ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[މެއި 28، 2015 ގެ ބަޔާ ގުޅޭ]

ވިއްސާރައިގެ ސަބަބުން އިރުއޮއްސި އުޑުމަށްޗަށް ކަޅުވިލާ އެރިއިރުވެސް މާރަނގަޅަކަށް ފާހަގައެއް ނުކުރެވުނެވެ. ފިނިމޫސުމުގެ އަރާމުކަން ލިބިގަންނަމުން މިޝްކާއާއި ތާރާ ތިބީ ސޮނީއިން އައި ސީރީޒްއެއް ބަލާށެވެ. މިޝްކާ އިރުއިރުކޮޅަކާ ދޮރާއި ދިމާލާށް ބަލަން ފެށުމުން އޭނާ އެއިނީ ޝިވަމްގެ އިންތިޒާރުގައިކަން އިނގުނެވެ. ގަޑިން ނުވައެއް ޖެހިއިރުވެސް ޝިވަމްގެ ހަބަރެއް ނުވެއެވެ. ގުޅިއިރު އޭނާގެ ފޯންވެސް ވަނީ ނިވާލާފައެވެ. ޝިވަމް ނައިސްގެން ކަންބޮޑުވެފައި މިޝްކާ އިންދައި އިވުނީ ގޭގެ ބެލް ޖަހާލި އަޑެވެ. މިޝްކާ ސުއިއްޕެއްހެން އަވަހަށް ގޮސް ދޮރު ހުޅުވާލިއިރު ބޭރުގައި ހުރި ޝިވަމް ފެނިފައި އޭނާއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. “ހާދަ ލަސްވީ! ފޯނަށް ކިހިނެއް ހަދައިގެން ތިއުޅެނީ، ވަރަށް ގުޅައިފިން” ޝިވަމް ގެއަށް ވަނުމަށް ތަން ދައްކަމުން މިޝްކާ އަހާލިއެވެ. “ވާރޭ ވެހޭތީވެ ޒައިދްމެން ގޭގައި މަޑުކޮށްލީ، ދެން ގުޅަން ބަލާލިއިރު ފޯން އޮތީ ޗާޖްގޮސްގެން ނިވިފައި” ކޮންމެވެސް ވަރަކަށް ތެމިފައި ހުރުމުން ޝިވަމް ހުރީ ހީކަރުވާގޮތް ވެފައެވެ. އަދި ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުން ފުރަތަމަވެސް ޝިވަމް މިޝްކާ ގާތު އެދުނީ ކާން ހެދުމަށެވެ. ޝިވަމް ކޮޓަރިއާއި ދިމާލަށް ދިއުމުން ހަލުވި ހިނގުމެއްގައިގޮސް މިޝްކާ ކާކޮޓަރިއަށް ވަނުމުން ތާރާވެސް ޓީވީ ނިވާލާފައި ފަހަތުން ދިޔައީ އޭނާއަށް އެހީތެރިވުމަށެވެ. ޝިވަމް އަންނަންވާއިރަށް މިޝްކާ ހުރީ އޭނައަށް އެންމެ މީރު ވައިޓްސޯސް ޕާސްތާ ހަދާފައެވެ.

ފެންވަރާ ރީތިވެގެން އައިއިރު ޝިވަމްގެ މޫނު ފެންނަލެއް ވަރަށް ތާޒާއެވެ. އިސްތަށިގަނޑު ތެމިފައި ހުރުމުން އޭނާގެ ރީތިކަން އިތުރަށް ފާޅުވާން ހުއްޓެވެ. ޝިވަމް އައިސް ކާން ތައްޔާރުވެލަމުން މިޝްކާ އާއި ތާރާ ގާތުވެސް އޭނާއާ ބައިވެރިވުމަށް އެދުނެވެ. ޝިވަމް އޭނާއަށް އެންމެ މީރު ޕާސްތާއަށް އިންސާފުކުރަމުން ދިޔަވަގުތު އތަނުގައި ދެކެވެމުން ދިޔައީ ޔާނީއާއި ޒައިދްއާ ދެމީހުން މިއަދު ދިމާވި ވާހަކައެވެ. “ޔާނީ ރުޅިއައިސްފައި ހުރި ނަމަވެސް އަހަންނަށް އޭނާގެ ދެލޮލުން ދޮންބެއަށްޓަކައި ކޮންމެވެސް އެއްޗެއް ވާކަން އިހުސާސް ކުރެވުނު” ބޭބެއާއި ފަހަރީގެ ގުޅުން އަލުން ގުޅެން އިންތިހާއަށް ބޭނުންވެފައިވާ ތާރާ އޭނާގެ ހިތުގެ އުދާސްތައް ބޭރުކުރަމުން ދިޔައިރު އެދެލޮލުން ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ.

