މަސްތުވާތަކެއްޗާ ކުރިމަތިލުން: ބެލެނިވެރިންނަށް މަގެއް – 9 ވަނަ ބާބު (ފަހު ބާބު)

drug

އަށްވަނަ ބާބު

ނުވަވަނަ ބާބު (ފަހު ބާބު): މަސްތުވާތަކެއްޗާ ބެހޭ ބައެއް އާއްމު މައުލޫމާތު

މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލައާ ގުޅޭ ގޮތުން އަހަރެމެން އަހަރެމެންގެ ދަރިންނާ ގިނަ ފަހަރަށް މަޝްވަރާ ކުރަމެވެ. އަދި އަހަރެމެންނަށް ގިނަ ފަހަރަށް ގަބޫލު ކުރެވެނީ މިކަމާ ގުޅޭ ގޮތުން މައިންބަފައިންނަށް ވުރެ ދަރިންނަށް މާބޮޑަށް އެނގޭނެ ކަމަށެވެ. ބައެއް މައިންބަފައިންނަށް ވުރެ ބޮޑަށް ދަރިންނަށް މަސްތުވާތަކެތީގެ ދުނިޔޭގައި މާގިނަ ތަޖުރިބާ ކުރެވިފައި ހުރެދާނެއެވެ. ނަމަވެސް މީގެ މާނައަކީ ދަރިފުޅަށް ފޯރާފައިވާ ހުރިހާ މައުލޫމާތަކީ އެންމެ ސައްހަ މައުލޫމާތަށް ނުވެދާނެ ކަމެވެ. މަސްތުވާތަކެއްޗާ ބެހޭ ގޮތުން ތެދު މައުލޫމާތު ހޯދުމަކީ ބެލެނިވެރިންނަށް މަޖުބޫރު ކަމެކެވެ. އެކަމާ ގުޅޭ ގޮތުން ދަރިން ގަބޫލު ކުރާ ނުރަނގަޅު މައުލޫމާތުތަކަށް ގޮންޖެހުމަށްޓަކައެވެ. މި ބާބުގައި މަސައްކަތްކޮށްފައިވާނީ، އާއްމު ގޮތެއްގައި ލިބެން ހުންނަ، ގާނޫނީ ގޮތުން މަނާ މަސްތުވާތަކެއްޗާ ބެހޭ ގޮތުން ބައެއް އާއްމު މައުލޫމާތު ގެނެސްދިނުމަށެވެ.

ޑްރަގް ނުވަތަ މަސްތުވާއެއްޗެއް އެއީ ކޮން އެއްޗެއްބާވައެވެ؟

“… ސައިކޯއެކްޓިވް ޑްރަގްސް ނުވަތަ ނަފުސާނީ ބަދަލުތައް ގެނުވާ މަސްތުވާތަކެއްޗަކީ އިންސާނާގެ މައި ނާރުގެ ވިއުގައަށް ނުފޫޒު ފޯރުވާ، މީހާގެ މޫޑަށާއި ވިސްނުމަށާއި އުޅުމަށް ބަދަލުގެންނަ ތަކެއްޗެވެ.” – (ރައިޑަރ، ސެމަން އެންޑް ވޯކަރ، 2001، ޑްރަގް ޔޫޒް އެންޑް ޑްރަގް ރިލޭޓަޑް ހާރމް: އަ ޑެލިކޭޓް ބެލަންސް، ސަފުހާ 9.)

މިހެންވެ، ހެރޮއިން، އެމްފެޓަމައިން، އަދި ކެނެބިސްގެ އިތުރުން، މިފަދަ ތަކެތީގެ ތެރޭގައި ބަނގުރާ، ދުންފަތް، ކެފެއިން އަދި  ޑޮކްޓަރީ ބޭސް ވެސް ހިމެނެއެވެ.

މަސްތުވާތަކެތި ބަހާލެވިފައިވާ ގޮތް

މަސްތުވާތަކެތި 3 ބަޔަކަށް ބެހިގެންވެއެވެ:

ސްޓިމިއުލަންޓް ނުވަތަ މޫޑަށް ބަދަލު ގެނުވާ ތަކެތި، މިސާލަކަށް، އެމްފެޓަމައިން

ޑިޕްރެސެންޓް ނުވަތަ ސްޓްރެސް ފިލުވުމަށް ބޭނުން ކުރާ ތަކެތި، މިސާލަކަށް، ހެރޮއިން

ހެލޫސިނޮޖެން ނުވަތަ “ނެތް އެއްޗެހި ފެންނަ” ކަމަށް އިހުސާސް ކުރެވޭ ޒާތުގެ ތަކެތި، މިސާލަކަށް، އެލް.އެސް.ޑީ

ބައެއް މަސްތުވާތަކެއްޗަކީ މި 3 ބަޔަށް އެހާ ފަސޭހައިން ފައްތާލެވޭނެ އެއްޗެއްސެއް ނޫނެވެ. ނަމަވެސް މި 3 ބައިން، އާދައިގެ ގޮތެއްގައި މަސްތުވާތަކެތީގެ ބާވަތްތައް ދެނެގަތުމަށް ފަސޭހަވެއެވެ.

މަސްތުވާތަކެތި މަސައްކަތް ކުރަނީ ކިހިނެތް؟

ސައިކޯއެކްޓިވް ޑްރަގްސް ނުވަތަ ނަފުސާނީ ގޮތުންނާއި އަދި މީހާގެ އިހުސާސްތަކާއި ވިސްނުމަށް ބަދަލު ގެނުވާ މަސްތުވާތަކެތި މަސައްކަތް ކުރަނީ، ސިކުނޑީގައި އެއް ނާރުން އަނެއް ނާރަށް ކެމިކަލް މާއްދާގެ ޒަރީއާއިން މެސެޖް ރައްދު ކުރާ ނިއުރޯޓްރާންސްމިޓަރުތަކާ “ކުޅެގެން”ނެވެ. އެގޮތުން މިފަދަ މަސްތުވާތަކެތި ބޭނުންކުރުމުން މި ނިއުރޯޓްރާންސްމިޓަރުތަކުން ޑޮޕެމައިން، ނޮރެޕިނެފްރިން އަދި ސެރޮޓޯނިން ފަދަ ކެމިކަލް މާއްދާތައް ސިކުނޑީގައި އުފައްދައެވެ. އަދި މި ކެމިކަލްތައް ސިކުނޑީގައި ވަކިހިއްޕާލައި ހިސާބުތަކުގެ ސަބަބުން މީހާގެ މޫޑަށާއި ހަރަކާތްތަކަށް ބަދަލު ގެނުވައެވެ.

އެހެންކަމުން، މީހަކަށް ޑޮކްޓަރީ ބޭހެއް ދޭއިރު ވެސް އެ ދޭންވާނީ ޕްރޮފެޝަނަލް ސިއްހީ ހިދުމަތްތެރިއެއްގެ ބެލުމުގެ ދަށުންނެވެ. އެ ދެވޭ މީހާގެ ހަށިގަނޑަށް އެ “މަސްތުވާތަކެތި” ވަންނަނީ ކިހާ މިންވަރަކަށްތޯ މޮނިޓަރ ކުރުމަށްޓަކައެވެ. އެގޮތުން ބޭސް ދެވޭ ތަފާތު ގޮތްތަކަކީ:

އޯރަލް ނުވަތަ އަނގައިން ދިރުވާލުން

ސިރިންޖު ކަށިން ހަށިގަނޑަށް އިންޖެކްޓް ކުރުން

ނޭވާއިން އެތެރެއަށް ދަމައިގެން (މިސާލަކަށް ދުންފަތް ބޯ ގޮތަށް)

ވަސްބެލުން / ނޯށަށް އެރުވުން

ފުރަގަސްފަރާތު ދޮރުން އެރުވުން

ޓޮޕިކަލް ނުވަތަ ހަމުގައި އުނގުޅައިގެން

ސަބްލިންގުއަލް ނުވަތަ ދުލުގެ ދަށަށް ލައިގެން “ބޮއިގެން”

މަސްތުވާއެއްޗެއްގެ އަސަރު ހަށިގަނޑަށް އެންމެ އަވަހަށް ފޯރާނީ އިންޖެކްޓް ކޮށްގެންނާއި ނޭވާލުމުގެ ޒަރީއާއިން އެތެރެކޮށްގެންނެވެ. އަދި ވަސްގަތުމާއި ނޯށަށް އެރުވުމަކީ ވެސް އެހާމެ އަވަހަށް އޭގެ އަސަރުތައް ފެންނަން ފަށާ ކަމެކެވެ. އަނގައިން ދިރުވާލައިގެން ބޭނުންކުރާ މަސްތުވާތަކެތީގެ އަސަރު ފެންނަން ފަށާނީ އޭގެ ބާވަތުންނާއި (މިސާލަކަށް، މަސްތުވާ ދިޔާއެއްޗެއް، ބޭސްގުޅައެއް) ބަނޑުގައި އެވަގުތު ހަޖަމުވަމުންދާ އެއްޗެއްގެ ގޮތުންނެވެ. ފުރަގަސްފަރާތުދޮރުން ވައްދައިގެން ބޭނުން ކުރާ މަސްތުވާތަކެތީގެ ބާވަތްތަކުގެ އަސަރު ކުރަން ގިނަ އިރުތަކެއް ނަގައެވެ. ހަމަ އެފަދައިން ހަމުގައި އުނގުޅައިގެން ބޭނުން ކުރާ މަސްތުވާ އެއްޗެއްގެ އަސަރު ހަށިގަނޑަށް ފޯރުމަށް އެތައް ދުވަހެއް ނަގާފާނެއެވެ.

މަސްތުވާތަކެތީގެ އާއްމު ބާވަތްތަކަށް ނަޒަރު ހިންގާލުމުގެ ކުރިން، މި ކަމާ ގުޅޭ ބައެއް އެހެން ކަންތައްތަކަށް މި ދަނޑިވަޅުގައި ބަލައިލުން މުހިންމެވެ.

އެޑިކްޝަން ނުވަތަ ދެވިހިފުން

ކައުންސެލަރުން ގާތުގައި އެންމެ ގިނައިން ކުރެވޭ އެއް ސުވާލަކީ “މިވެނި މަސްތުވާއެއްޗަކީ ދެވިހިފާ ޒާތުގެ އެއްޗެއް ހެއްޔެވެ؟” މިއީ ވަރަށް ބޮޑު ދާއިރާއަކާމެދު ކުރެވޭ ކުޑަކުޑަ ސުވާލެކެވެ. ކުރިން ވެސް ބުނި ފަދައިން މަސްތުވާތަކެތި ނޫން އެއްޗެއްސަށް ވެސް މީހުން ދެވިހިފައެވެ. އަދި “ޑްރަގްސް” ނުވަތަ “މަސްތުވާތަކެތި” މި ބައިތަކަށް ނުވަތަ ކެޓިގަރީތަކަށް އެކި މީހުން ފައްތަނީ ވެސް އެކި އެއްޗެއްސެވެ. ބައެއް މީހުން ބަނގުރަލަށް ދެވިހިފާއިރު އެތައް މިލިއަން ބަޔަކު ބަނގުރަލަކަށް ދެވިއެއް ނުހިފައެވެ. އެޑިކްޝަން ނުވަތަ ދެވިހިފުމަކީ ސީދާ މަސްތުވާތަކެތީގެ ވަކި ބާވަތަކަށް ހާއްސަ ވެގެންވާ ކަމެއް ނޫނެވެ. އެއްޗަކަށް ނުވަތަ ކަމަކަށް ދެވިހިފުން ބިނާވެގެންވަނީ، އެ އެއްޗެއް، މިސާލަކަށް މަސްތުވާއެއްޗެއް، ބޭނުން ކުރާ ހާލަތާއި އެ ބޭނުން ކުރެވޭ ދަނޑިވަޅާއި އެ ބޭނުން ކުރާ މީހާގެ މިޒާޖުގެ މައްޗަށެވެ. އެހެންކަމުން ދެވިހިފުމާ ބެހޭ ގޮތުން މިފަދަ ސުވާލުތައް ކުރާއިރު، މިފަދަ ކަންތައްތަކަށް ނަޒަރު ހިންގުމަކީ މުހިންމު ކަމެކެވެ.

