ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ޖޫން 28، 2015 ގެ ބަޔާ ގުޅޭ]

ޒައިދް ވީގޮތް ކިޔައިދީ ނިމުމުން ޔާނީގެ މާޒީގެ ހަނދާންތައް އާލާވަމުން އަންނަކަން ޤަބޫލުކުރެވި ޝިވަމް އެކަމާ ﷲގެ ހަޟްރަތަށް ޝުކުރު އަދާކުރިއެވެ. އެހެންވެ ޝިވަމް ޒައިދަށް ލަފާ ދިނީ އަދިވެސް އިތުރަށް ޔާނީ އާއި ވާހަކަ ދެއްކެތޯ މަސައްކަތް ކުރުމަށެވެ. ކާމިޔާބު ވަންދެނެވެ. ެ. ފޯން ބޭއްވިއިރު ޒައިދްގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ހިތްހަމަޖެހުމުގެ އަސަރު ފެންނަން ހުއްޓެއްކަމަކު ހިތުގެ ރިހުމަކަށް ކުޑަވެސް ލުއިކަމެއް ނުލިބެއެވެ. އެކަން ހަމައަކަށް އެޅޭނީ ޔާނީ ފެނި އޭނާއާއި ވާހަކަ ދައްކާލެވުމުންކަން ޔަޤީންވުމުން ތެދުވެ ލައިގެން ހުރި އަތްދިގު ޓީޝާޓް ރީތިކޮށްލައި އަތުގެ މުލައްދަނޑިގެ ބޮޑުބައެއް ފެންނަވަރަށް އަތް އޮޅަމުން ބޭރަށް ނުކުތެވެ. ގަޑިން ދިހައެއް ޖަހާ ބޮޑުވެފައި ވީއިރު ޔާނީގެ ކޮޓަރި ދިއްލާފައި ހުރުމުން އޭނާ ހޭލާ އުޅޭކަން ޔަޤީންވިއެވެ. ބަލާކަށް ނުހުރެ ޒައިދް ގޮސް ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑަށް ވާހަކަ ފޮތެއް ކިޔަން ސޯފާގައި އޮތް ޔާނީއަށް ސިހިފައި ދޮރާ ދިމާލަށް ބަލާލެވުނެވެ.

މިހާ ލަސްވެފައި ހުއްޓާ އެގޮތަށް މީހަކު ދޮރުގައި ޓަކި ދިނުމުން ޔާނީ ކުޑަކޮށް ޖެހިލުންވެސް ވިއެވެ. ފަރުދާ ކުޑަކޮށް ކަހާލާ ބޭރު ބަލާލިއިރު އެއްވެސް މީހަކު ފެންނަން ނެތުމުން ޔާާނީގެ ހިތް ބިރުގަންނަގޮތްވި ނަމަވެސް މަޑުމަޑުން ދޮރު ހުޅުވާ ބޭރަށް ނުކުތެވެ. ކާކުހެ ކިޔައި ދެތިން ފަހަރަކު ގޮވާލުމުންވެސް އެއްވެސް މީހެއްގެ ޖަވާބެއް ނުލިބުމުން ޔާނީ އަވަހަށް ކޮޓަރިއަށް ވަނެވެ. ދޮރުލައްޕާ ތަޅުލުމަށް ފަހު އެނބުރުނު ވަގުތު ކުރިމަތީގައި ހުރި ޒައިދް ފެނިފައި ޔާނީގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ހަޅޭލަވައިގަންނަން އަނގަ ހުޅުވާލުމާއެކު ޒައިދް ޔާނީގެ އަނގަމަތީ އަތްއަޅާ އޭނާގެ ބާރުގަދަ އަތުތެރޭ ޔާނީ ހައްޔަރުކޮށްލަން އުޅުމުގެ ތެރޭގައި ޒައިދްގެ ފައި ކައްސާލައިގެން ދެމީހުން ވެއްޓުނީ އެނދުމައްޗަށެވެ. ޔާނީގެ އިސްތަށިގަނޑު ޒައިދްގެ މޫނަށް އެޅި ނިވާވެފައި އޮތްއިރު ދެމީހުންނަށްވެސް ތިބެވުނީ އެކަކު އަނެކެއްގެ ހިތުގެ ތެޅުން އިވޭހެ ގާތުގައެވެ. މިފަހަރު ޔާނީއަށްވެސް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. ޔާނީއަށް ޒައިދްގެ މޭމަތީ އަތްއަޅާލައިގެން އޮވެވުނު އިރު ޒައިދަށް އޮވެވުނީ ޔާނީގެ ފުން ދެލޮލުގެ ޖާދޫގައި ޖެހި ހުރިހާ ކަމެއް މަތިން ހަނދާން ނެތިފައެވެ. ބޭއިޚްތިޔާރުގައި މަޑުމަޑުން ޒައިދަށް ޔާނީގެ ކޯތާފަތުގައި ފިރުމާލާ އިތުރަށް ގާތްކޮށްލެވުނެވެ. ވާލޯތްބެއްގެ ބޮޑުކަމުންނެވެ. ބޭނުންވީ މުޅި އުމުރަށް އެއަތުތެރޭ ޔާނީ ފޮރުވާލާށެވެ. އަމިއްލަ މިލްކަކަށް ހަދާށެވެ. އެހެނަސް ވާލޯބި ހާމަކުރަން އަދިވެސް ޒައިދްގެ ހިތް ޖެހިލުންވަނީއެވެ. ކީއްވެކަމެއް ނޭނގެއެވެ.

