މަސްތުވާތަކެއްޗާ ކުރިމަތިލުން: ބެލެނިވެރިންނަށް މަގެއް – 4 ވަނަ ބާބު

drug

ތިންވަނަ ބާބު

ހަތަރުވަނަ ބާބު: ފަރުވާގެ ފުރުސަތުތައް

ނޫހެއް ހުޅުވާލުމުން ނުވަތަ ޓީވީ ބެލުމުން، ބަނގުރާ ނުވަތަ މަސްތުވާތަކެތި ބޭނުން ކުރި މީހެއް “ފަރުވާ ހޯދަން ފަށައިފި”ކަމުގެ ހަބަރު ދުށީމު ހެއްޔެވެ؟ އެ ފަދަ ހަބަރެއް ފެނުމުން އަހަރެންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެއެވެ. އަޑުއަހާލުމުން ހީވަނީ ބައްޔަކުން ޝިފާ ލިބެން އުޅޭހެން ދެތްތޯއެވެ. އަހަރެންގެ ކާރު ހަލާކުވުމުން ގަރާޖަކަށް ގެންދިއުމުން އޭގައި ހުރި މައްސަލަތައް ވަގުތުން ރަނގަޅުކޮށްލައެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރުމަކީ އެހާ ފަސޭހައިން ސަލާމަތްވާ ކަމެއް ނޫނެވެ. އެ ކަމަށް ފަރުވާ ހޯދާ މީހުން ގިނަ ފަހަރަށް އެނބުރި އެ އާދައަށް ރުޖޫއަ ވަނީ ވެސް މިހެންވެއެވެ. އެންމެ މުހިންމު ކަމެއް ދޭންވީ ފަރުވާ ހޯދާ މީހާ، މަސްތުވާތަކެއްޗާ މެދު ދެކޭ ގޮތް ބަދަލު ކުރުމެވެ. މަސްތުވާތަކެތި ބޭނުން ކުރުމަކީ އެ މީހުންނަށް މައްސަލައަކަށް ނުވެފައި، ނަމަވެސް އެ މީހުންނާ ގާތް މީހުންނަށް މައްސަލައަކަށް ވާތީ ފަރުވާ ހޯދާ ނަމަ، އެ ނިންމުން އަދި މުޅިއަކުން ރަނގަޅެއް ނޫނެވެ. މަސްތުވާތަކެތި ބޭނުން ކުރުމުން ލިބެނީ ދިގު މުއްދަތެއްގެ ގެއްލުމެއް ކަމަށް ގަބޫލު ކުރެވުނަސް ކުރު މުއްދަތެއްގައި އޭގެން ގެއްލުމެއް ނެތް ކަމަށް މީހާއަށް ގަބޫލު ކުރެވެނީ ނަމަ، ފަރުވާ ހޯދުމަކީ ބޭކާރު ކަމަކަށް ވެދެއެވެ. މަސްތުވާތަކެއްޗަށް “ފަރުވާ”އެއް ލިބޭނީ އެ ބޭނުން ކުރުމުން އެ މީހަކަށް ކުރު މުއްދަތުގައި ވެސް ގެއްލުން ލިބޭ ކަމަށް އަމިއްލައަށް ގަބޫލު ކުރެވި، އެ ބޭނުން ކުރުން މަދު ކުރަން ނުވަތަ އެއްކޮށް ހުއްޓާލުމަށް އަމިއްލައަށް ނިންމުމުންނެވެ. އެހެން މީހެއްގެ ރުހުން ހޯދުމަށް ފަރުވާ ހޯދުމަކީ ކާމިޔާބު ލިބޭނެ ގޮތެއް ނޫނެވެ.

ތިރީގައި މިވަނީ އޮސްޓްރޭލިޔާގައި ފަރުވާ ލިބެން ހުރި ފުރުސަތުތަކެވެ:

