މަސްތުވާތަކެއްޗާ ކުރިމަތިލުން: ބެލެނިވެރިންނަށް މަގެއް – 1 ވަނަ ބާބު

durg

އެޑިޓަރުގެ ނޯޓް: މިއީ އޮސްޓްރޭލިޔާގެ ކައުންސެލަރެއް ކަމަށްވާ ޓޮމް މެކްގިލް، އޮސްޓްރޭލިޔާގެ ޔުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސް މެދުވެރިކޮށް 2002 ވަނަ އަހަރު ޝާއިއު ކުރެއްވި 117 ސަފުހާގެ ފޮތުގެ ދިވެހި ތަރުޖަމާއެވެ. މުޅިއެކު 9 ބާބު އެކުލެވޭ މި ފޮތް ދިވެހި ބަހަށް ތަރުޖަމާކޮށްފައިވަނީ އީޓީގެ ލިޔުންތެރިއެއް ކަމަށްވާ މުހައްމަދު އުބައިދުއެވެ. ކޮންމެ ދުވަހަކު ބާބެއްގެ މަގުން އީޓީގައި ޝާއިއުކޮށް މި 9 ދުވަހުގެ ތެރޭގައި ނިންމާލުމަށް ހަމަޖެހިފައިވާ ވާހަކަ ދަންނަވަމުން އީޓީން އެދެނީ އަދުގެ ދިވެހި ޒުވާން ޖީލަށް ކުރިމަތިވެފައިވާ މި ބޮޑު ވަބާ އަދި ނުރައްކަލުން އެ ކުދިން ސަލާމަތް ކުރުމަށް މި ފޮތުގެ މައުލޫމާތުގެ އަލީގައި މި ފޮތް ކިޔާ ކޮންމެ އާއިލާއެއް ބާރުވެރިކުރެވޭނެ ކަމަށެވެ. އާމީން

އިސްބަސް

(މި ފޮތުގެ އިސްބަސް ލިޔުއްވީ ޕޯލް ޑިލަންއެވެ. އެ މަނިކުފާނަކީ ޔުނިވަރސިޓީ އޮފް ނިއު ސައުތް ވޭލްސްގެ ނެޝަނަލް ޑްރަގް އެންޑް އެލްކޮހޯލް ރިސަރޗް ސެންޓަރުގެ އިންފޮމޭޝަން މެނޭޖަރެވެ.)

އަހަރެމެން ދިރިއުޅެމުން އަންނަނީ ތަފާތު ބާވަތްތަކުގެ މަސްތުވާތަކެތި ކޮންމެ ދުވަހަކު ވެސް ބޭނުން ކުރަމުން އަންނަ މުޖުތަމައެއްގައެވެ. ޑޮކްޓަރީ ބޭހާއި އަދި ޕްރިސްކްރިޕްޝަނަކާ ނުލައި ދޭ ބޭހާއި އަދި ގާނޫނީ ގޮތުން ހުއްދަ ކުރެވިފައިވާ ދުންފަތާއި އަލްކޮހޯލް ނުވަތަ ބަނގުރަލުގެ ބާވަތްތަކަކީ ވަރަށް ގިނަ އޮސްޓްރޭލިޔާ ރައްޔިތުން ބޭނުންކުރާ އެއްޗެއްސެވެ. ގަވައިދާ ހިލާފަށް ބޭނުން ކުރާ ޑްރަގްގެ ބާވަތްތައް ދަނީ އިތުރުވަމުން ކަމަށް ފެނެއެވެ. އަދި ފަހުގެ ތާރީހުގައި މަސްތުވާތަކެއްޗާއި ފާމަސޫޓިކަލް ޑްރަގްސް ނުވަތަ ޑޮކްޓަރީ ބޭސް ބޭނުން ކުރުމަކީ ވަރަށް ބޮޑަށް ބަހުސް ކުރެވެމުން އަންނަ މައްސަލައެކެވެ. ގިނަ ބެލެނިވެރިންނަށް މިފަދަ ޑްރަގްތަކަކީ އެބައިމީހުން ބޮޑުވަމުން އައިއިރު ފަރިތަ އެއްޗެއްސެއް ނޫނެވެ. މިހެންވެ، މިހާރު ލިބެން ހުންނަ ތަފާތު ޑްރަގްތައް ބޭނުން ކުރުމާއި އޭގެން ކުރާ އަސަރުތައް އެމީހުންނަކަށް ފަހުމެއް ނުވެއެވެ.

ކުރިމަތިލާން އުނދަގޫ މައްސަލައެއް ނަމަވެސް، ގިނަ ބަޔަކު ބުނާ ގޮތުން އެ މީހުން މަސްތުވާތަކެތި ބޭނުން ކުރަން ފަށަނީ މަޖަލަކަށްކަން ހަނދާން ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ޑްރަގްސް ބޭނުން ކުރުމުން ޒާތެއްގެ ހިތްހަމަޖެހުމެއް އެމީހުންނަށް ލިއްބައިދެއެވެ. އަދި އޭގެން ކަންތައްތަކެއް ގުރުބާން ކުރަން ޖެހުނަސް، އޭގެން ލިބޭ ފައިދާ އޭގެން ލިބޭ ގެއްލުމަށް ވުރެ ބޮޑު ކަމަށް އެމީހުންނަށް ގަބޫލު ކުރެވޭ ގޮތް ވެގެންނެވެ. ނަމަވެސް ނަސީބު ދެރަކަމުން، އޭގެން އެ ލިބޭ ފައިދާ ދާއިމަކަށް ދެމިގެން ނުދެއެވެ. ޑްރަގެއް ބޭނުން ކުރުމުގައި ދެމިހުރުމުން ވަގުތު ހިނގާ ވަރަކަށް އަހަރެމެންގެ ހަށިގަނޑުން އެއަށް “ޓޮލަރަންސެއް” އުފައްދައެވެ. ޓޮލަރަންސަކީ ހަށިގަނޑުގައި އޭގެ އަސަރު ހިއްޕާލުމުން އޭގެން ކުރާ “އުފާވެރި” އިހުސާސްތައް، ކުރިން ބޭނުން ކުރަމުން އައި މަދުމިންވަރުން ނުފުދުމުގެ ސަބަބުން، ދެން އިތުރަށް ބޭނުން ކުރަން ޖެހޭ ގޮތް ވުމެވެ. މިހާ ހިސާބުން ކަންތައްތައް ބަދަލުވެއެވެ. ގިނަ ބަޔަކު މަސްތުވާތަކެއްޗާއި ބޭސް ބޭނުން ކުރުން ހުއްޓާލަނީ މިހެންވެއެވެ. ސަބަބަކީ ކުރިން ކުރެވޭ “އުފާވެރި” އިހުސާސްތައް ދެން އެ މިންވަރަށް އަލުން ނުލިބޭތީއެވެ.

