މަސްތުވާތަކެއްޗާ ކުރިމަތިލުން: ބެލެނިވެރިންނަށް މަގެއް – 6 ވަނަ ބާބު

drug

ފަސްވަނަ ބާބު

ހަވަނަ ބާބު: ޓެލެފޯން ކައުންސެލިންގގައި ބެލެނިވެރިން އެންމެ ގިނައިން ކުރާ 10 ސުވާލު

ޓެލެފޯން ކައުންސެލިންގގައި ވަރަށް އާދައިގެ މައްސަލަތަކުން ފެށިގެން ބޮޑެތި މައްސަލަތައް ކައުންސެލަރުންނަށް ހުށަހަޅައެވެ. އެގޮތުން:

އެހެން މުއްސަސާއަކާ ގުޅޭ ނަންބަރެއް ހޯދުމަށް

މަސްތުވާތަކެތި ބޭނުން ކުރާ މީހުން އެ މީހުން އަމިއްލައަށް އެކަމާމެދު ކަންބޮޑުވެގެން

އެހެން މީހުން މަސްތުވާތަކެތި ބޭނުން ކުރާތީ އެކަމާ ބެލެނިވެރިންނާއި އެހެންމީހުން ފިކުރުބޮޑުވުމުން

އަމިއްލައަށް މަރުވުމުގެ ހިޔާލުތައް އައިސްގެން

މިއީ ޓެލެފޯނުން ކައުންސެލިންގ ދޭ ކައުންސެލަރުންނާ ކުރިމަތިވާ ސުވާލުތަކެވެ.

ޓެލެފޯން ކައުންސެލިން ދިނުން ފަދަ މަސައްކަތެއްގައި އެންމެ ފުރަތަމައިން ވެސް ކުރިމަތިލާން ޖެހޭ ގޮންޖެހުމަކީ ދެން އަންނާނެ ކޯލެއް އެއީ ކޮން ކަހަލަ ކޯލެއްކަން ނޭނގުމެވެ. އެއްވެސް ދެ ކޯލެއް އެއްގޮތެއް ނުވާނެއެވެ. ނަމަވެސް ބައެއް ކަންތައްތައް ވަރަށް އެއްގޮތެވެ. އެގޮތުން ގިނަ ކޯލްތަކަކީ ގާތްމީހެއް ނުވަތަ އެހެންވެސް ކޮންމެވެސް މީހަކު މަސްތުވާތަކެތި ބޭނުން ކުރާތީ އެކަމާ ބެލެނިވެރިން ނުވަތަ އެހެނިހެން ވެސް މީހުން ކަންބޮޑުވެގެން ހައްލެއް ހޯދަން ކުރާ ކޯލްތަކެވެ. އެހެންކަމުން ދެން މި ލިޔެލަނީ މި ކަހަލަ ކޯލްތަކަށް އަހަރެން ގިނަ ފަހަރު ދޭ ޖަވާބުތަކެވެ:

1 – “އަހަރެންގެ ފިރިހެންދަރިފުޅު/އަންހެންދަރިފުޅު މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވާލެވޭނީ ކިހިނެތް؟”

މި ކަހަލަ ދަނޑިވަޅެއްގައި އަންނަނިވި ސުވާލުތައް ކުރާށެވެ:

އެކުދިން މަސްތުވާތަކެތި ބޭނުން ކުރާ ކަމުގެ އެއްވެސް ހެއްކެއް ވޭ ހެއްޔެވެ؟

އެކުދިން ބޭނުން ކުރަނީ ކޮން ބާވަތެއްގެ މަސްތުވާއެއްޗެއްސެއް؟ އަދި އެތަކެތި ބޭނުން ކުރާތާ ކިހާ ދުވަހެއް ވެއްޖެ؟

މަސްތުވާތަކެތި ބޭނުން ކުރުމާމެދު ދަރިފުޅު އަމިއްލައަށް ދެކެނީ ކިހިނެތް؟

މި ފަހު ސުވާލަކީ ވަރަށް މުހިންމު ސުވާލެކެވެ. އެކުދިންގެ ހިޔާލު ހުރީ މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލާ ގޮތަށް ކަމަށް ވަނީ ނަމަ، ޓެލެފޯން ކައުންސެލަރެއްގެ މަސައްކަތް އެހިސާބުން ފަސޭހަވީއެވެ. ދެން، އެ ކުއްޖާއަށް ބޭނުންވެދާނެ ހުރިހާ ބާވަތެއްގެ ފަރުވާގެ މައުލޫމާތު ދީ، އެ ފަރުވާތައް ލިބެން ހުރި ތަންތަނާ ގުޅޭނެ ގޮތްތައް އޮޅުންފިލުވައި ދީ ނުވަތަ ނަންބަރުތައް ދެވިދާނެއެވެ.

ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލުމަށް ބޭނުންވާކަމުގެ އިޝާރާތެއް ނުލިބޭ ކުދިންނާ ހަމަ އެހާމެ ގިނައިން ދިމާވާނެއެވެ. މިސާލަކަށް އެކުދިން ދީފާނެ ބައެއް ޖަވާބުތަކަކީ:

“ކޮބާ މައްސަލައަކީ؟ ތިޔަ ކަންބޮޑުވަނީ ކަންބޮޑުވާން ނުޖެހޭ ކަމަކާ. އަހަރެން ހަމައެކަނި ބޯލަނީ ހަފުތާބަންދުގައި. އެހެންވީމާ ހާސްވާންޖެހޭވަރުގެ ކަމެއް އަދި ނުވޭ!”

ނޫނީ:

“ހުރިހާ އެންމެންވެސް އެކަން ކުރޭ.”

ނޫނީ:

“އާނހ، އަހަރެން މަސްތުވާތަކެތި ބޭނުން ކުރަން. އެކަމު އެއީ އަހަރެންގެ ދިރިއުޅުން. އެހެން މީހަކާ ބެހޭކަމެއް ނޫން. އަހަރެން އުޅޭނީ އަހަރެން ބޭނުން ގޮތަކަށް!”

ނޫނީ:

“އަހަރެން މިހާރު މަސްތުވާތަކެތި ބޭނުމެއް ނުކުރަން.”

މިއިން ކޮންމެ ދަނޑިވަޅެއްގައި ވެސް ބެލެނިވެރިންނަށް ދެވޭނެ ޖަވާބުތަކެއް ވެއެވެ.

މިސާލަކަށް، “ކޮބާ މައްސަލައަކީ؟ ތިޔަ ކަންބޮޑުވަނީ ކަންބޮޑުވާން ނުޖެހޭ ކަމަކާ. އަހަރެން ހަމައެކަނި ބޯލަނީ ހަފުތާބަންދުގައި. އެހެންވީމާ ހާސްވާންޖެހޭވަރުގެ ކަމެއް އަދި ނުވޭ!”، މިހެން ކުއްޖާ ބުނަނީ ނަމަ، އެކުއްޖާއަށް އަންނަނިވި ކަންތައްތައް ހަނދާންކޮށްދެވިދާނެއެވެ:

ކެނެބިސް، އެކްސްޓަސީ އަދި އެލް.އެސް.ޑީ ފަދަ މަސްތުވާތަކެއްޗަކީ އަދިވެސް ގާނޫނީ ގޮތުން މަނާ އެއްޗެހި ކަމަށް ވާތީ އެއާއެކު ދަރިފުޅު އަތުލައިގެންފި ނަމަ ގާނޫނީ ބަންދެއްގައި ބެދިދާނެކަން. އަދި މިކަމުގެ ސަބަބުން ކުރިމަގުގައި އަމިއްލަ ގައުމުގައި ވަޒީފާ ހޯދާއިރު ނުވަތަ ބޭރު ގައުމަކުން ވިސާ ހޯދާއިރު، މައްސަލަތަކަކާ ކުރިމަތިވާނެކަން.

ހަފުތާބަންދުގައި ހަމައެކަނި ބޭނުން ކުރުމަކީ އޭގެ ނުރައްކާ ވަކި ކުޑަވާ ކަމެއް ނޫންކަން. މިސާލަކަށް، ހަފުތާބަންދުގައި އެކްސްޓަސީ ނެގުމެކޭ، ހަފުތާ މެދުތެރެއިން ނެގުމެކޭ ތަފާތެއް ނެތްކަން.

ކެނެބިސް، އެކްސްޓަސީ އަދި އެލް.އެސް.ޑީ ބޭނުން ކުރާ މީހުންނަށް ސިއްހީ ގޮތުން ނުރައްކަލެއް ކުރިމަތި ނުވިޔަސް، އެކަމާމެދު ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހުރިކަން. ގެއްލުމެއް ނުލިބޭ ޑްރަގެއް އޭގެ ޒާތުގައި ނުވާކަމާއި އެއްފަހަރު ބޭނުން ކުރުމުން ވެސް ނުރައްކަލަށް ހުށަހެޅޭ ކަމާއި (މިސާލަކަށް ހެރޮއިން ނަގައިގެން އޯވަޑޯޒްވުން) އަދި ދިގު މުއްދަތެއްގައި ވެސް ކުރާ ނޭދެވޭ އަސަރުތައް ހުރިކަން (މިސާލަކަށް، ކެނެބިސް ދިގު މުއްދަތެއްގައި ބޭނުން ކުރުމުން ކަންތައްތައް ހަނދާންނެތުމާއި ކަންކަމަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވުން).

“ހުރިހާ އެންމެންވެސް އެކަން ކުރޭ.”

މިއީ ޒުވާނުން ވަރަށް އާއްމު ގޮތެއްގައި ދޭ ޖަވާބެކެވެ. ނަމަވެސް ހަގީގަތަކީ “ހުރިހާ” އެންމެންނަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހުންނެއް ނޫން ކަމެވެ. 2001 ގެ “ނެޝަނަލް ޑްރަގް ސްޓްރެޓެޖީ ހައުސްހޯލްޑް ސާރވޭ”އިން ދައްކާ ގޮތުގައި އާބާދީގެ ބޮޑެތި މީހުންގެ 37 ޕަސެންޓް މީހުން ކޮންމެވެސް އިރެއްގައި މަސްތުވާއެއްޗެއް ނުވަތަ ބާވަތްތަކެއް ބޭނުން ކުރިއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އޮސްޓްރޭލިޔާގެ އާބާދީގެ 60 ޕަސެންޓް މީހުންނަކީ އެމީހުންގެ އުމުރުގައި ވެސް ދުވަހެއްގައި ވެސް މަސްތުވާ އެއްޗެއްގައި އަތްލި ބައެއް ނޫނެވެ. ފަހަރުގައި މި ތަފާސްހިސާބު ދެއްކުމުން ދަރިފުޅު ހިތްހަމަ ނުޖެހިދާނެއެވެ. ސަބަބަކީ “ހުރިހާ މީހުން” ވެސް މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް އެމީހުންނަށް ހީވާ ނުވަތަ ގަބޫލު ކުރެވޭ އަމިއްލަ ސަބަބެއް އޮވެދާނެތީއެވެ. ނަމަވެސް މިފަދަ ދަނޑިވަޅުގައި އެކުދިންނަށް ވިސްނައިދޭންވީ، ބަޔަކު ކުރާހާ ކަމެއް ކުރުމަކީ އަދި ބުއްދިވެރި ގޮތެއް ނޫން ކަމެވެ. އަދި ބައެއްގައި މަސްތުވާތަކެތި ބޭނުން ކުރުމުގެ ތަނަވަސްކަން ހުއްޓަސް، ތިޔަ ފަރާތުގެ އާއިލާއަކީ އެފަދަ ކަމަކަށް ތަންދޭހާ ތަނަވަސްކަމެއް ނެތް އާއިލާއެއްކަން ވިސްނައިދިނުމެވެ. އަދި ދަރިން ބޮޑުވެގެން އެކުދިންގެ ދިރިއުޅުމުގެ ކަންތައްތައް އަމިއްލައަށް ނިންމުމުގެ އިހުތިޔާރު އެކުދިންނަށް އޮތް ނަމަވެސް، ކޮންމެ ކަމެއް ވެސް އެކުދިންވެސް ނިންމަންވާނީ ކަމުގެ ދެކޮޅު ބަލާ، ހުރިހާ މައުލޫމާތެއް ހޯދާ، އަދި އެކުދިންގެ ކޮންމެ ނިންމުމެއް ވެސް ވާންވާނީ އެކުއްޖާއަށް ހަގީގަތުގައި ފައިދާ ހުރި ގޮތަކަށް ނިމޭ ނިންމުމަކަށް ކަމަށެވެ.

“އާނހ، އަހަރެން މަސްތުވާތަކެތި ބޭނުން ކުރަން. އެކަމު އެއީ އަހަރެންގެ ދިރިއުޅުން. އެހެން މީހަކާ ބެހޭކަމެއް ނޫން. އަހަރެން އުޅޭނީ އަހަރެން ބޭނުން ގޮތަކަށް!”

މިހެން ބުނާނީ ވަރަށް ބޯހަރު ކުދިންނެވެ. މިއީ ދިމާލަށް ކުރިމަތީގައި ބުނެލުމެވެ. އެއްވެސް ކަމަކާ ދެކޮޅުހެދުމެއް ނެތެވެ. ދޮގެއް ނުހަދައެވެ. އޮޅުވާލާކަށް ނޫޅެއެވެ. ބިތުފަންގެއް ބާއްވާކަށް ވެސް ބޭނުމެއް ނުވެއެވެ. އެހެންކަމުން މިފަދަ ކުއްޖަކަށް ބުނާނީ ކީކޭ ހެއްޔެވެ؟ ބުނެވިދާނެ ބައެއް ޖަވާބުތައް އެބަހުއްޓެވެ. ދެވިދާނެ ބައެއް “ޒުވާބުތައް” އެބަހުއްޓެވެ. “އަހަރެންގެ ހަޔާތް އެއީ އަހަރެންގެ އަމިއްލަ އެއްޗެކޭ” އެކުދިން ބުންޏަސް ހަގީގަތުގައި އެކުއްޖާގެ ހަޔާތަކީ އަދި އެކުއްޖާގެ އަމިއްލަ އެއްޗެއް ނޫންކަން ވިސްނައިދޭށެވެ. ޅެންވެރިއެއް ކަމަށްވާ ޖޯން ޑަން ބުނެފައިވެއެވެ: “އެއްވެސް މީހަކީ އެކަހެރި ޖަޒީރާއެއް ނޫނެވެ”. މާނައަކީ، އެއްވެސް މީހަކީ އޭނާގެ ޒާތުގައި އެކަނި އެކަހެރިކޮށް ދިރިއުޅެވޭނެ މީހެއް ނޫނެވެ. އަހަރެމެންގެ ބެލެނިވެރިންނާއި ދަރިންނާއި އެއްކޮށް ގުޅުން ކަނޑާލާހިތްވާ ފަހަރު ވެސް އަންނާނެއެވެ. ނަމަވެސް އެއީ ހަގީގަތުގައި ކުރެވޭނެ ކަމެއް ނޫނެވެ. ތިމާގެ ދަރިފުޅު ދިރިއުޅޭ ގޮތުން ތިމާގެ ހަޔާތަށް އަސަރު ނުކޮށެއް ނުދާނެއެވެ. އުމުރުން 18 އަހަރު ވުމުން ކޮންމެ މީހަކު ވެސް ވަކި ދިރިއުޅުމެއް ފަށަން ބޭނުންވެއެވެ. ނަމަވެސް ހަގީގަތަކީ އެހެން ސްޓޭޓެއްގައި ނުވަތަ ތަނެއްގައި އޭނާ ދިރިއުޅުން ބައްޓަން ކުރި ނަމަވެސް އޭނާގެ ދިރިއުޅުން ތިމާގެ ހަޔާތަށް ވެސް ކޮންމެވެސް ގޮތަކުން އަސަރު ކުރާނެ ކަމެވެ. އެހެންކަމުން އެންމެ ފުރަތަމައިން ވެސް ދަރިފުޅަށް ވިސްނައިދޭންވީ، ބަޔަކު މަސްތުވާތަކެތި ބޭނުން ކުރި ނަމަވެސް، ތިމާގެ ދަރިފުޅަށް ނުވަތަ ތިމާގެ އާއިލާގައި އެވަރުގެ ތަނަވަސްކަމެއް ނެތް ކަމަށާއި އެހެންކަމުން ދަރިފުޅު މައިންބަފައިންނާ ދުރުގައި އެހެން ސަހަރެއްގައި އުޅުނު ނަމަވެސް، އޭނާ މަސްތުވާތަކެތި ބޭނުން ކުރާ ނަމަ، އޭނާގެ އިތުރުން މުޅި އާއިލާއަށް ވެސް އޭގެ އަސަރު ކުރާނެ ކަމެވެ.

ދެވަނަ ކަމަކަށް ވިސްނައިދޭންވީ އަހަރެމެން މަސްތުވާތަކެއްޗާ މެދު ކޮންމެ ގޮތަކަށް ދެކޭ ކަމަށް ވިޔަސް، އެއީ މުޖުތަމައުން އަދިވެސް މަނާކޮށްފައިވާ ކަމެއް ކަމަށާއި އެހެންކަމުން “ބަސްޓުވެއްޖެ ނަމަ” ނުވަތަ “ކޯޓުވެއްޖެ ނަމަ” ނުވަތަ “އަތުލައިގެންފި ނަމަ” ދަރިފުޅަށް ގާނޫނީ އުގޫބާތެއް ނުވަތަ ބަންދެއް އަންނާނެ ކަމެވެ. ކުރިން ބުނި ފަދައިން މިކަހަލަ ކަމެއް ކުރިމަތިވެއްޖެ ނަމަ އެއް ރަށުން އަނެއް ރަށަށް ނުވަތަ އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ހުރަސްތަކެއް ކުރިމަތިވެ، އަދި ވަޒީފާ ހޯދުމަށް ވެސް އިތުރު ހުރަސްތަކަކާ ކުރިމަތިވާނެއެވެ.

ކުއްޖާ ގާތުގައި ފާހަގަ ކުރަން ޖެހޭ ކަމަކީ ފުލުހުންގެ އަތްދަށު ނުވި ނަމަވެސް މަސްތުވާތަކެތި ބޭނުން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމެވެ. ސަބަބަކީ އެއްވެސް މަސްތުވާއެއްޗަކީ އޭގެ ޒާތުގައި އެއްވެސް ގެއްލުމެއް ނެތް އެއްޗެއް ނޫނެވެ. އެހެންކަމުން ދަރިފުޅު އެ އަމަލު ކުރިއަށްގެންދިޔަ ނަމަވެސް އެކަމާ ނުރުހުމުގެ ހައްގު މައިންބަފައިންނަށާއި ބެލެނިވެރިންނަށް ލިބިގެންވާ ކަމާއި އެހެންކަމުން ކުއްޖާ އެގޮތަށް ދިރިއުޅުން ކުރިއަށް ގެންދާ ނަމަ، ދިރިއުޅުމުގައި މަސްތުވާތަކެއްޗާ ގުޅޭ ހުރިހާ ކަމަކާއި އަދި އެކަމުގެ ސަބަބުން ނުކުންނަ މަސްތުވާތަކެއްޗާ ގުޅޭ އިތުރު މައްސަލަތަކާއި އަމަލުތަކާއި ހާދިސާތަކާ ނުރުހުމުގެ ހައްގު ވެސް ބެލެނިވެރިންނަށް ލިބިގެންވާ ކަމެވެ.

