ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ޖޫން 4، 2015 ގެ ބަޔާ ގުޅޭ]

ކުރިމަތީގައި ހުރީ މީގެ ކުޑައިރުކޮޅެއް ކުރިން ޒައިދްގެ ލޯއެދި ހޯދަމުން ދިޔަ އަންހެންކުއްޖާ އެވެ. ބޭނުންވީ އެކުއްޖާއާ ހަތަރުކަޅި ހަމަކޮށް ހިތްފުރެންދެން ބަލާށެވެ. އެރީތިކަން ހިތާކުޅެލީ ބުނެދޭންވެސް ނޭނގޭހާ އަވަހަށެވެ. ޒައިދްގެ ބަސްނާހާ ހިތަށް ވިސްނަދޭން ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް ޖަޒުބާތުގެ އޮއެވަރުގައިޖެހި ހުރިހާ ހިއްސުތަކެއް އެއްފަހަރާ ހޭލައްވައިފި އެވެ. އަވަސް ވިންދުތަކާއިއެކު ކަޅިޖަހާލުމެއްނެތި ޒައިދް ޔާނީއާއި ދިމާލަށް ބަލަން ހުރުމުން ޔާނީއަށް އުނދަގޫވާން ފެށިއެވެ. ޒައިދްގެ އިހުސާސްތައް އަމިއްލަ ނަފްސުގެ ކުރިމަތީގައި ކުރިއަރައި ކާރުން ފައިބައިގެން ޔާނީގެ ގާތަށް ދިއުމަށް އޭނާއަށް މަޖުބޫރު ކުރުވި އެވެ. ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު ނުކުމެ ޔާނީގެ ކުރިމައްޗަށް އަރައި ޒައިދަށް ޔާނީގެ އަތުގައި ހިފާ ގަޔާކައިރި ކޮށްލެވުނީ އެދެމެދަށް ވައިރޯޅިއަކަށްވެސް ނުވަދެވޭހާ ގާތަށެވެ. ހިތްއެދުނީ ފަތްމިންޏެއް ފަދަ ރީތި މި އަންހެންކުއްޖާ މުޅިއުމުރަށް އަތުތެރޭ ފޮރުވާލުމަށެވެ. މީގެ ކުރިން މިއަންހެންކުއްޖާއާ މެދު ޒައިދްގެ ހިތުގައި ނަފްރަތުގެ ހުޅުކޮޅު ރޯވެފައިވީ ނަމަވެސް އެހުރިހާ ކަމެއް ބަދަލުވެ އެކުއްޖާގެ ޖާދޫގައި ޒައިދް މިޖެހުނީ ހީވެސް ނުކުރާހާ އަވަހަށެވެ. ޔާނީގެ ދެލޯ ބޮޑުވެ ހަށިގަނޑުގެ ހުރިހާ ނާރެއްގައި ހީވީ ކަރަންޓް ހިންގާލިހެނެވެ. އެހެންޏާ ޒައިދް ފެންނަ ކޮންމެ ފަހަރަކު ވާހަކަ ދައްކާ ޔާނީގެ ދޫ މިރޭ ހީވަނީ ތަޅުއެޅުވިފައިވާ ހެނެވެ. ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ޔާނީއަށް ކަންތައް ކުރެވުނުގޮތުން މިއަދު އޭނާ ލަދުގަނެއެވެ. އެހެންވެ އެއްވެސް އެއްޗެކޭ ނުބުނެ ކުށްވެރިއެއް ފަދައިން ޔާނީ ހަނުހުރީ އިތުރަށް ގޯހެއް ހެދިދާނެތީ އެެވެ.

