މަސްތުވާތަކެއްޗާ ކުރިމަތިލުން: ބެލެނިވެރިންނަށް މަގެއް – 3 ވަނަ ބާބު

drugދެވަނަ ބާބު

ތިން ވަނަ ބާބު: މަސްތުވާތަކެތި ނަހަމަ ގޮތުގައި މީހުން ބޭނުން ކުރަނީ ކީއްވެ؟

ފަހަރުގައި މިއީ އެންމެ ޝައުގުވެރި ސުވާލަށް ވެދާނެއެވެ. މަސްތުވާތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ނުރައްކާ ނޭނގޭނީ ތިޔައީ އެހެން ބިމެއްގައި ނުވަތަ ޕްލެނެޓެއްގައި ވޭތުވެދިޔަ 10 އަހަރު އުޅެފައިވާ މީހެއް ކަމަށް ވަނީ ނަމައެވެ. ހެރޮއިން އޯވަޑޯޒް ވެގެން އެކަނިވެސް ވޭތުވެދިޔަ އަހަރުތަކުގައި އޮސްޓްރޭލިޔާގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ. އެހެނިހެން ބާވަތްތަކުގެ ޑްރަގްސް ބޭނުން ކޮށްގެން މަރުވާ މީހުންގެ ވާހަކަ ވެސް އޮސްޓްރޭލިޔާގެ ނޫސްތަކުގައި އަބަދުމެ ގެނެސްދެއެވެ. މަސްތުވާތަކެތީގެ ނުރައްކަލާމެދު ކިތައްމެ ގިނަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގި ނަމަވެސް، އޮސްޓްރޭލިޔާ އާއި އަދި އެހެން ގައުމުތަކުގައި ވެސް މަސްތުވާތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރުން ހައްތަހާ ދަނީ މައްޗަށެވެ.

އޭގެން ލިބޭ ގެއްލުން އެއީ ހަމައެކަނި ޖިސްމާނީ ގޮތުން ލިބޭ ގެއްލުން އެކަންޏެއް ނޫނެވެ. ގޭގެއަށް ވައްކަން ކުރަން ވަނުން ފަދަ ކަންތައްތައް ހިނގަނީ މަސްތުވާތަކެތި ހޯދުމަށް އެކަން ކުރާ މީހުން ފައިސާ ހޯދުމުގެ ބޭނުމުގައެވެ. ޑްރަގްސްގެ ސަބަބުން އާއިލީ ގުޅުންތަކަށާއި ލޯބީގެ ގުޅުންތަކަށާއި ރަހްމަތްތެރިކަމުގެ ގުޅުންތަކަށް ކުރަނީ ނުހަނު ނުބައި އަސަރުތަކެކެވެ. ޓެލެފޯންގެ ޒަރީއާއިން އަހަރެން ކައުންސެލިންގެ ހިދުމަތް ދިން ދުވަސްތަކުގައި ގިނަ ފަހަރަށް ފޯނުކޮށް ކަމާ ބެހޭ ގޮތުން މައުލޫމާތު އޮޅުން ފިލުވަނީ މަސްތުވާތަކެތި ބޭނުން ކުރާ މީހާގެ ކޮންމެވެސް ގާތްމީހެކެވެ؛ މައިންބަފައިން، ކާފަމާމަމެން، އެއްބަނޑުބެއިން، ލޯބިވެރިން އަދި ކުޑަކުދިންނެވެ – އެ މީހުންގެ ކޮންމެވެސް ގާތް މީހަކު މަސްތުވާތަކެތި ބޭނުން ކުރާކަން އެނގުމުން އެ ކަން ތަހައްމަލު ނުކުރެވިގެންނެވެ. އެ މީހުންގެ ގާތް މީހާއަށް އެހީތެރިވެވޭނީ ކިހިނެތްކަމާމެދު ހުރިހާ އުއްމީދެއް ކެނޑިގެން ދިއުމުގެ ސަބަބުންނެވެ. އެ މީހުންނަށް އިހުސާސް ކުރެވޭނީ ނުބައި ހުވަފެނަކުން ހޭ ނުލެވިގެން އުޅޭހެންނެވެ.

