މަސްތުވާތަކެއްޗާ ކުރިމަތިލުން: ބެލެނިވެރިންނަށް މަގެއް – 2 ވަނަ ބާބު

drug

ފުރަތަމަ ބާބު

ދެވަނަ ބާބު: ދެވިހިފާ ގޮތް

ކަމަކަށް ދެވިހިފުން ނުވަތަ އެޑިކްޓްވުމަކީ ގިނަ މީހުންގެ ނަޒަރުގައި ރަނގަޅު ގޮތެއް ނޫން ކަމަށް ވިޔަސް ހަގީގަތުގައި އަހަރެމެން އެންމެންނަކީ ވެސް ކޮންމެވެސް ކަމަކަށް އެޑިކްޓް ވެފައިވާ ބައެކެވެ. މިސާލަކަށް ފުޓުބޯޅަ ޓީމަކަށް ސަޕޯޓް ކުރާ މީހެއްގެ ހަޔާތަށް ބަލަމާ ހިނގާށެވެ. އެކަމަށް ދެވިހިފާފައިވާ މީހަކު އެއްމެ މެޗެއް ވެސް ނުބަލާ ދޫކޮށް ނުލާނެއެވެ. އަދި ވީވަރަކުން އޭނާގެ ޓީމް ތަމްރީން ހަދާ ތަން ބަލަން ވެސް ދެއެވެ. ސަޕޯޓް ކުރާ ޓީމާއި އަދި ޓީމާ ޖެހޭ އެހެން ޓީމުތަކާ ބެހޭ މައުލޫމާތު ވެސް ޓީވީ އާއި ނޫސްތަކުގެ ޒަރީއާއިން ހޯދައެވެ. އެގޮތުން ސަސްޕެންޑް ކުރެވިފައިވާ ކުޅުންތެރިންނާއި އަނިޔާގައި ހުރި ކުޅުންތެރިންނާއި އަދި ފުރަތަމަ އެގާރައަށް ނަގާ ކުޅުންތެރިންނާއި މިފަދަ ކޫސަނި މައުލޫމާތުތައް ހޯދައެވެ. ތާއީދު ކުރާ ޓީމު މޮޅުވެއްޖެ ނަމަ އެއީ އުފާވެރި ހަފުތާނިމުމެކެވެ. އެއާ ހިލާފަށް ސަޕޯޓް ކުރާ ޓީމު ބަލިވެއްޖެ ނަމަ، މުޅި ހަފުތާގައި މޫޑު ގޯސްވެ ހިތްމޮޅިވެފައި ހުރެވެއެވެ.

އަހަރެން ވަނީ މިކަން ތަޖުރިބާ ކޮށްފައެވެ. ވެސްޓް ހޭމް ފުޓުބޯޅަ ޓީމަށް އަހަރެން ސަޕޯޓް ކުރާތާ 50 އަހަރުވަނީއެވެ. ބައެއް ފަހަރަށް އިޖުތިމާއީ ހަފުލާތަކުގެ މެދުތެރެއިން ވެސް އަހަރެން ނުކުމެގެން ދަމެވެ. ސަބަބަކީ ކިތައްމެ ދަންވެފައި ހުރި ނަމަވެސް އަދި ޓީމު ކުޅެނީ ދުނިޔޭގެ އަނެއް ބިތުގައި ކަމަށް ވިޔަސް، އެ ދުވަހުގެ ނަތީޖާއަކީ ކުރިއަށް އޮތް ދުވަސްތަކުގައި އަހަރެން ހުންނާނީ އުފަލުގައިތޯ ނުވަތަ ހިތާމައިގައިތޯ ދެނެގަތުމަށް މުހިންމު ވާތީއެވެ. ބާ ރޭޑިއޯގަނޑެއް އަޑުއަހައިގެން ނަމަވެސް އެ މައުލޫމާތު ހޯދަމެއެވެ. ފުޓުބޯޅައަށް ދެވިހިފުމަކީ ހަމައެކަނި އަހަރެންނަށް ވާ ކަމެއް ނޫނެވެ. ފުޓުބޯޅައަކީ އެންމެ ކުޅިވަރެކެވެ. އަދި އެއީ އަހަރެންގެ ހަޔާތުގެ ބައިތަކުގެ ތެރެއިން ހަމައެކަނި އެއްމެ ބައެކެވެ. އެހެން މީހުން ޝައުގުވެރިކަން ދެނީ އެހެން ކުޅިވަރުތަކަށެވެ. ނޫނީ ބަގީޗާ ހެއްދުމާއި ކަސްރަތު ކުރުމާއި ނުވަތަ މިއުޒިކް ކުޅުން ކަހަލަ ކަންތައްތަކަށެވެ. އަހަރެމެން މިކަހަލަ ކަންތައްތަކަށް ވަނީ “ލޯބިޖެހިފަ”އޭ ބުނުމަކުން އަހަރެމެން ދެރައެއް ނުވެއެވެ. ނަމަވެސް “ދެވިހިފާފަ”އޭ މީހަކު ބުނެފިނަމަ އަހަރެމެންގެ ހިތަށް ނުރުހުންވެރިކަން ވަދެއެވެ. ހަގީގަތަކީ އެއީ ކަމަށް ވިޔަސް، ދެވިހިފުން ނުވަތަ އެޑިކްޓްވުން މިއީ އަހަރެމެން މާ ރުހޭ ބަހަކަށް ނުވެއެވެ.

