މަސްތުވާތަކެއްޗާ ކުރިމަތިލުން: ބެލެނިވެރިންނަށް މަގެއް – 7 ވަނަ ބާބު

 drug

ހަވަނަ ބާބު

ހަތްވަނަ ބާބު: ކަންބޮޑުވާ އެހެނިހެން ފަރާތްތައް

މަސްތުވާތަކެއްޗާ ބެހޭ ކައުންސެލިން ދިނުމުގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެ ބޭނުންކުރާ މީހުންގެ ކަންތަކާމެދު ކަންބޮޑުވާ އެހެން ފަރާތްތަކެވެ. ކައުންސެލިން ދޭއިރު ހަގީގަތުގައި ވާގޮތަކީ ކުރިމަތިލާން މިޖެހެނީ، މަސްތުވާތަކެތި ގަސްދުގައި ބޭނުންކުރަމުން އަންނަ ފަރާތަކާ، އަނެކާއަށް ކުރިމަތިލާން ޖެހޭ ޖެހުމަށް، އެ އަނެކާއާށް ހައްލެއް ބޭނުންވާތީ، އެހެން މީހެއްގެ، ކައުންސެލަރެއްގެ ނަމަވެސް، އެހީ ހޯދަން މަޖުބޫރު ވަނީއެވެ. އެ މީހުން ކައުންސެލިން ހޯދާ ނަމަ އޭގެ މާނައަކީ، އެކުދިން އެ އާދައާ ދުރުވުމަށް އެމީހުން ބޭނުންވާ ކަމެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނާމެދު ކަންބޮޑުވާ “އެހެނިހެން ފަރާތްތައް”، މިސާލަކަށް މައިންބަފައިން، ކާފަމާމައިން، އެއްބަނޑުއެއްބަފާ މީހުން، ރައްޓެހިން އަދި ލޯބިވެރިން، މިފަދަ މީހުން ހަގީގަތުގައި ކަންބޮޑުވަނީ އެމީހުންނަށް މައުލޫމާތު ލިބިފައި ނުވާ، މުޅިން އާ ނާމާން “ދުނިޔެ”އެއްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ ކުއްޖާ އުޅޭ ކަމެވެ. އަދި އެކުއްޖާ އެއުޅޭ އުޅުން އެހެން މީހުންނަށް ކޮންޓްރޯލް ނުކުރެވޭ ކަމެވެ. މިކަން އެ ފަރާތްތަކަށް ވާނީ ނިކަން ހިތްތަދި ކަމަކަށެވެ. މައިންބަފައިންގެ ނަޒަރުން ބަލާއިރު، މާޒީގައި ދަރިފުޅު އުޅުނު ގޮތް ކަނޑައެޅީ މައިންބަފައިންނެވެ. ދަރިންގެ ދިރިއުޅުމުގެ މައްޗަށް، މައިންބަފައިންގެ ފުދޭވަރެއްގެ ކޮންޓްރޯލެއް އޮތެވެ. އަދި ދަރިފުޅު އުޅޭނޫޅޭ ގޮތް މައިންބަފައިންނަށް ރަނގަޅަށް އެނގެއެވެ. އެހެންވީމާ ފިރިހެން ދަރިފުޅު ނުވަތަ އަންހެން ދަރިފުޅު މަސްތުވާތަކެތި ބޭނުން ކުރާކަން އެނގޭ ހިސާބުން މައިންބަފައިންނަށް ފުރަތަމައިން ވެސް ލިބެނީ ބޮޑު ސިހުމެކެވެ. އަދި މި ފަދަ ޝޮކެއް ގިނަ ފަހަރަށް ލިބެނީ ދަރިފުޅުގެ ޑައިރީ ކިޔާލެވުމުން ނުވަތަ އޭނާގެ ކޮޓަރި ސާފުކުރުމުގެ ތެރޭގައި ޝައްކުވާ ފަދަ އެއްޗެހިތަކެއް ނުވަތަ ކަންތައްތަކެއް ފެންނަ ހިސާބުންނެވެ. މިހާހިސާބުން ބެލެނިވެރިންނާއި ދަރިފުޅާ ދެމެދު އޮންނަ ގުޅުން ބަދަލުވެގެންދަނީ އެކަކު އަނެކަކާ މެދު އަބަދު ވެސް ޝައްކާއި ވަހުމްގެ ނަޒަރަކުން ބެލުމުގެ ގުޅުމަކަށެވެ. އަދި އެއާއެކުހެން އެކަކު އަނެކަކާ މެދު އަބަދުވެސް ކަންބޮޑުވެފައި ހުރެވެއެވެ. “މަންމަ މަގޭ ކޮޓަރި ބަލާނެ ހެއްޔެވެ؟” މިއީ ދަރިފުޅުގެ ހިތުގައި އޮންނާނެ ސުވާލެވެ. “މަގޭ ދަރިފުޅު މަސްތުވާތަކެތި ބޭނުން ކުރޭ ބާވައެވެ؟” މިއީ ބެލެނިވެރިޔާގެ ހިތުގައި އޮންނާނެ ސުވާލެވެ.

