މަސްތުވާތަކެއްޗާ ކުރިމަތިލުން: ބެލެނިވެރިންނަށް މަގެއް – 8 ވަނަ ބާބު

 drug

ހަތްވަނަ ބާބު

އަށްވަނަ ބާބު: އިތުރު ހިޔާލުތައް

މީގެ އެތައް އަހަރުތަކެއް ކުރިން އަހަރެންގެ ފިރިހެން ދަރިފުޅު ހެރޮއިން ބޭނުންކުރާ ކަމަށް އޭނާ ބުނި ފުރަތަމަ ފަހަރު، އަހަރެންނަށް ބުނެވުނީ މިފަދަ ދަނޑިވަޅެއްގައި އެހެންވެސް މައިންބަފައިންނަށް ބުނެވޭހެންނެވެ: “އަހަރެން ބޭނުން ދަރިފުޅު އަހަރެން ގާތު ވައުދުވާން އެކަން ދެން ދުވަހަކުވެސް ނުކުރާނެ ކަމަށް.” މިއީ ކަމެއް ކޮންޓްރޯލުން ނެއްޓުނީމާ، އަލުން އަނބުރާ އެ ކޮންޓްރޯލް ހޯދުމަށްޓަކައި މީހަކު ބުނާނެ އާއްމު އެއްޗެވެ. އަހަރެން ބޭނުންވީ އެ ނުބައި ހުވަފެން ނިމުމަކަށް އަންނާށެވެ. ދަރިފުޅު އެވަނީ ވަރަށް ސީރިއަސް ހާލަތަކަށް ގޮސްފައި ކަމަށް ވާތީ އަހަރެން ބޭނުންވީ ވަގުތުން އެކަމުން ބަރީއަވާށެވެ. އަހަރެންނަށް މުހިންމު ކަންތައްތަކުގައި މާޒީގައި ދަރިފުޅު ވަނީ ކިޔަމަންތެރިކަން ދައްކައިފައެވެ. އެހެންކަމުން މަސްތުވާތަކެތިން ދުރުގައި ހުރުމަކީ ވެސް އަހަރެންނަށް ވަރަށް މުހިންމު ކަމެކެވެ. ދަރިފުޅު ދިން ޖަވާބަކީ: “އަހަރެންނަށް ނުފުއްދޭ ވަރުގެ ވައުދެއް އަހަރެންނެއް ނުވާނަން.” ދެބަފައިންގެ ދެމެދުގައި އެޅިފައިވާ އިން ކޮންމެވެސް ގޮތަކަށް ހުރަސް ކުރެވިއްޖެކަން އަހަރެންނަށް ރޭކާލީ އެ ދަނޑިވަޅެވެ. އަހަރެންނަށް ގަދަރާއި އިހުތިރާމް ކުރުމަށް ދަރިފުޅު ކުރިން ނުހަނު ހުށިޔާރެވެ. އަދި މިހެންވެ އަހަރެން ގަބޫލުކުރަމުން އައީ އަހަރެމެން ދެބަފައިންގެ ދެމެދުގައި ނުހަނު ވަރުގަދަ ގުޅުމެއް އޮތް ކަމަށެވެ. އަހަރެން އޭނާގެ ގާތުން އެދުނު އެ ކަމަކީ، އަހަރެންނަށް ކިހާ މުހިންމު ކަމެއް ކަން، އޭނާ އަށް އެނގެއެވެ. ނަމަވެސް އޭނާ މިފަހަރު އަހަރެންގެ އެ އެދުމަށް ތަބާވާން ދެކޮޅު ހެދީއެވެ. ނަމަވެސް އޭނާ ތެދުތެދަށް ސީދާހިތުން ވާހަކަ ދެއްކުމުން އަހަރެން އުފާވިއެވެ. އެކަމަކު އަހަރެންގެ ޝައުގުވެރިކަން ދެން ބޮޑުވީ އޭނާއަށް އެ ވަދެވުނު “ބާރުގަދަ” ދުނިޔޭގެ ހަގީގަތްތައް ހޯދުމަށެވެ. އެގޮތުން މިފޮތުގައި މި ހިމަނާލީ ވޭތުވެދިޔަ 12 އަހަރުގެ ތެރޭގައި އަހަރެންނަށް ކުރެވުނު ތަޖުރިބާތަކުގެ ހުލާސާއެކެވެ. މިހެންވެ އަހަރެން އުއްމީދު ކުރަނީ، މި ފޮތުގައިވާ މައުލޫމާތުތައް، އަހަރެން ތަޖުރިބާ ކުރި ކަހަލަ ކަމެއް މިހާރު ތަޖުރިބާ ކުރަމުންދާ، ނުވަތަ ކުރިމަގުގައި ތަޖުރިބާ ކުރަން ޖެހިދާނެ ކަމަށް ހީވާ ބެލެނިވެރިންނަށް، މުހިންމު މައުލޫމާތުތަކެއް ކަމަށް ވާނެ ކަމަށެވެ.