ޑިޓޮކްސް

ފުރަތަމަ ކަމަކަށް ވިސްނަންވީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން ޖިސްމާނީ ގޮތުން ހަށިގަނޑު އޭގެ “އަޅަކަށް”ވެ އެ ބޭނުން ކުރުން ހުއްޓާލައިފި ނަމަ “ވިތްޑްރޯވަލް”ގެ އަސަރުތައް ކުރާނެތޯ ނުވަތަ މީހާ “ސިކް” ވާނެތޯއެވެ. އެހެން ވެއްޖެ ނަމަ، އެންމެ އެކަށީގެންވަނީ ޑިޓޮކްސް އަށް ދިއުމެވެ. ޑިޓޮކްސް ނުވަތަ ޑިޓޮކްސިފިކޭޝަން އަކީ ސަރުކާރުން ހިންގާ ނުވަތަ އަމިއްލަ މަރުކަޒެއްގައި ނުވަތަ އޮސްޓްރޭލިޔާގައި ނަމަ ގޭގައި ހުރެ ވެސް ކުރެވިދާނެ ކަމެކެވެ. ހެރޮއިން ފަދަ މަސްތުވާތަކެތީގެ “ސިކް”ގައި މީހާ އަށް ކުރާނެ އަސަރުތަކުގެ ތެރޭގައި ބަނޑު އަކުނިވަޔަށްދެމުން، ޑައިރިއާ ނުވަތަ ގިނަގިނައިން ބޮޑުކަމުދެވުން، ހޮޑުލެވުން، ބޮލުގައި ރިއްސުން، އަދި އެމްފެޓަމައިން “ސިކު”ގައި ހުރި ނަމަ، ގިނަގިނައިން ކާހިތްވުން، މޫޑު އަވަސްއަވަހަށް ބަދަލުވުން، ކަންކަމާ ކަމަކާ ނުލައި މާބޮޑަށް ބިރުގަތުން ނުވަތަ “ޕެރަނޯޔާ”، އަދި އާއްމު ގޮތެއްގައި ހަށިގަނޑުގެ އެތަންމިތާނގައި ރިއްސުމާއި ވޭންއެޅުން ހިމެނެއެވެ. މިފަދަ އަސަރުތައް ހަތަރު ނުވަތަ ފަސް ދުވަހުން ރަނގަޅުވެދެއެވެ. ބޭހާ ނުލާ ވެސް ޑިޓޮކްސް ކުރެވިދާނެއެވެ. މިއަށް ކިޔަނީ “ކޯލްޑް ޓާރކީ”އެވެ. ނޫން ނަމަ ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ސިކުގެ ވޭންތައް މައިތިރި ކުރުމަށް ބޭސް ވެސް ބޭނުން ކުރެވިދާނެއެވެ. ސަރުކާރު ނުވަތަ އަމިއްލަ މަރުކަޒެއްގައި ޑިޓޮކްސް ކުރިއަށްގެންދާ ނަމަ، ބޭހާއި ނަރުހެއްގެ އެހީތެރިކަން ވެސް ލިބެއެވެ. އޮސްޓްރޭލިޔާގައި ނަމަ ގޭގައި ޑިޓޮކްސް ޕްރޮގްރާމް ކުރިއަށް ގެންދާ ނަމަ، ނަރުހެއްގެ އެހީތެރިކަމާއި އަދި ޑޮކްޓަރީ ބޭހުގެ ކަންތައް ވެސް ހަމަޖެއްސިދާނެއެވެ.

ކައުންސެލިންގ

މަސްތުވާތަކެތި ބޭނުން ކުރާ ހުރިހާ އެންމެންނަކީ ޖިސްމާނީ ގޮތުން އޭގެ އަޅުންނަށް ވާ ބައެއް ނޫނެވެ. ސިކްގެ މަރުހަލާ ނިމުމުން، މަސްތުވާތަކެއްޗާ ދުރު ދިރިއުޅުމެއްގެ ފެށުން އަދި އެ ފެށުނީއެވެ. މިހާ ހިސާބުން މި ދެބައިމީހުންނަށް ވެސް އެންމެ އެކަށީގެންވާނީ ކައުންސެލިންގ ހޯދުމެވެ. ކައުންސެލިންގ އަކީ ފުޅާ ދާއިރާއެއްގެ މަސައްކަތެކެވެ. އޭގައި ތަފާތު ބައިތަކާއި އަދި މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރާނެ ތަފާތު މަގުތައް އެކުލެވިގެންވެއެވެ. މިކަމުގެ ތަފުސީލު އަންނަ ބާބުގައި ހިމަނާފައިވާނެއެވެ.