މީގެ އިތުރުން ދެވިހިފާ މިންވަރާ މެދު ވެސް ސަމާލުކަން ދޭން ޖެހެއެވެ. މިއީ “އެއް ގޮތެއް ނޫނީ އަނެއް ގޮތެއް” އޮންނަ މައްސަލައެއް ނޫނެވެ. ދެވިހިފަނީ އެކި މިންވަރަށެވެ. އަދި އެކަކުގައި އެކި ވަގުތުތަކުގައި ވެސް ދެވިހިފުމުގެ މިންވަރު ތަފާތު ވެދާނެއެވެ. ދެވިހިފުމުގެ މިންވަރު ތަފާތު ވުމުގައި މީހާގެ މޫޑާއި އިހުސާސްތައް މުހިންމު ރޯލެއް ކުޅެއެވެ. އަދި އެ ވަގުތެއްގައި އެ މީހަކު އެ ހުރި މާހައުލެއްގެ ސަބަބުން ވެސް ދެވިހިފުމުގެ މިންވަރު މަތިވެ، ނުވަތަ ދަށްވެ ދެއެވެ.

ޖިސްމާނީ ގޮތުން މަސްތުވާތަކެއްޗަށް ހަށިގަނޑު އަޅުވެތިވުން

މިކަން ފާހަގަވެގެން ދާނީ މަސްތުވާތަކެތި ބޭނުން ކުރަމުން އައި މިންވަރު މަދުކޮށްލުމުން، ވިތްޑްރޯވަލް ނުވަތަ ސިކުވުން ފަދަ އަލާމާތަކުންނެވެ. ހަށިގަނޑު ޖިސްމާނީ ގޮތުން މަސްތުވާތަކެތީގެ އަޅަކަށްވުން ނުވަތަ “ޑިޕެންޑް”ވުން ބިނާވެފައިވަނީ ދެ ސަބަބަކާ ހުރެ ކަމަށް ބެލެވެއެވެ. ފުރަތަމަ ސަބަބަކީ މަސްތުވާއެއްޗެއް ބޭނުންކުރަން ފެށުމުން އެއަށް ހަށިގަނޑު “ކެތްކުރާ” ނުވަތަ “ޓޮލަރަންސް” މިންވަރު ގަދަވަނީއެވެ. އަދި މިހެން ވުމުގެ ސަބަބުން ކުރިން ލިބުނު މިންވަރުގެ ނުވަތަ އެއަށްވުރެ މަތީ މިންވަރެއްގެ އުފާވެރިކަމުގެ އިހުސާސް ކުރަން ބޭނުމިއްޔާ ދެން ޖެހޭނީ އެ މަސްތުވާތަކެތި ބޭނުން ކުރާ މިންވަރު ވެސް އިތުރު ކުރާށެވެ. މިސާލަކަށް، އަލަށް ބަނގުރާ ބޯ މީހަކު ދެ ތިން ހަތަރު ތައްޓެއް ބޯލުމާއެކު އޭނާ މުޅިން މަސްތުވެދެއެވެ. ނަމަވެސް ގިނަ ދުވަސް ވަންދެން ބޯ މީހަކަށް ހަމަ އެ މިންވަރަށް އުފާ ލިބެން އެއަށްވުރެ ގިނަ އަދަދަކަށް އެ ބޯން ޖެހެއެވެ. މަސްތުވާތަކެތީގެ އެހެން ބާވަތްތައް ބޭނުން ކުރުމުން ވެސް ދިމާވަނީ މި ގޮތަށެވެ. ދެވަނަ އަށް ފާހަގަ ކުރެވޭ ކަމަށް ކިޔަނީ “ނިއުރޯއެޑެޕްޓޭޝަން”އެވެ. މިއީ “ބަދަލުވަމުން އަންނަ ނަފުސާނީ ހާލަތެ”ވެ. ސަބަބަކީ އެތައް ދުވަހެއް ވަންދެން މަސްތުވާއެއްޗެއް ބޭނުން ކުރަމުން އަންނާތީއެވެ. މި ފަދަ “ދެވިހިފުމަކަށް” ހިނގައްޖެ ނަމަ، އެ މަސްތުވާއެއްޗެއް ބޭނުން ކުރުމުން ކުރިމަތިވާ “ސިކް”އާ ކުރިމަތިލާން ޖެހިލުންވުމުން ދެން ބޭނުން ވާނީ އަބަދުވެސް އެ މަސްތުވާއެއްޗެއް ނަގަނަގާ ހުންނާށެވެ. މިހާހިސާބުން މީހާ އެ ހުރީ ޖިސްމާނީ ގޮތުން ހަށިގަނޑު އެ މަސްތުވާއެއްޗެއްގެ އަޅަކަށް ވެފައެވެ. އެހެންކަމުން، “މިވެނި މަސްތުވާއެއްޗަކީ ދެވިހިފާ ޒާތުގެ އެއްޗެއް ހެއްޔެވެ؟” އެހުމުގެ ކުރިން މިދެންނެވި ނުކުތާތައް ހަނދާން ކުރުން މުހިންމެވެ.

މަތީގައި ބަޔާން މިކުރެވުނީ މަސްތުވާތަކެތި އާދައިގެ މަތިން އެންމެ އާއްމުކޮށް މަސައްކަތް ކުރާ ގޮތުގެ ހުލާސާއެކެވެ. މި މައުލޫގެ މައްޗަށް އެތައް ބައިވަރު ފޮތެއް ވަނީ އެކި ފަރާތްތަކުން ލިޔެފައެވެ. އެހެންކަމުން، އަހަރެން މިދިން ހުލާސާއަކީ ފުރިހަމަ ނުވާ މައުލޫމާތެއް ނަމަ ނިހާޔަތަށް މައާފަށް އެދެމެވެ. މަސްތުވާތަކެއްޗާ ބެހޭ އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ، ފަށައިގަތުމުގެ ގޮތުން 1999 ގައި ހެރީ އެވިސް ލިޔުއްވި “ޑްރަގްސް އެންޑް ލައިފް” (‘މަސްތުވާތަކެއްޗާއި ހަޔާތް’) މިއީ ކިޔާލަން ރަނގަޅު ފޮތެކެވެ. މީގެ އިތުރުން މި މައުލޫއަށް ގިނަ އަދަދަކަށް ލުއިފޮތްތައް ނުވަތަ ލީފްލެޓްތައް ވެސް ނެރެފައި އެބަހުއްޓެވެ. އިތުރު މައުލޫމާތު ހޯދަން ބޭނުން ނަމަ، އޮސްޓްރޭލިއަން ޑްރަގް އިންފޮމޭޝަން ނެޓްވާރކްގެ އިންޓަނެޓް ވެބްސައިޓް އަށް ވަދެލާށެވެ. އެޑްރެހަކީ

www.adin.com.au

އެވެ.

މަސްތުވާތަކެތީގެ އަގުތައް އުޅޭ ގޮތް ބެލެނިވެރިން ގިނަ ފަހަރަށް އަހައެވެ. މިއީ އެކި ސްޓޭޓްތަކުގައި އަދި އެކި ވަގުތުތަކުގައި ބަދަލު އަންނަ އެއްޗެކެވެ. އެހެނިހެން ވިޔަފާރި މުދަލެކޭ އެއްފަދައިން، މަސްތުވާތަކެތީގެ އަގުތައް ވެސް ބިނާ ވެގެން ވަނީ އެއަށް ޑިމާންޑް އޮތް މިންވަރާއި އޭގެ ސަޕްލައި ލިބެން އޮތް ވަރަކާއި އަދި އޭގެ ފެންވަރުގެ މައްޗަށެވެ. މިފަދަ މައުލޫމާތު ހޯދާ ނަމަ، ކަމާ ބެހޭ ފަރާތަކާ ގުޅައިގެން ހޯދިދާނެއެވެ.

މަސްތުވާތަކެތި މަސައްކަތް ކުރާ ގޮތާ ބެހޭ ގޮތުން މި ދެވުނު ހުލާސާގެ އަލީގައި، އާއްމު ގޮތެއްގައި ލިބެން ހުންނަ ގާނޫނީ ގޮތުން މަނާ މަސްތުވާތަކެތީގެ ބާވަތްތައް މަސައްކަތް ކުރާ ގޮތަށް، ދެން ބަލައިލާނަމެވެ.

އެމްފެޓަމައިން

ބާވަތް: ސްޓިމިއުލަންޓް

ތާރީހު: ދެވަނަ ބޮޑު ހަނގުރާމާގައި އިނގިރޭސި، ޖަރުމަން، ޖަޕާން އަދި އެމެރިކާ ސިފައިން ގިނަ އަދަދަކަށް ބޭނުން ކުރި. ޖަރުމަން ލީޑަރު އެޑޮލްފް ހިޓްލަރު ކޮންމެ ދުވަހަކު ވެސް ބޭނުން ކުރި ކަމަށްވޭ. ވިއެޓްނާމް ހަނގުރާމާގައި އެމެރިކާގެ ސިފައިން ވަރަށް ގަދައަށް ބޭނުންކުރި. އޮސްޓްރޭލިޔާގައި ގާނޫނީ ގޮތުން މަނާ ބާވަތެއް، ނަމަވެސް މީގެ ބާވަތެއް ކަމަށްވާ ޑެކްސެމްފެޓަމައިން (ޑެކްސެޑްރީން) ވަނީ، ސަމާލުކަން ދިނުމުގެ މައްސަލަ ނުވަތަ އެޓެންޝަން ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ (އޭ.ޑީ.އެޗް.ޑީ) ހުންނަ މީހުންނަށް ފަރުވާއެއްގެ ގޮތުން ދިނުމަށް ހުއްދަ ކުރެވިފައި.

ސިފަތައް: “އެމްފެޓަމައިން” މި ބަސް ބޭނުން ކުރެވެނީ ލެބޯޓްރީގައި އުފައްދާފައިވާ ޑޮކްޓަރީ ބޭސްތަކުގެ ތެރެއިން އެމްފެޓަމައިން، މެތިލެމްފެޓަމައިން އަދި މެތަމްފެޓަމައިން އާއި ޑެކްސަމްފެޓަމައިންގެ ބާވަތްތަކަށެވެ. މިހާރު އެންމެ ގިނައިން ވިކޭ އެމްފެޓަމައިންގެ ބާވަތަކީ ކުނޑިކޮޅެއް ނުވަތަ ކްރިސްޓަލްތަކެއް ގޮތަށް ހުންނަ ޑީ-މެތަމެމްފެޓަމައިން (ނުވަތަ ޑީ-މެތިލެމްފެޓަމައިން) ހައިޑްރޯކްލޯރައިޑް އެވެ.

މަގުމަތީގައި ކިޔާ ނަންތައް: މިއީ ތަންކޮޅެއް އުނދަގޫ ކަމަކަށް ވެދާނެއެވެ. ސަބަބަކީ ބައެއް އެމްފަޓަމައިންގެ ބާވަތްތަކަށް އެއް ބަޔަކު ކިޔާ ނަމެއް އަނެއް ބަޔަކު ނުކިޔާފާނެއެވެ. އެގޮތުން އެމްފެޓަމައިން އާއި މެތަމްފެޓަމައިން އަށް “ސްޕީޑް”، “ގޫއީ”، އަދި “ވިޒް” ކިޔައެވެ. “އައިސް”، “ކްރިސްޓަލް”، “ކްރިސްޓަލް މެތް”، “ޝާބޫ”، “ގްލާސް”، “ޔާބޫ” އަދި “ބާތޫ” އަކީ އާއްމު ގޮތެއްގައި ޑީ-މެތަމްފެޓަމައިން ކްރިސްޓަލް ގޮތުގައި ހުންނައިރު ކިޔާ ނަންތަކެވެ. ޑެކްސަމްފެޓަމައިން އަށް އާއްމު ގޮތެއްގައި މަގުމަތީގައި ކިޔާ ނަމަކީ “ޑެކްސީސް” އެވެ.