އެހެންކަމުން އެޑިކްޝަން ނުވަތަ ދެވިހިފުމަކީ ކޮބައި ބާވައެވެ؟ ކޮލިންސް އިނގިރޭސި ބަސް ޑިކްޝަނަރީ ބުނާ ގޮތުގައި އެއީ ވަކި ކަމަކަށް ނުވަތަ އާދައަކަށް އާދަޔާ ހިލާފަށް ގޮސް ހުސްވުމެވެ. އެއާ ނުލާ ހިތްހަމަ ނުޖެހުމެވެ. އާދައިގެ ގޮތަކަށް ބުނަނީ ނަމަ، އޭގެ މާނައަކީ އަހަރެމެން ދެވިހިފާފައިވާ ކަމަކާ ދުރުގައި އުޅުމަކީ އުފަލުގައި ދިރިއުޅުމަށް އުނދަގޫ ކަމެކެވެ. އަހަރެންގެ ހަޔާތުގައި އެންމެ ބޮޑަށް އަހަރެން ކަމަކަށް އެޑިކްޓަކަށް ވެފައިވާ ކަމުގެ ނިޝާނަކީ ޖޮގިން ނުވަތަ ކަސްރަތަށް ދުވުމުގައި އަހަރެން ހޭދަ ކުރި 10 އަހަރެވެ. ސުބިއާކޯ އާއި ޝެރަޓަން ޕާރކް ވަށައިގެން 5 މޭލު ހަފުތާއަކު 5 ފަހަރު އަހަރެން ދުވުނީމެވެ. ފަސް މޭލުކަން އަހަރެންނަށް އެނގެނީ އަހަރެން އެވަރަށް ބެލީމައެވެ. ކާރުގެ އެހީގައެވެ. އަހަރެން އެކަމަށް ދެވިހިފި މިންވަރުން ކޮންމެ ދުވަހަކު ވެސް އަހަރެންނަށް ކާމިޔާބު ކުރެވޭ ނަތީޖާތައް، އޭގެ ކުރީ އަހަރުގެ ނަތީޖާތަކާ އަޅާބެލީމެވެ. އަދި ކުދިކުދި ކަންތައްތަކާ ވެސް ވަރަށް ފިކުރު ބޮޑުވިއެވެ. މިސާލަކަށް، ޖޮގިން ކުރުމުގެ ކުރިން އަހަރެންނަށް ކެވުނު ޗޮކްލެޓެއްގެ ސަބަބުން އަހަރެންނަށް ދުވެވުނީ ބާރަށް ނުވަތަ މަޑުން ބާވައޭ ހިތަށް އަރައެވެ. ބައެއް ފަހަރަށް ވަރަށް މަދުން ނަމަވެސް އަހަރެން އެންމެ ހިތްހަމަޖެހޭ ގޮތަށް ޖޮގިން ނިންމާލެވެއެވެ؛ އެއީ ފަހު މަރުހަލާގައި ވަރަށް ބާރަށް ދުވެވުމެވެ. ނުވަތަ ސްޕްރިންޓް ޖެހުމެވެ. އެކަމުން ހަށިގަނޑަށް ފާޑެއްގެ “ބާރެއް” އަރައެވެ. އެއީ ވަރަށް ހިތްހަމަޖެހޭ އިހުސާސްއެކެވެ. ނަމަވެސް އެ “ހައި” އެ 10 އަހަރު ދުވަހުގެ ތެރޭގައި އަހަރެންނަށް ތަޖުރިބާ ކުރެވިފައިވަނީ އެންމެ 12 ވަރަކަށް ފަހަރުއެވެ.