މިކަމުގައި އަދި އިތުރަށް ފާހަގަ ކޮށްލަން ޖެހޭ ކަންތައްތަކެއް ވެއެވެ. އެގޮތުން ކުއްޖަކު އެހެން ސީދާކޮށް ބުނާ ނަމަ، އެއީ ގާނޫނީ ގޮތުން މަނާ ކަމަކަށް އޭނާ ސީދާކޮށް އެއްބަސްވަނީއެވެ. އެހެންކަމުން ފުލުހުންނަށް ރިޕޯޓް ކުރުމުގެ ހައްގު މައިންބަފައިންނަށާއި ބެލެނިވެރިންނަށް ވެއެވެ. ނަމަވެސް މި މޭރުމުން އަމަލު ކުރުމާ ބެހޭ ގޮތުން އަދި ފަހުގެ ބާބެއްގައި ވަކިން ތަފުސީލު ހިމަނާލާނަމެވެ.

މި ގޮތަށް ކުއްޖާ ބުނާއިރު ނޫނީ އުޅޭއިރު އޭނާ އަދިވެސް ދިރިއުޅެނީ މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ގޭގައި ކަމަށް ވެދާނެއެވެ. މިހެންވެ ބެލެނިވެރިންނަށް އެޅުމުގެ ހައްގު ފިޔަވަޅުތަކެއް އެބަހުއްޓެވެ. މިސާލަކަށް، ކުއްޖާއަށް 18 އަހަރު ވެފައިވާ ނަމަ، އެ ގޭގައި ދެން އިތުރަށް ނޫޅެވޭނެ ކަމަށާއި މަސްތުވާތަކެތި ބޭނުން ކުރާ ނަމަ، އެހެން ތަނަކަށް ދިރިއުޅުން ބަދަލު ކުރަން މަޖުބޫރު ކުރެވިދާނެއެވެ. ނަމަވެސް މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމުގެ ކުރިން ރަނގަޅަށް ވިސްނުންތެރިކަމާއެކު ވިސްނާލަން ޖެހެއެވެ. އަހަރެން ގަބޫލު ކުރާ ގޮތުގައި އާއިލާއެއް ނުރޫޅި އެކަތިގަނޑަކަށް ބޭއްވުމަކީ ކޮންމެ ފަދަ ހާލަތެއްގައި، ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް، އެންމެ މުހިންމު ކަންތަކެވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ ދަރިއަކު ގެއިން ނުކުތުމަށް އެންގުމަކީ އެންމެ ފަހު ފިޔަވަޅު ކަމަށް ވާންވާނެއެވެ. އަދި މިފަދަ ހަރުކަށި ފިޔަވަޅެއް އަޅަން އެކަށީގެންވަނީ މިފަދަ ކުއްޖެއްގެ ސަބަބުން ގޭތެރެއިން އެއްޗެހި ގެއްލި ނުވަތަ ވަގަށް ނަގައި، ނޫނީ އާއިލާގެ އެހެން މީހުންނަށް ޖިސްމާނީ ގެއްލުން ދޭން މާރާމާރީ ހިންގާ، މިފަދަ ގޮތަކަށް އަމަލުތައް ހުރި ނަމައެވެ. އަދި މިފަދަ ފިޔަވަޅެއް އެޅުމުގެ ކުރިން ވިސްނަން ޖެހޭ މުހިންމު ކަމަކީ މިކަމުގެ ސަބަބުން ކުއްޖާއަށް އަދި އާއިލާއަށް އިތުރު ނަފުސާނީ މައްސަލަތަކަކާ ކުރިމަތިވެދާނެތޯއެވެ. އެގޮތުން ކުއްޖާ ގެއިން ނެރެލުމަކީ އޭނާގެ ނަފުސާނީ ބަލިތައް ބޮޑުވެ، މަސްތުވާތަކެތި ބޭނުންކުރުން އިތުރުވެގެން ހިނގައިދާނެ ކަމެކެވެ.

މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ކުރެވޭނެ ކަމަކީ ގޭތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުން މަނާ ކުރުމެވެ. ސަބަބަކީ މިތާނގައި އަހަރެމެން މިދައްކަނީ ގާނޫނީ ގޮތުން މަނާ ކަންތައްތަކެއްގެ ވާހަކައެވެ. އެހެންކަމުން ކުއްޖާ ޝަރުއީ ބަންދެއްގައި ތާށިވާއިރު، މިފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ގޭތެރޭގައި ކުރިއަށް ގެންގޮސްފައިވާ ނަމަ، ޝަރީއަތުގެ ވަކި މަރުހަލާއެއްގައި އެކަމުގެ ޒިންމާ ގޭގެ ވެރިފަރާތަށް ނުވަތަ ބެލެނިވެރިންނަށް ނައިސް ނުދާނެއެވެ. އަދި ގޭތެރޭގައި މަސްތުވާތަކެތި ބޭނުން ކުރުން މަނާ ކުރުމުން، އަމިއްލަ ބާރު ގޮސްފައިވާ މިފަދަ ދަނޑިވަޅެއްގައި، ވަކި ވަރެއްގެ ކޮންޓްރޯލެއް ގޭތެރެއަށް ގެނެވިއްޖެކަމުގެ ހިތްހަމަޖެހުން، ކޮންމެވެސް ވަރަކަށް ބެލެނިވެރިންނަށް ލިބޭނެއެވެ.

މިހާހިސާބުން މައިންބަފައިންނަށާއި ބެލެނިވެރިންނަށް ކުޑަ ނަސޭހަތުގެ ބަސްކޮޅެއް އިއްވާލާނަމެވެ: ކައުންސެލިން ދާއިރާގައި އުޅުނު ދުވަސްވަރު އަހަރެންނަށް ވަނީ ވަރަށް ގިނަ ޒުވާން އުމުރުގެ މަސްތުވާތަކެތި ބޭނުން ކުރާ ކުދިންނާ ދިމާވެފައެވެ. އެމީހުންގެ ވާހަކަތަކުން އެނގުނު ގޮތުގައި އެމީހުން މަސްތުވާތަކެތި ބޭނުންކުރާތީ މައިންބަފައިން ދެރަވާކަމާއި އެމީހުންނަށް އަސަރު ކުރާކަން އެކުދިންނަށް ރަނގަޅަށް އެނގެއެވެ. ފަހުމްވެއެވެ. އަދި އެކުދިން އެކަމާ ދެރަވެސް ވެއެވެ. ނަމަވެސް މައިންބަފައިންގެ އިހުސާސްތައް އެކުދިންނަށް އެނގޭކަން އެކުދިން އަމިއްލައަށް ބުނަން ޖެހިލުންވަނީއެވެ. އެކުދިންނަށް އެކުރެވޭ ގޯސްކަންތަކުގައި އެކުދިންނަށް ދެމިހުރެވޭތީ، އެކަމާ ލަދުން ނުވަތަ ދެރަވެގެން ނުވަތަ “ގިލްޓީ” ނުވަތަ “ކުށްވެރިވެފައިވާކަން” އިހުސާސް ކުރެވޭތީ ކަމަށް ވެސް ވެދާނެއެވެ. މިހެންވެ، ތިމާގެ ފިރިހެން ނުވަތަ އަންހެން ދަރިފުޅު މަސްތުވާތަކެތި ބޭނުން ކުރާ ނަމަ، ތިމާ އެކަމާ ވަރަށް ދެރަވާކަމަށާއި އެކަމާ އަސަރުކުރާކަން، ދަރިންނަށް ކިޔައިދީ، ވިސްނައިދެވޭތޯ މަސައްކަތްކުރުން ވަރަށް މުހިންމެވެ.

“އަހަރެން މިހާރު މަސްތުވާތަކެތި ބޭނުމެއް ނުކުރަން.”

މިއީ ތެދަކަށް ވެދާނެއެވެ. މަސްތުވާތަކެއްޗަށްވުރެ މާކުރިން “ޓީނޭޖް ބިހޭވިއަރ” ނުވަތަ ފުރާއުމުރުގެ ހަލަބޮލިކަން ފެންނަން ފަށައެވެ. ޒުވާނުންގެ މިފަދަ އިދިކީލި ހަރަކާތްތަކަކީ ބޮޑެތި މީހުންނަށް ކަމުދާ ހަރަކާތްތަކަކަށް ނުވާނެއެވެ. ނަމަވެސް މީގެ މާނައަކީ އޭނާ މަސްތުވާތަކެތި ބޭނުން ކުރާ ވާހަކައެއް ނޫނެވެ. އެހެންކަމުން ތިމާ ނުރުހޭ ގޮތަކަށް ޒުވާނެއްގެ އަމަލުތައް ހުއްޓަސް އޭގެ މާނައަކީ ކޮންމެ ޒުވާނަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ނޫން ކަމެވެ.

“އަހަރެން ވަރަށް ކަންބޮޑުވޭ ކަލޭ މަސްތުވާތަކެތި ބޭނުން ކުރާތީ.”

“އަހަރެން މަސްތުވާތަކެއްޗެއް ބޭނުމެއް ނުކުރަން.”

މަތީގައި އެވާ މުއާމަލާތަކީ މާކަބޮޑަށް ކުރިއަށް ގެންދެވޭނެ މުއާމަލާތެއް ނޫނެވެ. މިފަދަ ހާލަތްތަކުގައި އެދެވިގެންވަނީ މަސްތުވާތަކެތި އޭނާ ބޭނުން ކުރާކަމުގެ ހެއްކެއް ނެތް ނަމަ، އެކަން އެހަށް އެއްފަރާތްކޮށްފައި، އޭނާގައި ހުންނަ ނޭދެވޭ އަމަލުތަކަށް ފޯކަސް ކުރުމެވެ. މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށް ކުއްޖާ ބުންޏަސް، އެހެން ނޭދެވޭ އަމަލުތައް އޭނާ ކޮށްފާނެއެވެ. މިސާލަކަށް، ތިމާގެ މޫނުމައްޗަށް ދޮރުޖެހުން ނުވަތަ ހުތުރު އެއްޗެހި ކިއުމެވެ. މިފަދަ ކަންތައްތަކާމެދު ސުވާލު ކުރުމުން އެކުދިން އެކަންތައް ކުރީ ކީއްވެކަން އޮޅުންފިލުވައިދޭން އުޅެފާނެއެވެ. ނޫނީ އެއީ އެކުދިންނަށް ކުރެވުނު ކުށެއް ކަމަށް ބުނެފާނެއެވެ. އެހެންކަމުން ހަނދާން ބަހައްޓަންވީ، މައްސަލައިގެ ކުރީކޮޅު ވަރަށް ވިސްނުންތެރިކަމާއެކު ކުއްޖާގެ އެކި އަމަލުތަކާމެދު ސުވާލު ކުރުމަށެވެ. މިގޮތުގެ މަތިން، މަސްތުވާތަކެތި ބޭނުންކުރުމުގެ ހެއްކެއް ފެންނަންދެން، ދަރިފުޅުގެ އެހެނިހެން އަމަލުތައް ސީދާ ކުރުމަށް ބާރުއަޅައި، ކާމިޔާބުކަމާއެކު މަސައްކަތް ކުރެވިދާނެއެވެ.

އެހެން މީހެއްގެ ކަތި އަމަލުތަކާމެދު ފާޑުކިޔާ ނަމަ، އޭނާގެ ރަނގަޅު ސިފަތައް ދެނެގަނެ، އެކަން ފާހަގަކޮށް ވާހަކަ ދައްކައި ތައުރީފު ކުރުމަކީ ވެސް އެހާމެ މުހިންމު ކަމެއްކަން ހަނދާން ބަހައްޓާށެވެ. މިއީ ނުކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ ކިތައްމެ “ނުބައި މީހެއް”ގެ ގޮތުގައި ބެލެވޭ މީހާގެ ވެސް ކޮންމެވެސް ރަނގަޅު ސިފަތަކެއް ހުންނާނެއެވެ. ކުއްޖާގައި ހުރި ނެގަޓިވް ނުރަނގަޅު ސިފަތައް ބަޔާންކޮށް، އެކަންތައްތަކާ މަޝްވަރާކޮށް ނިންމުމަށް ފަހު، އަހަރެން ދެން ބެލެނިވެރިން ގާތުގައި ބުނަނީ އެކުދިންގެ ރަނގަޅު ނުވަތަ ޕޮޒިޓިވް ސިފަތަކުގެ ލިސްޓެއް ހަދާށެވެ:

“ދަރިފުޅުގެ ރަނގަޅު ކަމަށް ފާހަގަ ކުރެވޭ ކަންތައްތަކަކީ ކޮބާ؟”

ހަމަ މިހެން އަހާލާއިރަށް، ބެލެނިވެރިންގެ މޫޑު ބަދަލުވެއެވެ. އަދި މިހާހިސާބުން މައިންބަފައިންނާއެކު އަހަރެން ކުރަމުން އައި މަޝްވަރާތަކުގެ މޫޑު ވެސް ބަދަލުވެގެންދާކަން އިހުސާސް ކުރެވެއެވެ. ސަބަބަކީ ދަރިން ކޮންމެ ގޮތަކަށް އުޅުނު ނަމަވެސް އެކުދިންގެ ރަނގަޅު ސިފަތައް ބެލެނިވެރިންނަށް ވަރަށް މުހިންމެވެ. އަދި ހަނދާނުގައި ވެސް ވަރުގަދައަށް ހުންނަނީ ދަރިންގެ ރަނގަޅު ސިފަތަކެވެ. މިހާހިސާބުން ދަރިފުޅުގެ ރަނގަޅު ސިފަތައް ވަރަށް ޝައުގުވެރިކަމާއެކު ބެލެނިވެރިން ކިޔައިދޭން ފަށައެވެ. އެހެންކަމުން ދަރިފުޅުގެ “ނުބައި” ސިފަތައް ފާހަގަ ކުރާއިރު، ރަނގަޅު ސިފަތައް ފާހަގަކޮށް ތައުރީފު ވެސް ކުރާށެވެ. އިންސާނީ ތަބީއަތު ހުންނަ ގޮތުން ހަމައެކަނި އަހަރެމެންނަށް ފާޑުކިޔާ މީހުން ދެކެ އަހަރެމެންނަށް ނުރުހެވެއެވެ. ސަބަބަކީ އޭނާ ވަކި ފަރާތަކަށް ޖެހިފައިވާތީ ކަމަށް ފެންނާތީއެވެ. އެއާ ހިލާފަށް، އަހަރެމެންގެ ނުރަނގަޅު ކަންތައްތަކާއި އަދި ރަނގަޅު ކަންތައްތައް ވެސް ފާހަގަ ކުރާ މީހެއް ނަމަ، އޭނާގެ ވާހަކަ އަޑުއެހުމަށް އަހަރެމެން ޝައުގުވެރިވެއެވެ. ސަބަބަކީ އޭނާއަކީ ޒާތީ ކަމެއް ނެތް، “އޮބްޖެކްޓިވް” މީހެއްގެ ގޮތުގައި އަހަރެމެންނަށް ގަބޫލު ކުރެވޭތީއެވެ. ކުދިންގެ ވިސްނުން ވެސް މަސައްކަތް ކުރަނީ ހަމަ އަހަރެމެން ބޮޑެތި މީހުންގެ ފަދައިންނެވެ: އަހަރެމެންނަށް ހަމައެކަނި ފާޑުކިޔާ މީހެއްގެ އަޑުއެހުމަށް ވުރެ، އަހަރެމެންގައި ހުރި ދެ ބާވަތުގެ ސިފަތައް ވެސް އެކުއެކީގައިހެން ކިޔައިދޭ މީހެއްގެ ބަސް އަހައި، އެއާމެދު ވިސްނައި، އަހަރެމެންގެ އަމަލުތައް ސީދާ ކުރަން ހަގީގަތުގައި މާބޮޑަށް ހިތްވަރު ލިބޭނެއެވެ.

2 – އަހަރެންގެ ދަރިފުޅު ބުނަނީ ކެނެބިސް އަކީ ގުދުރަތީ ގޮތުން އުފެދިފައިވާ ގަހެއް ކަމަށާއި އަދި މިހެންވެ އެއީ އެއްވެސް ނުރައްކަލެއް ނެތް އެއްޗެއް ކަމަށް. އޭނާ އެ ބުނީ ތެދެއްތަ؟

ކެނެބިސް އަކީ ގުދުރަތީ ގޮތުން އުފެދިފައިވާ ގަހެއް ކަމީ ހަގީގަތެކެވެ. މިޔަރަކީ ވެސް ގުދުރަތީ އެއްޗެކެވެ. އަދި ރެޑްބެކް ފައިދިގުމަކުނަކީ ވެސް ގުދުރަތީ އެއްޗެކެވެ. އަދި ހަމަ އެފަދައިން އޮލިއެންޑަރ ނުވަތަ ކަނީރު ގަހަކީ ވެސް ގުދުރަތީ އެއްޗެކެވެ. އެހެންކަމުން ގުދުރަތީ އެއްޗަކަށް ވުމަކުން އަދި އެއީ ރައްކާތެރި އެއްޗެއް ކަމަށް ބުނެވޭކަށް ނެތެވެ. ކެނެބިސް ބޯ މީހަކު އޯވަޑޯޒްވެގެން މަރުވުމުގެ ފުރުސަތު ނެތަސް، ކެނެބިސް ބޭނުން ކުރުމާމެދު ކަންބޮޑުވާންޖެހޭ ކަންތައްތަކެއް ވެއެވެ. މި ފޮތުގެ އެންމެ ފަހު ބާބު ނުވަތަ ނުވަ ވަނަ ބާބުގައި އަލިއަޅުވާލާފައިވާ ފަދައިން، އާއިލާ ތެރޭގައި ނަފުސާނީ ބަލި ހުރުމަކީ އެ ބޭނުން ކުރާ މީހަކަށް އޭގެ ސަބަބުން އިތުރު މައްސަލަތަކަކާ ކުރިމަތިވެދާނެ ކަމެކެވެ. ނިކޮޓިން ނުވަތަ ދުންފަތް ބޭނުން ކުރާ މީހުން ފަދައިން ކެނެބިސް ބޭނުން ކުރާ މީހާއަށް ވެސް ނޭވާލުމުގެ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމަކީ ވަރަށް ކައިރި ކަމެކެވެ. އަދި ދުންފަތް ފަދައިން ކެނެބިސް އަކީ ވެސް އެއަށް ދެވިހިފުމުގެ ފުރުސަތު ދުރު ނޫން އެއްޗެކެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި ކެނެބިސް ނަގައިގެން ހުންނައިރު ކަންކަން ކުރުމުގެ މާބޮޑު ހިތްވަރެއް، ބޭނުމެއް، ނުވަތަ ޝައުގުވެރިކަމެއް، ނުހުރެއެވެ. ނަމަވެސް ގިނަ މީހުންނަށް އެމީހުންގެ ދަރިންގެ ކިބައިން މިކަން ފެންނަ ކަމަށް ބުންޏަސް، މިކަހަލަ ކަމެއް އިންސާނާއަށް ކެނެބިސް އިން ކުރިމަތިވާކަމެއް ސައިންސުގެ ދިރާސާއަކުން ހޯދިފައެއް ނެތެވެ.