ނަސީބު ދެރަކަމުން ކަންތައްތައް މުޅިން ގޯސްވެގެން ދިއުމުން ވެސް ބައެއް މީހުން ޑްރަގްސް ބޭނުން ކުރުން ހުއްޓާ ނުލަނީއެވެ. ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން އޭގެ އަޅަކަށް މީހާ ވުމުން، އެ ހަލާކުހުރި “ބުރު”ގެ ތެރޭގައި އެމީހުންނަށް ތާށިވެފައި ތިބެވޭ ގޮތް ވަނީއެވެ.

“ޕޮލީޑްރަގް ޔޫސް” ނުވަތަ އެކައްޗަށް ވުރެ ގިނަ ބާވަތްތައް އެއްފަހަރާ ނަމަވެސް ބޭނުން ކުރުމަކީ މިހާރު އާއްމު ވެފައިވާ ކަމެކެވެ. މިސާލަކަށް، ހަމައެކަނި އެކްސްޓަސީ އެކަނި ބޭނުން ކުރާ މީހަކު މިހާރު ހޯދުމަކީ އުނދަގޫ ކަމެކެވެ. އޭގެން ލިއްބައިދޭ “އުފާވެރިކަން” އެތައް ގުނައެއް “މައްޗަށް ޖައްސާލަން” އެހެނިހެން ބާވަތްތަކުގެ ޑްރަގް ބޭނުން ކުރުމަކީ މިހާރުގެ އާދައެވެ. އަދި އެކްސްޓަސީ ފަދަ އެއްޗެހި ބޭނުން ކުރުމަށް ފަހު މީހާ ފަހުން “ރިކަވަރ”ވާން ނުވަތަ ހަމައަކަށް އެޅުމަށް އެތައް ބާވަތެއްގެ ޑްރަގްސް ގިނަ ފަހަރަށް ނަގައެވެ.

ޑްރަގްސް ބޭނުން ކުރުމުން މުޖުތަމައަށް ކުރިމަތިވާ މައްސަލަތަކަށް ސާދާ ހައްލުތަކެއް ނެތެވެ. ގިނަ މީހުންނަށް، ޚާއްސަކޮށް ޒުވާނުންނަށް “ތިމަންނައަކަށް އެވަބާއެއް ނުޖެހޭނޭ” ކަމަށް ގަބޫލު ކުރެވޭ ގޮތްވަނީއެވެ. ކިތައްމެ ވާހަކައެއް އެމީހުންނާ ދެއްކިއަސް، މައުލޫމާތު ކިތައްމެ ސައްހަ ނަމަވެސް، އަދި ދައްކާ މަންޒަރު ކިތައްމެ ބަލަން ދަތިވި ނަމަވެސް، އެ މީހުންނަށް ސީދާ އަސަރެއް ކޮށްފާނެ ކަމެއް ނުވަތަ ހާދިސާއެއް އެމީހުންނަށް ކުރިމަތި ނުވާހާ ހިނދަކު އެމީހުންގެ އުޅުމަކަށް ބަދަލެއް ނުގެންނާނެއެވެ.

މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލަތަކާ ގުޅޭ ގޮތުން ގިނަ ފޮތްތަކެއް ވަނީ ޗާޕު ކުރެވިފައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ޒުވާންފުރައިގެ ކުދިން ޑްރަގްސް އާބެހޭ މައުލޫމާތު ހޯދަނީ ރައްޓެހިންނާއި މީޑިއާގެ ޒަރީއާއިންނެވެ. މި ދެ ޒަރީއާއަކީ ވެސް އެންމެ ސައްހަ މައުލޫމާތު ލިބޭނެ ދެ ޒަރީއާއެއް ނޫނެވެ. އަބަދުވެސް އެންމެ ކައިރިން ތެދު އަދި ސައްހަ މައުލޫމާތު ލިބެން ހުންނަންވާނެއެވެ. ސަބަބަކީ ދަރިފުޅު ކޮންމެ ވަގުތެއްގައި އެފަދަ ކަމަކާ ގުޅޭ ގޮތުން ސުވާލު ކުރި ނަމަވެސް، އެކުދިންނަށް އޭގެ ޖަވާބު ވަގުތުން ދެވުމަށެވެ. ނޫނީ ކުރީއްސެރު ވެސް ތަކުރާރުކޮށް ދެކެވޭ ސައްހަ ނޫން މައުލޫމާތެއްގެ ސައްހަ ނޫންކަން ހާމަކޮށްދިނުމަށެވެ.