“އާނ.. އަހަންނަށްވެސް ހީވަނީ ޒައިދްގެ ހިތުގައިވެސް ޔާނީއަށްޓަކައި ޖާގައެއް ދެވިފައި ވާހެން، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެދެމީހުންގެ ގުޅުން ކުރީގެ ގުޅުމަށް ބަދަލުވާނެ” ޝިވަމްއާއި ތާރާ ވާހަކަ ދައްކަމުން ދިޔައިރުވެސް މިޝްކާ އިނީ އަނގައިން އެއްވެސް އެއްޗެކޭ ނުބުނެ ތަށީގައި އޫ ހާކާލަ ހާކާލައެވެ. ހީވަނީ އޭނާ ކާން ބޭނުންނުވެފައި އިން ހެނެވެ. ޝިވަމްއަށް މިކަން ފާހަގަ ކުރެވިގެން މިޝްކާ ގާތު އެހުމުން އޭނާ ބުނީ މާބޮޑަށް ވަރުބަލިވެފައި ހުރުމުން ނިދާލަން ބޭނުންވާ ކަމަށެވެ.

ކެއުން ނިންމާލާފައި ޝިވަމް ބޭރަށް ނުކުމެ ސޯފާގައި ނީށިނދެވެނީސް ބާރި އަޑުފަށްގަނޑަކާއި އެކު އިވުނީ ތާރާ ހަޅޭލަވައިގަތް އަޑެވެ. ޝިވަމް ދުވެފައި ކާގެއާ ދިމާލަށް ދިޔައެވެ. އެވަގުތު ޝިވަމްއަށް ފެނުނީ މުށިތައްމަތީ މިޝްކާ ވެއްޓިފައި އޮތް ތަނެވެ. އޭނާ ވެއްޓުނު ވަގުތު މޭޒުގައި ބޯޖެހުމުގެ ސަބަބުން ނިތްކުރިން ތަންކޮޅެއް ފަޅައިގެން ގޮސްފައި ހުއްޓެވެ. ޝިވަމް ބަލާކަށް ނުހުރެ މިޝްކާ ނަގައިގެން ގެންގޮސް އޭނާ ހޭއަރާތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެކަން ކާމިޔާބު ނުވުމުން ތާރާއާއި ދެމީހުން މިޝްކާ ގޮވައިގެން ހޮސްޕިޓަލަށް ދާން ނުކުތެވެ. ވިއްސާރަ ވުމުގެ ސަބަބުން ކާރެއް ހޯދުންވެސްވީ ވަރަށް އުނދަގޫ ކަމަކަށެވެ. އެންމެފަހުން އެހެން ލާފައި ދިޔަ ޕްރައިވެޓް ކާރެއް ހުއްޓުވައި އެއަށް އަރައިން ހޮސްޕިޓަލަށް ދިޔައެވެ. މިޝްކާއަށް ވީގޮތް ނޭގުމުން ޝިވަމް ހުރީ ރޮވޭ ވަރުވެފައެވެ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގައިވެސް ޝިވަމް އިރުއިރުކޮޅަކާ މިޝްކާއަށް ގޮވައި އޭނާއަށް އެއްވެސް ކަމެއް ނުވާނެކަމަށް ތަކުރާރުކޮށް ކިޔަމުން ދިޔައެވެ. އެވަގުތުކޮޅުގެ ތެރޭގައި ޝިވަމް މިޝްކާދެކެ ވާލޯބި ތާރާއަށް ވަރަށް ރަނގަޅަށް އިހުސާސް ކުރެވުނެވެ.

މާލޭގެ ހަލަބޮލި މަގުތަކުން ދުއްވާފައިގޮސް ކާރު ވަނީ އޭޑީކޭ ހޮސްޕިޓަލުގެ ގޯތިތެރެއަށެވެ. ޝިވަމް އޭނާގެ އަތްދަނޑި މައްޗަށް މިޝްކާ ލައިގެން ހޮސްޕިޓަލް ތެރެއަށް ވަންއިރު އެތަނުގައި ތިބި އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ އެދެމީހުންންށެވެ. ޝިވަމް ބާރުބާރަށް ޑޮކްޓަރަށް ގޮވަމުން ދިޔައެވެ. އެވަގުތު އެތަނުގައި ތިބި އެހެންމީހުންވެސް ޑޮކްޓަރާއި ހަމައަށް މިޝްކާ ގެންދިއުމަށް ޝިވަމްއަށް އެހީތެރިވެދިނެވެ. މިޝްކާ އެތެރެއަށް ވައްދާފައި ޑޮކްޓަރު ޝިވަމް ގާތު އެދުނީ ބޭރުގައި މަޑުކުރުމަށެވެ. ހާސްވެ ކަންބޮޑުވެފައި ހުރެ ޝިވަމް ހުއްޓުމެއްނެތި ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔައެވެ. ޑޮކްޓަރުގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދާ ހާލުގައެވެ. ތާރާ ފެންފުޅިއެއް ހިފައިގެން އައިސް ޝިވަމްއަށް ދީފައި އެދުނީ ހަމަޖެހުމަށެވެ. އަދި މިޝްކާއަށް އެއްވެސް ކަމެއް ނުވާނެކަމުގެ ޔަޤީންކަން ދިނެވެ. ވެއިޓިން އޭރިއާގައި ޝިވަމްއާއި ތާރާ ތިއްބައި ޑޮކްޓަރު ބޭރަށް ނުކުތެވެ. ޝިވަމް ފުންމައިގެން ތެދުވެ ޑޮކްޓަރުގާތަށް ދިއުމުން ލިބުނީ ބުނެދޭންވެސް ނޭނގޭ ފަދަ އުފާވެރި ހަބަރެކެވެ. ޑޮކްޓަރު ބުނީ ޝިވަމް ބައްޕައަކަށް ވާން އުޅޭކަމަށެވެ. ޝިވަމްގެ މޫނުމަތި އުޖާލާވެގެން ދިޔައީ ހިކި ބިންގަނޑަކަށް ފެންޖަހާލުމުން ބަދަލު އަންނަހާ އަވަހަށެވެ. އުފަލުން ގޮސް ޝިވަމްއަށް ގާތުގައި ހުރި ތާރާގެ ގައިގައި ބައްދާލެވުނު އިރުވެސް އޭނައަކަށް ނޭނގުނެވެ. އޭނާ ހުރީ އެހާވެސް އުފާވެފައެވެ. މިޝްކާއާއި ބައްދަލުކުރަން ބޭނުންވެގެން އެދުމުން ޑޮކްޓަރު ބުނީ ކުޑައިރުކޮޅެއްގެ ތެރޭގައި މިޝްކާ ވޯޑަށް ބަލަލުކުރެވޭނެކަމަށާއި ބައިގަޑިއިރު ފަހުން މިޝްކާ ގެއަށް ދޫކޮށްލާނެކަމަށެވެ.