ނަސީބަކުން ކެނެބިސް ބޭނުން ކުރުމަކުން މީހާ “ދުނިޔެއިން މޮޔަވެފައި”ވާ ކަމުގެ ނުވަތަ “ސައިކޮޓިކް” އަސަރެއް ގިނަ މީހުންނަކަށް ނުކުރެއެވެ. ނަމަވެސް ކެނެބިސް ބޭނުން ކުރުމުން މިފަދަ އަސަރުތައް ކޮށްގެން ނަފުސާނީ ހޮސްޕިޓަލްތަކުގައި ދުވަސްތައް ހޭދަކުރަމުންދާ މީހުން ކޮންމެވެސް ވަރަކަށް އުޅެއެވެ. އެހެނަސް މިކަން މެދުވެރިވަނީ ނިސްބަތުން ވަރަށް މަދު މީހަކަށް ކަމަށްވާތީ މި މައްސަލަ ދަރިފުޅު ގާތުގައި ނެގުމަކީ ބުއްދިވެރި ކަމެއް ކަމަކަށް ނުފެނެއެވެ. “ކެނެބިސް ބޭނުން ކުރުމުން މީހާ މޮޔަވާނޭ” ދަރިފުޅު ގާތުގައި ބުނާ ނަމަ، މޮޔައަކީ ތިމާކަމަށް އޭނާ ނިންމާނެއެވެ. ސަބަބަކީ ކެނެބިސް ބޭނުން ކުރާ އެތައް ރައްޓެހިންނެއް އެކުދިންގެ ތިބެދާނެއެވެ. އަދި މިއިން އެއްވެސް މީހަކަށް އެފަދަ ނޭދެވޭ އަސަރެއް ނުކޮށް ހުރެދާނެއެވެ. ނަމަވެސް ކެނެބިސް ބޭނުން ކުރާ މީހުންގެ ތެރެއިން މަދު މީހަކަށް ނަމަވެސް ސައިކޮޓިކް ވުމުގެ ނުވަތަ ދުނިޔެއިން މޮޔަވުމުގެ ފުރުސަތު އޮތުމުން އެކަން އެއީ މުޅިން ކަނުލޮލެއް ދެވޭނެ ކަމެއް ނޫނެވެ. އެހެންކަމުން އެންމެ ރަނގަޅު ވާނީ ދަރިން ގާތުގައި މިފަދަ ގޮތަކަށް ވިސްނައިދީގެންނެވެ: ކެނެބިސް ބޭނުން ކުރާ މީހުންގެ ތެރެއިން ނިސްބަތުން ވަރަށް މަދު މީހުން ނަމަވެސް ދުނިޔެއިން މޮޔަވާ ކަމަށާއި މިކަން ކުރިމަތިވާ މަދު ބަޔަކަށް މިކަން ކުރިމަތިވެއްޖެ ނަމަ، އެއީ އެމީހުންގެ ހަޔާތުގައި ހިތާމައިގެ ކޮޅެއް ނެތް ކަމެއް ކަމަށް، ދަރިންނަށް ވިސްނައިދީގެންނެވެ.

ކެނެބިސް ބޭނުން ކުރުމުން، ދުންފަތެކޭ އެއްފަދައިން، އެންމެ ގާތީ ނޭވާލުމުގެ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވުމެވެ. އެގޮތުން ބްރޮންކައިޓިސް ނުވަތަ މޭގައި އަރިދަފުސް ހިފުމާއި ކެންސަރު ފަދަ ބަލިތަކަށް ވާރުތަކުރުމުގެ ފުރުސަތު، އެ ބޭނުން ކުރާ މީހާއަށް އޮވެއެވެ. އަދި ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކެނެބިސް ބޭނުން ކުރުން އާދައަކަށް ހަދައިފި ނަމަ، ކަންކަމަށް ސިކުނޑި އަމާޒުކޮށް ފޯކަސް ކުރުމުގައި ދަތިތަކެއް ކުރިމަތިވުމާއި ހަނދާންނެތުން ނުވަތަ ހަނދާންބަލިވުމާއި އަދި ކަންތައްތައް ދަސްކުރުމާއި ނަގައިގަތުމުގައި ހުރަސްތަކެއް ކުރިމަތިވެއެވެ. ކެނެބިސްއިން ކޮންމެކޮންމެ މީހަކަށް މި އަސަރުތައް ކުރިމަތި ނުވި ނަމަވެސް، އެ ބޭނުންކުރުމުގެ ސަބަބުން ބައެއް މީހުންގެ ވަޒީފާ އަދާކުރުމުގެ ގާބިލު ކަމަށާއި އަދި ސްކޫލްގައި ކިޔެވުމުގެ ދުވެއްޔަށް ހީނަރުކަމެއް އާދެއެވެ. މިހެންވެ ކެނެބިސް ބޭނުންކުރުމުގައި ދުވަސްތައް ހޭދަ ވީވީހެން މިކަމުގެ ސަބަބުން އާއްމު ހަޔާތަށާއި ދިރިއުޅުމަށް ހުރަސްތަކެއް ކުރިމަތިވެއެވެ. ކެނެބިސްއިން ކުރާ އިތުރު ނޭދެވޭ އަސަރުތަކުގެ ލިސްޓެއް 9 ވަނަ ބާބުގައި ހިމަނާފައިވާނެއެވެ.

ކެނެބިސްއަކީ ގުދުރަތީ އެއްޗަކަށް ވެދާނެއެވެ. ނަމަވެސް އެއީ ގެއްލުމެއް ނެތް އެއްޗެއް ނޫނެވެ.

3 – އަހަރެންގެ ދަރިފުޅުގެ ޑައިރީ ކިޔައިފިން. އަދި އޭގައި އޭނާ ބުނަނީ އޭނާ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް. އޭނާގެ ޑައިރީ އަހަރެން ކިއިކަމަށް ނުހަދާ، އޭނާ މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލުމަށް އެދުމަށް އޭނާއާ ވާހަކަ ދައްކާނީ ކިހިނެތް؟

މިތާނގައި އެންމެ ބޮޑު މައްސަލައަކީ އިތުބާރުގެ މައްސަލައެކެވެ. ދަރިފުޅުގެ ޑައިރީ މައިންބަފައިން ކިޔާނެ ކަމަށް ދުވަހަކު ވެސް އެކުދިން ހިއެއް ނުކުރާނެއެވެ. ޑައިރީއަކީ ކޮންމެ މީހެއްގެ ވެސް ވަރަށް ޒާތީ ‘ޕަރސަނަލް’ އެއްޗަކަށްވާތީއެވެ. އެހެންކަމުން ބެލެނިވެރިއެއްގެ ގޮތުން ތިމާއަށް ތިޔަވަނީ ދަރިފުޅުގެ އިތުބާރު ގެއްލޭނެ ކަމެއް ކޮށްފައެވެ. އެ ޑައިރީ ކިޔުމަށް ކިތައްމެ ރަނގަޅު ހުއްޖަތެއް އުޒުރެއް ސަބަބެއް ތިމާއަށް ދެއްކިދާނެއެވެ. ދަރިފުޅުގެ އަމަލުތަކުގައި ނުކިއްސަރު ގޮތެއް ހުއްޓަސް އަދި އޭގެ ސަބަބުން ތިމާގެ ސިކުނޑިއަށް އުނދަގޫ ކުރި ނަމަވެސް، ދަރިންނާމެދު ކަންތައް ކުރާއިރު ވެސް، ހުޅުވާލެވިފައިވާ ދެފުށްފެންނަ އަދި އިތުބާރު ކުރެވޭ ގޮތެއްގައި ދަރިންނާ މުއާމަލާތް ކުރެވިދާނެ ނޫން ހެއްޔެވެ؟ ސަބަބަކީ މައިންބަފައިން ވެސް ބޭނުންވަނީ ދަރިންގެ ބަހާއި އަމަލު އެގޮތަށް ސީދާކޮށް ތެދުވެރިކޮށް ބެހެއްޓުމަށް ނޫން ހެއްޔެވެ؟ ދަރިފުޅުގެ ޑައިރީ ކިޔާފައި އޭގެން އެނގުނު މައުލޫމާތު ދަރިފުޅަށް ކިޔައި ނުދޭ ނަމަ، ދެން އެ ޑައިރީން އެ ލިބުނު ދަރިފުޅާ ބެހޭ “އާ މައުލޫމާތާ”މެދު ތިމާ ކަންތައް ކުރާނީ ވަކި ކިހިނެތް ހެއްޔެވެ؟ މިސާލަކަށް އަންނަނިވި ކަހަލަ އެއްޗެއް ބުނެލަން ހިތަށް އަރާފާނެއެވެ:

“ދަރިފުޅު މަސްތުވާތަކެތި ބޭނުން ކުރާކަމަށް ޝައްކު ކުރެވޭތީ އަހަރެން ވަރަށް ކަންބޮޑުވޭ.”

މިގޮތަށް ބުނުމުން ދަރިފުޅު ދޭނެ އެއް ޖަވާބަކީ:

“ކަންބޮޑު ނުވޭ، މަންމާ. އަހަރެން މަސްތުވާތަކެއްޗެއް ބޭނުމެއް ނުކުރަން. އަހަރެން ވެސް އެހާ މޮޔައެއް ނުވާނެއްނު!”

ތިމާގެ ދަރިފުޅު މިހާރު މަސްތުވާތަކެތި ބޭނުންކުރުމުގެ އިތުރުން ދޮގު ވެސް ހަދަނީއެވެ. އަދި ތިމާ ވެސް ތިމާއަށް ކުރެވުނު ކަންތަކުން (ޑައިރީ ވަގަށް ކިޔުން) ރެކެން ވެގެން ހަމަ ދަރިފުޅަށް ވެސް އޮޅުވާލައި، ދޮގުހަދަނީއެވެ. އެހެންކަމުން ތިޔަ ދެ މީހުން ވެސް މި މައްސަލަ އިތުރަށް ހޫނުކުރަނީއެވެ. މިހެންވެ އެންމެ އެދެވިގެން ވަނީ އެންމެ ފުރަތަމައިން ވެސް ތެދުތެދަށް ހުރިހާ ކަމެއް ގެންދިއުމެވެ. މިސާލަކަށް، މިފަދަ ގޮތަކަށް ދަރިފުޅާ ވާހަކަ ދެއްކިދާނެއެވެ:

“މި ފަހަކަށް އައިސް މަންމަ ވަރަށް ކަންބޮޑުވޭ ދަރިފުޅާމެދު. ސްކޫލްގައި ދަރިފުޅުގެ މާރކްސްތައް ދަށްވާތީ ވެސް ވަރަށް ދެރަވޭ. ދަރިފުޅު މިހާރު ގެންގުޅޭ އާ ރައްޓެހިންތަކާމެދު ވެސް މަންމަމެން ކަންބޮޑުވޭ. އަދި އެ ރައްޓެހިންނާ ގުޅުނު ފަހުން ދަރިފުޅު މަންމަމެންނާމެދު ބަހައްޓާ ގޮތާ މެދުވެސް ދެރަވޭ. ދެން މިބުނަން އުޅޭ ވާހަކައަކީ އެއްގޮތަކަށް ވެސް މަންމަ އުފާވާ އަދި ފަހުރުވެރިވާ ކަމެއް ނޫން. ނަމަވެސް މަންމަ ކަންބޮޑުވެފައި ހުރިވަރުން ކުރަން ނުވާވަރުގެ ކަމެއް ވެސް މަންމަ އަތުން ކުރެވިއްޖެ. އެއީ ދަރިފުޅަށް ސިއްރުން ދަރިފުޅުގެ ޑައިރީ ކިޔުން. މަންމަ ކިއީ ދަރިފުޅު މަސްތުވާތަކެތި ބޭނުން ކުރުމާ ގުޅޭ ގޮތުން ލިޔެފައިވާ ބައި. ވަރަށް ހިތާމަ ލިބުނު އެވާހަކަތައް ކިޔާފައި. އަދި ދަރިފުޅުގެ އިތުބާރު ގެއްލޭ ފަދަ ކަމެއް މަންމައަށް ކުރެވުނީތީ ވެސް މަންމަ މިހިރީ ވަރަށް ދެރަވެފައި. އެހެންވީމާ ހިނގާ ދެމީހުން ތަންކޮޅެއް ރަނގަޅަށް މިވާހަކަ ދައްކާލަން؟”

މިހެން ބުނުމުން ވެސް ދަރިފުޅު ރުޅިގަދަ ވެދާނެއެވެ. ނަމަވެސް މި މޭރުމުން ވާހަކަ ކުރިއަށް ގެންދިއުމުން އެކުދިންނަށް ވަރަށް މުހިންމު ކަމެއް ވިސްނޭނެއެވެ: އެއީ މައިންބަފައިން ކަންބޮޑުވެ، ދަރިފުޅުގެ ޑައިރީ ކިއުން ފަދަ ނޭދެވޭ އަމަލެއް ކުރަން ޖެހުނީ، ހުދު ދަރިފުޅުގެ އަމަލުތައް ހުރި ގޮތުން މައިންބަފައިންގެ ލަގޮނޑިއަށް ކެތްނުކުރެވިގެން ކަމާއި އެކަމާ ކަންބޮޑުވިލެއް ބޮޑުކަމުން ކަމެވެ. މިގޮތަށް ކަންތައް ކުރުމުން، ހުރިހާ އެންމެންގެ ހުރިހާ ކަމެއް ހުރިހާ އެންމެންނަށް ހުޅުވާލެވުނީއެވެ. އަދި ދެން އޮތް ތާނގައި މި މައްސަލައަށް ވާހަކަ ދައްކައިގެންނާއި އެހެން ގޮތްގޮތުން ހައްލެއް ހޯދުމަށް މަގު ހުޅުވުނީއެވެ. ދެން، މި ބާބުގެ ފުރަތަމަ ސުވާލުގައި ދިން ޖަވާބުގައި ބުނާ ފަދައިން، މަސްތުވާތަކެއްޗާ ދަރިފުޅު ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިދާނެއެވެ.

4 – އަހަރެންގެ ދަރިފުޅު މަސްތުވާތަކެތިން ދުރުކުރުމަށް ފޮނުވިދާނެ ތަނެއް އެނގެން ބޭނުމެވެ.

މި ގޮތަށް ސުވާލުކުރާ މައިންބަފައިން ބޭނުންވަނީ، ދަރިންގެ ރުހުމުގައި ވިޔަސް އަދި ނުރުހުމުގައި ވިޔަސް، އެކުދިންގެ މަސްތުވާތަކެތީގެ މައްސަލަ “މަރާމާތު” ކުރުމަށް ކޮންމެވެސް ތަނަކަށް ފޮނުވާށެވެ. ނަމަވެސް ހަގީގަތަކީ އެއްވެސް މީހެއްގެ ނުރުހުމުގައި އޭނާގެ މަސްތުވާތަކެތި ބޭނުންކުރުމުގެ އާދަ ގަދަކަމުން ހުއްޓުވުމަށް މަސައްކަތް ކުރާ އެއްވެސް ތަނެއް އޮސްޓްރޭލިޔާގައި ނެތް ކަމެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ކުށެއް ކޮށްފި ނަމަ ޖަލަށް ލާފާނެވެ. ނޫނީ މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ސިކުނޑިއަށް ލިބޭ އުނިކަމަކުން ނުވަތަ ނަފުސާނީ ގޮތުން ކުރާ އަސަރަކަށް ފަރުވާ ދިނުމަށް ނަފުސާނީ ހަސްފަތާލަކަށް ނުވަތަ މެންޓަލް ހޮސްޕިޓަލަކަށް ފޮނުވާފާނެއެވެ. އެކަމަކު މިއީ މަސްތުވާތަކެތިން ދުރުވުމަށް މީހާއަށް އެހީވާ “ރިހެބިލިޓޭޝަން” ނުވަތަ ރިހެބް ސެންޓަރުތަކެއް ނޫނެވެ. އެހެން ނޫނަސް ތިމާ ހުދު ތިމާއާ ސުވާލުކޮށްލަބަލާށެވެ: އަމިއްލައަށް ރަނގަޅުވާން ބޭނުން ނުވާ މީހަކު ގަދަކަމުން ރަނގަޅު ކުރެވިދާނެ ހެއްޔެވެ؟

މަސްތުވާތަކެތިން ފަރުވާ ލިބިގަތުން ވާން ޖެހޭނީ މީހާގެ އަމިއްލަ ނިންމުމަކަށެވެ. މަސްތުވާތަކެތި ބޭނުންކުރާ މިންވަރު މަދުކުރަން ނޫނީ އެއްކޮށް ހުއްޓާލުމުގެ ފަރުވާ ލިބެން އަންނަނީ، އެފަދަ ބަދަލެއް ދިރިއުޅުމަށް ގެންނަން އަމިއްލައަށް ބޭނުންވާ މީހާއަށެވެ.

