މަސްތުވާތަކެއްޗާ ކުރިމަތިލުން: ބެލެނިވެރިންނަށް މަގެއް – 5 ވަނަ ބާބު

drug

ހަތަރުވަނަ ބާބު

ފަސްވަނަ ބާބު: ކައުންސެލިންގގައި ވާގޮތަކީ ކޮބާ؟

ތިޔަ ފަރާތުގެ ގާތް މީހާ ފަރުވާގެ ފުރަތަމަ ފިޔަވަޅު އަޅައި، ކަމާ ބެހޭ ކައުންސެލަރަކާ އެޕޮއިންޓްމަންޓެއް ހެދުމަށް ފަހު ކައުންސެލިންގގައި ދެން ވާނީ ކިހިނެތް ހެއްޔެވެ؟ އެހެން މީހުން މަސްތުވާތަކެތި ބޭނުން ކުރުމާ މެދު ކަންބޮޑުވާ މީހުންގެ ހިތަށް އަރާނީ މިހެންނެވެ. ކައުންސެލަރާއި ފަރުވާ ލިބިގަންނަ މީހާއާ ދެމެދު އެ ހިނގަނީ ކޮން ކަންތައްތަކެއް ބާވައެވެ؟ އެ ދެ މީހުން ދައްކަނީ ކޮންކޮން ވާހަކަތަކެއް ބާވައެވެ؟ މަސްތުވާތަކެއްޗާ ބެހޭ ގޮތުން ވާހަކަ ދައްކާނެކަން ކަށަވަރެވެ. ނަމަވެސް އޭގެ އިތުރުން ދެން ދައްކަނީ ކޮން ކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ އަދި އެ ވާހަކަތައް ދެއްކުމުގެ މަގުސަދަކީ ކޮބައިބާވައެވެ؟

ކައުންސެލިންގ ދޭ އެކި މަރުކަޒުތަކުން ގެންގުޅެނީ އެކި އުސޫލުތަކާއި ފަލްސަފާތަކެވެ. އެއީ ކޮންމެ ކައުންސެލަރެއްގެ ވެސް އަމިއްލަ ޝަހުސިއްޔަތަކާއި އުސޫލުތަކަކާއި ގޮތްތަކެއް ހުންނަ ފަދައިންނެވެ. އެއީ އެ މީހުންނަށް ލިބިފައިވާ ތަޖުރިބާ އާއި މައުލޫމާތާއި ތަމްރީންގެ މައްޗަށް ބިނާކޮށެވެ. ތިރީގައި މި ބަޔާން ކުރަނީ ވޭތުވެދިޔަ 12 އަހަރު ދުވަހުގެ ތެރޭގައި އަހަރެންގެ ތަމްރީނާއި ތަޖުރިބާގެ އަލީގައި އެކުލަވާލާފައިވާ ކައުންސެލިންގއާ ގުޅޭ ބައިތަކެވެ. އެހެން ކައުންސެލަރުން މި ގޮތްތަކާ ތަފާތު އުސޫލުތަކަކަށް އަމަލުކޮށްފާނެއެވެ. އަދި އަހަރެންގެ މި ހުށަހެޅުންތަކަށް ވުރެ މޮޅުއިތުރު ހަމަތަކެއް ވެސް ގެންގުޅެފާނެއެވެ. ކައުންސެލިންގއަކީ އެކަކު އަނެކަކާ ދެމެދު މުއާމަލާތް ކުރެވިގެން ބަދަލު ކުރެވޭ މައުލޫމާތުގެ އަލީގައި ދެވޭ “ނަސޭހަތެ”ކެވެ. ނަމަވެސް އަހަރެން މި ތަފުސީލުކޮށްލާ މައުލޫމާތުތަކަކީ ކައުންސެލިންގގައި ހިމެނޭ ބައެއް “ސިއްރު”ތަކެވެ.

މަސްތުވާތަކެތިން އެ ބޭނުން ކުރާ މީހާގެ އެދުމެއް ފުދޭކަން ގަބޫލު ކުރުން:

ދާދި ފަހުން އަހަރެން ވަނީ އޮސްޓްރޭލިޔާގެ ބޮޑު ބޯޓުދެލި ނަގާ ކުންފުންޏަކަށް ބޮޑު މަސައްކަތެއް ކޮށްދީފައެވެ. އެ ކުންފުނިން ވަނީ މުވައްޒަފުން މަސްތުވާތަކެއްޗަށް ޓެސްޓް ކުރުމުގެ ސިޔާސަތެއް ރާވައިފައެވެ. މި ކަމުން ބައެއް މުވައްޒަފުންނަށް މަޖުބޫރުވީ އެ މީހުންގެ މަސްތުވާތަކެތި ބޭނުން ކުރާ ކުރުމާ މެދު އަލުން ވިސްނުމަށެވެ. މުވައްޒަފުންގެ އެކި ގްރޫޕްތަކާއެކު އަހަރެން ގުޅިގެން މަސައްކަތް ކުރީމެވެ. އޭގެ ތެރެއިން ގިނަ މީހުންގެ ވާހަކަތައް ވަރަށް އެއްގޮތެވެ. މިސާލަކަށް، ދުނިޔޭގައި އެންމެ އާއްމު މަސްތުވާތަކެތީގެ ބާވަތްތަކަކީ ކޮބައި ހެއްޔެވެ؟ އެއީ ބަނގުރަލާއި ދުންފަތާއި ކެނެބިސް އާއި (ކޮފީގައި ހުންނަ) ކެފެއިންއެވެ. ކުންފުނީގެ ސިޔާސަތަކީ ދުންފަތާއި ކެފެއިން އާމެދު އަޅާނުލުން ކަމަށް ވާތީ އަހަރެމެންގެ މަސައްކަތް ބޮޑަށް އަމާޒު ކުރީ ބަނގުރަލާއި ކެނެބިސްގެ މައްޗަށެވެ. މަސްތުވާތަކެތީގެ މި ދެ ބާވަތުގައި ހުރި ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތަކުގެ ލިސްޓެއް ހަދަން މުވައްޒަފުންގެ ގާތުން އަހަރެން އެދުނީމެވެ. އެ މީހުން ދިން ޖަވާބުތައް އަނެއްކާވެސް ވަރަށް އެއްގޮތެވެ؛ ބަނގުރަލާއި ކެނެބިސްގައި ހުރި ރަނގަޅު ސިފަތައް ބަޔާންކޮށްދެމުން އެ މީހުން ފާހަގަކޮށްފައިވަނީ ދެ ކަމެކެވެ. އެއީ އަރާމު ލިބުމާއި އެހެން މީހުންނާ އިޖުތިމާއީ ގޮތުން ގުޅުން ރަނގަޅު ވުމެވެ. މި ދެ ކަމަކީ ހަގީގަތުގައި ވެސް ކޮންމެ އިންސާނަކަށް ވެސް ހައްގު ދެ އުފަލެވެ. ދުވާލުގެ މަސައްކަތް ނިންމާލުމަށް ފަހު ގެއަށް ގޮސް ވައިން، ބިއަރު، ޖިން ނުވަތަ ޓޮނިކް ތައްޓެއް އަހަރެމެންގެ ތެރެއިން ކިތައް މީހުން ބޯލާ ހެއްޔެވެ. އަހަރެމެން އެ ކަންތައް ކުރަނީ ކީއްވެތޯ އަހައިފި ނަމަ، ޖަވާބުގައި ބުނުން އެކަށީގެންވަނީ އަރާމު ކުރުމަށް ކަމަށެވެ. އަދި ޕަބަށް ގޮސް ބުއީ ކީއްވެތޯ އަހައިފި ނަމަ، ޖަވާބަކަށް ވާނީ އަރާމު ކޮށްލުމުގެ އިތުރުން އެހެން މީހުންނާ އޮންނަ އިޖުތިމާއީ ގުޅުން ރަނގަޅު ކުރުމަށް ކަމަށެވެ. މިއީ ވަކި މަގުސަދެއް ހާސިލު ކުރުމަށް މަސްތުވާއެއްޗެއް ބޭނުން ކުރާ ކުރުމެވެ. އެހެންކަމުން ކައުންސެލިންގ ދޭއިރު މުހިންމީ، މަސްތުވާއެއްޗެއްގެ ބޭނުން ނުކޮށް މީހާއަށް މި ދެ އަމާޒު ހާސިލު ކުރެވިދާނެ ގޮތެއް ނުވަތަ ގޮތްތަކެކެވެ. އަހަރެން މި ބުނަނީ މަސައްކަތް ނިންމާލުމަށް ފަހު ރާކޮޅެއް ބޯލުމަކީ ކޮންމެހެން އޭގެ ޒާތުގައި ގޯސް ވާހަކައެއް ނޫނެވެ. ސިއްހީ ގޮތުން އެހެން މައްސަލައެއް ނޫޅޭ ނަމަ، ނޫނީ އޭގެ މަސްތުގައި ހުރެ ދުއްވާއެއްޗެހި ނުދުއްވާ ނަމަ، އޭގެން ލިބޭނެ އިތުރު ގެއްލުމެއް ނެތެވެ. މައްސަލައަކަށްވާ ހިސާބަކީ އޭގެ އަޅަކަށް ވާ ހިސާބެވެ. ބޯޓުދެލި ނަގާ މަސައްކަތުގެ މީހުންގެ މައްސަލައަކަށް ކެނެބިސް ވަނީ އޭގެ އަސަރު ހަށިގަނޑުގައި އެތައް ދުވަހެއް ވަންދެން ދެމިހުންނާތީއެވެ. އަދި ބޮޑެތި މެޝިނަރީ އޮޕަރޭޓް ކުރަން ޖެހުމާއި އަދި މަސްތުވާ ކޮންމެ ބާވަތަކުން ނަމަވެސް ދިގު މުއްދަތެއްގައި އޭގެ އަސަރު ކުރުން އެއީ މައްސަލައެކެވެ.

ފާހަގަ ކުރެވޭ ކަމަކީ ބަނގުރަލާއި ކެނެބިސް ބޭނުން ކުރާ މީހުން ވެސް ބޭނުން ކުރަނީ އެއް މަގުސަދެއްގައި ކަމެވެ. އެކައްޗަކީ އޮސްޓްރޭލިޔާގައި ހުއްދަ އެއްޗެކެވެ. ނަމަވެސް އަނެކައްޗަކީ މަނާ އެއްޗެކެވެ. ނަމަވެސް ދެ ބާވަތަކީ ވެސް ކޮންމެ ދުވަހަކު އިންސާނުން ބޭނުންވާ އިންސާނީ މަގުސަދުތަކެއް ހާސިލު ކުރުމަށް ބޭނުން ކުރެވޭ ދެ ބާވަތެވެ.

މަސްތުވާތަކެތި ބޭނުންކުރުން ކުރިއަށްގެންދިއުން:

މަސްތުވާތަކެއްޗަށް ދެ ގޮތަކަށް އަޅުވެތިވެއެވެ. މިސާލަކަށް، ދެވިހިފާ ނުވަތަ އެޑިކްޓްވާ އެއް ގޮތަކީ ދުވަހުގެ މަސައްކަތް ނިންމާލުމަށް ފަހު އާދައިގެ ކުޑަ އެއް ތަށި ވައިން ބޯ ނުލައި ހިތްހަމަ ނުޖެހުމެވެ. ނޫން ނަމަ، އަނެއް ގޮތަކީ މުޅި ދުވަހު މަސްތުވެފައި ހުރުން ނުވަތަ މުޅި ދުވަހު މަސްތުވެފައި ހުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި މުޅި ދުވަސް ހޭދަކުރުމެވެ. އެ ގޮތުން އޮސްޓްރޭލިޔާގައި ގާނޫނީ ގޮތުން ހުއްދަ ކުރެވިފައިވާ މަސްތުވާތަކެތީގެ ދެ ބާވަތް ކަމަށްވާ ބަނގުރަލާއި ދުންފަތަކީ ނިސްބަތުން ހަރަދު ކުޑަ ދެ އެއްޗެވެ. އޮސްޓްރޭލިޔާގައި 4 ލީޓަރުގެ ވައިން ފީފާއެއް 12 ޑޮލަރަށް (185 ރުފިޔާ އަށް) ލިބެއެވެ. އެހެންކަމުން މި ތަކެތި ގަތުމަށް ފައިސާ ހޯދުމަށް ވައްކަން ކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި އަދި ހަށިވިއްކުން ފަދަ ކަންތައްތައް ގިނަ މީހުންނަށް ކުރާކަށް ނުޖެހެއެވެ. ގާނޫނީ ގޮތުން މަނާ މަސްތުވާތަކެތި ކަމަށްވާ ހެރޮއިން، އެމްފެޓަމައިން، ކެނެބިސް އަދި ކޮކެއިން އަކީ ނިސްބަތުން ވަރަށް އަގު މަތީ ބާވަތްތަކެވެ. ކޮންމެ ހަފުތާއެއްގެ ކޮންމެ ދުވަހަކު މި ތަކެތި ގަތުމަށް ހަރަދު ކުރުމަކީ ކޮންމެކޮންމެ މީހަކަށް ވާނެ ކަމެއް ނޫނެވެ. މިހެންވެ މި ކަމަށް ފައިސާ ހޯދުމަށް ތަފާތު ބާވަތްތަކުގެ ކުށްތަކަށް އަރައިގަތުމަކީ އެކަށީގެންވާ ކަމެކެވެ. މި ފަދަ މީހުންނަކީ މުޅި ދުވަސް މަސްތުވެފައި ތިބުމަށް ބޭނުންވާ މީހުންނެވެ.

