މިފެނުނީ ކޮންފަދަ ހުވަފެނެއް ހެއްޔެވެ؟ އެއީ ކޮން އަންހެން ކުއްޖެއްބާއެވެ؟ އަނެއްކާ ވާން މިއުޅެނީ ކިހިނެއްބާއެވެ؟ ގޮތް ނޭނގޭ ތަފާތު އެކި ސުވާލުތަކުން ޒައިދްގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ. ހުވަފެން ހަނދާން ނައްތާލުމަށްފަހު ނިދޭތޯ މަސައްކަތް ކުރިނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. އެނދުގެ ދެފަރާތަށް އެނބުރި އެނބުރި އޮއްވާ ދެން އިވުނީ ފަތިސް ނަމާދު ބަންގީގެ އަޑެވެ. އިތުރަށް ނުނިދޭނެކަން ޔަޤީންވުމުން އެނދުން ތެދުވެގެން ގޮސް ޒައިދް ވަނީ ފަހާނާއަށެވެ. އިރު އޭގެ ރަންދޯދިތަކުން ދުނިޔެ އަލިކުރަމުން ދިޔައިރު ވިއްސާރައިގެ ހުރިހާ އަސަރެއް އެއްކޮށްހެން ވަނީ އުޑުމަތިން ފިލައިގެން ގޮސްފައެވެ. ދުވަހަކީ ހުކުރު ދުވަސް ކަމުން އާދައިގެ މަތިން ކަހުފް ސޫރަތް ކިޔަވާލުމަށްފަހު ނާޒް ދިޔައީ ޒައިދްގެ ހަބަރެއް ބަލަލާށެވެ. ނާޒް ޒައިދްގެ ކޮޓަރިއާ ހަމައަށް ނޭރެނީސް ފެނުނީ ފެންވަރާ ތަޒާވެލައިގެން ޒައިދް ނުކުތްތަނެވެ. “ދަރިފުޅާ ތަނަކަށް ދާންތަ ތިއުޅެނީ؟” ޒައިދް އެހާ ހެނދުނާ މާވަރަކަށް ރީތިވެލައިގެން ހުރުމުން ނާޒްގެ ހިތުގައި ސުވާލު އުފެދުނެވެ. “އާނ.. ޝިވަމް އާއެއްކޮށް ސައިބޯން ދާން މިދަނީ” ކިޔަމަންތެރި ދަރިއެއް ފަދައިން ޒައިދް އޭނާގެ މަންމައަށް ޖަވަބު ދިނެވެ. އުމުރުން ކިތަންމެ ބޮޑުވި ނަަމަވެސް ޒައިދް އަބަދުވެސް އޭނާގެ މައިންބަފައިންނަށް ކުރާ ޤަދަރާއި އިހުތިރާމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މިއީ ނާޒް އޭނާގެ ދަރިންނަށް ދީފައިވާ ލާމަސީލު ތަރުބިއްޔަތުގެ ނަތީޖާއެވެ.