ހިތުގެ ތެޅުން އަޑު އިވޭހާ ގާތުގައިވާ ތިބިއިރު ދެމީހުންގެ ހިތުގައިވެސް ބުނެދޭން ނޭނގޭފަދަ އިހުސާސްތަކެއް ހޭލަމުން ދިޔައެވެ. ޔާނީގެ ބަލައިލުމުގައިވެސް ގޮތްނޭނގޭފަދަ ޖާދޫއެއް ފޮރުވިފައިވާ ކަހަލައެވެ. ދެމީހުން އެކަކު އަނެކެއްގެ ލޮލުގެ ތެރެއަށް ގެއްލިފައި ތިބިއިރު އެދެލޮލުން އެތައްހާސް ވާހަކަތަކެއް ބުނަމުން ދިޔައެވެ. އެހާ ކައިރީގައި ތިބެވުނުކަން އިހުސާސް ކުރެވުމުން ޒައިދަށް ޔާނީގެ ގައިން ދޫކޮށްލެވުނީ ދިރޭ ސުއިއްޕެއް ފޮޅާލާ ފަދަ ގޮތަކަށެވެ. ބުނާނެ އެއްޗެއް ނޭނގި ހުރެފައި ޒައިދް ޔާނީ ގާތު އޭނާއާއި އެކު ގެއަށް ދާން އެދުމުން ޔާނީ އެކަމާ ދެކޮޅުހެދިއެވެ. އެކިގޮތްގޮތުން ތަކުރާރުކޮށް އެދުމުންވެސް ޔާނީގެ ފަރާތުން އާބަހެއް ނުލިބުމުން މާޔޫސްވެހުރެ ޒައިދް ކާރަށް އަރައި ދުއްވާލީ ހިތާ ދެކޮޅަށެވެ. ކާރުގެ ލޯގަނޑުން ޔާނީ ގެއްލެންދެން ޒައިދްގެ ކަޅިހުއްޓިފައިހުރީ އެރީތި ސޫރައަށެވެ. ޒައިދް ދިއުމުން ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށްފަހު ޔާނީ އަނެއްކާވެސް މަސައްކަތްކުރީ ކާރެއް ލިބޭތޯއެވެ. ނަމަވެސް އެކަން ނުވުމުން ދެން ޔާނީ ގަސްތުކުރީ ހިނގާފައި ގެއަށް ދިއުމަށެވެ. އުސްފައިވާނަކަށް އަރައިގެން ހިނގަން އުނދަގޫވުމުން އެއްއަތަށް ފައިވާންޖޯޑު ނަގައިގެން އަނެއްއަތަށް ހެދުން ކޮށިކޮށްގެން ހިނގަމުން ދިޔައިރުވެސް ޔާނީގެ ހިތުތެރޭ އާލާވަމުން ދިޔައީ ޒައިދްގެ ހިޔާލުތަކެވެ.

ކާރު ދުއްވަމުން ދިޔައިރު ޔާނީއާއި ދޭތެރޭ ވިސްނާފައި ޒައިދްގެ ހިތަށް އުނދަގޫވަނީ އެވެ. އެއަންހެންކުއްޖާ އެކަނި އެތަނުގައި ބަހައްޓާފައި އާދެވުމުން ޒައިދްގެ ހިތް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރާ ކަހަލައެވެ. ނުތަނަވަސްކަމުން ފުރިގެންވާ ހާލު ހިތަށް ކެތްނުވެގެން ދުއްވަންއިން ކާރުގެ މިސްރާބު ބަދަލުކޮށްލީ އެނބުރި އެއަންހެންކުއްޖާގެ ގާތަށް ދިިއުމަށެވެ. ޒައިދްއާއި އެކު ދާން އެއަންހެންކުއްޖާ ދެކޮޅުހެދި ނަމަވެސް މިހާ ދަންވެފައިހުއްޓާ އޭނާ އެކަނި ގެއަށްދާން ދޫކޮށްލުމަކީ އެންމެ ރަނގަޅުގޮތް ނޫންކަން ޒައިދަށް ވިސްނުނެވެ. ކާރުގެ ސްޕީޑް ބާރުކޮށްލާފައި އެހިސާބަށް ދެވުނުއިރު އެތަނުގައި އެއަންހެންކުއްޖާ ފެންނަން ނެތުމުން ޒައިދް އިތުރަށް ހާސްވި އެވެ. ތަފާތުއެކި ހިޔާލުތަށް ހިތުތެރޭ އެނބުރެމުން ދަނިކޮށް ލޮލުގައި އަޅައިގަތީ ޕޭމަންޓްމަތީ ވެއްޓިފައިއޮތް ކަންފަތުލާ މުންޖެކެވެ. ކޮންމެވެސް ތަނަކުން ފެނުނު ވައްތަރު އޭގައި ޖަހާތީ ޒައިދް އިތުރަށް ވިސްނާލުމުން ހަނދާނަށް އައީ އެއީ މިރޭ އެއަންހެންކުއްޖާ ޖަހައިގެން ހުރި ކަންފަތުލާ މުދިކަމެވެ. އިތުރަށް އެންމެ ސިކުންތެއްވެސް މަޑުކުރުމެއްނެތި ޒައިދް އަނެއްކާވެސް މިސްރާބުޖެހީ އެކުއްޖާ ފެނޭތޯއެވެ. އެހިސާބުގަނޑު އެއްކޮށްހެން އަތްފުނާ އެޅުނުއިރުވެސް އެކުއްޖާގެ ހިލަމެއް ނުވިއެވެ.

