
ބ. އަތޮޅު ކުޑަރިކިލު ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ އުނޑޫދޫ އެކިއެކި މަސައްކަތްތައް ކުރުމަށް ޓަކައި 21 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ އިން ބީލަމަށް ހުޅުވާލައިފި އެވެ.
ގާތްގަޑަކަށް 15 ހެކްޓަރު ހުންނަ އުނޑޫދުއަކީ މީގެ 45 އަހަރުކުރިން މީހުންވެސް ދިރިއުޅުނު ރަށެކެވެ. ސަރުކާރުން މިރަށް އެކިއެކި މަސައްކަތް ކުރުމަށް ބީލަމަށް ހުޅުވާލާފައި މިވަނީ ގިނަދުވަސްތަކެއް ވަންދެން އެއްވެސް ބޭނުމެއް ނުކޮށް ބޭއްވުމަށްފަހުއެވެ.
1968 ން ފެށިގެން 2008 ވަނަ އަހަރާއި ހަމައަށް އުނޑޫދޫ ބަލަހައްޓަމުން ދިޔައީ ކުރީގެ އެޓޯލްސް މިނިސްޓަރެއް ގެ މަގާމު ދިގު މުއްދަތަކަށް އަދާކުރެއްވި އަބްދުﷲ ހަމީދު އެވެ.
ނަމަވެސް 2008 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއި ގުޅިގެން ސަރުކާރުގެ ބެލުމުގެ ދަށަށް އެރަށް ނަންގަވައި މިއަދާ ހަމައަށްވެސް އެރަށް އޮންނަނީ ސަރުކާރުގެ ބެލުމުގެ ދަށުގައެވެ.
އުނޑޫދޫ ކުއްޔަށް ދިނުމަށް ހުޅުވާލާފައިވާ ބީލަމުގެ މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ 14:00 ގައެވެ.