ކައުންސެލިންގ ދޭއިރު ދޭނީ ކޮން ބާވަތެއްގެ ކައުންސެލިންގއެއްކަން ކަނޑައަޅާނީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މިންވަރަށް ބަލައިގެންނެވެ.

ގާނޫނީ ގޮތުން މަނާ މަސްތުވާތަކެތި ބޭނުން ކުރާ ގިނަ މީހުން އެހީއަކަށް އެދި ގުޅާނީ ހާލަތު ވަރަށް ގޯސްވުމުންނެވެ. ކުރިން ދެންނެވިހެން މުޅި ދުވަހު އެ ކަމުން ސަލާމަތް ނުވެވިގެން އުޅޭ މީހުންނެވެ. އެ މީހުންގެ މުޅި ހަޔާތް މަސްތުވާތަކެތީގެ މައްޗަށް ބިނާކޮށްފައިވާ މީހުންނެވެ. “މިދިޔަ 2 އަހަރުގެ ތެރޭގައި އަހަރެންގެ ގެއާއި ކާރު ވަނީ އަހަރެންގެ އަތަށް އިންޖެކްޓްކޮށްފަ”އޭ ބުނި މީހަކު ވެސް އަހަރެންނާ ދިމާވިއެވެ. މާނައަކީ އޭނާގެ އެ ހުރިހާ މިލްކިއްޔާތެއް ވިއްކައި އޭގެ ފައިސާ ހުސްކުރީ މަސްތުވުމަށެވެ. މަސްތުވާތަކެއްޗަށް އެތައް ހާސް ޑޮލަރެއް ހަރަދު ވުމަކީ ހައިރާންވާންވީ ކަމެއް ނޫނެވެ. މަސްތުވާތަކެތި ބޭނުން ކުރާ ފިރިހެނެއްގެ މައެއް އެއްފަހަރު އަހަރެންގެ ގާތުގައި ބުނީ އޭނާގެ ދަރިފުޅު މަސްތުވުމަށްޓަކައި މިލްކިއްޔާތުގައިވާ ތަކެތި ވިއްކައިގެން ނުވަތަ “ހޮކް” ކޮށްގެން 100،000 ޑޮލަރު (1.5 މިލިއަން ރުފިޔާ) “ހަރަދުވި” ކަމަށެވެ. އޭނާ އެ ވާހަކަ ކިޔައިދިން އިރުވެސް ދަރިފުޅު ހެރޮއިން ބޭނުން ކުރާ ކަމަށާއި އެ ވަގުތު ވަނީ ގޭގައި ހުރި ފެކްސް މެޝިން ވިއްކާލައިގެން ވެސް ފައިސާ ހޯދުމަށް އެދިފައި ކަމަށެވެ. ފެކްސް މެޝިނަކީ މި ގޮތަށް ވިއްކިދާނެ މަދު އެއްޗެއްކަމުން ގޭގައި ހުރި ހުރިހާ އަގުހުރި އަދި އާއްމު ގޮތެއްގައި މީހުން ބޭނުން ކުރާ ހުރިހާ އެއްޗެއް ވިއްކައި ހުސްވީކަން އަހަރެންނަށް އެނގުނެވެ. އެހެން އާއިލާއަކުން ބުނީ އާއިލާ ޗުއްޓީން އެނބުރި އައުމުން އެނގުނީ އާއިލާގެ މިލްކިއްޔާތުގައިވާ ޔޮޓެއް އަންހެންދަރިފުޅު އޭނާގެ މަސްތުވުން ކުރިއަށް ގެންދިއުމަށް ފައިސާ ހޯދުމަށް ވިއްކާލި ކަމަށެވެ. މިފަދަ އެތައްއެތައް ހާސް ވާހަކަތަކަކީ މި ދާއިރާގައި އަބަދުމެ އިވޭނެ ކަހަލަ އަޑުތަކެވެ. މޮންޓީ ޕައިތަން ނެރޭ ފިލްމްތައް ފަދައިން މި ފަދަ ވާހަކަތައް ފޮތެއްގެ ސިފައިގައި ޗާޕު ކުރާ ނަމަ އެއް ވާހަކައަކަށް ވުރެ އަނެއް ވާހަކައެއް މާ ކަންތައް ބޮޑުވާނެއެވެ. ގާނޫނާއި ގަވައިދުތައް ރޭވިފައި ހުންނަ ގޮތުން ގެއެއް ވިއްކާލުމަކީ އެތައް މަރުހަލާތަކެއް ހިމެނޭ ކަމަކަށް ވާތީ، މިހެންވެ މިއީ ފަސޭހަ ކަމަކަށް ނުވާތީ ނަސީބެއް ކަންނޭނގެއެވެ. އެހެން ނޫން ނަމަ މިހާރު އެތައް ބައެއްގެ ގެއެއް މި ގޮތަށް ހުންނާނީ ވިކިފައެވެ.

ހުއްޓާލުމަކީ އެންމެ ހިތްހަމަޖެހޭ ގޮތެއް ނޫން:

މަސްތުވާއެއްޗަކަށް މީހަކު ދެވިހިފާފައި ހުއްޓާ އެ ބޭނުން ކުރުން ކުއްލިއަކަށް ހުއްޓާލުމުން އޭނާގެ ހަޔާތުގައި ހުސްކަމެއް އުފެދޭނެއެވެ. މި ބާގަނޑު ބައްދާނެ މަގުތަކެއް ފަހިކޮށްފައި ނެތް ނަމަ އަލުން އެ ބޭނުން ކުރި ބާވަތުގެ މަސްތުވާތަކެތި ނުވަތަ އެހެން ބާވަތެއް ބޭނުން ކުރަން ފެށުމަކީ އެކަށީގެންވާ ކަމެކެވެ. މި ފަދަ ހުސްކަން ނައްތާލަން ޖެހޭނީ މަސްތުވާއެއްޗަކަށް ވުރެ ރަނގަޅު އަދި އުފާވެރި ކަމެއް ނުވަތަ އެއްޗެއް ހަޔާތަށް ތައާރަފު ކުރެވިގެންނެވެ. މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލުމަކީ މައްސަލައިގެ ހަމައެކަނި އެއް ބައެވެ.

މަތީގައި މި ދެންނެވުނު ނުކުތާތައް މުހިންމީ ކީއްވެ ހެއްޔެވެ؟ މި ފާހަގަ ކުރި ކަންތައްތަކުން މަސްތުވާތަކެތި ބޭނުން ކުރާ މީހާ އެ ބޭނުން ކުރާ ސަބަބު އޭނާ އަށް ރަނގަޅަށް ފަހުމް ވާނެއެވެ. އަދި އެ މީހަކަށް އެންމެ އެކަށޭނަ ކައުންސެލިންގ އަކީ ކޮބައިތޯ ކަނޑައެޅުމަށް ފަސޭހަ ވާނެއެވެ. މިސާލަކަށް ހެރޮއިން ކެނޑިނޭޅި ބޯ މީހަކަށް، ހަށިގަނޑު އަރާމު ކުރާ ކަސްރަތުތަކެއް ކުރުވުމަކުން އަދި ފައިދާއެއް ނުކުރާނެއެވެ. ޖެހޭނީ އޭނާގެ މުޅި ހަޔާތް އޮތް ގޮތް ދެނެގަންނާށެވެ: އޭނާގެ މަސައްކަތު ދާއިރާ އާއި އެހެން މީހުންނާ އޮންނަ ގުޅުންތަކާއި ސިއްހަތާއި އަތުގައި ފައިސާ ހުރި މިންވަރާއި އަދި ގާނޫނީ ގޮތުން އޭނާއަށް ކުރިމަތިވެދާނެ މައްސަލަތަކެވެ. ނަމަވެސް ކެނެބިސް ބޭނުން ކުރާ ބޯޓުދެލި ނަގާ މީހެއް ވެއްޖެއްޔާ ތަފާތު ވާނެއެވެ. ސަބަބަކީ ކޮންމެ ހަފުތާބަންދަކާ ދިމާކޮށް ހުކުރު ދުވަހުގެ ރޭ ކަނޑާލާ ކެނެބިސް ކޯންތަކަށް ފަހު، ހޯމަ ދުވަހު ނުވަތަ ދެން އަންނަ ދުވަސްތަކުގައި ކުންފުނިން ކޮށްފާނެ ޑްރަގް ޓެސްޓަށް އޭނާ ވިސްނާނެއެވެ. މިހެންވެ މި ފަދަ މީހެއްގެ މުޅި ހަޔާތް އޮތީ ކިހިނެތްތޯ ބެލުމަކީ މުހިންމު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި، އޭނާ ކެނެބިސް ބޭނުން ކުރާ މަގުސަދު އޮޅުން ފިލުވައި، އޭގެ ބަދަލުގައި އޭނާއަށް ހަމަ އެ މަގުސަދު ހާސިލު ކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލިދާނެއެވެ. ބޯޓުދެލި ނަގާ މީހުންނާއެކު އަހަރެން ކުރި މަސައްކަތުން ދޭހަވީ ކެނެބިސްގެ ބަދަލުގައި މީހާ އަރާމު ކުރާނެ އެހެން ގޮތްތަކަކާއި އަދި މަސައްކަތްތެރިންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުންތައް އާލާކުރެވޭނެ އެހެން ގޮތްތައް ވެސް އެކުއެކީގައި ދެނެގަތުމަކީ މުހިންމު ކަމެއް ކަމެވެ. ކެނެބިސްގެ ބަދަލުގައި އެހެން ކަންތައްތަކެއް ތައާރަފު ކުރެވިއްޖެ ނަމަ، މި މައްސަލަ ހައްލު ކުރުމަށް އެއީ މާ އެކަށީގެންވާ ގޮތެއް ކަމަށް، އެހެންކަމުން، އަހަރެންނަށް ފެނެއެވެ.

ކައުންސެލިންގ ކޮޓަރި ތެރޭގައި:

ފަރުވާ ލިބި ގަންނަ މީހާ ނުވަތަ ކްލަޔަންޓްގެ ހަޔާތަށް ނަޒަރު ހިންގާލުން ނުވަތަ ލައިފް އެސެސްމެންޓް:

ކައުންސެލިންގ ދޭން ފެށުމުގެ ކުރިން ކްލަޔަންޓްގެ މުޅި ހަޔާތް ބިނާވެފައި ކުރިއަށްދާ ގޮތުގެ ބޮޑު މަންޒަރެއް ކައުންސެލަރަށް ފަހުމްވެފައި އޮތުމަކީ މުހިންމު ކަމެކެވެ. ކްލަޔަންޓް މަސްތުވާތަކެތި ބޭނުން ކޮށްފައިވާ ގޮތުގެ ތާރީހެއް އެނގުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވާއިރު، މިއީ އަދި މަންޒަރުގެ އެއް ބައެވެ. ކައުންސެލަރަކަށް ބޭނުންވާނެ އިތުރު މައުލޫމާތުތަކުގެ ތެރޭގައި:-

އާއިލާ:

ކްލަޔަންޓް އުޅެނީ ލޯބީގެ ގޮތުން މީހަކާ ގުޅިގެން ހެއްޔެވެ؟

އެ ދެ މީހުންގެ ދަރިން އެބަތިބި ހެއްޔެވެ؟

އެ ދެ މީހުންގެ އާއިލާގެ އެހެން ގާތް މީހުން އެބަތިބި ހެއްޔެވެ؟

އެ އާއިލާތައް އުޅެނީ އެ ދެ މީހުންނާ ސަރަހައްދީ ގޮތުން ގާތުގައި ހެއްޔެވެ؟

ސިއްހަތް:

ކްލަޔަންޓްގެ ސިއްހީ ހާލަތު މި ވަގުތު ހުރީ ކިހިނެތް ހެއްޔެވެ؟

މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން އިތުރު ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވޭ ހެއްޔެވެ؟

މަސައްކަތު ދާއިރާ:

ކްލަޔަންޓަކީ މަހު މުސާރައަށް މަސައްކަތް ކުރާ ތަނެއްގެ މުވައްޒަފެއް ހެއްޔެވެ؟

ކްލަޔަންޓް އޭނާ ކުރަން ޖެހޭ މަސައްކަތާ މެދު ހިތްހަމަޖެހޭ ހެއްޔެވެ؟

ކުރިން ކްލަޔަންޓް މަސައްކަތް ކުރީ ކޮން ތަނެއްގައި ކޮން ދާއިރާއެއްގައި ހެއްޔެވެ؟

ކްލަޔަންޓް މިހާރު މަސައްކަތް ކުރަނީ މުޅިން އާ ދާއިރާއަކަށް ވަނުމަށް ހެއްޔެވެ؟

ފައިސާ:

ކްލަޔަންޓް އަކީ ގަވައިދުން އާމްދަނީ ލިބޭ މީހެއް ހެއްޔެވެ؟

އޭނާ އަކީ ބޮޑެތި ދަރަނިތަކެއް ހުރި މީހެއް ހެއްޔެވެ؟ ނޫނީ މިލްކިއްޔާތުގައި ގިނަ މުދާ ހުރި މީހެއް ހެއްޔެވެ؟

ޖަޒުބާތު:
ކްލަޔަންޓްގެ ހަޔާތުގައި އޭނާ އަށް މުހިންމީ ކޮން ބައެއް ހެއްޔެވެ؟ އަދި އެ މީހުންނާ މިހާރު އޮތް ގުޅުން ކިހިނެތް ހެއްޔެވެ؟

ހުސްވަގުތު ހޭދަކުރާ ގޮތް:

އާއިލާ އާއި ރަހްމަތްތެރިންނާއި މަސައްކަތު ދާއިރާގެ ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމުގެ އިތުރުން ހުސްވަގުތު ހޭދަކުރުމަށް ހޮބީއެއް ނުވަތަ އެހެންވެސް ޝައުގުވެރިވާ ކަމެއް އޭނާގެ ހުރޭ ހެއްޔެވެ؟

ތައުލީމު:

ކްލަޔަންޓްގެ ތައުލީމީ ފެންވަރަކީ ކޮބައި ހެއްޔެވެ؟

މި ވަގުތު އޭނާ އަކީ އެއްވެސް ތައުލީމީ ނުވަތަ ތަމްރީން ޕްރޮގްރާމެއްގައި ހުރި މީހެއް ހެއްޔެވެ؟ ނުވަތަ މި ފަދަ ކަމަކަށް އޭނާ ކުރިމަގު ރާވާފައިވޭ ހެއްޔެވެ؟

ދީން:

ކްލަޔަންޓަކީ އެއްވެސް ދީނީ ކަމަކަށް ޝައުގުވެރިކަން ހުންނަ މީހެއް ހެއްޔެވެ؟

ކްލަޔަންޓްގެ މައުލޫމާތު ހޯދި ވަރަކަށް އޭނާއަކީ ކާކުކަން ދެނެގަންނަން ބޭނުން ކުރާ އެސެސްމެންޓް ފުރިހަމަވާނެއެވެ. މަތީގައި ފާހަގަ ކުރެވުނު މައުލޫމާތުތައް ހޯދުމަކީ ކްލަޔަންޓްގެ ހަޔާތުގެ ފުރިހަމަ މަންޒަރެއް ކައުންސެލަރަށް ލިބުމަށް މުހިންމު ސުވާލުތަކެކެވެ. ކައުންސެލިންގއިން ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވުމަށްޓަކައި ކްލަޔަންޓްގެ ހަޔާތާ ބެހޭ ވީ އެންމެ ފުރިހަމަ މައުލޫމާތެއް ކައުންސެލަރަށް އެނގުމަކީ މުހިންމު ކަމެކެވެ.

ކްލަޔަންޓްގެ ހަޔާތަށް ނަޒަރު ހިންގުން:

މި ނުކުތާތަކުގެ އަލީގައި ކްލަޔަންޓްގެ ހަޔާތް މިހާރު އޮތީ ކިހިނެތްކަން ކްލަޔަންޓަށް ވެސް އަދި ކައުންސެލަރަށް ވެސް ދެނެގަނެވޭނެއެވެ. ބައެއް ފަހަރަށް މި ފަދަ މައުލޫމާތު ހޯދަމުން އަންނަ ހިނދު ވެސް ކްލަޔަންޓްގެ ހަޔާތަށް ބަލައިލެވިދާނެއެވެ. ނޫން ނަމަ މި ފަދަ ހުރިހާ މައުލޫމާތެއް އެއްކުރުމަށް ފަހު އޭނާގެ ހަޔާތް އޮތްނެތް ގޮތް ރަނގަޅަށް ދެނެގަނެވިދާނެއެވެ. ހަޔާތަށް ނަޒަރު ހިންގުމޭ ބުނުމުގެ މާނައަކީ މި ފަދަ އެކި ކަންތައްތައް ކްލަޔަންޓްގެ ހަޔާތް ރާވާފައިވާ މަގަށް އެޅުވުމަށް އެންމެ ރަނގަޅު މަރުހަލާތަކަކީ ކޮބައިކަމެވެ. އުޅޭ ވަޒީފާ ގެއްލުމަކީ ބައެއް މީހުންނަށް ބަރުދާސްތު ނުކުރެވޭ ފަދަ ބޮޑު ކަމެކެވެ. ނަމަވެސް އަނެއް ބައި މީހުންނަށް އެއީ ވަރަށް ބޮޑު ބޮލަށް ފަސޭހަވުމަކަށް ވެސް ވެއެވެ! ހަމަ މި މޭރުމުން ބައެއް މީހުންނަށް ވަރިއަކީ އެތައް ނުރަނގަޅު ޖަޒުބާތީ އަސަރުތަކެއް ކުރުވާ ކަމެކެވެ. ނަމަވެސް އަނެއް ބައި މީހުންނަށް ވަރިއަކީ ނަފުސާނީ ވޭންތަކަކުން ސަލާމަތްވުމެކެވެ!

ކްލަޔަންޓްގެ ހަޔާތަށް ނަޒަރު ހިންގުމޭ ބުނެވޭ ބަހުގެ މާނައީ ހަމައެކަނި މައުލޫމާތުތަކެއް އެއްކުރުމެއް ނޫނެވެ. ގިނަ ފަހަރު ކްލަޔަންޓް އަމިއްލައަށް މައުލޫމާތު ދޭއިރު، އޭނާ މައުލޫމާތު ދޭ ގޮތުން ވެސް، އޭނާ އެ ބުނާ ކަމަކީ އޭނާގެ ހަޔާތަށް ކިހާ މުހިންމު ކަމެއްކަން، އޭނާ ކިޔައިދޭ ގޮތުން ވެސް ދެނެގަނެވިދާނެއެވެ. ބޮޑީ ލެންގުއެޖް ނުވަތަ ބަސް ނުބުނެ ހަށިގަނޑުގެ ހަރަކާތްތަކުން ވެސް ކަންތައްތަކާ މެދު އޭނާ ދެކޭ ގޮތް ދޭހަވާނެއެވެ. މިސާލަކަށް އޭނާ ވާހަކަ ދައްކާއިރު ނުވަތަ ވާހަކަތައް ކިޔައިދޭއިރު، އޭނާގެ ހަށިގަނޑުގެ ހަރަކާތްތައް ހުންނަ ގޮތުން، އޭނާގެ މައިންބަފައިންނާއި ދަރިންނާއި އަދި ވަޒީފާ ފަދަ ކަންތައްތަކާ މެދު އޭނާ ހަގީގަތުގައި ހިތުގެ އަޑިން ދެކޭ ގޮތް ދެނެގަނެވޭނެއެވެ. މިސާލަކަށް، ކްލަޔަންޓާ ކުރާ ސުވާލަށް ސީދާ ދޭ ޖަވާބުގެ އިތުރުން ވެސް، އޭނާގެ ހަށިގަނޑުގެ ހަރަކާތްތަކުން ކައުންސެލަރަށް އިތުރު މައުލޫމާތު ލިބޭނެއެވެ. އެ ގޮތުން ހިނިތުންވުން، ދެބުމަ ގޮއްޖެހުން، ހަތަރުކަޅި ހަމަކުރަން އުނދަގޫވުން ފަދަ ކަންތައްތަކުން އިތުރު މައުލޫމާތު ކައުންސެލަރަށް ނަގައިގަނެވޭނެއެވެ. ރަނގަޅު ކައުންސެލަރެއް ނަމަ، މި ފަދަ ކަންތައްތައް ފާހަގަކޮށް، ކްލަޔަންޓްގެ މި ފަދަ ޖަޒުބާތުތައް ދެނެގަންނަން މަސައްކަތް ކުރާނެއެވެ.

ކްލަޔަންޓްގެ ހަޔާތް ދެނެގަތުމަށް ކުރާ މަސައްކަތްހެން އޭނާގެ ހަޔާތުގެ އެކި ބައިބަޔަށް ކަޅި ހިންގައި އޭނާގެ ހަޔާތުގެ ބޮޑު މަންޒަރު ދެނެގަތުމުގެ މަސައްކަތަކީ އެތަކެއް ހަފުތާއަކަށް ދެމިގެން ހިނގައިދާނެ ކަމެކެވެ. މިހެން ދިމާވަނީ ކައުންސެލަރަށް ފުރިހަމައަށް އިތުބާރު ކުރަން ކްލަޔަންޓަށް ދުވަސްކޮޅެއް ނަގާނެތީއެވެ. އަދި މި ގޮތަށް އިތުބާރު އުފެދެންދެން އޭނާގެ ހަޔާތުގެ ބައެއް ބައިބައި އޭނާ ހާމަކުރަން ޖެހިލުންވާނެތީއެވެ. އެހެން ނޫނަސް ކައުންސެލިންގ ދޭ ފުރަތަމަ ދުވަސްކޮޅަކީ ކުރު މުއްދަތެއް ކަމުން ކްލަޔަންޓާ ބެހޭ ފުރިހަމަ މައުލޫމާތު ފުރަތަމަ ކައުންސެލިންގ ސެޝަންތަކުގައި ނުލިބި ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. ކައުންސެލިންގ ސެޝަންއެއް ނިންމާލާފައި ކްލަޔަންޓް ނުކުންނާނީ އެތައް އުއްމީދުތަކަކާއެކުއެވެ. ކަންތައްތަކާމެދު އޭނާ ވިސްނާ ގޮތާއި އޭނާގެ އުޅުން ބަދަލުކުރުމުގެ ހިޔާލުތަކާއި އަމަލުތައް އިސްލާހް ކުރާނެ ރޭވުންތަކާއި ފިކުރުތައް ސިކުނޑީގައި ރާވަމުންނެވެ. މި ގޮތަށް ހަގީގަތުގައި މަގުފަހިވާނީ ކައުންސެލަރާއި ކްލަޔަންޓާ ދެމެދު ވަރަށް ހަރުދަނާ ގޮތެއްގައި މުއާމަލާތް ކުރެވި މަޝްވަރާ ކުރެވިގެންނެވެ. ފުރަތަމަ ސެޝަންގައި ކައުންސެލަރުން ކުރާ ހަމައެކަނި ކަމަކީ ކްލަޔަންޓާ ސުވާލު ކުރުން ކަމަށް ވަނީ ނަމަ، އެ ސެޝަންއާމެދު ކްލަޔަންޓަށް އިހުސާސް ކުރެވޭނީ ކައުންސެލިންގއިން މާބޮޑު ފައިދާއެއް ނުކުރާނެ ކަމެވެ. މަސްތުވާތަކެތި އޭނާ ބޭނުން ކުރުމުގެ މައްސަލައަށް ހައްލެއް ނާންނާނެ ކަމަށާއި ކައުންސެލިންގ ސެޝަންއަށް ދިއުމަކީ ވަގުތު ބޭކާރު ކުރުމެއް ކަމަށެވެ. މިހެންވެ ޖެހިގެން އަންނަ ކައުންސެލިންގ ސެޝަންއަށް ކްލަޔަންޓް އައުމާ ދެމެދު ހިނގާ ދުވަސްތަކުގައި ކްލަޔަންޓްގެ ވިސްނުމާއި އުޅުން އިސްލާހު ކުރުމަށް އެދޭ ނަމަ، ފުރަތަމަ ސެޝަން މުޅިން ކްލަޔަންޓާ ސުވާލު ކުރުމުގެ ބަދަލުގައި ކްލަޔަންޓް ވެސް ހިތުގެ އަޑިން ވާހަކަ ދެއްކުމަށް ކައުންސެލަރު ފުރުސަތު ދޭން ޖެހޭނެއެވެ.

ހިތްވަރު ލިބޭ ގޮތަށް އިންޓަވިޔު ކުރުން:

ކްލަޔަންޓްގެ ގުޅުންތަކާއި މަސައްކަތްތަކާއި އަދި ހޮބީތަކާމެދު ކުރާ ހުރިހާ މަޝްވަރާއެއްގެ ވެސް ބޭނުމަކީ އޭނާގެ މަސްތުވާތަކެތީގެ ދެވިހިފުމާމެދު ވާހަކަ ދައްކައި އޮޅުންފިލުވުމެވެ. ހަގީގަތުގައި ކައުންސެލިންގގެ އަސްލު މަގުސަދު ވާން ޖެހޭނީ މިއަށެވެ. އަހަރެން ބޭނުން ކުރާ އެއް ޓެކްނިކަކީ “މޯޓިވޭޝަނަލް އިންޓަވިޔު” އެވެ. މިއީ ކްލަޔަންޓްގެ މަސްތުވާތަކެތި ބޭނުން ކުރުމުގެ އާދައާމެދު “ހުކުމެއް ނުކޮށް” ވަރަށް މިނިވަންކަމާއެކު އޭނާގެ މާހައުލާމެދު އޭނާ ދެކޭ ގޮތް އޭނާ އަމިއްލައަށް ނަޒަރު ހިންގާލުމަށް ދެވޭ ރަނގަޅު ފުރުސަތެކެވެ.