މިފޮތުން މިއަށް ވުރެ ފުޅާ ދާއިރާއެއްގައި މައުލޫމާތު ލިބޭނެއެވެ. ބަނގުރަލާއި އަދި އެހެން ބާވަތްތަކުގެ ޑްރަގްސްއާ ބެހޭ ކައުންސެލަރެއްގެ ގޮތުންނާއި އަދި ޑްރަގްސް ބޭނުން ކުރާ ދަރިއެއްގެ ބައްޕައެއްގެ ގޮތުން، މިފޮތުގެ މުސައްނިފު މިފޮތުގައި ހިއްސާކޮށްފައިވަނީ އޭނާގެ ޒާތީ ހަޔާތުގައި ތަޖުރިބާ ކުރި ކަންތައްތަކެވެ. އެގޮތުން އޭނާ ދީފައިވަނީ ގަބޫލު ކުރެވޭ ތެދު މައުލޫމާތެވެ. އަދި އެގޮތުން އޭނާ ހުށަހަޅާފައިވާ ބައެއް ހުށެހެޅުންތަކަކީ ގައުމުގެ ގިނަ އާއިލާތަކަކަށް ކުރިމަތިވެފައިވާ މައްސަލަތައް ހަގީގަތުގައި ވެސް ހައްލު ކުރެވިދާނެ ގޮތްތަކެކެވެ.

ފުރަތަމަ ބާބު: ވަކި އިމެއް ނެތް

އެއް ޒަމާނެއްގައި އަހަރެން ދެކުނު ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރުމަކީ އަހަރެން އުޅޭ ސަރަހައްދެއްގައި ހިނގާނެ ކަމެއް ނޫނެވެ. (އެމެރިކާގެ) ނިއު ޔޯކާއި ޝިކާގޯގެ ފަގީރު ސަރަހައްދުތަކުގައި މަސްތުވާތަކެތި ބޭނުން ކުރާ ޕްރޮގްރާމްތައް ޓީވީން ބެލީމެވެ. އަހަރެންނަށް އިހުސާސް ކުރެވުނީ އަހަރެންނަށް ހުރެވުނީ ރައްކާތެރި ހިސާބެއްގައި ކަމަށެވެ. ހީވީ އެއީ ފިލްމެއް ފަދައިން މާދުރުގައި ހިނގަމުންދިޔަ ‘ހަގީގަތެއް’ ހެންނެވެ. އަދި އަހަރެން އެއިރު ނިންމީ މަސްތުވާތަކެތި ބޭނުން ކުރަނީ ހަޔާތާމެދު އެއްވެސް އުއްމީދެއް ކުރުމެއް ނެތް ބައެއް ކަމަށެވެ. އަދި މިހެންވެ އެ މީހުންނަށް އެ ދިމާވީ އެ މީހުންނަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ! ގާނޫނު މަނާ ކުރާ ޑްރަގްސް ކަމަށްވާ ހެރޮއިން (ހަކުރު ނުވަތަ ‘ބްރައުން ޝުގަރ’) އާއި ކެނެބިސް (މެރުއާނާ ނުވަތަ ގަންޖާ ނުވަތަ ހޭޝް އޮއިލް ‘ތެޔޮ’) ގެ ވާހަކަ އަހަރެން އެންމެ ފުރަތަމަ އަޑުއެހީ 1960 ގެ އަހަރުތަކުގެ ތެރޭގައެވެ. އެއީ އަހަރެން (އިނގިރޭސި ވިލާތުގެ) ލަންޑަންގައި އުޅުނު އިރުއެވެ. އެއިރު އަހަރެންގެ ބަނގުރާ ބުއިމުގެ އާދަ ކުރިއަށް ގެންދިޔައިމެވެ. ނަމަވެސް ޑްރަގްސް ބޭނުން ކުރާ އެއްވެސް މީހަކާ އަހަރެންނަށް ދިމާވެފައެއް ނުވެއެވެ. އަހަރެމެންގެ އެއިރުގެ އާދައަކީ ޕަބަށް ގޮސް ރާ ބޮއިގެން އެއަށް ފަހު ޕާޓީއަކަށް ގޮސް އަނެއްކާވެސް އިތުރަށް ރާ ބުއިމެވެ.

ދެން އަހަރެން އައީ އަހަރެންގެ އަންހެނުންނާއި ތުއްތު ފިރިހެން ދަރިފުޅު ގޮވައިގެން (އޮސްޓްރޭލިޔާގެ) ޕާރތްއަށެވެ. އަދި މަސްތުވާތަކެއްޗާ ބެހޭ ގޮތުން އަހަރެން ކުރިން އަޑުއެހި ކަހަލަ ވާހަކަތައް އަނެއްކާވެސް އަހަން ފަށައިފީމެވެ. މިފަހަރު ޔޫރަޕާއި އޮސްޓްރޭލިޔާގައި ވެސް ހިނގާ ކަންތައްތަކެއްގެ ގޮތުގައެވެ. ނަމަވެސް އެއީ އަހަރެން އޮސްޓްރޭލިޔާގެ ޕާރތްގައި އުޅުނު ސަރަހައްދު ނޫން އަނެއް ފަރާތުގައެވެ. ކިންގްސް ކްރޮސް އާއި ސެއިންޓް ކިލްޑާ ފަދަ ސަރަހައްދުތަކުގައެވެ. ކޮންމެ ގައުމެއްގައި ވެސް އެކަހަލަ މީހުން އުޅެއެވެ. އެމީހުން އުޅެނީ ހަމައެކަނި އެމީހުންނާ އެމީހުން އެކުލަވައިގެންކަމުން އެއީ ރަނގަޅު ގޮތެއް ކަމަށް އަހަރެންނަށް ހީވިއެވެ. އެމީހުން އެހެން މީހުންނާ ނުބެހޭނެ ނޫން ހެއްޔެވެ؟ އޮސްޓްރޭލިޔާއިން އަހަރެންނަށް އަލަށް ލިބުނު ރަހްމަތްތެރިންނާއެކު ޕަބްތަކަށާއި ބާބެކިއުތަކަށް ގޮސް ރާބުއިމުގެ އާދަ އަހަރެން ކުރިއަށް ގެންދިޔައީމެވެ. ނަމަވެސް އެއިރު ވެސް މަސްތުވާތަކެތި ބޭނުން ކުރާ މީހަކާ އަހަރެންނަށް ދިމައެއް ނުވެއެވެ.