ހަވީރު ގެއަށް އައިގޮތަށް އައިސްފައި ހުރި ރުޅީގެ ސަބަބުން އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނުވުމުން އެނދަށް އަރާ އޮއްވާ ނިދުނުގޮތަށް ޔާނީއަށް ހޭލެވުނީ ބަނޑުހައިވެގެންނެވެ. އަތުގެ ނުފުށުން ލޯފޮހެލަމުން ގަޑިބަލައިއިރު ރޭގަނޑު ދިހައެއް ޖަހާ ބޮޑުވެއްޖެއެވެ. އެއޮއް ހުރިހާ އިރުވީއިރުވެސް އެކަކުވެސް ޔާނީއަށް ނުގޮވުމުން ތެދުވެގެންގޮސް ބޭރަށް ނުކުތީ މީހަކު ތާރާމެން މީހަކު ފެނޭތޯއެވެ. ގޭތެރޭގައި ހަމަހިމޭންކަން ފިޔަވައި އިތުރު އެއްވެސް އެއްޗެއް ނުވެއެވެ. ފަހަރަކު ކޮޓަރިއެއްގައި ޓަކިދެމުން ގޮވަމުން ދިޔައިރުވެސް އެއްވެސް މީހަކު ނުފެނުނެވެ. މަތީގައި މިހަކު ފެންނަން ނެތުމުން ސިޑިން ލާފައި ތިރިއަށް ފޭބިއިރު އެތަނުންވެސް އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. “މިގަޑިގަ އަހަރެން އެކަނި ގޭގައި ބަހައްޓާފަ މިއެންމެން ކޮންތާކަށްބާ އަނެއްކާ މި ދިޔައީ” އެކަނިހުރެ ޔާނީ އަމިއްލަ ނަފްސާ ވާހަކަ ދައްކަން ފެށިއެވެ. އެހެން ވިސްނަން ހުރެފައި ޔާނީ ތާރާގެ ފޯނަށް ގުޅާލިއެވެ. އެވަގުތު ފޯނު ރިންގްވާ އަޑު އިވުނީ ބަދިގެ ތެރެއިން ކަމުން ޔާނީ އެދިމަލަށް ދިޔައިރު ތާރާގެ ފޯނު އޮތީ ކަބަޑުމަތީގައެވެ.

 ފޯނު އަތަށް ނަގައި ތުން އޫ ކޮށްލަމުން ޔާނީ ބަދިގެއިން ނުކުތްއިރު ސިޓިންރޫމްގައި ހުރި މީހަކު ފެނިފައި ޔާނީ ދިޔައީ ސިއްސައިގެންނެވެ. ކީއްކުރާ މީހެއްތޯ އާއި ގެއަށް ވަނީ ކިހިނެއްތޯ އެހުމުން އެމީހާ ބުނީ އެއީ ޝިވަމްގެ އޮފީސް މީހެއްކަމަށާއި އޭނާ އައީ ޝިވަމް އާއި ހަވާލުކުރަންޖެހޭ ފައިލްތަކެއް ހިފައިގެން ކަމަށެވެ. އަދި ގޭގެ ދޮރު ހުޅުވާފައި ހުރުމުން އެތެރެއަށް ވަނީ ސަލާމް ގޮވުމުންވެސް މީހެއްގެ ހަބަރެއް ނުވުމުން ކަމަށެވެ. އެންމެ ރަނގަޅޭކިޔައި ޔާނީ އެމީހާ ދިން ފައިލްތަކުގައި ހިފުމުން އެމީހާ ނުކުމެގެން ދިޔައެވެ. އެމީހާ ނުކުމެގެން ދިއުމުން ދޮރު ތަޅުލާފައި ޔާނީ އަނެއްކާވެސް އަވަސްވެގަތީ ތާރާމެން ވީތަނެއް ހޯދުމަށެވެ. ތާރާގެ ފޯނު ގޭގައި ބާއްވާފައި އޮތުމުން ޔާނީ ދެން ގުޅީ މިޝްކާގެ ފޯނަށެވެ. ނަމަވެސް މިފަހަރުވެސް ވީ ނާކާމިޔާބެވެ. މިޝްކާގެ ފޯނު ރިންގުވި ނަމަވެސް ޖަވާބެއް ނުދެއެވެ. ޔާނީ ހާސްވެގެން ގޮސް ދާހިއްލަން ފެށިއެވެ. އޭނާގެ ބަނޑުހައިހޫނުކަންވެސް ފިލައިގެން ގޮސްފައިވާ ކަހަލައެވެ. ހަދާނެ ގޮތެއް ނޭނގިގެން އޭނާގެ އަތުގެ ހިމަދިގު އިނގިލިތަކާއި ކުޅެލަކުޅެލާ ދެފަރާތަށް ހިނގަމުން ދިޔައެވެ. އެހެން ހުއްޓައި އެންމެފަހުން ހަނދާނަށް އައީ ޝިވަމްއަށް ގުޅުމަށެވެ. އެހެންވެ ފޯނުން ޝިވަމްގެ ނަމްބަރު ހޯދައި ގުޅާލިއެވެ. އެއްފަހަރު ގުޅުމުން ޝިވަމްވެސް ފޯނަކަށް ޖަވާބެއް ނުދިނެވެ. ޔާނީގެ ހިތުގައި ބިރުވެރިކަން ދިޔައީ މިނެޓަކަށް ފަހު މިނެޓެއް އިތުރުވަމުންނެވެ.