އަދި މަސްތުވާތަކެތި ބޭނުން ކުރާ މީހާގެ ހާލަތަކީ ކޮބައިތޯއެވެ؟ އެ މީހުން އަމިއްލައަށް ހުށަހެޅިގަންނަ ނުރައްކަލާމެދު އެ މީހުން ހޭލުންތެރި ހެއްޔެވެ؟ މި ކަމުގެ ސަބަބުން އެ މީހުންގެ ގާތް މީހުންނަށް ކުރާ ނޭދެވޭ އަސަރު ނޭނގެނީ ހެއްޔެވެ؟ ބޮޑަށް އަހަރެންނަށް ބުރަވެވެނީ އެ މީހުންނަށް ނޭނގެނީ ކަމަށެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ތެރެއިން ގިނައިން އަހަރެންނާ ދިމާވެފައިވަނީ މި ފަދަ މައުލޫމާތުތައް ފުރިހަމައަށް އެނގޭ މީހުންނެވެ. އެހެންކަމުން އެއީ އަހަރެންނަށް ދިމާވި މީހުންގެ ގޮތް ކަމަށް ވެދާނެއެވެ. މަސްތުވާތަކެތި ބޭނުން ކުރުން އެއީ އުފަލެއް ކަމުގައި ދެކިގެން އެ ކަން ކުރާ މީހުން އާއްމު ގޮތެއްގައި ކައުންސެލަރުންނަށް އަމިއްލައަށް ގުޅައިގެން މައުލޫމާތު ހޯދައި ހައްލު ހޯދާކަށް ނޫޅޭނެއެވެ. ނަމަވެސް ފާހަގަ ކޮށްލަން ޖެހެނީ، އެ މީހުން އެ ކަން ކުރާތީ ގާތް މީހުންނަށް ކުރާ އަސަރު، އެ މީހުންނަށް އަމިއްލައަށް އެނގޭ ކަމެވެ.

އެހެންކަމުން، ސުވާލަކީ، މަސްތުވާތަކެތި ނަހަމަ ގޮތުގައި މީހުން ބޭނުން ކުރަން ފަށަނީ ކީއްވެ ހެއްޔެވެ؟ އެ ބޭނުން ނުކުރާ މީހުން ގިނަ ފަހަރަށް ދޭ ޖަވާބަކީ، އެ ކަން އެންމެ ފުރަތަމަ ފެށޭ އެއް ސަބަބަކީ ރައްޓެހިންގެ ބާރުއެޅުން ކަމަށެވެ. ނަމަވެސް އެ ބޭނުން ކުރާ މީހުންނާ ސުވާލު ކުރުމުން ގިނަ ފަހަރަށް ލިބެނީ ތަފާތު ޖަވާބެކެވެ. ހެރޮއިން ކަހަލަ ބާރުގަދަ ޑްރަގްސް ބޭނުން ކުރާ މީހުން ބުނާ ގޮތުގައި، އެ މީހުންނަށް އެ ތަކެތި ފުރަތަމަ ދިއްކޮށްލާ ރައްޓެހިން، އެ ތަކެއްޗަކީ ވަރަށް ގެއްލުން ހުރި އެއްޗެހި ކަމަށް ކުރިން މައުލޫމާތު ދީ ނަސޭހަތް ވެސް ދޭ ކަމަށެވެ. 1998 ގައި ނެރުނު ފިލްމް ‘ޓެން އިޔަރސް އިން އަ ލޯންގް ސްލީވްޑް ޝާރޓް”ގައި ގްރެގް ފްލީޓް ވެސް ބުނަނީ އޭނާ ފުރަތަމަ ފަހަރަށް ހެރޮއިން ބޭނުން ކުރަން އުޅުމުން އޭނާގެ ރަހްމަތްތެރިން އެ ކަމާ ދެކޮޅަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވި ކަމަށެވެ.

އެހެންކަމުން ސުވާލަކީ އެ ކަން ފެށެނީ ކީއްވެ ބާވައެވެ؟ މި ދަނޑިވަޅުގައި ހަނދާން ބަހައްޓަންވީ އަދި އެއަށް ދެވިހިފާވަރު ނުވާ ކަމެވެ؛ ނަމަވެސް ހުރިހާ އިންޒާރެއް ވަނީ އަޑުއަހައިފައެވެ؛ ހުރިހާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ވަނީ އަޑުއަހައިފައެވެ؛ އަދި އެ ކަމުގައި ހުރި ނުރައްކާތެރިކަން ވެސް އެނގެއެވެ. އެހެންކަމުން ބައެއް މީހުން މި ކަން ފެށުމަށް ފުރަތަމަ ފިޔަވަޅު ނަގަނީ ކީއްވެ ބާވައެވެ؟

