2012 ވަނަ އަހަރުގެ އެންމެ ފަހު ކުއާޓަރގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ 28 ޖެނުއަރީ 2013 އެވެ. އަދި ޓެކްސް އަހަރު 2012 ގެ ބީޕީޓީގެ ދެވަނަ އިންޓެރިމް ޕޭމަންޓް ދައްކަންޖެހޭ ސުންގަޑިއަކީ 31 ޖެނުއަރީ 2013 އެވެ.
ވީމާ، ޖެނުއަރީ މަހުގެ އެންމެ ފަހު ހަފްތާއަކީ ވިޔަފާރިވެރިން ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިގެން ޓެކްސް ދެއްކުމުގެ އެންމެހާ ކަންކަން ވީހާވެސް ޒިންމާދާރު ކަމާއިއެކު ނިންމަވަން ޖެހޭނެ ކަމެއް ކަމުގައި މީރާއިން ވަނީ މައުލޫމާތު ދެއްވާފަ އެވެ.
އެގޮތުން މީރާއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ރޯޑް ސޯ އެއްވެސް ބާއްވާފައެވެ. މި ރޯޑް ޝޯގައި ކުޑަކުދިންގެ ކުޅިވަރުތަކާއި އެކު ޓެކްސް ދައްކާ ފަރާތް ތަކާއި އާއްމުންނަށް ޓެކްސް އާއި ބެހޭ މައުލޫމާތު ދިނުމުގެ ހަރަކާތް ތަކެއްވެސް ވަނީ ހިންގާފަ އެވެ.
މީރާއިން ހާމަކުރައްވާ ގޮތުގައި މި ހިނގާ ހަފްތާއަކީ ގިނަ ފަރާތްތަކަކުން ޓެކްސްދައްކަން އަންނާނެ ހަފްތާއެއްކަމުން ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ފަސޭހައަށްޓަކައި ދުރާލާ މި ސުންގަޑި ތަކަށް ސަމާލުވުމަށް މީރާއިން ވަނީ އިލްތިމާސްކުރައްވާފަ އެވެ.