މަސްތުވާތަކެއްޗަކީ އޭގެ ޒާތުގައި ފައިދާތަކަކާއި ގެއްލުންތަކެއްވާ އެއްޗެއްސެވެ. މިހެން ބުނުމުން އެ ބޭނުން ނުކުރާ މީހާ ހިތަށް އަރާނީ އޭގެން ކުރާނީ ކޮން ފައިދާއެއް ބާވައެވެ؟ ނަމަވެސް އެ ބޭނުން ކުރާ މީހާ އެކަން ކުރަނީ އޭނާއަށް ހިތްހަމަޖެހުންތަކަކާއި އޭނާއަށް ފެންނަ ގޮތުގައި ފައިދާތަކެއް ކުރާތީއެވެ. މަސްތުވާތަކެތި ބޭނުންކުރުމުން ލިބޭ “ހައި” ނުވަތަ އާދަޔާހިލާފު އުފާވެރިކަމުގެ އިހުސާސާއި، މަސްތުގައި ހުންނައިރު ސިކުނޑިއަށް އެއްވެސް ފިކުރެއް، މާޔޫސްކަމެއް އިހުސާސް ނުކުރެވުމާއި އަދި މަސްތީ ރައްޓެހިންގެ ފަރާތުން ލިބޭ ގާތްކަމާއި އެކުވެރިކަމުގެ އިތުރުން ގާނޫނާ ހިލާފު އަމަލެއް ކުރަމުން އަންނައިރު އެ ނަގާ “ރިސްކް” މިއީ އެ ބޭނުން ކުރާ މީހުންނަށް ބޮޑެތި އުފަލަށް ވެއެވެ. އޭގެން ލިބޭ ފައިސާގެ ގެއްލުމާއި، ރައްޓެހިންނާއި ތިމާގެމީހުންގެ ނުރުހުމާއި، އަދި ސިއްހީ ގޮތުންނާއި ގާނޫނީ ގޮތުން އެ ކުރިމަތިވާ ނުރައްކާތަކަކީ މާބޮޑު ކަމަކަށް ނުވެއެވެ. މިފަދަ ވިސްނުމެއްގައި ވަގުތުތައް ހޭދަވަމުން ގޮސް، ދެން މިކަމުގެ ތެރެއިން ނުކުތުމަށް އަލިމަގެއް ފެންނާނީ ކޮންމެވެސް މުހިންމު “ހާދިސާ”އެއް ނުވަތަ ކަމެއް ހަޔާތުގައި ހިނގައިގެންނެވެ. އެއީ ވަރަށް ބޮޑު ކަމަކަށް ވެސް ވެދާނެއެވެ. މިސާލަކަށް، ޖަލު ހުކުމެއް އިއްވުމެވެ. ނޫނީ ވަރަށް އާދައިގެ ސަބަބަކަށް ވެސް ވެދާނެއެވެ. މިސާލަކަށް، ހަމަ އެއް ދުވަހަކު އެހެން ހުއްޓާ، “މިހާރު ދެން ބޮވޭ ވަރަށް ބޮވިއްޖޭ، ފުދިއްޖޭ” ހިތަށް އަރާފައި، މަސްތުވާތަކެތީގެ ދުނިޔެއާ ދުރުވާން ނިންމުމެވެ. މިފަދަ ކޮންމެ ހާލަތެއް ކުރިމަތިވިޔަސް ފަރުވާ ޕްރޮގްރާމެއްގެ ދަށުން ކުރިއަށް ދިއުމަކީ ފައިދާ ހުރި ގޮތަކަށް ވެދާނެއެވެ. މިހެން މިބުނަން ޖެހެނީ އެއްވެސް ފަރުވާ ޕްރޮގްރާމަކާ ނުލައި ވެސް ވަރަށް ގިނަ މީހުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓާލާތީއެވެ. އެހެންކަމުން މަސްތުވާތަކެތިން ދުރުވުމަށް ފަރުވާ ޕްރޮގްރާމެއް އެއީ މަޖުބޫރު ކަމެއް ނޫނެވެ.

ނަމަވެސް ކުރިން ބުނި ފަދައިން މަސްތުވާތަކެތީގެ ފައިދާއާއި ގެއްލުމާމެދު ވަކި ގޮތެއް ނުނިންމައި ތިބި ކުދިން އެކުދިން މަސްތުވާތަކެތި ބޭނުންކުރުން މަދުކުރަން ނުވަތަ އެއްކޮށް ހުއްޓާލަން ބޭނުން ނަމަ، މި ފަދަ ފިޔަވަޅެއް އެޅުމަށް ފުރަތަމަ އެހީއެއްގެ ގޮތުން ފަރުވާ ޕްރޮގްރާމެއް މުހިންމު ރޯލެއް ކުޅޭނެއެވެ. އަދި މިފަދަ ފަރުވާ ޕްރޮގްރާމަކުން ދެން ކުއްޖާގެ ދިރިއުޅުމުގެ އެހެން ކަންތައްތަކާއި ހަރަކާތްތަކާއި އަމަލުތައް ބަދަލުކުރަން މަގުފަހިކުރެވިދާނެއެވެ. މިކަހަލަ ހާލަތެއްގައި އެންމެ ރަނގަޅު ވާނީ ޑިޓޮކްސް ކުރުމުގެ އިތުރުން ކައުންސެލިން ދިނުމާއި އަދި ދިގު މުއްދަތަކަށް ރިހެބް ޕްރޮގްރާމެއްގައި ބައިވެރިވުމެވެ.

5 – އަހަރެންނަށް ދެންމެއަކު ދަރިފުޅުގެ ސްކޫލް ދަބަހުން ކެނެބިސްކޮޅެއް ފެނިއްޖެ. ދެން ހަދާނީ ކިހިނެތް؟

މިކަމުން ވަރަށް ގިނަ އިތުރު ސުވާލުތައް އަދި މައްސަލަތައް ކުރިމަތިކުރުވައެވެ. ފަހަރުގައި މީގެ މާނައަކީ ދަރިފުޅު ކުރިން ކެނެބިސް ބޭނުން ނުކުރާ ކަމެވެ. ނަމަވެސް މިއީ ޔަގީން ކުރަން ޖެހޭ ކަމެކެވެ. އަނެއް ސުވާލަކީ ދަރިފުޅުގެ މި އަމަލު ދެވަނަ ބެލެނިވެރިޔާއަށް އެނގޭ ހެއްޔެވެ؟ ފުރަތަމަ ޖެހޭނީ ދެ ބަލަދުވެރިން ރަނގަޅަށް މި މައްސަލައިގައި ކުރިން ވާހަކަ ދައްކާށެވެ. ދަރިފުޅާ ކުރިމަތިލުމުގެ ކުރިންނެވެ. ސަބަބަކީ ދަރިފުޅު ގާތުގައި ދެ މީހުން އެއްގޮތަކަށް އެކައްޗެއް ކިއުން މުހިންމެވެ. އަދި ފުރަތަމައިން ވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ ކުރިން ދެންނެވުނު “ދަރިފުޅުގެ ޑައިރީ ކިއުމުގެ މައްސަލަ”އާ ވެސް މިކަމާ ގުޅުން ހުރި ކަމެވެ. ސަބަބަކީ ދަރިފުޅުގެ ސްކޫލް ދަބަސް ހުޅުވާ ބެލުމަށް އެކަށީގެންވާ އުޒުރެއް މައިންބަފައިންނަށް އޮންނަން ޖެހޭނެއެވެ. އަދި ޑައިރީ ކިއި ފަދައިން ސްކޫލް ދަބަސް ވެސް ބެލި ކަމަށް ވަނީ ނަމަ، އެފަހަރު އަމަލުކުރި ގޮތަށް އަމަލުކޮށްގެން ނޫނީ ދަރިފުޅުގެ ކުރިމަތީގައި މައިންބަފައިންގެ އިތުބާރެއް ނުހިފެހެއްޓޭނެއެވެ.

ދެ ބެލެނިވެރިން އެކުގައި މަޝްވަރާ ކުރުމަށް ފަހު ދެން ދަރިފުޅާ ބެލެނިވެރިންނާއެކު ވަރަށް ދިގުކޮށް މަޝްވަރާ ކުރެވިދާނެއެވެ. މި ފަދަ މަޝްވަރާއެއް ވާން ޖެހޭނީ ސީދާ ހިތުން ދެކެވޭ ވާހަކަތަކަކަށެވެ. އެއްވެސް ކަމެއް ފޮރުވާފައި ބާއްވައިގެން ނުވާނެއެވެ. ވާހަކަ ދެކެވޭ މާހައުލަކީ ވެސް އެކަށީގެންވާ ރަނގަޅު މާހައުލަކަށް ވާން ޖެހޭނެއެވެ. އަދި މި ފަދަ މަޝްވަރާއަކަށް އިތުރު އެކަކަށް ވެސް ނުވަދެވޭނެއެވެ. ޓީވީ ވެސް ހުންނަން ޖެހޭނީ ނިއްވާލައިފައެވެ. ރޭޑިއޯގެ އަޑު ވެސް އިވިގެން ނުވާނެއެވެ. އަދި މި ފަދަ މަޝްވަރާއެއް ބާއްވަން ޖެހޭނީ ތިން މީހުންނަށް ވެސް ގަޑި އޮވެގެންނެވެ. މީހާ ވަރުބަލިވެފައި ހުންނަ ގަޑިއެއްގައި ނުވަތަ ތަނަކަށް ދާން ވަގުތު ކުޑަތަންވެފައި އޮއްވާ މި ފަދަ މަޝްވަރާއެއް ބާއްވައިގެން ނުވާނެއެވެ.

މިފަދަ މަޝްވަރާއެއްގައި ވާނީ ކިހިނެތް ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް މިފަދަ މަޝްވަރާއެއް ބާއްވާނީ ބެލެނިވެރިން ކަންބޮޑުވެގެންކަން ކުއްޖާއަށް ވިސްނޭނެއެވެ. ނަމަވެސް ބެލެނިވެރިން ކަންބޮޑުވާކަން ސީދާ ކުއްޖާއަށް ބުނެދޭން ޖެހޭނެއެވެ. “އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިއެއް ޑްރަގްސް ނަގާކަށް،” ހަމައެކަނި މިވަރުން ބުނުމަކުން ނުފުދޭނެއެވެ. މިގޮތަށް ކުރުގޮތަކަށް ބުންޏަސް މިކަމުގެ ސަބަބުން ކުއްޖާ މި މަޝްވަރާގައި ފުރިހަމައަށް ބައިވެރިވެ، އޭނާގެ ފަރާތުން ދައްކަން ޖެހޭ ވާހަކަތައް ދައްކާނެ ކަމަކަށް ނުބެލެވެއެވެ. ދަރިފުޅު މަސްތުވާތަކެތި ބޭނުންކުރަން މައިންބަފައިންނަށް ނޭދެވެނީ ސީދާ ކީއްވެގެންކަން މައިންބަފައިން ސަރީހަ އިބާރާތުން ކިޔައިދޭން ޖެހޭނެއެވެ. “މަސްތުވާތަކެއްޗަކީ ގެއްލުން ހުރި އެއްޗެއް،” މިއީ ދަރިފުޅަށް އެތައް ސަތޭކަ ފަހަރަކު އިވިފައި ހުންނާނެ ބަސްތަކެވެ. މިހެންވެ ހަމައެކަނި މިހެން ދަރިފުޅަށް ބުނުމަކުން ނުފުދެއެވެ. ސަބަބަކީ މިހެން ބުނެފި ނަމަ ދަރިފުޅަށް ދެއްކިދާނެ އުޒުރުތައް ވެސް ހުރީމައެވެ. މިސާލަކަށް މިގޮތަށް ދަރިފުޅަށް ބުނެފި ނަމަ، އޭނާ ޖަވާބު ދިނުން އެކަށީގެންވަނީ މި ފަދަ ގޮތަކަށެވެ: “ދެން ކީއްވެ މަންމަމެން ބައްޕަމެން ދުންފަތުގެ އިސްތިއުމާލުކޮށް، ރާބޮއި ހަދަނީ؟”

މިއީ ހަމަ ރަނގަޅު ސުވާލެކެވެ. ސަބަބަކީ ދުންފަތަކީ ވެސް އަދި ރަލަކީ ވެސް މަސްތުވާތަކެއްޗެވެ. ތާރީހީ ގޮތުން އަދި ސަގާފީ ގޮތުން އެތައް ހާސް އަހަރެއް ކުރިން ގާނޫނީ ގޮތުން “ހުއްދަ” ވީ ނަމަވެސް، މިއީ ކެނެބިސް އަށް ވުރެ ވެސް ނުރައްކާތެރިކަން ބޮޑު ދެ މަސްތުވާތަކެތިކަން މިހާރުގެ ސައިންސްގެ އަލީގައި ވަނީ ހޯދިފައެވެ. ހަގީގަތުގައި އެހެން ހުރިހާ މަސްތުވާތަކެއްޗަށް ވުރެ ރަލާއި ދުންފަތުން މީހުން މަރުވާ އަދަދު ގިނައެވެ. އަދި ހަށިގަނޑަށް ގެއްލުން ލިބޭ މިންވަރު ބޮޑެވެ. ތިމާއަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި ރާބުއިމުގައި ހައްދުފަހަނަޅާފައިވާ ބެލެނިވެރިއެއް ނަމަ ފުރަތަމަ އިސްލާހު ކުރަން ޖެހޭނީ ތިމާގެ އެ ނުބައި އާދައެވެ. ތިމާ ބޭނުން ކުރާ ތިޔަ ދެ ބާވަތަކީ ގާނޫނީ ގޮތުން ހުއްދަ އެއްޗެއް ނަމަވެސް އޭގެ މާނައަކީ އޭގެ ނުރައްކާތެރިކަން އެންމެ ހިނދުކޮޅަކަށް ވެސް ކުޑަ ވާހަކައެއް ނޫނެވެ. އަދި ތިމާއަކީ މި ފަދަ އާދައެއް ހުރި މީހެއް ނަމަ، ދަރިންގެ ކުރިމަތީގައި ތިމާ ވާހަކަ ދެއްކުމުގެ “ބާރުކެނޑޭނެއެވެ.” އެހެންކަމުން މިއީ ތިމާ ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ރާބުއިމުގެ އާދަ ކޮންޓްރޯލް ކުރަން ފަށަން ރަނގަޅު ދަނޑިވަޅެކެވެ. މިގޮތަށް ތިމާގެ އަމިއްލަ ދިރިއުޅުން އިސްލާހު ކުރެވުމުން، ދެން ދަރިންނަށް ބަސްބުނުމުގެ ހައްގު އޮންނާނެއެވެ: “އަހަރެން ގަބޫލު ކުރަން އަހަރެންގެ ވެސް މައްސަލަތައް އެބަހުރިކަން. އަދި މިހެންވެ އެކަމަށް އަހަރެން އަމިއްލައަށް ވެސް އެބަ ފިޔަވަޅު އަޅަން. ދަރިފުޅު ވެސް މި އިސްލާހީ ޕްރޮގްރާމްގައި ބައިވެރިވުން ކިހިނެތް؟”

އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ހުދު ތިމާގެ ދިރިއުޅުން އިސްލާހުކޮށް، ފުރާނަ ސަލާމަތް ކުރުމަށް މި މަގު ހުޅުވުނީ ދަރިފުޅު ވެސް “އެ ކަން” ފެށުމުންނެވެ. ދަރިފުޅު ވެސް މަސްތުވާ ކޮންމެވެސް ބާވަތެއް ބޭނުން ކުރަން ފަށާ ހިސާބުންނެވެ.

ދަރިފުޅު ކެނެބިސްގެ އިސްތިއުމާލު ކުރަން ބޭނުން ނުވާ ސަބަބު އޭނާއަށް ރަނގަޅަށް ކިޔައިދޭންވާނެއެވެ. މިފަދަ ސަބަބުތަކުގެ ތެރޭގައި ހިމެނޭނީ:

އެއީ މަނާ އެއްޗެއް ކަމާއި އޭގެ ސަބަބުން ކުރިމަގުގައި ވަޒީފާ ހޯދުމަށް އަދި ދަތުރުފަތުރު ކުރުމަށް ދަތިވާނެކަން.

ވަރަށް މަދު ހާލަތެއްގައި ވެސް ކެނެބިސްގެ ސަބަބުން މީހާ ދުނިޔެއިން މޮޔަވުމުގެ ފުރުސަތު އޮތް ކަމާއި މިކަން މިހެން ދިމާވެއްޖެ ނަމަ، “މޮޔައިންގެ ހަސްފަތާލެއްގައި” ދަރިފުޅުގެ ކުރިއަށް އޮތް ދުވަސްތައް ހޭދަކުރަން ޖެހިދާނެކަން.

ހަނދާންނެތުމާއި އަތްފައިގެ ހަރަކާތްތައް ކޯޑިނޭޓް ކުރަން ނުވަތަ ވިލަރެސް ކުރަން އުނދަގޫވުމާއި ޖިންސީ އެދުން ކުޑަވުމާއި، އަދި ހަށިގަނޑުގައި ދައުރުކުރާ، މީހާގެ ޖިންސު ކަނޑައަޅައިދޭ ހޯމޯންތައް ވެސް، އުފެދުން މަދުވާކަން.

މި ކަންތައްތައް ކިޔައިދޭއިރު، އަޑުގައި އެކަށީގެންވާ ރާގެއް ބަހައްޓާށެވެ. ކުއްޖާ އަދި ކެނެބިސްއަށް އާ ކަން ހަނދާން ބަހައްޓާށެވެ.

ފަހަރެއްގައި ދަރިފުޅު މިހެން ބުނެފި ނަމަ ހަދާނީ ކިހިނެތް؟: “ހުރިހާ އެންމެން ވެސް އެ ކަންތައް ކުރޭ.”

ޖަވާބުގައި ބުނެވިދާނެ ބަހަކީ: “އެމީހަކު ކުރި ކަމެއް އެމީހަކަށް. އަހަރެމެންގެ އާއިލީ ހަމަތައް ހުންނަން ވާނީ އެހެން މީހުން ބޭނުންވާހާ ގޮތަކަށް ނޫން.”

އަދިވެސް ބައެއް ކުދިން ބުނާ ވާހަކައަކީ: “އެއީ އެހާ ނުރައްކާތެރި ކަމެއް ނޫން. އެއީ ގުދުރަތީ އެއްޗެއް.”

ކުރިން ބުނި ފަދައިން މިގޮތަށް ބުނެފި ނަމަ ދެވިދާނެ ޖަވާބަކީ: “މިޔަރާއި ފައިދިގުމަކުނާއި އަދި ވިހަ ގަސްތައް ވެސް އެބަހުރި އިންސާނުންގެ ފުރާނައަށް ނުރައްކާ ކުރާ. އެހެންކަމުން، ގުދުރަތީ ކޮންމެ އެއްޗަކީ، ނުރައްކާތެރި ނޫން އެއްޗެއް ނޫން.”