މިހާ ހިސާބުން އަހަރެންގެ ހަނދާނަށް އަންނަނީ ސްކޫލްގައި އަހަރެން އެންމެ ފުރަތަމަ ދިޔަ ދީނީ ކްލާސްތަކާމެދުއެވެ. އަހަރެމެންނަށް ކިޔަވާދިން ގޮތުގައި މާތްކަލާނގެ ފުރަތަމަ ހެއްދެވީ އާދަމްގެފާނާއި ހައްވާގެފާނެވެ. ދެން އެ ދެކަނބަލުން ބޭތިއްބެވީ ސުވަރުގޭގައެވެ. އަދި ސުވަރުގެ ވެއްދެވުމަށް ފަހު އެ ދެކަނބަލުން އުފާވެވަޑައިގަންނަވާނެ ހުރިހާ ކަމެއް ކުރިއަށްގެންދެވުމަށް އެންގެވިއެވެ. އެ ތަނުގައި ހުސް ނުވާ ވަރަށް ކާބޯތަކެތި ހުރެއެވެ. މީރުވާނެހާ ތަކެއްޗެވެ. ނަމަވެސް އެ ތަނުން އެކަތި އެ ދެކަނބަލުންނަށް ވަނީ އިސްތިސްނާ ކުރެވިފައެވެ؛ އެއީ ހާއްސަ އާފަލު ގަހެކެވެ.

‘ތިޔަ ދެކަނބަލުން ބޭނުންފުޅު އެއްޗެއް ފަރިއްކުޅުވާށެވެ؛ ނަމަވެސް އެ ތާނގައި އެހެރަ އާފަލު ގަހުގައި ހުރި އާފަލުތައް ފިޔަވައެވެ.’

‘ކޮން ތަނަކު ތޯއެވެ؟’

ދީން ކިޔަވާދިން ކްލާސްތަކުން އަހަރެން ހަނދާންވާ ގޮތުގައި އަހަރެމެން އިންސާނުންގެ ފެށުން އައީ އެ ގޮތަށެވެ. ކިތައްމެ ގިނައިން އެއްޗެހި ލިބެން ހުރި ނަމަވެސް އަހަރެމެންގެ ފުރަތަމަ ދެ ބެލެނިވެރިން އެ އާފަލު ފަރިއްކުޅުވިއެވެ. އާދަމްގެފާނާއި ހައްވާގެފާނުގެ ވާހަކަ ހަނދާންވުމުން، އަހަރެންގެ ހިތަށް ވެސް ވަންނަނީ، މަސްތުވާތަކެތި ނަހަމަ ގޮތުގައި މީހުން ބޭނުން ކުރަން ފަށާފެށުން އަހަރެންނަށް ތަންކޮޅެއް ރަނގަޅަށް ފަހުމްވި ކަމެވެ. އިންސާނުންގެ ފިތުރަތުގައިވާ ގޮތުން ގޮތްނޭނގޭ އެއްޗެއްސާއި މަނާ ތަކެއްޗާމެދު ސިކުނޑީގައި ތަފާތު ސުވާލުތައް އުތުރިއަރައެވެ. އަދި މައުލޫމާތަށް ސިކުނޑި ފެންބޮވައިގެންފައިވާ ކަރުހިއްކުން ފިލުވާލެވެނީ އެ ކަން ތަޖުރިބާކޮށް އެ މައުލޫމާތު އަމިއްލައަށް އިހުސާސް ކުރުމުންނެވެ. އަލިފާނަކީ ހޫނު އެއްޗެއް ކަމަށް މައިންބަފައިން ކިތައްމެ ފަހަރަކު ބުނާއިރު ވެސް ހޫނު އެއީ ކޮން އެއްޗެއްކަން އިހުސާސް ކުރެވެންދެން އަހަރެމެންގެ ‘ކިއުރިއޯސިޓީ’ ނުވަތަ ‘ނޭނގޭ އެއްޗެއް އެނގުމަށް ކަރުހިއްކުން’ ފިލައިގެން ނުދެއެވެ. އެހެންކަމުން ކިތައްމެ އިންޒާރެއް ނަސޭހަތެއް ދިން ނަމަވެސް އަހަރެމެން ދެވަނަ ފަހަރަށް އެ ކަން ނުކުރަނީ، އެއް ފަހަރު ނަމަވެސް އެ އަލިފާނަށް އަތް ކޮއްޕާލައި ހޫނުގެ އަސަރު އެއީ ކިހިނެތްވާ ކަމެއްކަން އަމިއްލައަށް އިހުސާސްކުރެވި ތަޖުރިބާ ކުރެވުމުންނެވެ.