ރިހެބިލިޓޭޝަން

ސަރުކާރުން ހިންގާ ނުވަތަ އަމިއްލަ ސެންޓަރަކަށް ގޮސް މެދު މުއްދަތެއްގެ ނުވަތަ ދިގު މުއްދަތެއްގެ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ނެގުމަކީ ވެސް އެއް ގޮތެވެ. މިފަދަ ޕްރޮގްރާމްތައް އާއްމު ގޮތެއްގައި ހިންގަނީ ރަށްފުށު ހިސާބު މަރުކަޒެއްގައި ނުވަތަ މަސްތުވާތަކެތި ބޭނުން ކުރާ މީހާ އާއްމުކޮށް ދިރިއުޅޭ ހިސާބާ ދުރުގައި ހުރި ހިސާބެއްގައެވެ. އެއީ ގާތްގަނޑަކަށް 3 މަހާއި 6 މަސް ދުވަހުގެ މުއްދަތަށް ހިންގާ ރިހެބް ޕްރޮގްރާމެވެ. ކުރިން މަސްތުވާތަކެތި ބޭނުން ކުރަމުން އައި އާދަ އާއި އެ ބޭނުން ކުރުން ހުއްޓާލާފައި ދިރިއުޅުމައިގެން ކުރިއަށް ދާނެ ގޮތާއި ކައުންސެލިންގ ޒަރީއާއިންނާއި އަދި ރިހެބް ޕްރޮގްރާމްގައި އުޅޭ އެހެން ކުދިންނާ ގުޅިގެން މަސައްކަތްކޮށްގެން ފަރުވާ ހޯދާ މީހާގެ ޒާތީ ހަރަކާތްތައް ހުންނަ ގޮތާއި، މިފަދަ ކަންކަން، ހައްލު ކުރަން މިއީ ވަރަށް ބޭނުންތެރި ޕްރޮގްރާމްތަކެކެވެ. ބައެއް ޕްރޮގްރާމްތަކުގައި ދީނީ ނަސޭހަތް ދެއެވެ. އަދި އަނެއް ބައި ޕްރޮގްރާމްތައް ފަރުމާ ކުރެވިފައި ހުންނަނީ ތަންކޮޅެއް ހަގު އުމުރުގެ ކުދިންނަށެވެ. މިފަދަ ރިހެބް ސެންޓަރުތަކުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެވެނީ 2 ހަފުތާ ވަންދެން މަސްތުވާއެއްޗެއްސާ ދުރުގައި ހުރެ އެއިން “ސާފު” ވީމައެވެ. އަދި ރިހެބް ކުރިއަށް ދާއިރު ވެސް ދޭތެރެ ދޭތެރެއިން ފަރުވާ ހޯދާ މީހާގެ ޔޫރިން ނުވަތަ ކުޑަކަމުދާތަކެތި ޓެސްޓްކޮށް، އޭނާ ހުރީ މަސްތުވާއެއްޗެހިން ދުރުގައިކަން ކަށަވަރު ކުރެއެވެ.