މިޝްކާ ބަނޑުބޮޑުކަން އެނގުމާއެކު ޒާހިޔާ އާއި އާމިރު ބޭނުންވީ ވީހާއަވަހަކަށް މާލެ ދިއުމަށެވެ. އެމީހުނަށް މާމަ އަދި ކާފަ ކިޔާ ގޮވާލާނެ ދަރިއަކު ލިބޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި މިޝްކާގެ މައިންބަފައިންނަށް މިހަބަރުވީ ނުހަނު އުފާވެރި ހަބަރަކަށެވެ. އަމިއްލަ ދަރިފުޅުގެ މިއުފަލުގައި ބައިވެރިވުމަށް ހަމަ އެދުވަހު އާމިރުގެ ދެމަފިރިން މާލެއައެވެ. ޝިވަމް ޒާހިޔާމެން ގޮވައިގެން އައުމުން މިޝްކާ ދުވެފައިގޮސް އޭނާގެ މަންމަގެ ގައިގައި ބައްދާލިއެވެ. މަންމައަކަށް ވާން އުޅޭ އިރު އަދިވެސް މިޝްކާ ހީވަނީ ކުޑަކުއްޖެއް ހެނެވެ. ވާނީވެސް އެހެންތާއެވެ. ކައިވެންޏަށްފަހު މިޝްކާއަށް އޭނާގެ މަންމައާއި ދިމާމިވީ އަދި ކިރިޔާއެވެ. ޒާހިޔާއަށް އުފަލުންގޮސް ރޮވުނެވެ. އާމިރުވެސް ވަރަށް ލޯބިން އޭނާގެ ދަރިފުޅުގެ ބޮލުގައި ފިރުމާލި އެވެ. މިޝްކާއަކީ އެ ދެމަފިރިންގެ ދިރިހުރުމުގެ މަޤްސަދެވެ. ދެލޮލުގެ ނޫރެވެ. މިދުވަސްވަރު މިޝްކާ އޭނާގެ ސިއްހަތަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަމަށް ޒާހިޔާ ހަނދާންކޮށްދިނެވެ. މިހުރިހާ ވާހަކައެއްވެސް މިޝްކާ ދިޔައީ ވަރަށް ފަރުވާތެރިކަމާއެކު ކަނުލައި އަޑުއަހަމުންނެވެ. މިޝްކާ ބޭނުންވީ އޭނާ ވިހަންދެން ޒާހިޔާ އާއި އާމިރު މާލޭގައި މަޑުކުރުމަށެވެ. ޝިވަމްވެސް އެގޮތަށް އެދުމުން އެކަމާ ދެކޮޅު ހަދާކަށް މިޝްކާގެ މައިންބަފައިންވެސް ބޭނުމެއް ނުވިއެވެ.
ފެޝަން ޝޯވގެ އެންމެ ފަހުގެ ތައްޔާރީތަކުގައި ޔާނީއާއި އެކު އޭނާއަށް އެހީތެރިވުމުގައި ތާރާވެސް ހަރަކާތްތެރިވަމުން ދިޔައެވެ. މިއިވެންޓްގެ ބައިވެރިންނާއި ސްޕޮންސަރުން ހިމެނޭގޮތަށް ކުޑަ މީޓިންއެއް މިރޭ އޮންނާތީ ހުރިހާ މަސައްކަތެއްވެސް ހަވީރު ވުމުގެ ކުރިން ނިންމަން ޔާނީ ބޭނުންވިއެވެ. ޔާނީ އޭނާގެ އަމިއްލަ ޑިޒައިންތަކަށް ހެދުންތައް ފަހަމުން ދިޔައިރު ތާރާ ދިޔައީ ޔާނި ބުނާގޮތަށް އެ ހެދުންތައް ޖަރީ ކުރަމުންނެވެ. ޔާނީ ފަރުމާކޮށްފައިވާ ހުރިހާ ހެދުންތަކަކުންވެސް ފެނިގެންދަނީ އޭނާގެ ހުނަރުވެރިކަމެވެ. ކޮންމެ ހެދުމެއްގައިވެސް ތަފާތުކަމެއް އެކުލެވިގެންވެއެވެ. ރޭގަނޑުގެ އަރާމު ނިދި ނަގާލުމަށްފަހު ޔާނީ ކޮށްފައިމިވާ ބުރަ މަސައްކަތަށް ތައުރީފު ހައްޤުކަން ގައިމެވެ. ފެޝަން ޝޯވ ފެށެން ދެން ބާކީ އޮތީ އެންމެ ދުވަހެއްކަމުން ޔާނީ ހުރީ މިކަމަށް ކެތްމަދުވެފައެވެ. އޭނާގެ މިހެދުންތައް ޖަޖުންނަށާއި ބެލުންތެރިންނަށް ކަމުދާނެކަމާމެދު ޔާނީ ޝައްކެއް ނުކުރެއެވެ. ޔާނީއެކޭ އެއްފަދައިން ޒައިދްވެސް ދިޔައީ މިއިވެންޓަށް ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. މިބޮޑު އިވެންޓްގެ މެއިން ސްޕޮންސަރއަކީ ޒައިދްމެންގެ ކުންފުންޏެވެ. މިހުރިހާ ކަމެއް ކުރީ ޝިވަމްއެވެ. ކުންފުނީގެ ފަރާތުން މިކަންތައް ސްޕޮންސަރ ކުރުމުގެ ހިޔާލު ޒައިދަށް ދިނީ ޝިވަމްއެވެ. އެއީ ޔާނީ މިކަމުގައި ބައިވެރިވާތީއެވެ. ޔާނީގެ ނަސީބުވެސް ރަނގަޅީ ކަންނޭނގެއެވެ. ޒައިދް އާއި ޔާނީ ދިމާވާނެ އިތުރު ދޮރެއް އަނެއްކާވެސް ހުޅުވުނީއެވެ. ނޭނގި ނަމަވެސް ޔާނީއަށް މިއެރެނީ ޒައިދް އާއި އެކު އެއް އޮޑިއަކަށެވެ. ދެވެން މިއުޅެނީވެސް އެއް މަންޒިލަކަށެވެ. ނަމަވެސް ތަޤްދީރު ނިޔާ ކުރާނެ ގޮތެއް ދެމީހުންކުރެ އެކަކަށްވެސް ނޭނގޭ ހާލުގަ އެވެ.
ހ. ބްލޫމިންގެ ގޯތިތެރޭގައިވާ ބޮޑު ފަތާ ފެންގަނޑުގައިވާ ހިކިފަތްތައް ނެގުމުގައި ނާޒް އުޅެމުންދަނިކޮށް ފަހަތުން މަންމާއޭ ކިޔައި އަންހެންކުއްޖަކު ގޮވާލުމާއެކު އެއީ ކާކުގެ އަޑެއްކަން ފާހަގަކުރާކަށް ނާޒްއަކަށް އުނދަގުލެއް ނުވިއެވެ. ކުރަންހުރި މަސައްކަތް ހުއްޓާލުމަށްފަހު ނާޒް ފަހަތްބަލާލީ އޭނާގެ ދެލޯފަދަ ދަރިފުޅު ތާރާ ދެކިލުމަށް ކެތްމަދުވެ ހުރެއެވެ. ޒައިދް ގޭގައި ނޫޅޭ ވަގުތު ބަލާފައި ތާރާ މަދުމަދުން އެ ގެއަށް ދެއެވެ. ދަރިފުޅާއޭ ކިޔައި ތާރާ ގެނެސް ނާޒް އޭނާގެ މެއާލާ ބޮނޑިކޮށްލި އިރު މައިވަންތަކަމުގެ ލޯބި އުތުރިއަރަމުން ދިޔައެވެ. ހުއްޓުމެއްނެތި ނާޒްގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަން ފެށިއެވެ. ނަމަވެސް މިއަދަކު ތާރާ އެކަރުނަތައް ހުއްޓުވާކަށް ބޭނުމެއް ނުވިއެވެ. އެއީ މިއޮއްހުރިހާ ދުވަހު އެ މަންމަގެ ހިތުގައި އޮއްބާލައިގެން ގެންގުޅުނު ހިތާމަތައް ބޭރުކޮށްދޭން އޭނާ ބޭނުންވާތީއެވެ. ނާޒްވެސް ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. “މަންމަ ކިހިނެއްތަ؟” ކުރެހިފައިވާ އަޑަކުން ތާރާ ވާހަކަ ދައްކަން ފެށިއެވެ. “މަންމަ ހަމަ ރަނގަޅު! ދަރިފުޅު ފެނުނީމަ ހުރިހާ ވޭނަކާއި ރިހުމެއް ފިލައިގެން ހިނގައްޖެ” ހެވިފައިހުރެ ނާޒް ވާހަކަ ދައްކަމުން ދިޔައިރު އެމަންޒަރު ބަލަން ތަންކޮޅެއް ދުރުގައި ޝިޔާޒް ހުއްޓެވެ. އެދެމައިން އެކުގައިވާތަން ފެނިފައި ޝިޔާޒްގެ ހިތަށްވެސް ފިނިކަމެއް ލިބުނެވެ.