އެފަދަ ހިޔާލުތަކުތެރޭ ޒައިދް އޮއްވާ ޔާނީ ކުއްލިއަކަށް ޒައިދް އާއި ދުރަށް ޖެހި އެތަނުން ތެދުވެ ސުވާލުކުރަން ފެށިއެވެ. އެތަނަށް އައި ބޭނުން ހޯދުމަށެވެ. އަދި އޭނާގެ ހުއްދައާއި ނުލާ ޒައިދް އެތަނަށް ވަނުމުން ޔާނީ ހުރީ ހިތްހަމަނުޖެހިފައެވެ.

“ކީއްކުރަން ޒައިދް މިތަނަށް ތިއައީ؟ އަދި އަހަންނަށް ސިއްރުން މިތަނަށް ވަނުމުގެ ބޭނުމަކީ ކޮބާ؟” ޔާނީގެ އަޑުގައިވަނީ ނުރުހުމުގެ އަސަރެވެ. “ޔާނީއާއި ވާހަކަ ދައްކާލަން ވެގެން. ޔާނީ ކީއްވެތަ އަހަރެން ފެންނަ ކޮންމެ ފަހަރަކު ފިލަން ތިއުޅެނީ؟ އަހަރެން ބޭނުން މިރެއިން މިރެއަށް ކަންތައް ވެގެން އުޅޭގޮތް ޔާނީގެ ފަރާތުން އަޑުއަހަން. އަހަންނަށް އިނގޭ ޔާނީވެސް އަހަންނާ ވާހަކަ ދައްކަން ބޭނުންވާކަން. ބުނެބަލަ، ކޮބާތަ މައްސަލައަކީ؟” ޒައިދް ވާހަކަ ދައްކަމުން ދިޔައިރު އެއަޑުގައި ވޭނީ އާހެއް އެކުލެވިގެން ވެއެވެ.

ޒައިދްގެ ދިރިއުޅުމާ ގުޅިފައިވާ ބައެއް ކަންތައްތައް ޔާނީއަށް އެނގޭނީ އޭނާ ހުރީ ޒައިދަށް ދޭނެ ޖަވާބަކާ ދޭތެރޭ ވިސްނާލަންވެސް ނޭނގިފައެވެ. އެކަމަކު މިކަން ފޮރުވައިގެން އުޅުމުން ދެމީހުންނަށްވެސް ހަމަޖެހުމެއް ނުލިބޭނެކަން ޔާނީއަށް ވިސްނުނެވެ. ޒައިދް އައިސް ޔާނީގެ ކުރިމައްޗަށް ހުއްޓިފައި ދަތްދޮޅީގައި ހިފައި ޔާނީގެ އިސްއުފުލާލައި ދެމީހުންގެ ނަޒަރު ސީދާކޮށްލިއެވެ. އެވަގުތު ޒައިދްގެ ލޮލުން ޔާނީއަށް ފެންނަމުން ދިޔައީ ލޯތްބެވެ. ދުވަހަކުވެސް ނިމުމެއްނުވާ ހަޤީޤީ ލޯތްބެވެ. އެންމެފަހުން ޔާނީ ޒައިދްގެ ކުރިމަތީ ހަޤީޤަތް ހާމަކުރިއެވެ. އޭނާއަށް އެކިކަހަލަ ހުވަފެންތައް ފެންނަކަމަށާއި އެކަމަކު އެއީ ކާކުކަމެއް ދެނެގަންނަން ނޭނގޭ ކަމަށެވެ. ޒައިދްއާއި ގުޅޭގޮތުން އެފަދަ މައުލޫމާތުތަށް އޭނާއަށް އެނގެނީ ކީއްވެ އަދި ކިހިނެއްކަމެއް ބުނެދޭން ނޭނގޭ ކަމަށެވެ. ޔާނީއަށް އިހުސާސްވަމުންދަނީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި އޭނާއާއި ޒައިދްއާ ކޮންމެވެސް ކަހަލަ ގުޅުމެއްވާ ކަމަށެވެ.