އެމް.އެމް.ޓީ ނުވަތަ މެތަޑޯން މެއިންޓެނަންސް ޓްރީޓްމަންޓް

މެތަޑޯން އަކީ ލެބޯޓްރީގައި އުފައްދާފައިވާ އޮޕިއޭޓްސްގެ ބާވަތެކެވެ. މި ތަކެތި އިންސާނާގެ ސިކުނޑީގައި “އަށަގަންނަނީ” ވެސް ހެރޮއިން ވެސް ސިކުނޑީގައި އަށަގަންނަ ސެލްތަކުގައެވެ. އެހެންކަމުން މެތަޑޯންގެ އެކަށީގެންވާ ޑޯޒްއެއް ނަގައިފި ނަމަ ހެރޮއިން ނެގުމުން އެ ލިބޭ “ހައި” ނުވަތަ އުފާވެރިކަމުގެ އިހުސާސެއް ނުކުރެވޭނެއެވެ. މެތަޑޯން ދެނީ އާއްމު ގޮތެއްގައި ދިޔާ އެއްޗެއްގެ ގޮތުގައި ދުވާލަކު އެއް ފަހަރުއެވެ. މިގޮތަށް ބޭނުން ކުރުމުން މެތަޑޯންއިން “ހައި”އެއް ނުލިބޭނެއެވެ. އަދި ސިކްގެ އަސަރުތައް ނައްތާލައި، ހެރޮއިން ބޭނުން ކުރާ ހިތްވުން ވެސް ކަނޑުވާލަދެއެވެ. މިހެންވެ މެތަޑޯން ނެގުމުން ފަރުވާ ހޯދާ މީހާއަށް އާދައިގެ ދިރިއުޅުމަކަށް އެނބުރި ރުޖޫއަ ވުމަށް ފަސޭހަ ވެއެވެ. މެތަޑޯންގެ އެއް އެޑްވާންޓޭޖް ނުވަތަ ރަނގަޅު ކަމަކީ އޭގެ އަގު ހެޔޮކަމެވެ. ދުވާލެއްގެ ޑޯޒަކަށް ހަރަދު ވާނީ 4 ވަރަކަށް ޑޮލަރު (61 ރުފިޔާ) އެވެ. އަދި އެއީ ގާނޫނީ ގޮތުން ހުއްދަ ބޭހެއް ކަމަށް ވާތީ އާއި އަދި އެއީ ސިރިންޖުން އިންޖެކްޓް ކުރަން ނުޖެހޭ އެއްޗަކަށް ވުމަކީ ވެސް މެތަޑޯންގެ މަގުބޫލުކަން އިތުރުވެފައިވާ އެއް ސަބަބެވެ. ވަރަށް ހަލަބޮލި ސުންނާފަތި ވެފައިވާ ދިރިއުޅުމެއް އުޅޭ މީހަކަށް މެތަޑޯން ނެގުމުން، އާދައިގެ ދިރިއުޅުމަކަށް ވާސިލު ވުމަށް އަވަސް މަގަކަށް ވެއެވެ. ކޮންމެ ދުވަހަކު ވެސް އެތައް ހާސް ބަޔަކު މެތަޑޯން ނަގައެވެ. އަދި މިހެންވުމުން ދިރިއުޅުމުގައި ކުރަން ހުންނަ ކަންތައްތައް ވަރަށް ރަނގަޅަށް އަދި މާނަ ހުރި ގޮތެއްގައި ކުރެވެއެވެ. މެތަޑޯން ބޭނުން ކުރާ މީހުން ވަރަށް ޕްރެޝަރު ބޮޑު ވަޒީފާތަކުގައި ވެސް ކާމިޔާބު ކަމާއެކު އުޅެއެވެ. އަދި މި ފަދަ މީހުން ރަނގަޅު ބެލެނިވެރިންނަށް ވެސް ވެއެވެ. މެތަޑޯން ބޭނުންކުރާ ބައެއް މީހުން އެއީ ތިޔަ ފަރާތް ދަންނަ ބަޔަކު ކަމުގައި ވެދާނެއެވެ. އެހެން ވެއްޖެ ނަމަ، އެ މީހުންގެ ދިރިއުޅުން މިހާރު ހުރި ކާމިޔާބުގެ ހަރުފަތުން ތިޔަ ފަރާތް ހައިރާން ވެސް ކޮށްލަފާނެއެވެ.

މެތަޑޯންގެ ނުރަނގަޅު ކަމަކީ ނުވަތަ ޑިސްއެޑްވާންޓޭޖަކީ ކޮންމެ ދުވަހަކު އެއް ފަހަރު ބޭނުން ކުރަން ޖެހުމެވެ. މިއީ އާދައިގެ ކަމެއް ގޮތުގައި މީހުންނަށް ހީވެދާނެއެވެ. ނަމަވެސް އެއީ ކައުންޓަރު މަތިން “ޓޭކް އަވޭ” ގޮތުގައި ދޫކުރާ ބޭހެއް ނޫން ކަމަށް ވާތީ އެ ނަގަން ދާން ޖެހެނީ ބޭސް ފަރުވާ ދޭ ތަނަކަށް ނުވަތަ މެތަޑޯން ދޭ މަރުކަޒަކަށެވެ. ކޮންމެ ދުވަހަކު ނަގަން ޖެހޭ ބޭހެކޭ ބުނުމުން އޭގެ ތެރޭގައި ރަސްމީ ބަންދު ދުވަސްތައް ވެސް ހިމެނެއެވެ. އެ ގޮތުން ކްރިސްމަސް އީދު ވިޔަސް، ހަފުތާބަންދު ވިޔަސް، އަދި އާއްމު ޗުއްޓީ ދުވަސްތައް ވިޔަސް އެ ނަގަން އެ ތަންތަނަށް ދާން ޖެހުމަކީ އުނދަގޫ ކަމަކަށް ވެދާނެއެވެ. އެހެންކަމުން ޗުއްޓީއެއްގައި ދިޔަސް ކުރިމަތިވާނެ މައްސަލައަކީ ޗުއްޓީގައި ހުންނަ އިރު މެތަޑޯން ހޯދާނީ ކިހިނެތްކަމާމެދުއެވެ. މިހެންވެ މެތަޑޯން ބޭނުން ކުރަން ފެށުމުގެ ކުރިން ކޮންމެ މީހަކު ވެސް މި ކަހަލަ ހުރިހާ ކަމަކަށް ރަނގަޅަށް ވިސްނަން ޖެހެއެވެ. އަދި ނިންމުމެއް ނިންމަން ވާނީ އެއަށް ފަހުއެވެ. ސަބަބަކީ މެތަޑޯންގައި ހިމެނޭ މާއްދާތަކުގެ ސަބަބުން އެ ބޭނުން ކުރަން ފެށުމަށް ފަހު އެ ހުއްޓާލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަހަރެންނަށް މިހާތަނަށް ދިމާވެފައިވާ އެންމެން ވެސް ބުނެފައިވަނީ ހެރޮއިން ހުއްޓާލުމަށް ވުރެ މެތަޑޯން ހުއްޓާލުން މާބޮޑަށް އުނދަގޫ ކަމަށެވެ.