އަހަރެންގެ ފިރިހެން ދަރިފުޅަށް ފަހުން ވީ ކިހިނެތް ހެއްޔެވެ؟ މިއަދު ހުދު އޭނާއަކީ ވެސް ބައްޕައެކެވެ. އަދި ވަރަށް ވެސް ރަނގަޅު ބައްޕައެކެވެ. ދާދި ފަހުން އޭނާ ޕާރތްއަށް އައެވެ. އަދި އާދައިގެ މަތިން އަހަރެމެން ދެމީހުން ދެމީހުންގެ ދެމެދުގައި ހަބަރުދަބަރު ބަދަލު ކުރުމަށް އެކުގައި ހިނގާލަން ނުކުތީމެވެ. މިފަހަރު އަހަރެން ގަސްދުގައި ދިޔައީ އަހަރެން ދާން ނިންމި ތަނަށެވެ. އަހަރެމެން ދިޔައީ، އޭނާ ހެރޮއިން އިންޖެކްޓް ކުރާ ކަމަށް ފުރަތަމަ ބުނި ވަގުތު އަހަރެމެން ތިބި ޕަބަށެވެ. ހީވީ އެއީ ހަމަ އެހަށް ދުވަހަކު ހިނގި ކަމެއް ހެންނެވެ. ނަމަވެސް މިހާރު އޭގެ ފަހުން 12 އަހަރު ވެއްޖެ ކަމެވެ. ކުރިން އެ ޕަބަކީ ދަށް ފަންތީގެ މީހުންނަށް ހަދާފައިވާ ތަނެއް ނަމަވެސް މިއަދު އެތަން ވަނީ މަހުގެ ކެއުންތައް ފޯރުކޮށްދޭ ވަރަށް އަގުބޮޑު ރެސްޓޯރަންޓަކަށް، ބާއަކާއެކު، ބަދަލުކޮށްފައެވެ. ހެރޮއިން އިންޖެކްޓް ކުރާ ކަމަށް ބުނެ އަހަރެންގެ ދުނިޔެ އެފުށްމިފުށަށް އަހަރެންގެ ފިރިހެން ދަރިފުޅު ޖަހާލި ހިނދު އަހަރެން އޭނާއަށް ބުނި ވާހަކަ މިހާރު ވެސް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ހެރޮއިން އިންޖެކްޓް ކުރާ ނަމަ، ދަރިފުޅު މަރުވެދާނެ ކަމަށް ބައްޕަ ބިރުގަންނަ ކަމަށެވެ. އަހަރެން އެދުވަހު ބުނީ މީގެ 10 އަހަރު ފަހުން ހަމަ މި ޕަބަށް އައިސް ހަމަ މި ގޮތަށް ދަރިފުޅާއެކު އާދައިގެމަތިން ރާތައްޓެއް ބޯލާން ބޭނުން ކަމަށެވެ. މަސްތުވާތަކެތިން ދަރިފުޅު ދުރުވެހުރި ހާލުގައެވެ. އެ ހުވަފެން ކާމިޔާބުވާން ނެގީ 12 އަހަރެވެ. 10 އަހަރެއް ނޫނެވެ.