މަސްތުވާތަކެތި ބޭނުން ކުރުމާ ބެހޭ ގޮތުން ފަހުގެ އަހަރުތަކުގެ ތެރޭގައި މީޑިއާއިން ސަމާލުކަން ދީފައިވާލެއް ބޮޑުކަމުން މުޖުތަމައުތަކުގެ ތެރޭގައި މިހާރު މަސްތުވާތަކެއްޗާމެދު ދެކެވެނީ ބިރުވެރި ނަޒަރަކުންނެވެ. މަސްތުވާތަކެތި ބޭނުންކުރުމުގައި ހުރި ގެއްލުންތައް އަހަރެމެންނަށް ދަނީ ވަރަށް ސާފުކޮށް ވަރަށް އަޑުބާރުކޮށް އަބަދުވެސް އިވެމުންނެވެ. މިހެންވެ، “މަސްތުވާތަކެތި ބޭނުންކޮށްފި ނަމަ، ނުރައްކާތެރި ކަންތައްތައް ދިމާވާނެ” މިއީ އަހަރެމެންގެ ދަރިން އެއާ ދުރުގައި ހުރޭތޯ ހިތްވަރު ދިނުމަށް އަހަރެމެން މައިންބަފައިން ދޭ ނަސޭހަތެވެ. ޔަގީން ކުރެވޭ ގޮތުގައި ގިނަ ބެލެނިވެރިން މަސްތުވާތަކެތި ދެކެ ބިރުގަންނަނީ އޭގެ ސަބަބުން ދަރިފުޅު މަރުވެދާނެތީއެވެ. ނޫން ނަމަ އާދައިގެ މަސްތުވާތަކެތިން ފަށައިގެން ގޮސް ބާރުގަދަ މަސްތުވާތަކެތި ބޭނުން ކުރުމަށް “ދަސްވެނިވެ” ނުވަތަ “ގްރެޖުއޭޓް”ވެ، އޭގެ ސަބަބުން ނަފުސާނީ މާޔޫސްކަމާއި ކުށްކުރުމާއި އަދި މަރަށް ހުށަހެޅިދާނެތީއެވެ. މިސާލަކަށް، “އަހަރެންގެ ދަރިފުޅު މިހާރު ކެނަބިސް ބޭނުން ކުރި ނަމަވެސް، ހެރޮއިން ފަދަ ބާރުގަދަ މަސްތުވާތަކެއްޗާ ދިމާއަށް ގޮސްފާނެ ބާވައެވެ؟” މިއީ މައިންބަފައިން ހިތަށް އަރާނެ ސުވާލެވެ. މިފަދަ ކަމެއް ހިނގުމަށް ވުރެ ގާތީ ނުހިނގުން ކަމަށްވާއިރު، މިފަދަ ކަންތައްތައް ނުވާނެއެކޭ ވެސް ކަނޑައެޅިގެން ބުނެވޭކަށް ނެތެވެ. މިހެންވެ، ދަރިން މަސްތުވާތަކެތި ބޭނުންކުރާކުރުން އެއީ ބައެއް މައިންބަފައިންނަށް މާބޮޑު މައްސަލައަކަށް ނުވާއިރު، އަނެއްބައި ބެލެނިވެރިންނަށް ވަނީ ދަރިންގެ މަރާ ކުރިމަތިލާންޖެހިފައެވެ. އެގޮތުން ދަރިފުޅުގެ ފުރާނަ ގެއްލިފައިވާ އާއިލާތަކަށް މިއީ ދެމިގެންވާ ގަދަ ވޭނެކެވެ.

