ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ޖޫން 14، 2015 ގެ ބަޔާ ގުޅޭ]

ހިތުގައި ކިތަންމެ ވޭނެއް އެޅިކަމުގައިވިޔަސް އެކަން ފާޅުކުރަން ބޭނުން ނުވުމުން ހުރިހާ ވޭނެއް އެތެރެއަށް ހިންދާލައިގެން ހުރުމަކީ މިހާރު އޭނަގެ އާދައަކަށްވަނީ ވެފައެވެ. އެހެންވެ ފޮޓޯފްރޭމް މޭގައި ޖައްސާ ދެއަތުން ފޮރުވާ ބާރުކޮށްލީ ހުރިހާ ޒަހަމްތަކަކަށް ޝިފާއެއް ލިބޭތޯއެވެ. މެންދުރުގެ އަވި މަޑުވެ ހަވީރުގެ ފިނި ވައިރޯޅިތައް ޖެހެން ފެށުމުން ފޮޓޯ ޝޫޓަށް ތައްޔާރުވެ ރިސޯޓުގެ ހިތްގައިމު އަތިރިމަތީގައި ކުދިންތައް ގޮވައިގެން ޔާނީ ހަރަކާތްތެރިވަމުން ދިޔައެވެ. ޒައިދް ކެމެރާމަނުންނާއިއެކު ލޮކޭޝަން ފައިނަލް ކުރުމުގައި އުޅެމުން ދިޔަނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައިވަނީ ޔާނީއާ ދިމާލަށެވެ. ވައިރޯޅިއާއިއެކު ޔާނީގެ ހާވާލެވިފައިވާ އިސްތަށިގަނޑު މޫނަށް އެޅެމުން ދިޔައިރު އެތަށް ފަހަރަކު ޒައިދްގެ ހިތް އެދެމުން ދިޔައީ އޭނާގެ ދެއަތުން އެފަންއިސްތަށިގަނޑު އެއްފަރާތް ކޮށްދިނުމަށެވެ. އެހެނަސް ޔާނީ ފެނުމުން އޭނާގެ އިހުސާސްތައް ކޮންޓްރޯލުން ނައްޓައެވެ. ކިތަންމެ ފަހަރަކު އޭނާއަށް ގޯސް ހެދިފައިވުމުން މިފަހަރު އޭނާ ގަސްތުކުރީ ދުރުގައި މަޑުން ހުރުމަށެވެ. ލޮކޭޝަން ކަނޑައެޅި ފޮޓޯޝޫޓް ފެށުމުން ޒައިދް އެތަނުން އެއްފަރާތަކަށް ޖެހުނެވެ. ފޮޓޯތައް ނަގަމުން ދިޔައިރު ޔާނީ އެކުދިންތައް ތިބެންވީ ގޮތްތައް ކިޔައިދީ މޭކަޕް ރީތިކޮށްދެމުން ދިޔައެވެ. އަތިރިމަތީގެ ރާޅުޖަހާ ހިސާބުގައި ހިމުން ދޮންވެލިގަނޑުގައި ފިޔަވަޅުތަކުން ނިޝާންތައް ފާޅުކުރަމުން ޒައިދް ވިސްނަމުން ދިޔައީ ވަށައިގެންވާ މާހައުލާ މެދުގައެވެ. އޭނާއަށް މިފަދަ ތަނަކަށް އާދެވިފައިވާ ކަމަށް ހީވަނީއެވެ. އޭނާއާއި އެކުގައި އެހެން މީހަކުވެސް އައިކަމުގެ އިހްސާސްތައް ހިތުތެރޭ އުނދަގޫ ކުރަމުން ދިޔަ ނަމަވެސް އެއީ ކާކުކަމެއް ހިޔާލަކަށް ނުގެނެވުނެވެ. މާގަދައަށް ވިސްނުމުން ބޮލުގައި ރިއްސަން ފެށުމުން ޒައިދް ގޮސް ރަށުތެރެއަށް އެރިއެވެ.

