ޖުލައި 26 ވަނަ ދުވަހު ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން “ދަރިވަރުންގެ ބައިވެރިވުން”ގެ ނަމުގައި ބާއްވާ ޕެރޭޑް އަންނަ ހޮނިހިރުދުވަހު ހަވީރު މުޅި ރާއްޖޭގައި އޮންނާނެ އެވެ.
މިއީ މިނިވަން 50 އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް އަމާޒުކޮށްގެން ހުރިހާ ރަށެއްގައި އެއްފަހަރާ ބާއްވާ ޕެރޭޑުތަކެކެވެ.
މި ޕެރޭޑުގައި ބައިވެރިވާނީ ސްކޫލްތަކުގެ ދަރިވަރުންނާއި ޓީޗަރުންގެ އިތުރުން ސްކޫލްތަކުގެ ވެރިންނެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން ބުނީ އެ ސްކޫލުގެ ދަރިވަރުންގެ ޕެރޭޑް އަންނަ ހޮނިހިރު ދުވަހު ހަވީރު 4:15 ގައި އެ ސްކޫލުން ފަށާނެ ކަމަށެވެ. މި ޕެރޭޑްގައި ގައުމީ ކުލައިގެ ހެދުމެއްގައި ހުރިހާ ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން ހުރިހާ ބެލެނިވެރިންވެސް ބައިވެރިވުމަށް އެ ސްކޫލުން އެދެއެވެ.
މުޅި ރާއްޖޭގައި އެއްފަހަރާ ބާއްވާ މި ހަރަކާތުގައި ލައްކައެއްހާ ކުދިން ބައިވެރިވާނެ ކަމަށް އަންދާޒާކުރާ ކަމަށް މިނިވަން 50 އޮފީހުން ބުނެ އެވެ.