ހުންނާނީ ކިހިނެތް؟: އޭތި ކުނޑިތަކެއްގެ ސިފައިގައި ހުރެދާނެއެވެ. އަދި ކްރިސްޓަލްތަކެއްހެން ނުވަތަ ވެލިފުށްތަކެއްހެން ވެސް ހުރެދާނެއެވެ. ހުންނަ ކުލަތަކުގެ ތެރޭގައި ފިޔާތޮށިން ފެށިގެން ހުދު ހިމެނެއެވެ. ޑެކްސަމްފެޓަމައިން އަކީ ގާނޫނީ ގޮތުން ހުއްދަ ދެވިގެން ލެބޯޓްރީގައި އުފައްދާ ޑޮކްޓަރީ ބޭހެކެވެ.

ބޭނުން ކުރަނީ ކިހިނެތް؟: ކުނޑީގެ ސިފައިގައި ހުންނައިރު ވެސް އަދި ކްރިސްޓަލްތަކެއްގެ ސިފައިގައި ހުންނައިރު ވެސް، އަނގައަށް ލައި ދިރުވާލެވިދާނެއެވެ. ނޫނީ ސިރިންޖު ކަށިން ހަށިގަނޑަށް އިންޖެކްޓް ކުރެވިދާނެއެވެ. ކުނޑިކޮށް ހުންނައިރު ނޯށަށް އަރުވައިގެން ވެސް ބޭނުން ކުރެވެއެވެ. އަދި ކްރިސްޓަލްގެ ގޮތުގައި ހުންނައިރު ދުންފަތަށް އަޅައިގެން ސިނގިރޭޓެއްހެން ބޮވެއެވެ.

މަސައްކަތް ކުރަނީ ކިހިނެތް؟: އެމެފެޓަމައިން މަސައްކަތް ކުރަނީ ކޮކެއިން އާއެއްގޮތަށެވެ. އެގޮތުން ހަށިގަނޑުގައި ޑޮޕެމައިން، ނޮރެޕިނެފްރިން އަދި ސެރޮޓޯނިން އުފައްދާލައެވެ. މިއީ ހަމްދަރުދީ ވުމުގެ އިހުސާސްތައް ވެރިވާ ތަޖުރިބާއެކެވެ. އަދި ގިނަ ފަހަރަށް އިންނާނީ ނުރައްކަލެއް ކުރިމަތިވެއްޖެ ނަމަ، “ދެގޮތުން ކުރެ ގޮތެއް” ހެދުމަށް އެކަނި ތައްޔާރުވެގެންނެވެ. މާނައަކީ، ދުޝްމިނެއް ފެނިއްޖެ ނަމަ، އޭނާއާ ކުރިމަތިލާ ހަނގުރާމަ ކުރުމެވެ. ނޫނީ ތިމާ ބަލިވާނެ ކަމަށް ހީވަނީ ނަމަ، ދުވެފިލައި ރައްކާވުމެވެ. މިއަށް ކިޔައީ “ފްލައިޓް އޯރ ފައިޓް” (“ފިލުން ނުވަތަ ކުރިމަތިލުން”) ސިންޑްރޯމް ނުވަތަ “ބަލި”އެވެ.

އެމްފެޓަމައިން ބޭނުން ކުރުމުން ވާނީ ކިހިނެތް؟

ކުރު މުއްދަތުގައި ބޭނުން ކުރުމުން:

ހަށިގަނޑުގައި ހަކަތަ އިތުރުވުން / ހުށިޔާރުކަން އިތުރުވުން

އާދަޔާ ހިލާފު އުފާވެރިކަމެއް އިހުސާސް ކުރެވިކުރެވި ހުރުން

އަމިއްލަ ނަފުސާ މެދު އޮތް ޔަގީންކަން ބޮޑުވުން

ކަންކަމަށް ސަމާލުކަން ދިނުމަށް ފަސޭހަވުން

ފިރިހެނުންގެ ޖިންސީ ފޯރީގެ ވަގުތު ގިނައިރު ދެމެހެއްޓޭ ގޮތް ވުން

ފަސޭހައިން ކަންކަމާ އުނދަގޫވުން / ރުންކުރުވުން / އަރާމުކުރަން ނޭނގުން

ނިދި ނައުން

ކާހިތް ނުވުން

ލޮލުގެ ކޮއެ ނުވަތަ ޕިއުޕިލް ކުޑަވުން

ދަތްކުނޑިވިކުން އަދި ދަތްދޮޅި ދެމުން

އަނގަގަދަވުން

އަނގަ ހިއްކުން

ދާހިއްލުން

ބޮލުގައި ރިއްސުން

ފްލަޝިން ނުވަތަ އޮށްދާހިއްލުން

މޯޅިކަމާއި ނެގިމަޑުވުން

ތުރުތުރުއެޅުން

އަވަސްއަވަހަށް އަދި ކުއްލިކުއްލިއަށް ހިތުގައި ވިންދު ޖެހުން

ނޭވާހޮޅި ނުވަތަ ބްރޮންކިއަލް ޓިއުބްތައް ބަންދުވާ ގޮތްވުން

ލޭގެ ޕްރެޝަރު މައްޗަށް ދިއުން

އަނބުރައިގަތުން

ދިގު މުއްދަތުގައި ބޭނުން ކުރުމުން:

އެނޮރެކްސިއާ ނުވަތަ ހިކި ވުމުގެ ބަލި

ސައިކޮސިސް ނުވަތަ ދުނިޔެއިން މޮޔަވުން ނުވަތަ ހަމަ ބުއްދި ފިލައިދިއުން

ހަށިގަނޑުގެ ބަރުދަން ލުއިވުން

ހަމުގައި ފާރު ނަގައި، އެކިއެކި އިންފެކްޝަންތަކާއި ބަލިތައް ޖެހުން

ޑިޕްރެޝަން ނުވަތަ މާޔޫސްކަމުގައި ދިގު މުއްދަތެއް ހޭދަވުން

ދެކޮޅުވެރިކަމާއި ނަފުރަތްތެރިކަން ދެއްކުން

“އިމްޕަލްސިވް ބިހޭވިއަރ” ނުވަތަ އެއްވެސް ސަބަބެއް ނެތި ހަމަ ކުއްލިކުއްލިއަށް ކަންތައްތައް ކުރާހިތްވުން

ޕެރަނޯޔާ ނުވަތަ އާދަޔާ ހިލާފަށް ބިރުގަތުން

ހެޕަޓައިޓިސް ބީ އަދި ސީ

އެމްފެޓަމައިނުން އޯވަޑޯޒްވެ މަރުވެދާނެ ހެއްޔެވެ؟: އާނއެކެވެ. އޯވަޑޯޒް ވެގެން މަރުވެދާނެއެވެ.

މިއީ ދެވިހިފާ މަސްތުވާތަކެތީގެ ބާވަތެއް ހެއްޔެވެ؟: އާނއެކެވެ. މިއަށް ބައެއް މީހުން ދެވިހިފައެވެ.

ޑެކްސަމްފެޓަމައިން އާބެހޭ ކުރު ނޯޓެއް:

ކުރިން ބުނެވުނު ފަދައިން ޑެކްސަމްފެޓަމައިން އާއި ރައިޓަލިން އަކީ، ސަމާލު ކަން ނުދެވޭ “ބަލި” ނުވަތަ އޭ.ޑީ.އެޗް.ޑީ ހުންނަ މީހުންނަށް، ހާއްސަކޮށް ޒުވާނުންނަށް، ދެވޭ ޑޮކްޓަރީ ފަރުވާއެކެވެ. ޑޮކްޓަރުގެ ސިޓީއަށް ނުވަތަ ޕްރިސްކްރިޕްޝަނަށް ނޫނީ ނުލިބޭ މި ޑޮކްޓަރީ ބޭސް ހުންނާނީ ބޭސްގުޅައެއް ގޮތަށެވެ. މަސްތުވާއެއްޗެއްގެ ގޮތުގައި މީގެ ބޭނުން ކުރާ އޮސްޓްރޭލިޔާ މީހުން މަދެއް ނޫނެވެ. މިހެންވެ މީގެ ބޭސްގުޅަތައް ވަނީ، ކަޅު ބާޒާރުގެ ތެރެއަށް ވެސް ވަދެ، ގާނޫނީ ގޮތުން މަނާ ނަމަވެސް ގަނެވިއްކާ އެއްޗަކަށް ވެފައެވެ. މީގެ އެއް ގުޅައިން އަންނާނީ އެމްފެޓަމައިންއިން އަންނަ ފަދަ އިހުސާސެކެވެ. ނަމަވެސް މިއީ އެމްފެޓަމައިން އަށްވުރެ މާ ބާރުދެރަ ބާވަތެކެވެ.

ކެނެބިސް

ބާވަތް: މިއީ ހެލޫސިނޮޖެން އަދި ޑިޕްރެސެންޓެއްގެ ގޮތުގައި ވެސް ބެލެވޭ ބާވަތެކެވެ. އަދި “އިތުރު ބާވަތްތަކުގެ” ތެރޭގައި ވެސް ހިމެނޭ ބާވަތެކެވެ. ވަކިން ހާއްސަކޮށް މިއީ އަމިއްލަ ކެޓިގަރީއެއް ކަމަށްވާ “ކެނަބިނޯއިޑް” ނަމަކަށް ކިޔުނު ބާވަތެވެ.

ތާރީހު: މީގެ 5،000 (ފަސް ހާސް) އަހަރު ކުރިން ޗައިނާ، އިންޑިޔާ އަދި އަސީރިއާގެ ސިއްހީ ލިޔުންތަކުން ވެސް ކެނެބިސްގެ ވާހަކަ ފެންނަން އެބަހުއްޓެވެ. މިއީ އޮސްޓްރޭލިޔާގައި އެންމެ ގިނައިން ބޭނުންކުރެވޭ، ގާނޫނީ ގޮތުން މަނާ މަސްތުވާތަކެތީގެ ބާވަތެވެ.

ސިފަތައް: ކެނެބިސް އަކީ ސައިންޓިފިކް ނަން ކަމަށްވާ “ކެނެބިސް ސަތީވާ”ގެ ނަން ދެވިފައިވާ ގަހަށް ކިޔާ ކުރު ނަމެވެ. މެރުއާނާ ނުވަތަ ދިވެހި ބަހުން ނަމަ މެރިހާނާ އާއި ހަޝިޝް އަދި ހަޝިޝް ތެޔޮ ލިބެނީ މި ގަހުންނެވެ. މެރިހާނާ ހަދަނީ ގަހުގެ މާތަކާއި ފަތްތައް ހިއްކައިގެންނެވެ. އަދި ހަޝިޝް ހަދަނީ ގަހުގެ ދިޔަ ފެލައިގެން އެ ހިއްކައިގެން ގުޅަގުޅައަށް ވަށައިގެންނެވެ. ހަގީގަތުގައި މެރުއާނާ އަދި ކެނެބިސް މިއީ އެއް މާނައެއްގައި ބޭނުން ކުރެވޭ ދެ ބަހެވެ.