އޭނާ މިހާރު ވެސް ހެރޮއިން ބޭނުން ކުރޭ ބާވައޭ ތިޔައިން ބޭފުޅަކު ހިތަށް އަރާފާނެއެވެ. މި ދާއިރާގައި އަހަރެންނަށް ކުރެވުނު ތަޖުރިބާތަކުގެ އަލީގައި އަހަރެންނަށް އެނގުނީ އެހެން މީހެއްގެ މަސްތުވާތަކެތީގެ ބޭނުން ކުރުމާއި ނުކުރުމުގެ އާދައާމެދު އަހަރެންނަކަށް ވާހަކަ ދެއްކޭކަށް ނޯންނާނެ ކަމެވެ. ސަބަބަކީ އަހަރެން މި ކަމަށް އެއްޗެއް ބުނެފި ނަމަ، ތިޔަ ބޭފުޅާ ހިތަށް އަރާފާނެއެވެ: “އޭނާ އަށް ފަހެ އެނގުނީ ކިހިނަކުން ހެއްޔެވެ؟” ތިޔަ ހީކުރީ ރަނގަޅަށެވެ. އަހަރެންނަށް ލިޔެވޭނީ އަހަރެންނަށް އެނގޭ ކަމެއް އެކަންޏެވެ. އަހަރެންނަށް އެނގޭ ކަމަކީ އަހަރެމެން ދެމީހުން އެދުވަހު އެޕަބުން ބައްދަލުވީ ކަމާއި އޭނާ މިހާރު ވެސް ދުޅަހެޔޮކޮށް ދިރިހުރި ކަމެވެ.

ބައްޕައެއްގެ ގޮތުންނާއި ބެލެނިވެރިއެއްގެ ހައިސިއްޔަތުންނާއި ކައުންސެލަރެއްގެ ރޯލުގައި އަހަރެންނަށް ފުރިހަމަ ކުރެވުނީ ކޮން ކަމެއް ހެއްޔެވެ؟ މިއަށް އޮތް ޖަވާބު ވަރަށް ސީދާސާދާއެވެ. އަހަރެންނަށް އަހަރެންގެ ދަރިފުޅު ގާތުގައި ވެވޭނީ ބެލެނިވެރިއަކަށެވެ. އެނޫން އެއްޗަކަށް ދުވަހަކުވެސް ނުވެވޭނެއެވެ.

އެހެންކަމުން، ޕްރޮފެޝަނަލް ކައުންސެލަރަކު އޭނާގެ ކްލަޔަންޓާ ބަހައްޓަން ޖެހޭ ދުރުމިން، ބެލެނިވެރިއަކަށް ވާތީ އަހަރެންނަކަށް އަހަރެންގެ ދަރިފުޅާ ދެމެދު ނުބޭއްވެއެވެ. އަހަރެން މިފޮތުގައި ލިޔުނު ހުރިހާ ވާހަކައަކީ އަހަރެން ގަބޫލު ކުރާ އެއްޗެކެވެ. އަދި ކައުންސެލަރެއްގެ ގޮތުން އަހަރެން ގަބޫލު ކުރާ ކަންތައްތައް، އަހަރެން އަހަރެންގެ ދަރިފުޅާ ދޭތެރޭ ކުރެވޭ މުއާމަލާތްތަކަށް ނުފޫޒު ފޯރުވައެވެ. މިހެންވެ، އަހަރެންނަށް ދުވަހަކު ވެސް އަހަރެންގެ އަމިއްލަ ދަރިފުޅުގެ ކައުންސެލަރަކަށް ނުވެވޭނެއެވެ. އަދި ވާކަށް މަސައްކަތެއް ވެސް ނުކުރަމެވެ. ސަބަބަކީ އެހެނިހެން ބެލެނިވެރިން ފަދައިން އަހަރެންގެ އަމިއްލަ ދަރިއެއް އެކަންތައް ކުރަންޏާ އަހަރެންނަށް ހަމައެކަނި ކުރެވޭނެ ކަމަކީ “ތި ކަންތައް ދެން ނުކުރައްޗޭ” ކިޔާފައި ނަސޭހަތް ދިނުން ނޫން ކަމެއް ނޫނެވެ.