މޫސުން ކިތަންމެ ރީތިވި ނަމަވެސް ޔާނީގެ ކޮޓަރި ތެރެއަށް ހީވަނީ ތޫފާނެއް އައިސްފައި ވާހެނެވެ. މިރޭގެ މީޓިންއަށް ދާން ލާނެ ހެދުމެއް ނޭނގިގެން ޔާނީ ތެޅީފޮޅެނީއެވެ. މުޅިއެނދުމަތިވަނީ ހެދުންތަކުން ފުރާލެވިފައެވެ. އެވަރުންވެސް ޔާނީ ހިތްހަމަ ޖެހޭ ހެދުމެއް ނުފެނުނެވެ. ވަގުތު ކުޑަތަން ވަމުން ދިޔަ ވަރަކަށް ޔާނީ ދިޔައީ ރުޅިގަދަ ވަމުންނެވެ. “މާތްކަލާކޯ މީކޮންކަމެއް؟” ކޮޓަރީގެ ދޮރުހުޅުވާފައި ހުރުމުން އެތެރެއަށް ބޯދިއްކޮށްލި ވަގުތު އެތަނުގެ ހާލަތު އޮތްގޮތް ފެނިފައި މިޝްކާއަށް ހުރެވުނީ އަނގަ މައްޗަށް ނަގައިގެންނެވެ.
” މިޝޫ ޕްލީޒް ހެލްޕް މީ! މިއުޅެނީ މީޓިންއަށް ދާން ލާނެ ހެދުމެއް ނޭނގިގެން، މިހާރު އެއޮއް ގަޑިވެސް ޖެހެނީ” ހަދާނެގޮތް ހުސްވެފައި ހުރެ ޔާނީ ވާހަކަ ދައްކަމުން ދިޔައިރު ހީވަނީ ދެފަޔަށް ހިނި އަރައިގެން އުޅޭހެންނެވެ.
ހެދުންތަކަށް ނަޒަރު ހިންގާލަމުން އެތަނުގައި އޮތް ރަތްކުލައިގެ ދިގު މެކްސީ ނަގައި ޔާނީއަށް ދިއްކޮށްލަމުން މިޝްކާ އެދުނީ އެހެދުން ލުމަށެވެ. އެއީ ޔާނީއަށް އޭނާގެ އުފަންދުވަހު ޒައިދް ދީފައިވާ ހަދިޔާއެކެވެ. އެއްވެސް ދެބަސްވުމަކާއިނުލާ ޔާނީ ހެދުން ހިފައިގެން ގޮސް ލައިގެން އައެވެ. އެހެދުމުގައި ޔާނީ ފެންނަލެއް ކިތަންމެހާވެސް ހިތްގައިމެވެ. ކަޅުކުލައިގެ އުސް ފައިވާނަކަށް އަރާފައިހުރިއިރު ޔާނީ އިސްކޮޅުން ދިގު ކަމަށް ދައްކައެވެ. ރީތިވެގެން ނުކުތްއިރު ޔާނީގެ އިންތިޒާރުގައި ކާރު އައިސް އޮތެވެ. އެއްއަތަށް ހެދުން ކޮށިކޮށްލައިގެން ޔާނީ ދިގު ފިޔަވަޅުތަކެއް އަޅާލާފައި ގޮސް ކާރަށް އެރުމުން ޑްރައިވަރު ކާރު ދުއްވާލިގޮތަށް ދެންގޮސް މަޑުކޮށްލީ ދާން ޖެހޭ މަންޒިލަށް ދެވުމުންނެވެ.