މި ގޮތަށް އިންޓަވިޔު ކުރާއިރު އަހަރެން ފުރަތަމަ ހުށަހަޅަނީ ސުވާލުތަކެކެވެ. އެ ގޮތުން މަސްތުވާތަކެތި ބޭނުން ކުރުމުން ލިބޭ ހިތްހަމަޖެހުން ނުވަތަ އޭނާއަށް ފެންނަ ގޮތުގައި އޭގެން އޭނާއަށް ކުރާ މަންފާ އަކީ ކޮބައިތޯއާމެދުއެވެ. މި ގޮތަށް ހުށަހެޅުމުން ކްލަޔަންޓުން ވަރަށް ހައިރާންވެއެވެ. ސަބަބަކީ ގިނަ ފަހަރަށް މަސްތުވާތަކެތި ބޭނުން ކުރުމުން މުޅި ހަޔާތުގައި ވެސް އެ މީހުންނަށް ކުރިމަތިވެފައިވާނީ އެ މީހުންނާ ދިމާއަށް މީހުން އެއްޗެހިކިއުމާއި މަލާމާތްކުރުމެވެ. އެ މީހުންނަށް އިވޭނީ އަންނަނިވި ޒާތުގެ އަޑުތަކެވެ:

“މަސްތުވާތަކެތިން މީހުން މަރުވާކަމެއް ނޭނގޭތަ؟”

“ކަލޭގެ ހަޔާތް ކަލޭ ތިޔަ ބޭކާރުކޮށްލަނީ!”

“ކުރިން ކިހާ ރަނގަޅު ވަޒީފާއެއްގައި އުޅުނީ، ނަމަވެސް މިހާރު މީހާ ހުރި ސިފަ ނިކަން ބަލައިލަބަލަ!”

އެހެންކަމުން، ކުރިން ދެންނެވި ގޮތަށް ސުވާލު އެހުމުން ކްލަޔަންޓަށް ހައިރާންކަމެއް ލިބުމުގެ އިތުރުން، ރަނގަޅަށް ހަމަޖެހިލާކަން ވެސް ފާހަގަ ކުރެވެއެވެ. އަދި މީގެ ސަބަބުން ތެދުތެދަށް ވާހަކަ ދައްކަން ފަށައެވެ. އެ ގޮތުން އަންނަނިވި ޖަވާބުތައް ދޭން ފަށައެވެ:

“އެ ދުވަސްކޮޅު އެހެން އެއްވެސް ކަމެއް މަށަކަށް މުހިންމެއް ނޫން.”

“އެއީ އަހަރެންނަށް އިތުބާރު ކުރެވޭ އެތި. އޭތި އަބަދުވެސް ހުންނާނެ އަހަރެންނަށްޓަކައި.”

“ވަރަށް ބޮޑު ހިތްހަމަޖެހުމެއް އިހުސާސް ކުރެވޭ.”

” މަސައްކަތް ކުރާއިރު އަހަރެން ހަމަ ބޭނުންވަނީ…”

މަސްތުވާތަކެތި ބޭނުން ކުރުމުން އޭނާއަށް ލިބުނު ފައިދާ ނުވަތަ އެޑްވާންޓޭޖްތައް ނޯޓުކޮށް ނިމުމުން، ދެން އެ ކަމުން އޭނާއަށް މިހާތަނަށް ލިބިފައިވާ ގެއްލުންތަކުގެ ލިސްޓެއް ހަދަން ބުނާށެވެ. މި މޭރުމުން ސުވާލު ކުރާއިރު އެހާ ހަރުކަށި އިބާރާތް ބޭނުން ނުކުރާށެވެ. މިސާލަކަށް، މަސްތުވާތަކެތީގެ “ނުރަނގަޅު އަސަރުތަކަކީ” ކޮބައިތޯ އެހިދާނެއެވެ. މި ގޮތަށް މަޑުމައިތިރިކޮށް ސުވާލު ކުރުމުން އަންނަނިވި ޖަވާބުތައް ކްލަޔަންޓްގެ ފަރާތުން އިވެން ފަށާނެއެވެ:

“އެއީ ބޮޑު ހަރަދެއް!”

“މަސްތުވާތަކެތި ގަންނަން ފައިސާ ހޯދަން ވައްކަން ކުރަން ހަގީގަތުގައި އަހަރެން ބޭނުމެއް ނުވޭ.”

“ހަމަ އިރުއިރުކޮޅާ ބޯހިތްވަނީ… އެ ކަހަލަ ރައްޓެހިން ގާތަށް ދެވެނީ…”

“މަންމަ އާއި ބައްޕަ ދެރަވާކަށް އަސްލު އަހަރެން ބޭނުމެއް ނުވޭ.”

“‘ސިކުވުން. ހުއްޓާލުމުން ހަށިގަނޑަށް އެ އަންނަ ވިތްޑްރޯވަލް…”

ކައުންސެލަރު ދެން ޖެހޭނީ މި ޖަވާބުތަކުން އިތުރު މައުލޫމާތު ހޯދައިގަންނާށެވެ. ތަފުސީލު މައުލޫމާތެވެ. މިސާލަކަށް، މަންމަ އާއި ބައްޕަ ދެރަކުރަން ބޭނުން ނުވާ ވާހަކަ ކްލަޔަންޓް އެ ބުނަނީ ކޮން މާނައެއްގައިތޯ އެހިދާނެއެވެ. ނޫނީ “ސިކު ވުން” އެ ބުނީ ކޮން ގޮތަކަށް ވިތްޑްރޯވަލް އަންނާތީތޯއެވެ. އެއިރުން ކަން ހަމަ އެވީގޮތަށް ކިޔައިދިނުމަށް ކްލަޔަންޓަށް ހިތްވަރަކަށް ވެއެވެ. އަދި އެ ގޮތުން އަންނަނިވި ޖަވާބުތައް ދޭން ފަށައެވެ:

“މަންމަ ފާހާނާގައި ރޯން އިންދާ ފެނުނު.”

“އަހަރެންނަށް ފާހާނާތެރެއަށް ހޮޑުލެވުނު.”

“އަހަރެން ދަރާފައިވާ (މަސްތުވާތަކެތި ވިއްކާ މީހާ ނުވަތަ) ޑީލަރު މިހާރު އަހަރެންނަށް ބިރުދައްކަނީ.”

މިހާ ހިސާބުން އިންޓަވިޔު ދެން ފޯކަސް ނުވަތަ އަމާޒު ކޮށްލާނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ކުރިން ކްލަޔަންޓާ މެދު އެހެން މީހުން ދެކޭ ގޮތަށެވެ. އެ ގޮތުން އާއްމު ގޮތެއްގައި އިވިގެން ހިނގައިދާނެ ޖަވާބުތަކަކީ:

“ވަރަށް ސަކަރާތްޖަހާހިތްވާނެ.”

“ވަރަށް ގަދައަށް ފުޓުބޯޅަ ކުޅޭނެ.”

“ރަހްމަތްތެރިންނަށް އަބަދުވެސް ވަފާތެރިވާނެ.”

“ރަނގަޅު ރައްޓެއްސެއް.”

ކްލަޔަންޓާ ދެން ސުވާލު ކުރާނީ މަސްތުވާތަކެތި ބޭނުން ކުރަމުން ދިޔަ ދުވަސްވަރު އޭނާއާމެދު މީހުން ދެކޭ ގޮތެވެ. އެ ގޮތުން ސުވާލު ކުރުމުން ލިބިދާނެ ޖަވާބުތަކަކީ:

“އިތުބާރެއް ނުކުރެވޭ.”

“މިހާރު އެއްގޮތަކަށް ވެސް ނުފެނޭ. އަދި އަހަރެމެން ދެކިލާކަށް ވެސް ނާދޭ.”

“ކުޅިވަރު ކަންތައްތައް މިހާރު އެހާ ބޮޑަށް އެނގޭކަށް ބޭނުމެއް ނުވޭ.”

“މަގޭ ހިތް ހަމަ ހަލާކުވޭ އޭނާ ފެނުމުން އޭނާ އެ ހުންނަ ގޮތުން.”

މި ޖަވާބުތަކުގެ އިތުރު ތަފުސީލު ދެން ހޯދާށެވެ. އެ ގޮތުން މީހުން ކްލަޔަންޓާމެދު މި ގޮތަށް މި ދެކެނީ ކީއްވެތޯ އޭނާއަށް ވިސްނޭ ގޮތް ކިޔައިދޭން ބުނާށެވެ. މި ގޮތަށް އިންޓަވިޔު ކުރުމުގެ ބޭނުމަކީ މަސްތުވާތަކެތި ބޭނުން ކުރުމާމެދު “އަނެއް” މީހުންގެ ނަޒަރު ކްލަޔަންޓަށް ވިސްނުމުން، އެހެން މީހުންނަށް ފެންނަ ގޮތަށް އޭނާގެ ނަފުސު އޭނާއަށް އަމިއްލައަށް ފެންނަން ފެށުމުން، މަސްތުވާތަކެތި ބޭނުން ކުރުމާމެދު ނުރުހުންވެވި، އޭނާ ވެސް އެ ކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ހިތްވަރަކަށް ވާނެތީއެވެ.

އަމާޒުތަކާއި އިސްކަން ދޭންވީ ކަންތައްތައް:

ކައުންސެލަރެއް ގޮތަށް އުޅުނުއިރު އަހަރެންނަށް ގަބޫލު ކުރެވުނީ މަސްތުވާތަކެތި ނަހަމަ ގޮތުގައި މީހުން ބޭނުން ކުރަން ފަށެނީ އެ މީހުންގެ ލައިފްސްޓައިލާއި ދިރިއުޅުމުގައި ނުރަނގަޅު އާދަތަކެއް ހުރެގެންނެވެ. އެހެންކަމުން ކްލަޔަންޓްގެ ލައިފްސްޓައިލަށް ބަލައިލުމަށް ފަހު އޭނާގެ ދިރިއުޅުން ހުރި ގޮތުން މަސްތުވާތަކެތިން އޭނާގެ ކޮންމެވެސް އެދުންތަކެއް ފުރިހަމަ ވާ ކަމަށް އެއްބަސްވުމަށް ފަހު، އަހަރެން ދެން ބަލައިލަނީ ކްލަޔަންޓު މަސްތުވާތަކެތި ނަގާހިތްވަނީ ނުވަތަ ނަގަން މަޖުބޫރުވާ ސަބަބުތަކެވެ. އެ ހިސާބުން ދެން ކްލަޔަންޓްގެ ދިރިއުޅުމުގައި ބަދަލު ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ އާއި މަސްތުވާތަކެތިން އެ ލިބޭ ހިތްހަމަޖެހުމުގެ ބަދަލުގައި ކްލަޔަންޓަށް ހިތްހަމަޖެހުން ލިބޭނެ އެހެން ވަސީލަތްތަކަކީ ނުވަތަ ގޮތްތަކަކީ ކޮބައިތޯ ބަލައިލަނީއެވެ. މި ކަން ކުރަނީ ކްލަޔަންޓާ ވަރަށް ގާތުން ސުވާލުކޮށް، އޭނާ ބައިވެރިކޮށް، ދެ މީހުން “ބައިވެރިވެގެން ހައްލެއް ފެނޭތޯ އެކުގައި މަސައްކަތް ކުރާ” ކަހަލަ ގޮތަކަށެވެ. އަހަރެންގެ ހިޔާލެއް ނުދީ، އޭނާގެ ހިޔާލުން އޭނާއަށް ހައްލެއް ލިބޭނެ ކަމަށް އޭނާއަށް ފެންނަ ނުވަތަ ގަބޫލު ކުރެވޭ ގޮތްތަކަކީ ކޮބައިތޯ ބަލައިގެންނެވެ.

މި ގޮތަށް ސުވާލު ކުރުމުގައި “ނަމަ” ސުވާލު ކުރެވިދާނެއެވެ. މިސާލަކަށް: “ކަލޭގެ ހަޔާތުން ކަންތައްތަކެއް ބަދަލު ކުރެވޭނެ ނަމަ، ބަދަލު ކުރާނީ ކޮން ކަންތައްތަކެއްތޯ” އެހިދާނެއެވެ. މި ގޮތަށް އަހަން ވާނީ ވަރަށް މިނިވަންކޮށް ޖަވާބު ދޭން ދޫކޮށްލައިގެންނެވެ. އެ ގޮތުން ކްލަޔަންޓް ދެނީ ކައުންސެލަރު ހިތްހަމަ ނުޖެހޭ ޖަވާބެއް ނަމަވެސް އެ ކަމަށް ހުރަސް އަޅައިގެން ނުވާނެއެވެ. މިސާލަކަށް، މަޖާ ޖަވާބެއް ދިނަސް ސީރިއަސް ވުމަށް އެދިގެން ނުވާނެއެވެ. މިސާލަކަށް، “ބޭނުމީ އަނެއްކާވެސް އުމުރުން 21 އަހަރު ވާށޭ” ނުވަތަ “ހަނދަށް ދާން ނައްޓާލާށޭ” ބުންޏަސް އެ ކަމަށް ރައްދު ދީ ނުވަތަ ފާޑުކިޔައިގެން ނުވާނެއެވެ.