އެއް ދުވަހަކު ދުވުމުގެ ތެރޭގައި އަހަރެންގެ ތަނބިކަށި ފުރޮޅުނެވެ. ކުޑަ ދުވަސްކޮޅަކު އަރާމު ކުރުމަށް ފަހު އަހަރެން އަނެއްކާވެސް ދުވަން ފެށީއެވެ. ފައި ފަސޭހަވާން އެކަށީގެންވާ ވަރަށް ދުވަސްތައް ނުދީ، ކެތް ނުލަވައިގަނެގެން އަނެއްކާވެސް ދުވަން ފެށުނީއެވެ. މިހެންވެ، އަނެއްކާ ވެސް އިތުރު އިންޖަރީއެއް ވީއެވެ. އެހެންކަމުން މިފަހަރު ތަންކޮޅެއް ދިގު މުއްދަތެއް ދީފައި އަނެއްކާވެސް ދުވަން ފެށީމެވެ. އަހަރެން ހިތަށް އެރީ އެ ޒަހަމުގެ ވޭނުގައި ދުވުމުން ހަމަ ރަނގަޅުވާނެ ކަމަށެވެ. ވޭނެއް ނެތި ވަރަށް ބާރަށް އެދުވަހު ދުވެވުނެވެ. ނަމަވެސް އެކަން ނިންމާލާފައި ފަހުން ގެއަށް އައިސް ރަނގަޅަށް ފައި ވެސް ނޭޅެއެވެ. ތަނބިކަށީގެ ހުޅު ހުރީ އެއްކޮށް ދުޅަވެފައެވެ. ޑޮކްޓަރަށް ދެއްކުމުން ބުނީ ކުރިއަށް އޮތް 4 ހަފުތާގައި ވެސް ދުވެގެން ނުވާނެ ކަމަށެވެ. ޑޮކްޓަރު އެހެން ބުނުމުން އަހަރެންނަށް ހީވީ ޖަލު ހުކުމެއް އިއްވި ހެނެވެ. ހަތަރު ހަފުތާ ވަންދެން ނުދުވެވޭނެކަން އެނގުން ވެގެން ދިޔައީ އަހަރެންގެ ހިތަށް ބޮޑު ބިރުވެރިކަމެއް އިހުސާސް ކުރެވިގެން ދިޔަ ކަމަކަށެވެ. މިހެންވެ، ޖޮގިން ދުނިޔެއާ މުޅިން ގުޅުން ކަނޑާ ނުލަން ވެގެން އަހަރެން ބޭކާރު ކަންތައްތައް ކުރީމެވެ. އެގޮތުން ފިހާރައަށް ގޮސް އާ ބޫޓު ޖޯޑެއް ވެސް ގަތީމެވެ. ނަމަވެސް ކުރިއަށް އޮތް އެތައް މަސްތަކެއް ވަންދެން ވެސް އާ ބޫޓެއް އަހަރެންނަށް ބޭނުން ނުވާނެކަން އެނގިހުރެއެވެ. އޭގެ 10 ދުވަސް ފަހުން ތަނބިކަށި ކުޑަކޮށް ރަނގަޅު ވެއްޖެ ކަމަށް ހީވެގެން އަހަރެން މަޑުމަޑުން ދުވަން ފެށީމެވެ. ނަމަވެސް ދުވުމުގެ މެދުތެރެއިން އަހަރެންނަށް ޖެހުނީ އެކަން ހުއްޓާލާށެވެ. އަދި އަންހެނުންނަށް ފޯނުކޮށް އަހަރެން ބަލާ އައުމަށް އެދުނީމެވެ. އެހިސާބުން އަހަރެންނަށް ވިސްނުނީ ޑޮކްޓަރުގެ ބަސް ނާހައިފި ނަމަ އަހަރެންނަށް ދުވަހަކު ވެސް ނުދުވެވޭ ވަރަށް ފައި ސަކަރާތްވާނެ ކަމެވެ. މިހެންވެ ހިން ދިރުވާލާފައި އަހަރެން ނިންމީ ކޮންމެ ގޮތެއް ވިޔަސް 4 ހަފުތާ ވަންދެން ނުދުވެ ގޭގައި އަރާމު ކުރުމަށެވެ. މަސައްކަތް ނިންމާފައި ޕާރތުން ސުބިއޭކޯއަށް ގެއަށް ދާ މަގުމަތީގައި ބަހުގައި އިންނައިރު ކިންގްސް ޕާރކް ހިސާބު މަގުމައްޗާ ދިމާއަށް އަހަރެން ނުބަލަމެވެ. ސަބަބަކީ އެއްވެސް މީހަކު ދުވާ ތަން އަހަރެންނަށް ފެނިއްޖެ ނަމަ، އަހަރެންނަށް ޖޮގް ނުކުރެވޭ ހާލު އެ ކަމާ އަހަރެން ވަރަށް ބޮޑަށް މާޔޫސް ވާނެތީއެވެ؛ ފެނިއްޖެ ނަމަ އަހަރެން ސްޓްރެސްވެ، ޑިޕްރެސްވެ، އަދި ހާސްވާނެ ވަރު އިހުސާސް ކުރެވޭތީއެވެ. އެހެންކަމުން އަހަރެން ވަނީ ޖޮގިން އެޑިކްޓްއަކަށް ބަދަލުވެފައިކަން އަހަރެންނަށް އިހުސާސް ކުރެވުނެވެ.