މެތަޑޯން ބޭނުން ކުރާ ބައެއް މީހުން އެ ބޭނުން ކުރަމުން ވެސް ހެރޮއިން ނަގައެވެ. ނަމަވެސް މި ގޮތަށް ހެރޮއިން ބޭނުން ކުރުމުން “ހައި”އެއް ލިބޭނީ އެ ނަގާ މެތަޑޯން ޑޯޒް އަކީ ކުޑަ ޑޯޒެއް ނަމައެވެ. މިހެންވެ މެތަޑޯން ނަގަމުން އަންނައިރު ހެރޮއިން ބޭނުން ކުރެވޭވަރު މަދުވެއެވެ.

މެތަޑޯން އަކީ ވަރަށް ގިނަ ފަހަރު މީހުންގެ މެދުގައި ހިޔާލު ތަފާތު ވެފައިވާ ބޭހެކެވެ. މެތަޑޯންގެ ސަބަބުން ހެރޮއިން ބޭނުން ކުރާ ބަޔަކަށް އާދައިގެ ދިރިއުޅުމަށް އެނބުރި ރުޖޫއަ ވުމަށް ބޮޑު އެހީއަކަށް ވެދެއެވެ. އޭގެ އިތުރުން ލޭގެ ޒަރީއާއިން ފެތުރޭ ވައިރަލް އިންފެކްޝަން ނުވަތަ ބަލިތަކާއި ހެރޮން ބޭނުން ކުރުމާއި ސިކް ވުމާއި ކުށް ކުރުމާއި އަދި މަރުވުމުގެ ފުރުސަތު ހަނިކޮށްދެއެވެ. ނަމަވެސް މެތަޑޯންގެ ސަބަބުން ކާމިޔާބު ލިބޭ ކަމަށް ބުނާ ކޮންމެ މީހަކަށް، އޭގެން ނުރަނގަޅު އަސަރު ކުރާ ކަމަށް ބުނާ މީހަކު ހުރެއެވެ. މި ފަދަ މީހުން ބުނަނީ މެތަޑޯން ދުވަހަކު ވެސް ނުނެގުނު ނަމަ ކަމަށެވެ. މެތަޑޯން ބޭނުން ކުރި އެކަކު އަހަރެންގެ ގާތުގައި ބުނީ “ހީވީ އެއް ބިޑި އަތުން ނެއްޓުމަށް ފަހު އެހެން ބިޑިއެއް އަތުގައި އެޅުވިހެނެވެ.” ބައެއް މީހުން މެތަޑޯން ޕްރޮގްރާމްގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ވެސް ހޭދަކޮށްފައިވެއެވެ. އެއީ ހަޔާތް ސަލާމަތް ކޮށްދޭ އެއްޗަކަށް ވެދާނެއެވެ. ނަމަވެސް މަސްތުވާތަކެއްޗަށް ފަރުވާ ދޭ ހުރިހާ ޕްރޮގްރާމްތައް ފަދައިން، މެތަޑޯން ފަރުވާ ޕްރޮގްރާމަކަށް ވެސް މީހާ ދާން ވާނީ ވަރަށް ވިސްނުންތެރިކަމާއެކު ނިންމުމެއް ނިންމައިގެންނެވެ. އަދި މި ނިންމުން ބިނާވެފައި ވާންޖެހޭނީ ރަނގަޅު ފުރިހަމަ މައުލޫމާތުގެ މައްޗަށެވެ.