1970 ގެ އަހަރުތަކުގައި އަހަރެން ދިޔައީ ޔުނިވާސިޓީ އޮފް ވެސްޓަން އޮސްޓްރޭލިޔާއަށެވެ. އެތަނުގައި އުޅޭ އެހެން ދަރިވަރުންނެކޭ އެއްފަދައިން އަހަރެން ވެސް ކެނެބިސް ތަޖުރިބާ ކޮށްލީމެވެ. ގްރޮގް ނުވަތަ ފެނާއި މަސްހުނިކޮށްފައިވާ ރަލުގެ ބާވަތްތަކާ އަޅާބަލާއިރު ކެނެބިސް އެހާ ބާރުގަދަ ނޫންކަން އެނގުނެވެ. ނަމަވެސް މާގިނަ ދުވަހަކު ކެނެބިސްގައި އަހަރެން ދެމިއެއް ނުހުންނަމެވެ. ކޮންމެ ގޮތެއް ވިޔަސް ކެނެބިސް އަކީ ‘ސޮފްޓް ޑްރަގް’ ނުވަތަ އެހާ ވަރުގަދަ މަސްތުވާއެއްޗެއް ނޫނެއް ނޫން ހެއްޔެވެ؟ އެއަކުން ގައިމު ވެސް ފުރާނައަކަށް ނުރައްކަލެއް ނެތެވެ. އަހަރެންނަށް އަދިވެސް ‘ހާޑް ޑްރަގް’ ނުވަތަ މަސްތުވާތަކެތީގެ ވަރުގަދަ ބާވަތްތައް ބޭނުން ކުރާ މީހަކާ ދިމައެއް ނުވެއެވެ.

1980 ގެ އަހަރުތަކުގެ ތެރޭގައި އަހަރެންގެ ފިރިހެން ދަރިފުޅު ސިޑްނީއަށް ދިރިއުޅުން ބަދަލުކުރިއެވެ. އެއިރު އޭނާގެ އުމުރުން 18 އަހަރެވެ. އޭނާ އެއިރު ހުރީ ދަތުރުކޮށް ދުނިޔެ ބަލައިލާ ހިތްވާ ކަހަލަ މޫޑެއްގައެވެ. އޭނާގެ މައިންބަފައިން ވެސް އެހެން ތަންތަނަށް ހިޖުރަކޮށް އެކަމުން އުފާ ހޯދާ ފަދައިންނެވެ. އޭނާ ނެތުމުން އަހަރެން ވަރަށް އެކަނިވެރިވިއެވެ. އެއިރު އަހަރެންނާ އެއްކޮށް ޕަބަށް ދެވޭނޭހެން އޭނާ ކިރިޔާ އުމުރު ހަމަވީއެވެ. ނަމަވެސް އޭނާ ދިރިއުޅުން ބަދަލު އެކުރީ ބޮޑު ގައުމެއްގެ މުޅިން އަނެއް ފަޅިއަށެވެ. އެއިރު އަހަރެން މަސްއޫލުވެގެން އުޅުނު މަސައްކަތުގެ ދާއިރާގެ ގޮތުން ވަރަށް ގިނަގިނައިން އޮސްޓްރޭލިޔާ ބައްރުގެ އިރުމަތީ ސްޓޭޓްތަކަށް ދަތުރު ކުރަން ޖެހެއެވެ. އެއިން ކޮންމެ ފުރުސަތެއްގައި ވެސް އަހަރެން އޭނާ ގާތަށް ގޮސް އޭނާ ދެކިލައި ބައްދަލުކޮށްލަމެވެ. އަހަރެމެން އަބަދުވެސް އެކުގައި ބޭރަށް ރާކޮޅެއް ބޯލަން ދަމެވެ. އަދި އެއިން ކޮންމެ ފަހަރަކުވެސް އޭނާ އެއްވެސް ބާވަތެއްގެ ޑްރަގްސްއެއް ބޭނުން ކުރަންތޯ އަބަދުވެސް އަހަމެވެ. އޭނާ ބުނީ އޭނާ ކެނެބިސް އާއި އަދި ބައެއް އެހެން މަދު ބާވަތްތަކުގެ ޑްރަގްސް ބޭނުން ކުރާ ކަމަށާއި ނަމަވެސް ހެރޮއިން އާ އޭނާ މުޅިން ދެކޮޅު ކަމަށެވެ. އެގޮތުގައި ދެމިހުރުމަށް އަހަރެން އޭނާ ގާތު އެދުނީމެވެ.

ދެން އެއް ދުވަހަކު އޭނާ ޕާރތަށް އައިސްފިއެވެ. ރާކޮޅެއް ބޯލަން އަހަރެމެން ދިޔައީ އަހަރެން އުޅޭ ހިސާބުގައި ހުރި ޕަބަކަށެވެ. އަދި އެ ވަގުތު އޭނާ ދިން ޚަބަރަކުން ހީވީ އަހަރެންގެ ދުނިޔެ ފުނޑުފުނޑުވެގެން ދިޔަހެނެވެ. އެހިސާބުން އަހަރެންގެ ހަޔާތް މުޅިން ބަދަލުވެގެން ދިޔައެވެ. އޭނާ ބުނީ އޭނާ ހެރޮއިން ބޭނުން ކުރަން ފަށައިފި ކަމަށެވެ. އަދި އެ ބޭނުން ކުރަނީ ފޮއިލް މަތީގައި ދުއްވައިގެން އޭގެ ދުން ހަށިގަނޑުގެ ތެރެއަށް ދަމައިގެން ކަމަށެވެ. ދެން އޭނާއާ ބައްދަލުވީ ފަހަރު އޭނާ ހަބަރު ދިނީ އޭނާ މިހާރު ސިރިންޖާއި ކަށީގެ ޒަރީއާއިން އޭނާގެ ހަށިގަނޑަށް ހެރޮއިން އިންޖެކްޓް ކުރަން ފަށައިފި ވެސް ކަމަށެވެ. އެހިސާބުން އަހަރެންގެ އަމިއްލަ ދޮރުމައްޗަށް ހާރޑް ޑްރަގްސްގެ ވަބާ ފޯރީއެވެ.

ވޭތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ޑްރަގް އޯވަރޑޯޒް ވެގެން އެތައް ސަތޭކަ އޮސްޓްރޭލިޔާ މީހުންނެއް ވަނީ މި ދުނިޔެ ދޫކޮށްފައެވެ. އެޕްރީލް 2000 ގައި ޕާރތްގެ ޑިސްޓްރިކްޓް ކޯޓްގެ ގާޒީއަކު ވިދާޅުވީ އޭނާގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 80 ޕަސެންޓް މައްސަލައަކީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ކަމަށެވެ. ޑްރަގްސް ނުހަމަ ގޮތުގައި ބޭނުން ކުރުމުގެ ނުރައްކަލާ ބެހޭ ގޮތުން އިންޒާރު ދޭ ކެމްޕޭންތައް ވަރަށް ގިނައިން ފެނެއެވެ. ޕާޓީތަކުގައި ބޭނުން ކުރާ ޒާތުގެ ‘ޕާޓީ ޑްރަގްސް’ ބޭނުން ކުރުމުގެ ސަބަބުން މީހުން ވަނީ އެކަމުން ވެސް މަރުވާން ފަށައިފައެވެ. ނަމަވެސް ގާނޫނީ ގޮތުން މަނާ ކުރެވިފައިވާ ޑްރަގްސް އާއި ބޭސްތައް އޮސްޓްރޭލިޔާގައި ބޭނުން ކުރުން ދިޔައީ އިތުރު ވަމުންނެވެ. ދާދި ފަހުން ކުރި ގައުމީ ދިރާސާއެއްގައި ހާމަވި ގޮތުގައި އަހަރެމެންގެ ޒުވާނުންގެ ތެރެއިން ތިން ބައި ކުޅަ އެއް ބައި ޒުވާނުން، ވޭތުވެދިޔަ 12 މަސް ދުވަހުގެ ތެރޭގައި ވަނީ މަނާ ޑްރަގްސް ބޭނުން ކޮށްފައެވެ. އެއީ އުމުރުން 14 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންގެ މެދުގައެވެ.

ކުރިން “އެތާނގައި” “އަނެއް މީހުންނަށް” ދިމާވާ މަނާ ޑްރަގްސްގެ ދުނިޔެ، “އަހަރެމެންގެ” މުޖުތަމައާ ހިސާބަށް ފޯރީއެވެ. އެއީ ހަމައެކަނި ތަރައްގީވެފައިވާ ސިޓީތައް ނުވަތަ ސަހަރުތަކަށް އެކަނި ފޯރި އަސަރެއް ނޫނެވެ. ޓެލެފޯންގެ ޒަރީއާއިން ޑްރަގްސްއާ ބެހޭ ކައުންސެލިންގ ދޭ މީހެއްގެ ގޮތުން އަހަރެންނަށް އެންމެ ގިނައިން ކޯލްތައް ލިބޭ ސަރަހައްދުތަކުގެ ތެރޭގައި ރަށްފުށުހިސާބުތަކާއި މީހުން ދިރިއުޅޭ އެފަދަ ޓައުންތައް ހިމެނެއެވެ. މަސްތުވާތަކެތީގެ ކޮންމެވެސް ބާވަތެއް ވަރަށް ފަސޭހައިން ވަރަށް އަވަހަށް ލިބޭނޭ ތަންތަނުގެ ތެރޭގައި ޖުމްލަ ގޮތެއްގައި އޮސްޓްރޭލިޔާގައި މީހުން ދިރިއުޅޭ ކޮންމެ ސަރަހައްދެއް ވެސް ހިމެނޭ ކަމަށް އަހަރެން ބުނެފި ނަމަ، އެކަމާ ގޮންޖަހާނެ މީހަކު ވާނެހެނެއް ހިއެއް ނުވެއެވެ.

ޑްރަގްސްގެ ސަބަބުން ލިބޭ ހިތާމައަކީ ވަރަށް ފުން އަދި ވަރަށް ފުޅާ ދާއިރާއެއްގައި އޭގެ އަސަރު ކުރާ ކަމެކެވެ. އެއީ ލޯބިވާ މީހަކު މަރުވުން ފަދަ ކަމެކެވެ. އަދި ބޭރު ތެރޭގައި އުޅެފައި ގެއަށް އަންނަ އިރު ގެއިން ކޮންމެވެސް ބަޔަކު ވައްކަން ކޮށްފައިވާކަން އެނގުން ފަދަ ނުސީދާ ހިތާމަ ވެސް ލިބޭ ކަމެކެވެ. އަދި އިންޝުއަރެންސް ޕޭއައުޓް އިތުރު ކުރުމަށް ޕްރެމިއަމް އިތުރު ކުރުން ފަދަ ނުސީދާ އަސަރުތަކެއް ކުރާ ކަމެއް ވެސްމެއެވެ.