މަގުމަތީގައި ދީފައިވާ ނަންތައް: މުލް، ޑޯޕް، ވީޑް، ގްރާސް، ގަންޖާ، ޕޮޓް

ހުންނާނީ ކިހިނެތް؟: މެރިހާނާ އަކީ ކުދިކުދިކޮށް ކޮށާފައިވާ އެ ގަހުގެ ހިއްކާފައިވާ ފަތްތަކާއި މާތަކެވެ. އޭގެ ޒާތުގައި ހަރު ނުވަތަ މަޑު ގޮތެއް ހުރެދާނެއެވެ. ހުންނާނީ ފެހި، މުށި އަދި މުއްޓާއި ފެހި އެއްވުމުން ފެންނަ ކަހަލަ ކުލައެއްގައެވެ.

ހަޝިޝް އަކީ ގުޅަގުޅައަށް ފިއްތާލެވިފައިވާ ހަރުއެތިގަނޑެއް ގޮތަށް ވިއްކާ އެއްޗެކެވެ. އޭގައި މަޑު މުށި ކުލައިން ފެށިގެން ކަޅު ކުލަ ވެސް ހުރެއެވެ.

ހަޝިޝް ތެލަކީ އޮލަކޮށް ހުންނަ ދިޔާއެއްޗެކެވެ. އޭގެ ކުލައިގައި ރަނުން ފެށިގެން ކަޅު ހުރެއެވެ.

ބޭނުން ކުރަނީ ކިހިނެތް؟: މެރުއާނާ އާއްމު ގޮތެއްގައި ބޭނުން ކުރަނީ ދުންފަތާ އެއްކޮށްގެން ބިޑިއެއް ނުވަތަ “ޖޮއިންޓެއް” އޮޅައިގެން އެ ބޮއިގެންނެވެ. ނޫން ނަމަ ފެން ގުޑުގުޑާގެ ބާވަތްތައް ކަމަށްވާ ބޮންގް، ޝީޝާ އަދި ބަކެޓް ބޮންގްއިން ދުން އަރުވައިގެން ނޭވާ އެތެރެއަށް ލައިގެން ވެސް ބޭނުން ކުރެވިދާނެއެވެ. ބަކެޓް ބޮންގަކީ ބާލިދީއަކަށް ފެން އަޅައިގެން، ފުޅިއެއްގެ ފޫ ކަނޑާލައިގެން ބޭނުން ކުރާ އާލާތެކެވެ. ޑްރައި ބޮންގް ހެދުމަށް ލުއި ބުއިންތައް ހުސްކުރި ދަޅު ބޭނުން ކުރެވެއެވެ. މެރިހާނާ އަކީ އަދި ކޭކާއި ބިސްކޯދަށް އަޅައިގެން ވެސް ކެވޭ އެއްޗެކެވެ.

ހަޝިޝް އާއްމު ގޮތެއްގައި ބޭނުންކުރެވެނީ ދުންފަތަށް އަޅައިގެން ދުންބޯށެވެ. ނަމަވެސް އެއީ ކާނާއަށް އަޅައިގެން ވެސް ކެވޭ އެއްޗެކެވެ. (ދިވެހިންގެ ތެރޭގައި ދިވެހި ރާއްޖޭގައި އެންމެ ގިނައިން ބޭނުން ކުރެވޭ ކަމަށް ބެލެވޭ) “ތެޔޮ” ނުވަތަ ހަޝިޝް އޮއިލް އާއި ހޭޝް އޮއިލް އަކީ ދުންފަތާ އެއްކޮށްގެން، ނުވަތަ ސިނގިރޭޓެއްގައި އުނގުޅާލައިގެން، ނޫނީ ޗުއިންގަމް ފޮއިލްއެއްގެ މަތީގައި ލައިޓަރުން ހޫނުކޮށްގެން “ދުއްވައިގެން” ވެސް އެތެރެހައްޓަށް އެތެރެ ކުރެވޭ އެއްޗެކެވެ.

ކެނެބިސް ބޭނުންކުރާ މީހާއަށް އުފާވެރިކަން ނުވަތަ “ހައި” އިހުސާސް ކުރެވޭނީ އޭގައިވާ ކެމިކަލް މާއްދާއެއް ކަމަށްވާ ޓީ.އެޗް.ސީ ނުވަތަ ޑެލްޓާ-9-ޓެޓްރާހައިޑްރޯކެނަބިނޯލްގެ ސަބަބުންނެވެ.

މަސައްކަތް ކުރަނީ ކިހިނެތް؟: ކެނެބިސް މަސައްކަތް ކުރާ ގޮތް ހޯދުމަށް ކުރިއަށް ގެންދިޔަ ތަހުލީލުތަކުން 1992 ގައި ވަނީ އެއާ ދޯޅުވާ ހަށިގަނޑުގެ ރިސެޕްޓަރ ސެލްއެއް ހޯދިފައެވެ. ޓީ.އެޗް.ސީ ރިސެޕްޓަރއެއް އިންކަން އެނގުމުން، ޓީ.އެޗް.ސީ އާ ދާދި އެއްގޮތް ނިއުރޯޓްރާންސްމިޓަރެއް އިންނާނެ ކަމަށް އެއިރު ލަފާ ކުރެވުނެވެ. ފަހުން މި ނިއުރޯޓްރާންސްމިޓަރު ވަނީ ފެނިފައެވެ. އެއަށް ދީފައިވާ ނަމަކީ އެނަންޑަމައިން އެވެ.

އެނަންޑަމައިން ރިސެޕްޓަރތައް ސިކުނޑީން ފެނިފައިވަނީ، ހަށިގަނޑަށް އެކިއެކި ނަފުސާނީ “ހަދިޔާ” ދިނުމާއި، ހަނދާންބެހެއްޓުމާއި، އަދި ހަށިގަނޑުގެ ހަރަކާތްތައް އޮޕަރޭޓް ކުރާ ނިޒާމުގެ ތެރޭގައެވެ. ޓީ.އެޗް.ސީގެ ސަބަބުން މީހާއަށް އުފާވެރިކަމެއް އިހުސާސް ކުރެވުނަސް، އޭނާގެ ހަނދާނާއި ހަރަކާތްތެރިކަން ބަލިވަނީ މިހެންވެ ކަމަށް ބެލެވެއެވެ.

ހަޝިޝް އަކީ މެރިހާނާ އަށް ވުރެ މާ ބާރުގަދަ ބާވަތެކެވެ. އަދި ހަޝިޝް ތެލަކީ ކެނެބިސްގެ ބާވަތްތަކުގެ ތެރެއިން އެންމެ ބާރުގަދަ ބާވަތެވެ.

ގޭތެރޭގައި ހައިޑްރޯޕޯނިކްސް ނުވަތަ ފެނުގައި ގަސްއިންދުން ފަދަ ނިޒާމުތަކުގެ އެހީގައި ހައްދާ ކެނެބިސް، ގެއިން ބޭރުގައި ހެދޭ ކެނެބިސް އަށްވުރެ، މާ ބާރުގަދަ ކަމަށް ހެކި ދޭ ހޯދުންތަކެއް، މިހާރު ވަނީ ފެނިފައެވެ.

ކެނެބިސް ބޭނުން ކުރުމުން ވަނީ ކިހިނެތް؟:

ކުރު މުއްދަތުގައި ބޭނުން ކުރުމުން:

އާދަޔާ ހިލާފު އުފާވެރިކަމަކާއެކު ނެގިމަޑުކަމެއް

ކަންކަމާ ޖެހިލުން ކުޑަވުން

ކޮޅަށް ހުރުމާއި ހަރަކާތްތެރިކަމަށް އުނދަގޫވުން

އާއްމު ވަރަށް ވުރެ ގިނައިން އަނގަގަދަވެ، ގިނައިން ހީސަމާސާކުރުން

“ޓަނަލް ވިޝަން” ނުވަތަ އެހެން ހުރިހާ ކަމެއް ސިކުނޑިން ދުރުކޮށްލައި، ހަމައެކަނި އެންމެ ކަމަކަށް ތިމާގެ ވިސްނުން ނުވަތަ ފޯކަސް ހުއްޓުން

ކުރަން ހުންނަ ކަންތައްތަކަށް ސަމާލުކަން ދިނުމުގައި ދަތިވުން

ކުރު މުއްދަތުގައި ކަންތައްތައް ހަނދާން ނެތުން

ކާހިތްވުން އިތުރުވުން އަދި ވިންދު ޖެހުމާއި ހިތުގެ ވިންދު ޖަހާ މިންވަރު ނުވަތަ ރޭޓް އިތުރުވުން

ލޯ ރަތްވުން

ހިތްއަވަސްވުން / ރުންކުރުވުން

ކެނެބިސް ބޭނުންކުރާ މިންވަރު އިތުރު ކުރި ވަރަކަށް، ވަގުތާއި އަޑާއި ކުލައާއި އެހެން އިހުސާސްތައް ކުރެވޭ ގޮތް ތަފާތުވެ، ވާނުވާ ނޭނގޭ ގޮތްވުމާއި، ހިތް ނުތަނަވަސްވުމާއި އަދި ނުހުންނަ އެއްޗެހި ފެންނަ ހިސާބަށް ހިނގައިދާނެއެވެ.

ދިގު މުއްދަތުގައި ބޭނުން ކުރުމުން:

ބްރޮންކައިޓިސް (ފުއްޕާމޭގައި އަރިދަފުސް އެޅުން)، ފުއްޕާމޭގެ ކެންސަރު، އަދި ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވުން

ދަރިފަނި މަރުވުން – ފިރިހެނުންގައި ފިރިހެންވަންތަކަން ހިފަހައްޓައިދޭ “ޓެސްޓޮސްޓެރޯން” ހޯމޯން މަދުވުން އަދި މަނީގައި ހިމެނޭ ދަރިފަނީގެ އަދަދު މަދުވުން؛ އަންހެނުންގައި ބިސް ދޫކުރާ މުއްދަތާއި އަދި ޕީރިއަޑް ވާ ނުވަތަ ހައިލު ވާ މުއްދަތަށް ބަދަލު އައުން

ނަފުސާނީ ލޮޅުން – ހޭބުއްދި ފިލާދާވަރުގެ ވަގުތުކޮޅަކާ ދިމާވުން، ހާއްސަކޮށް ސްކިޓްޒޮފްރޭނިޔާ (ނުހުންނަ އެއްޗެހި، މީހުން ނުވަތަ ތަންތަން ފެންނަ “ބަލި”) މިހާރު ވެސް ޖެހިފައިވާ މީހެއް ނަމަ.

ކުރަން ހުންނަ ކަންތައްތަކަށް ސަމާލުކަން ދޭން ދަތިވުން، ހަނދާން ބަލިވުން، އަދި އެއްޗެހި ދަސްކުރުމަށް އުނދަގޫވުން.