ނަލްޓްރެކްސޯން

ހަޔާތް ސަލާމަތް ކޮށްދޭ އަނެކައްޗަކީ ނަލްޓްރެކްސޯން އެވެ. މިއީ ވެސް އޯޕިއޭޓްސްގެ މާއްދާތަކާ ހަނގުރާމަ ކުރާ، އަދި އޯޕިއޭޓްސް ހަށިގަނޑުގައި ހިއްޕާލައި ސެލްތަކުގައި އަށަގަންނަ އެއްޗެކެވެ. އެ ގޮތަށް ވުމަށް ފަހު ހަށިގަނޑުގައި ހުރި ހުރިހާ އޯޕިއޭޓްސްގެ ބާރު ކަނޑުވާލައެވެ. އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އޯޕިއޭޓްސްގެ ބާވަތެއް ބޭނުން ކުރި ނަމަވެސް އޭގެން ކުރާ އަސަރު އެއްކޮށް ހުއްޓުވާލައެވެ. ނަލްޓްރެކްސޯން އަކީ ދުވާލަކު އެއް ފަހަރު އަނގައިން ދިރުވާ ލެވިދާނެ ބޭހެކެވެ. ނޫން ނަމަ ހަށިގަނޑަށް އިންޖެކްޓް ކުރެވިދާނެ އެއްޗެކެވެ. ނަލްޓްރެކްސޯންގެ ސަބަބުން އޯޕިއޭޓްސްގެ ހުރިހާ އަސަރެއް ފުހެލާތީ، އެ ބޭނުން ކުރަމުން ހެރޮއިން ބޭނުން ކުރުމަކީ، އެހެންކަމުން، ބޭކާރު ކަމަކަށް ވެދެއެވެ؛ ބޭކާރު ހަރަދަކަށް ވެއެވެ. އޯޕިއޭޓްސް އަށް ޖިސްމާނީ ގޮތުން އަޅަކަށް ވެފައިވާ މީހުންނަށް ނަލްޓްރެކްސޯން ކުއްލިއަކަށް ދީފި ނަމަ، އޭނާ ސިކް ވާނެއެވެ. މިހެންވެ ނަލްޓްރެކްސޯން ދިނުމަށް އެދެވިގެން ވަނީ މަޑުމަޑުން 6 މަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެންނެވެ.

ނަލްޓްރެކްސޯން ބޭނުން ކުރާ ގިނަ ބަޔަކު ވަރަށް އަވަހަށް އެ ދޫކޮށްލައެވެ. އެހެންކަމުން މި ބޭސް ދެނީ އާއްމު ގޮތެއްގައި ނަފުސާނީ ގޮތުން ވަރުގަދަ މީހުންނަށާއި އަދި ދިރިއުޅުން ރަނގަޅު ކުރަން އާދަޔާ ހިލާފަށް ބޮޑު ހިތްވަރެއްލާ މީހުންނަށެވެ. އެއީ ވެސް ފަރުވާ ޕްރޮގްރާމް ތެރޭގައި ހިމެނޭ ވަކި ބައެއްގެ ގޮތުގައެވެ. މިހެންވެ ނަލްޓްރެކްސޯން އާއްމު ގޮތެއްގައި ރަނގަޅީ، އާއިލީ އަޅާލުން ލިބޭ މީހުންނަށެވެ. ނަމަވެސް ގިނައިން ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު އަދިވެސް އެންމެ ކާމިޔާބީ މެތަޑޯން އެވެ.

ބުޕްރެނޯފިން

ބުޕްރެނޯފިން އަކީ އޯޕިއޭޓްސް އަށް ކޮންމެވެސް ވަރަކަށް ހަމަލަ ދޭ އެއްޗެކެވެ. މީގެން އޯޕިއޭޓުން އަންނަ “ހައި”އާ ގާތް ކުރާ އާދައިގެ “ހައި”އެއް ލިބޭނެއެވެ. ނަމަވެސް ހެރޮއިން ފަދަ އެހެން އޯޕިއޭޓްސްތަކުގެ އަސަރު ހުއްޓުވާލައެވެ. ބޭސްގުޅައެއް ގޮތަށް ހުންނަ ބުޕްރެނޯފިން އަކީ ކަމާ ބެހޭ ފަރާތްތަކުގައި ރަޖިސްޓްރީ ކޮށްގެން އަދި ސީދާ ވަކި ސިއްހީ ބޭނުންތަކަށް އަމާޒު ކުރެވިގެން އޮސްޓްރޭލިޔާގައި ދޫކުރެވޭ ބޭހެކެވެ. މެތަޑޯން އާއި އެހެން ބޭސްތަކާ އަޅާބަލާއިރު ބުޕްރެނޯފިން އަށް ހަށިގަނޑު “އަޅަކަށް” ވަނީ އާދައިގެ މިންވަރަކަށެވެ. އަދި ބުޕްރެނޯފިން ގިނައިން ބޭނުން ކުރެވުނު ނަމަވެސް އޯވަޑޯޒް އަކަށް ދާނީ މަދު ފަހަރަކުއެވެ.