ބެލެނިވެރިންގެ ފިކުރުތައް އިތުރަށް ބޮޑުވާން ދިމާވާ ސަބަބުތަކުގެ ތެރޭގައި ކެނެބިސް ފަދަ އެއްޗަކުން ހެރޮއިން ފަދަ ބާރުގަދަ އެއްޗަކަށް ދަރިފުޅު “އެޑްވާންސް”ވުން ހިމެނެއެވެ. ނަމަވެސް ސައިންޓިފިކް ގޮތުން ބަލާއިރު ކެނެބިސްއަކީ އެހެން ބާރުގަދަ މަސްތުވާތަކެއްޗަށް މީހާ ލަންބުވާލާ ފަދަ ކެމިކަލް ނުވަތަ ގުދުރަތީ މާއްދާއެއް އެކުލެވޭ އެއްޗެއް ނޫނެވެ. ނަމަވެސް ނުރައްކާ ކުރިމަތިވަނީ ދަރިފުޅު ކެނެބިސް ގަންނަ ޑީލަރުގެ އަތުގައި އެހެނިހެން މަސްތުވާތަކެތީގެ ބާވަތްތައް ވެސް ވިއްކަން ހުރެދާނެތީއެވެ. މިއީ ހަގީގަތުގައި މަސްތުވާތަކެތީގެ ބާރުގަދަ ބާވަތްތަކަށް ދަރިފުޅު ގޮސްފާނެ އެންމެ ބޮޑު އެއް މަގެވެ. އެހެންކަމުން މިކަމާމެދު ހުށިޔާރުވުމަށް ވެސް ކުއްޖާއަށް ވިސްނައިދޭންވާނެއެވެ.

6 – އަހަރެންގެ ދަރިފުޅުގެ ކޮޓަރިން ސިރިންޖް ކަށިތަކެއް ފެނިއްޖެ. ދެން ހަދާނީ ކިހިނެތް؟

ހެރޮއިން އާއި އެމްފެޓަމައިން ފަދަ މަސްތުވާތަކެތީގެ ބާވަތްތައް ހަށިގަނޑަށް އިންޖެކްޓް ކުރަން ސިރިންޖް ކަށި ބޭނުން ކުރެއެވެ. މިއިން ދޭހަކޮށްދެނީ ކެނެބިސް ބޭނުން ކުރުން ފަދަ “އާދައިގެ” ފެންވަރަކުން “މާ މަތީ” ދަރަޖައަކަށް މަސްތުވުމުގެ ދުނިޔޭގައި ކުއްޖާ “ކުރިއަށް” ޖެހިލައި އެޑްވާންސް ވެއްޖެ ކަމެވެ! އެހެންކަމުން މިއީ އިތުރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ކެނެބިސް އަކީ މައްސަލަތަކެއް ހުރި މަސްތުވާއެއްޗެއް ނަމަވެސް އޭގެން އޯވަޑޯޒްވެގެން މީހަކު މަރެއް ނުވާނެއެވެ. އަދި ކެނެބިސް އަކީ ހަށިގަނޑަށް ކަށި ޖަހައިގެން ބޭނުން ކުރާ އެއްޗަކަށް ނުވާތީ، އެޗްއައިވީ/އެއިޑްސް އާއި ހެޕަޓައިޓިސް-ސީ ފަދަ ލޭގެ ޒަރީއާއިން ފެތުރޭ ބަލިބަލި ޖެހުމުގެ ފުރުސަތެއް ނޯވެއެވެ.

ކަށި ބޭނުންކުރާ މައްސަލާގައި އެންމެ ކަންބޮޑުވާންޖެހޭ އެއް ކަމަކީ ވަގުތުގެ މައްސަލައެވެ. ކަށި ޖަހަން ފަށައިފި ނަމަ އެއްވެސް ބެލެނިވެރިއަކަށް ކަންތައްތައް ނިމޭނީ ކިހިނެތްތޯ ބަލަހައްޓައިގެން މަޑުން ހުރެވޭކަށް ނޯންނާނެއެވެ. ތިމާގެ ދަރިފުޅު ސިރިންޖުން ހެރޮއިން އިންޖެކްޓް ކުރާ ނަމަ، އެއިން ކޮންމެ ފަހަރަކީ ވެސް އޯވަޑޯޒްވެ، އަދި މަރުވުމުގެ ފުރުސަތު އޮތް ފަހަރެކެވެ.

މިކަހަލަ ކަމެއް ކުރިމަތިވެއްޖެ ނަމަ މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ. އަދި މިކަމަށް އެކަށީގެންވާ ފަރުވާ އާއި ސަމާލުކަން ދޭންޖެހެއެވެ. ފުރަތަމަ ކަމަކަށް މިކަހަލަ ކަމެއް ދަރިފުޅުގެ ކިބައިން ފަޅާއަރައިފި ނަމަ، އެކަން އެނގުނު ބެލެނިވެރިޔާ އަވަހަށް އަނެއް ބެލެނިވެރިޔާއަށް އަންގާ ހަބަރުކުރަންވާނެއެވެ. ބައެއް ބެލެނިވެރިން އަހަރެންގެ ގާތުގައި ބުނަނީ ދަރިފުޅުގެ މިކަހަލަ ކަމެއް އެނގުނަސް ދެވަނަ ބެލެނިވެރިޔާގެ ގާތުގައި ބުނަން ޖެހިލުންވާ ކަމަށެވެ. ސަބަބަކީ މިފަދަ ހަބަރެއް ދީފި ނަމަ “ފިރިމީހާ ބިރުން ހަލާކުވެދާނެ” ނުވަތަ “ފިރިމީހާ ބިރުން މަރުވެދާނެ” ފަދަ ކަންތައްތަކެއް ދިމާވެދާނެ ކަމަށެވެ. މި ގޮތަށް ގިނަ ފަހަރަށް ބުނަނީ މައިމީހާއެވެ. ސަބަބަކީ ގިނަ ފަހަރަށް މިކަހަލަ ހަބަރު ފިރިމީހާ “ބަލައިގަންނާނެ” ގޮތާމެދު އަނބިމީހާ ކަންބޮޑުވަނީއެވެ. ނަމަވެސް މިކަހަލަ ކަންބޮޑުވުންތަކަށް ޖާގަ ދެވިގެން ނުވާނެއެވެ. ހާއްސަކޮށް ހަޔާތުގެ އަނެއް ބައިވެރިޔާއަކީ ދަރިފުޅުގެ ކަންތައްތަކުގައި މަސްއޫލުވެގެން އުޅޭ ބެލެނިވެރިއެއް ނަމައެވެ. ދަރިފުޅާމެދު މިކަހަލަ މައުލޫމާތެއް އެނގޭ ބެލެނިވެރިޔާ ގާތުގައި އަހަރެން އަބަދުވެސް ކުރާ ސުވާލަކީ:

ތިމާގެ ދަރިފުޅު ހެރޮއިން އޯވަޑޯޒްއަކުން މަރުވެއްޖެ ނަމަ، އަދި އޭނާގެ މި އާދަ ތިމާއަށް އެނގިހުރެ އެވާހަކަ ތިމާގެ ބައިވެރިޔާގެ ގާތުގައި ނުބުނެ ހުއްޓާ، މިކަހަލަ ހިތާމަވެރި ހާދިސާއެއް ދިމާވެއްޖެ ނަމަ، ތިމާ ހިތަށް އަރާނީ ކީކޭ؟ ތިމާއަށް ދެން ކުރެވޭނީ ކީއް؟ ތިމާގެ ބައިވެރިޔާގެ ގާތަށް ބުނަން ނޭނގޭ ފަދަ ކޮންޓްރޯލް ނުކުރެވޭ ރުޅިއެއް ނާންނާނެ ހެއްޔެވެ؟ ސަބަބަކީ އެ މައުލޫމާތު ކުރިން އެނގުނު ނަމަ ދަރިފުޅު ސަލާމަތް ކުރަން ކޮންމެވެސް ކަމެއް ކުރެވޭނެތީއެވެ.

ދެން އަޅަން ޖެހޭ އެންމެ ހަރުދަނާ ފިޔަވަޅަކީ ދަރިފުޅު ގާތުގައި ވެސް އެވާހަކަ ދެއްކުމެވެ. ކުރީ ސުވާލުގެ ޖަވާބުގައި ބުނި ފަދައިން، ކެނެބިސް ބޭނުން ކުރާކަން އެނގޭކަން ދަރިފުޅަށް ހާމަކުރުމުގެ ގޮތުން ދަރިފުޅާއެކު ބާއްވާ “މަޝްވަރާ ބައްދަލުވުން” އޮންނަ ތަނުގައި އެހެން ކަމަކަށް ސަމާލުކަން ދާފަދަ ކަމެއް ހުރެގެން ނުވާނެއެވެ. އެގޮތުން، ކުރިން ބުނި ފަދައިން، މި ބައްދަލުވުމުގައި މި މައްސަލައިން ސަމާލުކަން ގެއްލި، އެހެން ކަމަކަށް ސަމާލުކަން ގޮސްފާނޭ އެއްވެސް ކަމެއް، މި މާހައުލުގައި ހުރެގެން ނުވާނެއެވެ. މިފަދަ ވާހަކައެއް ދައްކާއިރު ޓީވީ ހުންނަން ޖެހޭނީ ނިއްވާލައިފައެވެ. އަދި ރަނގަޅީ ފޯން ވެސް ނިއްވާލައި، އެހެން މީހެއްގެ ފަރާތުން ވެސް އެއްވެސް އުނދަގުލެއް އެވަގުތު ނުފޯރުމެވެ.

ސިރިންޖް ކަށިތަކަކީ އޭނާގެ އެއްޗެހިތަކެއް ނޫން ކަމަށް ދަރިފުޅު ޖަވާބު ދީފާނެއެވެ. އެއީ ރައްޓެއްސެއްގެ އެއްޗެއް ކަމަށް ނުވަތަ ތަނަކުން ހޮވި އެއްޗެހިތަކެއް ކަމަށް ބުނެފާނެއެވެ. ނަމަވެސް މިކަމަށް އެކަށީގެންވާ ހެކި ނުދެއްކިއްޖެ ނަމަ މާނައަކީ ދަރިފުޅު އެހަދަނީ ދޮގު ކަމެވެ. މިހެން ވެއްޖެ ނަމަ ސީދާސީދަލަށް ތެދުބުނުމަށް އެކުއްޖާއަށް ނަސޭހަތްތެރިވާށެވެ. އަދި އެކުއްޖާގެ ޒާތީ ކަންކަމަށް ފާރަލައި، މައިންބަފައިން އެކުދިންނަށް ތާއަބަދު ޖާސޫސް ނުކުރާ ކަމަށް އެކުދިންނަށް ވިސްނައިދޭށެވެ. މިތާނގައި މައްސަލައަކީ ކޮންމެ ބެލެނިވެރިއެއް ވެސް ގުދުރަތީ ގޮތުން ބޭނުންވަނީ، ދަރިން ދައްކާ ވާހަކަތައް އެއީ ތެދު ކަމަށް އަބަދުވެސް ގަބޫލު ކުރުމެވެ. “ތިމާއަށް ތިމާގެ ދަރިން ދުވަހަކުވެސް ގޯހެއް ނުވާނޭ” ބުނެވޭ ބަހުގެ މާނައަކީ މިއީއެވެ. އެއީ ތެދު ނޫން ކަމަށް ވިޔަސް، ގުދުރަތީ ގޮތުން އޮންނަ ކުލުނެއްގެ ސަބަބުންނެވެ. ތިމާ ގަބޫލު ކުރަން ބޭނުން ވާނީ އެ ކުއްޖާއަށް މަގުމަތިން އެ ސިރިންޖްތައް ފެނިގެން ހޮވައިގެން ގެއަށް ގެނެސް އެވާހަކަ މައިންބަފައިން ގާތުގައި ފަހުން ކިޔައިދޭނެ ކަމަށެވެ. ތިމާ މިގޮތަށް ގަބޫލު ކުރާހިތްވިޔަސް ހަގީގަތަކީ މިގޮތަށް ދަރިފުޅަށް އެކަށީގެންވާ ހެކި ނުދެއްކިއްޖެ ނަމަ، އޭނާ އެހަދަނީ ދޮގު ކަމެވެ.

އޭނާ ސިރިންޖް ކަށި ބޭނުން ނުކުރާ ކަމަށް ބުނަންޏާ ދެން ހެދޭނެ ގޮތަކަށް އޮންނާނީ ކުރިއަށް އޮތް ދުވަސްތަކުގައި ދަރިފުޅުގެ އުޅުން ހުރި ގޮތް ރަނގަޅަށް ބެލުމެވެ. ސަބަބަކީ މަސްތުވާތަކެތި އިންޖެކްޓް ކުރަން ފެށުމުން ކުއްޖާގެ ހަރަކާތްތަކާއި މިޒާޖަށް، ބޭރު ފުށުން ފެންނާނެ ބަދަލުތައް، ނައިސް ނުހުންނާނެއެވެ.

ދަރިފުޅުގެ ކޮޓަރިން ނުވަތަ އެއްޗަކުން ސިރިންޖް ކައްޓެއް ފެނިއްޖެ ނަމަ އެންމެ އެކަށީގެންވަނީ އޭނާ މަސްތުވާތަކެތި އިންޖެކްޓްކުރާ ކަމެވެ. ދެން އެންމެ މުހިންމު ކަމަކަށް ވާނީ އަންނަނިވި މައުލޫމާތު ހޯދުމެވެ:

ދަރިފުޅު ބޭނުންކުރީ ކޮން ކަހަލަ މަސްތުވާތަކެތީގެ ބާވަތެއް ހެއްޔެވެ؟ އަދި ބޭނުންކުރަމުން އަންނަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ އަދި ކޮން ގޮތަކަށް ހެއްޔެވެ؟

ދެން، ދަރިފުޅު މަސްތުވާތަކެތި ބޭނުން ކުރުމާމެދު މިހާރު ދެކެނީ ކިހިނެތް ހެއްޔެވެ؟

ފުރަތަމަ ސުވާލުން ދަރިފުޅު މަސްތުވާތަކެތި ބޭނުންކުރާ ހާލަތާއި އެ އާދަ މިހާރު “ކުރިއަށް” ގޮސްފައިވާ މިންވަރު ދޭހަވާނެއެވެ. ނަމަވެސް އެންމެ މުހިންމީ ދެވަނަ ސުވާލަށް ކުއްޖާ ދޭ ޖަވާބެވެ. މިސާލަކަށް، ދަރިފުޅު ޖަވާބު ދީފާނެއެވެ:

“އަހަރެން އެއް ފަހަރު ކަށި ބޭނުން ކުރީ. އަހަރެން ދެން ދުވަހަކު ވެސް ކައްޓެއް ބޭނުމެއް ނުކުރާނަން.”

މިއީ ތެދަކަށް ވެދާނެއެވެ. ނަމަވެސް އޭނާގެ ލައިފްސްޓައިލް ދެން ބަހައްޓަމުން އަންނަ ގޮތް އަބަދުވެސް ބެލުމަކީ މުހިންމު ކަމެކެވެ. ސިރިންޖް ކަށި ޖެހުމުގެ ކުރިން، އޭނާ މަސްތުވާތަކެތި އެހެން ގޮތްގޮތަށް ވެސް، ބޭނުންކޮށްފައިވުން އެކަށީގެންވާތީއެވެ. މިކަހަލަ “ފަސޭހަ ޖަވާބެއް” ދީފި ނަމަ ބެލެނިވެރިންނަށް އަހަރެންގެ ނަސޭހަތަކަށް ވާނީ ދެން ދަރިފުޅުގެ އުޅުން ވަރަށް ގާތުން ބަލަމުން ގެންދިއުމަށެވެ.

ދަރިފުޅު ދީފާނެ އަނެއް ޖަވާބަކީ:

“އާނހ! އަހަރެން އިންޖެކްޓް ކުރަން ފަށައިފިން. އަހަރެން ބޭނުން އެ ކަން ހުއްޓާލަން އެކަމަކު އަހަރެންނަކަށް ނޭނގޭ އެ ކަން ހުއްޓާލާނެ ގޮތެއް.”

މި ކަހަލަ ހާލަތެއްގައިވާ ކުދިންނަށާއި މީހުންނަށް އެހީތެރިވެ ފަރުވާދިނުމަށް ވަރަށް ގިނަ ހިދުމަތްތައް ގާއިމު ކުރެވިފައިވެއެވެ. މިކަން ވާނީ 4 ވަނަ ބާބުގައި ތަފުސީލުކޮށްދީފައެވެ. ޑިޓޮކްސް ކުރުމާއި ކައުންސެލިން ދިނުމާއި ދިގު މުއްދަތުގެ ރިހެބިލިޓޭޝަން ފަރުވާ ޕްރޮގްރާމެއް ކުރިއަށްގެންދިއުމާއި އަދި ގްރޫޕް މަސައްކަތުން ވެސް ހައްލު ކުރެވިދާނެއެވެ. އަދި ހެރޮއިން އިންޖެކްޓް ކުރާ ނަމަ، މެތަޑޯން އާއި ނަލްޓްރެކްސޯން ބޭނުންކުރުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދެވިދާނެއެވެ. ތިމާގެ އާއިލާ ދިރިއުޅެމުން ގެންދަނީ ސަހަރުން ބޭރުގައި ނަމަ މިފަދަ ފަރުވާއެއް ހޯދަން ފަސޭހަ ނުވެދާނެއެވެ. ނަމަވެސް އުނދަގުލުން ނަމަވެސް ނުލިބި ނުދާނެއެވެ. އެންމެ ރަނގަޅު ގޮތަކަށް ވާނީ ކަމާ ބެހޭ ފަރާތަކަށް ގުޅައިގެން ނުވަތަ ޓެލެފޯން އޮޕަރޭޓަރަށް ގުޅައިގެން ނުވަތަ އެކަމަށް ހުންނަ ހޮޓްލައިން ނުވަތަ “ހޫނު ނަންބަރަށް” ގުޅައިގެންނެވެ. (ދިވެހި ރާއްޖޭގައި މި ފަދަ ހިދުމަތެއް ސިއްރުން ނުވަތަ ސިއްރިޔާތުގައި ހޯދުމަށް ބޭނުން ނަމަ ގުޅުއްވާނީ 1410 ނަންބަރާއެވެ. މި ނަންބަރަކީ ބައިނަލް އަގުވާމީ ސުލްހަ ދަމަހައްޓާ ޖަމިއްޔާ ކަމަށް ވާ ‘ޔުނައިޓެޑް ނޭޝަންސް’ ނުވަތަ ‘ޔޫ.އެން’ ނުވަތަ އދ.ގެ މަސްތުވާތަކެއްޗާ ގުޅޭ ޖަމިއްޔާ ކަމަށްވާ ޔޫ.އެން.އޯ.ޑީ.ސީ އާ ގުޅިގެން ދިވެހި ސަރުކާރުން 2011 ވަނަ އަހަރުން ފެށިގެން ގާއިމު ކޮށްފައިވާ ހޮޓްލައިނެކެވެ.)