މިޝްކާ ވޯޑަށް ބަދަލުކުރުމުން ތާރާވެސް ޝިވަމް އާއި އެކު އޭނާ ގާތަށް ވަނެވެ. މިޝްކާއަށް މަރުހަބާކިޔައި ކުޑައިރުކޮޅަކު މަޑުކޮށްލުމަށް ފަހު ތާރާ އެތަނުން ނުކުތީ ދެމަފިރިންނަށް އެކަހެރި ވަގުތުކޮޅެއް ދިނުމަށެވެ. މިޝްކާ ފެނުމާއި އެކު ޝިވަމް އޭނާގެ އަތުގައި ހިފައި ވަރަށް ލޯބިން އެއަތުގައި ބޮސްދިނެވެ. ދޮޅުމަސް ފުރިފައިވާ މިޝްކާގެ ބަނޑުގައި ފިރުމާލަމުން ޝިވަމް ބުނަމުން ދިޔައީ މިއީ މިޝްކާ އޭނާއަށް ދިން އެންމެ އަގުބޮޑު ހަދިޔާ ކަމުގައެވެ. ކައިވެންޏަށްފަހު ޝިވަމް އެހާ އުފާވެފައި ހުއްޓައި މިޝްކާއަށް މިފެނުނީ އަދި ކިރިޔާއެވެ. އެހެން ޝިވަމްގެ ހިނިތުންވުން ފެނިފައި މިޝްކާ ވަރަށް ހިތްހަމަ ޖެހުނެވެ. މަންމައަކަށް ވުމުން ފުރަތަމަ އެކުރެވޭ ބުނެދޭން ނޭނގޭފަދަ އިހުސާސްތައް މިޝްކާގެ މައިވަންތަކަމުގެ ލޯބި ހޭލައްވާލިއެވެ. އެއީ ދުލުން ބަޔާން ކުރެވޭ ފަދަ އިހުސާސްތަކަކަށް ނުވިނަމަވެސް މިއަދު މިޝްކާވެސް ވަނީ އިންތިހާއަށް އުފާވެފައެވެ. ދެމީހުންގެ ލޯބީގެ ނިޝާން މިދުނިޔެއަށް އުފަންވެ މަންމަ އާއި ބައްޕާއޭ ކިޔައި މިލޯބިލޯބި ދަރިފުޅު ގޮވާލާނެ ދުވަހެއްގެ އިންތިޒާރުގައި ދެމީހުންވެސް ތިބީ ކެތްމަދުވެފައެވެ.

މިއުފާވެރި ހިނދުކޮޅު އެތަނުގައި ޔާނީ ފެންނަން ނެތުމުން ނެތުމުން އެކަމުގެ ފަޅުކަން މިޝްކާއަށް އިހުސާސް ކުރެނެވެ. މިއުފަލުގައި މިޝްކާއާއި އެކު ބައިވާންޖެހޭ އެއް ހައްޤުވެރިޔަކީ އޭނާގެ އެންމެ ގާތްއެކުވެރިޔާ ޔާނީއެވެ. ޔާނީ މަތިން ހަނދާންވުމުން މިޝްކާ ށިވަމް ގާތުގައި ޔާނީ ކޮބައިތޯ ސުވާލުކުރިއެވެ. އެތަނުގައި ޔާނީ ފިޔަވައި އެހެން އެންމެން ތިބުމުންނެެވެ. ގޭތެރޭގައި މިކަންތައްގަނޑުގެ ހިނގައި ދިޔަ ވަގުތު ޔާނީ ފެންނަން ނެތުމުން ޝިވަމްވެސް ޔާނީ މަތިން ހަނދާން ނެތުނީއެވެ. އެހެންވެ ޔާނީ ވީތަނެއް ބެލުމަށްޓަކައި އޭނާއަށް ގުޅުމަށް ޝިވަމް ފޯނު ނަގާ ހުޅުވާލި ވަގުތު ފެނުނީ ޔާނީގެ މިސްކޯލްތަކެކެވެ. ފޯން ސައިލެންޓަށް ލެވިފައި އޮތުމުން ޔާނީ އެވަރަށް ގުޅިއިރުވެސް ޝިވަމްއަށް ނޭނގުނީ އެހެންވެއެވެ. ޔާނީ އެއުޅެނީ އެމީހުން ނުފެނިގެންކަން