މިކަހަލަ ޔަގީންކަމެއް ނެތް ދުނިޔެއެއްގައި ދެން ކުރިމަތިލާންޖެހޭ ހަގީގަތަކީ، ތިމާގެ ދަރިފުޅު ދިރިއުޅެމުންދާ ހަގީގީ ދުނިޔެ ތިމާއަށް ފަހުމް ނުވާ ކަމެވެ. ނުވަތަ ނުވާނެ ކަމެވެ. އެއްވެސް މީހަކު އުޅޭނޫޅޭ ގޮތް 24 ގަޑިއިރު ފާރަލައިގެން ބެލުމަކީ ކުޅަދާނަ ކަމެއް ނޫނެވެ. އަދި މަސްތުވާތަކެއްޗަކީ ސައިޒުން ވަރަށް ކުޑަ، ވަރަށް ފަސޭހައިން ފޮރުވާލެވޭ، އަދި ވަރަށް އަވަހަށް ބޭނުންކޮށްލެވޭ އެއްޗެކެވެ. މި ޔަގީންކަމެއް ނެތް ހާލަތުގައި ދެން އިތުރަށް ކަންތައް ގޯސްވަނީ، ދަރިފުޅު ބުނާ ކޮންމެ އެއްޗެއް އެއީ ތެދުކަމަށް ގުދުރަތީ ގޮތުން މައިންބަފައިންނަށް ގަބޫލު ކުރެވުމެވެ. އެގޮތުން، އެކުދިން މަސްތުވާތަކެތި ބޭނުން ނުކުރާ ކަމަށް ބުނަންޏާ، އެވާހަކަ ގަބޫލު ކުރަންވީތޯ ނުވަތަ ނޫންތޯ، ސުވާލު އުފެދޭ ގޮތްވުމެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހާ ނޫން ދެން ތިބި އޭނާގެ ގާތް މީހުން ބަރުދާސްތު ކުރަމުންދާ ގަދަ ވޭނަކީ ކައުންސެލިންގެ ދާއިރާގައި އަހަރެންނަށް ކުރިމަތިވި އެންމެ އުނދަގޫ މަރުހަލާއެވެ. މިފަދަ މީހުންނަށް އެންމެ ކައުންސެލަރަކު ކައުންސެލިން ދިނުމުގެ ބަދަލުގައި ކައުންސެލަރުންގެ ގްރޫޕަކުން ކައުންސެލިން ދިނުމަކީ ފަހުގެ ހޯދުންތަކުން މާ ކާމިޔާބު ގޮތެކެވެ. މިހެންވެ “ގްރޫޕް ކައުންސެލިން” އަންނަނީ މަގުބޫލުވަމުން، މަޝްހޫރު ވަމުންނެވެ. އަދި މިފަދަ ގްރޫޕްތަކަށް މިފަދަ އާއިލާތަކުގެ ގާތްމީހުން ކައުންސެލިން ހޯދަން އައުން އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިފަދަ ސެޝަންތަކުގައި އެމީހުން ވަނީ، އެމީހުންނަށް ތަޖުރިބާ ކުރެވުނު ކަންތައްތައް ހިއްސާކޮށް، އެހެން މީހުންގެ ފަރާތުން ވެސް ބަދަލު ކުރެވުނު މައުލޫމާތުގެ އަލީގައި، ދެން މިކަހަލަ ހާދިސާތައް ދިމާވުމުން ކަންތައްތަކާމެދު އަމަލު ކުރާނެ އާ ނަޒަރެއް ނުވަތަ ގޮތެއް ހޯދުމަށް، މަގުފަހިވެފައެވެ. މިފަދަ ސެޝަންތައް ބަލަހައްޓާނީ މަސްތުވާތަކެއްޗާ ބެހޭ ކައުންސެލިން ދާއިރާގައި ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ޕްރޮފެޝަނަލް ކައުންސެލަރެކެވެ. ނަމަވެސް އޭނާގެ ރޯލަކީ ނުވަތަ ދައުރަކީ ހަމައެކަނި ސެޝަން ބާއްވާ ތަނާއި