ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ޖޫން 18، 2015 ގެ ބަޔާ ގުޅޭ]

އިރުކޮޅަކު ވާހަކަ ދައްކާލަން ކޮޓަރި ދޮރުމަތީގައި ތިބެފައި ދެމީހުންވެސް ނިދުމަށްޓަކައި ކޮޓަރިއަށް ވަނެވެ. ފާހާނާއަށް ވަދެ ތާޒާ ވެލައިގެން ނުކުމެ ޓީޝާޓް ބޮލުން މަހާލުމަށްފަހު ޒައިދް އެނދުގައި އޮށޯވެލީ މިރޭ ލިބިގެންދިޔަ ހިތްހަމަޖެހުމުގެ ސަބަބުން ފަސޭހައިން ނިދޭނެކަމުގެ އުއްމީދުގައެވެ. އެކަމަކު ނިދުމުގެކުރިން އަދި އެއްފަހަރު ޔާނީއާއި ވާހަކަ ދައްކާލުމަށް ހިތްއެދި ގޮވަނީއެވެ. ފޯން ނަގާ މެސެޖް ބަޔަށްގޮސް މެސެޖެއް ލިޔެލާ ޔާނީގެ ނަންބަރަށް ފޮނުވާލީ ޔާނީ ހޭލާ އުޅޭނެކަން އެނގިހުރެއެއް ނޫނެެވެ. މުޅި މޫނާއި ބޮލާއެއްކޮށް ބްލޭންކެޓް އަޅައިގެން އޮތް ޔާނީ ބްލޭންކެޓްގެ ތެރެއިން ބޯހިއްލާލީ ފޯނަށް މެސެޖެއް އައި އަޑަށެވެ. ނިދަން އިންތިހާއަށް ބޭނުންވެފައި އޮތުމުގެ ސަބަބުން ލޯނުހުޅުވާ ޔާނީ މެލީ ފޯނު އަތުޖެހޭތޯއެވެ. މަސައްކަތް ކާމިޔާބުވެ ފޯނު އަތުޖެހުމުން ޔާނީ ފޯނު ނަގާ ސްކްރީނަށް ބަލައިލިއިރު މެސެޖް ކޮށްފައި އޮތީ ޒައިދެވެ. ބޮލުގައި އަޅާފައި އޮތް ބްލޭންކެޓް ނަގައި ފުންމައިގެން މީހާ ކޮޅަށް ޖެހުނީ ހީވެސް ނުކުރާހާ އަވަހަށެވެ. ބަލާބެލުމަށް ޔާނީއަކީ މީގެ ކުޑައިރުކޮޅެއް ކުރިން ނިދާފައި އޮތް މީހެކޭ ބުނަންވެސް ދައްޗެވެ. ޒައިދްގެ މެސެޖްގައި ވަނީ “ނިދީތަ؟” މިހެންނެވެ. ހެވިފައި އިނދެ ޔާނީ ނޫނެކޭ ބުނެ ޒައިދަށް ރިޕްލައި ކޮށްލިއިރު އޭނާގެ މޫނުމަތިން ނިދީގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ. ހީވަނީ ފަތިހަށް ފަރިވެ ފޮޅިފައިވާ މަލެއް ހެނެވެ. އެހާވެސް އުޖާލާއެވެ.

ޔާނީގެ ޖަވާބެއް ލިބޭތޯ އިރުއިރުކޮޅަކާ ފޯނަށް ބަލަބަލާ އޮތް ޒައިދްގެ އިންތިޒާރުގެ ނިމުން އައީ ޔާނީގެ މެސެޖާއެކުގައެވެ. ޔާނީ ނުނިދަމޭ ބުނުމުން ދެން ޒައިދް ޔާނީ ގާތުން އެދުނީ އޭނާ ގުޅިޔަސް އެންމެ ރަނގަޅު ހެއްޔެވެ؟ ޔާނީގެ އަޑު ކަންފަތުގައި ނުޖެހެންޏާ ނިންޖަކީ ޒައިދްއާއި މުޅިން ބީރައްޓެހި އެއްޗަކަށް މިހާރުވަނީ ވެފައެވެ. ޒައިދްގެ ހަށީގަ ފުރާނަވާ ފަދައިން އެހިތުގެ ތެޅުމަކީ މިއަދު ޔާނީއެވެ. ޒައިދަށް ނޭނގުނު ކަމުގައިވިޔަސް އޭނާގެ މާޒީގައިވެސް އަދި މުސްތަޤުބަލުގައިވެސް ލިޔެވިފައިވަނީ ޔާނީގެ ނަމެވެ. މިފަހަރު ޒައިދް ކުރި ސުވާލުން ޔާނީގެ ނޭވާ އަވަސްވެ ދޭނެ ޖަވާބެއް ނޭނގިފައި އެތަށް އިރަކު އިނުމަށްފަހު މެސެޖް ލިޔުމަށް ފޯނު ހުޅުވާލުމާއެކު ޒައިދް ގުޅަން ފެށިއެވެ. ޔާނީގެ އަތްފައި ފިނިވެ އަނގަޔަށް އިނގިލި ލައިގެން ހުރެ ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔައީ ފޯން ނަގާނީތޯ ނޫނީ ނުނަގާނީތޯ ވިސްނަމުންނެވެ. އެންމެފަހުން އެހެން ހުއްޓައި ފޯނު ކެނޑުމުން ޔާނީ ވަރަށް ދެރަވެއްޖެއެވެ. އަނބުރާ ގުޅާކަށްވެސް އޭނައަކަށް ނުކެރުނެވެ. ޔާނީ ފޯނު ނުނެގުމުން ޔާނީ ވަރަށް މާޔޫސްވެ ހިތަށް އުނދަގޫވާން ފެށިއެވެ. ޔާނީ ނިދީބާއޭ ހިތަށް އަރައި ދެވަނަ ފަހަރަށް ގުޅަން އުޅެފައިވެސް ޒައިދް ފޯނު ބޭއްވިއެވެ.

