ފުޓްސަލް ދަނޑުގެ އާ ލައިޓްތައް އެމްޓީސީސީން މި ހަފުތާގައި އޭދަފުއްޓަށް ފޮނުވައިދެނީ

އޭދަފުށި ފުޓްސަލް ސްޓޭޑިއަމްގައި މެޗެއް ކުރިއަށްދަނީ
އޭދަފުށި ފުޓްސަލް ސްޓޭޑިއަމްގައި މެޗެއް ކުރިއަށްދަނީ

އޭދަފުށީ ފުޓްސަލު ދަނޑުގެ މިހާރު ޖަހާފައި ހުރި ލައިޓްތަކުގެ ބަދަލުގައި އަލަށް ގެންނަ ލައިޓްތައް މި ފެށޭ ހަފުތާ ތެރޭގައި އޭދަފުއްޓަށް ފޮނުވައިދޭނެ ކަމަށް ލައިޓްތައް ސަޕްލައިކޮށްދޭން ހަވާލުވި އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީގެ އޮފިޝަލަކު އީޓީ އަށް ވިދާޅުވީ އޭދަފުށީ ފުޓްސަލު ދަނޑުގެ އަލި ރަނގަޅު ކުރުމަށްޓަކައި ގެންނަން އެ ކުންފުނިން ހަވާލުވި ލައިޓް ސިސްޓަމް މިހާރު މާލެ އައިސްފައިވާ ކަމަށެވެ.

“އޭދަފުށީ ނާލް ބޯޓު ދެން އެންމެ އަވަހަށް ކުރާ ދަތުރުގައި އެ ލައިޓްތައް ތި ރަށަށް (އޭދަފުއްޓަށް) ފޮނުވައިދޭނަން. އިރާދު ކުރެއްވިއްޔާ މި ހަފުތާގައި ލައިޓްތައް ރަށާ ހަމައަށް ސަޕްލައިކޮށްދެވޭނެ،” އޮފިޝަލް ވިދާޅުވި އެވެ.

އޭދަފުށީ ފުޓްސަލް ދަނޑު ހުޅުވި އިރު އެ ދަނޑުގައި ޖަހާފައިހުރީ ޔޫތު މިނިސްޓްރީން ސްޕެސިފައިކޮށްފައި ހުރި ވައްތަރުގެ ލައިޓްތަކެއް ނޫންކަމުން އެ ލައިޓްތަކުން އެކަށީގެންވާ އަލި ނުލިބޭތީ ޒުވާނުންދަނީ ކެނޑިނޭޅި ޝަކުވާ ކުރަމުންނެވެ.

އޭދަފުށި ކައުންސިލުގެ ރައީސް އަލީ ވަހީދު ވިދާޅުވީ ލައިޓުތަކުގެ މައްސަލަ ފާހަގަވި ހިސާބުން ފެށިގެން ލައިޓް ސިސްޓަމު ބަދަލު ކުރުމަށް ޔޫތު މިނިސްޓްރީ މެދުވެރިކޮށް މަސައްކަތް ކުރަށް ފަށާފައިވާ ކަމަށެވެ.

“ލައިޓްތައް މައްސަލަ އެކަންޏެއް ނޫން. ދަނޑުގެ ގިނަ ކަންތައްތައް ހުރީ އެންމެ ފުރިހަމައަކަށް ނޫން. އެ ކަންތައްތައް ވާނީ ދަނޑު ހުޅިވި ދުވަހު މިނިސްޓަރުގެ ސަމާލުކަމަށްވެސް ގެނެސްފައި. އެހެންވެ ކައުންސިލުން އަދި ރަސްމީކޮށް ފުޓްސަލް ދަނޑާ ހަވާލެއް ވެސް ނުވަން،” އަލީ ވަހީދު ވިދާޅުވި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ ލައިޓްތައް ލިބުނުހާ އަވަހަކަށް ހަރުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.