ކަންކަން ކުރާހިތް ނުވުން – “އެމޯޓިވޭޝަނަލް ސިންޑްރޯމް” ނުވަތަ ކަންކަން ކުރާހިތް ނުވުމަކީ ޒުވާނުން ކެނެބިސް ބޭނުން ކުރުމާމެދު ކަންބޮޑުވާން ޖެހޭ އެންމެ ބޮޑު ސަބަބު ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. މިކަމަށް ސާބިތު ހެއްކެއް ނެތް ނަމަވެސް، އެ މީހުން ބުނާ ގޮތުގައި، މިކަން ގިނަ ފަހަރަށް ފެނިގެން ދަނީ ސްކޫލްގައި ރަނގަޅު މާރކްސް ނުލިބެން ފެށީމައެވެ. ނުވަތަ ސްކޫލުން ވަކިވުން ނުވަތަ އުޅޭ ވަޒީފާއިން ކެނޑޭ ހިސާބުންނެވެ. މިގޮތަށް ކުއްލި ނިންމުމެއް ނެގުމުން، އެހެން މީހުން ދެކޭނީ ތިމާ ތިމާގެ ޝަހުސިއްޔަތާ “ނުގުޅޭ” ކަމެއް ކުރީ ކަމަށެވެ. އަދި މިހެންވެ ތިމާގެ ފަރާތުން ފެންނަ މިކަހަލަ ކަންތައްތަކުގެ އަސްލަކީ ކެނެބިސް ބޭނުން ކުރުން ކަމަށް ހީވާ ފަހަރު އާދެއެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ ކަމަކީ މީގެ ތެރެއިން ގިނަ ޒުވާނުންނަކީ ފުރާއުމުރު ތަހައްމަލު ކުރަމުން އަންނަ ޒުވާނުން ކަމާއި މިއީ ހުދު އެ ކުދިންނަށާއި މައިންބަފައިންނަށް ވެސް ގޮންޖެހުންތަކަކާ ކުރިމަތިވާ މަރުހަލާއެއް ކަމެވެ. އެ ކުދިންގެ ހިތްވަރު އެލިފައިވަނީ އެ ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތަކުން ހެއްޔެވެ؟ ނޫނީ މިއީ އެ ކުދިން މިހާރު ބަރުދާސްތު ކުރަމުން އަންނަ ހަޔާތުގެ އެ ހަލަބޮލި ދުވަސްތަކުގެ ސަބަބުން ވާކަމެއް ހެއްޔެވެ؟ އެ ކުދިން މި ބާވަތުގެ މަސްތުވާތަކެއްޗަކަށް ޝައުގުވެރިވަނީ އެ ކުދިން މިހާރު ވެސް ހިތްވަރުއެލިފައިވާތީ ބާވައެވެ؟ އެމޯޓިވޭޝަނަލް ސިންޑްރޯމް އަކީ ހަގީގަތުގައި ވެސް އުޅޭ “ބައްޔެއް”ތޯ ބެލުމަށް މިހާތަނަށް ކުރެވުނު ދިރާސާތަކުން އެ ކަމުގެ އެއްވެސް ސާބިތު ހެއްކެއް ފެނިފައެއް އަދި ނެތެވެ.

އޯވަޑޯޒް ވެދާނެތަ؟: ނޫނެކެވެ.

އެއީ ދެވިހިފާ މަސްތުވާއެއްޗެއްތަ؟: ގިނައިން އަދި ގަދައަށް ބޭނުން ކުރާ މީހުން ކެނެބިސް އަށް ދެވިހިފައެވެ.

ކޮކެއިން

ބާވަތް: ސްޓިމިއުލަންޓް

ތާރީހު: 15،000 (ފަނަރަ ހާސް) އަށް ވުރެ ގިނަ އަހަރު ވަންދެން ދެކުނު އެމެރިކާ ބައްރުގައި ދީނީ، ރޫހާނީ، އިޖުތިމާއި އަދި ސިއްހީ ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ އެއްޗެއް. އުތުރު އެމެރިކާއިން ފެންނަން ފެށީ 17 ވަނަ ގަރުނުގައި. އެމެރިކާގެ ދާހިލީ ހަނގުރާމަ ނިމުނުއިރު އޯޕިއަމް އަށް ދެވިހިފާފައިވާ ސިފައިންނަށް އެ ކަމުން ސަލާމަތް ވުމަށް ދެވުނު ޑޮކްޓަރީ ފަރުވާއެއް. ޑިޕްރެޝަން، ހިތްބަލިކަން، ހޭ ފީވަރ (މާމެލާމެލީގެ ފުށްތަކުން ޖެހޭ އެލާޖީ) އަދި ނޭވާހިއްލުމާއި ނޭވާއަށް އުނދަގޫކުރުމަށް ދެވޭ ބޭހެއް. ބަލިމީހުން ނުވަތަ ޕޭޝަންޓުން އައްސި ކުރަން ދަތުގެ ޑޮކްޓަރުން ނުވަތަ ޑެންޓިސްޓުން ބޭނުން ކުރާ މާއްދާއެއް.

ކޮކެއިން އަށް މީހުން ދެވިހިފާ ކަމާއި އަދި އެ ބޭނުން ކުރުމުން މީހުން މަރުވާ ކަމުގެ ރިޕޯޓްތައް ފުރަތަމަ ފެންނަން ފެށީ 19 ވަނަ ގަރުނުގެ ފަހުކޮޅުއެވެ.

ހުންނާނީ ކިހިނެތް؟: ކޮކެއިން އަކީ ކޮކެއިން ހައިޑްރޯކްލޯރައިޑް އަށް ކުރުކޮށް ކިޔާ ނަމެވެ. އޭތި އުފައްދަނީ ދެކުނު އެމެރިކާގައި އާއްމުކޮށް ހެދޭ ކޮކޯ ގަހުގެ ފަތް ކައްކައިގެން ޓްރީޓް ކޮށްގެންނެވެ.

ކްރެކް އުފައްދަނީ ކޮކެއިން ހައިޑްރޯކްލޯރައިޑް، ސޯޑިއަމް ބައިކާބަނޭޓް ނުވަތަ އެމޯނިޔާ އާ މަސްހުނިކޮށްގެން، ހޫނުކޮށްގެންނެވެ.

އެހެން ގައުމުތަކުގައި ކްރެކް ބޭނުން ކުރުމަކީ ބޮޑު މައްސަލައެއް ނަމަވެސް މިއީ އޮސްޓްރޭލިޔާއަށް ވަރަށް އާއްމު ނޫން މަސްތުވާތަކެތީގެ ބާވަތެކެވެ.

މަގުމަތީގައި ދީފައިވާ ނަންތައް: ކޯކް، ސީ، ޗާލީ، ނޯސް ކޭންޑީ، ޓޫޓް

ސިފަތައް: ކޮކެއިން އަކީ ހުދު ކުލައިގައި ހުންނަ ޕައުޑަރެއް ނުވަތަ ކުނޑިކޮޅެކެވެ.

ކްރެކް ހުންނަނީ ކުދިކުދި ކްރިސްޓަލްތަކެއް ނުވަތަ “ގާކޮޅު”ތަކެއްގެ ސިފައިގައެވެ.

ބޭނުން ކުރެވޭ ގޮތް: ކޮކެއިން ގިނައިން ނަގަނީ ނޯށަށް އަރުވައިގެންނާއި ހަށިގަނޑަށް އިންޖެކްޓް ކޮށްގެންނެވެ.

ކްރެކް ބޭނުން ކުރަނީ، އޭތި ހޫނު ކުރުމުން އަރާ ދުން، އެތެރެހައްޓަށް ދުއްވައިގެންނެވެ.

މަސައްކަތް ކުރާ ގޮތް: ވަރަށް ގިނަ މަސްހުނި އަސަރުތަކެއް ހުރި ނަމަވެސް، އެންމެ ފުރަތަމައިން ވެސް ކުރާ ކަމަކީ ހަށިގަނޑުގައި ޑޮޕެމައިން، ނޮރެޕިނަފްރިން، އަދި ސެރޮޓޯނިން އުފެއްދުމެވެ. ޑޮޕެމައިން އަކީ ޔޫފޯރިއާ ނުވަތަ އާދަޔާ ހިލާފަށް އުފާވެރިކަން އިހުސާސް ކުރެވުމަށް މެދުވެރިވާ ކެމިކަލް މާއްދާއެވެ. ސެރޮޓޯނިން އަކީ މީހާ ރަނގަޅު މޫޑަކަށް އަޅުވައިދޭ މާއްދާއެއް ކަމަށްވާއިރު، ނޮރެޕިނަފްރިން އަކީ މީހާއަށް ހުށިޔާރުކަމާއި ހާސްކަން ގެނުވައިދޭ މާއްދާއެކެވެ.

ކޮކެއިން ބޭނުން ކުރުމުން ވާނީ ކިހިނެތް؟

ކުރު މުއްދަތުގައި މެދުވެރިވެދާނެ ނަތީޖާތައް:

ހިތުގެ ވިންދު އަވަސްވުން

ލޭގެ ޕްރެޝަރު މައްޗަށް ދިއުން

ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިއުން

ނިދި ލިބޭލެއް މަދުވުން

ޔޫފޯރިއާ

ހަކަތަ އިތުރުވުން

ކާހިތް ކެނޑުން

ޖިންސީ ޖޯޝު ގަދަވުން

އަމިއްލަ ނަފުސާމެދު ކުރެވޭ އިތުބާރު ބޮޑުވުން

ދިގު މުއްދަތުގައި ލިބިދާނެ ގެއްލުންތައް:

ހާސްވުން

ޑިޕްރެޝަން ނުވަތަ ހިތާމަވެރިކަން

ކަންތައްތައް އޮޅުންއެރުން ނުވަތަ “ކޮންފިއުސް”ވުން

ނިދި ނައުން ނުވަތަ “އިންސޮމްނިއާ”

ވަރުބަލިވުން ނުވަތަ “ފެޓީގް”

ޖިންސީ އެދުންވެރިކަން ކެނޑުން

ކޮކެއިން ސައިކޯސިސް ނުވަތަ ހަމަ ބުއްދި ފިލައިދިއުން – މިކަމުގެ އަލާމާތްތައް އެންމެ ވައްތަރުވާނީ ޕެރަނޯއިޑް ސްކިޓްޒޮފްރޭނިޔާ ޖެހިފައިވާ މީހެއްގެ ހަރަކާތްތަކާއެވެ. ޕެރަނޯއިޑް ސްކިޓްޒޮފްރޭނިޔާ އަކީ ނެތް ބިރެއް އޮތް ކަމަށް ހީވެ، ގަބޫލު ކުރެވި، އެކަމުގެ ސަބަބުން ސިކުނޑި ހާސްވެ، ސިކުނޑި މަސައްކަތް ކުރާ ގޮތް ބޮއްސުންލައިގެން ގޮސް، ނުހުންނަ އެއްޗެހި ފެންނަ ހިސާބަށް ދިއުމެވެ. އަދި ޝައްކުބައްޔާއި ހަފުގާނުބައްޔަކީ ވެސް މީގެ އަލާމާތްތަކެކެވެ.

ނޭފަތުގެ ހިނދުރިތައް ހަލާކުވުން

ހަށިގަނޑު ހިކި އަނަރޫފަ ވުން

ހެޕަޓައިޓިސް ބީ އަދި ސީ

ކޮކެއިންގެ ސަބަބުން އޯވަޑޯޒް ވެދާނެ ހެއްޔެވެ؟: އާނއެކެވެ. އޯވަޑޯޒްވެ މީހާގެ ފުރާނަ ގެއްލިދާނެއެވެ.

ކޮކެއިން އެއީ ދެވިހިފާ މަސްތުވާއެއްޗެއް ހެއްޔެވެ؟: އާނއެކެވެ. އެއީ ވެސް ދެވިހިފާ މަސްތުވާއެއްޗެކެވެ.

އެކްސްޓަސީ

ކެމިކަލް ނަން: 3، 4-މެތިލިން-ޑައިއޮކްސީ-މެތަމްފެޓަމައިން، ނުވަތަ އެމް.ޑީ.އެމް.އޭ)

ބާވަތް: ސްޓިމިއުލަންޓްއެއް އަދި ހެލޫސިނޮޖިންއެއް

ތާރީހު: 1914 ގައި އެމެރިކާގައި އީޖާދު ކުރި މި މަސްތުވާތަކެތި އެމެރިކާގައި 1970 ގެ އަހަރުތަކުގައި އެންމެ ބޮޑަށް ބޭނުން ކުރެވުނީ މީހުންގެ ޖަޒުބާތުތައް ދެނެގަނެ، ތަޖުރިބާ ކުރުމަށެވެ. އޮސްޓްރޭލިޔާގައި 1987 ގައި އެމް.ޑީ.އެމް.އޭ ވަނީ މަނާކޮށްފައެވެ.