ވަގުތު ކަނޑައަޅައި އެންގުމާއި، މިފަދަ ސެޝަންތަކުގައި ބައިވެރިވާ އާއިލާތަކުގެ މީހުން ބަދަލުކުރާ މައުލޫމާތުތަކަށް، މަސްތުވާތަކެއްޗާއި އެމައްސަލާގައި ދެވޭ ހިދުމަތްތަކާ ބެހޭ ގޮތުން ހަމައެކަނި މައުލޫމާތު ދިނުމެވެ. އެހެންކަމުން މިފަދަ ގްރޫޕް ކައުންސެލިން ސެޝަނެއްގެ ހަގީގީ ބާރަކީ، ޕްރޮފެޝަނަލް ކައުންސެލަރެއްގެ ބެލުމުގެ ދަށުން، މިފަދަ އާއިލާތަކަށް ކުރެވިފައިވާ ތަޖުރިބާތައް އެހެން އާއިލާތަކާ ހިއްސާކޮށް، ސެޝަންގައި ބަދަލު ކުރެވުނު މިފަދަ މައުލޫމާތުތަކުގެ އަލީގައި، އެމީހުންގެ ދިރިއުޅުމުގައި ކުރިމަތިވާ މިފަދަ މައްސަލަތަކަށް އާ ހައްލުތައް ހޯދުމެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ ގާތްމީހުންނާއެކު ކުރެވުނު މަސައްކަތުން އެނގުނީ، މަސްތުވާތަކެތި ބޭނުންކުރާ މީހާގެ އެ ނުބައި އާދައަށް ހަމައެކަނި ދެވޭ ސަމާލުކަމުގެ އިތުރުން، އޭނާއަށް އެކަމުގައި ތިމާއަށް އެހީއެއް ވެވިދާނެފަދަ ހާލަތެއްގައިތޯ ތިމާގެ ހާލަތު ހުރީ ނުވަތަ ނެތީ، މިއީ ވެސް ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމެވެ. އެތައް މަސްތަކެއް ނުވަތަ އަހަރުތަކެއްގެ ހިތި ތަޖުރިބާ ހިތުގައި ފޮރުވައިގެން އުޅޭ މިފަދަ އާއިލާތަކަށް މިފަދަ ގްރޫޕް ސެޝަންތަކުގެ ސަބަބުން އެމީހުން ކުރިން ކުރިމަތިލާން ޖެހިލުންވި ހިތި އިހުސާސްތަކާއި ޖަޒުބާތުތަކާ ކުރިމަތިލުމަށް ހިތްވަރު ލިބެއެވެ. އަދި މިހެންވެ، މިފަދަ ގްރޫޕް ކައުންސެލިންއިން ލިބޭ އާ މައުލޫމާތުގެ އަލީގައި، އެމީހުންނަށް އެމީހުންގެ ހަޔާތަށް އަލުން ކޮންޓްރޯލެއް ގެނެވިދާނެކަމުގެ ޔަގީންކަން ލިބި، ދިރިއުޅުމަށް އާ ހިތްވަރެއް ލިބިގެންދެއެވެ. އެމީހުންގެ އާއިލާގައި ދިރިއުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހާގެ ހާލަތް ބަދަލު ނުކުރެވިދާނެކަން އެނގެއެވެ، ނަމަވެސް މި ލިބުނު އާ ތަޖުރިބާގެ އަލީގައި އެކަހަލަ ކަންތައްތަކުން ތިމާ ޕްރެޝަރަށް ނާރާ ހުރުމަށް އާ ނަފުސާނީ އުކުޅުތައް ދަސްވެއެވެ. ތިމާގެ ހަޔާތަކީ ތިމާގެ ކޮންޓްރޯލްގެ ދަށުގައި އަބަދުވެސް އޮންނާނެ އެއްޗެއްކަމުގެ ޔަގީންކަން ދެމެހެއްޓޭނެ ފަދަ ގޮތަކަށް ދިރިއުޅުން އަލުން ބައްޓަން ކުރަން ފުރުސަތު ލިބެއެވެ.