މަސްތުވާތަކެތި ބޭނުން ކުރުމުގެ ގެއްލުން ލިބޭ ގޮތް ފެންނަ ތަނެއް ދެއްކުމުގެ ފުރުސަތު އެ މީހުންގެ ދަރިންނަށް އޮތްތޯ މިއީ ބައެއް ބެލެނިވެރިން އަހަރެންނަށް ފޯނު ކޮށްފައި އަހާ ސުވާލެކެވެ. އެ މީހުން ބޭނުން ވަނީ އެ ބޭނުންކޮށް އޭގެން ‘ފިލާވަޅު ލިބިފައިވާ’ މީހަކާ ބައްދަލު ކުރާށެވެ. އެ މީހާގެ އަނގައިން ސީދާ އެ މީހުންގެ ދަރިންނަށް ކިޔައިދޭށެވެ؛ ‘މިއީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން އަހަރެންނަށް ލިބުނު ގެއްލުމެވެ’ މިހެން ކިޔައިދީ، އެ މީހުންގެ ދަރިންނަށް ވިސްނައިދިނުމަށެވެ. އޮސްޓްރޭލިޔާއަކު މި ފަދަ ތަނެއް ނުހުރެއެވެ. އެހެން ނޫނަސް މިއީ ދަރިންނަށް ރަނގަޅު ފިލާވަޅަކަށް ނުވެދާނެއެވެ. ސަބަބަކީ މަސްތުވާތަކެތި ނަހަމަ ގޮތުގައި ބޭނުން ކުރާ ކޮންމެ މީހަކީ އަދި އެއީ ނާކާމިޔާބު މީހެއް ނޫނެވެ. މިސާލަށް ރޯލިންގ ސްޓޯންސް މިއުޒިކް ބޭންޑްގެ ކީތު ރިޗަރޑްސް ހަނދާނަށް ގެންނަމާ ހިނގާށެވެ. އޭނާއަކީ ހަޔާތުގައި ވަރަށް ކާމިޔާބު މީހެކެވެ. ނަމަވެސް މިހާރު އުމުރުން 60 އަހަރާ ގާތްކުރާއިރު މަސްތުވާތަކެތި ބޭނުން ކޮށްފައިވާލެއް ގިނަ ކަމުން އޭނާގެ ހަށިގަނޑަކީ ކުޑަކުޑަ މަސްތުވާތަކެތީގެ ކާރުހާނާއެއް ކަމަށް ބުނެވިދާނެއެވެ. އޭނާގެ މިލްކިއްޔާތުގައި އެތައް މިލިއަން ޑޮލަރެއް ވެއެވެ. ރީތި އަންހެނުން އޭނާއަށް ބޭނުން ވަރަކަށް ލިބެއެވެ. އަދި ރޮކް މިއުޒިކްގެ ދުނިޔޭގައި ވެސް މިހާތަނަށް އެންމެ މޮޅު އަދި އެންމެ ހިތްގައިމު ލަވަތައް ލިޔެ، ކިޔައިހެދި އެކަކީ ކީތު ރިޗަރޑްސްއެވެ. އެހެންކަމުން ހުށިޔާރު ވާށެވެ؛ މި ގޮތަށް މަސްތުވާތަކެތި ބޭނުން ކުރާ ކޮންމެކޮންމެ މީހެއްގެ ފަރާތުން ދަރިފުޅަށް ލިބޭނީ ރަނގަޅު ފިލާވަޅެއް ނޫނެވެ. އެއާ ހިލާފަށް މަސްތުވާތަކެތީގެ ސަބަބުން ބޮޑެތި ކާމިޔާބުތައް ހަޔާތުގައި ލިބިދާނެ ފަދަ މެސެޖެއް ވެސް މި ފަދަ މީސްމީހުންގެ ކިބައިން ތިޔަ ފަރާތުގެ ދަރިފުޅަށް ލިބި، މަސްތުވާތަކެތި ބޭނުން ކުރުމަށް ޝައުގުވެރިކަން އުފެދި، ހިތްވަރު ލިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ފުރަތަމަ ފަހަރު މަސްތުވާތަކެތި ބޭނުން ކުރުމަށް ބައެއް މީހުންނަށް ހިތްވަރު ލިބެނީ، އެ ބޭނުން ކުރާ ރައްޓެހިންގެ ފަރާތުން އަންނަ ގޮންޖެހުމަކަށް ކަމަށް ވެސް އަހަރެންނަށް ވަނީ އެނގިފައެވެ. ބައެއް ފަހަރަށް ވާގޮތަކީ މަސްތުވާތަކެތީގެ ނުރައްކަލާމެދު މާގިނައިން ވާހަކަ ދައްކާ ރަހްމަތްތެރިންނާ ދިމާއަށް، އެ ބޭނުން ކުރާ ރައްޓެހިން ބުނަނީއެވެ: ‘މި ކަން ތަޖުރިބާ ނުކޮށް މި ކަމުން ލިބޭ އުފަލެއް ތިޔަ ފަރާތަށް ނޭނގޭނެ ނޫން ހެއްޔެވެ؟’ މިހެން އަބަދު ބުނަން ފެށުމުން، އެއްކަލަ ޑްރަގްސް އާ ދެކޮޅު ރަހްމަތްތެރިޔާ ވެސް އެއް ފަހަރު ނަމަވެސް އެ ތަޖުރިބާ ކޮށްލަން ބޭނުންވަނީއެވެ – ރަހްމަތްތެރިންނަށް ރައްދު ދިނުމުގެ ގޮތުންނެވެ.

