ބީއެމްއެލްއިން ބައި ލައްކަ ރުފިޔާގެ ލުއި ލޯނު ތައާރަފުކޮށްފި

ލުއި އެކްސްޕްރެސް ލޯނު ތަޢާރަފް ކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސް ކޮންފަރެންސްގައި ބޭންކުގެ މާކެޓިންގ ޑިޕާޓްމެންޓުން ނޫސްވެރިންނަށް މަޢުލޫމާތު ދެނީ. — ފޮޓޯ: ބީއެމްއެލް

ލުއި އެކްސްޕްރެސްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް އިން އައު ލޯން ސްކީމެއް ތަޢާރަފް ކޮށްފި އެވެ.

ދަރުބާރުގޭގައި ކުރިއަށްދާ “މަސީ ބިލްޑް އެކްސްޕޯ” ގައި އިއްޔެ “ލުއި އެކްސްޕްރެސް” ލޯންޗް ކުރުމަށްފަހު ބީއެމްއެލް އިން ބުނިގޮތުގައި މި ލޯނު ނަގަން ރަހުނެއް ބަހައްޓަން ނުޖެހޭއިރު ގެރެންޓީ ދޭނެ ފަރާތެއް ވެސް ބޭނުމެއް ނުވެ އެވެ. ނަމަވެސް ލޯނުގެ އަދަދާއި ލޯނަށް އަނބުރާ ފައިސާ ދެއްކުމުގެ މުއްދަތު ކަނޑައެޅިގެން ދާނީ އެ މުވައްޒަފަކަށް ލިބޭ އެވްރެޖް މުސާރައަށް ބިނާކުރެވިގެން ކަމަށް ބޭންކުން މައުލޫމާތު ދިނެވެ.

ކޮންމެ މަހެއްގެ މުސާރައިން ލޯން ރިޕޭމަންޓްގެ އަދަދު ކެނޑިގެންދާގޮތަށް ހަމަޖެހިފައިވާ މި ލޯން ސްކީމްގެ ދަށުން 20,000 ރުފިޔާއިން ފެށިގެން 50,000 ރުފިޔާ އާއި ހަމައަށް ލޯން ދޫކުރެވޭނެއެވެ.

ލުއި އެކްސްޕްރެސް ލޯނު ބެހިގެންވާ ބައިތަކަށް ބަލާއިރު މަދުވެގެން 20،000ރ. ގެ ލޯނެއް ނަގާ ފަރާތެއް ނަމަ އެ މީހަކަށް މަހަކު 4،000ރ. މުސާރައެއް ލިބެން ޖެހެ އެވެ. އަދި މި ލޯނު ދައްކާއިރު މަހަކު ދައްކަން ޖެހެނީ 600ރ. އެވެ. އަދި މަދުވެގެން 30،000ރ. ގެ ލޯނު ލިބެނީ 6،000ރ. ގެ މުސާރައެއް ލިބޭ ފަރާތްތަކަށެވެ. މި ލޯނަށް ދައްކަން ޖެހެނީ މަހަކު 900ރ. އެވެ. އަދި 40،000ރ. ގެ ލޯނު ލިބެނީ 8،000ރ. ގެ މުސާރައެއް ލިބޭ ފަރާތްތަކަށެވެ. މި ލޯނު ދައްކާއިރު ދައްކަން ޖެހެނީ 1،200ރ. އެވެ. އަދި 50،000ރ. ލޯނު ލިބެނީ މަދުވެގެން މަހަކު 10،000ރ. ގެ މުސާރައެއް ލިބޭ ފަރާތްތަކަށެވެ. މި ލޯނުގައި ދައްކަން ޖެހެނީ މަހަކު 1،500ރ. އެވެ.

ބީއެމްއެލް އިން ބުނީ މި ލޯނުތައް ދޫކުރަނީ ވަޒީފާގައި އުޅޭތާ މަދުވެގެން އެއް އަހަރުވެފައިވާ މީހުންނަށް ކަމަށެވެ. އަދި މި ލޯނަށް އެޕްލައިކުރާތާ ފަސް ދުވަހުގެ ތެރޭގައި ލޯނު ދޫކުރާއިރު، މި ލޯނު އަނބުރާ ދައްކަން ތިން އަހަރާއި އަށް މަސް ލިބެ އެވެ.

ފަސޭހައިން އަދި އަވަހަށް މާލީ އެހީއެއް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތައާރަފްކުރެވުނު މި ލޯނަށް އެދި ހުށަހެޅޭނީ ވަޒީފާ އަދާކުރާ ދިވެހި އަމިއްލަ ފަރުދުންނަށެވެ. ލޯނު ނެގުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދައި ދިނުމަށް މި ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު އެންމެހާ އޮފީސް، ކުންފުނި އަދި މުއައްސަސާތަކަށް ހުޅުވިފައި ވާކަމަށް ބޭންކުން ބުނެއެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.