މި ގޮތަށް ދޭ ޖަވާބުތައް ވައިޓް ބޯޑެއްގައި ލިސްޓް ކޮށްލެވިދާނެއެވެ. ލިސްޓް ކުރަން ވާނީ ކައުންސެލަރާއި ކްލަޔަންޓާ އެއްކޮށް ތިބެގެންނެވެ. މި “ބްރެއިންސްޓޯމް” ސެޝަން ނިމުމުން ދެން މި ލިސްޓް ދެ ބަޔަކަށް ބަހާލާށެވެ. އެ ގޮތުން ކްލަޔަންޓްގެ އަތްމަތީގައިވާ ކަންތައްތަކާއި އޭނާގެ ކޮންޓްރޯލެއް ނެތް ކަންތައްތަކަށެވެ. މިސާލަކަށް، “ލޮޓަރީ ހޯދަން ބޭނުމޭ” ބުނެފައިވާ ނަމަ އެއީ ކްލަޔަންޓްގެ ބާރުގެ ދަށުގައިވާ ނުވާ ކަންތައްތަކުގެ ލިސްޓަށް ލާށެވެ. ނަމަވެސް “ވަޒީފާއަކާއި ރަނގަޅު ސިއްހަތަކާއި ރަނގަޅު ލޯބިވެރިޔަކާއި ރަނގަޅު ޗުއްޓީއަކާއި އާ ރަހްމަތްތެރިން ހޯދަން ބޭނުން” ކަމަށް ބުނެފައިވާ ނަމަ، އެއީ ކްލަޔަންޓްގެ ކޮންޓްރޯލް ދަށުގައިވާ ކަންތައްތަކުގެ ލިސްޓްގައި ހިމަނާށެވެ. ސަބަބަކީ ތަނަކުން ނަސީބު ނަންބަރެއް ދިމާވުން އެއީ އެއްވެސް އިންސާނެއްގެ އަމިއްލަ ބާރު ދަށުގައިވާ ކަމެއް ނޫނެވެ. ނަމަވެސް ވަޒީފާއެއް ހޯދައި މީހުންނާ ގުޅުން ގާއިމު ކުރުމަކީ ކޮންމެ މީހަކަށް ވެސް، މަސައްކަތް ކޮށްފި ނަމަ، ކުރެވިދާނެ ކަންތައްތަކެވެ.

ބައެއް ފަހަރަށް ކްލަޔަންޓް މި ފަދަ ލިސްޓްތަކުގައި އޭނާއަށް “އެހާ މުހިންމު ނޫން” ކަންތައްތައް ވެސް ހިމަނަފާނެއެވެ. މިސާލަކަށް، “ވަގުތު ހޭދަކޮށްލުމަށް ހޮބީއެއް ނެގުން” ނުވަތަ “ދަރިފުޅާ ގުޅުން ބަދަހިކުރުމެ”ވެ. ނަމަވެސް މި ހުންނާނީ އޭނާ ލިސްޓުގެ އެންމެ ފަހަތަށް ލާފައެވެ. މި ފަދަ ލިސްޓަކުން “ފުރަތަމައަށް އެންމެ މުހިންމު ކަންތައްތަކަކީ” ކޮބައިތޯ އަހައިފި ނަމަ، ގިނަ ފަހަރަށް ލިސްޓްގެ ކުރިއަށް އޭނާ ލާނީ “މުޖުތަމައުން ދެކޭ މުހިންމު ކަންތައްތަކެވެ.” މިސާލަކަށް، “ވަޒީފާ ހޯދުމެ”ވެ. ނަމަވެސް ހަގީގަތުގައި ވަޒީފާއެއް ހޯދުމަށް ވުރެ އޭނާގެ ދަރިފުޅާ ގުޅުން ބަދަހިކުރުން ކްލަޔަންޓަށް މާ މުހިންމު ކަމަކަށް ވެދާނެއެވެ. އެހެންކަމުން ކައުންސެލަރު އަބަދުވެސް އިސްކަން ދޭން ވާނީ ކްލަޔަންޓަށް އޭނާއަށް މުހިންމު ކަމަށް ފެންނަ ކަންތައްތަކަށް ސަމާލުކަން ދެވޭތޯއެވެ. ކޮންމެހެން މުޖުތަމައުން މުހިންމުކަން ދޭ ކަންތައްތަކަކަށެއް ނޫނެވެ. މިސާލަކަށް، ވަޒީފާއެއް ހޯދުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް މުޖުތަމައަށް ނުވަތަ ކައުންސެލަރަށް ގަބޫލު ކުރެވުނު ނަމަވެސް، ކައުންސެލަރު ވެސް އަބަދުވެސް ސަމާލުކަން ދޭން ވާނީ ކްލަޔަންޓްގެ ޒާތީ ބޭނުންތަކަށެވެ. މިސާލަކަށް، ވަޒީފާއަކަށް ވުރެ އޭނާ ބޭނުމީ މި ވަގުތު އޭނާގެ ދަރިފުޅާ ގުޅުން ބަދަހި ކުރަން ކަމަށް ވަނީ ނަމަ، ކައުންސެލަރު ވެސް އިސްކަން ދޭންވާނީ އެ ކަންތަކަށެވެ. މީގެ މާނައަކީ ކްލަޔަންޓަކީ ހަޔާތުގައި މަގުސަދެއް ނުވަތަ އަމާޒެއް ނެތް މީހެއް ކަމެއް ނޫނެވެ. ނުވަތަ މަދުމިނަކަށް އަމާޒު ހުންނަނީއަކީ ވެސް ނޫނެވެ. މީގެ މާނައަކީ ކްލަޔަންޓްގެ ހަޔާތުގައި ކިތައްމެ ގިނަ މަގުސަދުތަކެއް ވެސް އެކުލެވިގެންވެދާނެ ކަމެވެ. ނަމަވެސް އޭނާ އެ ތަނުން ފުރަތަމައަށް ކުރަން ބޭނުންވާ ކަންތައްތައް ނުވަތަ ޕްރަޔޮރިޓީތަކާއި ފަހަށް ބަހައްޓަން ބޭނުންވާ ކަންތައްތަކާއި އަދި އެކުއެކީގައި ކުރިއަށްގެންދަން ބޭނުންވާ ކަންތައްތައް ވެސް އޭނާ ބޭނުންވާ ގޮތަކަށް، ބޭނުން އިސްކަމެއް ދޭން އޭނާއަށް ދޫކޮށްލަން ޖެހޭނެއެވެ.

ކައުންސެލިންގ ރޭވުމާއި ކުރިއަށްދާ މިންވަރު:

ކްލަޔަންޓްގެ ހަޔާތުގައި ކަނޑައަޅާ އަމާޒުތަކުގެ ލިސްޓް ލިޔެ ނިމުމަށް ފަހު ދެން އޭނާއަށް މަގުދައްކައިދޭން ޖެހޭނީ އެ އަމާޒުތަކައިގެން ކުރިއަށްދާނެ ގޮތްތަކެވެ. މި ބަހުސް ކުރިއަށް ގެންދިއުމުގައި އިސް ރޯލެއް ކުޅޭނީ ކްލަޔަންޓެވެ. ސަބަބަކީ މިއީ އޭނާގެ އަމާޒުފަތްގަނޑުތަކެވެ. މިހެންވެ ކްލަޔަންޓްގެ ދިރިއުޅުން ހުރި ގޮތުން މި އަމާޒުތަކަށް ވާސިލު ވުމަށް އެންމެ ރަނގަޅަށް އެނގޭނީ ވެސް އޭނާއަށެވެ. މި ގޮތުން ރާވާ ރޭވުންތައް، އެހެންކަމުން، ވާންޖެހޭނީ ކްލަޔަންޓްގެ ރޭވުންތަކަކަށެވެ. އަދި މި ރޭވުންތަކަށް އަމަލުކޮށް އަމާޒުފަތްގަނޑުތަކަށް ވާސިލު ވާނެ މީހަކީ ވެސް ކްލަޔަންޓް ކަމަށް ވާތީއެވެ. ނަމަވެސް މީގެ މާނައަކީ ކައުންސެލަރެއްގެ ގޮތުން އަހަރެން ހިޔާލެއް ދެހިޔާލެއް ނުދޭ ވާހަކައެއް ނޫނެވެ. ނަމަވެސް ކްލަޔަންޓަށް “ގޮތްކިޔައިދީ” އަހަރެންގެ ފަހަތުން އަހަރެން ބޭނުންވާ ގޮތަށް އޭނާ ގެންދަން އަހަރެން މަސައްކަތެއް ނުކުރަމެވެ. ކޮށްގެން ނުވެސް ވާނެއެވެ. ކްލަޔަންޓްގެ ހަޔާތް ރޭވުމުގެ ރޭވުންތަކަކީ ކައުންސެލަރު އަމިއްލައަށް ހުށަހަޅާ ހުށަހެޅުންތަކެއް ނަމަ، އޭގެން ދެ ނުރައްކަލެއް ކުރިމަތިވެއެވެ. އެއް ކަމަކީ އަހަރެންނަށް ކަންތައް ފެންނާނީ އަހަރެންގެ އަމިއްލަ ނަޒަރުން ކަމަށް ވާތީއެވެ. މިހެންވެ މި ގޮތަށް ރޭވުންތައް ރާވާއިރު ރޭވޭނީ އަހަރެންނަށް ޒާތީ ގޮތުން ކަންތައްތައް ފަސޭހަވާ ގޮތަށެވެ. ކޮންމެހެން ކްލަޔަންޓަށް އެކަށޭނަ ގޮތަކަށެއް ނޫނެވެ. އަނެއް ކަމަކީ، ކްލަޔަންޓްގެ ހަޔާތަށް ބަދަލު ގެންނަ ހަމައެކަނި ކަމަކީ އަބަދުވެސް ކައުންސެލަރެއް ހުރުން ކަމަށް ވަނީ ނަމަ، ކައުންސެލަރެއް ނެތް ދުވަހަކުން މި ހުރިހާ ޕްރޮގްރާމެއް ފޭލި ވާނެ ކަމެވެ. އެހެންކަމުން ކްލަޔަންޓްގެ ދިރިއުޅުން ބަދަލު ކުރުމުގެ ޕްރޮގްރާމަކީ ކައުންސެލަރު ނެތަސް ވެސް ކްލަޔަންޓް އަމިއްލައަށް އޭނާ ބޭނުންވާ ގޮތަށް ކުރިއަށްގެންދާ ޕްރޮގްރާމަކަށް ހަދަން ޖެހެއެވެ.

މި ގޮތަށް ޕްލޭން ހަދާއިރު ކޮންމެ ހަފުތާއަކަށް ކުރިން ޕްލޭން ހަދާށެވެ. އަދި ކޮންމެ ހަފުތާއެއް ނިމުމުން، މި ޕްލޭންތައް ކުރިއަށްދާ މިންވަރު އަންދާޒާ ކުރުމަށް ހަފުތާއަކު އެއް ފަހަރު ކްލަޔަންޓާ ބައްދަލުކޮށް އެކުގައި އިށީނދެ، ކުރިއަށް ދިޔަ މިންވަރު ނުވަތަ ޕްރޮގްރެސް އަންދާޒާ ކުރާށެވެ. މިސާލަކަށް، ވޭތުވެދިޔަ ހަފުތާގައި ކަންތައް ދިޔައީ ކިހިނެތްތޯއެވެ؟ ކްލަޔަންޓް އޭނާގެ ދަރިފުޅާ ބައްދަލުވި ހެއްޔެވެ؟ ނުވަތަ ވަޒީފާއެއް ހޯދުމަށް އެއްވެސް ތަނަކަށް ގުޅި ހެއްޔެވެ؟ ނުވަތަ ހޮބީއެއް ހޯދުމަށް ކްލަބަކަށް ތަނަކަށް ދިޔަ ހެއްޔެވެ؟ އެހެން ކަމަށްވާ ނަމަ، އެ ކަމުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ އަދި ނިމިގެން ދިޔަ ހަފުތާގެ ތެރޭގައި ކްލަޔަންޓްގެ މަސްތުވާތަކެތީގެ ބޭނުން ކުރުމަށް ބަދަލެއް އައި ހެއްޔެވެ؟ މިސާލަކަށް، ކްލަޔަންޓްގެ މަސްތުވާތަކެތި ބޭނުން ކުރާ ރައްޓެހިންގެ ޕާޓީއަކަށް ގޮސް ކްލަޔަންޓް މަސްތުވާތަކެތި ބޭނުން ކުރި ހެއްޔެވެ؟