އިރު އޭގެ ވާޖިބް އަދާކޮށް ދުނިޔެއަށް އަލްވަދާއު ކިއުމަށް ދަތުރު ފެށުމުން ޔާނީމެންވެސް މަސައްކަތް ނިންމާލުމަށްފަހު އެއްޗެހިތައް ހިފައިގެން ކޮޓަރިއަށް ދިޔަ މަގުމަތީގައި ޒައިދް ފެންނަން ނެތުމުން ވަރަށް ހޯދިއެވެ. ގިނައިރު ކޮޅަށް ހުރުމުން ޔާނީ ހުރީ ވަރަށް ވަރުބަލިވެފައިކަމުން ކޮޓަރިއަށް ވަތްގޮތަށް އޭނާ ބޭނުންވީ ކުޑަކޮށް އަރާމުކޮށްލާށެވެ. އެނދުމައްޗަށް ވެއްޓިގަނެ ދެލޯ މަރާލިތަނާ ފޯން ވައިބްރޭޓްވާން ފެށިއެވެ. ތެދުވެ ފޯންނަގާ ބަލާލިއިރު ގުޅަނީ މިޝްކާއެވެ. ހެވިފައި ޔާނީ ފޯންނަގާ ކަންފަތުގައި ޖައްސާލުމާއެކު މިޝްކާގެ ޝަކުވާތައް ފައްޗަކަށް އަމުނާލިއެވެ.

“ޔާނީ ކޮންތާކު؟ ކީއްކުރަނީ؟ ރިސޯޓަށް ދެވުނީމަ އަހަރެން މަތިން ހަނދާންނެތުނީ ދޯ؟ ކީއްވެތަ ގޮސްފަ ނުގުޅީ؟” މިއީ އަބަދުވެސް މިޝްކާގެ ހާލެވެ. ޔާނީގެ ހަބަރެއް ނުވަންޏާ އޭނާގެ ލޮލަށް ހަމަ ނިދިވެސް ނާންނާނެއެވެ. “ސާބަހޭ އަހަރެން އަދި އައިސްފަ ހަމަޖެހިލައިގެން ގުޅަންވެގެންނޭ މިހުރީ. އަދި ކިރިޔާ މިއައީ ފޮޓޯޝޫޓް ނިންމާލާފަ” ޔާނީ އޭނާގެ އެކުވެރިޔާއަށް ވިސްނައިދެމުން ދިޔައީ ހެވިފައި ހުރެއެވެ.

ޔާނީގެ އަޑުގައިވާ އުފާވެރިކަން މިޝްކާއަށް ފާހަގަ ކުރެވުނެވެ. އެހެންވެ އެކަމާ ގުޅޭގޮތުން ސުވާލުކުރިއެވެ. އަދި ޔާނީ އެހާ އުފާވެފައިހުރީ ޒައިދްވެސް އެދަތުރުގައި ޔާނީއާއިއެކު ބައިވެރިވުމުންކަމަށް ބުނެ މިޝްކާ އެޅުނީ ޔާނީގެ ފަރާތުން ބަހެއް ލިބޭތޯއެވެ. ޒައިދްގެ ނަން އިވިފައި ޔާނީގެ ތުންފަތްމައްޗަށް ވެރިވީ ރަކި ހިނިތުންވުމެކެވެ. އެހެނަސް ވާހަކަ އޮޅުވާލާ ޔާނީ ނޭނގޭކަމަށް ހެދުމުން މިޝްކާވެސް އިތުރަކަށް ސުވާލެއް ނުކުރިއެވެ.

ފޯންކޯލް ނިންމާލުމަށްފަހު ފޯން ބޭއްވިއިރު ޔާނީގެ ފޯނަށް ނުދަންނަ ނަންބަރަކުން މެސެޖެއް ކޮށްފައި އޮތުމުން މެސެޖް ހުޅުވާލާ އަވަސްވެގަތީ އޭގައިވަނީ ކީކޭތޯ ބެލުމަށެވެ. މެސެޖްގައި ލިޔެފައިވަނީ ޔާނީގެ ކޮޓަރީގެ ބޭރުގައި ޕާރުސަލެއް އޮންނާނެ ކަމަށާއި އޭގައިވާ އެއްޗެއް ބެލުމުން މެސެޖް ކުރީ ކާކުކަން އިނގޭނެކަމަށެވެ. ފުން ވިސްނުމެއްގެ ތެރޭގައި ހުރެ ޔާނީ ގޮސް ދޮރުހުޅުވާލިއިރު ދޮރުމަތީގައި ޕާރުސަލެއް ދޮރުމަތީގައި އޮތެވެ. ބޭރަށް ނުކުމެ ކޮޅުކޮޅު މައްޗަށް ލޯ ހިންގާ ބެލުމުންވެސް އެތަނުން އެއްވެސް މީހަކު ފެންނަން ނެތުމުން ޔާނީ ޕާރުސަލް ހިފައިގެން ކޮޓަރިއަށް ވަދެ އެކަނޑާ ހުޅުވާލިއިރު އޭގައި ވަރަށް ރީތި ފްލޯރަލް ހެދުމަކާއި ކުރު ނޯޓެއް އޮތެވެ. ހެދުން ބާެއްވާފައި ނޯޓް ނަގާކިޔާލިއިރު ހިތުގައި އުފެދިފައިވަނީ ހަމަ އެންމެ ސުވާލެކެވެ. އެއީ ކާކު ފޮނުވި އެއްޗެއް ބާވައެވެ. ނޯޓްގައި ވަނީ މިރޭގެ ރޭގަނޑުގެ ކެއުމަކަށް ދައުވަތު ދީފައެވެ. އޭގެ އިތުރުން އެދިފައިވަނީ ކެއުމަށް އަންނައިރު އެހެދުން ލުމަށާއި އެހެދުން ލައިގެން އައިސްފިނަމަ ވަރަށް އުފާވާނެކަމަށެވެ. ހުރިހާ ކަމެއް އޮޅުންފިލައި ޔާނީގެ މޫނުމަތި އުޖާލާވެގެން ދިޔައީ ނިންމާލަމުން ލިޔެފައިވާ ޒައިދްގެ ނަން ފެނިފައެވެ. ހެދުން ނަގައި ގައިގައި ޖައްސާލުމަށްފަހު ލޯގަނޑު ކުރިމަތީގައި ހުރެ ޔާނީ ފަރިބަލަމުން ދިޔައިރު ޔާނީއަށް އެހެދުން ކަމުދިޔަކަން ވަރަށް ރަނގަޅަށް އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ.