މެންދަން ދެބައިވާން ދިޔައިރުވެސް ދެމީހުންކުރެ އެކަކަށްވެސް ހަމަ ނިންޖެއް ނުލިބުނެވެ. ޒައިދްގެ ހިތުގެ ހަމަޖެހުމަކީ ޔާނީ ކަމަށް ވީއިރު ޔާނީގެ އުފަލަކީވެސް ހަމަ ޒައިދެވެ. ޒައިދް ޔާނީ ދެކެ އިންތިހާއަށް ލޯބިވިނަމަވެސް އަދި އެލޯބި ޔާނީގެ ކުރިމަތީ ހާމކުރަން ޒައިދްގެ ހިތް އުޒުރުވެރިވަނީއެވެ. ޔާނީ ދޭނެ ޖަވާބަކާ ދޭތެރޭ ވިސްނާފައެވެ. ޒައިދް އެހަށް ބޭނުންވީ ޔާނީ އޭނާއާއި ދޭތެރޭ ދެކޭ ގޮތް ބަލާށެވެ. ނިދޭގޮތް ނުވުމުން ޒައިދް އެނދުން ތެދުވެގެން ގޮސް ދަބަހުން ލެޕްޓޮޕް ނަގައި އެހުޅުވާލިއެވެ. ފޮޓޯޝޫޓްގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް ބަލަމުން ދަނިކޮށް ޔާނީގެ ފޮޓޯއެއް ފެނުމުން ހުރިހާ ކަމެއް ހަނދާންނެތި އެފުން ލޮލުގެ ތެރެއަށް ޒައިދް ގެނބިގެން ދިޔައެވެ. ޔާނީގެ ޖާދޫގައި ޖެހި ޖަޒުބާތުގައި ހިތް އޮޔާ ބެހިގެން ދިޔައެވެ. ފުން ހިޔާލުތަކުތެރޭ ގެނބިފައި އިން ޒައިދް ހޭވެރިކަންވީ ފޯނު ވައިބްރޭޓް ވާން ފެށުމުންނެވެ. ސްކްރީނުން ޔާނީގެ ނަން ފެނިފައި ހުރިހާ މާޔޫސްކަމެއް އެއްފަހަރާ ފިލައިގެން ދިޔަ ކަހަލައެވެ. އެއްފަހަރު ރިންގް ވާއިރަށް ފޯނުނަގާ ހަލޯއޭ ބުނެލިއިރު އޭނާގެ ހިތުގެ ތެޅުންވަނީ އަވަސްވެފައެވެ. ޒައިދްގެ ކަންފަތުގައި ޖެހުމާއެކު ޔާނީގެ ހަށިގަނޑުގައި ހީވީ ކަރަންޓް ބާނިތަކެއް ދައުރުކޮށްލިހެނެވެ. ހުރިހާ އިސްތަށިތަކެއް ކޮޅަށްޖެހި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ޒައިދް ދެތިންފަހަރަކު ހަލޯއޭ ބުނުމުން ވަރަށް އުނދަގުލުން ޔާނީގެ އަޑު ބޭރުވިއެވެ. “ސޮރީ މިހާ ލަސްވެފައި ހުއްޓައި ގުޅުނީމަ” ދައްކާނެ ވާހަކައެއް ނޭނގިގެން ޔާނީއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. “އިޓްސް އޯކޭ! އެހެންނޫނަސް ޔާނީ ސޮރީ ބުނާކަށް ނުޖެހޭނެއެއްނު، ފުރަތަމަ ގުޅި އަހަރެންނެއްނު. ޔާނީ ފޯނު ނުނެގީމަ އަހަރެން ހީކުރީ ނިދީކަމަށް. އެހެން ދެން ނުގުޅީ” ޔާނީގެ ވާހަކައާއި ގުޅުވާލާފައި ޒައިދް ވާހަކަ ދައްކަން ފެށިއިރު އިރުއަރަންދެން ފޯންކޯލް ދިގުދެމިގެން ދާނެކަމަކަށް ދެމީހުންކުރެ އެކަކުވެސް ހިޔެއްނުކުރެއެވެ. ޒައިދްގެ ހަޔާތުގެ ލޯބީގެ ސަފްހާތަކުގެ ތެރެއަށް މުޅިން އާ ސަފްހާއެއް މިރޭ އިތުރުވެގެން ދިޔައިރު ޔާނީގެ ހިތުންވެސް ޒައިދަށް ޖާގައެއްވަނީ ދެވިފައެވެ. އެހެނަސް އެއީ ލޯބިކަމެއް ޔާނީއަކަށް ހިލަމެއް ނުވެއެވެ. ޔާނީއަށް އިނގޭހާވެސް އެއްޗަކީ ޒައިދްއާއި ވާހަކަ ދެއްކުމުން އޭނާގެ ހިތްއުފާވާ ކަމަށާއި އޭނާ ދެލޯ ހޯދުމަށް އެދޭ ސޫރައަކީ އެއީ ކަމެވެ. ޖަޒްބާތުގެ އޮއިވަރުގައިޖެހި ދެމީހުންގެ ނަޒަރު ސީދާވާ ކޮންމެފަހަރަކު ސިއްރުން ހަބަރު ދެވެމުން ދިޔައެވެ. ޔާނީއަށް ނޭގިނަމަވެސް މިވަނީ ޒައިދްގެ ހިތް އަތުލެވިފައިކަމުން ރޭދުވާ ހޭދަވެގެން ދަނީ ހަމައެކަނި ޔާނީގެ ހިޔާލުތަކުތެރެއެވެ.