މެތަޑޯން ފަދައިން ބުޕްރެނޯފިން ބޭނުން ކުރުމުން ވެސް ހެރޮއިން ބޭނުން ކުރާ މިންވަރު މަދުވެ، އަދި ކުށްކުރުމާއި ސިކް ވުމާއި މަރުވުމުން ވެސް ސަލާމަތް ކޮށްދެއެވެ. ބުޕްރެނޯފިންގެ އެންމެ ބޮޑު އެއް އެޑްވާންޓޭޖަކީ އެއީ ކޮންމެ ދުވަހަކު ނަގަން ޖެހޭ އެއްޗެއް ކަމަށް ނުވުމެވެ. އެއީ ދެ ދުވަހުން އެއް ދުވަހު ވެސް ބޭނުން ކުރެވިދާނެ ބޭހެކެވެ. މިހެންވެ އެ ބޭނުން ކުރާ މީހުންނަށް ކޮންމެ ދުވަހަކު އެ ހޯދުމަށް ކްލިނިކަށް ދާކަށް ނުޖެހޭނެއެވެ.

ނަމަވެސް ނަސީބު ދެރަކަމުން ބުޕްރެނޯފިން އަކީ މެތަޑޯން އަށް ވުރެ އަގު ބޮޑު އެއްޗެކެވެ. އަދި ދިރާސާތަކުން ދައްކާ ގޮތުގައި މެތަޑޯން ޕްރޮގްރާމްގައި ތިބޭ މީހުންނަށް ވުރެ ބުޕްރެނޯފިން ފަރުވާގައި ތިބޭ މީހުން އޭގައި ނުތިބެ ދޫކޮށްލާފައި ގިނަ ފަހަރަށް އެހެން ފަރުވާއަކަށް ދެއެވެ.

ނާރކޭން

ނާރކޭން ނުވަތަ ނެލޮކްސޯން އަކީ ރަސްމީ ގޮތުން “ފަރުވާ”އެއްގެ މަގާމު ދެވިފައިވާ ބޭހެއް ނޫނެވެ. ނަމަވެސް އެވެސް މަސައްކަތް ކުރަނީ އޯޕިއޭޓްސްގެ އަސަރު ކަނޑުވާލާ ގޮތަށެވެ. މި ބޭސް އިންޖެކްޓް ކުރުމުން ވަގުތުން އޯޕިއޭޓްސްގެ އަސަރުތައް ހަށިގަނޑުން ނައްތާލައެވެ. ހެރޮއިން އޯވަޑޯޒް ވާ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމުގައި ނާރކޭން މުހިންމު ރޯލެއް ކުޅެއެވެ. މި ބޭނުން ކުރުމުން ހޭނެތިފައި އޮންނަ މީހަކު ވަގުތުން ހޭއަރައެވެ. އަދި ހެރޮއިންއިން ލިބިފައިވާ “ހައި” ވެސް ވަގުތުން ނައްތާލައެވެ. މިހެންވެ މި ބޭސް ދިނުމުން، ހެރޮއިން ބޭނުން ކުރާ މީހުންނަށް އެ ހައި ނުލިބޭން ފެށުމުން ރުޅި އައިސްގެން ވެސް އުޅޭ ކަމަށްވެއެވެ. ބައެއް މީހުންނަކީ އެ މީހުންގެ ފުރާނަ ސަލާމަތް ކޮށްދިނުމުން ވެސް ޝުކުރުވެރިވާ ބައެއް ނޫންތާއެވެ! ނާރކޭންގެ އަސަރު ހުންނަނީ ކުޑަ ވަގުތުކޮޅަކަށެވެ. މިހެންވެ އޭގެ ޑޯޒް ދޭން ޖެހޭނީ ވަރަށް ރަނގަޅަށް ބަލައިގެންނެވެ. އޭގެ އަސަރު ދިއުމުން މީހާ އަނބުރާ ހޭނެތޭ ގޮތް ނުވާނެ މިންވަރަށެވެ. ނުވަތަ ހަށިގަނޑުގައި ހުރި އޯޕިއޭޓްސްތައް އަނެއްކާ ވެސް ހަށިގަނޑުގެ ސެލްތަކުގައި ހިއްޕާ ނުލާނެ މިންވަރަށެވެ.

އެމްފެޓަމައިންސް އާއި ކޮކެއިން ފަދަ މަސްތުވާތަކެތީގެ ބާވަތްތަކަށް އެންމެން އެއްބަސްވާ ފަރުވާއެއް އޮސްޓްރޭލިޔާގައި އަދި ނެތެވެ. ނަމަވެސް ޑިޒެމްފަޓަމައިން ފަރުވާ ތަހުލީލީ ގޮތުން ވަނީ ތައާރަފު ކުރެވިފައެވެ.