ފެންވަރާ ނަލަހެދިގެން ޔާނީ ނުކުތީ ޒައިދް ދީފައިވާ ދައުވަތަށް އަތިރިމައްޗަށް ދިއުމަށެވެ. މަގުތަކުން ލާފައި ދުވަމުން ކަހަލަ ގޮތަކަށް ދިޔައިރު ޔާނީ ހީވަނީ ގަޑިޖެހިގެން އުޅޭ ހެންނެވެ. ރަށުގެ ހޭޅިފަށަށް ނުކުމެވުނު އިރު ކުރިމަތިން ފެނިގެން ދިޔަ އަޖައިބު ކުރުވަނިވި މަންޒަރުން ހިތް ފުރިގެން ބަންޑުންވި ކަހަލައެވެ. ހިނގާފައި ދާން ހަދާފައި އޮތް މަގުގެ އެއްކޮޅުން އަނެއްކޮޅަށް ވަކި ތަރުތީބަކުން ދެފަރާތުގައި ބަހައްޓާފައި ހުރި ފާނޫޒް ތަކުގެ ފަނޑު އަލީން މުޅި އަތިރި މައްޗާއި އެހިސާބު މޫދުވެސް ޖަރީވެފައި އޮތީ ހުވަފެނީ ކުރުވަމުންނެވެ. މަގުގެ ވަކި ހިސާބެއްގައި ދެމީހުނަށް ތައްޔާރު ކުރެވިފައިވާ ކެއުން ބަހައްޓާފައި ވަށް މޭޒެއް ހުރިއިރު އޭގެ މެދުގައި ބޮޑު އުއްބައްތިއެއް ރޯކޮށްފައި ހުއްޓެވެ. އެސްފިޔަ ޖަހާލަން ނޭނގިފައި ޔާނީ ހުއްޓާ ޒައިދް އަައިސް ގޮވާލުމުން ހޭވެރިކަން ވެގެން ފަހަތް ބަލާލިއެވެ.”ހައި ޒައިދް! ވަރަށް ގިނައިރުވެއްޖެތަ އައިފަހުން؟” ޔާނީ ކަންބޮޑުވެފައި ސުވާލު ކޮށްލިއިރު ޒައިދް ހުރީ އެސްފިޔަޖަހާލަން ނޭނގިފައެވެ. “ބިއުޓިފުލް” ޔާނީ އެހެދުން ލައިގެން ހުރިއިރު ފެންނަލެއް ނިކަން ހިތްގައިމެވެ. އެހެންވެ ފުރަތަމަވެސް ޒައިދަށް އެވަގުތު ތައުރީފް ކޮށްލެވުނީ ޔާނީގެ ސިފައަށެވެ. އޭނާއަށް ޔާނީ ކުރި ސުވާލު އިވުނުހެނެއް ހިއެއް ނުވެއެވެ. ދައުވަތު ޤަބޫލުކުރުމުން އެކަމަށް ޝުކުރު އަދާކޮށް ދެމީހުން  އެކުގައި މަގުންލާފައި ދިޔައެވެ. ވައިރޯޅިތައް އައިސް މޫނުގައި ބީހެމުން ދިޔައިރު ފިނި ފަސްގަނޑު މަޑުކަމުން ހިނގާކަށް ފަސޭހައެއް ނުވިއެވެ. އެކަމަކު ދެމީހުންވެސް ހިތްވަރާއެކު މަންޒިލާ ހަމައަށް ދެވެންދެން ނުހުއްޓި ހިނގަމުން ގޮސް މޭޒާ އަރާ ހަމަވުމުން ޒައިދް ޔާނީއަށް އިށީންނަން ގޮނޑި ދުރުކޮށްދިނުމުން ހީލާފައި ޔާނީ ގޮނޑީގައި އިށީނެވެ.

