އެކުވެރިޔާގެ ހަޔާތަށް ލިބިގެން މިދިޔަ އުފަލަކީ ޝިވަމް އަބަދުވެސް އިންތިޒާރުކުރަމުން އައި ކަންތަކެެވެ. އުފަލާއެކު ޝިވަމް ޒައިދް އާއި ޔާނީގެ މިގުޅުމަށް މަރުހަބާ ކިއެވެ. އިރުކޮޅަކު ވާހަކަ ދައްކާލަން ތިބެފައި ޝިޔާޒް ގުޅުމުން ދާންޖެހޭކަން އަންގާލުމަށް ފަހުގައި ޒައިދް އެތަނުން ނުކުމެގެން ދިޔައީ ޝިވަމް ގާތު ފަހުން ގުޅާނެކަމަށް ބުނެފައެވެ.
ބިޒްނަސް މެނޭޖްމަންޓްގެ ދާއިރާއިން ތިން އަހަރު ދުވަހުގެ ޑިގްރީ ކޯސް ނިމި މިރެއަކީ ތާރާގެ ދަސްވެނިވުމުގެ ރަސްމިއްޔާތު އޮންނަ އުފާވެރި ރެއަށްވުމުން ނާޒް އާއި ޝިޔާޒް ދިޔައީ މިރެއަށް ވެވުނު އެންމެ ފުރިހަމައަށް ތައްޔާރުވަމުންނެވެ. ތާރާގެ މައިންބަފައިންގެ އިތުރުން ޔާނީ، މިޝްކާ އަދި ޝިވަމްވެސް ތާރާގެ މިއުފަލުގައި ބައިވެރިވުމަށްޓަކައި ޖަލްސާއަށް ދިއުމަށް ތައްޔާރުވަމުން ދިޔައެވެ. މެރޫން ކުލައިގެ ކަކުލާ ހަމައަށް އަރާ ހެދުމެއްގައި ތާރާ ހުރިއިރު އޭނާގެ ހިތުތެރޭ އުފެދެމުންދިޔަ އެތަށް ބައިވަރު އިހުސާސްތަކުން މުޅި މީހާ ހުރީ ހާސްވެފައެވެ. އިސްތަށިގަނޑު ހާވާލާފައި ތިރިއަށް ދޫކޮށްލާފައި ހުރިއިރު ހުދު އަލިމަހެއް ޖަހާފައި އިން ކުޑަ ކަންފަތުލާ މުދިން އޭނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ. އާދައިގެ މޭކަޕަކާއެކު އަނދުން އަޅާފައި ހުރުމުން އެ ދެލޯ ފެންނަލެއް ބޮޑުވެފައި ހިތްގައިމެވެ. ތާރާގެ ހަޔާތުގައި އައި މި އުފާވެރި ދުވަހު އޭނާއާ އެކުގައި ހުރިހާ އެންމެން ވިއެއް ކަމަކު އޭނާ އުފަލެއް ނުވިއެވެ. އޭނާގެ ލޯބިވާ ބޭބެއާއި ނުލާ މި އުފާވެރިކަން ފުރިހަމަނުވާކަމުގެ ހިތާމަވެރިކަން އޭނާގެ ހިތަށް އުނދަގޫކުރަމުން ދިޔައެވެ. ކިތަންމެ ބޭނުންވިޔަސް ތާރާގެ މިއުފަލުގައި މިއަދު ޒައިދެއް ބައިވެރިއެއް ނުވާނެއެވެ. ހިތަށް ވެރިވަމުންދިޔަ އެކަނިވެރިކަން އެއްފަރާތްކޮށްލަމުން ތާރާ ކޮލެޖްގެ ގޯތިތެރެއަށް ވަންއިރު އެކުގައި ކިޔެވި ރަހުމަތްތެރިންނާއި އެހެން ދަރިވަރުން އެމީހުންގެ އާއިލާއާއެކު ހޭލަމޭލަވެ އުޅޭތަން ފެންނަމުން ދިޔައެވެ. އެމަންޒަރު ފެނިފައި ތާރާ އިންތިހާއަށް ދެރަވި ނަމަވެސް އިހުސާސްތައް ކޮންޓްރޯލްކުރިއެވެ. މީހުންގަނޑުގެ ތެރެއިން މީހަކު އަތުން ހަނައަޅާލިތަން ފެނިފައި ތާރާ އެދިމާއަށް ބަލާލިއިރު އޭނާގެ އިންތިޒާރުގައި ނާޒްއާއި ޝިޔާޒް ތިއްބެވެ.