އުއްމީދުގެ ހުޅުކޮޅު ނިވުނުކަމުގައިވިޔަސް ނާކާމިޔާބު ވީކަމަށް ނިންމައި ހިތްވަރުދޫކޮށްލާކަށް ޒައިދް ބޭނުމެއް ނުވިއެވެ. މިރޭ އެކުއްޖާ ނުފެނުނު ކަމުގައިވިޔަސް އަދި ފަހުން އޭނާއާއި ދިމާވަނެކަމަށް ޒައިދްގެ ޒަމީރު ޤަބޫލުކުރިއެވެ. މާބޮޑަށް ދަންވުމުން ބޭރުގައި އިތުރަށް ވަގުތު ބޭކާރު ނުކޮށް ޒައިދް ދިޔައީ ގެއަށެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް އެޅިފައިފައިވާ ފަނޑުއަލީގެ އެހީގައި ޔާނީއަށް ގެއަށް ދެވުނުއިރު ހުރީ ވަރަށް ބޮޑަށް ވަރުބަލިވެފައިކަމުން ކޮޓަރިއަށްވަދެ ލޯގަނޑު ކުރިމަތީގައިހުރެ ކަރާއި އަތުގައި އަޅާފައި ހުރި ގަހަނާތައް ނަގާފައި ކަންފަތުލާ މުދި ނަގަން ދިމާކޮށްލި ވަގުތު އެނގުނީ އެއްކަންފަތުލާ މުދި ނެތްކަމެވެ. ފުންމައިގެން ތެދުވެ މުޅކޮޓަރިތެރެ ހޯދަމުން ދިޔައިރު ޔާނީ ހީވަނީ ޖަވާހިރެއް ގެއްލިގެން އުޅޭހެނެވެ. އެއީ ޔާނީއަށް އެންމެ ރީތި ކަންފަތުލާ މުދި ކަމަށްވުމުން ކޮންމެ ގޮތެއް ހަދާފަ ނަމަވެސް އެހޯދަން އޭނާ ބޭނުންވިއެވެ. އެހެނަސް މުޅިކޮޓަރި އެފުށްމިފުށަށް ޖެހުނުއިރުވެސް އެނުފެނުމުން ވީދެރައިން އެދުމައްޗަށް ވެއްޓިގަތެވެ. އެހިސާބުން ދެން ހަނދާނަށް އައީ މީގެ ކުޑައިރުކޮޅެއްކުރިން ޒައިދްއާ ދެމެދު ހިނގާދިޔަ ކަންތަކެވެ. ޒައިދްގެ ދެލޮލުން ބުނަމުން ދިޔައީ ކޮންވާހަކަތަކެއްކަން ޔާނީއަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ. ޔާނީއަށް އޭނާ ނަފްރަތު ކުރާއިރު މިރޭ އޭނާފެ އަމަލްތައް އެހާ ތަފާތުވީ ކީއްވެގެންބާއެވެ. އެހިޔާލުތަކުތެރޭ ފުރޮޅިފުރޮޅި އޮއްވާ ޔާނި ފުން ނިންޖެއްގެ ތެރެއަށް ގެނބިގެންދިޔައީ ނުހަނު އަވަހަށެވެ.

