ވާހަކަ: ފުރާނަ އެދެނީ ހަމައެކަނި ކަލާޔަށްޓަކައި…

Furaana Edheny Hamaekani Kalaayattakai...

[ޖުލައި 5، 2015 ގެ ބަޔާ ގުޅޭ]

 

މިއުޅެނީ ބޭރުގައި ކަމަށާއި އިރުކޮޅަކުން ގެއަށް މިދަނީ ކަމަށް ބުނެ ތާރާ ފޯނު ބާއްވައި ދިއުމުގެ ކުރިން އަދި އެއްފަހަރު ފަސްއެނބުރި ގެއާ ދިމާލަށް ބަލައިލިއެވެ. ލޮލުން ފާއްދާލި ކަރުނަތިކި އަތުގެ ނުފުށުން ފޮހެލަމުން ބެލްކަނީގައި ހުރި އޭނާގެ މަންމައަށް އަތުން ވަދާއީ ސަލާމް އަދާކޮށްލުމަށްފަހު ނުކުމެގެން ދިޔައެވެ. މަގުމައްޗަށް ނުކުތްއިރު ޑްރައިވަރު ކާރުގައި އައިސް އޮތީ ނާޒްގެ އެދުމުގެ މަތިން ތާރާ ގެއަށް ލައިދޭށެވެ. ލޯގަނޑު ތިރިކޮށްލައި “މެޑަމް ބުނީ ކޮއްކޮ ގެއަށް ލައިދޭށޭ” ޑްރައިވަރު މިހެން ބުނުމުން ކާރުގެ ދޮރުހުޅުވާފައި ތާރާ އެރުމުން ކާރު ދުއްވާލީ އޭގެ މަންޒިލަށް ވާސިލްވުމަށެވެ. ތާރާއަށް ގެއަށް ގޮސް ވަދެވުނުއިރު ޔާނީ ހީހީފައި މިޝްކާއަށް ދަތުރުގެ ވާހަކަތައް ކިޔައިދެނީއެވެ. ހީވާގޮތުން ނިމިގެން މިދިޔަ ދަތުރަކީ ޔާނީއަށް ވަރަށް ހާއްސަ އަދި އެހާމެ އުފާވެރި ދަތުރަކެވެ. “ހޫމް ހޫމް.. ހާދަ ވަރެއް! ދަތުރުގޮސް ޖަވާހިރެއް ހޮވައިގެންތަ ތިއައީ، މާހެވިފަ ތިއިނީ” ހަރުގަނޑަށް ފައިވާން ލާފައި އައިސް ވާހަކައިގައި ތިބި ޔާނީއާއި މިޝްކާއާ އަރާ ހަމަވުމުން ތާރާ ބުނެލިއެވެ. “އަހަނ މިއޮއް އައީއެއްނު ކަމަނާ! މިތާ އިށީނދެބަލަ ވަރަށް ބައިވަރު ވާހަކަ އެބަހުއްޓޭ ތިދެމީހުންނާ ޝެއާރ ކުރަންވެފަ” ތާރާގެ އަތުގައި ހިފާ ގެނެސް ގާތުގައި ބައިންދަމުން ޔާނީ އިތުރުކޮށްލިއެވެ. މިހެން ވާހަކައިގައި ތިއްބާ އިރުއޮއްސުނުކަން އިނގުނީވެސް ޝިވަމް އޮފީސް ނިންމާފައި ގެއަށް އައިސް ވަނުމުންނެވެ.

 