ޗުއްޓީ ނިންމާލުމަށްފަހު މިއަދަކީ ޝިވަމް އޮފީހަށް ނުކުންނަ ދުވަސްކަމުން މިޝްކާ ވަރަށް ހެނދުނާ ތެދުވެ ޝިވަމް އޮފީހަށް ދާން ލާގަމީހާއި އެހެނިހެން ތަކެތި ތައްޔާރުކޮށްލިއެވެ. ސައި ތައްޔާރުކުރުމަށްޓަކައި މިޝްކާ ބޭރަށް ނުކުތްއިރު އޭނާގެ މަންމަ ޒާހިޔާ ހުރީ ރޮށިފިހާށެވެ. މިޝްކާ ފެނުމުން އެހާ ހެނދުނާ ހޭލާ ތިއުޅެނީ ކީއްވެތޯ ޒާހިޔާ ސުވާލު ކުރުމުން މިޝްކާ ޖަވާބުގައި ބުނީ އެއީ މިއަދަކީ ޝިވަމް އޮފީހަށްދާ ދުވަހަށް ވުމުން ކަމަށެވެ. ފަސްމަހުގެ ބަނޑާއެކު މިޝްކާއަށްވެސް ވަނީ ވަރަށް ބަދަލު އައިސްފައެވެ. މިޝްކާ ބަނޑުބޮޑުވިފަހުން ހޮޑުލެވޭތީ ބައެއްފަހަރު އެހާ ރަނގަޅަކަށް ނުކެވެއެވެ. ވަހެއް ޖެހުނަސް ހުންނަނީ މޭނުބައިކޮށްފައެވެ. ކާން ހަމައެކަނި ބޭނުންވާ އެއްޗަކީ ކޮންމވެސް ކަހަލަ ހުތް ނޫނީ ކުޅި އެއްޗެކެެވެ. މިއީ މާބަނޑު ދުވަސްވަރުގެ އާކޮޅު ކަމަށްވެފައި އަދި މިޝްކާގެ އަލަތު ދަރުފުޅަށް ބަލިވެއިން ފަހަރަށް ވުމުން ޑޮކްޓަރުންވެސް ލަފާ ދީފައިވަނީ ގިނަވަގުތު އަރާމް ކުރުމަށެވެ. ފޯނު އެލާމުވާ އަޑަށް ޝިވަމްއަށް ހޭލެވުމުން ލޯހުޅުވާ ބަލާލިއިރު މިޝްކާ ފެންނާކަށް ނެތެވެ. އެނދުމަތީގައި ބާއްވާފައި އޮތް އޭނާގެ އޮފީސް ގަމީހާއި ވޮލެޓް އަދި ލެޕްޓޮޕް ދަބަސް ފެނިފައި މިޝްކާ ހޭލާ އުޅޭކަން ޝިވަމްއަށް ޔަޤީން ވިއެވެ. އޮފީހަށް ދާގަޑިޖެހެން މާގިނަ ވަގުތު ނެތުމުން ޝިވަމް ތެދުވެ ފާހާނާއަށް ވަދެ ފެންވަރާލައިގެން ނުކުމެ ތައްޔާރުވެލިއެވެ. އަޅިކުލައިގެ ގަމީހާއެކު ކަޅު ޓައީ އަކާއި ކަޅު ފަޓްލޫމެއް ލައިގެން ހުރިއިރު އޭނާގެ ރީތިކަން އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އަތުކުރިގަޑި އަޅާ ބޮލުގެ އިސްތަށިގަނޑުގައި ފުނާއަޅާ ތަތްކޮށްލާފައި ހުރިއިރު އަންހެންކުދިން ހިތްކިޔާފަދަ ގޮތެއް އޭނާގެ ކިބައިން ފެންނަން ހުއްޓެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.