މި ކަހަލަ ކަމެއް ތަޖުރިބާ ކުރެވުނު މީހަކު އަހަރެންނަށް ކިޔައިދިން ގޮތުގައި އޭނާގެ ރަހްމަތްތެރިން މިހެން އަބަދު ބުނާތީ އޭނާ ވެސް ބޭނުން ކޮށްލަން ނިންމީއެވެ. ނަމަވެސް އޭނާ ހެރޮއިން ބޭނުން ކުރަން އުޅުމުން އޭނާގެ ރަހްމަތްތެރިން އެ ކަމަށް ވަރަށް ބޮޑަށް ހުރަސްއެޅިއެވެ. ނަމަވެސް އޭނާ އެ ބޭނުން ކުރީއެވެ. އަދި މާބޮޑު ހިތްހަމަޖެހުމެއް ލިބުނު އިހުސާސަކަށް އެ ކަން ނުވި ކަމަށްވެއެވެ. އޭނާއަށް އެ ކަމުން އުފަލެއް ނުލިބުނު ކަމަށް ބުނުމުން، އެ ބޭނުންކުރާ ރަހްމަތްތެރިން އެ ކަމާ ދެރަވިކަން އޭނާ އަށް ވީ ހައިރާންކުރުވި ކަމަކަށެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ އޭނާގެ ވާހަކަތަކާއި އަމަލުތައް ހުރި ގޮތުން، އޭނާ އަދިވެސް އެ ބޭނުން ކުރަމުން ގޮސް އޭގެން ހިތްހަމަޖެހުން ހޯދޭ ހިސާބަށް ގޮސް އެ ކަން އޭނާ ކުރިއަށްގެންދާނެކަން، އެ ބޭނުންކުރާ ރައްޓެހިންނަށް މާކުރިން ވެސް އިހުސާސް ކުރެވިފައި އޮތީއެވެ. އަދި ފަހުން އެ ކަން ވީވެސް އެހެންނެވެ.

އެހެންކަމުން، މި ކަމުން އެނގިގެން ދިޔައީ ކޮން ކަމެއް ހެއްޔެވެ؟

1 – މަސްތުވާތަކެތި ބޭނުން ކުރުމުގެ ނުރައްކާތަކާމެދު ހޭލުންތެރިކަން އިތުރު ކުރި ނަމަވެސް، އެއީ ކޮންމެކޮންމެ މީހަކު އެ ކަމާ ދުރުގައި ހުރުމަށް އަދި ހިތްވަރަކަށް ނުވާ ކަމެވެ.

2 – ބައެއް މީހުންނަކީ ނުރައްކަލަށް ހުށަހެޅުމަށް ފިތުރަތުގެ ގޮތުން ޝައުގުވެރިކަން ހުންނަ މީހުންނެވެ.