އަހަރެން ފަދައިން ތިޔަ ފަރާތަކީ ވެސް މި “އާ ދުނިޔެ”އަށް ވަންނަން ޖެހިފައިވާ މީހެއް ނަމަ، އަމިއްލަ ނަފުސާމެދު ވެސް އާ ކަންތައްތަކެއް ދަސްވާން ތައްޔާރުވެ ހުށިޔާރުވެ ހުންނާށެވެ. އެހެން މީހަކު މަސްތުވާތަކެތި ބޭނުންކުރުމާ ދެކޮޅަށް އެއްޗެއް ބުނާ ނަމަ، މަސްތުވާތަކެތީގެ ބަދަލުގައި އޮތް އެހެން މަގުތަކަކީ ކޮބައިކަން ހާމަކުރާށެވެ. މުޖުތަމައު މިއަދު މި ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ކުރިން އަހަރެމެންގެ މުޖުތަމައުގެ ބިންގާ ކަމަށްވާ ދީން މިއަދު ވަނީ ވަރަށް ބޮޑަށް އެކަހެރިވެ، އޭގެ ބަދަލުގައި ދިރިއުޅޭނެ އެހެން މަގުތައް ގިނަ މީހުން ހިޔާރުކޮށްފައެވެ. އަދި ދީން ނެތުމުން މި ހުސްވި ތަން ފުރާލާނެ އިތުރު މާ ގިނަ ގޮތްތަކެއް ވެސް ނެތެވެ. ވަގުތު ހުސްކޮށްލުމަށް އެކިއެކި ހޮބީތަކާއި ހަރަކާތްތަކުގައި ބައިވެރިވިއަސް މިއިން ގިނަ ކަންތައްތަކަކީ ރޫހީ ގޮތުންނާއި ރޫހާނީ ގޮތުން މީހާއަށް ދިރިއުޅުމުގެ ހަގީގީ ހިތްހަމަޖެހުމާއި އުއްމީދު ލިއްބައިދޭ ކަންތައްތަކެއް ނޫނެވެ. މިސާލަކަށް، ރާޅާއަޅާ މީހަކަށް އެ ކަމަކީ އާދަޔާހިލާފު އުފަލެއް ލިއްބައިދޭ ކަމަކަށް ވެދާނެއެވެ، ނަމަވެސް އެއީ ހަމައެކަނި މީހާ ދިރިހުރުމަށް ފުދޭ މަގުސަދެއް ހެއްޔެވެ؟ މަސްތުވާތަކެއްޗާ ބެހޭ މައްސަލައާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމުން މީހާގެ ސިކުނޑި ތަނަވަސް ވެދާނެއެވެ. ނަމަވެސް މި ކަމުން އަނެއްކާވެސް އިތުރު ސުވާލުތަކަކަށް ވާސިލުވާގޮތްވެއެވެ. އެގޮތުން މަސްތުވާތަކެތީގެ ދުނިޔެއަކީ ދުނިޔޭގައި މިހާރު ފެތުރިފައިވާ މާއްދިއްޔަތަށް ގޮންޖެހުމަށް އުފެދުނު ދުނިޔެއެއް ކަމެވެ. އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ބޮޑުކޮށްފައިވަނީ މަސައްކަތްކޮށްގެން ފައިސާ ހޯދުން ނޫން މަގުސަދެއް ދަސްކޮށް ނުދީއެވެ. ފައިސާ ހޯދައިގެން އަހަރެމެން ގެއާއި އަންނައުނާއި ދުއްވާއެއްޗެހި ގަނެ އަދި ޗުއްޓީގައި އެހެން ގައުމުތަކަށް ދަނީއެވެ. މި ހުރިހާ ގޮތަކަށް އަހަރެމެން އުޅޭއިރުވެސް އަހަރެމެންނަށް އިހުސާސް ކުރެވެނީ ހަގީގަތުގައި އެތެރެއިން އަހަރެމެން އުފާ ނުވާ ކަމެވެ. މިސާލަކަށް، ފަގީރު ވިއެޓްނާމްގައި ކުރޮޅިއެއް ދުއްވައިގެން އާމްދަނީ ހޯދައިގެން އަންބަކާއި ތިން ދަރިންނާއި އަދި މުސްކުޅި މައިންބަފައިން ވެސް ބަލަމުން އަންނަ، ގަރާޖެއްހާ ކުޑަ ޖިފުޓިގަނޑެއްގައި ދިރިއުޅޭ މީހާ އަށް ވެސް، އަހަރެމެން ހުޅަނގުގެ މާއްދީ ގޮތުން މުއްސަނދި މީހަކަށް ވުރެ، ހިތްހަމަޖެހުމާއި އުފާވެރިކަން މާ ބޮޑަށް އިހުސާސް ކުރެވެއެވެ.