އޮސްޓްރޭލިޔާގައި މިފަދަ ބެލެނިވެރިންނަށް ދެވޭ އެހެން ހިދުމަތެއް ވެސް ވެއެވެ: ބެލެނިވެރިންނަށް އެހެނިހެން ބެލެނިވެރިންގެ ފަރާތުން ޓެލެފޯނުން ދެވޭ އިރުޝާދެވެ. މިފަދަ ހިދުމަތްތައް ދިނުމުގައި ވަޒީފާ އަދާކުރަނީ ދަރިން މަސްތުވާތަކެތި ބޭނުންކުރުމުގެ އަނދިރި ހަޔާތް ތަޖުރިބާ ކުރެވިފައިވާ މައިންބަފައިންނެވެ. ޕްރޮފެޝަނަލް ކައުންސެލިން ޓެލެފޯނުން ދޭއިރު ބޮޑަށް ސަމާލުކަން ދެނީ މަސްތުވާތަކެތީގެ މައްސަލައާމެދު ޕްރޮފެޝަނަލް ގޮތުން ކުރެވިދާނެ ކަންތައްތަކާއި ހޯދިދާނެ އެހީތަކާއި ހިދުމަތްތައް ކަމަށް ވާއިރު، ބެލެނިވެރިން އޮޕަރޭޓް ކުރާ މިފަދަ ޓެލެފޯން ކައުންސެލިން ދޭ ހިދުމަތްތަކުގެ ސަބަބުން ކަމުގެ ތަޖުރިބާ ލޮލުން ދެކެ އަތުން ހިފާފައިވާ ބެލެނިވެރިންގެ ކިބައިން ސީދާ ތަޖުރިބާގެ މައުލޫމާތު ހޯދައިގަތުމަށް އެހެން ބެލެނިވެރިންނަށް ފުރުސަތު ލިބެއެވެ. މަސްތުވާތަކެތި ދަރިއަކު ބޭނުންކުރުމުގެ ހިތި ތަޖުރިބާއަކުން މިފަދަ ބެލެނިވެރިއަކަށް ލިބޭނެ އެންމެ ބޮޑު ސިކުނޑީގެ ހިތްހަމަޖެހުމަކީ، ހަމަ މިފަދަ ތަޖުރިބާއެއްކޮށްފައިވާ އެހެން ބެލެނިވެރިއަކާ ސީދާ ބައްދަލުވެ، މައުލޫމާތު ހިއްސާ ކުރެވޭ ގޮތް ތަނަވަސްވެގެންދިއުމެވެ. (މިފަދަ ހިދުމަތެއް ދިވެހި ރާއްޖޭގައި ބޭނުން ނަމަ، މަސްތުވާތަކެއްޗާ ބެހޭ ގައުމީ ހޮޓްލައިން 1410 އާ ގުޅުއްވާށެވެ.)

