ބ. އަތޮޅުގެ ރަށްރަށުން ދުވާލެއްގެ މައްޗަށް ހާހަކަށްވުރެ ގިނަ ކުރުނބާ އަތޮޅުގެ ބައެއް ރަށްރަށަށާއި މާލެއަށް ސަޕްލައި ކުރެވޭކަމަށް މިއަތޮޅުގައި ކުރުނބާ ވިއްކާ ތިންރަށެއްގެ ވިޔަފާރިވެރިން ބުނެފި އެވެ.
މި އަތޮޅުގައި ކުރުނބާ އާންމުގޮތެއްގައި ގިނައިން ހައްދާއުޅޭ ކެންދު، ކަމަދޫ އަދި މާޅޮހުގެ ކުރުބާ ވިޔަފާރިކުރާ ފަރާތްތަކުން ބުނީ މިދިޔަ ދެތިންދުވަހު އެ ރަށްރަށުން ދުވާލެއްގެ މައްޗަށް 300-500 އާ ދެމެދުގެ އަދަދަކަށް ކުރުބާ އަތޮޅުތެރެއާއި މާލެހިމެނޭގޮތަށް ބޭރުކުރެވޭ ކަމަށެވެ.
އެފަރާތްތަކުން ބުނިގޮތުގައި އަތޮޅުގެ މައި ވިޔަފާރި މަރުކަޒު އޭދަފުށީގައި މިވަގުތު ކުރުނބާގެ އަގުތައް ހުރީ -/15ރ އިން މަތީގެ އަގުތަކުގަ އެވެ.
މާޅޮހުން ވާހަކަދެއްކި ކުރުނބާ ވިޔަފާރިވެރިއަކު ބުނީ ރޯދަމަހުގެ ފުރަތަމަ ދިހައެއް ނިމެންދެން ދުވާލަކު 500 ކުރުބާ ހަމައެކަނި އެރަށުން ބޭރުކުރެވޭނެ ކަމަށެވެ. ނަމަވެސް އެއަށްފަހު ސަޕްލައިކުރެވޭ އަދަދު ދަށްވާނެކަމަށް އޭނާ ބުންޏެވެ.
ކަމަދު އާއި ކެންދޫގެ ބައެއް ދަނޑުވެރިން ބުނި ގޮތުގައި ކުރުނބާގެ އަގުތައް އެއްހަމައެއްގައި ހިފެހެއްޓުނުނަމަވެސް ރޯދަމަހުގެ ފަހުކޮޅު ކުރުނބާ ލިބުން މަދުވާނެ އެވެ.
މިއަހަރުގެ ރަމަޟާންމަހު ގިނަ އަދަދަކަށް ބ. އަތޮޅުގެ ރަށްރަށުން ކުރުނބާ ބޭރުކުރަމުންދާއިރު، ގިނައަދަދަކަށް ކަރާހައްދާފައިވާ މިއަތޮޅު ގޮއިދޫ ކައުންސިލުން މިދިޔަ ހަފްތާ ބުނެފައިވަނީ މުޅިއަތޮޅަށް ބޭނުންވާވަރަށް އެރަށުން މިރޯދަމަހު ކަރާ ސަޕްލައި ކުރެވޭނެ ކަމަށެވެ.