ޒާހިޔާ މާލެއައީއްސުރެ ގޭތެރޭގެ ހުރިހާ މަސައްކަތެއްގައި އުޅެމުން އަންނަނީ އޭނާއެވެ. ތާރާވެސް މަސައްކަތްތަކުގައި އަތްގާތްކޮށްލާ ހަދާލަންވެސް ޒާހިޔާ އެއްބަސްވަނީ އެހާވަރަށް އާދޭސް ކޮށްގެންނެވެ. މިޝްކާ ބަނޑުބޮޑުވުމުން އޭނާ ލައްވާ އެއްވެސް މަސައްކަތެއް ކުރުވާކަށް ޒާހިޔާ ބޭނުމެއް ނޫނެވެ. އަދި ޝިވަމްވެސް ވަނީ މިޝްކާއަށް މަސައްކަތްކޮށް އުޅުމަށް މަނާކޮށްފައިކަމުން މުޅި ދުވަސް އެއްކޮށްހެން އޭނާ އިންނަނީ ފޫހިވެގެން މޮޔަވާ ވަރުވެފައެވެ. މިދުވަސްވަރަކީ ތާރާގެ ކޯހުގެ އެންމެ ފަހު އިމްތިހާނުގެ ދުވަސްވަރުކަމުން އޭނާވެސް ގިނަ ވަގުތު ހޭދަ ކުރަނީ ކިޔެވުމުގައެވެ. ބައެއްފަހަރު މިޝްކާ ފޫހިވެގެން ރުޅިގަދަވެގެން އުޅޭއިރު ޝިވަމް އޭނާ މަސަލަސްކުރަން މަޖާ ވާހަކަތައް ދައްކަމުންދާއިރު އެމަންޒަރު ފެނިފައި އާމިރުއަށްވެސް ހެވެއެވެ. މިޝްކާއަށް އެފަދަ ހެޔޮފިރިއަކު ލިބުނީތީ އާމިރުއާއި ޒާހިޔާ މިއަދު އިންތިހާއަށް އުފާކުރެއެވެ.

“މިޝޫ! ހިނގާބަލަ މިއަދު ޒައިދްއާ ބައްދަލުކޮށްލަން ދާން. އޭނަ ވަރަށް ދުވަސްވެއްޖެ އަހަރެން ގާތު ކިޔާތާ މިޝޫ އިންޓޮރޮޑިއުސް ކޮށްދޭށޭ، އަނެއްކާ މިޝޫ މިހާރު ބަނޑުބޮޑުކަން އިނގުނީމަ ވަކިން ބޮޑަށް މިޝޫއާ ބައްދަލުކޮށްލަން ބޭނުންވެފަ ހުރީ!” އެކްސިޑެންޓަށްފަހު މިޝްކާއާއި ޒައިދް އަދި ބައްދަލެއް ނުވެއެވެ. ޒައިދް އަބަދުވެސް ޝިވަމް ގާތު މިޝްކާ ތައާރަފް ކޮށްދިނުމަށް އެދެމުން ދިޔަނަމަވެސް އެކަން ނުކުރެވެނީ މިޝްކާ އެކަމަށް ދެކޮޅު ހަދާތީއެވެ. ޝިވަމް ހީކުރީ މިޝްކާ މިފަހަރުވެސް އެކަމަށް ދެކޮޅު ހަދާނެކަމަށެވެ. “ހޫމް.. އަހަރެން ތައްޔާރު” އެއްވެސް ދެބަސްވުމަކާއި ނުލާ މިޝްކާ ޒައިދްއާއި ބައްދަލުކުރުމަށް އެއްބަސްވުމުން ޝިވަމް ވަރަށް އުފާވިއެވެ.

