން ވާ ގޮތަކީ ފޯނު ނަގައިގެން އެސްއެމްއެސް ކިޔުމުގެ ބަދަލުގައި އެ އެސްއެމްއެސްއެއް ފޯނަށް އަންނަ ވަގުތު ސިކުނޑިއަށް ސީދާ “ފެންނަނީ” ކަމަށް ޖާވިޝް ވިދާޅުވެފައިވެ އެވެ. އަދި ރިޗް ވެސް ބުނެފައިވަނީ އޭނާ ހެޑްފޯން ނޭޅިއަސް މިހާރު “ބޮލު ތެރޭގައި ލަވަތައް ކުޅެލެވޭ” ކަމަށެވެ.

މީގެ އިތުރުން ޖާވިޝް ވިދާޅުވެފައިވަނީ “މެގްނެޓިޒަމް” ނުވަތަ ދަގަފާނު ބާރު ނުވަތަ ކަރަންޓް (“އިލެކްޓްރިސިޓީ”) ހުންނަ މި ފަދަ “ފީލްޑްތައް” ނުވަތަ ސަރަހައްދުތައް ހިމެނޭ ތަންތަނާ ކައިރިވުމުން އެ “ވައިބްރޭޝަން”ތައް (ގުޑުންތައް) އޭނާ އަށް މިހާރު “ފީލް” ކުރެވޭ ނުވަތަ އިހުސާސް ކުރެވޭ ކަމަށާއި ނަމަވެސް މިއީ “ކިޔައިދޭން ވެސް ނޭނގޭ ކަހަލަ އާދަޔާ ހިލާފު އިހުސާސްތަކެއް” ކަމަށެވެ. އެ ގޮތުން ކޮމްޕިއުޓަރެއް ކައިރިއަށް ނުވަތަ ދޮންނަ މެޝިނެއް ފަދަ އެއްޗެއް ކައިރިއަށް ދިއުމުން ވެސް އެ “ގުޑުންތައް” އިހުސާސް ކުރެވޭ ކަމަށާއި “ހީވަނީ މުޅިން އާ ތަޖުރިބާތަކެއް މި ދުނިޔެ ތެރެއިން ލިބެމުންދާހެން” ކަމަށެވެ.

އިނގިރޭސި ވިލާތުގެ ހޭ ފެސްޓިވަލްގައި ޔުވަލްގެ އާ ފޮތް “ސޭޕިއަންސް: އަ ބްރީފް ހިސްޓްރީ އޮފް ހިއުމަންކައިންޑް” ނުވަތަ އިންސާނުންގެ ހަށިގަނޑު ތަރައްގީ ކުރަމުން އަންނަ ގޮތާ ބެހޭ ގޮތުން ޔުވަލް ލިޔެފައިވާ ފޮތް ޕްރޮމޯޓް ކުރުމަށް ގޮސް ހުރި ޔުވަލް ވިދާޅުވީ ޖެނެޓިކް އިންޖިނިއަރިންގ އާއި މެޝިން ފަދަ ތަކެތި ބޭނުންކޮށްގެން އިންސާނުންގެ ހަށިގަނޑަށް “ބަދަލު” ގެނެސް ކުރިމަގުގައި އިންސާނުންގެ ތެރެއިން “ސުޕަރ ހިއުމަން ރޭސް” ނުވަތަ އާދަޔާ ހިލާފު ބާރުތައް ލިބިފައިވާ އިންސާނުންގެ ނަސްލެއް އުފެދޭނެ ކަމަށާއި މި ފަދަ އިންސާނުން އަހަރެމެން އާދައިގެ އިންސާނުންނާ ތަފާތުވާނެ މިންވަރަކީ މި ވަގުތު ދިރި ތިބި އިންސާނުންނާއި ޖަނަވާރުންގައި ހުރި ތަފާތުތައްހާ ފަރަގު ބޮޑުވާނެ ކަމަށެވެ.

މިހެންވެ، މުއްސަނދިން އެ މީހުންގެ ހަށިގަނޑަށް މި ފަދަ ބަދަލުތައް ގެނެސް، “ބަޔޮލޮޖީ” އާއި “އިންޖިނިއަރިންގ” މި ދެ ދާއިރާ މަސްހުނި ކުރަން ފެށުމުގެ ސަބަބުން “ސްޕައިޑަރ-މޭން” އާއި “ސުޕަރ-މޭން” އަދި “ވުލްވަރިން” ފަދަ އިންސާނުން ކުރިމަގުގައި ތިބޭނެ ކަމަށް ޔުވަލްގެ ފޮތުގައި ލިޔުއްވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.