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ގާތް މީހުންނަކީ، މިފަދަ ހުރިހާ ކަމަކުން ތިމާ ސަލާމަތްވެފައިވާ ކަމަށް ހީކޮށްގެން ހުއްޓާ، އެނގުމަކާ ގަސްދަކާ ނުލައި އެފަދަ ނާމާން ދުނިޔެއަކަށް ހަމަ ކުއްލިއަކަށް ހުށަހެޅިގެންދާ މީހުންނެވެ. މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމުގައި ހުރަސްތަކެއް މިހާރު ކުރިމަތިވެފައިވަނީ، ހިތާމައާއެކު ދަންނަވަން ޖެހޭ ގޮތުގައި، މީޑިއާއިން މިކަމާމެދު އާދަޔާހިލާފު ބިރެއް އާއްމު ރައްޔިތުންގެ ތެރޭގައި ފަތުރާފައި ވާތީއެވެ. އަދި ހަމަ މިފަދަ ކެމްޕޭންތައް، ބައެއް ތައުލީމީ އަދި މައުލޫމާތު ފެތުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުން ވެސް ކޮށްފައިވާތީ އެކަންވެސް ކުށްވެރި ކުރަން ޖެހެއެވެ. މިފަދަ ކެމްޕޭންތަކުގެ ނިޔަތަކީ މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުން ކަމަށްވީ ނަމަވެސް، އަދި މިފަދަ ކެމްޕޭންތައް ހިންގާ ޖަމާއަތްތަކުގެ ނިޔަތް ރަނގަޅު ނަމަވެސް، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ “އާދަޔާހިލާފަށް ނުބައި” ބައެއް ކަމަށް އާއްމުންގެ ސިކުނޑިތަކަށް ގަބޫލު ކުރެވިއްޖެއްޔާ، މިކަމުގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ މީހާ އިތުރަށް ބާކީވަމުން ގޮސް، އޭނާ ދާއިމީ ގޮތެއްގައި އެ ދުނިޔޭގައި ތާށިވެ، އޭނާ އެއްކޮށް އަހަރެމެންނަށް ގެއްލޭނީއެވެ. އެގޮތުން ސްކޫލްތައް ދޮށަށް ދާ ކޮންމެ ޒުވާނަކާމެދު މައިންބަފައިން ކަތިނަޒަރަކުން ބަލާހިސާބަށް މިހާރު ވަނީ ގޮސްފައެވެ. ނަމަވެސް ހަގީގަތަކަކީ، މަސްތުވާތަކެތީގެ ވިޔަފާރިވެރިންނަކީ ފޮރުވިގެން، މަސްތުވާތަކެތި ބޭނުންކުރާ މީހުންނާ ސީދާ ގުޅުމެއް ނުބަހައްޓާ، ވިޔަފާރި ކުރާ ބައެއް ކަމެވެ. އެހެންކަމުން މަސްތުވާތަކެތި ވިއްކުމަކަށް އެއްވެސް މީހަކު ސްކޫލްދޮށަށް ނުވަތަ ގޭދޮށަކަށް ނާންނާނެއެވެ. ގިނަ ޒުވާނުން މަސްތުވާތަކެތި ހޯދަނީ އެމީހުންގެ އެއްބަނޑުއެއްބަފާ ކުދިންނާއި ރައްޓެހިންގެ އަތުންނެވެ. އަދި އެކުދިން މަސްތުވާތަކެތި ބޭނުންކުރަމުން ގެންދިޔަ ނަމަވެސް، ބޭރުފުށުން އެކަހަލަ އެއްވެސް ނިޝާނެއް ފެންނަން ނުހުރެދާނެއެވެ. މިހެންވެ، ތިމާ އުޅޭ މުޖުތަމައެއްގައި މަސްތުވާތަކެތި ބޭނުންކުރާ ބައެއް މީހުން ފަޅާއެރުމުން ތިމާ ހައިރާންވެދާނެއެވެ. ސަބަބަކީ ގިނަ ފަހަރަށް އެކަން ކުރަމުން އަންނާނީ، ތިމާ ހީވެސް ނުކުރާ، “އެންމެ މަޑުން ހުންނަ” މީހާ އެވެ. އަހަރެންގެ އޮފީހަށް ވެސް އެއްފަހަރަކު މިކަހަލަ މީހަކު އައެވެ. ފެންނަ ފެނުމަށް އަހަރެން ފުރަތަމަ ހީކުރީ އެއީ ހަމަ “އާދައިގެ” މަންމައެއް ކަމަށެވެ. އޭނާއާ ވާހަކަ ދައްކާލުމުން އޭނާ ބުނީ އޭނާގެ 4 ކުދިން ތިބޭ ކަމަށާއި އޭގެ ތެރެއިން އެކަކަކީ އެތްލެޓިކްސް ޗެމްޕިއަނެއް ކަމަށާއި އަނެކަކަކީ މަޝްހޫރު އަމިއްލަ ޔުނިވަރސިޓީއަކުން ސްކޮލަރޝިޕެއް ލިބިފައިވާ ކުއްޖެއް ކަމަށެވެ. އޭނާ އަދި ބުނީ އޭނާއަކީ އޭނާގެ އެހެން ދަރިއެއް އުޅޭ ސްކޫލްގެ ބެލެނިވެރިންގެ ޖަމިއްޔާގެ ރައީސާ ކަމަށެވެ. ދެން އޭނާ ބުނީ އެންމެ ހީނުކުރާ ކަހަލަ ވާހަކައެވެ؛ އޭނާއަކީ އާއްމު ގޮތެއްގައި ހެރޮއިން އިންޖެކްޓް ކުރާ އަންހެނެއް ކަމަށެވެ.