ހަވީރުގެ ހިތްގައިމު ވަގުތުގައި ފިނި ވައިރޯޅިތައް އައިސް ގައިގައި ބީހިލާ ކޮންމެ ފަހަރަކު ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް މިޝްކާއަށް އިހުސާސް ކުރެވެމުން ދިޔައެވެ. ކުދި ފިޔަވަޅުތަކެއްގައި ހިނގާލާފައި ގޮސް މިޝްކާއާއި ޝިވަމް ނުކުތީ އާޓިފިޝަލް ބީޗަށެވެ. އޭރު މޫދަށް އެރުމުގަޔާއި ކުޅިވަރުތައް ކުޅުމުގައި ދެޖިންސުގެ ކުޑަކުދިންނާއި ބޮޑެތިމީހުން އުޅެމުން ދެއެވެ. އެތަނުން ގޮޑިއެއްގައި އިށީނދެ އިންއިރު އެތަނުފައި އުޅެމުންދިޔަ އާއިލާތައް ފެނިފައި މިޝްކާއަށް ސިފަވަމުން ދިޔައީ ދުވަސްކޮޅަކުން އޭނާގެ ކުޑަކުޑަ އާއިލާވެސް މިގޮތަށް އުފާވެރި ވަގުތުތައް ހިއްސާކުރަމުން ދާނެ މަންޒަރުތަކެވެ. ދެމަފިރިން އެކުގައި އެތަނުގައި އުފާވެރި ވަގުތުތައް ހިއްސާކުރަމުން ދަނިކޮށް އެތަނަށް ޒައިދް އައެވެ.

“އަންހެނުން ފޮރުވައިގެން އުޅެނިކޮށް އެންމެފަހުން މިއޮތީ ފެނިފައެއްނު” މިޝްކާ ފެނުމާއެކު ޒައިދް ޝިވަމްއާ ދިމާކޮށްލިއެވެ. “ފޮރުވައިގެނެއް ނޫޅެމޭ! އަހަރެމެން މިތިބީ މިރޭ ޒައިދްއާ ބައްދަލްކުރަން ދާން ނިންމައިގެންނޭ. ދޯ މިޝޫ! ޝިވަމްވެސް ދޫނުކުރަންވެގެން މިޝްކާއަށް ދޯ ދިނުމުން އޭނާވެސް ހެވިލާފައި ބޯޖަހާލީ ޝިވަމްއާއި އެއްބައިވެލުމަށެވެ. ޒައިދް އެންމެ ރަނގަޅޭ ބުނުމުން ޝިވަމް ލަސްނުކޮށް ޒައިދަށް މިޝްކާ ތައާރަފް ކޮށްދިނެވެ. މިޝްކާވެސް ޒައިދްއާ ވާހަކަ ދައްކަމުންގޮސް ކުރީގެ ރަހުމަތްތެރިންނަށް ބަދަލުވާން މަގިނައިރުތަކެއް ނުނެގިއެވެ.

ބާކީ އޮތް އެއްދުވަސް ފާއިތުވެގެންގޮސް ފެޝަން ޝޯވ ފެށުމަށް ހަމަޖެހިފައިވާ ވަގުތު އައިސް ޖެހިއްޖެއެވެ. ޝޯވ އާއި ދޭތެރޭ ވިސްނާފައި ހިތަށް ވެރިވާ ނުތަނަވަސްކަމަށްވުރެ ބޮޑަށް އެތަނުން ޒައިދްއާ ކުރިމަތިލާން ޖެހިދާނެތީ ނުތަނަވަސްވާ މިންވަރު ދެގުނައަށް އިތުރެވެ. ޒައިދްގެ ކުރިމައްޗަށް އަރާ މައާފަށް އެދެން ކިތނަމެ ބޭނުންވިޔަސް އިސްއުފުލާ ވާހަކަ ދައްކަން މިފަހަރު ޔާނީ ޖެހިލުން ވެއެވެ. ޝޯވ ފެށެން ހަމަޖެހިފައިވާ ގަޑި ޖެހުނުއިރު ޖަޖުންނާއި އެތަނަށް އައުމަށް ދައުވަތު ދީފައިވާ ހުރިހާ އެންމެން ތަނަށް ޖަމާވެ ތަން އެއްކޮށް ފުރިއްޖެއެވެ. ތާރާވެސް މިޝްކާއާއި ޝިވަމް އާއެކު އެތަނަށް ވަދެ އިށީނީ ޝޯވ ފެށެން ތައްޔާރުވުމުންނެވެ. ޔާނީވެސް އޭނާގެ ހެދުންތައް ލައިގެން ތިބި ކުދިން ތައްޔާރުވެ ނިމުނުތޯ ބަލާލަން ދާން ހިނގައިގަތް ވަގުތު ކަޅު ގަމީހަކާއެކު ރަތް ޓައީއެއް އަޅައިގެން ހުރެ އެތަނަށް ވަދެގެން އައި ޒައިދް ފެނިފައި ޔާނީއަށް ނޭވާ ހިފަހައްޓާލެވުނެވެ. ޒައިދް އައިސް އޭނާއަށް ހާއްސަ ކުރެވިފައިވާ ތަނުގައި އިށީންއިރުވެސް ޔާނީ ހުރީ އޭނާ ކުރަން އުޅުނު ކަންތައް ހަނދާން ނެތިފައެވެ. މައިކުގެ އަޑާއިއެކު ޝޯވ ފެށިގެން ދިއުމުން ޔާނީ ސްޓޭޖްގެ ފަހަތަށް ގޮސް އެންމެ ފަހުގެ ތައްޔާރީތަކުގައި އުޅެން ފެށިއެވެ. ޝޯވ ގައި ތަފާތުގެ އެކި ބައިވެރިންގެ ފަރުމާކުރުންތައް ފެންނަމުން ދިޔައިރު ޖަޖުންތައް ދިޔައީ އެހެދުންތަކަށް މާރކްސް ދެމުންނެވެ. ހުރިހާ ބައިވެރިންގެ ހެދުންތައް ދައްކާ ނިމި އެންމެ ފަހު ބައިވެރިޔަކަށް ހުރީ ޔާނީއެވެ.