3 – އެއް ފަރުދަކަށް ނުވަތަ އެއް ޖީލަކަށް ނުރައްކަލެއް ކަމަށް ފެންނަ ކޮންމެ ކަމަކީ އަނެއް ފަރުދަކު ނުވަތަ އަނެއް ޖީލެއް ނުރައްކަލެއް ކަމަށް ނުދެކުން އެކަށީގެންވާ ކަމެކެވެ.

މަސްތުވާތަކެތި މީހުން ބޭނުން ކުރަނީ ތަފާތު ސަބަބުތަކާ ހެދިއެވެ. އެއީ ކޮން އެއްޗެއް ކަމާމެދު ޝައުގުވެރިކަން އިތުރުވުމާއި އަދި ރަހްމަތްތެރިންގެ ޕްރެޝަރާއި ބާރުއެޅުން އެއީ އެއް ސަބަބެވެ. ހާއްސަކޮށް ޒުވާނުންނާއި އުމުރުން ހަގު ކުދިންގެ މެދުގައެވެ. ނަމަވެސް ގިނަ ފަރަހަށް މަސްތުވާތަކެއްޗަށް ދެވެނީ އެ ބޭނުން ކުރުމުން އޭގެން ލިބޭ އުފާ އިހުސާސް ކުރެވޭ ހިސާބުން ފެށިގެންނެވެ. މަސްތުވާތަކެތި ބޭނުން ކުރުމުން ކުރެވޭ އިހުސާސް އަކީ ‘ޔޫފޯރިއާ’ ކަމަށް ގިނައިން އަޑުއިވިފައި ހުންނާނެއެވެ. ޔޫފޯރިއާ އަކީ އުފާވެރިކަމުގެ އިހުސާސް އެތައް ގުނައެއް މައްޗަށް ދިއުމުން ބުނަން ނޭނގޭ މިންވަރަކަށް އުފާވެރިކަން އިހުސާސް ކުރެވުމެވެ. މިއީ 1980 ގެ ކޮލިންސް އިނގިރޭސި ބަސް ޑިކްޝަނަރީގައި އެ ބަހުގެ މާނަ ކުރެވިފައިވާ ގޮތެވެ. ޔޫފޯރިއާއަކީ، އެހެންކަމުން، ލިބޭ އާދަޔާ ހިލާފު ބޮޑު އުފާވެރިކަމުގެ އިހުސާސެކެވެ. މަސްތުވާތަކެތި ބޭނުން ކުރާ މީހުން ބުނާ ގޮތުގައި އެ ބޭނުން ކުރާ ވަގުތު ވަރަށް ބޮޑަށް އުފާވެގެންދެއެވެ. އެ ގޮތުން 1996 ގައި ނުކުތް މަޝްހޫރު އިނގިރޭސި ފިލްމް ‘ޓްރެއިންސްޕޮޓިންގ’ގައި އުޅޭ އެއް ޝަހުސިއްޔަތެއް ބުނަނީ، މަސްތުވާތަކެތި ބޭނުން ކުރުމަކީ ޖިންސީ އެދުން ފުރިހަމަ ވާ ވަގުތު ނުވަތަ ޝަހުވަތުގެ ކުންނު ހިނދުކޮޅު އެ ލިބޭ އަރާމަށްވުރެ އެތައް ހާސް ގުނަ އުފަލެއް ލިބޭ ކަމެއް ކަމަށެވެ!