ކައުންސެލިންގގެ މަގުސަދަކީ ކްލަޔަންޓާއި ކައުންސެލަރާ ދެމެދު އިތުބާރު އުފެދުމެވެ. މި ކަމަށް ވަގުތުކޮޅެއް ނަގާފާނެއެވެ. އަދި މި ގޮތަށް އިތުބާރު އުފެދޭ ވަރަކަށް ކްލަޔަންޓް އޭނާގެ ސިއްރުތައް ކިޔައިދޭން ފަށާނެއެވެ. ނަމަވެސް ބައެއް ފަހަރަށް ބައެއް ކްލަޔަންޓުން އެއްގޮތަކަށް ވެސް ހަގީގަތް ހާމަ ނުކޮށްފާނެއެވެ. އަދި މި ގޮތަށް ދިމާވާ ބައެއް ކްލަޔަންޓުން އަބަދުވެސް ދައްކާނީ ކައުންސެލަރު އަޑުއަހަން ބޭނުންވާ ކަމަށް އެ މީހުންނަށް ހީވާ އެއްޗެކެވެ. އެހެންކަމުން ހަގީގަތް އޮންނާނީ އަބަދުވެސް ކްލަޔަންޓްގެ ހިތު ތެރޭގައި ފޮރުވިފައެވެ. މިސާލަކަށް، އެއް ފަހަރަކު އަހަރެން ކައުންސެލިންގ ދިން ފިރިހެން ކްލަޔަންޓެއް ބުނީ އޭނާ ކެނެބިސް ބޭނުން ކުރަން ފެށީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އެހެން ފިރިހެނަކާ މައްސަލަ ޖެހެން ފެށީމާ އެ ކަމުގެ ސްޓްރެސް އާއި ޑިޕްރެޝަން ފިލުވާލުމަށް ކަމަށެވެ. އޭނާ ބުނީ ރުޅިވީ އޭނާ ކަމަށާއި ނަމަވެސް ލޯބިވެރިޔާއާ ދުރުގައި ހުންނަން އުނދަގޫވަނީ ކަމަށެވެ. މި ކަމުގައި އަހަރެން ދުވަސްގަނޑެއް ވަންދެން ކައުންސެލިންގ ދީ، ޖިންސީ ކަންތައްތައް އެއް ފަރާތްކޮށް، ހަމައެކަނި ރަހްމަތްތެރި އަދި އިޖުތިމާއީ ގުޅުމެއް ބޭއްވުމަށް ނަސޭހަތް ދީ، ކްލަޔަންޓްގެ އެކަނިވެރިކަން އެ ގޮތުގެ މަތިން ފިލުވާލުމަށް ނަސޭހަތްތެރިވުމުން، ކެނެބިސް ބޭނުން ކުރުމާ އޭނާ ދުވަސްކޮޅަކަށް ދުރުވިއެވެ. ނަމަވެސް ދުވަސްކޮޅަކުން އަލުން އެ އާދައަށް ރުޖޫއަވުމުން އޭނާ ގާތުގައި އެހުމުން އޭނާ ބުނީ އޭނާއަކީ ހަގީގަތުގައި އޮސްޓްރޭލިޔާއަށް ވަގަށް އެތެރެވެގެން އުޅޭ އެހެން ގައުމެއްގެ މީހެއް ކަމަށެވެ. އަދި އޮސްޓްރޭލިޔާގައި މަސައްކަތް ކުރަނީ ނުބައި ނަމެއް ދީގެން އައިޑެންޓިޓީ އޮޅުވާލައިގެން ކަމަށެވެ. އަދި އޭނާ ބުނީ އޭނާ އަކީ އޭނާގެ މައްޗަށް ކުޑަކުދިންނާ ޖިންސީ ގުޅުން ހިންގި ކަމުގެ ތުހުމަތުތައް ކުރެވިގެން އޭނާގެ ގައުމުގެ ފުލުހުން ހޯދަން ބޭނުންވެ ނުފެނިފައިވާ މީހެއް ކަމަށާއި ގައުމަށް އެނބުރި ގޮސްފި ނަމަ ހަގީގަތުގައި ވެސް ޖަލަށް ދާން ޖެހޭނެ ކަމަށެވެ. އޭނާ ކުރިން އަހަރެން ގާތުގައި ބުނެފައިވަނީ އެހެން ވަޒީފާއަކަށް އޭނާ ދާން ބޭނުންވާ ކަމަށާއި އެހެން ގައުމަކަށް ވެސް ދާން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ކަމުގެ އަސްލު ސަބަބު އަހަރެންނަށް ރޭކާލީ އޭނާ މި ވާހަކަތައް މިހާ ފަހުން ކިޔައިދިނުމުންނެވެ. އެހެންކަމުން އޭނާ ކެނެބިސް ބޭނުން ކުރަމުން ދިޔައީ ބޭހެއް ގޮތަށެވެ. އޭނާއަށް ކުރިމަތިވެފައިވާ މި ސްޓްރެސްއާ ކުރިމަތިލާން އުނދަގޫ ވެގެންނެވެ. އޭނާއަށް އެ ސްޓްރެސްއިން ސަލާމަތްވެވެން އަންނަނީ އަމިއްލަ ނަފުސު ފުލުހުންނާ ހަވާލު ކޮށްގެންނެވެ. ނަމަވެސް އެހާހިސާބުން އަނެއްކާވެސް އޭނާއަށް ކުރިމަތިލާން ޖެހޭނީ ޖަލަށް ދިއުންކަން ކަށަވަރުވާތީ އޭނާ ނިންމީ އެހެން ނުހެދުމަށެވެ.

އޭނާއާއެކު އަހަރެން ބޭއްވި ކައުންސެލިންގ ސެޝަންތަކުން އޭނާ މަސްތުވާތަކެތި ބޭނުން ކުރުމުގެ އާދައަށް މާ ހަރުދަނާ ބަދަލުތަކެއް ނުގެނެވުނެވެ. އަދި އޭނާގެ ހަޔާތުގެ އެހެން ބައިބައި ރަނގަޅު ކުރުމަށް ވެސް އެއްވެސް ކާމިޔާބެއް ނުލިބުނެވެ. އޭގެ މަސްތަކެއް ފަހުން އިމިގްރޭޝަންގައި މީހުން ހައްޔަރުކޮށްފައި ތިބޭ މަރުކަޒުން އޭނާ އަހަރެންނަށް ގުޅިއެވެ. އޭނާއަކީ އޮސްޓްރޭލިޔާއަށް ވަގަށް ވަދެގެން އުޅޭ މީހެއްކަން އެނގިގެން ކޮންމެވެސް މީހަކު ރިޕޯޓް ކުރުމުން އޭނާ ހައްޔަރު ވީ ކަމަށް ބުންޏެވެ. (ނަމަވެސް އަހަރެން އެ ފަދަ ރިޕޯޓެއް ނުކުރަމެވެ!) ރަނގަޅު ގާނޫނީ ވަކީލެއްގެ ނަން އޭނާ އެހިއެވެ. އަދި އޭނާއަށް އެ ފަދަ މީހެއްގެ މައުލޫމާތު އަހަރެން ދިނީމެވެ. ނަމަވެސް އެ ކަމުން މާބޮޑު ފައިދާއެއް އާހިރުގައި ނުކުރިއެވެ. އޭނާގެ ގައުމަށް ޑީޕޯޓް ކުރީއެވެ. އަދި އޭނާގެ ވަޒަންވެރި ރަށަށް އަނބުރާ ފޮނުވާލުމުން އޭނާ ޖަލަށް ވެސް ލިއެވެ. އެ ކަން އަހަރެންނަށް އެނގުނީ އޭނާ ފަހުން ފޮނުވި ޕޯސްޓްކާޑަކުންނެވެ. އޭނާއަށް ފަހުން ކަންތައްތައް ދިމާވި ގޮތުން އޭނާ ކެނެބިސް ބޭނުން ކުރާ ކުރުމަށް އައި ބަދަލެއް އަހަރެންނަކަށް ނޭނގެއެވެ. މި މިސާލު އަހަރެން މި ތާ މި ނެގީ، އެންމެ ކުރިން ބުނި ނުގުތާ ފާހަގަ ކުރުމަށެވެ. އެއީ، ބައެއް ފަހަރު ކްލަޔަންޓުން ކައުންސެލަރަށް ރަނގަޅު މައުލޫމާތު ނުދީ އެތައް ދުވަހަކު ހިފަހައްޓާލަފާނެ ކަމެވެ. ނުވަތަ ދުވަހަކު ވެސް ނުބުނެފާނެ ކަމެވެ. ބައެއް ފަހަރު ކްލަޔަންޓް ދައްކާނީ ކައުންސެލަރު އަޑުއަހަން ބޭނުންވާ ވާހަކަތަކެވެ. ބައެއް ފަހަރު އިންސާނީ ތަބީއަތް ވެސް މި ގޮތަށް ހުރުމުންނެވެ. މިހެންވެ، ކްލަޔަންޓް ދައްކާ ވާހަކަތަކާއި އޭނާގެ ޖަޒުބާތުތައް ބައެއް ފަހަރަށް ދިމާ ނުވާހެން ކައުންސެލަރަށް ހީވާ ނަމަ، އިތުރަށް ސުވާލުކޮށްގެން، ކްލަޔަންޓް ނުދައްކާ ވާހަކަތަކެއް އެބަހުރިތޯ އޮޅުންފިލުވިދާނެއެވެ.

ކްލަޔަންޓްގެ ދިރިއުޅުން ހަމައަކަށް އެޅުވުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާއިރު، ކޮންމެ ހަފުތާއަކު ވެސް ކުރިއަށް ދާނުދާ ގޮތް ބަލައި، ރަނގަޅު ކުރަން ހުރި ކަންތައްތައް ވަގުތުން ވަގުތަށް ރަނގަޅު ކުރަން ވާނެއެވެ. މިސާލަކަށް، އެއް ކަމެއް ރަނގަޅު ކުރުމަށް ޕްލޭން ކޮށްފައި އޮތް ގޮތް ކަމު ނުދާ ނަމަ، އެ ކަމަށް އޮތް ދެވަނަ ނުވަތަ އެހެން ހައްލަކީ ކޮބައިތޯ ބަލަންވާނެއެވެ. ވަރަށް ހީވާގިކަމާއި ޝައުގުވެރިކަމާއެކު މަސައްކަތް ކުރާ ކްލަޔަންޓުންނަށް އަހަރެން ވަރަށް ހިތްވަރުދެމެވެ. މިއީ މި ގޮތަށް އެތައް ހަފުތާއަކަށް ދެމިގެން ހިނގައިދާނެ ޕްރޮގްރާމެކެވެ.

ކައުންސެލިންގގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވޭ އެއް ދާއިރާއަކީ “ރެސިސްޓެންސް ޓްރެއިނިންގ” ނުވަތަ ކަމަކަށް “ނޫނެކޭ” ބުނަން ނުވަތަ އިންކާރު ކުރަން ދަސްކޮށްދިނުމެވެ. މިސާލަކަށް ކްލަޔަންޓްގެ ރައްޓެއްސަކާ ދިމާވާ ވަގުތެއްގައި އެ ރައްޓެހިމީހާ އަހާފާނެއެވެ: “ބޭނުންތަ ކަމެއް ކޮށްލަން؟” (މާނައަކީ، “މަސްތުވާއެއްޗެއް ބޭނުންކޮށްލާހިތް އެބައޮތްތަ؟”)

މި ކަހަލަ ކަންތައްތައް ކުރިމަތިވެއެވެ. އާ ދިރިއުޅުމެއް ފަށަން އާ ރަށަކަށް ނުވަތަ ސަހަރަކަށް ބަދަލުވި ނަމަވެސް މެއެވެ. ޕާރތްއާ އެތައް ކިލޯމީޓަރު ދުރުމިނެއްގައިވާ ކުޑަ ޓައުނަކަށް ދިރިއުޅުން ބަދަލުކުރި އެއް ކްލަޔަންޓެއް އަހަރެންނަށް ކިޔައިދިނީ މިހެންނެވެ:

“އެ މީހުންނަށް (މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް) އަހަރެމެން (މަސްތުވާތަކެތި ބޭނުންކުރި ނުވަތަ ކުރަމުން އަންނަ މީހުން) އެނގޭ. އަހަރެންނަކަށް ވެސް ސީދާ ބުނެދޭކަށް ނޭނގޭ ކީއްވެ ކަމެއް. އަހަރެން އެ ރަށަށް ބަދަލުވިތާ 30 މިނިޓު ވެސް ނުވޭ މީހަކު އައިސް އަހަރެންނަށް މަސްތުވާތަކެތި ވިއްކައިފި.”