އަހަރެމެން މައިންބަފައިން ކަނޑައަޅާފައިވާ ހަޔާތުގެ ލަނޑުދަނޑިތަކަށް ގިނަ ފަހަރަށް އަހަރެމެންގެ ދަރިން ގޮންޖަހައެވެ. މާއްދިއްޔަތުން އަހަރެމެންނަށް އުފާވެރިކަން ގެނެސްދީފި ކަމަށް އެއްބަސްވެވޭނީ ހަގީގަތުގައި ވެސް ކިތައް މީހުންނަށް ބާވައެވެ؟ މަސްތުވާތަކެތީގައި ހުންނަ ސިފަތަކުގެ ތެރެއިން އެއް ސިފައަކަށް، އެ ބޭނުންކުރާ މީހަކަށް އާދަޔާ ހިލާފު ބޮޑު އުފާވެރިކަމެއް އޭގެން އިހުސާސް ކުރުވައިދޭކަމީ، ކަށަވަރު ވެގެންވާ ކަމެކެވެ. އެހެންކަމުން މިފަދަ އާދަޔާ ހިލާފު އުފާވެރިކަމަކާ ދެކޮޅަށް އަހަރެމެން ކެމްޕޭން ކުރާ ނަމަ، މިއާ އެއްވަރުގެ ނުވަތަ މިއަށްވުރެ ވެސް ހިތްހަމަޖެހުން ގެނެސްދޭ މަގުތަކެއް ދައްކަން ޖެހެއެވެ. އެހެންކަމުން، މަސްތުވާތަކެއްޗާއި އޭގެން ލިބޭ އުފަލުގެ ދުނިޔެއާ ބެހޭ ގޮތުން އެނގެން ބޭނުން ނަމަ، ފުރަތަމައިން ވެސް ޖެހޭނީ ތިމާގެ އަމިއްލަ ވިސްނުންތަކާއި ދެކޭ ގޮތްތައް ބަދަލު ކުރާށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ “ހަނގުރާމާ”ގައި، ކާމިޔާބު ލިބޭ މިންވަރަކީ ކޮބައިތޯ ވަރަށް ގިނައިން ސުވާލު ކުރެވެއެވެ. އެގޮތުން ކިތައް މީހުންނަށް މި ބަލިން “ޝިފާ ލިބިއްޖެ”ތޯއެވެ؟ ކިތައް މީހުން މި އާދަ ހުއްޓާލައިފިތޯއެވެ؟ ނަމަވެސް ލިބެން ހުރި ޖަވާބުތައް އެހާ ސާފެއް ނޫނެވެ. ފުރަތަމަ ކަމަކަށް “ކާމިޔާބު” މި ބަހުގެ މާނައާމެދު ވެސް އެންމެންގެ މެދުގައި އެއްބަސްވުމަކަށް އަންނަން ޖެހެއެވެ. މިސާލަކަށް، މީހަކު ހެރޮއިން ބޭނުން ކުރުން ހުއްޓާލާފައި، އޭގެ ބަދަލުގައި ދުންފަތަށް ދެވިހިފުމަކީ މަސްތުވާތަކެއްޗާ ދެކޮޅަށް ލިބޭ ކާމިޔާބެއް ބާވައެވެ؟ ހެރޮއިން ބޭނުންކުރުން ހުއްޓާލުމުން ކުށްކުރުމާއި އޯވަޑޯޒްވެގެން މަރުވުމުގެ ފުރުސަތު ކުޑަވެދާނެއެވެ، ނަމަވެސް އަނެއްކޮޅުން ދުންފަތުގެ އިސްތިއުމާލު ކުރަން ފަށައިފި ނަމަ، އެ ބޭނުންކުރާ މީހާއަށް އަނެއްކާވެސް އާހިރުގައި ޖެހެނީ ސިއްހީ ތަފާތު ބަލިތަކާ ކުރިމަތިލައި، މަރާ ހަނގުރާމަ ކުރާށެވެ. އޮސްޓްރޭލިޔާގައި ހެރޮއިން ބޭނުންކޮށްގެން މަރުވާ މީހުންގެ އަދަދަށް ވުރެ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން މަރުވާ މީހުންގެ އަދަދު މާ ގިނައެވެ. ދެން އެހެން މިސާލެއް ނަގާ ނަމަ، އެމްފެޓަމައިން ބޭނުން ކުރުން 4 ވަރަކަށް އަހަރު މެދުކެނޑިފައި އެއަށް އަލުން އެނބުރި ރުޖޫއަވުމަކީ ކޮން ކަހަލަ ކަމެއް ބާވައެވެ؟ މިއީ ފެއިލިވުމެއް ބާވައެވެ؟ ނޫން ނަމަ 4 ވަރަކަށް އަހަރު އެ ބޭނުން ނުކޮށް ހުރުން އެއީ ވެސް ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ކަމަށް ބެލެވިދާނެ ބާވައެވެ؟