ދަރިފުޅު މިކަހަލަ ޖަވާބެއް ދީފި ނަމަ އަމަލު ކުރާނީ ކިހިނެތް ހެއްޔެވެ؟ މިސާލަކަށް: “އާނހ. އަހަރެން އިންޖެކްޓް ކުރަން! އަދި އެކަންތައް ކުރިއަށް ވެސް ގެންދާނަން!!”

މިއީ ހަމަ ކޮންމެ ބެލެނިވެރިޔަކު ވެސް އެންމެ ބިރުގަންނާނެ އަދި ޖެހިލުންވާނެ ޖަވާބެވެ. މިއީ ދަރިފުޅު ސީދާ ތެދުތެދަށް އެކަމަށް އެއްބަސްވުން ކަމަށް ވެދާނެއެވެ. ނަމަވެސް މީގެ މާނައަކީ ދެން އޮތް ނުރައްކާތެރި މަރުހަލާއަށް އޭނާ ނުވެއްޓޭނެ ކަމެއް ނޫނެވެ. އެހެންކަމުން މިގޮތަށް ޖަވާބު ދީފި ނަމަ، ދެން ބަލައިލަން ޖެހެނީ މި ބާބުގެ އަންނަނިވި 7 ވަނަ ސުވާލަށާއި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތަކުގެ މައްޗަށެވެ:

7 – އަހަރެންގެ ދަރިފުޅު އެއްބަސްވަނީ މަސްތުވާތަކެތި ސިރިންޖް ކަށިން އިންޖެކްޓް ކުރާ ކަމަށާއި އަދި އެއާދަ ކުރިއަށް ގެންދާނެ ކަމަށެވެ. ދެން ހަދާނީ ކިހިނެތް ހެއްޔެވެ؟

ގިނަ ބެލެނިވެރިންނަށް މިއީ ބިރުވެރި ނާމާން ހުވެފެނެއް ހޭލާ ހުއްޓާ ހަގީގަތަކަށްވުން ކަހަލަ ކަމެކެވެ. އެތައް އަހަރެން ވަންދެން އެ މީހުންނަށް ވާނީ “ޑްރަގް އެޑިކްޓް” ނުވަތަ “ޖަންކީސް” (ނުވަތަ ދިވެހި ރާއްޖޭގައި ނަމަ “ޕާޓޭން”) ފަދަ އިބާރާތްތައް އިވިފައެވެ. ނަމަވެސް އެމީހުންނަށް ހީވެފައި އޮންނާނީ އެމީހުންގެ އާއިލާއަށް މިފަދަ ނޭދެވޭ ކަމެއް ނުވަންނާނެ ކަމަށެވެ. އިންސާނީ ތަބިއްޔަތު ހުންނަ ގޮތުން ތިމާ އަށް ހީވާނީ “ދެރަ ކަމެއް” އަބަދުވެސް ދިމާވާނީ “އަނެކާ” އަށް ނުވަތަ އަނެކަކަށެވެ. ދެން މިކަހަލަ ބުއްދިގަބޫލުކުރަން ދަތި “ޑިނަޔަލް” (ހަގީގަތް ގަބޫލު ކުރަން ހިތް ނޭދުން) އެއްގައި ހުރެގެން ގޯސް މަގެއް އެޅެނީއެވެ. މިސާލަކަށް، އެއިޑްސް ޖެހޭނީ އަބަދުވެސް “އަނެއް މީހާ”އަށޭ ހިތަށް އަރާ، ޖިންސީ އެދުމުގެ އެންމެ މަތީ ދަރަޖަ ހޯދުމަށްޓަކައި “ހުރަސް” ނުވަތަ ކޮންޑޮމް ބޭނުންކުރުމެއް ނެތި، އެ އެދުން ފުއްދައިގެން، އެންމެ ފަހުން ތިމާއަށް އެއިޑްސް ޖެހުމުން، ދެން “ހުވަފެނުން ކުއްލިއަކަށް ހޭލެވުމުން” މީހާއަށް އަންނަ އެ ބަރުދާސްތު ނުކުރެވޭ ޝޮކު، ނައިސް ނުދާނެއެވެ. އެހެންކަމުން ދަރިފުޅު މަސްތުވާތަކެތި ބޭނުންކުރުން ކަހަލަ ކަމެއް ކުރާކަން އެނގުމާ ހިސާބުން ބެލެނިވެރިންނަށް އިހުސާސް ކުރެވޭނީ ހަޔާތް މުޅިން ބަރުބާދުވެއްޖެ ކަމެވެ. ގުދުރަތުން އެމީހުންނަށް “ލަނޑެއް” ދީފި ކަމަށެވެ. މިހެންވެ، “އަހަރެމެންނަށް ގޯސްކޮށް ކުރެވުނީ ކޮން ކަމެއްބާ؟” މިއީ ވަރަށް ގިނަ ބެލެނިވެރިންގެ ހިތުގައި އުފެދޭ ސުވާލެކެވެ. އަދި ބޮލުގެރިހުމަކަށް ވާ، ޖަވާބެއް ނުލިބޭނޭ ހީވާފަދަ ސުވާލެކެވެ. ސަބަބަކީ އެމީހުން އެމީހުންގެ ދަރިން ފޮނުވީ ރަނގަޅު ސްކޫލަކަށެވެ. އިތުރު ހަރަކާތްތަކަށް ގެންގޮސްދީ، އެކުދިން ކުރާހިތްވާ ކަންތައްތަކަށާއި ކުޅިވަރުތަކަށާއި މުނިފޫހިފިލުވުންތަކަށް އެތައް ހަރަދެއް ކުޑަވެސް ޖެހިލުމެއް ނެތި ކުރިއެވެ. އެހެންކަމުން މިފަދަ ބެލެނިވެރިންނަށް އިހުސާސް ކުރެވޭނީ އެމީހުން ހަޔާތުގައި ކުރި ކުރިހާ “އިންވެސްޓްމެންޓް”އެއް ބޭކާރުވީ ކަމަށެވެ.

ހަގީގަތުގައި މައިންބަފައިންނަށް ގޯސްކޮށް ކަމެއް ކުރެވިފައި ނެތިދާނެއެވެ. އަދި ދަރިފުޅުގެ ކުޑައިރުގެ ދިރިއުޅުމަށް ފަސްއެނބުރި ބަލައިލި ނަމަވެސް، ކުރިމަގުގައި އޭނާ މަސްތުވާތަކެއްޗަށް ހިނގައިދާނެ ކަމުގެ ނިޝާނެއް ފެނިދާ ފަދަ އަލާމާތްތަކެއް މާޒީން ފެންނަން ނެތިދާނެއެވެ. ވަގުތުއަކީ އަނބުރާ އިއާދަ ވާނެ އެއްޗެއް ނޫނެވެ. އެހެންކަމުން އެންމެ މުހިންމީ މިހާހިސާބުން ދެން ހެދޭނެ ގޮތަކީ ކޮބައިތޯ ބެލުމެވެ. އެހެންކަމުން ދެން ފުރަތަމަ ކަމަކަށް ކުރުން މުހިންމު ކަމަކީ ދަރިފުޅު މަސްތުވާތަކެތީގެ ވަބާގައި ޖެހެން ދިމާވީ ކީއްވެކަމާމެދު ފިކުރުކޮށް، ސިކުނޑި ހާސްކޮށްލުމެއް ނޫނެވެ، ނަމަވެސް މިވަގުތު އަދި ކުރިމަގުގައި ވެސް ދަރިފުޅުގެ ހަޔާތް އަލުން އަނބުރާ ހޯދައިދެވޭނީ ކިހިނެތްކަމާމެދު ވިސްނުމެވެ.

އަދި ކުރިން ބުނި ބައެއް ކަންތައް މިފަދަ ދަނޑިވަޅެއްގައި ކުރުމަކީ މުހިންމު ކަމެކެވެ. އެގޮތުން ދަރިފުޅު މަސްތުވާތަކެތި އިންޖެކްޓް ކުރާކަން ދެ ބެލެނިވެރިންނަށް ވެސް އެނގުމަކީ މުހިންމު ކަމެކެވެ. އަދި ދަރިފުޅު ސިރިންޖް ކަށި ޖަހަން ދެ ބެލެނިވެރިން ވެސް ބޭނުން ނުވާ ސަބަބަކީ ކޮބައިކަން ދެ ބެލެނިވެރިންނަށް ވެސް ރަނގަޅަށް ފަހުމް ވެފައި އޮންނަން ވާނެއެވެ. ފަހަރެއްގައި މި ސުވާލު މި ގޮތަށް ކުރުމުން ބައެއް ބެލެނިވެރިން ނުރުހިދާނެއެވެ. ބުނެފާނެއެވެ: “ތިޔައީ ހާދަ ހަމަ ނުޖެހޭ ސުވާލެކެވެ. އަހަރެންގެ ދަރިފުޅު ކަށި ޖަހަން އަހަރެން ބޭނުން ވާނެ ހެއްޔެވެ؟”

ތެދެކެވެ. މި ފަދަ ގޮތަކަށް މި ސުވާލު ހުށަހަޅައިފި ނަމަ ބެލެނިވެރިން ދިނުން އެކަށީގެންވަނީ ވެސް މިފަދަ ޖަވާބެކެވެ. ނަމަވެސް މިތާނގައި ފާހަގަކޮށްލަން ބޭނުންވަނީ ބެލެނިވެރިންނަށް ރަނގަޅު އަދި ތަފުސީލު މައުލޫމާތު ފަހުމް ވެފައި އޮންނާން ޖެހޭނެ ކަމެވެ. ސަބަބަކީ ދަރިފުޅާއެކު ބާއްވާ މަޝްވަރާތައް ހަމަޖެހޭ އުސޫލެއްގެ މަތިން ކުރިއަށްގެންދިއުމަށެވެ. ކަންކަމާމެދު އާދަޔާ ހިލާފަށް ހާސްވުން ނުވަތަ “ހިސްޓީރިއާ” ޖެހުމަކީ އެއްވެސް މަގުސަދެއް ހާސިލުވާނޭ ކަމެއް ނޫނެވެ. އެގޮތަށް ހާސްވެގެން ތެޅިފޮޅިގަތްފި ނަމަ، އޭގެ ނަތީޖާއަކަށް ވާނީ ދަރިފުޅު އޭނާ ވަން ތޮށިގަނޑުގެ ތެރޭގައި އިތުރަށް ފޮރުވިގަތުމެވެ.

ފަހަރުގައި މިފަދަ ކަމެއް ވެގެން ދާނީ، ބެލެނިވެރިން ދަރިފުޅު ގާތުން އެދޭ ކަމެއް އެކުއްޖާ ސީދާ ނުކުރާނެ ކަމަށް މައިންބަފައިންގެ މޫނުމަތީގައި ބުނާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މައިންބަފައިންނަށް އިހުސާސް ކުރެވުން އެކަށީގެންވަނީ، ހަމަ ކަމަކު ބުނީމާ އެކަން ނުކުރަންވެގެން ދަރިފުޅު އެކަމާ ބޮޑާހާކާ، ދެކޮޅުހަދަނީ ކަމަށެވެ. ސަބަބަކީ ކުރިން ނަމަ “ދަރިފުޅާ، ތިހެން ނުހަދާށޭ” މިވަރަށް ބުނެލައިގެން ފުދެއެވެ. ސަބަބަކީ ދަރިފުޅު އެއިރު އެއީ ބަސްއަހާ ކުއްޖެކެވެ. އެހެންކަމުން މިކަހަލަ ކަމެއް ކުރިމަތިވުމުން ހަގީގަތުގައި މި ކުރިމަތިލާން ޖެހެނީ ދެ ކަމަކާއެވެ: ދަރިފުޅު މަސްތުވާތަކެތި ހަމައެކަނި އިންޖެކްޓް ކުރަނީއަކީ ނޫނެވެ، އަދި ކިއެއްތަ، މިއީ ފުރަތަމަ ފަހަރަށް މައިންބަފައިންގެ އަމުރަށް ދަރިފުޅު ސީދާކޮށް ނުކިޔަމަންތެރިކަން ދެއްކި ފަހަރުމެއެވެ.

ދަރިފުޅާއެކު އިށީނދެ އޭނާއާ ވާހަކަ ދެއްކުމަކީ މުހިންމު ކަމެކެވެ. މިފަދަ ދަނޑިވަޅުގައި ކަންތައް ކުރާނެ ގޮތުގެ ތަފުސީލު ކުރީ ސުވާލުތަކުގެ ޖަވާބުތަކުގައި ދެވިފައި ހުންނާނެއެވެ. އެ ގޮތުން ދަރިފުޅާއެކު މި ފަދަ ސީދާ މަޝްވަރާތަކަކަށް ދާއިރު، ކުރިން ބުނި ކަންތައްތަކަށް ހަމަ މިފަހަރު ވެސް ސަމާލު ވުމަކީ މުހިންމު ކަމެކެވެ.

ދަރިފުޅު އިންޖެކްޓް ކުރަނީ ކޮން ބާވަތެއްގެ މަސްތުވާތަކެތިކަން ދެނެގަތުމަކީ މުހިންމު ކަމެކެވެ. އޮސްޓްރޭލިޔާގައި ނަމަ މިހާރު އިންޖެކްޓް ކުރުން އެންމެ ގާތީ ހެރޮއިން އާއި އެމްފެޓަމައިންގެ ބާވަތްތަކެވެ. ދެ ބާވަތުން ވެސް ވަރަށް ބޮޑު ނުބައި އަސަރެއް ކުރެއެވެ. ހެރޮއިންއަކީ މާޔޫސްވުމުން ދުރުކޮށްދޭ، ޑިޕްރެޝަން އާއި ސްޓްރެސް އާ ދުރުކޮށްދޭ އެއްޗަކަށް ވާއިރު އެމްފެޓަމައިން އަކީ ސީދާ މީހާގެ މޫޑު އުފާވެރިކޮށްދޭ އެއްޗެކެވެ. އެހެންވީމާ މި ދެ ބާވަތުން ކުރާ އަސަރު ތަފާތުވާނެއެވެ. ހެރޮއިންއާ ހިލާފަށް އެމްފެޓަމައިނުން އޯވަޑޯޒްވުމަކީ ވަރަށް ނާދިރު ހާލަތްތަކުގައި އެކަށީގެންވާ ކަމެކެވެ. އެއާ ހިލާފަށް ހެރޮއިން އޯވަޑޯޒްވެގެން ވޭތުވެދިޔަ މަދު އަހަރުތަކުގައި އޮސްޓްރޭލިޔާގައި އެކަނިވެސް އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.

ބައެއް ބެލެނިވެރިން އެމީހުންގެ ދަރިން ކެނެބިސް ފަދަ ގާނޫނީ ގޮތުން މަނާ ޑްރަގްސް ބޭނުން ކުރަން ހުއްދަ ދިނަސް، ހެރޮއިން އާއި އެމްފެޓަމައިން ފަދަ ބާރުގަދަ ބާވަތްތައް ބޭނުން ކުރުމަށް އެއްވެސް ބެލެނިވެރިޔަކު ރުހުމެއް ނުދެއެވެ. އަދި ވަކިން ހާއްސަކޮށް ސިރިންޖުން އިންޖެކްޓް ކުރާކަށް ނޭދޭނެއެވެ. މިވަރުގެ ނުރައްކާތެރި ކަމަކަށް ވާތީއެވެ. މިހެންވެ ހެރޮއިން އިންޖެކްޓް ކުރުން ފަދަ ކަމަކާ ހުރިހާ ގޮތަކުން ވެސް ދެކޮޅުވެރިވުމަށް މައިންބަފައިން ވިސްނާނެއެވެ. ނަމަވެސް އެކަމާ ދެކޮޅު ހެދުމުގައި ވެސް ވަކި އުސޫލުތަކެއް ގެންގުޅެން ޖެހެއެވެ. އަޑުގަދަކޮށް ހަޅޭއްލެވުމަކުން ކުރާނެ ފައިދާއެއް ނޯންނާނެއެވެ. ސަބަބަކީ މިހާރު ކުރިމަތީގައި އެހެރީ މޫނުމަތީގައި ޒުވާބު ކުރަން ކެރޭ ޒުވާން ދަރިއެކެވެ. އެއީ ކުރިން ބަސް ނުބުނާ، މަޑުމަޑުން ހުންނަ ތުއްތު ދަރިއެއް ނޫނެވެ. މިހެންވެ އަނެއްކާވެސް މަސްތުވާތަކެއްޗާ ތިމާ ދެކޮޅު ހަދާ ސަބަބު ތަފުސީލުކޮށް ކިޔައިދޭށެވެ. އަދި މިކަމާ ވެސް ދަރިފުޅު ދެކޮޅު ހެދުން އެކަށީގެންވެއެވެ. ދަރިފުޅުގެ ވިސްނުން މައިންބަފައިން ރުހޭ ގޮތަށް ނުއެނބުރުމަކީ އެކަށީގެންވާ ކަމެކެވެ. މިހިސާބުން ދެން ބޭނުންކުރަން ޖެހޭނެ ދެ އުކުޅަކީ ގޭތެރޭގެ ދިރިއުޅުމުގައި އިންތަކެއް ކަނޑައެޅުމާއި އަދި އެ ނުބައި އާދަ ހުއްޓުވުމަށްޓަކައި އެކި ގޮތްގޮތުން ދަރިފުޅަށް ހިތްވަރު ދިނުމެވެ. އެގޮތުން ދަރިފުޅު ދިރިއުޅެނީ މައިންބަފައިންނާއެކު މައިންބަފައިންގެ ގޭގައި ނަމަ، އެގޭގައި ނުކުރެވޭނެ ކަންތައްތައް ކަނޑައަޅައި، އެކަންތައްތައް ސާފުކޮށް އަންގައިދިނުން މުހިންމެވެ. އެ ގޮތުން މަސްތުވާތަކެތި ގަތުމަށް މައިންބަފައިންގެ އެއްވެސް މުދަލެއްގައި ޖެހިގެން ނުވާނެކަން ފަދަ އުސޫލުތައް ކަނޑައެޅިދާނެއެވެ. ސަބަބަކީ މަސްތުވާތަކެތި އާއްމު ގޮތެއްގައި އިންޖެކްޓް ކުރާ މީހުން އެތިބީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެމީހުންގެ ވިސްނުން ހުންނާނީ މުޅިން ތަފާތުކޮށެވެ.