އެހިސާބުން ޝިވަމްއަށް ޔަޤީންވިއެވެ. އެހެންވެ އެހެން ހުރިހާކަމެއް ހުއްޓާލާފައި ފުރަތަމަވެސް ޝިވަމް އިސްކަންދިނީ ޔާނީއަށް ގުޅުމަށެވެ. އެއްފަހަރު ރިންގްވާއިރަށް ޔާނ ފޯނު ނަގައިފިއެވެ. ހީވި މާކުރިން ފޯނެއްގެ އިންތިޒާރުގައި އިންހެނެވެ. ފޯނު ނެގުމާއިއެކު ފުރަތަމަވެސް ޝިވަމްއަށް އަމާޒުވީ ޔާނީގެ ސުވާލުތަކެވެ. ނިމުމެއް ނުވާ ސުވާލުތަކެވެ. ޔާނީގެ ވާހަކަ މެދުކަނޑާލާނެ ގޮތެއް ނުފެނުމުން ޝިވަމް އެއްވެސް ބެލުމެއްނެތި މިޝްކާއަތަށް ފޯނު ދިނުމުން މިޝްކާ ބުނީ އޭނާ ބަނޑުބޮޑުކަމަށެވެ. ލިބުނު އުފާވެރި ހަބަރުން ހަށިގަނޑުގެ ހުރިހާ ނާރެއްގައިވެސް އެފާވެރިކަމުގެ އޮއިވަރު ހިންގާލިއެވެ. އެކުވެރިޔާގެ މިއުފަލުގައި ބައިވެރިވެ ޔާނީ އުފަލުން ފުންމަން ފެށިއެވެ. އަދި މިޝްކާ ގާތު އަވަހަށް ގެއަށް އައުމަށް އެދުނެވެ.

ފިނި މޫސުމުގެ އަރާމުގައި ނިދާލާފައި އޮތް ޒައިދަށް ފެންނަމުން ދިޔައީ ވަރަށް ތަފާތު ހުވަފެނެކެވެ. އެކުއްޖާގެ މޫނު ސާފުވާވަރަށް ނުފެނުނު ކަމުގައި ވިޔަސް އެއީ ޒައިދް ދަންނަ މޫނަކާ ވައްތަރުހެން އޭނާއަށް ހީވެއެވެ. އެކުއްޖާ ޒައިދަށް ގޮވަމުން ދިޔައެވެ. އޭނާ ގާތަށް އައުމަށެވެ. ހިނގާ ހިނގާވެސް ޒައިދަށް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. ފަހަރަކަށް ފަހު ފަހަރެއް ހީވަނީ އެއަންހެންކުއްޖާއާއި ދުރަށް ދެވޭހެނެވެ. ހުވަފެނުގެ ތެރޭގައި އޮތްއިރު ޒައިދަށް ހުރިހާވެސް ބާރެއް ލެވުނީ އޭނާގެ މަގަތުގައި އޮތް ކަންނެޔޮގައެވެ. ދެފަރާތަށް ބޯހޫރަމުން ދިޔައިރު ޒައިދްގެ މޫނުމަތިން ދާތިކިތައް ވިދަން ފެށިއެވެ. އަދި ވަކި ހިސާބަކުން އެއަންހެންކުއްޖާ އެހެންމީހެއްގެ އަތްދަށުގައި ވާތަން ފެނި ޒައިދަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. އޭރު މުޅި މީހާވަނީ ދާހިއްލާ ފޯވެފައެވެ. ފެނުނު އަޖައިބު ކުރުވަނިވި ހުވަފެނުގެ ސަބަބުން އޭނާގެ ތަލިވަނީ ހިކިފައެވެ. ނޭވާލަން އުނދަގޫ ވާހެން ހީވުމުން ކައިރީގައި ހުރި ފެންޖަގުން ތައްޓަށް ފެންއަޅާ ބޯލީ ކަރުތެންމާލަމުންނެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.