އެއީ ހިތާމަ އާއި ވޭން ލިބޭ ދުނިޔެއެއް ނަމަވެސް އެއީ ހައިރާންކުރަނިވި ދުނިޔެއެއް ވެސް މެއެވެ. މީހުން މަސްތުވާތަކެތި ބޭނުން ކުރަނީ ކީއްވެ ބާވައެވެ؟ ސީރިއަސް ރިސްކްތަކެއް ބައެއް މީހުން ނަގަނީ ކީއްވެ ބާވައެވެ؟ އެ މީހުންގެ ހަޔާތް ނާމާންކަމުގެ ތެރެއަށް ވައްޓާލަނީ ކީއްވެ ބާވައެވެ؟ އަމިއްލަ (ވަޒީފާ) ކެރިއަރާއި މީހުންނާ ދޭތެރޭ އޮންނަ ގުޅުންތަކާއި އަދި ސިއްހަތު ފަނާކޮށްލުމަށް ފަހު ދަރަނިވެރިވުން ވެސް ބައެއް މީހުންނަށް ވަރިހަމަ ވަނީ ކީއްވެ ހެއްޔެވެ؟ ތަފާތު ޑްރަގްސްއިން މިފަދަ ނަތީޖާތަކެއް ނެރުވަނީ އޭގައި ކޮން ފަދަ ބާރެއް އެކުލެވިގެން ވާތީ ހެއްޔެވެ؟ ބަދަލަކަށް އެއްވެސް އުއްމީދެއް އެބައޮތް ބާވައެވެ؟ މިފަދަ މީހުންނަށް “ޝިފާއެއް” އެބައޮތް ބާވައެވެ؟ “ފަރުވާއެއް” އެބައޮތް ބާވައެވެ؟ އިމިގްރޭޝަން އޮފިސަރެއްގެ މަގާމުން މަސްތުވާތަކެއްޗާ ބެހޭ ކައުންސެލަރަކަށް އަހަރެން ބަދަލުވާން ދިމާވީ، އަހަރެންގެ ދަރިފުޅުގެ މަސްތުވާތަކެތި ބޭނުން ކުރުމުގެ އާދައާމެދު އުފެދުނު މިފަދަ އަދި އެހެން ސުވާލުތަކަކާ ގުޅިގެންނެވެ. އެހެން ނޫނަސް އެ ވަގުތަކީ އަހަރެން ވެސް ބަދަލަކަށް ބޭނުންވެފައިވާ ވަގުތެކެވެ. އަހަރެން ތަމްރީންވީ އިޖުތިމާއީ މަސައްކަތްތެރިއެއް ނުވަތަ “ސޯޝަލް ވަރކަރ”އެއް ގޮތަށެވެ. އަދި އަހަރެން އިމިގްރޭޝަން އޮފިސަރެއްގެ މަގާމު އަދާ ކުރީ ވެސް އިޖުތިމާއީ ޚިދުމަތް ކުރުމުގެ ގޮތުން ކަމަށްވުމުން، އަހަރެންގެ އެ ވަޒީފާ ނިމިގެން ދިޔައީ ޝަކުވާތައް ހުށަހަޅާ ސެކްޝަނުންނެވެ. އެހެން ގޮތަކަށް ބުނާ ނަމަ ފުލުހުންގެ މަސައްކަތާ ގުޅޭ ސެކްޝަނުންނެވެ. އެހެންކަމުން އަހަރެންގެ މަސައްކަތްތަކުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ގައުމަށް ވަދެ އުޅޭ މީހުންނަށް ފާރަލުން ހިމެނެއެވެ. ބައެއް ފަހަރަށް އަހަރެންގެ ވަޒީފާގެ ފާސް ހިފައިގެން ހަނި އަނދިރި ގޯޅިތަކުގެ ތެރޭގައި މަޑުކުރަން ޖެހެއެވެ. އަހަރެންނާއެކު މަސައްކަތް ކުރާ އަނެއް އެކުވެރިން ރެސްޓޯރަންޓްތަކުގެ ރަސްމީ ދޮރުން ވަދެގެން ތަހުގީގު ފަށާއިރު، ވަލުދޮރޯށިން ނުކުމެ ފިލާފާނެ މީހެއް ހައްޔަރުކޮށް ބިޑިއެޅުވުމަށް އަހަރެން ހުށިޔާރުވެ ހުންނަމެވެ. މިއީ ޝައުގުވެރިކަމުން ފުރިފައިވާ މަސައްކަތެއް ނަމަވެސް އަހަރެންނަށް އެހާހިސާބުން ސުވާލު ކުރެވެން ފެށީ އިޖުތިމާއީ މަސައްކަތެއްގެ ގޮތުން މި މަސައްކަތް ނެގުނީ މި ޝައުގުވެރިކަމާ ހެދި ބާވައެވެ؟ ދެން ޑްރަގް ކައުންސަލަރެއް ހޯދުމަށް ކޮށްފައިވާ އިސްތިހާރެއް އަހަރެންނަށް ފެނުނެވެ. އަދި އެ ކަމަށް ކުރިމަތިލުމުން އަހަރެންނަށް ކާމިޔާބުކަމާއެކު އެ ދާއިރާގެ ތެރެއަށް ވަދެވުނެވެ.

މިދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި ޑްރަގް ކައުންސެލަރެއްގެ ގޮތުގައި އަހަރެން ވަޒީފާ އަދާކުރީމެވެ. އަދި އެޑިކްޝަން (ދެވިހިފުން) ދާއިރާއިން ލެކްޗަރަރއަކަށާއި ޑްރަގްސް އާމެދު ހޭލުންތެރި ކުރުމާއި ކޮންސަލްޓަންޓެއް ގޮތަށް އޮސްޓްރޭލިޔާ އާއި އެހެން ގައުމުތަކުގައި ވެސް މަސައްކަތް ކުރީމެވެ. މި ފޮތަކީ އަހަރެންނަށް ލިބުނު މައުލޫމާތުގެ ހުލާސާއެކެވެ. މި ފޮތަކީ މަސްތުވާތަކެއްޗާ ބެހޭ ގޮތުން ލިބެން ހުރި ދަލީލުތަކުގެ އިތުރުން އަހަރެންގެ ތަޖުރިބާ އާއި އަމިއްލަ ހިޔާލު ވެސް އެކުލެވޭ ފޮތެކެވެ. މިއީ މަސްތުވާތަކެތީގެ ސިޔާސީ ފުށަށް ބަލާލައި ފޮތެއް ނޫނެވެ. އޭގެ ހުއްދަ ކަމާއި ނުހުއްދަ ކަމާމެދު ބަހުސް ކުރާ ފޮތެއް ނޫނެވެ. ހިލޭ ހެރޮއިން ލިބޭނެ ގޮތާއި އެ އިންޖެކްޓް ކުރަން ރައްކާތެރި ތަންތަން ފޯރުކޮށްދިނުން ނުވަތަ އެ ބޭނުން ކުރާ މީހުންނަށް ދޭންވީ އަދަބު ކުޑަ ކުރަން ވީތޯ ނުވަތަ ބޮޑު ކުރަން ވީތޯ އެއީ މިފޮތުގެ އަމާޒެއް ނޫނެވެ. މިފަދަ މައްސަލަތަކީ ކޮންމެ ދުވަހަކުހެން މީޑިއާގައި ބަހުސް ކުރެވޭ ކަންތައްތަކެވެ. މި ފޮތަކީ މަސްތުވާތަކެތި މި ތާނގައި މި ވަގުތު ބޭނުން ކުރެވޭ ގޮތާއި އެ ކަމުން މީހުންނަށް މިއަދު ކުރިމަތިވާ މައްސަލަތަކަށް އަލިއަޅުވާލާ ފޮތެކެވެ. ކަންތައްތައް އޭގެ ޒާތުގައި އަމިއްލައަށް ރަނގަޅުވާން ދޫކޮށްލުމަށް އަހަރެމެންގެ ތެރެއިން ގިނަ މީހުންނަކަށް ވަގުތެއް ނެތެވެ. މި ކަމާ ގުޅޭ މައްސަލަތައް ކުރިމަތީގައި ފުނިޖެހި، ވަގުތުން ވަގުތަށް ހައްލު ކުރަން ޖެހޭ ކަންތައްތައް ބައިވަރެވެ. އެހެންކަމުން މި ފޮތަކީ، ގާނޫނީ ގޮތުން މަނާ ޑްރަގްސްގެ ދުނިޔެއަށް ވަދެވުމުންނާއި އަދި އޭގެ ތެރެއަށް ކުރިމަގުގައި ވަދެވިދާނެ ކަމަށް ހީވާ މައިންނާއި ބަފައިންނާއި ކާފައިންނާއި މާމައިންނާއި ބޭބެއިންނާއި ދައްތައިންނާއި ރަހްމަތްތެރިންނަށް އަހަރެންނަށް ލިބިފައިވާ މައުލޫމާތާއި ތަޖުރިބާ ހިއްސާކޮށްލުމަށް ލިޔާ ފޮތެކެވެ.

އަހަރެން މި ފޮތް ލިޔުނުކަން އަހަރެންގެ ފިރިހެން ދަރިފުޅަށް އެނގޭނެއެވެ. ފޮތުގެ ފުރަތަމަ ޑްރާފްޓް އޭނާ ކިޔަން ވެސް ކިޔެވެ. އަހަރެމެންގެ އަސްލު އާއިލީ ނަން ބޭނުން ކުރަން އޭނާ ހުއްދަ ދިން ނަމަވެސް އަހަރެން ނިންމީ އަހަރެމެންގެ އާއިލީ ނަން ނުވަތަ ސަރނޭމް ބޭނުން ނުކުރުމަށެވެ. މި ކަހަލަ މައްސަލައެއްގައި ސިއްރު ހިފެހެއްޓުމަކީ ވަރަށް ވިސްނުންތެރިކަމާއެކު ކުރަން ޖެހޭ ކަމަކަށް ވާތީއެވެ. ސަބަބަކީ މީގެ ތެރޭގައި އަހަރެންގެ ދަރިފުޅުގެ އިތުރުން އާއިލާގެ އެހެން މީހުންގެ ނަން ވެސް ގަންނަން ޖެހޭތީއެވެ. ސިއްރެއް ބޭރުވެއްޖެ ނަމަ އޭތި އަނބުރާ ގެނައުމެއް ނެތެވެ؛ އެހެންކަމުން މި ފޮތުގެ މުސައްނިފުގެ ގޮތުގައި އަހަރެންގެ ނަން ބޭނުން ކުރި އިރު ވެސް، އަހަރެން ވާނީ ހުދު އަހަރެންގެ އާއިލީ ނަން ވެސް ބަދަލުކޮށްފައެވެ.