އެކުދިންނަކީ މިހާރު “އެކުދިން”ނެއް ނޫނެވެ. އެމީހުންނަކީ މިހާރު “އެމީހުންނެއް” ނޫނެވެ. އެމީހުންގެ ސިކުނޑިތައް މިހާރު ކޮންޓްރޯލް ކުރަމުންގެންދަނީ ވިހަ މާއްދާއަކުންނެވެ. އަދި އެކަމުގެ ސަބަބުން ކުރިން ތިމާދެކެ ވަރަށް ލޯބިން އުޅުނު ދަރިފުޅު މިހާރު ވަގުތީ ގޮތުން އެބަދަލުވެފައި ހުރީ “އެހެން މީހަކަ”ށެވެ. ހެރޮއިންގެ އަސަރުގައި އެހުންނަ ވަގުތު ބައެއް ފަހަރު އެމީހާގެ ތެރެއިން އެމީހާގެ “ބީސްޓް” ނުވަތަ “ޖަނަވާރު” ނުކުމެއެވެ. އެމީހާއަކީ އެކަހަލަ “ވަޔޮލެންޓް” ނުވަތަ އަނިޔާވެރި އަދި ޖިސްމާނީ އަނިޔާދޭހިތްވާ ޒާތުގެ ޝަހުސިއްޔަތެއްގެ މީހަކަށް ކުރިން ވިޔަސް ނުވިޔަސް މެއެވެ. އެމީހާ ދެކޭނީ މުޅި ދުނިޔެވަނީ އެމީހާއާ ޖައްސާލާފައި ކަމަށެވެ. މިކަމުން ކުރިމަތިވާ މާޔޫސްވުމާއި ޕެރަނޯޔާގައި އޭނާއަށް ހީވާނީ އެއްވެސް މީހަކު އޭނާދެކެ ލޯބި ނުވާ ކަމަށާއި އޭނާއަށް އަޅާނުލާ ކަމަށާއި އޭނާ އެންމެ ލޯބިވާ ކަމަށް ހީކުރި އެންމެ ގާތްމީހުން ވެސް، އެއީ މައިންބަފައިން ކަމަށް ވިޔަސް، ކޮންމެވެސް ސަބަބަކާހުރެ އޭނާއާ މިހާރު އަޅާނުލާ ކަމަށާއި ސަމާލުކަން ނުދޭ ކަމަށާއި، އަދި ކިއެއްތަ، އޭނާގެ ދުޝްމަނުންނަށް ވެފައިވާ ކަމަށެވެ!

އަދި އެންމެ ނުރައްކާތެރި، ހުރިހާ ކަމެއް އޭނާގެ ކޮންޓްރޯލުން ނެއްޓިގެންދާކަން އެންމެންނަށް ފަޅާއަރާ، ހާމަވާ މަރުހަލާއަކީ، އޭނާދެކެ އެންމެ ލޯބިވާ މީހުންވެސް، ބުނަން ނޭނގޭ ސަބަބަކާހުރެ، އޭނާގެ ދުޝްމަނުންނަށް ވެފައިވާ ކަމަށް އޭނާއަށް ޝައްކާއި ވަހުމް އުފެދި، ޕެރަނޮއިޑްވެ، އެމީހުންވެސް އޭނާއާ ދުރުކޮށްލައި، އޭނާ މުޅި ދުނިޔެއިން “ވަކިވެގަންނަން” ނިންމާ ހިސާބެވެ. އަމިއްލަ ދުނިޔެއެއްގައި ހަލާކުވާންދެން އިންދާ، ޖަލަށް ނުވަތަ މަރުން ދެކަމުން ކުރެ އެއްކަމަކަށް ވާސިލުވާންދެން، މަސްތުގައި އިނުމަށެވެ. އޭނާއަކީ އެއްވެސް ވަރަކަށް ބައެއްގެ ބޯލަނބާ މީހެއް ނަމަ ރިހެބަކަށް ފޮނުވައިގެން ރަނގަޅު ކުރެވިދާނެއެވެ. ނަމަވެސް އޭނާއަކީ ބޯހަރު މީހެއް ނަމަ، އޭނާއަށް އަމިއްލައަށް ވިސްނެންދެން އިނުން ނޫން ގޮތެއް ނޯންނާނެއެވެ. ހެރޮއިން ފަދަ ފުރިހަމަ “ޕެއިންކިލަރ”އެއް ނުވަތަ “ތަދުކަނޑުވާ ބޭހަ”ކަށް މީހުން މިވަރަށް ދެވިހިފަނީ ޖިސްމާނީ ގޮތުން ވެސް ހަށިގަނޑު އެއަށް އަޅުވެތިވެ، މީހާ އޭނާގެ އަމިއްލަ ކޮންޓްރޯލުން ނެއްޓިގެންދާތީއެވެ. އޭނާއަކީ އޭނާގެ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ބިރަކަށްވަނީ އެހިސާބުންނެވެ. ދައުލަތުން، ގަދަކަމުން ނަމަވެސް، އޭނާގެ ނަފުސުގެ ރައްކަލަކަށާއި އަދި މުޖުތަމައުގެ ރައްކަލަކަށްޓަކައި، ދައުލަތުގެ ބެލުމުގެ ދަށަށް، އޭނާ ރަނގަޅު ކުރެވެންދެން، އޭނާ ގެންދަން އެންމެން އެއްބަސްކިޔައިގެން ގާނޫނުތައް ފާސްކޮށްފައިވަނީ މިހެންވެއެވެ. ކެނެބިސްގައި ދެވިހިފުމަކީ ހަމައެކަނި ނަފުސާނީ، އަދި ކޮންޓްރޯލް ކުރެވޭ ދެވިހިފުމެކެވެ. މަސްތުވާތަކެތިން ހަގީގަތުގައި ސަލާމަތްވެވޭނީ އެމީހާ އަމިއްލައަށް އެގޮތަށް ނިންމި ދުވަހަކުން ކަމަށް ހިތާމައާއެކު ނަމަވެސް ދަންނަވަން ޖެހެނީ މިހެންވެއެވެ.

ގޭގައި ހުންނަ އެއްޗެހި ވިއްކާލުމާއި ނުވަތަ “ގެއިން ވައްކަން ކުރުން” ފަދަ ކަންތައްތައް ކުރުމަށް އެމީހުން ޖެހިލުމެއް ނުވާނެއެވެ. ސަބަބަކީ “ހަކުރު ކޮޅު” ދެން “ބޭސް ނަގަން ޖެހޭ ވަގުތު” އައިސް ޖެހޭއިރު ނުލިބިއްޖެ ނަމަ، ދެން މުޅި ހަށިގަނޑުގައި އެ އަޅާ ވޭނަކީ، އެންމެ ޖައްބާރު، ހަށިގަނޑު ވަރުގަދަ ފިރިހެނާއަށް ވެސް ކެތް ނުކުރެވޭ ފަދަ ގަދަ ވޭނެކެވެ. އެގޮތުން މައިންބަފައިންގެ ގަހަނާތަކާއި ކޮއްކޮމެންގެ ސީޑީތަކާއި ދައްތަމެންގެ ފައިސާ ފަދަ ތަކެތި ވަގަށް ނެގުމަކީ އާއްމު ކަމަކަށް ވެދެއެވެ. މިއީ އާއިލާގެ އެންމެންގެ ހިތްހަލާކު ވާ، އެންމެ ބޮޑު އެއް “ކަންތައްގަނޑެ”ވެ. އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ ދަރިފުޅު އުޅެނީ އެގޭގައި ކަމަށް ވަންޏާ، އޭނާގެ އަމަލުތައް ގޭތެރޭގައި ބަހައްޓަންވީ ގޮތުގެ އިމެއް ކަނޑައެޅުން މުހިންމެވެ. އަދި މި ފަދަ އިންތަކެއް ގާއިމުކޮށްފައި ވަނިކޮށް އެއިން އިމެއް ގިރާކޮށްފި ނަމަ، އެކަށީގެންވާ “އަދަބު” ވެސް ދޭން ޖެހެއެވެ. އަދި މިގޮތަށް އަދަބު ކަނޑައަޅާއިރު އެއީ ކުރެވޭވަރުގެ ކަމަކަށް ވާން ޖެހެއެވެ. އެގޮތުން ނުކުރެވޭ ވަރުގެ އަދަބުތަކުގެ ވާހަކަ ދައްކައިގެން ދަރިންނަށް ބިރުދެއްކުމަކީ މުހިންމު ކަމެއް ނޫނެވެ. މިސާލަކަށް، އަންނަނިވި އެއްޗެއް ދަރިފުޅަށް ބުނުމެވެ:

“ދެން ތިކަންތައް ކޮށްފި ނަމަ، މިގެއިން ނެރެލާނަން!”

މިހެން ބުނާއިރު ވިސްނާލަން ޖެހޭނީ މިއީ ހަމަ ތިމާ ކަންތައް ކުރަން ބޭނުންވާ ގޮތް ބާވައެވެ؟ ސަބަބަކީ މި ފަދަ ބަހެއް ބުނެފައި މި އަދަބު ދޭން ޖެހޭ ހާލަތެއް އަންނަ ވަގުތު މިކަން ނުކޮށްފި ނަމަ، ދަރިފުޅުގެ ކުރިމަތީގައި ބެލެނިވެރިޔާގެ ބަހާއި އަގާއި ބާރު ކެނޑުނީއެވެ. އަދި ވަކިން ހާއްސަކޮށް ހެރޮއިން އާއި އެމްފެޓަމައިން ފަދަ ބާރުގަދަ ބާވަތެއް ބޭނުން ކުރާ ދަރިއަކާ ދިމާއަށް ގެއިން ނެރެލާނެ ކަމަށް ބުނެގެން ދައްކާ ބިރަކީ އެކުދިންގެ ކުރިމަތީގައި އެއްވެސް އޮއްޓަރެއް ހުރި އެއްޗެއް ނޫނެވެ. ސަބަބަކީ ހެރޮއިން އާއި އެމްފެޓަމައިންގެ ބާވަތްތަކަކީ ވަރަށް ވެސް ބާރުގަދަ މަސްތުވާތަކެތީގެ ބާވަތްތަކެވެ. ނަމަވެސް މީގެ މާނައަކީ ގޭތެރޭގައި އުޅޭނެ ގޮތްތަކުގެ އިންތަކެއް ކަނޑަނޭޅުމެއް ނޫނެވެ. އެއާ ހިލާފަށް، އެފަދަ އިންތައް ކަނޑައަޅާއިރު އެއީ ހަގީގަތުގައި ވެސް ސީރިއަސް ގޮތެއްގައި އެޅިދާނެ ފިޔަވަޅުތަކެއް ކަމަށް ވާންޖެހެއެވެ.

މިއާއެކު އެޅިދާނެ އަނެއް ފިޔަވަޅަކީ އަބަދުވެސް އަދި ހުރިހާ ގޮތަކުން ވެސް ދަރިފުޅުގެ އެ ނުބައި އާދަ ހުއްޓާލުމަށް ހިތްވަރު ދިނުމެވެ. މަސްތުވާތަކެތި ބޭނުންކުރުމުގެ އާދަ ބަދަލު ކުރުމަށް ނުވަތަ އެތަކެތި ބޭނުން ކުރާ މިންވަރު މަދުކުރުމަށް އެހީވެދޭނެ ކިތައްމެ ޕްރޮގްރާމެއް އެބަހުއްޓެވެ. މިކަމާ ބެހޭ ގޮތުން ވާނީ 8 ވަނަ ސުވާލުގެ ޖަވާބުގައި އަލިއަޅުވާލައިފައެވެ. މަސްތުވާތަކެތި އިންޖެކްޓް ކުރަން ފެށުމުން ގިނަ ބެލެނިވެރިން ތިބޭނީ އަބަދުމެ ކަންބޮޑުވެފައެވެ. ނަމަވެސް މިފަދަ ހާލަތެއްގައި ވެސް އަބަދުމެ ދަރިފުޅަށް ނަސޭހަތްތެރިވެ އެކަމުން ދުރުވުމަށް އެކި ގޮތްގޮތުން ހިތްވަރު ދިނުމަކީ މުހިންމު ކަމެކެވެ. އަހަރެންނާއެކު މި ދާއިރާގައި މަސައްކަތްކުރާ އެހެން ކައުންސެލަރެއްގެ ހިޔާލުގައި ދަރިފުޅަށް ވިސްނައިދޭންވީ ކަމަކީ މިއީއެވެ:

“ދަރިފުޅު ދެކެ ލޯބިވޭ. ނަމަވެސް ދަރިފުޅު ތިޔަ ކުރާ ކަންތަކާ މެދު ނަފުރަތު ކުރަން.”

މިފަދަ ކުދިންނާމެދު ކަންތައް ކުރާނެ ގޮތުގެ އެކަށީގެންވާ މައުލޫމާތާއި ހިތްވަރުދޭ މުއައްސަސާތައް ވަނީ ގާއިމު ކުރެވިފައެވެ. އެގޮތުން މައިންބަފައިންނަށް ވެސް މިކަމާމެދު އަމަލު ކުރާނޭ ގޮތްތަކާ ބެހޭ ގޮތުން ކައުންސެލިންގެ ހިދުމަތް ވެސް ލިބެން އެބަހުއްޓެވެ. މި ގޮތަށް ބާއްވާ ބައްދަލުވުންތައް ގިނައިން ބާއްވަނީ ރޭގަނޑެވެ. އަދި މިފަދަ ކައުންސެލިން ބައްދަލުވުންތަކުގައި ބައިވެރިވާނީ ދަރިން މަސްތުވާތަކެއްޗަށް ދިއުމުން އެކަމާ ކަންބޮޑުވެ، ހިޔާލުބަދަލުކޮށް، ހައްލެއް ހޯދަން ބޭނުންވާ މައިންބަފައިންނެވެ. މިފަދަ ގްރޫޕް ބައްދަލުވުންތައް މީޑިއޭޓް ކޮށްދޭނީ ނުވަތަ ބަލަހައްޓައިދޭނީ ކަމާ ގުޅޭ ޕްރޮފެޝަނަލް ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ކައުންސެލަރުންނެވެ. ސަބަބަކީ މިފަދަ މަޝްވަރާތަކުގައި ތަޖުރިބާކާރު މައުލޫމާތު ހުށަހަޅައި، އެކަށީގެންވާ ގޮތެއްގައި މި “ބަހުސްތައް” ކުރިއަށް ގެންދިއުމަށެވެ. މިފަދަ ބައްދަލުވުންތަކުގައި ބައިވެރިވާ މައިންބަފައިންނާއި ބެލެނިވެރިންނަށް ލިބޭނެ ނަފުސާނީ ހިތްހަމަޖެހުމަކީ މިފަދަ ކަމަކާ ކުރިމަތިލާން ޖެހިފައިވަނީ ހަމައެކަނި އެންމެ މީހެއް ދެމީހެއް ނޫން ކަމާއި، އަދި މިކަން ތަޖުރިބާކުރާ އާއިލާތަކާ ހިޔާލު ބަދަލު ކުރުމުން، މިފަދަ ކަމެއް ދިމާވެފައިވާ އެހެން ބެލެނިވެރިންގެ ތަޖުރިބާގެ އަލީގައި، ތިމާގެ ދަރިފުޅުގެ ހާލަތަށް ވެސް އަލިމަގެއް ލިބޭނެތީއެވެ.

އޮސްޓްރޭލިޔާގައި ޓެލެފޯނުން މިފަދަ މަޝްވަރާތައް ފޯރުކޮށްދޭ އިދާރާތައްވެއެވެ. މިފަދަ އިދާރާތައް ހިންގައި، ފޯނުން ކައުންސެލިން ދިނުމަށް ތިބެނީ ވެސް މިފަދަ ތަޖުރިބާތައް ކޮށްފައިވާ މައިންބަފައިންނެވެ. އަދި މިހެންވެ މިފަދަ ބެލެނިވެރިންގެ މަޝްވަރާ ލިބުމުން ވެސް ތިމާއަށް އިތުރު ހިތްވަރަކާއި ނަފުސާނީ ހަމަޖެހުމެއް ލިބޭނެއެވެ. މިއީ، ދަރިފުޅު މަސްތުވާތަކެތި ބޭނުން ކުރާކަން އެނގޭ ހިނދު އެ ލިބޭ ހިތާމައާއި ހިތްމޮޅިވެރިކަމާއި މާޔޫސްއިން ސަލާމަތްވުމަށް ވަރަށް ވެސް ބޭނުންތެރި ހިދުމަތެކެވެ. ސަބަބަކީ މިފަދަ ކަންތައްތައް ތަޖުރިބާކޮށްފައިވާ ބެލެނިވެރިންގެ މަޝްވަރާ ލިބުމުން ލިބޭ ހިތްވަރެކެވެ. އަދި މިއީ ވަރަށް ބޭނުންތެރި މައުލޫމާތު ވެސް މެއެވެ. މިހެންވެ މިފަދަ ކަމެއް ކުރިމަތިވެއްޖެ ނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތާ ގުޅައިގެން މިފަދަ ހިދުމަތް ލިބޭނެ މުއައްސަސާތަކާ ގުޅުން ވަރަށް މުހިންމެވެ.

8 – އަހަރެންގެ ދަރިފުޅުގެ ހެރޮއިން ބޭނުންކުރުމުގެ އާދައަށް އޭނާ މިހާރު ހައްލެއް ބޭނުންވެއެވެ. އެހެންވީމާ އޭނާ ދާންވީ ކޮން ތާކަށް ހެއްޔެވެ؟

ހެރޮއިން ބޭނުންކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ވަރަށް ބޮޑެތި ފުރުސަތުތައް އެބަހުއްޓެވެ. އެއް ގޮތަކީ އެއްވެސް ފަރުވާ ޕްރޮގްރާމެއްގައި ބައިވެރި ނުވެ އަމިއްލައަށް އެކަން ހުއްޓާލުމެވެ. އެގޮތުން އެއްވެސް ބޭހެއް ބޭނުމެއް ނުކޮށް “ސިކު” ތަޖުރިބާ ކުރެވިދާނެއެވެ. މި “ކޯލްޑް ޓާކީ” ނުވަތަ “ވިތްޑްރޯވަލް” މުއްދަތަކީ އާއްމު ގޮތެއްގައި 4 ނުވަތަ 5 ދުވަހެވެ. މި ދުވަސްކޮޅަށް ކޯލްޑް ޓާކީ ކިޔަނީ ސިކު މުއްދަތުގައި ގައިގައި ހީބިހި ފާޑުގެ އެއްޗެހިތަކެއް ނަގާތީއެވެ. ދެން ސިކު މުއްދަތު ނިމުމުން އެމީހުންނަށް އާދައިގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެއެވެ. ނަމަވެސް ހަގީގަތުގައި މިއީ ނުހަނު އުނދަގޫ ކަމެކެވެ. ހެރޮއިން އަކީ ވަރުގަދަ ބޭހެއް ކަމުން އެ ބޭނުން ކުރުން ހުއްޓާލި ނަމަވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ނޫނީ އެއާ ދުރުގައި އަލުން ހުރުމަކީ ދަތި ކަމަކަށް ވެއެވެ. އެހެންކަމުން ސިކުގައި ހުންނަ މުއްދަތު ނިމުމުން އަވަހަށް ކައުންސެލިން ބޭނުންވާނެއެވެ.