ނާކޮޓިކްސް އެނޮނީމަސް (އެން.އޭ.)

ނާކޮޓިކްސް އެނޮނީމަސް އައީ އެލްކޮހޯލިކްސް އެނޮނީމަސް (އޭ.އޭ.) އާ ގުޅުވާލެވިފައިވާ ފަރުވާ ޕްރޮގްރާމެކެވެ. މިއީ އިޖުތިމާއީ ގޮތުން ގްރޫޕެއްގެ ސިފައިގައި އެކަކު އަނެކަކަށް އެހީތެރިވެދީގެން ލިބިގަންނަ ފަރުވާއެކެވެ. ކައުންސެލަރަކު އިނދެގެން ގްރޫޕެއްގެ ގޮތުގައި ގަވައިދުން ބައްދަލުކޮށް އެކަކު އަނެކަކުގެ ވާހަކަތައް ކިޔައިދީ ހިތްވަރުދީ ހަދާ މި ޕްރޮގްރާމްގެ އަސްލު ބިނާވެފައިވަނީ މަސްތުވާތަކެތި ބޭނުން ކުރުމަކީ ހައްލެއް ފަރުވާއެއް ނެތް ކަމަށް ގަބޫލު ކުރެވޭ މީހުންނަށެވެ. މި ފަދަ މީހުން ގަބޫލު ކުރާ ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލައަށް އޮތް ހަމައެކަނި ހައްލަކީ އެ ބޭނުން ނުކޮށް އެއާ ދުރުގައި ހުރުމެވެ؛ ހަށިގަނޑަށް ފައިދާއެއް އަރާމެއް ލިބޭނީ އެއިރުން ކަމަށެވެ.

އެންމެ ފުރިހަމަ ފަރުވާ އަކީ ކޮބާ؟

އެންމެ ފުރިހަމަ ފަރުވާ އަކީ ކޮބައިތޯ ބައެއް މީހުން ސުވާލު ކުރެއެވެ. ހެރޮއިން ބޭނުން ކުރުމާ ބެހޭ ގޮތުން ބައެއް މީހުން، ކުރިން އެ ބޭނުން ކުރި މީހުން ވެސް ހިމެނޭ ގޮތަށް، ބުނަމުން އަންނީ މިވެނި ފަރުވާއެއް މިވެނި ފަރުވާއަކަށް ވުރެ މޮޅު ކަމަށެވެ. މި ބަހުސްގައި ބައިވެރިވުމަކީ ބޭނުންތެރި ކަމެއް ނޫނެވެ. ހެރޮއިން އާއި އެހެނިހެން ވެސް ބާވަތްތަކުގެ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ދޭ ފަރުވާތަކުގެ ތެރެއިން، އެކި ފަރުވާ ގުޅެނީ އެކި މީހުންނާއެވެ. އަދި ބައެއް ފަހަރު އެއް ޒަމާނެއްގައި ދޭ ފަރުވާއެއް ހަމަ އެ މީހާއަށް އެހެން ޒަމާނެއްގައި މަސައްކަތް ނުކޮށްފާނެއެވެ. ނޫން ނަމަ އެހެން ގޮތަކަށް މަސައްކަތް ކޮށްފާނެއެވެ. އޯވަޑޯޒް ވެގެން އެތައް ބަޔަކު މަރުވަމުންދެއެވެ. އާއިލީ ވޭން ތަހައްމަލު ކުރަމުން ދެއެވެ. އަދި މާރާމާރީ އާއި ވައްކަންތަކުގައި ވެސް ބައިވެރިވަމުންދެއެވެ. އެހެންކަމުން އެތައް ބާވަތެއްގެ ފަރުވާ ޕްރޮގްރާމްތައް ލިބެން ހުރުމަކީ މުހިންމު ކަމެކެވެ. ސަބަބަކީ މަސްތުވާތަކެއްޗަށް ފަރުވާ ދިނުމަކީ އެހާ ސީދާ ސާދާ ކަމަކަށް ނުވާތީއެވެ. ގިނަ ފަރުވާ ޕްރޮގްރާމްތައް ލިބެން ހުރުމަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެ މީހުންގެ ދިރިއުޅުން ބަދަލު ކުރުމަށް އެހީއަކަށް ވެއެވެ. މިއީ ސިޔާސީ ގޮތުން ކުރި ހޯދުމަށް ނުވަތަ ހައިސިއްޔަތު ކުރިއެރުވުމަށްޓަކައި ޒުވާބުދިނުމަށްވުރެ މާ ނުރައްކާތެރި މައްސަލައެކެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.