އަހަރެންނަށް ގަބޫލު ކުރެވެނީ ވަރަށް ސާދާ ގޮތެކެވެ؛ އެއީ ބޭނުން ނަމަ ހަމަ ކޮންމެ މީހަކަށް ވެސް މި މައްސަލަތަކުން ފުރިގެންވާ މަސްތުވާތަކެތީގެ ދުނިޔެ ދޫކޮށްލެވިދާނެ ކަމެވެ. ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި އަހަރެންގެ މި ހިޔާލަކަށް ބަދަލެއް ނާދެއެވެ. މީހާގެ އަމަލުތަކާއި ހަރަކާތްތަކާއި އުޅޭ ގޮތް ބަދަލު ކުރުމަކީ ހަމަ ކޮންމެ މީހަކަށް ވެސް ކުރެވޭނެ އަދި ބައެއް މީހުން ކޮށްފައި ހުރި ކަންތައްތަކެވެ. އެއީ ފަސޭހަ ކަމެއް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ މީހުން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލީ ހަމަ ކުއްލިއަކަށް ޓަސްލާފައެވެ. ނަމަވެސް އެއީ މަދު ބައެކެވެ. މަސްތުވާތަކެތިން ދުރުވުމަށް މީހުން ގާތުގައި ބުނުމަކީ ފަސޭހަ ކަމެއް ކަމަށް ވިޔަސް، އަހަރެންގެ ތަޖުރިބާގައި އެއީ ގިނަ މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. އެއީ އޭގެން ދުރުވާން މަސައްކަތް ކުރާ މީހާއަށް ވަރަށް ދަތި ކަމަކަށް ވާއިރު، އޭނާ މަސްތުވާތަކެތި ބޭނުން ކުރަމުން ގެންދިޔުން އެއީ އަދި އާއިލާއަށާއި ރަހްމަތްތެރިންނަށް ވަރަށް ހިތްދަތި ކަމެކެވެ. އެ މީހުންނަށް ތަޖުރިބާ ކުރެވޭނީ ވަރަށް ބޮޑު ވޭނެކެވެ. އަދި ހަޔާތް އަމިއްލަ ކޮންޓްރޯލުން ނެއްޓިގެން ދިއުން ފަދަ މާޔޫސްކަމެކެވެ. މި ފޮތުގެ ބޭނުމަކީ ގާނޫނީ ގޮތުން މަނާ ޑްރަގްސް އާ ގުޅޭ ގޮތުން އެ މީހުންނަށް އިތުރު މައުލޫމާތު ދީ، މި ކަމާ ގުޅޭ މައްސަލަތައް އެ މީހުންނަށް ފަހުމް ކޮށްދިނުމެވެ. ގިނަ މީހުންނަށް މިހާރު މަސްތުވާތަކެއްޗަކީ ކޮންމެ ދުވަހަކުހެން އެ މީހާއަށް ނުވަތަ އެ މީހާގެ ކޮންމެވެސް ގާތް މީހަކު ބަރުދާސްތު ކުރަމުން އަންނަ ކަމެކެވެ. ކަންތައްތައް ނިންމުމަކީ ގިނަ ފަހަރަށް އެ ބޭނުން ނުކުރާ މީހާގެ މައްޗަށް އޮތް ކަމެކެވެ. މިސާލަކަށް، އަހަރެންގެ ފިރިހެން ދަރިފުޅު ކެނެބިސް ބޭނުން ކުރަން ހުއްދަ ދޭންވީތޯއެވެ؟ އަހަރެންގެ އަންހެން ދަރިފުޅަށް ޑްރަގްސް ވިއްކި މީހާ ފުލުހުންނަށް ރިޕޯޓް ކުރަންވީތޯއެވެ؟ އަހަރެން ގެއަށް ޚަރަދު ކުރަން ބެހެއްޓި ފައިސާ، މަސްތުވާތަކެއްޗަށް ހޭދަ ކުރުމުން އަހަރެންގެ ބައިވެރިޔާ ގެއިން ނެރެލަންވީތޯއެވެ؟

މި ފަދަ އެތައް ސުވާލުތަކެއް ޑްރަގްސްގެ ދުނިޔެއާ ކުރިމަތިލާން ޖެހިފައިވާ މީހާއަށް ކުރިމަތިކުރުވައެވެ. މި ކަމުން ބޭރުގައި ތިބޭ މީހުންނަށް ހީވާނީ މިއީ ވަރަށް ސާދާ އަދި ފާޅުވެގެންވާ ޖަވާބުތަކެއް ހުރި މައްސަލަތަކެއް ކަމަށެވެ. އަހަރެން ބުނާނީ ވަރަށް މަދުން ނޫނީ އެހާ ފަސޭހަ ޖަވާބެއް ލިބެން ނެތް ކަމަށެވެ. މަސްތުވާތަކެއްޗާއި އެ ބޭނުން ކުރާ މީހުންނާ ގުޅޭ ގޮތުން ގިނަ ފަހަރަށް ވަރަށް ވިސްނުންތެރިކަމާއެކު ބުއްދީގެ ބޭނުންކޮށްގެން ނޫނީ ޖަވާބު ނުލިބޭ ފަދަ ސުވާލުތައް ގިނައެވެ.

ނިންމުންތައް ނިންމިދާނެއެވެ. ވަކި ފިޔަވަޅެއް ނުއަޅާ ހުރުމަކީ ވެސް ޒާތެއްގެ ނިންމުމެކެވެ. އިތުރު މައުލޫމާތު ލިބުމަކީ ކޮންމެހެން އަދި ރަނގަޅު ނިންމުމެއް ނުނިންމިދާނެ ކަމެއްކަން ވެސް ހަނދާން ބަހައްޓަން ޖެހެއެވެ. ނަމަވެސް އަހަރެން ގަބޫލު ކުރަނީ ގިނަ މައުލޫމާތުތަކެއް ލިބުމުން، މައުލޫމާތު ލިބިގެން ހުރެ ނިންމުމެއް ނިންމިދާނެ ކަމަށެވެ. އަދި މިހެންވެ މި ފަދަ ނިންމުމެއް، މައުލޫމާތު ނުލިބި ހުރެ ނިންމާ ނިންމުމަކާ މުޅިން ތަފާތުވާނެއެވެ. މައުލޫމާތު ލިބިހުރެ ނިންމާ ނިންމުން ވާނީ ކުރިއަށް ވުރެ ރަނގަޅު ނިންމުމަކަށެވެ. އަދި މިހެންވެ ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ މީހާއަށް ތިމާގެ ފަރާތުން ފަސޭހަތަކެއްވެ، އެ މީހާގެ އުޅުން ބަދަލު ކުރުމަށް ބޮޑު ހިތްވަރަކަށް ވާނެއެވެ.

މި ފޮތުގައި ‘ގާނޫނީ ގޮތުން މަނާ’ ނުވަތަ ‘އިލީގަލް’ މި ބަސްތަކުގެ ބަދަލުގައި އަހަރެން ގިނައިން ބޭނުން ކޮށްފައި ހުންނާނީ ‘ނަހަމަ ގޮތުގައި ބޭނުން ކުރާ’ ނުވަތަ ‘އިލިސިޓް’ އެވެ. ސަބަބަކީ ތެރަހާއި ޕެޓްރޯލާއި އަދި ތަފާތު ކެމިކަލް ސްޕްރޭތަކަކީ ގާނޫނީ ގޮތުން މަނާ ތަކެތި ކަމަށް ނުވިޔަސް، އެއީ ވެސް ނަހަމަ ގޮތުގައި މަސްތުވުމަށް ބޭނުން ކުރެވިދާނެ އެއްޗެހި ކަމަށް ވާތީއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.