ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ޖޫން 21، 2015 ގެ ބަޔާ ގުޅޭ]

އަޅިކުލައިގެ ގަމީހާއެކު ކަޅު ޓައީ އަކާއި ކަޅު ފަޓްލޫމެއް ލައިގެން ހުރިއިރު އޭނާގެ ރީތިކަން އެތަށް ގުނައަކަށް އިތުރުވެގެން ދިޔައެވެ. އަތުކުރިގަޑި އަޅާ ބޮލުގެ އިސްތަށިގަނޑުގައި ފުނާއަޅާ ތަތްކޮށްލާފައި ހުރިއިރު އަންހެންކުދިން ހިތްކިޔާފަދަ ގޮތެއް އޭނާގެ ކިބައިން ފެންނަން ހުއްޓެވެ. އިރު އޭގެ އަވިން ދުނިޔެ ހޫނުކުރަމުން ދިޔަ ހިނދު ޔާނީ ކޮޓަރިން ބޭރަށް ނުކުތީ ރޭގަ ލިބުނު އުފަލުން ހިތްހަމަޖެހުން ލިބިގަންނަމުންނެވެ. އުޖާލާ ފަތިހަކަށް މުނިޔާތަކާއި ކޮވެލިތައް ހޭލާ މިއުޒިކް ކުޅެމުން ދިޔައިރު ޔާނީގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަން އެތައް ވާހަކައެއް ބުނެދެމުން ދިޔައެވެ. ސިއްރުސިއްރުން ޔާނީގެ ހަޔާތުގައި ލޯބީގެ ސަފްހާތައް ލިޔެވެމުން ދިޔައިރު އޭގައިވަނީ ހަމަ އެންމެ ނަމެކެވެ. ރޭގަނޑުގެ ނިދި ނަގާލާ މުޅި މެންދަން ޒައިދް އާއި ވާހަކަ ދެއްކުމުގައި ހޭދަކޮށްލިއިރު ދެމީހުންގެ ހިތްވެސް އެދެމުން ދިޔައީ އެކަމަށް ނިމުމެއް ނައުމަށެވެ. ބޭރަށް ނުކުމެވުމާއެކު ޔާނީއަށް ބަލާލެވުނީ ޒައިދްގެ ކޮޓަރިއާ ދިމާލަށެވެ. ޒައިދް ކޮބައިބާވައެވެ، ޒައިދްގެ ކޮޓަރި ދޮރުގައި ޓަކިދޭން ހިތަށް އަރާފައިވެސް ޒައިދް ނިދާފައި އޮވެދާނެކަމަށް ހީކޮށް އުނދަގޫ ނުކޮށް ޔާނީ އެތަނުން ދިޔައެވެ. އާދައިގެ ހިނގުމެއްގައި ގޮސް ޔާނީ ނުކުތީ ރިސޯޓުގެ އަތިރިމައްޗަށެވެ. މާލޭގެ ހަލަބޮލި މާހައުލަށްވުރެ މިކަހަލަ ރަށެއްގެ އަތިރިމަތި އޭނާއަށް މާ ހިތްފަސޭހައެވެ. ގުދުރަތީ ރީތިކަމުން މުއްސަނދިވެފައިވާ މިމާހައުލުން ޔާނީއަށް ލިއްބައިދެމުން ދިޔަ ހިތްހަމަޖެހުމުން އެންމެ ސިކުންތެއްވެސް ގެއްލުވާލަން އޭނާ ބޭނުން ނުވުމުން ހިމުން ދޮންވެލިގަނޑުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުން އޭނާ ދިޔައީ ހުވަފެނީ ދުނިޔެއެއްގައި އުޅެވެމުން ދިޔަ ފަދަ ގޮތަކަށެވެ. ރޭގެ ހަނދާންތައް އާވުމުން އިރުއިރުކޮޅަކާ ޔާނީއަށް އެކަނި އެކަންޏާ ހެވެއެވެ. މިވަނީ ކީއްބާއޭ ހިތަށްއަރާ ކިތަންމެ ފަހަރަކު ޔާނީއަށް އަމިއްލަ ނަފްސާވެސް ސުވާލު ކުރެވުނެވެ. ވިސްނާލަން ނޭނގޭ ހިޔާލުތަކާއި ކުރެވެމުންދިޔަ އަޖައިބެއްފަދަ އިހުސާސްތަކުން މިވެވެނީ ލޯބިކަން ޔާނީއަށް ޔަޤީން ވިއެވެ.

