ރޯޔަލް އައިލެންޑް ރިސޯޓް އެންޑް ސްޕާ އިން މި ޗުއްޓީއާ ދިމާކޮށް ފެށި ހާއްސަ ޕެކޭޖަށް ފުދޭވަރެއްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.
ދިވެހިންނަށާއި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ހާއްސަކޮށްގެން މި މަހުގެ 1 އިން އަންނަ މަހުގެ 15 ގެ ނިޔަލަށް “ރޯޔަލް އައިލެންޑް ފެމެލީ ޕެކޭޖް” ނަމުގައި ކުރިއަށް ގެންދާ ޕެކެޖްގެ ދަށުން އެ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރާ ފަރާތްތަކަށް ސިންގަލް ޕެކޭޖެއްނަމަ (ދެމީހުނަށް) ރެއަކަށް ޗާޖް ކުރަނީ 1،676ރ. އެވެ. ޑަބަލް ޕެކޭޖެއްނަމަ (ދެމަފިރިންނާ، 12 އަހަރުން ދަށުގެ ކުޑަކުއްޖަކަށް) 2200ރ އަދި ޓްރިޕަލް ޕެކޭޖެއް (ބޮޑު ތިން މީހުން) ނަމަ 3932ރ އެވެ. އަދި އުމުރުން 2 އަހަރުން ދަށުގެ ކުދިން ހިމެނެނީ ހިލެއެވެ.
ބ. ހޮރުބަދޫގައި ހިންގަމުން އަންނަ ރޯޔަލް އައިލެންޑް ރިސޯޓްުގެ ހިއުމަން ރިސޯސް މެނޭޖަރު އަހްމަދު އަޒްނީމް ވިދާޅުވީ އަލަށް ތައާރަފްކުރި ޕެކެޖަށް ދިވެހިންގެ ފަރާތުން ވެސް ފުދޭވަރެއްގެ ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.
މިދިޔަ ހަފްތާއަށް އެކަނި ބަލާލިޔަސް އެ ރިސޯޓަށް ޗުއްޓީ ހޭދަކުރަން ވަރަށް ގިނަ އަދަދަކަށް ދިވެހިން ދިޔަ އެވެ. މިހާރުވެސް ބައެއް ދިވެހިންދަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންނެވެ. މި ނިމުނު ޗުއްޓީ ހަފްތާގައި އެ ރިސޯޓަށް ދިޔަ މީހުންނަށް ހީވީ ހުސް ދިވެހިން ދަތުރު ގޮސް އުޅޭ ރަަށަކަށް އެރިގެން އުޅޭ ހެންނެވެ.
އަޒްނީމް ވިދާޅުވި ގޮތުން ނަމަ މިދިޔަ ހަފްތާ އެއްދުވަހު އެކަނި ވެސް 70 އަށް ވުރެ ގިނަ ދިވެހިން އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އެވެ.
މިދިޔަ އަންގާރަ ދުވަހު އެކަނިވެސް ހަމައެކަނި އޭދަފުށިން 50 އަށް ވުރެ ގިނަ ދިވެހިން ރޯޔަލް އަށް ދިޔަ އެވެ.
އަޒްނީމު ވިދާޅުވީ މިހާ ގިނަ ދިވެހިން ޗުއްޓީ ހޭދަކުރަން އެއް ދުވަސްވަރެއްގައި ރޯޔަލް އަށް ގޮސްފައި ނުވާ ކަމަށެވެ.
“ކުރިން މިހާ އަގުހެޔޮ ޕެކޭޖެއް ނުހަދަން އެކަމު މިފަހަރު ޗުއްޓީ ދުވަސްކޮޅަށް ބަލާފަ އަގު ވަރަށް ބޮޑުތަން ކުޑަކޮށްލީ، މިއީ ޚާއްސަ ކޮށް ހަމަ ސްކޫލު ބަންދާ ދިމާކޮށް ބަލާފަ ހެދި ޕެކޭޖެއް، ޗުއްޓީ ބަންދުގައި ރަށު ބަންދުގައި ތިބުމަށްވުރެ އާއިލާއާއެކު ރިސޯޓަށް އައިސް ވަގުތު ހޭދަކޮށްލުން މިއީ ރަނގަޅު ކަމެއްގެ ގޮތުގައި ގިނަ ބަޔަލު ބަލައިގަނޭ،” އަޒްނީމް ވިދާޅުވި އެވެ.
ރޯޔަލް އިން ދިވެހިންނަށް ހާއްސަ ޕެކޭޖެއް ހުޅުވާލުމާ އެކު، އެ ރިސޯޓަށް ގިނަ އަދަދަަކަށް ދިވެހިން ދާ މައިގަނޑު އެއް ސަބަބަކީ ދިވެހިންނަށް ހާއްސަ ރޭޓެއް އޮތުމާއި އޭދަފުށިންދާން ބޭނުންވާ ފަރާތަތަކަށް ހިލޭ ދަތުރުފަތުގެ ކަންތައްތައް ހަމަޖެހުމެވެ. އަޒްނީމު ވިދާޅުވި ގޮތުގައި އާންމުކޮށް ޓޫރިސްޓުންނަށް ކޮޓަރި ވިއްކާ އަގުތަކާ ބަލާއިރު މި ހާއްސަ ޕެކޭޖުގައި ދިވެހިންނަށް 50 ޕަސެންޓަށްވުރެވެސް ބޮޑުތަން ހެޔޮވާނެ އެވެ.
އެ ރިސޯޓަށް މި ހަފުތާ ބަންދުގައި ދިޔަ މީހަކު ބުނީ މިހާރު ރޯޔަލުން މިހާރު ހުޅުވާލާފައިވާ ފެމެލީ ޕެކޭޖަކީ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލަށް ވަރަށް ހެޔޮ އަގެއްކަމަށެވެ.