މިހުރިހާ ހިޔާލުތަކެއް ޔާނީގެ ސިކުނޑި ގޮއްވަމުން ދިއުމުން އޭނާއަށް ޒައިދްއާ ދުރުގަ އުޅެން ފެށުނީއެވެ. “މިހުރިހާ ކަމަކާ ހުރެ އަހަރެން ބިރުގަތީ، ވަމުން މިދާ ކަންތައްތަކުގެ ފަހަތުގައިވާ ހަޤީޤަތް ދެނެގަންނަން އަހަރެންގެ އަމިއްލަ ނަފްސު ނުކުޅެދުމުން ބޭނުންނުވީ އަހަރެންގެ ސަބަބުން ޒައިދް ނޭނގުމެއްގެ ތެރޭގަ ހުންނަން. މިސަބަބާހުރެ އަހަރެން ޒައިދް އިގްނޯ ކުރަން ފެށީ” ކިތަންމެ މަސައްކަތެއް ކުރިނަމަވެސް ޒައިދްއާ ނުލާ އެންމެ ސިކުންތެއް ހޭދަކުރާކަށް ޔާނީއަކަށް ފަސޭހަކަމަަކަށް ނުވިއެވެ. އެތަށް ފަހަރަކު ޒައިދްގެ ގާތަށްދާން ހިތް އެދި އާދޭސް ކުރަމުންދިޔަ ނަމަވެސް އިތުރު މައްސަލައެއް ފެންމަތިވާން ބޭނުން ނުވާތީ ޔާނީ ކޮންމެ ފަހަރަކުވެސް އަމިއްލަ ހިތަށް ވިސްނަދެނީއެވެ. “އޮންލީ ބިކޯޒް އޮފް ދެޓް؟ ހަމައެކަނި އެވަރުގެ ކަމަކާ ހުރެތަ ޔާނީ އަހަންނާ ދުރަށް ތިދަނީ؟ އެއްފަހަރުވެސް ވިސްނާލިންތަ ޔާނީގެ ތިއަމަލުން އަހަރެންގެ ހިތަށް ކުރާނެ އަސަރާ ދޭތެރޭ، ޔާނީއާއި ނުލާ އަހަންނަށް އުޅެން އުނދަގޫ ވާނެކަން” ޒައިދް ފުރަތަމަ ފަހަރަށް ޔާނީގެ ކުރިމަތީ އޭނާގެ ހިތުގެ ހާލު ބަޔާންކުރިއިރު އެދެލޮލުން ކަރުގެ މުތީތައް ވިދަވިދާ ހުއްޓެވެ. ޔާނީ ބޭނުންވީ އެންމެ ފަހަރަކު ޒައިދްގެ ދުލުން އޭނާ ދެކެ ލޯބިވާ ވާހަކަ ބުނާ އަޑު އަހާލާށެވެ.

“ޒައިދަށް ހީވަނީތަ އަހަންނަށް ޒައިދްއާ ދުރުގަ ހުންނަން ވަރަށް ފަސޭހައޭ؟ މިހަށީގަ ފުރާނަ ހުރިހާ ހިނދަކު އަހަރެން ކިހިނެއް ޒައިދްއާ ދުރުގަ ހުންނާނީ، އަހަރެން ޒައިދް ދެކެ ވަރަށް ލޯބިވޭ…” މިހިސާބަށް ބުނެވޭއިރަށް ޒައިދް ޔާނީގެނެސް އޭނާގެ މެޔާލަ ބޮަނޑިކޮށްލީ އޭނާގެ މިލްކެއް ފަދައިންނެވެ. އުފަލުންގޮސް ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ޔާނީގެ ކޯތާފަތް ތެންމަމުން ދިޔައެވެ. އެވަގުތު ޒައިދް ބުނަމުންދިޔައީ އެންމެ ވާހަކައެކެވެ.