ރޭގަ ނުނިދާ ހުރެ ޒައިދްއަށް ނިދުނީ އިރުވެސް އެރިފަހުން ކަމުން ނިދިން ހޭލެވުނު އިރު ހުރީ މެންދުރުވާން ގާތްވެފައެވެ. ހޭލެވުމާއެކު ފުރަތަމަވެސް ޒައިދަށް ބަލާލެވުނީ ފޯނަށެވެ. ޔާނީގެ މެސެޖެއް ނުވަތަ ކޯލެއް އައިސްފައި އޮތްތޯ ޗެކްކޮށްލުމަށެވެ. ނަމަވެސް ޔާނީގެ އެއްވެސް މެސެޖެއް އަދި ކޯލެއްވެސް އައިސްފައި ނެތުމުން ތެދުވެ ފެންވަރާލައިގެން ޒައިދް ނުކުތީ ޔާނީ ފެނޭތޯއެވެ. ރަށުގެ މެދާ ހަމައަށް ދެވުނުއިރު ދަތުރުގެ އެހެން ބައިވެރިންނާއެކު ޔާނީ އިށީނދެ އިންދާ ފެނުމުން ޒައިދްގެ ހިތަށް ފިނިކަމެއް ލިބުނެވެ. މަޑުކުރުމެއްނެތި ޒައިދް ވެސް ގޮސް ޔާނީމެންނާ ބައިވެރިވެ އެތަނުގައި އިށީންއިރު އެމީހުން ރާވަމުންދިޔައީ ކޮންކަމެއް ކުރުމަށް ކަމެއް ޒައިދަކަށް ހިލަމެއް ނުވެއެވެ. “އަހަރެމެން މިއުޅެނީ ފޫހިވެގެން ލަވަބާޒީ ކުޅެންވެގެން، ޒައިދްވެސް ބައިވެރިވާން ވީނު” ޒައިދް އެމީހުން ގާތަށް ދިއުމުން ދަތުރުގެ ކެމެރާމަނަކު އެމީހުން ކުރަން އުޅޭ ކަންތަކުގައި ބައިވެރިވުމަށް އެދުނެވެ. “އެއީ ތެދެއް! ޒައިދް ވަރަށް ރީތިކޮށް ލަވަ ކިޔާނެ” ޔާނީގެ މިޖުމްލައިން އެންމެންގެ ސަމާލުކަން ޔާނީއާ ދިމާލަށް ހުއްޓުނީ ޔާނީއަށް ޒައިދް އެހާ ރަނގަޅަށް އިނގުނީ ކިހިނެއްހޭ ބުނާ ފަދަ އުސޫލަކުންނެވެ. ޔާނީ މިބުނި ވާހަކައިން އެހެން އެންމެނެކޭ އެއްފަދައިން ޒައިދްއަށްވެސް ލިބުނީ ކުއްލި ޝޮކެކެވެ. މިފަދަ ވާހަކައެއް ޔާނީއާއި ހިއްސާކޮށްފައި ނުވާކަން ޒައިދަށް ޔަޤީންވި އިރު ޔާނީއަށް އެކަން އެނގުނު ގޮތަކާމެދު ޒައިދްގެ ހިތުގައި ސުވާލު އުފެދުނެވެ.