މަސްތުވާތަކެއްޗާ ދެކޮޅަށް ދެވޭ ތަފާތު ފަރުވާތަކަކީ ކަށަވަރު ފަރުވާތަކެއް ކަމަށް ނުވިޔަސް، އެ ފަރުވާތައް ހޯދާފައިވާ ނިސްބަތުން ގިނަ އަދަދެއްގެ މީހުން ވަނީ މަސްތުވާތަކެއްޗާ ދުރުވެފައިވާ އުފާވެރި ދުނިޔެއަކަށް އެނބުރި ރުޖޫއަވެފައެވެ. މިހެން ވުމުން، މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ ކެމްޕޭން ކުރިއަށް ގެންދިއުމަށް އިތުރު ހިތްވަރަކަށް ވެއެވެ.

އަމާޒުތަކާއި ލަނޑުދަނޑިތައް ކަނޑައެޅުމަށް އާދަވެފައިވާ ބަޔަކު އުޅޭ ދުނިޔޭގައި އަހަރެންގެ އެދުމަކީ ކޮބައި ހެއްޔެވެ؟ އަހަރެންގެ އެދުމަށް އަދިވެސް ބަދަލެއް ނާދެއެވެ: އަހަރެން ބޭނުންވަނީ އަނެއްކާވެސް 10 އަހަރުގެ ތެރޭގައި އަހަރެންގެ ފިރިހެން ދަރިފުޅާ އަލުން ހަމަ އެ ޕަބުގައި ބައްދަލުވެ، އާދައިގެ މަތިން އޭނާއާއެކު “އިޖުތިމާއީ ރާތައްޓެއް” ބޯލެވޭނެ ދުވަހަކަށެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.