ހަނދު މެދު އުޑުގައި ރަސްކަންކުރަމުން ދިޔައިރު ވަށައިގެން އެތަށް ސަތޭކަ ތަރިއެއް އޭގެ ގަދަ އަލިން މުޅި ކައުނަށް ވިދުން ގެނުވަމުން ދިޔައެވެ. ކުޑަދޮރުކައިރީގައި ހުރެ ޔާނީ ބަލަމުން ދިޔައީ މިހިތްގައިމު މަންޒަރެވެ. ހަނދުވަރުގެ އަލީގައި ބައިވެރިޔާއާއެކު ހަޔާތުގެ ނިންމުންތައް ނިންމައި ވައުދާ ހުވާތައް ކުރުމަކީ ކޮންމެ މީހަކުވެސް ދެކޭނެ ހުވަފެނެއްކަން ގައިމެވެ. ޔާނީވެސް ދެެކެމުން އެދަނީ އެފަދަ ހުވަފެނެކެވެ. ޒައިދްއާއެކު އުފާވެރި ހަޔާތެއް ވޭތުކުރުމަކީ މިހާރު ޔާނީ ކުރާ އެންމެ ބޮޑު އެއް އުއްމީދެވެ. ފުން ހިޔާލުތަކުތެރެއަށް ގެނބެމުން ދަނިކޮށް ހޭވެރިކަން އަނބުރާ ގެނައީ ފޯނަށް އައި ކޯލެކެވެ. ވަރަށް ހެވިފައި ފޯނުބަލާލީ އެއީ ޒައިދްގެ ކޯލަކަށް ވާނެކަމަށް ހީކޮށެވެ. ނަމަވެސް ކަންތައްވީ އެއާ ހިލާފަށެވެ. ގުޅި ނުދަންނަ ނަންބަރަކުންނެވެ. އެހެންވެ ކޯލަށް ޖަވާބުދިނުމަށް ޔާނީ މާބޮޑު ސަމާލުކަމެއް ނުދީ ފޯނު އޮތްތަނުގައި ބޭއްވިއެވެ. އެވަރަކުން ނިމުނީއެއް ނޫނެވެ. ހަމަ އެނަންބަރުން އަނެއްކާވެސް ގުޅަންފެށިއެވެ. ކާކުބާއޭ ހިތާހިތާ ޔާނީއަށް ސުވާލު ކުރެވުނެވެ. ފަހަރުގައި ދަންނަ މީހަކަށް ވެދާނެތީ މިފަހަރު ފޯނު ނެގުމަށް ޔާނީ އަވަސްވެގަތެވެ. ފޯނުނަގައި ޔާނީ އިރުކޮޅަކު އަނގައިން ނުބުނެ ހުރީ އެކޮޅުން ވާހަކަ ދައްކާތޯއެވެ. އެކަމަކު އެކޮޅުން އެއްވެސް އަޑެއް ނީވުމުން ޔާނީ ހަލޯއޭ ބުނެލިއެވެ. ޖަވާބެއް ނުލިބުނެވެ. އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. މިހެން އެތަށް ފަހަރަކު ވާހަކަ ދެއްކުމުންވެސް އެކޮޅުން ހަމަ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ޔާނީ ފޯނު ކަނޑާލިއެވެ. މީހަކު ޖެެއްސުން ކުރަނީކަމަށް ހީކޮށެވެ.

 