މީޓިންއަށް ހާއްސަ ކުރެވިފައިވާ ތަންނަށް ޔާނީއަށް ވަދެވުނު އިރު ހީވަގޮތުގައި ހުރިހާ އެންމެން އައިސް ނިމިއްޖެއެވެ. މީހުންތަކުގެ ތެރެއިން ލާފައި އިށީންނާނެ ގޮނޑިއެއް ހޯދަން އުޅުމުގެ ތެރޭގައި މިފަހަރު ޔާނީއަށް އެރުނީ ޒައިދްގެ ކުރިމައްޗަށެވެ. ދެމީހުންގެ މޫނަށްވެސް ދާދި އެއްކަހަލަ ކުލަވަރުތަކެއް ވެރިވި ނަމަވެސް ޔާނީގެ ރީތިކަން ފެނިފައި ޒައިދްގެ ހިތުގައި އާވިންދެއް ޖެހި ކަހަލައެވެ. ސިއްރުން ނަމަވެސް ޒައިދްގެ ހިތުގައި ފަތްމިންޏެއްފަދަ މިއަންހެންކުއްޖާގެ ސޫރަ ކުރެހިއްޖެއެވެ. އެއާ ޚިލާފަށް ޔާނީގެ ހިތުގައި އުފެދުނީ ރުޅިވެރިކަމުގެ އޮއެވަރެވެ. އޭނާ ދާކޮންމެތާކަށް ޒައިދް ފަހަތުން އަންނަ ކަމަށް ޔާނީގެ ހިތް ބުނަނީއެވެ. ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ޔާނީ އެއްވެސް ބަލާލުމެއް ނެތި ޒައިދް އާއި ދިމާލަށް ފަތިވަރު ގޮވާލުމަށްފަހު އެތަނުން ދިޔައެވެ. އޭރުވެސް ޒައިދް ހުރީ ދީވާނާ ވެފައެވެ. ދުނިޔެމަތިން އެފަދަ ރީތި ހޫރުޕަރީއެއް ފެނުމުންނެވެ. މިރޭ އޭނާ އަދި ވަކިން ރީއްޗެވެ. އެންމެންގެ ހާޒިރުގައި މީޓިން ފެށި އިވެންޓް ހިނގަމުންދާނެ ގޮތުގެ ކުރު ތައާރަފެއް އެރުވުނެވެ. މިހުރިހާ ކަމެއް ހިނގަމުން ދިޔައިރުވެސް މީގެން އެއްވެސް ކަމަކަށް ޒައިދްގެ ސަމާލުކަން ދެވޭވަރެއް ނުވިއެވެ. އޭނާގެ ލޯ ހަމައެކަނި އަމާޒުވެފައިވަނީ ޔާނީއަށެވެ. މީގެ ކުރިން ޔާނީއަށް ނަފްރަތު ކުރިކަމުގައި ވިޔަސް މިހާރު ޒައިދްގެ ހިތުގައި ޔާނިއަށްޓަކައި އާއިހުސާސްތަކެއް އާލާވެއްޖެއެވެ.
އިވެންޓްގެ މައުލޫމާތުތަކުގެ ތެރެއިން މެއިން ސްޕޮންސަރއަކީ ޒައިދްމެންގެ ކުންފުނިކަން އެނގުމުން ޔާނީ ވަރަށް ލަދުގަތެވެ. އޭނާއަށް ކަންތައްކުރެވުނު ގޮތް ހަނދާން ވުމުންނެވެ. ޒައިދް އޭނާއާ ދޭތެރޭ ހީކުރާނީ ކިހާ ގޯސްކޮށްބާއޭ ހިތަށްއަރާ ލަދުން އެތަނުން ފިލަން ޔާނީ ބޭނުންވި އެެވެ. ދެން އިތުރަށް ޒައިދްގެ ކުރިމައްޗަށް އަރާނެހާ ހިތްވަރެއް ނެތުމުން މީޓިން ނިމުނުހާ އަވަހަކަށް ޔާނީ އެތަނުން ދިޔައީ އެހެންވެގެންނެވެ. މައާފަށް އެދެން ބޭނުންވި ނަމަވެސް އެކަންވެސް ނުކޮށް މިފަހަރު އެތަނުން