ހުންނާނީ ކިހިނެތް؟: އެމް.ޑީ.އެމް.އޭ އަކީ ފެނެތިލަމިން ނަމަކަށް ކިޔާ މާއްދާތަކެއް އެކުލެވޭ ގްރޫޕެއްގެ ބައެކެވެ.

މަގުމަތީގައި ދީފައި ހުންނަ ނަންތައް: އެކްސްޓަސީ، އެކީ، “އީ”

ހުންނާނީ ކިހިނެތް؟: ގިނަ ފަހަރަށް ވިއްކަން ހުންނާނީ ބޭސްގުޅައެއް ގޮތަށް އެކި ކުލަކުލައިގައެވެ. މި ބޭސްގުޅަތަކުގައި ތަފާތު ލޯގޯތައް ފަރުމާކޮށްފައިވެއެވެ. ކުނޑި ގޮތަށް ވެސް އެކްސްޓަސީ ވިއްކައެވެ.

އެކްސްޓަސީ ބޭނުން ކުރަނީ ކިހިނެތް؟: ބޭސްގުޅަ ނަމަ ދިރުވާލެވިދާނެއެވެ. ކުނޑިހެން ހުރި ނަމަ ބުއިމަކާ އެއްކުރެވިދާނެއެވެ. “ސަޕޮސިޓްރީ”އެއް ގޮތުގައި ވެސް ބޭނުން ކުރެވިދާނެއެވެ. މާނައަކީ ފިރިހެނާގެ ޒަކަރާއި އަންހެނާގެ ފަރުޖުގެ އިތުރުން ފުރަގަސްފަރާތުން ވައްދައިގެން ވެސް އޭގެ ބޭނުން ކުރެވޭ ކަމެވެ. އަދި ނޯށަށް އަރުވައިގެންނާއި ހަށިގަނޑަށް ސިރިންޖު ކަށިން އިންޖެކްޓް ވެސް ކުރެވެއެވެ.

އެކްސްޓަސީ މަސައްކަތް ކުރަނީ ކިހިނެތް؟: ނިއުރޯޓްރާންސްމިޓަރުތައް ކަމަށްވާ ޑޮޕެމައިން އާއި ނޮރެޑްރިނަލިން އުފައްދައިދެއެވެ. އަދި މިއީ ސެރޮޓޯނިން އެންމެ ވަރުގަދައަށް އުފައްދައިދޭ މާއްދާއެވެ. މީގެ އަސަރު ހައެއްކަ ގަޑިއިރަށް ދެމިހުރެއެވެ.

އެކްސްޓަސީ ނެގުމުން ވާނީ ކިހިނެތް؟

ކުރު މުއްދަތުގައި ކުރިމަތިވެދާނެ ކަންތައްތައް:

އިހުސާސްތަކާއި ޖަޒުބާތުތައް އުފާވެރިކަމަކަށް ބަދަލުވުން

ކަންތައްތަކާމެދު އޮންނަ ޔަގީންކަން ބޮޑުވުން

އެހެން މީހުން ދެކެ އާދަޔާ ހިލާފަށް، ނަމަވެސް ޖިންސީ އެދުންވެރިކަމެއް ނެތި، ލޯބިވުން – މީހުންނާމެދު ހަމްދަރުދީވެ، އަޅާލުން

ހިތުގެ ވިންދު އަވަސްވުން

ހަށިގަނޑުގެ ހޫނުމިން މައްޗަށް ދިއުން

ލޮލުގެ ޕިއުޕިލް ނުވަތަ ކޮއެ ކުޑަވުން

ދަތްފިއްތުމާއި އަނގައަށް ބާރުލުން

ހޮޑުލަވާގޮތް ވުން

ހޮޑުލެވުން

ދާހިއްލުން

ހާސްވުން

ނެތް އެއްޗެހި ފެންނަން ފެށުން (“ހެލޫސިނޭޓް” ކުރުން)

ފިޓު ޖެހުން

އުދުހޭހެން ހީވާ ޒާތެއްގެ އިހުސާސެއް ކުރެވުން

ހަމަ ނުޖެހޭ ކަންތައްތައް ކުރެވުން

އަނބުރައިގަތުން

ދިގު މުއްދަތަކަށް ބޭނުން ކުރުމުން ކުރިމަތިވެދާނެ ނަތީޖާތައް:

އެމް.ޑީ.އެމް.އޭ ދިގު މުއްދަތަކަށް ބޭނުން ކުރުމުން ކުރާ އަސަރާ ބެހޭ ގޮތުން މާބޮޑު އެއްޗެއް އަދި ހޯދިފައެއް ނެތެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އެމް.ޑީ.އެމް.އޭ އަކީ “ނިއުރޯ-ޓޮކްސިކް” އެއްޗެކެވެ. މާނައަކީ ސިކުނޑިއަށް ވިހަ، ސިކުނޑީގެ ސެލްތަކަށް ގެއްލުން ދޭ ބާވަތެކެވެ. ނަމަވެސް މި ގޮތުން ލިބޭ ގެއްލުމުން ފެންނަ އަލާމާތްތަކަކީ ކޮބައިކަން އަދި ވަނީ ނުހޯދިފައެވެ. ދިގު މުއްދަތުގައި އެމް.ޑީ.އެމް.އޭ ބޭނުން ކުރާ ބައެއް މީހުންނަށް ޑިޕްރެޝަން އާއި މާޔޫސްކަން ކުރިމަތިވާ ކަމަށް ދައްކައެވެ. ނަމަވެސް ޔަގީން ނުވާ ކަމަކީ، މި ފަދަ ބަލިތަކަކީ އެމް.ޑީ.އެމް.އޭ ބޭނުން ކުރުމުގެ ސަބަބުން ސީދާ ކުރިމަތިވާ ކަމެއްތޯ، ނުވަތަ އެ ބޭނުން ކުރާ މީހާގައި ކުރިން ވެސް ސިއްހީ މައްސަލަތަކެއް ހުރީމާތޯ، އުފެދޭ ސުވާލެވެ.

އެކްސްޓަސީން އޯވަޑޯޒް ވެދާނެތަ؟:

އާއެނކެވެ. އެމް.ޑީ.އެމް.އޭއިން އޯވަޑޯޒް ވުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް އެއީ ވިހަކަމުގެ މިންވަރު ތަންކޮޅެއް ދަށް މިންވަރަކަށް ހުރި މަސްތުވާއެއްޗެއް ކަމަށް ވާތީ، އެމް.ޑީ.އެމް.އޭއިން އޯވަޑޯޒްވެގެން މަރުވުމަކީ ވަރަށް ނާދިރު ކަމެކެވެ. ގިނަ ފަހަރަށް މީހުން މަރުވެފައި ވަނީ އެ ބޭނުން ކުރެވޭ މާހައުލެއްގެ ސަބަބުންނެވެ. މިސާލަކަށް މީހުން ގިނަ، ފިތިގެން ތިބެން ޖެހޭ ތަނެއްގައި، ހޫނު ގަދަ ވުމުގެ ސަބަބުން މީހާގެ ހަށިގަނޑުގެ ހޫނުމިން އިތުރަށް މައްޗަށް ގޮސް، މިކަން ކޮންޓްރޯލުން ނެއްޓުމުން ނުވަތަ މީހާގެ ހަށިގަނޑުން ފެން ހުސްވުމުން، މަރުވުމުގެ ފުރުސަތު އޮވެއެވެ.

އެކްސްޓަސީއަކީ ދެވިހިފާ އެއްޗެއް ހެއްޔެވެ؟: މީހާ ޖިސްމާނީ ގޮތުން އެމް.ޑީ.އެމް.އޭގެ އަޅަކަށް ހަދާ ކަމުގެ އެއްވެސް މާއްދީ ހެއްކެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.

އެކްސްޓަސީ ގުޅައެއްގައި ހުންނާނެ މާއްދާތަކާ ބެހޭ ކުރު ނޯޓެއް:

އެކްސްޓަސީ ގުޅައެއް ވިޔަސް ނޫން ނަމަ އެހެން ވެސް ގާނޫނީ ގޮތުން މަނާ ބޭހެއް ނުވަތަ މަސްތުވާއެއްޗެއް ގަންނައިރު، ގަންނަ މީހާއަށް އެ ގަނެވޭ “މުދަލުގެ” ކޮލިޓީ ނުވަތަ ފެންވަރު ޔަގީން ކުރެވޭނެ ގޮތެއް ނޯވެއެވެ. އޮސްޓްރޭލިޔާގެ މައި ފުލުހުންގެ އިދާރާއިން ބުނާ ގޮތުގައި އެ ގައުމުގެ ބްލެކް މާކެޓްގައި ވިއްކާ އެކްސްޓަސީ ގުޅަތަކުގެ 80 ޕަސެންޓް ނުވަތަ އަށްޑިހަ އިންސައްތަ ގުޅައިގައި އެމް.ޑީ.އެމް.އޭގެ އެއްވެސް މިންވަރެއް ނުހިމެނެއެވެ. ވިޔަފާރިއަށް ހަދާފައިވާ މިފަދަ ގުޅަތަކަށް ވަނީ ހަށިގަނޑަށް ގެއްލުން ނުދޭ އާދައިގެ ބޭސްތައް އަޅައިފައެވެ. ފަހަކަށް އައިސް އޭޝިއާ ބައްރާއި އޮސްޓްރެލިޔާ ބައްރުގައި އުފައްދާ އެކްސްޓްސީ ގުޅަތަކުގައި މެތަމްފެޓަމައިން ހިމަނާފައި ހުރެއެވެ. ވަރަށް މަދު ހާލަތްތަކުގައި އެކްސްޓަސީ ގުޅައަށް ޕީ.އެމް.އޭ ފަދަ ނުރައްކާ މާއްދާތައް އަޅާފައި ހުންނަ ފަހަރު އާދެއެވެ. ޕީ.އެމް.އޭ ނުވަތަ ޕެރަމެތިލަމްފެޓަމައިން އަކީ އެމްފެޓަމައިންގެ ވަރަށް ވިހަ ގަދަ ބާވަތެކެވެ.

ހެރޮއިން

ބާވަތް: ޑިޕްރެސެންޓް

ތާރީޚު: ހެރޮއިން އުފައްދާ އޯޕިއަމް ނުވަތަ އަފިހުން މިސްރުގައި 3،000 (ތިން ހާސް) އަހަރު ކުރިން ބޭނުން ކޮށްފައިވާކަމުގެ ދަލީލު އެބަހުއްޓެވެ. އަފިހުމުން އުފައްދާ އެހެން ބާވަތެއް ކަމަށްވާ ލޯޑެނަމް ވަނީ މީގެ 400 (ހަތަރު ސަތޭކަ) އަހަރު ކުރިން އިނގިރޭސި ވިލާތުގައި ތަދުކަނޑުވާ ބޭހެއްގެ ގޮތުގައި ދީފައެވެ.

ހުންނާނީ ކިހިނެތް؟:

ހެރޮއިން އަކީ އަފިހުމުގައި ހިމެނޭ މޯފައިން މާއްދާގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.

ހެރޮއިން 1898 ވަނަ އަހަރު ފުރަތަމަ ތައާރަފު ކުރީ ޖަރުމަނުގައި ހުންނަ ބޭޔަރ ފާރމަސޫޓިކަލް ކުންފުނިންނެވެ. އެއީ ދެވި ނުހިފާ، ކެއްސާތީ ބޯ ބޭހެއް ގޮތުގައެވެ. އަދި ހެރޮއިން ވަނީ އަފިހުމަށް ދެވިހިފުމުން ސަލާމަތް ކުރާ ފަރުވާއެއް ގޮތަށް ވެސް ދީފައެވެ.