ފޯނު އެނދުމަތީގައި ބާއްވާފައި ތެދުވެ ތަންކޮޅަކަށް ނުދެވެނީސް އަނެއްކާވެސް ފޯނު ރިންގްވާން ފެށިއެވެ. ހަމަ އެނަންބަރުންނެވެ. ޔާނީ މިފަހަރުވެސް ފޯނުނަގައި ވާހަކަ ދެއްކުމުން ކަންތައްވީ ހަމަ ކުރީފަހަރެކޭ އެއްގޮތަށެވެ. ޔާނީ ހިތްހަމަ ނުޖެހުނެވެ. އަދި އެމީހަކާ ދިމާލަށް ހަޅޭއްލަވަން ފެށިއެވެ. އިތުރަށް ނުގުޅުމަށް އިންޒާރުވެސްދީ ފޯނު ބޭއްވިއެވެ. އަނެއްކާވެސް އިވެންފެށީ ފޯނުގެ ރިންގްގެ އަޑެވެ. ޔާނީ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. “ކިހާބޮޑުވެެއްޖެ ކަމެއްތަ މީދެން. ވާހަކަ ދައްކާނެހާ ހިތްވަރު ނެތިއްޔާ މީސްމީހުނަށް ގުޅައިގެން އުނދަނގޫ ނުކޮށްބަލަ. ޖެއްސުން ކުރިޔަސް ތަންފުކެއް ބޮޑުވަރެއްނު ތީ” އެދިޔަ ބާރުމިނުގައިި ގޮސް ބަލާވެސް ނުލާ ފޯނުނަގައި ޔާނީ ހަޅޭއްފަޅޭއް ޖަހައިގަތެވެ. “އޭ..އޭ.. ހަމަޖެހިބަލަ، ހާދަ ރުޅިއައިސްފަ. މީމަށޭ، ޒައިދް..” ދެބުމަގޮށްޖަހާލައި ދެލޯ ބޮޑުކޮށްލައިގެން ހުރި ޔާނީ ހިމޭންވީ ޒައިދްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ގަތްލަދުން ތުންފަތުގައި ދަތްއަޅާލެވުނީ ލޭއަންނަހާ ބާރަށެވެ. ޔާނީ ހުރީ އިތުރަށް ބުނާނެ އެއްޗެއް ނޭނގި ގަބުވެފައެވެ. މުޅި މޫނު ހީވަނީ ރަތްވެގެން ގޮސް ރަތް ފިނިފެންމަލެއް ހެންނެވެ. ޔާނީ މާ ރުޅިގަދަވެފައި ހުރުމުން ކިހިނެއް ވީތޯ ޒައިދް ސުވާލުކުރިއެވެ. ބުނަން ނުބުނަން ހުރެފައިވެސް ޔާނީ އެވާހަކަ ޒައިދްއާ ހިއްސާކުރިއެވެ. ޒައިދް ޔާނީ ގާތުން އެނަންބަރު ބުނެދިނުމަށް އެދުމުން އެމީހާ ބިރުން ދެން ނުގުޅާނެއޭ ބުނެ ޔާނީ ވާހަކަ ހިންދާލިއެވެ. ޒައިދްވެސް ޔާނީ ނުރުހުންވާނެ ގޮތަކަށް ކަންތައް ކުރަންބޭނުންނުވާތީ އެވާހަކަ އެހިސާބުން ނިންމާލިއެވެ. އަދި އަސްލު ގުޅި މަޤްސަދައިގެން ކުރިއަށް ދިޔައެވެ. ޒައިދް މާބޮޑަށް ޔާނީ މަތިން ހަނދާންވަނީއެވެ. ވޭތުވެދިޔަ ދެތިން ދުވަހު އަބަދުހެން ޒައިދްގެ ލޯމަތީ ފެންނަން ހުރީ އޭނާގެ ހިތުގެ ރާނީ ނުފެނި މާގިނައިރުވީއެވެ. ޔާނީ ނުފެނި ގަޑިއެއްގެއިރު ހޭދަވިޔަސް ޒައިދްއަށް އިހްސާސް ކުރެވެނީ އެއީ އެއް އަހަރުގެ ގޮތުގައެވެ. ދެން އޭނާގެ ހާލަތު ހުންނާނެގޮތް ވިސްނާލާށެވެ.
ދަތުރުގެ މެދުކެނޑުމަކަށްފަހު އާދައިގެ މަތިން ހެނދުނާ ތައްޔާރުވެލައިގެން ޔާނީ ދިޔައީ މަސައްކަތް ހިނގަމުންދާ އޭނާގެ އަމިއްލަ ޓެއިލަރ ޝޮޕަށެވެ. ޔާނީއަކީ ސާފުތާހިރުކަމަސް ވަރަށް ލޯބިކުރާ މީހެއް ކަމުން އެތަނަށް ދެވުމާއެކު ފުރަތަމަވެސް އޭނާ ބޭނުންވީ މުޅިތަންސާފުކޮށްލާށެވެ. ފިހިގަނޑު ނަގައި މުޅިތަން ކުނިކަހައި މޮޕްލާ ނިންމާފައި ބަންދުބޯޑް ނަގައި ހުޅުވިފައި ކަމަށް ބަދަލުކުރަން ދިޔައިރު ޔާނީގެ ހަރަކާތްތައް ބަލަން ބޭރުގައި ހުރި ޒައިދް ފެނުމުން ހުރިހާ ދަތެއް އެއްފަހަރާ ފެނަނަވަރަށް ޔާނީއަށް ހިނިތުން ވެވުނެވެ. ދޮރުހުޅުވާފައި އެތެރެއަށް ވަންނަން އެދުމުން ޒައިދް ސައިކަލް ޕާކުކޮށްފައި އައިސް ވަދެ ދިއްކޮށްލީ ހުދުއޯކިޑް މާބޮނޑިއެކެވެ. “ޒައިދް މިހާ ހެނދުނާ މިތާ ކީއްތިކުރަނީ؟ ކަމަކުތަ؟” މާބޮނޑިން ވަސްބަލާލަމުން ޔާނީ ޒައިދް ގާތު އެތަނަށް އައި ބޭނުން އޮޅުންފިލުވާލިއެވެ. “ރައްޓެއްސަކާއެކު ސަޔަށްދާން ނުކުތީ، އެކަމަކު އޭނަ ބިޒީވެގެން އެކަނި ދާން ދަނިކޮށް ޔާނީ މިތާތެރޭ އުޅޭތަން ފެނިގެން މަޑުކޮށްލީ. ސޯ އަހަންނާ ޖޮއިންވާން ވީނު” އެއް ލޯ މަރާލަމުން ޔާނީއާ ދިމާލަށް ބަލާލަމުން ޒައިދް އޭނާގެ ވާހަކަ ފުރިހަމަކޮށްލިއެވެ. ޒައިދްއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެފައި ހުރި ޔާނީ ލަދުންހުރެ ނަމަވެސް މިކަމާ އެއްބަސްވުމުން ޒައިދް ޔާނީގެ އަތުގައި ހިފައިގެން އެތަނުން ނުކުމެ މިސްރާބު ޖެހީ ކުރިމަތީ ހުރި ކޮފީ ޝޮޕާ ދިމާލަށެވެ. އެދުވަހުން ފެށިގެން ދެލޯބިވެރިންގެ “މީޓިން ސްޕޮޓަށް” އެތަން ވެގެން ދިޔައެވެ.