ތަފާތު ރޮނގުރޮނގުން ދިރިއުޅުމުގައި އެތައް ކާމިޔާބީއެއް ހޯދާފައިވާ އެތައް ބަޔަކު، މަސްތުވާތަކެތީގެ ގާނޫނީ އިމުން ބޭރުވެފައިވާ ދުނިޔޭގައި ސިއްރިޔާތުގައި އުޅެމުންގެންދެއެވެ. މިހެންވެ، މީޑިއާއިން މިފަދަ މީހުން މަޝްހޫރު ކުރުމަށް ސަމާލުކަން ނުދޭތީ ހައިރާންވާކަށް ނުޖެހެއެވެ. ނަމަވެސް މަސްތުވާތަކެތި ބޭނުންކުރާ ކޮންމެ މީހަކީ “ޝައިތާނެއް” ކަމަށް މީޑިއާއިން ހަދަން އުޅުމުގެ ނުރައްކަލަކީ، މަސްތުވާތަކެތި ބޭނުން ކުރާ ދަރިއެއް އެބަހުރިކަން އެނގޭ ކޮންމެ މަޔަކަށް، ހުރިހާ ގޮތަކުން މާޔޫސްކަން ގެނެސްދޭނެ ނުރައްކާތެރި ކަމެކެވެ. ސަބަބަކީ “ޝައިތާނެ”އްގެ ސިފާގައި ފިޔަވާ އެމީހުންގެ ދަރިއާމެދު ދެން ދެކެވިދާނެ އެހެން ގޮތަކީ ކޮބައިކަން މިމުޖުތަމައަށް، އެބެލެނިވެރިންނަށް ބުނެދެވިފައި ނެތުމުންނެވެ. އެގޮތުން ތިމާގެ އަންހެން ދަރިފުޅު މިވަގުތު ބޭނުން ކުރަމުން ގެންދަނީ ޑެކްސަމްފެޓަމައިންއެއް ނަމަ، އަންނަ އަހަރު އޭނާ “އެޑްވާންސް”ވެގެން ގޮސް މަރުވާނީ ޕޭވްމަންޓް ނުވަތަ ދުވާރު މަތީގައި ހެރޮއިން އިންޖެކްޓްކޮށްގެން ކަމަށް ބައެއް ބެލެނިވެރިންނަށް ބިރު އުފެދިދާނެއެވެ. ތިމާގެ ފިރިހެން ދަރިފުޅަކީ މިއަދު ކެނެބިސް ނުވަތަ “ފަތް ބޯ” ނުވަތަ “ގަންޖާ ބޯ” މީހެއް ނަމަ، މާދަމާ އޭނާ ވާނީ މަގުމަތީގައި އާދަޔާ ހިލާފަށް ބާރަށް އެއްޗެހި ދުއްވާ، ދުއްވާ އެއްޗެހި ވަގަށް ނަގާ މީހަކަށް ކަމަށް ވެސް ހީވުން އެކަށީގެންވެއެވެ. މިގޮތަށް “އެޑްވާންސް”ވުމަކީ ނާދިރު ކަމެއް ނަމަވެސް ނުވާނެއެކޭ ނުބުނެވޭނެއެވެ. ގިނަ ފަހަރަށް މައިންބަފައިންނަށް ލިބެމުން އަންނަ ލަދާއި ވޭން ބޮޑުވުމުގެ ސަބަބުން މިކަހަލަ ކަންތައްތަކާ ކުރިމަތިލާއިރު ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ނަފުސާނީ ގޮތުން ހޯދޭނޭ ގޮތަކަށް މިކަމާ ކުރިމަތިލައެވެ. އެހެންކަމުން، “އަހަރެންގެ ދަރިފުޅު ދޭތެރެއަކުން އެކްސްޓަސީ ނަގާފާނެ، ނަމަވެސް އޭނާއަކީ ހެރޮއިންއަށް ދެވިހިފާފައިވާ ޑްރަގް އެޑިކްޓެއް ނޫން” ނުވަތަ “އަހަރެންގެ ދަރިފުޅު ބައެއް ފަހަރަށް ކެނެބިސް ބޮއިފާނެ، ނަމަވެސް އޭނާއަކީ އެއްވެސް އެއްޗެއް އިންޖެކްޓް ކުރާ މީހެއް ނޫން” މިފަދަ އިބާރާތްތައް އެމީހުންގެ ފަރާތުން އިވިދާނެއެވެ. ނަމަވެސް މީގެން ދޭހަވަނީ އެމީހުންގެ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބެން ބޭނުންވާ ކަމެވެ. މަސްތުވާތަކެތީގެ ނުރައްކަލާމެދު އެމީހުން އެމީހުންގެ ދަރިންގެ ގާތުގައި އެކި ގޮތްގޮތުން ވާހަކަ ދައްކާފައި، އެވަރުން ވެސް އެ ދަރިން އެކުދިން ދާން ބޭނުންވި ދުނިޔެއަށް ދިއުމުން، ދަރިންގެ މައްޗަށް އޮތް ބާރު ގެއްލިއްޖެކަން އިހުސާސް ކުރެވިފައިވާ ބެލެނިވެރިން ކަމަށްވާތީއެވެ. މާޒީގައި ކެނެބިސްގެ ނަންގަންނަން ވެސް ބިރުގަތް މައިންބަފައިން މިއަދު އެވަނީ އެމީހުންގެ ދަރިން ކެނެބިސް ބުޔަސް ހެޔޮވެ، އެއަށް ވުރެ ބާރުގަދަ އެއްޗެއް ދަރިފުޅު ބޭނުން ނުކުރާ ނަމަ، ވަރިހަމަވެފައެވެ. ނަމަވެސް މިކަމުން ނުކުމެދާނެ އިތުރު މައްސަލައަކީ، މިސާލަކަށް ދަރިފުޅު ބާރުގަދަ މަސްތުވާތަކެއްޗަކަށް “އެޑްވާންސް”ވެއްޖެ ނަމަ، އޭގެ ސަބަބުން ބެލެނިވެރިން ދެން އިތުރަށް އެކަނިވެގެންދާނެ މިންވަރެވެ.

މިހުރިހާ ކަމަކުން ފާހަގަ ކޮށްލަން ޖެހޭ ނުކުތާއަކީ، ކޮންމެ ބާވަތެއްގެ މަސްތުވާތަކެއްޗެއް ބޭނުން ކުރިއަސް، އެއީ ބާރު ދެރަ އެއްޗަކަސް ނޫނީ ބާރުގަދަ އެއްޗެއް ވިޔަސް، އޭގެ ސަބަބުން މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެވެ. މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރެއިން ގާނޫނީ ގޮތުން ހުއްދަ ކުރެވިފައިވާ ބާވަތްތައް، މިސާލަކަށް، ދުންފަތާއި ބަނގުރާގެ ސަބަބުން މަރުވާ މީހުންގެ އަދަދު، މަސްތުވާތަކެތީގެ ތެރެއިން ގާނޫނީ ގޮތުން މަނާ ކުރެވިފައިވާ އެހެން ހުރިހާ ތަކެތި ބޭނުންކޮށްގެން މަރުވާ މީހުންގެ އަދަދަށް ވުރެ، މާ ގިނައެވެ. އެހެންކަމުން، މީހާ ބޭނުން ކުރަނީ ބާރުދެރަ ނުވަތަ ބާރުގަދަ މަސްތުވާއެއްޗެއްތޯ ބެލުމަކީ މުހިންމު ކަމެއް ނޫނެވެ. މުހިންމީ މިއިން އެއްވެސް ބާވަތެއްގެ އެއްޗެއް ބޭނުންކުރުމުން ދިމާވެދާނެ މައްސަލަތަކާ ކެރިގެން ކުރިމަތިލުމެވެ. (ނުނިމޭ)

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.