ހެރޮއިންގެ ހަގީގީ ކެމިކަލް ނަމަކީ ޑަޔަސެޓިލްމޯފައިން އެވެ. މިއީ މޯފައިން މާއްދާއާ އިތުރު ދެ ކެމިކަލް މޮލެކިއުލް ޒައްރުތައް ލެބޯޓްރީގައި ގުޅާލުމުން އުފެދޭ މާއްދާއެކެވެ.

މަގުމަތީގައި ކިޔާ ނަންތައް: އެޗް، ހެމަރ، ސްމެކް، ބްރައުން ޝުގަރ (އަދި ދިވެހި ރާއްޖޭގައި ނަމަ “ހަކުރު”)

ހެރޮއިން ހުންނަ ގޮތް: އެއީ ކުނޑިކޮޅެއްހެން ހުދުން ފެށިގެން މުށި ކުލައަކަށްދާ ގޮތަށް ހުންނަ މަސްތުވާއެއްޗެކެވެ. އަދި ހެރޮއިން ހަރު ކްރިސްޓަލްގަނޑެއްހެން ވެސް ހުރެއެވެ.

ހެރޮއިން ބޭނުން ކުރަނީ ކިހިނެތް؟: ހެރޮއިން އަކީ އާއްމު ގޮތެއްގައި ސިރިންޖު ކަށިން އިންޖެކްޓް ކޮށްގެން، ނޯށަށް އަރުވައިގެން ނޫނީ ހޫނުކޮށްގެން ދުން އަރުވައިގެން “ބޯ” އެއްޗެކެވެ. ދުންފަތްހެން ހެރޮއިން “ބޮވެނީ”، ޗުވިންގަމް ނުވަތަ އެހެންވެސް ބާވަތެއްގެ ފޮއިލްކޮޅެއް މަތީގައި ހޫނު ކުރުމުން އޭގެން އަރާ ދުންތައް، ނޭވާގެ ޒަރީއާއިން ހަށިގަނޑުގެ އެތެރެއަށް ފޮނުވާލައިގެންނެވެ. މި ދުންތައް މިގޮތަށް ހަށިގަނޑަށް ފޮނުވަނީ ކަރުދާސްކޮޅަކުން ޕައިޕެއް ހަދައިގެން ނުވަތަ ޖޫސް ބޯ ހޮޅިއެއް ބުރިކޮށްލައިގެން އެ ބޭނުންކޮށްގެންނެވެ. މި ގޮތަށް ފޮއިލް މަތީގައި ހަކުރު “ބުއިމަ”ށް “ޗޭސް ކުރުން” ކިޔެއެވެ.

ހެރޮއިން މަސައްކަތް ކުރަނީ ކިހިނެތް؟: ހަށިގަނޑުގެ ތެރެއަށް ދިއުމަށް ފަހު ވަރަށް އަވަހަށް ދެ މަރުހަލާއަކުން ހެރޮއިން މޯފައިން އަށް ބަދަލުވެއެވެ. ފުރަތަމަ އޭތި ބަދަލު ވަނީ މޮނޯއެސިޓިލްމޯފައިން އަށެވެ. އަދި އެއަށް ފަހު މޯފައިން އަށެވެ. މި މަރުހަލާގައި ފާހަގަ ކުރެވޭ މުހިންމު ކަމަކީ، މޮނޯއެސިޓިލްމޯފައިން އަކީ ލޭގެ ޒަރީއާއިން ސިކުނޑިއަށް ސީދާ ދަތުރު ކުރުމަށް މަގުކޮށައިދޭ މާއްދާއެއް ކަމެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން، ކުއްލިއަކަށް މާ ވަރުގަދަ “ކިކް”އެއް މީހާއަށް ލިބުމެވެ. ގިނަ މިންވަރަކަށް ހެރޮއިން ސިކުނޑިއަށް ފޯރީމައެވެ، މޮނޯއެސިޓިލްމޯފައިންގެ ޒަރީއާއިންނެވެ.

ހެރޮއިން ބޭނުން ކުރުމުން ވާނީ ކިހިނެތް؟

ކުރު މުއްދަތެއްގައި ބޭނުންކުރާ މީހަކަށް ކުރާނެ އަސަރު:

ނަފުސާނީ އަދި ޖިސްމާނީ ހުރިހާ ވޭންތަކަކަށް ލުޔެއް ލިބުން

ޔޫފޯރިއާ ނުވަތަ އާދަޔާހިލާފު އުފާވެރިކަމެއް އިހުސާސްކުރެވުން

ހޮޑުލަވާގޮތްވުން އަދި ހޮޑުލެވުން

ލޮލުގެ ޕިއުޕިލް ނުވަތަ ކޮއެ ޑައިލޭޓްވުން ނުވަތަ ކުޑަވުން

ލުއިކޮށް ނޭވާ ލެވުން

ބަނޑުހިކުން

ގައި ހިރުވުން

ނިދިއައުން

ހޭނެތުން ނުވަތަ ކޯމާއަކަށް ދިއުން އަދި މަރުވުން

ދިގު މުއްދަތެއްގައި ބޭނުން ކުރުމުން ކުރިމަތިވެދާނެ އަސަރު:

ނާރުތައް ހަލާކުވުން

އެބްސެސް ނުވަތަ ދުޅަވެ ދޮސްގަތުން

ޓެޓްނަސް ޖެހުން

ހެޕަޓައިޓިސް ބީ އަދި ސީ

ހިތާއި މެއާއި އަދި ނޭވާލާ ނިޒާމަށް މައްސަލަތަކާ ކުރިމަތިވުން

ކާހިތް ނުވުން

ނިއުމޯނިއާ ނުވަތަ ގަދަހުން ޖެހުން

އަންހެނުންގެ ޕީރިއަޑް ނުވަތަ ހައިލު ވުމުގައި މައްސަލަތައް ކުރިމަތިވުން އަދި ބަލިވެއިނުމަށް ނުކުޅެދިނުން

ފިރިހެނުންގެ ޖިންސީ ބާރު ނެތިދިއުން (“އިމްޕޮޓެންސް”)

ހަޖަމު ކުރުމުގެ ނިޒާމުގައި މައްސަލަ ޖެހި، އާދަޔާހިލާފު ސީރިއަސް މިންވަރަކަށް ބަނޑުހިކުން (“ކޮންސްޓިޕޭޝަން”)

ހެރޮއިން ބޭނުން ކުރުމުން އޯވަޑޯޒް ވޭ ހެއްޔެވެ؟: އާއެނކެވެ. ހެރޮއިން އޯވަޑޯޒްއަކުން މީހާ މަރުވުން އެކަށީގެންވެއެވެ.

ހެރޮއިން އަކީ ދެވިހިފާ ބާވަތުގެ މުސްތުވާއެއްޗެއް ހެއްޔެވެ؟: އާނއެކެވެ. އެއީ ދެވިހިފާ ޒާތުގެ މަސްތުވާއެއްޗެކެވެ.

އެލް.އެސް.ޑީ

ބާވަތް: ހެލޫސިނޮޖެން

ތާރީހު: އެލް.އެސް.ޑީ އަކީ، ގޮވާމުގެ ބާވަތެއް ކަމަށްވާ “ރައި” ގައި އަޅާ ފަންގަހެއް ކަމަށްވާ “އަރގޮޓް” އިން އުފެދޭ ލިސަރޖިކް އެސިޑެކެވެ. އެލް.އެސް.ޑީ ބޭނުން ކުރުން އެޒްޓެކް މީހުންގެ ދިގު މާޒީއާ ހަމައަށް ދެމިގެންދެއެވެ.

ހުންނާނީ ކިހިނެތް؟

އެލް.އެސް.ޑީ އަކީ ޑައިތިލަމައިޑް ނަމަކަށް ކިޔާ ލިސަރޖިކް އެސިޑަކަށް ކިޔާ ނަމެކެވެ.

ފުރަތަމަ ހޯދުނީ 1938 ވަނަ އަހަރު ޑރ. އަލްބަރޓް ހޮފްމަން އަށް ސްވިޒަލެންޑުންނެވެ. ލެބޯޓަރީގައި ތަހުލީލު ކުރަނިކޮށް އޭނާގެ ހަށިތެރެއަށް އޭގެ އެތިކޮޅެއް އެކްސިޑެންޓަކުން ގޮސް، އަންތަރީޒުވާ އަދި ބުއްދި ގަބޫލު ކުރަން ދަތި އެތައް މަންޒަރުތަކެއް ފެނުނު ކަމަށް ވިދާޅުވިއެވެ. އަދި އިވޭ އަޑުތައް ވެސް ހުންނަނީ ފެންނަ ކުލަތަކާ “ގުޅިފައި” ކަމަށް ވިދާޅުވިއެވެ.

މަގުމަތީގައި ދީފައިވާ ނަންތައް: ޓްރިޕްސް، އެސިޑް، ބްލޮޓަރސް، މައިކްރޯޑޮޓްސް

މަގުމަތީގައި ގިނަ ފަހަރަށް ދެވިފައި ހުންނަނީ އޭގެ ލޭބަލްކޮޅާ ގުޅޭ ނަމެކެވެ. މިސާލަކަށް، ޓްރިޕެއްގައި ސްޓްރޯބެރީއެއްގެ މަންޒަރު އިން ނަމަ އެ ޓްރިޕަށް ނަން ދީފައި ހުންނާނީ “ސްޓްރޯބެރީ” މޭވާގެ ނަމުންނެވެ.

އެލް.އެސް.ޑީ ހުންނާނީ ކިހިނެތް؟: އެލް.އެސް.ޑީ ހުންނާނީ ވަރަށް ވެސް ކުޑަކޮށެވެ. ގިނަ ފަހަރަށް އެއީ ބްލޮޓިން ކަރުދާސްކޮޅަކަށް ޖަހާފައިވާ ތިއްކަރެކެވެ. މިފަދަ ބްލޮޓިން ޕޭޕަރުތައް ހުންނާނީ ކުދިކޮށް ހަތަރެސްކަނަށް ކޮށައިފައެވެ. އަދި ޕޮޕް ސަގާފަތާ ގުޅޭ މަންޒަރުތައް ކުރަހައިފައެވެ. އެގޮތުން ތިއްކެއް ނުވަތަ “ފުލް ސްޓޮޕެއް”ގެ މިންވަރު އެލް.އެސް.ޑީ ތިއްކެއް ބުއި ނަމަވެސް، މީހާގެ މުޅި މޫޑަށާއި ވިސްނުމަށް ބަދަލު އަންނަ ގޮތްވެއެވެ.

އެލް.އެސް.ޑީ ބޭނުން ކުރަނީ ކިހިނެތް؟: އާއްމު ގޮތެއްގައި އެލް.އެސް.ޑީ ނަގަނީ އަނގަޔަށް ލައިގެންނެވެ. ނަމަވެސް އެއީ ފެނުގައި ގިރޭ އެއްޗެކެވެ. އެހެންކަމުން ސިރިންޖު ކަށިން ހަށިގަނޑަށް އިންޖެކްޓް ވެސް ކުރެވެއެވެ.

އެލް.އެސް.ޑީ މަސައްކަތް ކުރަނީ ކިހިނެތް؟: އެލް.އެސް.ޑީ ބޮޑަށް މުއާމަލާތް ކުރަނީ ސެރޮޓޯނިން އުފައްދާ ރިސެޕްޓަރތަކާއެވެ. ހާއްސަކޮށް ވިސްނުމާއި ފެނުމާއި އަޑުއިވުމުގެ ހިއްސުތަކާ ގުޅޭ ސިކުނޑީގެ ބައިތަކުގައި ހިމެނޭ ސެރޮޓޯނިން އުފައްދައިދޭ ރިސެޕްޓަރުތަކާއެވެ. ޑޮޕެމައިން އަދި ނޮރެޕިނަފްރިން އުފައްދައިދޭ ނިއުރޯޓްރާންސްމިޓަރުތަކާ ވެސް އެލް.އެސް.ޑީ މުއާމަލާތް ކުރެއެވެ.