މި ހުރިހާ ވާހަކައަކުން އަހަރެން ބުނެލަން ބޭނުން ވަނީ ދެވިހިފުމަކީ ނުވަތަ އެޑިކްޓް ވުމަކީ ހަމައެކަނި މަސްތުވާތަކެއްޗަށް ހާއްސަ ކަމެއް ނޫން ކަމެވެ. ވަރަށް ގިނަ ކަންތައްތަކަށް މީހުން އެޑިކްޓްވެއެވެ. ކުޅިވަރު ކުޅުމާއި އެ ބެލުމާއި، ޓީވީ ބެލުމާއި، ބަގީޗާ ހެއްދުމާއި، އާމްދަނީ ހޯދަން މަސައްކަތް ކުރުމާއި، ބާޒާރު ކުރުމާއި އަދި މިއުޒިކް އަޑުއެހުން ވިޔަސް މެއެވެ. ތިޔަ ފަރާތަކީ މިއިން ކަމަކަށް ޝައުގުވެރިވާ ފަރާތެއް ނަމަ، ނަމަވެސް ‘ދެވިހިފާފައޭ’ ނުވަތަ ‘އެޑިކްޓްއަކަށްވެފައޭ’ ތިޔަ ފަރާތާ މެދު އެހެން މީހަކު ބުނަން ނުރުހޭ ނަމަ، މިފަދަ ޝައުގުވެރިވާ ކަމަކާ ދުރުގައި ނިކަން އެއް މަސް ދުވަހު ނަމަވެސް ކެތްކޮށްލަބަލާށެވެ! އަމިއްލަ ނަފުސާމެދު ކުރިން ނުއެނގި ހުރި ކިތައްމަ ކަމެއް ތިޔަ ފަރާތަށް މުޅިން އަލަށް އެނގިގެންދާނެއެވެ!

މީހުން އެންމެ ބޮޑަށް އެޑިކްޓް ވަނީ ނުވަތަ ދެވިހިފަނީ އެހެން މީހުންނަށެވެ. ކައުންސެލިން ކްލާހުގެ ދަރިވަރަކަށް އަހަރެން އުޅުނުއިރު ލެކްޗަރު ދޭން ހުރި މުދައްރިސު އެއް ފަހަރަކު އަހަރެމެން އެންމެން ގާތު އެހީ އަހަރެމެން އެއްވެސް ކަމަކަށް އެޑިކްޓްވެފައިވޭތޯ އެވެ؟ އެއީ، ދެވިހިފުމަކީ ކިހިނެތް ވާކަމެއްތޯއާމެދު އަހަރެންނަށް ވަރަށް ބޮޑަށް އޮޅުން އަރާފައިވި ދުވަސްކޮޅެކެވެ. މުދައްރިސް ބުނީ ގިނަ އިންސާނުންނަކީ ކޮންމެވެސް ކަމަކަށް އެޑިކްޓްވެފައިވާ ބައެއް ކަމަށެވެ. އަދި މިހެންވެ އެއްވެސް ކަމަކަށް އެޑިކްޓްވެފައި ހުރި ދަރިވަރެއް އިންތޯ އޭނާ އެއްސެވެ. އަދި އެފަދަ ދަރިވަރަކު އިން ނަމަ އަތް މައްޗަށް ނެގުމަށް އޭނާ އެދުނެވެ. އަހަރެންގެ ޖޮގިން ތާރީހު ހަނދާންވެފައި، ނަމަވެސް އެ ވާހަކަ ހިއްސާ ކުރަން ނުވަތަ ޝެއާ ކުރަން ނޫނީ އެހެން މީހަކު ގާތު ބުނަން އަހަރެން ލަދުގަންފައި އިނުމުން، އަހަރެން އަތް ނުނަގައި މަޑުމަޑުން އިނީއެވެ. ނަމަވެސް އެއް ފިރިހެން ދަރިވަރަކު އަތް މައްޗަށް ނެގިއެވެ. އަދި ދުވަހަކު ވެސް އެއްވެސް ކަމަކަށް އޭނާ ދެވި ނުހިފާ ކަމަށް ބުންޏެވެ.