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސްޕީޑް ބޭނުން ކުރާ ފަރާތްތަކުން ބުނަނީ އޭގެން ކުރާ އަސަރަކީ، ހަރަކާތްތެރިކަން އިތުރުވުމާއި އަދި އަމިއްލަ ނަފުސާމެދު ކުރެވޭ އިތުބާރު ބޮޑުވުން ކަމަށެވެ. ކޮކެއިން ބޭނުން ކުރާ މީހުން ބުނަނީ އެ މީހުންނަށް އިހުސާސް ކުރެވެނީ އެ ވަގުތު އޭނާއަކީ ދުނިޔޭގައި ހުރި އެންމެ އުފާވެރި މީހާ ކަމަށެވެ. އެކްސްޓަސީ ބޭނުން ކުރާ މީހުން ކިޔައިދޭ ގޮތުގައި އެ ބޭނުންކޮށްގެން ހުންނައިރު ދުނިޔެ ހީވަނީ ވަރަށް ރީތި ތަނެއް ހެންނެވެ. މިއީ ވަގުތީ އުފަލެއް ނަމަވެސް، މަސްތުވާތަކެތި މީހުން ބޭނުން ކުރާ ސަބަބު ދެނެގަންނަން ބޭނުން ނަމަ، އެ ތަކެތިން ކުރަނީ މި ފަދަ އަސަރުތަކެއްކަން ދޭހަވެފައި އޮތުމަކީ މުހިންމު ކަމެކެވެ. ކުރާނެ ކަމެއް ނެތިފައި ފޫހިވެފައި ހުންނަން ޖެހުމާއި ނުވަތަ ފުން ހިތާމައެއް ލިބިފައިވާ މީހުންނަށް، އެހެންކަމުން، މަސްތުވާތަކެތިން ހުޅުވައިދޭނީ މި ފަދަ ކަންތަކުން ސަލާމަތް ވާނެ މަގެކެވެ. މި ގޮތަށް ބޭނުން ކުރަމުން ގޮސް އެ މީހަކު އެންމެ ފަހުން އެ ތަކެތީގެ އަޅަކަށްވެ، އެ ބޭނުން ކުރުން ހުއްޓާލުމުން ‘ވިތްޑްރޯވަލް’ މަރުހަލާ އަށް އެޅި، ‘ސިކު’ވުން ފަދަ ކަންތައް ކުރިމަތިވެ، އެ ކަމުގެ ސަބަބުން ވޭނާއި ހޮޑުލެވުމާއި އަދި އެހެނިހެން އުނދަގޫތައް ހަށިގަނޑަށް ކުރާ ނަމަ، އަދި މަސްތުވާތަކެތި އަލުން ބޭނުން ކުރުމުން މި ކަންތައްތައް ހަމައަކަށް އެޅިގެންދާ ނަމަ، އެ ތަކެތި ބޭނުން ކުރުން ކުރިއަށް ގެންދިއުމަށް ހިތްވަރަކަށް ވެއެވެ.

މަސްތުވާތަކެތި ބޭނުން ކުރުމަށް އެތައްއެތައް ސަބަބުތައް ވެއެވެ. ކުރު މުއްދަތުގައި ލިބޭ އުފަލަކަށް ވުރެ ދިގު މުއްދަތުގައި ލިބޭ ގެއްލުން އެނގި ހުރެ ވެސް ބައެއް މީހުން އެ ބޭނުން ކުރަމުން ދަނީ ކީއްވެކަން މިއީ އެ ބޭނުން ނުކުރާ މީހުންނަށް ފަހުމް ނުވާ ކަމެކެވެ. މަސްތުވާތަކެތި ބޭނުން ކުރުމުން އެ ލިބެނީ ހަމައެކަނި ވަގުތީ އަރާމެއްކަން އަދި އޭގެ އަސަރު ފިލައިދިއުމުން ހަޔާތް ހަމަ އިހު ހުރި ގޮތަށް ރުޖޫއަ ވާކަން މިއީ މަސްތުވާތަކެތި ބޭނުން ނުކުރާ މީހާ އަށް ވެސް އަދި ބޭނުން ކުރާ މީހާ އަށް ވެސް ރަނގަޅަށް އެނގޭ ކަމެކެވެ. ހަމައެކަނި ތަފާތަކީ އެ ބޭނުން ކުރާ މީހާގެ އަތުން ފައިސާތަކެއް ބީވެގެން ދިއުމެވެ. މިއީ އެ ބޭނުން ކުރާ މީހުންނަށް ރަނގަޅަށް އެނގޭ ކަމެކެވެ. ނަމަވެސް ފައިސާ އެހެން ގޮތަކަށް ބޭނުން ކޮށްގެން ދިގު މުއްދަތުގެ ފައިދާ ހޯދުން، ނުވަތަ މަސްތުވާތަކެތި ބޭނުން ކުރުމުން ހަޔާތުން އެ ގެއްލިގެންދާ ދުވަސްތަކާއި ވަގުތުތައް، ނުވަތަ މަސްތުވާތަކެތި ހޯދުމަށް ހިންގި ޖަރީމާތައް، މިއީ އެ ބޭނުން ކުރާ މީހުން މާބޮޑަށް ވިސްނަން ބޭނުންވާ ކަމެއް ނޫނެވެ. އެ މީހުންނަށް މުހިންމީ އެއީ ކުރު މުއްދަތެއްގެ އުފަލެއް ކަމަށް ވިޔަސް އެ އުފާ ހޯދުމެވެ. މިހެންވެ މަސްތުވާތަކެތި ބޭނުން ނުކުރާ މީހުންގެ އެންމެ ބޮޑު ބޮލުގެ ރިހުމަކަށް ވަނީ އެ މީހުންގެ ނަޒަރުގައި ކަރާމަތް ލިބިގެންވާ ކަންތައްތައް އެއީ މުހިންމު ކަންތައްތައް ކަމަށް، އެ ތަކެތި ބޭނުން ކުރާ މީހުން ނުދެކުމެވެ.