 

އޮފީހުގައި އަވަދިނެތި ޝިވަމް އުޅެމުން ގޮސް ބްރޭކް ގަޑިޖެހެން ގާތްވެފައިވަނިކޮށް ޒައިދް އޮފީހަށް އައީ ޝިވަމްއާ ބައްދަލުކޮށްލުމަށެވެ. ޝިވަމް ހައިރާންވީ އެގަޑިގައި ޒައިދް އެތަނަށް އައުމުންނެވެ. “ޒައިދް ކަމަކުތަ؟ ފައިލްކުރަން އިން ގަނޑުތައް ނަގައި އެއްފަރާތްކޮށްލަމުން ޝިވަމް ދޮރުމަތީގައި ހުރި ޒައިދަށް ކަޅިއެއް އެއްލިއެވެ. ޒައިދް ޖީންސްގެ ޖީބަށް އަތް ޖަހާލައިގެން އައިސް އިށީނީ ޝިވަމްގެ ކުރިމަތީ ހުރި ގޮނޑީގައެވެ. ޒައިދްގެ ފަރާތުން ޖަވާބެއް ނުލިބުމުން ޝިވަމް މަސައްކަތްތައް ހުއްޓާލާފައި ޒައިދް އާއި ދިމާލަށް ބަލާލިއިރު ހެވިފައި އަމިއްލަ ދުނިޔެއަށް ގެއްލިފައި އިންދާ ފެނުނެވެ. ” ޔޭސް އައިމް މޭޑްލީ އިން ލަވް ވިތް ހާ..” ޒައިދްގެ ހިތުގައި ހިނގަމުން ދިޔަ އިޝްޤީ ޖަޒުބާތުތަކުގެ ސަބަބުން އޭނާ ވަނީ ޔާނީގެ ލޯބީގައި ބޭޤަރާރުވެފައެވެ. “ސާބަހޭ! ތިހިރީ ލޯތްބެއް ވެވިފަ” ޝިވަމް ހިނގަނޑެއް ޖަހާލާފައި ތެދުވެގެން އައިސް ޖެހިގެން ހުރި ގޮނޑީގައި އިށީނދެ ޒައިދްގެ ކޮޑަށް އަތް ވައްޓާލިއެވެ. ހިޔާލީ ދުނިޔެއިން ޒައިދަށް ނުކުމެވުނީ ދެނެވެ. އެއްއަތުން ބޯކަހާލަމުން ޒައިދް ދެން ހާމަކުރީ އެދެމީހުންގެ ގުޅުން ލޯބީގެ ގުޅުމަށް ބަދަލުވި ވާހަކައެވެ. އެހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޒައިދް އާއި ޔާނީގެ ގުޅުން ބަދަހިވެގެން ދިޔަލެއް އަވަސްކަމުން އެގުޅުން ލޯތްބަށް ބަދަލުވާން ނެގީ މަދު ސިކުންތުކޮޅެއް ކަމަށް ޒައިދް ޝިވަމް ގާތު ބުނަމުން ދިޔައެވެ. އެކުވެރިޔާގެ ހަޔާތަށް ލިބިގެން މިދިޔަ އުފަލަކީ ޝިވަމް އަބަދުވެސް އިންތިޒާރުކުރަމުން އައި ކަންތަކެެވެ. އުފަލާއެކު ޝިވަމް ޒައިދް އާއި ޔާނީގެ މިގުޅުމަށް މަރުހަބާ ކިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެފައި ޝިޔާޒް ގުޅުމުން ދާންޖެހޭކަން އަންގާލުމަށް ފަހުގައި ޒައިދް އެތަނުން ނުކުމެގެން ދިޔައީ ޝިވަމް ގާތު ފަހުން ގުޅާނެކަމަށް ބުނެފައެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.