މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބުނު ފައިދާއިން ހިއްސާއަކަށް 26 ރުފިޔާ ބަހަން ބޯޑުން ނިންމައިފި އެވެ.
ބީއެމްއެލްގެ ބޯޑުގެ ނިންމުމާ މެދު ގޮތެއް ކަނޑައަޅާނީ މި އަހަރު ބާއްވާ އަހަރީ އާންމު ޖަލްސާގަ އެވެ. މިދިޔަ އަހަރުގެ ފައިދާއިން 139 މިލިއަން ރުފިޔާ ބަހަން ވަނީ ކަނޑަައަޅައިފަ އެވެ. ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި މިހާތަނަށް އިއުލާނެއް ނުކުރެ އެވެ.
މިއީ މިދިޔަ އަހަރާ އަޅާބަލާ އިރު 8.3 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިއީ މިހާތަނަށް އެބޭންކުން ބަހާ އެންމެ ބޮޑު ޑިވިޑެންޑެވެ. މިދިޔަ އަހަރު ބީއެމްއެލުން ހިއްސާދާރުންނަށް ބެހީ 129 މިލިއަން ރުފިޔާ އެވެ. އެެއީ ހިއްސާއަކަށް 24 ރުފިޔާ އެވެ.
ބީއެމްއެލްގެ 62.2 ޕަސެންޓު ހިއްސާ އަކީ ސަރުކާރެވެ. އަދި 4.1 ޕަސެންޓް ހިއްސާކުރަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުންނެވެ. ބާކީ 33.7 ޕަސެންޓަކީ އާންމު ހިއްސާދާރުންނެވެ. އެހެންވެ ހިއްސާގެ ފައިދާގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއް ލިބޭނީ ސަރުކާރަށެވެ.