ހެރޮއިންއާ ދުރުވުމަށް ދެވަނަ ގޮތަކީ ގައިގައި ހުރި ވިހަތައް ހަށިގަނޑުން ބޭރުކުރަން ޑިޓޮކްސް މަރުކަޒަކަށް ދިއުމެވެ. އެގޮތުން ސިކުގައި ހުންނަ 4 ނުވަތަ 5 ދުވަހު ހަށިގަނޑު ޑިޓޮކްސް ކުރެވިދާނެއެވެ. މީގެ މާނައަކީ ތިމާގެ ދަރިފުޅު ސިކުގައި ހުންނަ ދުވަސްތަކުގައި ޑޮކްޓަރާއި ނަރުހުންގެ އެހީ އާއި އެކަމަށް ބޭނުންވާ ބޭސް ލިބުމެވެ. އަދި މިފަދަ ތަނަކަށް ދިއުމުން ޑިޓޮކްސްގެ ފަހުން ބޭނުންވާ ކައުންސެލިންގެ ހިދުމަތް ހޯދުމަށާއި އަދި ދިގު މުއްދަތުގެ ރިހެބް ޕްރޮގްރާމަކަށް ދާން ބޭނުން ނަމަ އެކަން ވެސް ކުރެވިދާނެއެވެ. (މިކަމުގެ ތަފުސީލު 4 ވަނަ ބާބުގައި ހިމަނާފައި ވާނެއެވެ).

ހަމައެކަނި އެންމެ ބާވަތެއްގެ ފަރުވާއެއް ހޯދައިގެން މަސްތުވާތަކެއްޗާ ދުރުގައި ހުރުމަކީ ކަށަވަރު ކަމެއް ނޫނެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުން އެތައް ރިހެބް ޕްރޮގްރާމެއްގައި ބައިވެރިވެފައި ވެސް މަސްތުވާތަކެތި ބޭނުންކުރުމުގެ އާދައަށް އަލުންއަނބުރާ ވަދެއެވެ. ހައްލަކީ، އެ ބޭނުންކުރާ މީހާ އޭނާ އެކަމާ މެދު ދެކޭ ގޮތް އޭނާ އަމިއްލައަށް ބަދަލުކުރުމެވެ. އެހެންކަމުން މައިންނާއި ބަފައިންނާއި ލޯބިވެރިންނާއި އަދި އެހެނިހެން ގާތްފަރާތްތަކުގެ ވެސް ހިތްވަރާއި ތާއީދު އަބަދުމެ ހުރިހާ ގޮތަކުން ލިބޭ ނަމަ، މަސްތުވާތަކެއްޗާ ދުރުވުމަށް ކުއްޖާއަށް ހިތްވަރު ލިބެއެވެ.

މިފަދަ ދަނޑިވަޅެއްގައި އެންމެ ރަނގަޅީ ކަމާ ގުޅޭ ފުރިހަމަ މައުލޫމާތު މައިންބަފައިންނަށް އެނގިފައި ހުރުމެވެ. އެގޮތުން ލިބެން ހުރި ހުރިހާ ފަރުވާގެ ބާވަތްތަކާ ބެހޭ މައުލޫމާތު ހޯދުން މުހިންމެވެ. މިފަދަ މައުލޫމާތަކީ ކަމާ ގުޅޭ ފަރާތަކަށް ފޯން ކޯލެއް ކޮށްލައިގެން ވެސް ފަސޭހައިން ލިބޭނޭ މައުލޫމާތެވެ. ދެން، މިފަދަ ފަރުވާ ޕްރޮގްރާމްތަކުގެ ތެރެއިން، ދަރިފުޅަށް އެންމެ އެކަށީގެންވާ ކަމަށް އޭނާއަށް ފެންނަ، އޭނާ ހިތްހަމަ ޖެހޭ ފަރުވާ ޕްރޮގްރާމަކަށް ފޮނުވާށެވެ.

9 – އަހަރެންގެ ދަރިފުޅު މަސްތުވާތަކެތި ބޭނުންކުރާކުރުން ފުލުހުންނަށް ރިޕޯޓް ކުރަންވީ ހެއްޔެވެ؟

މިފަދަ ދަނޑިވަޅެއްގައި ވިސްނަން ޖެހޭނީ މިފަދަ ފިޔަވަޅެއް އެޅުމުގެ މަގުސަދަކީ ކޮބައި ކަމެވެ. ބޭނުމަކީ ދަރިފުޅު މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓާލުން ކަމަށް ވަނީ ނަމަ، ފުލުހުންނާ ދަރިފުޅު ހަވާލު ކުރުމަކުން އޭނާގެ އާދަ ހުއްޓައެއް ނުލާނެއެވެ. އަނެއްކޮޅުން ފުރަތަމައިން ވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ މިފަދަ ކަމެއްގެ ތެރެއަށް ފުލުހުން ވައްދައިފި ނަމަ، ފަހުން ފުލުހުން މިކަމާ ނުބައްސާ، ދުރަކު ނުބެހެއްޓޭނޭ ކަމެވެ. ފުލުހުންނަށް ވާނޭ ގޮތަކީ، އެމީހުންގެ ގާނޫނީ ވާޖިބު އަދާ ކުރުމުގެ ގޮތުން، އަދި އެމީހުންނަށް ކޮރަޕްޝަންގެ ތުހުމަތެއް ނުވަތަ ވާޖިބު އަދާ ނުކުރެވޭ ކަމުގެ ތުހުމަތެއް އައިސްފާނެތީ، މައްސަލަ ވީ އެންމެ ރަނގަޅަކަށް ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމެވެ. އެގޮތުން ތިމާގެ ދަރިފުޅު ޝަރީއަތާ ހިސާބަށް ދިއުން އެކަށީގެންވެއެވެ. އަދި ކޯޓާ ހިސާބަށް މައްސަލަ ގޮސްފި ނަމަ މައްސަލަ ނިމޭނެ ގޮތެއް ނޭނގެއެވެ: ދަރިފުޅަށް ނަސޭހަތް ދީފައި ދޫކޮށްލަވެސްފާނެއެވެ. ނޫން ނަމަ ޖަލުގެ ހުކުމެއް ވެސް އަތުވެދާނެއެވެ. މިހާހިސާބަށް ދިއުމުން ދެން ތިމާއަށް ވިސްނޭނީ ދަރިފުޅު މަސްތުވާތަކެތިން ދުރުކުރުމަށް “ބިރު ދައްކާލުމުގެ ގޮތުން” ކުރި ކަންތައް މާ ބޮޑު ކަމަކަށް ވެއްޖެ ކަމަށާއި މާ ނުބައި ފައްތަރަކަށް މި މައްސަލަގަނޑު ވެއްޓިއްޖެ ކަމަށާއި އަދި ކަމަކާ ނުލާ ބޭކާރު ގޮތުގައި ދަރިފުޅު ގާނޫނީ ބަންދެއްގައި ތާށިވެއްޖެ ކަމެވެ! މިހާ ހިސާބުން ދަރިފުޅަށް ފަރުވާ ހޯދުމުގެ މަގު ވެސް ބަންދުވީއެވެ. ސަބަބަކީ ޝަރީއަތާ ހިސާބަށް ދިއުމުން ދެން މައިންބަފައިންގެ ބާރު ކެނޑުނީއެވެ. ދެން ޖަލަށް ލުމުން، ހަމަ އެއާދަ ދަރިފުޅު ޖަލުގައި ވެސް ކުރިއަށްގެންދާނެއެވެ. އެހެންކަމުން ދަރިފުޅު މަސްތުވާތަކެތި ބޭނުންކުރާކަން ފުލުހުންނަށް ރިޕޯޓް ކުރަން ވާނީ، މި ހުރިހާ ކަމަކާ ވިސްނުމަށް ފަހު، ދަރިފުޅަށް އެންމެ ރަނގަޅު ވާނީ ކޮން ގޮތަކަށް މައިންބަފައިން އަމަލު ކުރިއްޔާތޯ، ވިސްނައިފައެވެ.

10 – އަހަރެންގެ ދަރިފުޅު މަސްތުވާތަކެތި ބޭނުން ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަހަރެން މިހާރު އެކަމާ ފޫހިވެ، ހައްލެއް ބޭނުމެވެ. އަހަރެން ބޭނުމީ އޭނާ ގެއިން ބޭރުކޮށްލާށެވެ. ނަމަވެސް އޭނާ ބުނަނީ އަހަރެން އެހެން ހަދައިފި ނަމަ، އޭނާ އަމިއްލައަށް މަރުވާނެ ކަމަށެވެ. އަހަރެންނަށް ދެން ހެދޭނީ ކިހިނެތް ހެއްޔެވެ؟

މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. ވަރަށް ވިސްނުންތެރިކަން ބޭނުންކުރަން ޖެހޭނެ ދަނޑިވަޅެކެވެ. ޒުވާން އުމުރުގައި ކުދިން އަމިއްލައަށް މަރުވުމަށް ޖެހިލުމެއް ނުވާނެއެވެ. އެހެންކަމުން މިފަދަ އިންޒާރެއް ދަރިފުޅު ދީފި ނަމަ، އެއީ “މަޖަލަކަށް” ހަދައިގެން ނުވާނެއެވެ. އަދި އެއީ ތަހުލީލު ކުރުމުގެ ގޮތުން ނަމަވެސް ފާޑުފާޑުގެ ތިމާގެ އަމިއްލަ ހައްލުތައް އިސްކޮށްގެންވާނެ ދަނޑިވަޅެއް ނޫނެވެ. ފުރަތަމައިން ވެސް ހަނދާން ބަހައްޓަންވީ ކަމަކީ ދަރިއަކު އަމިއްލައަށް މަރުވުމަކީ އެއްވެސް މައެއް ބަފައެއްގެ ހަޔާތުން ދުވަހަކު ވެސް ފުހެވޭނެ ކަމެއް ނޫން ކަމެވެ. އެފަދަ ކަމެއް ދަރިއަކު ކޮށްފި ނަމަ އެކަމާމެދު ވިސްނައި، އެއާއެކު ދިރިއުޅުމައިގެން ކޮންމެވެސް ގޮތަކަށް ކުރިއަށް ދެވިދާނެއެވެ. ނަމަވެސް ހަގީގަތަކީ އެއީ ދުވަހަކު ވެސް އެކަމުގެ ވޭން ކުޑަވާނެ ކަމެއް ނޫން ކަމެވެ. އަދި މި ވޭން އިތުރަށް ބޮޑު ވާނީ، ދަރިފުޅު އަމިއްލައަށް މަރުވީ ތިމާގެ ޒިންމާދާރުކަން ކުޑަވުމުން ކަމަށް ތިމާއަށް ހީވާން ފަށައިފިއްޔާއެވެ. މިފަދަ “ގިލްޓް”އެއް ބެލެނިވެރިންނަށް އިހުސާސް ކުރެވެން ދިމާވެދާނެ ގޮތަކީ، ދަރިފުޅުގެ ހާލަތް ރަނގަޅު ކުރަން އެޅޭނެ ފިޔަވަޅުތައް ހުއްޓައި، އެކަން ނުކޮށް ދޫކޮށްލެވިއްޖެ ބާވައޭ، ތިމާގެ ހިތަށްއަރާ ނަމައެވެ. ނުވަތަ އެ ނޫން ވެސް ގޮތަކަށް، ދަރިފުޅު އަމިއްލައަށް މަރުވީ މައިންބަފައިންނަށް ކުރެވުނު ކަމަކުން ނުވަތަ ވެވުނު އިހުމާލަކުން ކަމަށް މައިންބަފައިންނަށް ވިސްނޭގޮތް ދިމާވެއްޖެ ނަމައެވެ.

މިހެންވެ މިފަދަ ސުވާލެއް ކުރިމަތިވުމުން މިދަނޑިވަޅަކީ މައިންބަފައިން ވަރަށް ބޮޑަށް، ވަރަށް ފުންކޮށް، އަދި ވަރަށް ދިގުކޮށް ވިސްނަން ޖެހޭ ދަނޑިވަޅެކެވެ. ހާއްސަކޮށް، އަޅާނެ ފިޔަވަޅުތަކާ މެދުއެވެ. އަދި މި ފިޔަވަޅުތަކުގެ ސަބަބުން ދަރިފުޅު އަމިއްލައަށް މަރުވެއްޖެ ނަމަ، އޭގެ ހަގީގީ ޒިންމާ ނަގަން ޖެހޭނީ ބެލެނިވެރިޔާއަށްތޯ ވެސް އަމިއްލައަށް ވިސްނަން ޖެހެއެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި އަޅާ ފިޔަވަޅު ވާން ޖެހޭނީ ދަރިފުޅު އެއްވެސް ކަހަލަ އިތުރު ނާޒުކު ފައްތަރަކަށް ވައްޓާ ނުލާނެ ފިޔަވަޅުތަކަކަށެވެ. ދަރިފުޅު ގެއިން ބޭރުކޮށްލުމުގެ ކުރިން އެޅިދާނެ ކިތައްމެ ފިޔަވަޅެއް އެބަހުއްޓެވެ. އަދި ދަރިފުޅަކީ ޒުވާން އުމުރުގެ ކުއްޖެއް ނަމަ، ގެއިން ބޭރުކޮށްލުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ ދަރިފުޅުގެ ނަޒަރުގައި އާއިލާއަކީ އޭނާއަށް އޮތް ހަމައެކަނި އަލިމަގު ކަމަށް ވެދާނެއެވެ.

ނަމަވެސް ދަރިފުޅުގެ އަމަލުތައް ހައްދުފަހަނަޅައިގެން ގޮސްފި ނަމަ، “ދެން ފުދިއްޖެ!” މިކަހަލަ ވިސްނުމަކާ ހިސާބަކަށް މައިންބަފައިން ވެސް ދިއުން އެކަށީގެންވެއެވެ. އެމީހުންގެ އަގުބޮޑު މުދާތައް ދަރިފުޅު ވަގަށް ނެގުމާއި ދަރިފުޅާހެދި ނުނެގޭވަރުގެ ބޮޑެތި ދަރަނިތަކެއް ބޮލުގައި އެޅުމާއި، ފުލުހުންގެ “އުނދަގޫ” އާއިލާއިން އަބަދުމެ ތަޖުރިބާ ކުރަން ޖެހުމާއި އަދި ދަރިފުޅު އެހެން ކުދިންނަށް މަސްތުވާތަކެތި ވިއްކާ ނަމަ، އެއާއިލާތަކުން ތިމާގެ އާއިލާއަށް ކުރާނެ ޕްރެޝަރުން ސަލާމަތް ނުވާ ހިސާބަށް ދިޔައިމައެވެ. އަދި ބައެއް ފަހަރު ދަރިފުޅު މައިންބަފައިންނަށް ޖިސްމާނީ އަނިޔާ ކުރާ ހިސާބަށް ވެސް ގޮސްފާނެއެވެ. މީގެ އިތުރުން ދަރިފުޅު ގޭގައި މަސްތުވާތަކެތި ބޭނުންކުރާ ނަމަ، ދެން ތިބި ކުދިންނަށް ވެސް އޭގެ ނުބައި އަސަރުކޮށް، އެކުދިންވެސް މަސްތުވާތަކެތީގެ އަވާގައި ޖެހުމުގެ ބިރު އަންނަ ހިސާބަށް ގޮސްފާނެއެވެ.

މިހާ ހިސާބަށް ކަންތައްތައް ދިއުމުން، އެޅޭނެ ހުރިހާ ފިޔަވަޅެއް އަޅާށެވެ. އަދި މި ހުރިހާ ފިޔަވަޅެއް އަޅައިގެން ނަމަވެސް އަލިމަގެއް ނުފެނިއްޖެ ނަމަ، އެންމެ ފަހު ފިޔަވަޅެއްގެ ގޮތުން ދަރިފުޅު ގެއިން ބޭރުކޮށްލެވިދާނެއެވެ. މި ކަހަލަ ކަމެއް ކުރިމަތިވި ބެލެނިވެރިއަކު، އޭނާގެ ދަރިފުޅު މިހާހިސާބުން ވެސް އަމިއްލައަށް މަރުވާނެކަމުގެ އިންޒާރު ދިނުމުން، އެ ކުއްޖާއަށް ދިން ޖަވާބަކީ މިއެވެ: “ދަރިފުޅާ ހަނދާން ކުރާށެވެ! ދަރިފުޅު އަމިއްލައަށް މަރުވެއްޖެ ނަމަ، އަހަރެންގެ އަތުން ދަރިފުޅު ވަޅުލާނަމެވެ. އެއީ (ދަރިފުޅު އަމިއްލައަށް މަރުވުމަކީ) ދަރިފުޅުގެ އަމިއްލަ ނިންމުމެކެވެ. އެއީ (ދަރިފުޅު އަމިއްލައަށް މަރުވުމަކީ) އަހަރެންގެ ކުށެއް ނޫނެވެ.”

އެހެންކަމުން މިފަދަ ނާޒުކު ދަނޑިވަޅެއް ކުރިމަތިވެއްޖެ ނަމަ، މިއީ ވަރަށް ސީރިއަސް ވާން ޖެހޭ ހާލަތެކެވެ. އަދި މިފަދަ ދަނޑިވަޅެއްގައި އަޅާ ކޮންމެ ފިޔަވަޅެއް ވެސް ވާން ޖެހޭނީ ވަރަށް ފުންކޮށް ވަރަށް ދުރަށް ވިސްނާފައި އަޅާ ފިޔަވަޅަކަށެވެ.

ހުލާސާ:

މަތީގައި ބަޔާން ކުރެވުނު ފިޔަވަޅުތަކަކީ، ލިބެން ހުރި ހަމައެކަނި ހައްލުތައް ކަމަށް، ނުވަތަ އެންމެ ރަނގަޅު ހައްލުތައް ކަމަށް، އަހަރެން ދައުވާއެއް ނުކުރަމެވެ. އަހަރެންގެ ހަމައެކަނި މަގުސަދަކީ، މިފަދަ ހާލަތްތައް މެދުވެރިވާ މައިންބަފައިންނަށް، ކަމާމެދު ސީރިއަސް ވާންޖެހޭ މިންވަރާއި، އަދި ކަމާ ގުޅޭ ގޮތުން ލިބޭނެ އެންމެ އެކަށީގެންވާ މައުލޫމާތާއި އެޅޭނެ އެންމެ އެކަށީގެންވާ ފިޔަވަޅުތައް، ހޯދުމުގެ މުހިންމުކަން ވިސްނައިދީ، އަންގައިދިނުމެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.