ބުނެވުނު ވާހަކައިން އެންމެންގެ ތެރޭގައި ޔާނީވެސް އިނީ އިތުރަށް އެއްޗެކޭ ބުނަން ނުކެރިފައެވެ. އޭނާއަށް އެހެން ބުނެވުނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގުނެވެ. ޒައިދްގެ އެފަދަ ހުނަރެއް ހުންނަކަން ޔާނީއަށް އެނގެންވީ ސަބަބެއް އޮވެދާނެ ކަމަށް ޤަބޫލުކުރާކަށް އޭނާގެ ސިކުނޑި ތައްޔާރެއް ނޫނެވެ.

“އަހަރެންނަށް މިބުނެވުނީ ކީކޭ؟ ޒައިދް ލަވަކިޔާ އުޅޭކަމެއް އަހަންނަށް އެނގުނީ ކިހިނެއް..؟ ކިހިނެއް؟” އެތަށް ސުވާލުތެއް އަމިއްލަ ނަފްސާ ޔާނީ ކުރަމުން ދަނިކޮށް ތަނަށް ވެރިވެފައިވާ ހިމޭންކަން އެއްލުވާލީ ދަތުރުގެ ބައިވެރިއެކެވެ. އޭނާވެސް ބުނަމުން ދިޔައީ ހަމަ އެއް ވާހަކައެކެވެ. ޔާނީއަށް އެހާ ރަނގަޅަށް ޒައިދް އެނގުނު ގޮތެވެ. ބުނާނެ އެއްޗެއް ނޭނގިގެން ޔާނީ އެތަނުން ދިޔައިރު މީހަކު އޭނާއަށް ލަވަކިޔައިދެމުން ދިޔަ ފަދަ މަންޒަރުތަކެއް އޭނާގެ ލޯމަތީގައި ސިފަވަމުން ދިޔައެވެ. ނަމަވެސް އެއީ ކާކުކަމެއް ސާފުވާ ވަރެއް ނުވިއެވެ. ޔާނީ އެތަނުން ދިއުމުން އޭނާގެ ފަހަތުން ޒައިދްވެސް ތެދުވެގެން ގޮސް އޮބާލައިފިއެވެ. ރޮމުން ރޮމުން ގޮސް ޔާނީ ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލުމުން ޒައިދް ބޭރުގައި ހުރެ ދޮރުގައި ތަޅަމުން އެތަށް ފަހަރަކު ޔާނީއަށް ގޮވާ އޭނާއާއި ވާހަކަ ދެއްކުމަށް އެދެމުން ދިޔައެވެ. އެހެނަސް އެވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކާކަށް ޔާނީ ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވީ އެކަނިވެލާށެވެ. ތަކުރާރުކޮށް ގޮވުމުންވެސް ޔާނީގެ ފަރާތުން ޖަވާބެއް ނުލިބުމުން ގުޅައިގެންވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވުމުން ޒައިދް މާޔޫންވެގެން އެތަނުގައި މަޑުނުކޮށް ދިޔައެވެ. ޒައިދްގެ އަޑު ކެނޑުމުން ޔާނީ ތެދުވެ މަޑުމަޑުން ދޮރުފޮތިގަނޑު ކަހާލާ ބޭރުބަލާލީ އެތަނުން ޒައިދް ފެނޭތޯއެވެ.