“ތިޔަ ފަރާތުގެ ހިތުގައި އާދަޔާ ހިލާފަށް ބޮޑަށް ވިސްނޭ އަންހެނަކާ ދުވަހަކު ވެސް ދިމާ ނުވޭ ހެއްޔެވެ؟” މުދައްރިސު އޭނާއާ ސުވާލު ކުރިއެވެ. “އެ އަންހެން ކުއްޖާއަކީ ތިޔަ ފަރާތަށް އެކަށީގެންވާ ކުއްޖެއް ނޫން ކަމަށް ރައްޓެހިން ނަސޭހަތް ދިން ނަމަވެސް، އަދި ހަގީގަތުގައި ވެސް އެ ކުއްޖާއަކީ ތިޔަ ފަރާތާ ގުޅޭ ކުއްޖެއް ނޫން ކަމަށް ވިޔަސް، އަދި ހުދު އެ ކުއްޖާގެ އަމަލުތައް ހުރި ގޮތުން ވެސް އޭނާގެ ޝައުގުވެރިކަމެއް ތިޔަ ފަރާތަށް ނެތްކަން އެނގޭ ހިނދު ވެސް، އެ ކުއްޖާ ތިޔަ ފަރާތަށް ދީލާލަފާނެ ކަމުގެ އުއްމީދެއް ތިޔަ ފަރާތުގެ ހިތުގައި ބާއްވައިގެން އަދި މި ކަމުގެ ސަބަބުން ތިޔަ ފަރާތަށް ހިތްވަރެއް ލިބިގެން އެ ކުއްޖާގެ ފަހަތުން ނުނެއްޓިގެން ނޫޅެމު ހެއްޔެވެ؟ މި ކަހަލަ ކަމެއް ތިޔަ ފަރާތަށް ހަމަ ދިމާ ނުވޭ ބާވައެވެ؟”

މުދައްރިސު މިހެން އެހެމުން އެ ފިރިހެން ދަރިވަރު އެ ކަމާ އެއްބަސްވިއެވެ؛ އެއް ޒަމާނެއްގައި އޭނާ ވެސް އެހެން އުޅުނު ކަމަށެވެ.

“އެއީ ހަމަ ދެވިހިފުމެއް ނުވަތަ އެޑިކްޝަނެއް ނޫންބާ؟” މުދައްރިސު ސުވާލު ކުރިއެވެ.

މުދައްރިސު އެ ބުނި ކުޑަ ހާދިސާ އަހަރެމެންގެ ތެރެއިން ކިތައް މީހުންނަށް ދިމާވެފައި ވާނެ ނޫން ހެއްޔެވެ.

ދެވިހިފަނީ ނުވަތަ އެޑިކްޓް ވަނީ ހަމައެކަނި މަސްތުވާތަކެއްޗަށް އެކަންޏެއް ނޫނެވެ. އިންސާނީ ތަބިއްޔަތުގައި ހުންނަ މި ކަން އެހެން ކަންތައްތަކަށް ވެސް ވަރަށް ބޮޑަށް ވަނީ ފޯރައިފައެވެ. މިސާލަކަށް، މި މުޖުތަމައުގައި އެކަނި ވެސް ޖުވާ ކުޅުމަށް ދެވިހިފާފައި ވަނީ ކިތައް މީހުން ހެއްޔެވެ. އަދި މި ކަމުގެ ސަބަބުން މުޖުތަމަށް ކިހާ ބޮޑު އަސަރެއް ކުރޭ ހެއްޔެވެ. އެޑިކްޓް ވަނީ ހަމައެކަނި ޑްރަގްސް އަށް އެކަނި ނޫންކަން ދެނެގަތުމަކީ، އެހެންކަމުން، ވަރަށް މުހިންމު ކަމެކެވެ. ސަބަބަކީ ގުދުރަތީ ގޮތުން ދެވިހިފުން މަސައްކަތް ކުރާ ގޮތް ފަހުން ފަހުމް ވާން ފަސޭހަ ވާނެތީއެވެ.