މި ކަހަލަ ކަންތައްތައް އަހަރެންގެ ސަމާލުކަމަށް އައިސްފައިވާތީ، މި ކަހަލަ ދަނޑިވަޅުގައި ދޭނެ ޖަވާބު ނުވަތަ އަމަލު ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށްޓަކައި ކްލަޔަންޓާއެކު މަސައްކަތް ކުރުމަށް ކުރީއްސުރެ ފުރުސަތު ލިބެއެވެ. އެ ގޮތުން އަހަރެން އަބަދުވެސް ބުނަނީ، ވިއްކާ މީހާ ނުވަތަ ޑީލަރުގެ ނަޒަރުން މަންޒަރު ބެލުމަށާއި ވިއްކާ މީހަކަށް “ނޫނެކޭ” ބުނުމުން ދެން އޭނާ ހިތަށް އަރާނެ އެއްޗެހި އަންދާޒާކޮށްލެވޭނެ ނޫން ހެއްޔެވެ؟ މަސްތުވާތަކެތި ވިއްކަން އުޅޭ މީހާގެ ވިސްނުން ހުންނާނެ ގޮތް ކޮންމެވެސް ވަރަކަށް ދެނެގަނެވޭ ނަމަ، އޭނާއަށް “ނޫނެކޭ” ބުނަން ފަސޭހަ ކަމީ އެތައް ކްލަޔަންޓުންނާއެކު އަހަރެން މަސައްކަތް ކުރިއިރު ތަޖުރިބާ ކުރެވުނު ކަމެކެވެ. މަސްތުވާތަކެތި ދިއްކޮށްލާނީ ކޮން ބައެއް ކަމާއި ކޮން ކަހަލަ ހާލަތްތަކެއްގައިކަން، މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ދެނެގަނެވެއެވެ. މި ކަން މިހެން އެނގޭތީ، މި ފަދަ ކަމެއް ކައުންސެލިންގ ކޮޓަރި ކަހަލަ އަމާން މާހައުލެއްގައި ކުރިން ޕްރެކްޓިސް ކޮށްލުމަކީ ނުވަތަ “ރިހާސަލް” ކޮށްލަން ފުރުސަތު ލިބުމުން، މި ކަހަލަ ހަގީގީ ކުރިމަތިލުމަކާ މަގުމަތީން ދިމާވާއިރު ކްލަޔަންޓަށް “ނޫނެކެ” ބުނަން ފަސޭހަވެ، ފަރިތަވެފައި އޮތުމަށެވެ.

“ހިތުގައި އޮތް އެތި ބޭރުކޮށްލުން”

މީހާގެ ދިރިއުޅުން ބަދަލުކުރެވިދާނެއެވެ. އާ ރޭވުންތައް ރޭވިދާނެއެވެ. އާ ގޮތްތަކަކަށް އަމަލުތައް ބެހެއްޓިދާނެއެވެ. ނަމަވެސް މި ހުރިހާ ބަދަލަކަށް ވެސް މުހިންމު އެހެން އެއް ކަމެއް އެބައޮތެވެ: އެއީ “ހިތުގައި އޮތް އެތި ބޭރުކޮށްލުން” ނުވަތަ ތިމާއަށް ހަގީގަތުގައި އެތެރެއިން ކުރެވޭ އިހުސާސްތައް، ފޮރުވުމެއް ހިފެހެއްޓުމެއް އޮޅުވާލުމެއް ނެތި، ސާފުކަމާއި ސީދާކަމާއެކު “ބޭރުކޮށްލުން” ނުވަތަ ހުށަހެޅުމެވެ. މީހާގެ “އެތެރޭ”ގައި އޮންނަ އެތި “ބޭރަށް” އޭގެ ހަގީގީ ގޮތަށް ދައްކަން އެނގުމަކީ ވެސް ޒާތެއްގެ ނަފުސާނީ ފަންނެކެވެ.

މިއީ ދިރިއުޅުން ބަދަލުކުރުމަށް ހުރި ހަމައެކަނި މުހިންމު ނުގުތާ ކަމަށް އަހަރެން ބުނަނީކީ ނޫނެވެ. ނަމަވެސް މި ބުނެވޭ ބަހުގެ މުރާދަކީ، މީހާގެ ޖަޒުބާތުތައް ފާޅުގައި ރަނގަޅަށް އަދި އެކަށީގެންވާ ގޮތަށް ހާމަ ކުރަން އެނގުމަކީ، މީހާއަށް އިހުސާސް ކުރެވޭ އާދަޔާ ހިލާފު “ބާރުގަދަ ޖަޒުބާތު”ތަކާއި “ފިކުރުތަކާ”މެދު އެކަށީގެންވާ ގޮތަކަށް ޖަޒުބާތީ ގޮތުން “ޑީލް” ކުރަން ނުވަތަ ކުރިމަތިލާން އެނގުމެވެ. އެ ގޮތުން ތިމާގެ އެތެރެ ނަފުސަށް އުނދަގޫ ކުރާ ކަންތައްތައް، ލޯބިވާ މީހަކަށް ނުވަތަ ރަހްމަތްތެރިއަކަށް ނުވަތަ ކައުންސެލަރަކަށް ކިޔައިދޭން ނުވަތަ އެހެންވެސް ގޮތަކުން ހާމަކޮށްދޭން އެނގުމަކީ، ކްލަޔަންޓް މަސްތުވާތަކެއްޗަށް ހުށަހެޅުމަށް ކުރިމަތިވި މި ފަދަ ޖަޒުބާތީ މައްސަލަތަކުގެ އަސްލު ދެނެގަނެވޭނެ ކަމެކެވެ. އެހެންކަމުން ތިމާގެ ނަފުސަށް އުނދަގޫ ކުރާ ކަންތައްތައް ކިޔައިދޭން އެނގުމަކީ އަދި އެ ކަން ކުރަން ފެށުމަކީ، އޭނާގެ ދިރިއުޅުން އިސްލާހު ކުރުމަށް އެޅޭ އެންމެ ރަނގަޅު އެއް ފުރަތަމަ ފިޔަވަޅެވެ.

ބައެއް ފަހަރަށް ހިތުގައި އޮންނަ އެއްޗެއް ދުލުން ބޭރުކުރުމުން، އެ މައްސަލައަކާމެދު ދެކޭ ގޮތް ބަދަލުވެއެވެ. މިއީ މީހާގެ ޖަޒުބާތުތައް ބަސްތަކަކުން ނުވަތަ އިބާރާތްތަކަކުން “ތަރުޖަމާ” ކުރުމުން އަންނަ “އުނިކަމެކެވެ.” އެހެން ގޮތަކަށް ބުނަނީ ނަމަ އަހަރެމެންގެ ދުލުން ވާހަކަ ދައްކާއިރު އަޑު އިވޭ ގޮތުން، ކަމުގެ މުހިންމުކަން ބޮޑުވެ ނުވަތަ ގެއްލިދިއުން ފަދަ ހާލަތްތައް މެދުވެރިވެއެވެ. އެ ގޮތުން ބައެއް ފަހަރަށް ތިމާއަށް ވަރަށް މުހިންމު ކަމެއް، ބަސްތަކަކުން ކިޔައިދޭއިރު އެއީ އެހާ މުހިންމު ނޫން އަދި ބައެއް ފަހަރު ވަރަށް ތާކުންތާކު ނުޖެހޭ ނުވަތަ މަޖާކަމެއް ގޮތަށް ވެސް އެހެން މީހުންނަށް އިހުސާސް ކުރެވިދާނެއެވެ. އަދި މި ގޮތަށް ވަރަށް މުހިންމު ނޫން އިހުސާސްތަކެއް، ބަސްމޮށުންތެރިކަމުގެ ތެރެއިން ނެރިލުމުން، ވަރަށް މުހިންމު ކަންތައްތަކެއް ގޮތަށް ވެސް ސިކުނޑިއަށް “އަޑު އިވިދާނެ”އެވެ. އެހެންކަމުން ކްލަޔަންޓްގެ ހަޔާތާ މެދު އޭނާ ވާހަކަ ދައްކާއިރު، އަބަދުވެސް ކްލަޔަންޓަށް އެންމެ މުހިންމު ކަންތައްތަކުގެ ވާހަކަތައް ފުރަތަމަ ކިޔައިދިނުމަށް ކައުންސެލަރަށް ބާރުއެޅިދާނެއެވެ. ނޫން ނަމަ އެ ކަން ދޭތެރެދޭތެރެއިން ހަނދާންކޮށްދެވި ވެސް ދާނެއެވެ. ނޫން ނަމަ ކްލަޔަންޓް ލައްވާ ލިސްޓެއް ގޮތަށް ވެސް ލިޔުއްވިދާނެއެވެ.

ކްލަޔަންޓެއްގެ ފިކުރުތައް އަޑުއަހާފައި އަހަރެން ވެސް “ސިކުނޑި ވަރުބަލި”ވެއެވެ. މީސްމީހުންނާ އޮންނަ ގުޅުންތަކާއި ދަރިންނާއި ވަޒީފާ އާއި ސިއްހަތާއި މި ހުރިހާ ކަމެއް ވެސް ކޮންމެ މީހަކަށް ވެސް ހަޔާތުގައި އެއްފަހަރާ ކުރިމަތިލާން ޖެހިފައިވާ ކަހަލައެވެ. އެހެންކަމުން ކްލަޔަންޓާ ސުވާލު ކުރަން ފަށައިގަންނާނެ ހިސާބު ވެސް އަހަރެންނަށް ދަތިވެއެވެ. ދެ ކްލަޔަންޓަކާ ވާހަކަ ދެއްކުމުގެ ތެރޭގައި އަހަރެންނަށް އެހެން ބުނެވިފައި ވެސް އެބަހުއްޓެވެ. އެ މީހުންގެ ވާހަކަތައް އަޑުއަހާފައިވާ އަހަރެން ވެސް ހާސްވާވަރުވާ ކަމަށެވެ. އެ ތަނުން އެއް ކްލަޔަންޓަކު އަހަރެންނަށް ދިން ޖަވާބަކީ މިއެވެ:

“އަޅާނުލާ! އަހަރެންގެ މި ވާހަކަތައް އަޑުއަހަން ބޭނުންވި މީހަކަށް މިހާރު މި ވާހަކަތައް މި ކިޔައިދެވުމުން ވެސް ވަރަށް ބޮޑު ލުޔެއް ލިބިއްޖެ.”

އަނެއް ކްލަޔަންޓަށް ބުނެވުނީ:

“އެހެންތަ؟ އެހެންވީއިރު މާތް ކަލާނގެއަށް ޝުކުރު ހުރި އަހަރެން މި ތަޖުރިބާ ކުރާ ކަންތައްތައް އެހެން މީހަކަށް އެންމެ ފަހުން ފަހުމްވިކަން.”

މިހެން ބުނުމަކުން އަދި މި ހުރިހާ މައްސަލައެއް ހައްލު ނުވި ނަމަވެސް މިއީ ރަނގަޅު ފެށުމެކެވެ. ކްލަޔަންޓްގެ ސިކުނޑީގައިވާ ޖަޒުބާތުތައް ބޭރުކޮށްލެވުމުން އަދި އެ ނުތަނަވަސްކަމުގެ ވާހަކަތައް އަޑުއަހާނެ ކަންފަތެއް އެހެން މީހަކު ދިނުމުން، ކްލަޔަންޓްގެ ދިރިއުޅުން އިސްލާހު ކުރުމުގެ މަގަށް އިތުރު ހިތްވަރެއް ލިބުނީއެވެ.

ބަހަކީ މުހިންމު އެއްޗެކެވެ. އެއީ އަހަރެމެންގެ ތެރޭގައި މުއާމަލާތްކުރަން އެންމެ ފުޅާ ދާއިރާއެއްގައި ބޭނުން ކުރާ ވަސީލަތެވެ. ނަމަވެސް އެއީ ހަމައެކަނި ވަސީލަތެއް ނޫނެވެ. ހަނުހިމޭނުން ހުންނަ ހިނދުކޮޅުތަކާއި މަޑުމައިތިރިވާ ވަގުތުކޮޅުތަކާއި ޖެހިލުންވުމުގެ ނިޝާންތަކާއި ހަށިގަނޑުގެ ތަފާތު ހަރަކާތްތަކާއި ހިނިތުންވުމާއި އަދި މީހާގެ ޖިސްމަށް އަންނަ މި ފަދަ ކޮންމެ “ލޮޅުންތަކަކުން” އެ ކްލަޔަންޓްގެ ނަފުސުގެ އެންމެ އެތެރޭގައިވާ އިހުސާސްތަކުގެ އަލާމާތްތައް، އޭނާގެ ގަސްދެއް ނެތި، ކަޝްފު ވެ ހާމަ ވެއެވެ. އަދި މި ފަދަ ހުރިހާ ކަމެއް، އޭނާގެ އަނގައިން ބަސްތަކުގެ ޒަރީއާއިން ބޭރުކުރާ މައުލޫމާތާ ވެސް “އެއްކޮށްލުމުން”، ކްލަޔަންޓްގެ ޝަހުސިއްޔަތު ދެނެގަތުމުގައި އެހީތެރިކަމަކަށް ވެއެވެ. މިހެންވެ ކްލަޔަންޓް ދައްކާ ވާހަކަތަކުގެ އިތުރުން އޭނާގެ ހަށިގަނޑުން ފާޅުވާ “ޖަޒުބާތު”ތަކުގެ ނިޝާންތަކާއި ސިގުނަލްތަކަށް ވެސް އަހަރެން ހުންނަނީ ހުށިޔާރު ވެގެންނެވެ.