ދިގު ފިޔަވަޅުތަކެއްގައި ގޮސް ތާރާ ނާޒްގެ ގައިގައި އޮޅުލައިގަތެވެ. ވާނީވެސް އެހެންތާއެވެ. މަންމަގެ ލޯތްބާއި ފިރުމުންތަކަށް ތާރާގެ ހިތް އަބަދުވެސް އެދިއެދި ވެއެވެ. މައިންބަފައިންނާ ދުރުގައި އުޅުމަކީ ކިހާ ހިތްދަތިކަމެއްކަން ތާރާއަށްވުރެ ބޮޑަށް އިހުސާސްކުރޭވޭނެ އިތުރު އެހެން މީހަކު ނުހުންނާނެކަން ގައިމެވެ.
“މަންމައާއި ބައްޕަ މިއަދު ވަރަށް އުފާވެއްޖެ. ދަރިފުޅު ތިހާސިލްކުރި ކާމިޔާބީއަށްޓަކައި ފަޚުރުވެރިވަން!” ޝިޔާޒް އޭނާގެ ލޮލުގެ ކޮއި ފަދަ ދަރިފުޅުގެ ބޮލުގައި ނުހަނު ލޯބިން ފިރުމާލިއެވެ. އެވަގުތު ތާރާގެ ލޮލުން ފައިބަން ތައްޔާރުވެފައިހުރި ކަރުނަތައް ފެނިފައި ނުރުއިމަށް ނާޒް ބޮލުގެ އިޝާރާތުން ތާރާއަށް އެންގުމުން އާއެކޭ ބުނެ ހިނިތުންވެލިއެވެ. ޖަލްސާއަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ ކުރިން ދަރިވަރުން ތައްޔާރުވުމަށް އެތެރެއަށް ވަނުމަށް ގޮވުމުން ތާރާވެސް އެހެން ކުދިންނެކޭ އެއްފަދައިން އެތެރެއަށް ވަނެވެ. ޔާނީމެނަށް އެތަނަށް އާދެވުނީ ތާރާ އެތެރެއަށް ވަން ފަހުންކަމުން ތާރާއާ ދިމާނުވުމުން މިޝްކާ ހިތްހަމަނުޖެހުނެވެ. އަދި ލަސްވީ ޝިވަމްއާ ހެދި ކަމުގައި ބުނެ އަނގައަށް ވައްތަރެއް ޖައްސާލިއެވެ. އެތަން ފެނިފައި ޔާނީއާ ޝިވަމްއާ ދެމީހުނަށް އެއްފަހަރާ ހެވުނެވެ. ބަނޑުބޮޑުވި ފަހުން މިޝްކާގެ މިޒާޖަށް އައި ބަދަލުގެ ސަބަބުން އޭނާ ވަރަށް އަވަސް އަވަހަށް ރުޅިއައިސް ހިތްހަމަ ނުޖެހޭގޮތްވެއެވެ. މިކަން ޝިވަމްއަށް ވަނީ މިހާރު އާދައަކަށް ވެފައި ކަމުން މިޝްކާގެ މިފަދަ އަމަލްތައް ޝިވަމް މާ ސީރިއަސްކޮށެއް ނުނަގައެވެ.
ރާޅުގަނޑު ސަރައްދުގައި ހުރި ފާރުބުރިއެއްގެ މަތީގައި އިށީނދެގެން އިން ވިކާޝްގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ އަތުގައި އޮތް ފޯނުގައިވާ ތަސްވީރަށެވެ. ލޫޅާފަތި ހަށިގަނޑެއްގެ ވެރި ރީތި ދޮން އަންހެންކުއްޖެކެވެ. ވިކާޝް ނޫނަސް ކިތަންމެ ފިރިހެންކުއްޖެއްގެ ހިތްޒަހަމްކޮށްލެވޭ ފަދަ ބާރެއް އެދެލޮލުގައިވެއެވެ. ހިތްތައް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ. ދީވާނާ ވާފަދަ ބަލާލުމެކެވެ. ފޯނުގައިވާ ތަސްވީރުގައި އިން އަންހެންކުއްޖަކީ ޔާނީއެވެ. އެހެން ފިރިހެންކުދިން ޔާނީއާ ހެދި ދީވާނާވެގެން އުޅުނު ނަމަވެސް ވިކާޝްގެ ބޭނުމަކީ މުޅީން އެހެން ކަމެކެވެ. ހިތުގައިވަނީ ހަމަ އެންމެ އެއްޗެކެވެ. ނަފްރަތުގެ އަލިފާނެވެ. ބަދަލުހިފުމުގެ ރޫހެވެ. “ހީނުކުރައްޗޭ މަގޭ ކިބައިން ސަލާމަތްވެގެން ތިހެން އުޅެވިދާނެއޭ. މަގޭ ކަންފަތްމަތީ ޖެހި އެތިފަހަރުގެ ހަނދާން ދެންމެ ވީކަމެއްހެން ހަނދާން އެބަހުރި. އެކަމުގެ ހިތި ރަހަ މިމަންޖެގެ އަރުގައި ލައްވައިލެވުމުން ނޫނީ މަށަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ!” ފޯނަށް ބަލަން އިނދެ ވިކާޝް ވާހަކަ ދައްކަމުން ދިޔައީ އޭނާގެ އަމިއްލަ ނަފްސާއެވެ. އޭނާޣެ ހުރިހާ ވިސްނުމެއް ހުއްޓިފައިވަނީ ޔާނީގެ ފަރާތުން ބަދަލު ހިފުމަށް އޭނާ ރާވާފައިވާ ޕްލޭންއަށެވެ. ހަފްތާއެއް ވަންދެން ދިގުދެމިގެންދިޔަ ބްލޭންކް ކޯލުތަކަށް ނިމުން ގެނެސް އިތުރު ހަރުފަތެއް ގިރާކުރުމަށް ވިކާޝް ތައްޔާރުވަމުން ދިޔައިރު މިކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން ވަޒަންކޮށްލާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ. ވިކާޝް ދިޔައީ ޔާނީގެ ހުރިހާ ކަމެއް ވަރަށް ގާތުން ބަލަމުންނެވެ. ޔާނީ ދާ ތަންތަނައި އޭނާ ވާހަކަ ދައްކާ މީހުނަށް ދަންދެން ވިކާޝްއަށް އިނގެއެވެ. ވިކާޝްގެ ފޯނުގައި އިން ފޮޓޯއަކީވެސް މިރޭ ޔާނީ ޖަލްސާއަށްދާން ތައްޔާރުވެގެން ކާރަށް އަރަން ދަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. ޔާނީއަށް ނޭނގުނުކަމުގައިވިޔަސް ވިކާޝް ދަނީ ސިއްރުން ޔާނީއަށް ފާރަލަމުންނެވެ. ކުރިއަށް އަންނަން އުޅޭ ކޮޅިގަނޑުގެ ނުރައްކާތެރިކަން ޔާނީއަށް އިހުސާސް ނުވިޔަސް ވިކާޝް ދިޔައި މިކަމަށް އެންމެ ފުރިހަމައަށް ތައްޔާރުވަމުންނެވެ.
ޖަލްސާގެ އެޖެންޑާއާ އެއްގޮތަށް ނަންބަރުތައް ފުރިހަމަވަމުންގޮސް ދަސްވެނިވި ބައިވެރިންނަށް ސަނަދު ހަވާލުކުރުމުގެ ވަގުތު އައިސް ޖެހުނީއެވެ. ހުރިހާ ބައިވެރިން ކުރަމުން އައި ދިގު އިންތިޒާރުގެ ނިމުންއައިސް މިއީ އެންމެ އުފާވެރި ވަގުތުކޮޅެވެ. އެންމެންގެ ސަމާލުކަން ސްޓޭޖަށް ހުއްޓިފައިވާއިރު ޔާނީގެ ހިތާއި ސިކުނޑިވަނީ މުޅިން އެހެން ދިމާލެއްގައެވެ. ޒައިދްއާ ދެމީހުން އެކަކު އަނެކަކަށް މެސެޖު ފޮނުވަމުުން ދިޔައިރު ޔާނީގެ ފޯނަށް އިތުރު ނަންބަރަކުންވެސް މެސެޖް ކުރަމުން ދިޔައެވެ. ނަމަވެސް ޔާނީ މިކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. މިވަގުތު އޭނާއަށް މުހިންމުވީ ހުރިހާ ކަމަކަށްވުރެ ބޮޑަށް ޒައިދްއެވެ. “ޔޫ ލުކް ސޯ ޕްރިޓީ..” ޔާނީ ޖަލްސާއަށް އައުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް ޒައިދަށް ފޮނުވާލުމުން ބަލަން ހުރެފައި ޒައިދް ޔާނީގެ ރީތިކަމަށް ތައުރީފް ކޮށްލީ ހިތުގެ އެންމެ ފުންމިނުންނެވެ. “ތޭންކްސް އަ ލޮޓް” ޒައިދް ކުރި ތައުރީފުގެ ބަސްތައް އަހާފައި ޔާނީގެ މޫނު ލަދުން ގޮސް ރަތްވިއެވެ. (ނިނިމޭ)