ކުރަން އައި މަސައްކަތް ނިމި ޔާނީމެން އެނބުރި މާލެދާން ހުރިހާ ކަމެއް ތައްޔާރުވެފައި ވަނިކޮށް ލޯންޗްގެ އިންޖީނަށް ޖެހުނު މައްސަލައަކާ ގުޅިގެން އެ ހެދެންދެން ޔާނީމެންނަށް އެރިސޯޓުގައި އިރު އެއްދުވަސް މަޑުކުރަން ޖެހުނެވެ. މާލެދާން ބެނުންވެފައި ހުރި ޔާނީއަށް މިހަބަރު އިވިފައި އިތުރަށް މާޔޫސްވިއެވެ. އެކަމަކު ޔާނީއާއި ވާހަކަ ދައްކަން އިތުރު ފުރުސަތެއް މިކަމުގެ ސަބަބުން ފަހިވުމުން ޒައިދް ނިންމީ އެއީ ރަނގަޅަކަށް ވީކަމެއް ކަމަށެވެ. ފޫހިވެފައި އިނދެ ޔާނީ އިންތިޒާރުކުރަމުން ދިޔައީ މާލެ ދެވޭނެ ވަގުތަކަށެވެ. މީގެ ކުރިން އެތަނުން ދާން ބޭނުންނުވި ނަމަވެސް ހިނގައި މިދިޔަ ކަންތައްތަކުން ޔާނީގެ ސިކުނޑިއަށް އުދަނގޫކުރަން ފެށުމުން އެތަނުގައި މަޑުކުރުން ވީ ޔާނީއަށް ބޮޑު ބޮލުގަ ރިހުމަކަށެވެ. ރަށުތެރޭގައި ހިނގާލާފައި ކޮޓަރިއާ ދިމާލަށް އައި އިރު ކޮޓަރީގެ ބޭރުގައި ދެލޯމަރާލައިގެން އިން ޔާނީ ފެނިފައި ޒައިދް ހުއްޓުން އަރާ އެމޫނަށް ބަލަން ހުރެވުނެވެ. އެހެން ދުވަސްތަކާއި ހިލާފަށް މިއަދު އެމައުސޫމް މޫނުގައިވާ ނުތަނަވަސްކަމާއި ކަންބޮޑުވުން ޒައިދް ވަރަށް ރަނގަޅަށް ދެނެގަތެވެ. މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ޒައިދް ވަރަށް ރަނގަޅަށް ދަސްކޮށްފައިވާކަން އޭގެން ދޭހަވިއެވެ. އަބަދުހެން ރީއްޗަށް ފުނާއަޅާ އައްސާފައި ހުންނަ ދިގު އިސްތަށިގަނޑު މިއަދު އެވަނީ އެއްވެސް ތަރުތީބެއް ނެތި ދޫކޮށްލެވިފައެވެ. އެހެން ދުވަހަށް އެމޫނުގައިވާ އުފާވެރިކަން އެއްކޮށްހެން މިއަދު ވަނީ ގެއްލިގެން ގޮސްފައެވެ. ބޭނުންވީ އޭނާގެ ދެއަތުން ޔާނީގެ ހަށިގަނޑު ވަށާލާ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނެ އެހިތުން ހުރިހާ ނުތަނަވަސްކަމެއް ފިލުވާލާށެވެ. ޔާނީ އެއްވެސް ކަމަކާ ވިސްނާ ފިކުރު ކުރާކަށް ޒައިދް ބޭނުމެއް ނޫނެވެ. ބަދަލުގައި އޭނާ ބޭނުންވަނީ އެލޯބިލޯބި ހިނިތުންވުމެވެ.

ހިތަށް ކެތްނުކުރެވިގެން ޔާނީގެ ގާތަށް ގޮސް އެމަޑުމަޑު އަތްތިލަ މަތީ ޒައިދްގެ އަތް ބާއްވާލުމާއެކު ޔާނީ ސިހިފައި ދެލޯ ހުޅުވާ ބޮޑުކޮށްލީ ބިރެއް ފެނިގެން އުޅޭހެންނެވެ. ޒައިދް ފެނުމާއެކު އެތަނުން ދާން ޔާނީ ތެދުވުމުން ޒައިދް އެކަމަށް ހުރަސް އަޅާ ޔާނީ ހުއްޓުވިއެވެ. “ކީއްވެތަ އަހަރެންނާ ވާހަކަ ނުދައްކަން ތިއުޅެނީ؟ ބުނެބަލަ، އަހަންނަށް ޔާނީ ހިތްހަމަ ނުޖެހޭ ކަހަލަ އެއްޗެކޭ ބުނެވުނީތަ؟ މިއަދު ހެނދުނު ވީކަމަކުން ޔާނީ އަހަންނާ ވާހަކަ ނުދައްކާ ހުންނަން ޖެހޭނެކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން” ޒައިދް އަނެއްކާވެސް މަސައްކަތް ކުރީ ޔާނީ އޭނާ އާއި ވާހަކަ ދައްކާތޯއެވެ. “ޒައިދް ޕްލީޒް، އަހަރެން ބޭނުމެއް ނޫން ތިކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށް” ޔާނީގެ އަޑު ބެދެމުން ދިޔައިރު އޭނާ ހުރީ ރޮވެން ކައިރިވެފައެވެ. ޔާނީގެ ލޮލުގައިވި ކަރުނަތައް ފެނިފައި ޒައިދްގެ ހިތް ވިރިގެން ދިޔަ ފަދައެވެ. ޒައިދް ޔާނީ ދެކެ ވާލޯތްބެއްގެ ބޮޑުކަމުން ކަންވެސް ނޭނގެއެވެ. އެހެންވެ ޒައިދް ޔާނީގެ ކުރިމަތިން އެއްފަރާތަށް ޖެހި ދިއުމަށް ތަންދެއްކުމުން ވައިސޫރިއެއް ފަދައިން ނުހަނު އަވަހަށް ޔާނީ ޒައިދްގެ ކުރިމަތިން ދިޔައެވެ. ހިތަށް ކޮށްފައިވާ އަސަރު ދުލުން ބަޔާންކުރަން ދަތިވުމުން ގޮށްމުށުން ޒައިދަށް ޖެހުނީ ކުރިމަތީީ ހުރި ފާރުގައެވެ. ކިތަންމެ ތަދުވި ނަމަވެސް ހިތުގައި ލާފައިވާ ޒަހަމްތަކުގެ ކުރިމަތީގައި އެތަދު މާކުޑައެވެ.

ރޭގަނޑުގެ އަނދިރިކަމުން މުޅިކައުނު އަނދިރިކޮށްފައި ވީއިރު ސާދަވިލޭރޭގެ ހަނދުގެ އަލިކަމުން ރޭގަނޑު އިތުރަށް ފުރިހަމަ ކޮށްދިނެވެ. އެކަމަކު މީގެ އެއްވެސް ކަމަކުން ޒައިދްގެ ހިތަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ހައްލެއް ހޯދުމަށް ކުރެވުވުނު ހުރިހާ ކަމެއް ފެނަށްވެ ގޮތް ހުސްވާ ހިސާބަށް ދިއުމުން އެހީއަކަށް އެދި ގުޅާލީ އެންމެ ގާތް އެކުވެރިޔާ ޝިވަމް އަށެވެ. ޝިވަމްއަކީ ކޮންމެ ކަމެއްގައިވެސް ޒައިދްއަށް އެހީތެރިވާ މީހެއް ކަމުން މިފަހަރުވެސް އޭނާ މިކަމަށް ހައްލެއް ހޯދަދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ޒައިދަށް އޮތެވެ. ޝިވަމް ފޯނު ނެގުމާއެކު ޒައިދް ވެގެން އުޅޭގޮތް ކިޔައިދޭން ފެށުމުން އިތުރު ސުވާލެއް ނުކޮށް ޝިވަމް ދިޔައީ ޒައިދްގެ ހުރިހާ ވާހަކައަކަށް ވަރަށް ކަނުލައި އަޑުއަހަމުންނެވެ. ޒައިދް ވީގޮތް ކިޔައިދީ ނިމުމުން ޔާނީގެ މާޒީގެ ހަނދާންތައް އާލާވަމުން އަންނަކަން ޤަބޫލުކުރެވި ޝިވަމް އެކަމާ ﷲގެ ހަޟްރަތަށް ޝުކުރު އަދާކުރިއެވެ. އެހެންވެ ޝިވަމް ޒައިދަށް ލަފާ ދިނީ އަދިވެސް އިތުރަށް ޔާނީ އާއި ވާހަކަ ދެއްކެތޯ މަސައްކަތް ކުރުމަށެވެ. ކާމިޔާބު ވަންދެނެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.