މަސްތުވާތަކެއްޗަށް އެނބުރިދިއުން:

ދިރިއުޅުން ހެޔޮ ގޮތުގައި ބަދަލު ކުރުމަށް ފަހު ވެސް، އަދި މަސްތުވާތަކެތި ބޭނުން ކުރަން ހިތްވަރު ލިބޭ ފަދަ ކަންތައްތަކާއި މާހައުލުތައް ދުރުކޮށްލި ނަމަވެސް، ކްލަޔަންޓަކު އެނބުރި މަސްތުވާތަކެތީގެ ދުނިޔެއަށް ދިއުމަކީ ނުވާ ކަމެއް ނޫނެވެ. މި ކަމަށް ބޭނުން ކުރާ އެއް ބަހަކީ “ރިލެޕްސް”ވުމެވެ. ނަމަވެސް މިއީ މި ފަދަ ހާލަތެއްގައި ކަމަށް “ނެގަޓިވް” ނުވަތަ ކަތި ނަޒަރެއް ގެންނަ ކަމަކަށް ވާތީ އަހަރެން މި އިބާރާތެއް ބޭނުމެއް ނުކުރަމެވެ. އަހަރެމެން ކޮންމެ ބަހެއް ކޮންމެ އިބާރާތެއް ބޭނުން ކުރި ނަމަވެސް ހަގީގަތަކީ، ދިރިއުޅުން މުޅިން އިސްލާހު ކޮށްފައި ވެސް އަދި އެ ކަމަށް ހެޔޮ ނިޔަތެއް ދެއްކި ނަމަވެސް، މަސްތުވާތަކެތި ނަހަމަ ގޮތުގައި ނުވަތަ ކޮންޓްރޯލެއް ނެތް ގޮތުގައި ބޭނުން ކުރުމަށް ބައެއް މީހުން އެނބުރި ވާސިލު ވާ ކަމެވެ.

ދެން ހަދާނީ ކިހިނެތް؟

އެންމެ މުހިންމު ކަމަކީ އެ ކަމާމެދު ކްލަޔަންޓް ދެކޭ ގޮތެވެ. މިހާރު މުހިންމީ އެ މީހުން އެ ކުރި ކަމެއް ނޫނެވެ. ނަމަވެސް މިހާ ހިސާބުން ދެން އެ މީހުން އިސްލާހު ވާން ކުރަން ބޭނުން ވަނީ ކޮން ކަމެއްތޯ ބެލުމެވެ. މި ދަނޑިވަޅުގައި ރަނގަޅު ދެ މަގެއް ވެއެވެ. މަސްތުވާތަކެތި ބޭނުން ކުރުން ކުރިން ވެސް ކާމިޔާބު ކަމާއެކު ހުއްޓާލެވިފައި ވާތީ އެ ކަން ވާނީ ހިތްވަރަކަށެވެ. އަދި މިހެންވެ ކުރީގެ ތަޖުރިބާގެ އަލީގައި އަލުން އިސްލާހު ވުމަށް ވެސް ވަރަށް ބޮޑު ހިތްވަރެއް ލިބިދާނެއެވެ. ރިލެޕްސް ވާން މި ފަހަރު ދިމާވީ ކޮން ސަބަބުތަކަކާ ހުރެތޯ ބެލުމަށް ފަހު އެ މައްސަލަ ކުރިމަގުގައި އެ ފަދަ ހާލަތެއް ދިމާވެއްޖެ ނަމަ ހައްލު ކުރާނެ ގޮތް ރަނގަޅަށް ދެނެގަނެވޭނެއެވެ. ކްލަޔަންޓް މިހާރު އެ ހުރީ ކުރިއަށްވުރެ ހަރުދަނާވެ، މަސްތުވާތަކެއްޗާ ދުރުގައި ހުރުމަށް، ކުރިން ކުރި ތަޖުރިބާގެ ސަބަބުން އިތުރު “ބާރެއް” ލިބިފައި ކަމަށް ބުނެ ހިތްވަރު ދީ، މި ކަހަލަ “ޕޮޒިޓިވް” ރަނގަޅު ހިތްވަރަކާއެކު ކުރިއަށް ދިއުމަށް ބާރުއަޅަންވާނެއެވެ.

ކައުންސެލިންގ ނިމުމަކަށް އަންނަނީ ކިހާ ހިސާބަކުން؟

ކައުންސެލިންގ ސެޝަންތަކުގެ އަދަދު ކަނޑައެޅުމަށް ވަކި ހާއްސަ ގަވައިދެއް ނުވަތަ އަސާސެއް ނުވެއެވެ. ކުރިން ދެންނެވި ކަންތައްތަކަށް ބަލާލާއިރު، 3 ސެޝަންއަށް ވުރެ މަދު ސެޝަންއަކުން ފުދޭނެ ކަމަކަށް ނުފެނެއެވެ. ކުރިން މި ދެންނެވި ކަންތައްތައް ދެންނެވުނު ގޮތަށް ކުރިއަށް ގެންދާ ނަމަ، އަދި އެ ކަމުން އެކަށީގެންވާ ހަގީގީ ފައިދާއެއް ކްލަޔަންޓަށް ކުރާނެ ކަމަށް ފެންނަނީ 6 ސެޝަންއިންނެވެ. ކައުންސެލިންގ ނިންމާލާތާ 3 މަހާއި 6 މަސް ދުވަހުގެ ތެރޭގައި “ފޮލޯ-އަޕް” ސެޝަނެއް ބޭއްވުން މުހިންމެވެ. އެއީ ކްލަޔަންޓްގެ އާ ދިރިއުޅުން ކުރިއަށްދާ ގޮތް މޮނިޓަރކޮށް ބެލެހެއްޓުމަށެވެ.

ޓެލެފޯން ކައުންސެލިންގ:

ފޯނުގެ ޒަރީއާއިން ކައުންސެލިންގ ދިނުމަކީ، ކޮޓަރިއެއްގައި ކައުންސެލިންގ ދިނުމާ އެއް އަސާސްތަކެއްގެ މަތިން ކުރިއަށް ގެންދެވޭ ކަމެއް ނަމަވެސް، މި ދެ ކަމުގައި ތަފާތުތަކާއި ފަރަގުތަކެއް ވެއެވެ. ޓެލެފޯން ކައުންސެލިންގ ދެވެނީ އާއްމު ގޮތެއްގައި ކޮންމެވެސް ބޮޑު ކަމެއް ނުވަތަ ހާދިސާއެއް ކުރިމަތިވުމުންނެވެ. މި ފަދަ ދަނޑިވަޅެއްގައި ފޯނުން ކައުންސެލިންގ ދޭން އިންނަ ކައުންސެލަރެއްގެ އެންމެ މުހިންމު ވާޖިބަކަށް ވާނީ ކޯލް ކުރި މީހާ ކޯލް ކުރި ބޭނުމަށް ސީދާ ޖަވާބު ދިނުމެވެ. މިސާލަކަށް، ކޯލް ކުރި މީހާއަކީ މަސްތުވާތަކެތީގެ ސަބަބުން ސަލާމަތް ނުވާނެ ކަމަށް ފެނިގެން ހާސް ވެގެން ގުޅި މީހެއް ނަމަ، އެ ފަދަ މީހަކަށް ފަރުވާ ދެވެން ހުރި ގޮތްތަކެއް އޭނާއަށް ވަގުތުން ކިޔައިދިނުން މުހިންމެވެ. ނޫނީ މިސާލަކަށް، ބައެއް ފަހަރު މަސްތުވާތަކެތި ބޭނުން ކުރާ އެހެން މީހަކު (މިސާލަކަށް، ތިމާގެ މީހުން، ރައްޓެހިން ނޫނީ ލޯބިވެރިން) ފައިސާ ހޯދަން ބިރުދައްކާތީ ކަމަށް ފެނިގެން، އެ ކަމާ ހާސް ވެގެން ވެސް މީހަކު ގުޅާފާނެއެވެ. ކޮންމެއަކަސް، ކޮންމެ ހާލަތެއްގައި ވިޔަސް، ގުޅި މީހާ ސުވާލު ކުރި ކަންތަކަށް ކައުންސެލަރު ސީދާ ޖަވާބު ދިނުމަށް އަވަސްވެގަތުން މުހިންމެވެ. ކުރިން ވެސް ދެންނެވިފައިވާނޭ ފަދައިން، އެއްވެސް ގޮތަކަށް އެ ގުޅި މީހާ އާމެދު އަމިއްލަ ގޮތެއް ކައުންސެލަރު ނިންމައިގެން ނުވާނެއެވެ. ގުޅި މީހާއަކީ ކޮންމެ ފަދަ ޝަހުސިއްޔަތެއްގެ، ކޮންމެ ފަދަ މާހައުލަކުން ކޮންމެ ފަންތިއެއްގެ އަދި ކޮންމެ ފަދަ ބޭނުމެއްގައި ގުޅި މީހަކަށް ވެސް ވެދާނެއެވެ. ހަމައެކަނި މި ކަމަށް އޮތް އިސްތިސްނާއަކީ މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތިވެގެން ގުޅައިފި ނަމަ، މިސާލަކަށް، މަސްތުވާތަކެތި ބޭނުން ކުރާ މީހަކު ހޭނެތިގެން ކަހަލަ ކަމެއް ދިމާވެގެން ރިޕޯޓް ކޮށްފި ނަމަ، އެންމެ ގާތުން ސިއްހީ ފަރުވާ ލިބޭނެ ތަނަކަށް ދިއުމަށް އިރުޝާދު ދީ، ނުވަތަ އެ ތަނަކާ ގުޅުވައިދިނުމަށް މަސައްކަތް ކުރަންވާނެއެވެ.

ޓެލެފޯން ކައުންސެލިންގ ދާއިރާގައި ފާހަގަ ކުރެވޭ އަނެއް ކަމަކީ އެ ކޯލު ކުރި މީހާއަކީ، ކްލަޔަންޓާ ކައުންސެލަރާ ދެމެދު އޮންނާނެ ހަމައެކަނި “ގުޅުވައިދޭ ވަސީލަތް” ކަމަށް ވުމެވެ. ގުޅާ މީހުންނަށް އަނބުރާ ގުޅުމަށް ހިތްވަރު ދިނަސް ގިނަ ފަހަރަށް އެ މީހުން އަނބުރާ ނުގުޅާފާނެއެވެ. “ދެވަނަ ފަހަރަށް ގުޅިދާނެތޯ” އެހުމުން “ގުޅިދާނެ” ކަމަށް ޖަވާބު ދިނުމުން ވެސް އޭގެ ތެރެއިން ގިނަ މީހުން އަނބުރާ ނުގުޅާ ކަމަށް ޓެލެފޯން ކައުންސެލިންގގައި ހަރަކާތްތެރިވާ ކައުންސެލަރުން ބުނެއެވެ. އަނބުރާ ގުޅަނީ ވަރަށް މަދު މީހުން ކަމަށްވެއެވެ. މިހެންވެ ޓެލެފޯން ކައުންސެލިންގ ދިނުމުގައި ދެވަނަ ސެޝަންއެއް ބޭއްވިދާނެކަމުގެ އެއްވެސް ޔަގީންކަމެއް ނޯވެއެވެ. ރަނގަޅަށް އެކަށީގެންވާ މައުލޫމާތު ދެވޭނީ މި ފަދަ ޖެހިގެން އަންނަ ސެޝަންއެއްގައެވެ. ސަބަބަކީ ކްލަޔަންޓަކު ކުރާ ފުރަތަމަ ކޯލަކީ ހަގީގަތުގައި ކަމެއް ދިމާވެގެން އެ ކަމުގެ ހައްލު އޮތީ ކިހިނެތް ކަމާމެދު މައުލޫމާތު އޮޅުން ފިލުވަން ކުރެވޭ ކޯލަކަށް ވާތީއެވެ. އެއްގޮތަކަށް ވެސް އެ ފަދަ ފުރަތަމަ ކޯލަކުން ކްލަޔަންޓާ ބެހޭ ގޮތުން މާބޮޑު މައުލޫމާތެއް ކައުންސެލަރަކަށް ނުލިބޭނެއެވެ. އެހެންކަމުން މި ގޮތަށް ކޮށްލާ އެންމެ ކޯލަކުން މައްސަލައިގެ ހައްލެއް ނުފެންނާނެތީ، ފުރަތަމަ ކޯލަށް ޖަވާބު ދޭއިރު ވެސް، ކައުންސެލަރަކާ ސީދާ ބައްދަލު ކުރުމަށް ކްލަޔަންޓަށް ނަސޭހަތްތެރިވާންވާނެއެވެ. އަދި ކަމަށް އެކަށީގެންވާ ރަނގަޅު ފަރުވާއަކާއި ހައްލެއް ހޯދޭނީ މަޑުމަޑުން ރަނގަޅު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްގެންކަން ވިސްނައިދޭންވާނެއެވެ.

ޓެލެފޯން ކައުންސެލިންގ ދާއިރާއަށް ތަފުސީލުކޮށް ބަލައިލެވޭނީ، ގުޅާ މީހުން ކުރާ ސުވާލުތަކާއި އެ އަށް ކައުންސެލަރުން ދީފައި ހުންނަ ޖަވާބުތަކުންނެވެ. މި ފޮތުގެ އަސްލު އަމާޒަކީ ބެލެނިވެރިންނާއި މިފަދަމިފަދަ މީހުން ކަމަށްވާތީ އެ މީހުންގެ ފިކުރުތަކާ ގުޅޭ ސުވާލުތައް ހޮވާލައި، އަންނަނިވި ބާބުގައި ތަފުސީލުކޮށްލާނަމެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.