ޔާނީގެ ނަން އިވުމާއެކު ޒައިދްގެ ސަމާލުކަން ހުއްޓުނީ ސްޓޭޖް މައްޗަށެވެ. އެތަނުން ޔާނީ ފެންނާނި ކޮންފަދަ އަވަހަކަށްބާއޭ ހިތަށް އަރާއަރާ ހުއްޓާ ޔާނީގެ ފަރުމާކުރުންތަކަށް ފަހު ސްޓޭޖް މަތިން ފެނިގެން ދިޔައީ ޒައިދްގެ ހިތް އެދުނު ސޫރައެވެ. މަޑު ފިޔާތޮށި ކުލައިގެ ހެދުމެއްގައި ހުރި އިރު ޔާނީގެ ފަން އިސްތަށިގަނޑުވަނީ ޒަމާނީ ގޮތަކަށް ހަދާލާފައެވެ. އެދޮންމޫނުގެ އިތުރަށް އުޖާލާކޮށްދެނީ ތުންފަތުގައި ޖައްސާފައިވާ ފިޔާތޮށި ކުލައެވެ. ސްޓޭޖް މައްޗަށް އަރައިގެން ދިޔައިރު ޔާނީގެ ހިތް ހީވަނީ މޭފަޅާފައި ނުކުމެދާނެހެނެވެ. އޭނާއާއި ހަމަ ދިމާ ކުރިމަތީގައި އިން ޒައިދް ފެނިފައި ދެފައި އޮޅިގެން ނުވެއްޓުނީވެސް ހަމަ ކިރިޔާއެވެ. އަތްފައި ފިނިވެ މީހާ ރޫރޫ އަޅަމުން ދިޔައިރު ޔާނީ މަސައްކަތް ކުރަމުން ދިޔައީ ޒައިދް އާ ދިމާލަށް ނުބަލާ ވޭތޯއެވެ. ޒައިދް އާއި ކައިރިވަމުން ދިޔަ ވަރަކަށް ޔާނީގެ ހިތުގެ ވިންދު ދިޔައީ ކޮންޓްރޯލުން ނެއްޓެމުންނެވެ. ޔާނީ ފެނުމުން ވާގޮތެއްވެސް ޒައިދަކަށް ނޭނގެއެވެ. އެދެލޯ ފެނިފައި ދީވާނާވެ ދުނިޔެމަތީގެ ހުރިހާ ކަމެއް ހަނދާން ނެތޭ ކަހަލަ އެވެ. [ނުނިމޭ]

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.