“ހުވާކޮށްފާ ބުނަން ލޯބިވޭ، ކަލާދެކެ އިންތިހާ ލޯބިވޭ.. މިޖާނު ދޭނަމޭ ލޯބިން ހުވާ..”

ކޮޓަރިއަށް ވެރިވެފައިވާ ފަނޑު އަލިކަމުގެ ތެރޭގައި ޒައިދްގެ މޭމަތީ ބޯއަޅާލައިގެން އޮތްއިރު ޔާނީ ހިތްވަނީ އުފަލުން ފުރިފައެވެ. ހަމައެކަނި ޒައިދްގެ އޭނާގެ ގާތުގައި ވުމުންވެސް ޔާނީގެ ހިތަށް ލިބިގެންދާ ހަމަޖެހުން އެތަށް ގުނައަކަށް އިތުރެވެ. ޔާނީގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލާ އޮތް ޒައިދްވެސް މިރޭ ޔާނީއާ ދުރަށް ދާކަށް ބެނުމެއް ނޫނެވެ. ބޭނުންވީ މުޅި ރޭ ޔާނީއާއި އެކުގައި ހޭދަކޮށް އެއީ އެދެމީހުންގެ ހަޔާތުގައި އައި އެންމެ އުފާވެރި ރެއަށް ހެދުމަށެވެ. ޔާނީ އެއްޗެކޭ ނުބުނެ މާމަޑުން އޮތުމުން ޒައިދް ޔާނީގެ ކަންފަތް ދޮށުގައި ވައިއަޑުން ގޮވާލިއެވެ. ޒައިދްގެ މިހަރަކާތުން ޔާނީގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަދި ޒައިދްގެ ގަމީހުގައި ހިފައި ބާރުކޮށްލެވުނެވެ. ދެލޯ ހުޅުވާލެވުނު އިރު ޔާނީއާ ދިމާލަށް ބަލަހައްޓައިގެން ހެވިފައި އޮތް ޒައިދް ފެނުމުން ޔާނީ އިތުރަށް ރަކިވިއެވެ. ލަދުންގޮސް ޔާނީގެ މޫނު ރަތްވެގެން ދިޔައީ ޖަންބެއް ފަދައިންނެވެ. ޔާނީ އަނެއް ފަރާތަށް އެނބުރި ލަދުން އޭނާގެ ތުންފަތުގައި ދަތްއަޅާލެވުނެވެ. އެހެން އޮއްވާ ޒައިދް އޭނާއާއި ގާތަށް ޖެހުނުކަމުގެ އިހްސާސް ޔާނީއަށް ކުރެވުނެވެ. ހިތް ތެޅެން ފެށީ ރޯމަހެއް މަރަށް ތެޅޭހާ އަވަހަށެވެ. ޒައިދް އޭނާގެ އަތުން ޔާނީގެ އުނަގަނޑު ވަށާލައި ކޮނޑުގައި ދަތްދޮޅިއަޅުވާލިއެވެ. އެވަގުތު ޔާނީގެ ކަނދުރާއަށް އެޅެމުން ދިޔަ ޒައިދްގެ ހޫނު ނޭވާތައް ދިޔައީ ފަހަރަކަށް ފަހު ފަހަރެއް އިތުރުވަމުންނެވެ. ޔާނީއަށް ދެލޯމަރާ ބާރުކޮށްލެވުނު އިރު ނޭވާވެސް ކުރުވާ ކަމުގެ އިހުސާސް ކުރެވުނު ކަހަލައެވެ.

ޔާނީ އަދިވެސް އޮތްގޮތަށް އޮތީއެވެ. ޒައިދް ޔާނީގެ އަތުގައި ހިފައި ޖޯޑުކޮށްލިއިރު ޔާނީގެ އަތް ހީވަނީ ގަނޑުފެން ކޮޅެއް ހެންނެވެ. ޒައިދް މަޑުމަޑުން އޭނާއާ ވީ ފަރާތަށް ޔާނީ އަނބުރާލާ ދެވަނަ ސިކުންތުގައި އޭނާގެ މޫނު ޔާނީގެ މޫނާ ގާތްކޮށްލާ ދިން ލުއި ހަދިޔާއިން ޔާނީގެ ހުރިހާ ހިއްސުތަކެއް ހޭލައްވާލި އެވެ. ހަމައެހިނދު ޔާނީއަށް ޒައިދްގެ މޭމަތީ އޭނާގެ މޫނު ފޮރުވާލެވުނެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.