ޔާނީ އެއްޗެކޭ ނުބުނެ އިނުމުން ޒައިދް ވާހަކަ ދައްކަން ފެށީ ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމަށް ނިމުމެއް ގެނުވަމުންނެވެ. ޒައިދް މިދިން ދައުވަތުގެ ފަހަތުގައިވަނީ ކޮން ސިއްރެއްތޯ އޮޅުންފިލުވަން ޔާނީ އިނީ އިންތިހާއަށް ބޭނުންވެފައެވެ. މިފަދަ ގޮތަކަށް ދެމީހުން އެކަނި ބައްދަލުކޮށްލަން ޒައިދް ބޭނުންވި ސަބަބަކަށްވީ ޔާނީ އާއި ވާހަކަ ދައްކާލުމަށް ކަމަށް އޭނާ ބުނުމުން ޔާނީ ލާން އުޅުނު ނޭވާވެސް ތާށިވިހެން ހީވިއެވެ. ޒައިދް ދައްކަން އެއުޅެނީ ކޮން ވާހަކައެއް ބާއޭ ޔާނީ އޭނާގެ ހިތާ ސުވާލު ކުރަމުން ދިޔައެވެ. “ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އަހަރެމެން ދެމީހުންގެ ދެމެދުގައި ވަރަށް ގިނަ ކަންތައްތަކެއް ވަނީ ހިނގާފަ. މިހާރު އަހަރެމެން ދެމީހުންނަކީ އެކުވެރިންނަށް މިވަނީވެފަ. އެހެންވެ އަހަރެން ހިތަށް އެރީ މިކަން ފާހަގަ ކޮށްލަން ޔާނީއަށް  ޑިނަރ އެއް ދޭނީއޭ. ދެން ޔާނީ ބޭނުމިއްޔާ މިއަށް ޑޭޓެކޭވެސް ކިއެދާނެ” ޒައިދްގެ އަޑުގައިވި މަސްތީކަމުން ޔާނީގެ ހިތް އެދުނީ އިރު އަރަންދެންވެސް އެއަޑު އަހަން އިނުމަށެވެ. ދަތްދޮޅީގައި އަތް ވިއްދާލައިގެން އިނދެ ޔާނީ ބަލަމުން ދިޔައީ ޒައިދްގެ ދެލޮލަށެވެ. ހީވީ ކުރިމަތިން ފެންނަމުން ދިޔައީ ދުވަހަކުވެސް ބަލާ ފޫހި ނުވާނެ މަންޒަރެއް ހެނެވެ. ޔާނީ އެއްވެސް އެއްޗެކޭ ނުބުނެ މަންމަން ވެފައި އިނުމުން ޒައިދް ޔާނީގެ ކުރިމަތީގައި ފުއްޓަތްކެއް ޖަހާލިއެވެ. އެއަޑަށް ސިހިގެން މޭޒުގައި ވިއްދާފައި އިން ޔާނީގެ އަތް ނެއްޓުނުތަން ފެނިފައި ޒައިދަށް ހެވުނެވެ. މިކަމާ ޔާނީ ކުޑަކޮށް ލަދުވެސް ގަތެވެ. އެހެނަސް އެކަން ފޮރުވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ.

އަތިރިމަތީގައި ކޭންޑްލް ނައިޓް ޑިނަރ ނިމިގެން ދިޔައިރު ދެމީހުންގެ ގުޅުންވަނީ ކުރިއަށްވުރެ ބޮޑަށް ބަދަހިވެފައެވެ. ޔާނީވެސް މިހާރު ހަމައަކަށް އެޅި އިސްނަގާ ޒައިދް އާއި ވާހަކަ ދައްކާ ހަދައެވެ. މިއީ އެގުޅުމަށް އެޅުނު ހެޔޮ ފާލެއް ކަމަށް ޒައިދްއަށް ގަބޫލު ކުރެވުނެވެ. ޒައިދް އުޅެނީ ޔާނީގެ ކޮޓަރިއާއި ޖެހިގެން ހުންނަ ކޮޓަރީގައިކަމުން އޭނާވެސް ޔާނީއާއި އެކުގައި ދިޔައެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ކޮޓަރި ދޮރުމަތީގައި ތިބެފައި ދެމީހުންވެސް ނިދުމަށްޓަކައި ކޮޓަރިއަށް ވަނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.