ނަމަވެސް މީގެ މާނައަކީ މަސްތުވާތަކެއްޗަށް ދެވިހިފުމަށް އުޒުރެއް ދެއްކުމެއް ނޫނެވެ. ދެވިހިފާ ގޮތް ދަސްވެފައި އޮތުމަކީ، މަސްތުވާތަކެތިން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރާ މަސައްކަތުގެ ބިންގާ ވަރުގަދަ ކުރުމަށްޓަކައި މުހިންމު ކަމެކެވެ. މަސްތުވާތަކެތި ފިޔަވާ އެހެން ކަންތައްތަކަށް ހުދު އަހަރެމެން އެންމެން ވެސް ދެވިހިފާފައިވާކަން އަމިއްލަ އަށް ގަބޫލު ކުރުމަކީ، ދެވިހިފަނީ ކިހިނެތްކަން އަހަރެމެންނަށް ސާފުވެފައި އޮތުމެވެ.

މިހާ ހިސާބުން އެހެން މުހިންމު ނުކުތާއެއް ފާހަގަ ކޮށްލާނަމެވެ؛ މަސްތުވާތަކެތި ބޭނުން ކުރާ ސަބަބު ފަހުމްވުމުގެ މާނައަކީ އަހަރެމެން އަދި އެ ކަމާ ރުހޭ ވާހަކައެއް ނޫނެވެ. ބައެއް މީހުން، ހާއްސަކޮށް ބެލެނިވެރިންނަށް ހީވެފައި އޮންނަނީ މަސްތުވާތަކެތި ބޭނުން ކުރާ ބަޔަކު އެ ބޭނުން ކުރަނީ ކީއްވެކަން އެ މީހުންނަށް އެނގޭ ކަމަށް ބުނެވުމުން، އެ ބުނެވުނީ އެ މީހުން އެ ކަމަށް ރުހެވޭ ކަމަށް ހީވާ ކަމަށެވެ. ނަމަވެސް އެހެނަކުން ނޫނެވެ. ކަމެއް ރަނގަޅަށް ދޭހަވެ އެނގިދާނެއެވެ؛ އެކަމަކު އޭގެ މާނައަކީ އަދި އެ ކަމާ ރުހޭ ވާހަކައެއް ނޫނެވެ. މީހަކު މަސްތުވާތަކެތި ބޭނުން ކުރަނީ ހިތާމައަކުން ދުރުވާން ނުވަތަ އުފަލެއް ހޯދަން ކަމަށް ތިޔަ ފަރާތަށް އެނގުނު ނަމަވެސް އޭގެ މާނައަކީ އޭނާ އެ ކުރާ ކަމަކާ ތިޔަ ފަރާތުން ރުހޭ ވާހަކައެއް ނޫނެވެ. މަސްތުވާތަކެތިން ހިތާމަ ދުރުކުރަން ނުވަތަ އުފާ ހޯދުން އެއީ ތިޔަ ފަރާތުން ދެކޮޅުވެރިވާ ކަމަކަށް ވެސް ވެދާނެއެވެ. ފަހުމް ވުމަކީ، އެހެންކަމުން، އަދި އެހެން ކަމެކެވެ. ކަމެއް ފަހުމް ވީ ނަމަވެސް އެ ކަމާ ސީދާ ދެކޮޅު ހެދުމުގެ ހައްގު ތިޔަ ފަރާތަށް ލިބިގެންވެއެވެ. ހަގީގަތުގައި ކަމެއް ރަނގަޅަށް ފަހުމް ވެފައި އޮތުމުން، އެ ކަމަށް އޮތް އެހެން ހައްލުތަކާ މެދު ވިސްނަން މާ ފަސޭހަ ވާނެއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.