އަނެއްކާވެސް ‘ޓްރެއިންސްޕޮޓިންގ’ގައި ފުރަތަމަ އިވޭ ބަސްކޮޅަށް ވިސްނަމާ ހިނގާށެވެ. ޒަމާނީ އުފާތަކުގެ ތެރެއިން އަހަރެމެން ބޭނުން ވަނީ ކޮން ކަހަލަ އުފާތަކެއްތޯ އަހައެވެ. އަހަރެމެން ބޭނުމީ ރަނގަޅު ވަޒީފާއެއްތޯ ނުވަތަ އާއިލާއެއްތޯ ނުވަތަ ސިއްހަތެއްތޯ ނުވަތަ އެންމެ އާދައިގެ މިނުން ލަވަ ޖަހާ ސެޓެއްތޯ ނުވަތަ ދަތްޕިލާ އިންޝުއަ ކުރުންތޯ ނުވަތަ ރީތި ދަބަސްތަކެއްތޯ އަހައެވެ. އެހެން އެހުމަށް ފަހު ދެން ބުނަނީ މިހެންނެވެ؛

‘ކަލޭގެ ކުރިމަގު ކަލޭ ކަނޑައަޅާށެވެ. ހަޔާތް ހިޔާރު ކުރާށެވެ.

ނަމަވެސް އަހަރެން އެ ފަދަ ކަމެއް އިހުތިޔާރު ކުރަންވީ ކީއްވެ ހެއްޔެވެ؟

އަހަރެން ހިޔާރު ކުރީ ހަޔާތް ހިޔާރު ނުކުރާށެވެ. އަހަރެން ހިޔާރު ކުރީ އެހެން އެއްޗެކެވެ.

ސަބަބު؟ ސަބަބެއް ނެތެވެ!

ހެރޮއިން ލިބެން ހުންނަ ނަމަ، ސަބަބަކާ ހިސާބަށް ދާން ޖެހޭ ހެއްޔެވެ؟’

އަހަރެމެން ބެލެނިވެރިންނަށް މުހިންމު ވާ ކަންތައްތައް ދަރިންނަށް މުހިންމު ނުވުމަކީ ކުރިމަތިވާ ބޮލުގެ ރިހުމެކެވެ. ހާއްސަކޮށް އެ ދަރިން ކުރަން ބޭނުންވާ ކަމަކީ މަސްތުވާތަކެތި ބޭނުންކުރުން ކަމަށް ވަނީ ނަމައެވެ. ނަމަވެސް މި ކަން ދެނެހުރުމަކީ މުހިންމު ކަމެކެވެ. މަސްތުވާތަކެތި ބޭނުން ކުރާ ލައިފްސްޓައިލެއް ދަރިން ގެންގުޅޭތީ އެ ކަމާ ނުރުހުނަސް، އެ ކަން އެ މީހުން ކުރަނީ އެ މީހުން ހަޔާތާމެދު ދެކޭ ގޮތް އަހަރެމެންނާ ތަފާތުވީމާކަން ފަހުމްވެފައި އޮތުމުން ކަންތައްތަކާ ކުރިމަތިލާން ފަސޭހަ ވާނެއެވެ. މި ކަން ދޭހަ ނުވެ އޮވެއްޖެ ނަމަ، މަސްތުވާތަކެތިން ދަރިން ދުރުކުރުމަށްޓަކައި އެ ކުދިންނަށް ވިސްނޭ ފަދަ ގޮތަކަށް އަހަރެމެންގެ އަމަލުތަކާއި ވާހަކަތައް ނުބެހެއްޓޭނެއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.