ދިއުން އެއީ އޭނާއަށް އެވަގުތު ވިސްނުނު އެންމެ ރަނގަޅު ގޮތްކަމަށް ވިއެވެ. ބައިވެރިންތައް އެތަނުންގޮސް ތަން ހުސްވިއިރުވެސް ޒައިދަކަށް ޔާނީއެއް ނުފެނުނެވެ. އެންމެ ފަހަރަކު ޔާނީއާއި ވާހަކަ ދައްކާލަން ބޭނުންވި ވަގުތު އޭނާގެ ލޯމަތިން ގެއްލުމުން ޒައިދް ވަރަށް މާޔޫސްވިއެވެ. ކުރެވެޔނެ އިތުރުކަމެއް ނެތުމުން އެހެން މީހުނެކޭ އެއްގޮތަށް ޒައިދްވެސް އެތަނުން ނުކުތީ ގެއަށް ދިއުމަށް ހިތުއަޅައިގެންނެވެ. ނަމަވެސް ކާރަށް އެރުމާއެކު ހިޔާލު ބަދަލުވުމުން މިސްރާބުޖެހީ އޮފީހާ ދިމާލަށް ދިއުމަށެވެ. ކާރު ދުއްވަމުން ދިޔައިރުވެސް ހިތުތެރޭ އެނބުރެމުން ދިޔައީ އެލޯބިލޯބި އަންހެންކުއްޖާގެ ތަސްވީރެވެ. އެދުވަހު އެތަސްވީރު ކުރެހުނީ އިއްތިފާޤަކުން ނޫންކަން މިއަދު ޒައިދްގެ ހިތް ބުނަމުން ދިޔައެވެ. މާޒީގައި ޒައިދްއާއި ޔާނީއާއި ކޮންމެވެސް ގުޅުމެއް ވާކަން އޭނާއަށް މިހާރު ޔަޤީން ވެއްޖެއެވެ. ހިތާމައަކީ ޒައިދް އޭނާގެ މާޒީ ހަނދާން ނެތުމެވެ.
ރޭގަނޑުގެ އަނދިރިކަން ފޫއަޅުވާލައި މަގުތައް އަލިކޮށްލާފައިވަނީ އޮރެންޖް ކުލައިގެ އަލިންނެވެ. ބަލާލަން ކިތަންމެ ހިތްގައިމު ކަމުގައިވިޔަސް މިރީތި ރޭގެ ފަހަތުގައި ވަނީ ބުނެދޭން ނޭނގޭފަދަ ބިރުވެރިކަމެކެވެ. ވިކާޝް އޭނާގެ ބައިވެރިންނާއެކު ނުކުތީ ޒައިދަށް ފާރަލައި އޭނާގެ ދުވަސްދުއްވާލުމުގެ ނިޔަތުގައެވެ. މީޓިން ނިންމާލުމަށްފަހު އަޅިކުލައިގެ ކާރެއްގައި ގޮސް ޒައިދް މަޑުކޮށްލީ އޭނާގެ އޮފީސް ތެރޭގައިވާ ޕާކިން ޒޯނުގައެވެ. އޭރު އެތަނާ ތަންކޮޅެއް ދުރުގައި ޒައިދް އުޅޭނޫޅޭ ގޮތް ބަލަން ވިކާޝްމެން ތިބިކަމެއް ޒައިދަކަށް ނޭނގެއެވެ. ޒައިދް ގޮސް އޮފީސް ތެރެއަށް ވަނުމުން ވިކާޝް އޭނާގެ ބައިވެރިންނަށް ލަފާ ދިނީ ހަތިޔާރުތަކާއިއެކު އެތަނަށް ވަދެ ތައްޔާރު ވުމަށެވެ. ގަޑިން އެގާރަޖަހާ ދެތިން މިނެޓެއް ހިނގައި ދިޔަތަނާ ޒައިދް ގެއަށް ދާން ނުކުތެވެ. ޒައިދްގެ ހިލަމެއް ވުމުން ވިކާޝް އެންމެނަށް އެންގީ ތައްޔާރުވުމަށެވެ. އަތަށް ހެޔޮވަރުގެ ވަޅިތަކާއި ދަގަނޑުބުރިތައް ހިފައިގެން ތިބިއިރު ހީވަނީ އެތަނުގައި ދެންމެ ދެންމެ ލޭއޮހޮރުވުމެއް ހިނގައިފާނެ ހެންނެވެ. ޒައިދް އައިސް ކާރަށް އަރަން ދޮރުފަތް ހުޅުވާލަން ހިފާލުމުން ވިކާޝް ޒައިދްއަށް ހަމަލާ ދިނުމަށް ނުކުތެވެ. ނަމަވެސް އެވަގުތު އެތަނަށް ވަދެގެން އައި ޕޮލިސް ޖިޕްގެ އަޑާއިއެކު އެންމެން ފަހަތަށް ޖެހި ފިލަން މަޖުބޫރުވިއެވެ. މިއަޑު އިވިފައި ޒައިދްވެސް ޖެހިލުންވިއެވެ. ޖިޕުން ފައިބައިގެން އައި ޕޮލިސް އޮފިސަރު ޒައިދް ގާތަށް އައިސް ބުނީ މާރާމާރީ ހިންގަން ގެންގުޅޭޒާތުގެ ހަތިޔާރުތަކަކާއި އެކު މިތަނަށް ބަޔަކު ވަންނަނިކޮށް އާންމުންގެ ބަޔަކަށް ފެނިގެން ރިޕޯޓް ކުރިކަމަށެވެ. އެކަމަކު ޒައިދަށް އެކަހަލަ ކަމެއްގެ އެއްވެސް ހިލަމެއް ނުވާކަމަށް ޒައިދް ބުންޏެވެ. ސިފައިން ބަލާ ފާސް ކުރިނަމަވެސް އެތަނުން އެފަދަ ޒާތުގެ އެއްވެސް އެއްޗެއް ނުފެނުމުން އެމީހުން ދިޔައީޒައިދް ގާތު އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ހާސްކަމުގެ ތެރޭގައި އިރުކޮޅަކު ވިސްނާލަން ހުރެފައި ޒައިދްވެސް ކާރަށް އަރައި ދުއްވާލީ ގެއަށް ދިއުމުގެ ކުރިން ހިތްހަމަ ޖައްސާލުމަށްޓަކައި މާލެ ވަށާ ބުރެއް ޖަހާލުމަށެވެ. ބޭރުމަގުން ދުއްވާފައި ދިޔައިރު ތަފާތު އެކި އުމުރު ފުރައިގެ މީހުން ސައިކަލުތަކުގައާއި ފައިމަގުގައި މަގުތައް ފަޅުފިލުވަމުން ދިޔައެވެ. ރައްޓެހިވެގެން އުޅޭ ޖޯޑުތަކާއި ކައިވެނިކޮށްގެން އުޅޭ ޖޯޑުތައް ފިނި ބުރު ޖެހުމަށް ނުކުމެ އުޅޭތަން ފެނިފައި ޒައިދްވެސް އޭނާއާއި އެކުގައި ވާނެ ބައިވެރިއަކު ހުންނަ ނަމައޭ ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. ހަޔާތުގެ ސަފްހާތަކުގެ ތެރެއަށް ގެނބިފައި އިނދެ ކާރު ދުއްވަމުން ދަނިކޮށް ކުއްލިއަކަށް ގޮސް ނަޒަރު ހުއްޓުނީ މަގެއްގެ ކަންމަތީގައި ހުރެ ކާރެއް ހޯދުމަށް ހަނައަޅަމުން ދިޔަ އަންހެން ކުއްޖަކަށެވެ. އޭނާގެ ފަން އިސްތަށިގަނޑު ވަޔާއެކު ވިހުރިގެން ދިއުމުން އެ މޫނުވަނީ ފޮރުވިފަ އެވެ. ހީވާ ގޮތުން އެކުއްޖާ ހުރީ ގެއަށް ނުދެވިފައެވެ. ޒައިދް ބަލާކަށް ނުހުރެ ގޮސް އެކުއްޖާގެ ކުރިމަތީގައި ކާރުމަޑުކޮށްލުމަށްފަހު ލޯގަނޑު ތިރިކޮށްލި ވަގުތު ކުރިމަތިން ފެނުނު ސޫރައިން ހިތް ގެނބިގެން ދިޔައެވެ. (ނުނިމޭ)