އެލް.އެސް.ޑީ ނެގުމުން ވާނީ ކިހިނެތް؟

އެންމެ އާއްމުކޮށް ކުރިމަތިވާ ކަންތައްތައް:

ސިނަސްތީޝިއާ – އަޑު “ފެނުން” އަދި ކުލައިގެ “އަޑު އިވުން”

ވަގުތު އޮޅުން

މީހުންގެ ސިފަ ޒާތްޒާތަށް ބަދަލުވާތަން ފެނުން

ވަށައިގެންވާ މާހައުލާއި ތިމާއާ އެއްވެސް އިމެއް ހުރަހެއް ނެތް ކަމަށް އިހުސާސް ކުރެވުން

ދިރިހުރިކަން އިހުސާސްވާލެއް ބޮޑުވުން

ނާދިރުކޮށް ނޫނީ ދިމާ ނުވާ ކަންތައްތައް:

ޕެރަނޯޔާ ނުވަތަ އާދަޔާހިލާފަށް ބިރުގަތުން

ވަގުތު އޮޅޭ ގޮތަށް ފެނުން

ބުއްދި ފިލައި ގޮސްފައިވާ މީހުން ކުރާ ފަދަ ކަންތައްތައް ކުރެވުން

ފްލޭޝްބެކް – އެލް.އެސް.ޑީ ނަގައިގެން ކުރިން ކުރި ތަޖުރިބާއެއް ނުވަތަ “ޓްރިޕް”އެއް، ކުއްލިއަކަށް ފަހުން އެނބުރިއައިސް އަލުން ހަމަ އެ “ތަޖުރިބާ”، ވަގުތުކޮޅަކަށް ނަމަވެސް ހަމަ އެ ގޮތަށް ކުރެވުން

ބޭޑް ޓްރިޕް – ނެތް އެއްޗެހި ފެނުމުގައި މީހާ ބިރުގަންނަ ގޮތްވާ ފަދަ އިހުސާސްތަކެއްގެ ތެރެއަށް ނަފުސާނީ ގޮތުން ވެއްޓުން. މިކަން ބޮޑަށް ކުރިމަތިވީ 1970 ގެ އަހަރުތަކުގައި މަގުމަތީގައި ބޭނުން ކުރަމުން އައި މިންވަރު އިތުރުވުމާ ގުޅިގެންނެވެ.

އެލް.އެސް.ޑީން އޯވަޑޯޒް ވޭ ހެއްޔެވެ؟: އެލް.އެސް.ޑީން އޯވަޑޯޒް ވެގެން ދުނިޔޭގައި މީހަކު މަރުވެފައިވާ ކަމަކަށް މިހާތަނަށް ރެކޯޑް ކުރެވިފައެއް ނެތެވެ.

އެލް.އެސް.ޑީ އަކީ ދެވިހިފާ ބާވަތުގެ އެއްޗެއް ހެއްޔެވެ؟: ނޫނެކެވެ. އެލް.އެސް.ޑީ އަށް މީހާ ޖިސްމާނީ ގޮތުން ޑިޕެންޑް ވާ ނުވަތަ އޭގެ އަޅަކަށް ވާ ކަމަކަށް ނުދައްކައެވެ.

ވޮލެޓައިލް ސަބްސްޓެންސް (ވަޔަށް ނުވަތަ ދުމަށް އަވަހަށް އަރައިގެންދާ ބާވަތްތައް)

ބާވަތް: ޑިޕްރެސެންޓް

ތާރީހު: ވިސްނުމާއި ދެކޭ ގޮތް ބަދަލު ވާ ފަދަ ތަޖުރިބާތައް ކުރުމަށް އެތައް ބާވަތެއްގެ އެއްޗެއް އަހަރެމެންގެ ކާބަފައިން ނޭވާލުމުގެ ނިޒާމުގެ ތެރެއިން ހަށިގަނޑަށް ވާސިލުކޮށް، އެތައް ހާސް އަހަރެއް ވަންދެން ސަގާފީ ގޮތުން އެކަން ތަޖުރިބާ ކުރަމުން އައި ނަމަވެސް، މި ގޮތަށް ނޭވާލުމުގެ ނިޒާމުގެ ޒަރީއާއިން ބޭނުން ކުރެވޭ މަސްތުވާތަކެތީގެ ތަފާތު އެތައް ބާވަތްތަކެއް އުފެދިގެން އައީ 20 ގަރުނުގައި ކެމިކަލް އުފެއްދުމުގެ ސިނާއަތު ކުރިއަރައިގެން އައުމުގެ ސަބަބުންނެވެ.

ހުންނާނެ ގޮތް: ވޮލެޓައިލް ސަބްސްޓެންސަކީ، ކޮޓަރީގެ އެވްރެޖް ފިނިހޫނުމިނުގައި އެ މާއްދާއަކުން ދުމެއް ދޫކުރާ ކޮންމެ މާއްދާއެކެވެ. އެގޮތުން މައިގަނޑު 4 ބާވަތެއްގެ ވޮލެޓައިލް ސަބްސްޓެންސް ހުރެއެވެ:

ވޮލެޓައިލް ސޮލްވަންޓް – މިސާލަކަށް، ޓޮލުއީން، ޕެޓްރޯލް އަދި ތަފާތު ބާވަތްތަކުގެ ތެރަސް

އޭރޯސޯލް – މިސާލަކަށް، އިސްތަށިގަނޑަށް ޖަހާ ހެއަރ ސްޕްރޭ، ކޮޓަރިއަށް މީރު ވަސް ދުއްވަން ޖަހާ އެއަރ ފްރެޝްނަރ، ސިނގިރެޓް ރޯކުރާ ލައިޓަރު

އެނެސްތެޓިކް ނުވަތަ އައްސި ކުރަން ނުވަތަ ހޭނައްތަން ބޭނުން ކުރާ މާއްދާތައް – މިސާލަކަށް، ނައިޓްރަސް އޮކްސައިޑް ނުވަތަ “ލާފިން ގޭސް”

ވޮލެޓައިލް ނައިޓްރޭޓްގެ ބާވަތްތައް – މިސާލަކަށް، އެމިލް ނައިޓްރޭޓް އަދި ބުޓިލް ނައިޓްރޭޓް

މަގުމަތީގައި ދީފައިވާ ނަންތައް: ނޭންގްސް، ބަލްބްސް، އަދި ކުދި ދަޅުގައި ވިއްކާ ނަމަ، ނައިޓްރަސް އޮކްސައިޑް

ހުންނަނީ ކިހިނެތް؟:

ވޮލެޓައިލް ސޮލްވެންޓް – ގިނަ ފަހަރަށް ޕެކެޖް ކޮށްފައި ހުންނާނީ ޕްލާސްޓިކް ކޮންޓޭނަރުގައެވެ.

އޭރޯސޯލް – ސިލިންޑަރެއްހެން ހުންނަ ދަގަނޑު ދަޅުގައި ނުވަތަ ދަގަނޑު ކޮންޓޭނަރުގައި

އެނެސްތެޓިކް – ގިނަ ފަހަރަށް ޕެކެޖްކޮށްފައި ހުންނަނީ 5 ސެންޓިމީޓަރު ދިގު ދަގަނޑު ސިލިންޑަރުގައެވެ. މިއީ އައިސް ކްރީމް ވިޕަރ އަށާއި ސޮޑާ ސިފޮން އަށް ބޭނުން ކުރާ އެއްޗެކެވެ.

ވޮލެޓައިލް ނައިޓްރޭޓްގެ ބާވަތްތައް – އާއްމު ގޮތެއްގައި ކުދި ފުޅީގައި ވިއްކަން ހުންނަ ރީނދޫ ކުލައިގެ ދިޔާ އެއްޗެއް

ބޭނުން ކުރަނީ ކިހިނެތް ހެއްޔެވެ؟: އެއީ ނޭފަތުން ނުވަތަ އަނގައިން ނޭވާ އެތެރެއަށް ދަމައިގެން އޭގެ ވަސް ގަނެގެންނެވެ.

މި ތަކެތި މަސައްކަތް ކުރަނީ ކިހިނެތް؟

ސޮލްވެންޓްގެ ބާވަތްތައް އަދި އޭރޯސޯލްގެ ބާވަތްތައް – ބަނގުރަލުން އަންނަ “ހައި”، ނަމަވެސް މާ އަވަހަށް “ކިކު” އަންނަ ކަމަށްވޭ. އެގޮތުން 1 މިނެޓާއި 5 މިނެޓާ ދޭތެރޭ ވެސް އޭގެން “ކިކެއް” ލިބި، އަސަރު ކުރާ ކަމަށްވޭ. އަދި އޭގެ އަސަރުތަކުން ސަލާމަތްވުމަށް ވެސް ނަގަނީ އެހާ ކުޑައިރުކޮޅެއް، ގާތްގަނޑަކަށް 30 މިނެޓާއި 1 ގަޑިއިރާ ދެމެދު.

ނައިޓްރަސް އޮކްސައިޑް – ބޮލަށް “ކިކެއް” އަރައިގެންދާ ކަހަލަ އިހުސާސެއް ވާނެ. އަދި ޔޫފޯރިއާ ނުވަތަ އާދަޔާ ހިލާފަށް އުފާވެރިވާނެ. އަސަރު ހުންނާނީ ކުޑަ ވަގުތުކޮޅަކު.

ވޮލެޓައިލް ނައިޓްރޭޓްގެ ބާވަތްތައް – ލޭގެ ޕްރެޝަރު ދަށަށް ގެނެސް، ހިތުގެ ވިންދު އަވަސްކޮށްދޭ. ސިކުނޑިއަށް ލޭ ކުއްލިއަކަށް ގޮސް އޮކްސިޖަން ގޭހުން ފުރާލުމުން މީހާއަށް ވަރަށް ބޮޑު އުފާވެރިކަމެއް އިހުސާސް ކުރެވިގެންދޭ، އަދި ޖިންސީ ޖޯޝު ވެސް އާލާވޭ. އަދި މި ފަދަ މާއްދާތަކުގެ އެހެން އަސަރުތަކުގެ ތެރޭގައި ހަށިގަނޑުގައި ހުންނަ އޮމާން މަސްތަކާއި މަސްލްތަކުގެ ޓިޝޫއަށް ދުލެއް ދެއެވެ. މިހެންވެ ފުރަގަސްފަރާތް ބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގާ މީހުންގެ މެދުގައި ނައިޓްރަސް އޮކްސައިޑް މަގުބޫލެވެ.

ވޮލެޓައިލް ސަބްސްޓެންސް ބޭނުން ކުރުމުން ވާނީ ކިހިނެތް؟

ކުރު މުއްދަތުގައި ކުރިމަތިވެދާނެ އަސަރުތައް:

ކަންތައްތަކާ މާބޮޑަށް ޝައުގުވެރިވުން

ޔޫފޯރިއާ ނުވަތަ އާދަޔާ ހިލާފަށް އުފާވުން

ހެލޫސިނޭޓް ކުރުން ނުވަތަ ނެތް އެއްޗެހި ފެނުން

ކުރިން ލަދުގަތް ކަންތައްތައް ކުރުމަށް މިހާރު ޖެހިލުން ނުވުން

ވާހަކަ ދެއްކުމުގައި ނުފަރިތަވުން

މޭގައި ބާރުކަމެއް ހުންނަކަން އިހުސާސް ކުރެވުން

ފިޓު ޖެހުން

ކަންތައްތަކާމެދު އޮޅުންއެރުން ނުވަތަ ކޮންފިއުސް ވުން

ބޯއެނބުރުން

ކޮންމެ އެއްޗެއް ދެ އެތީގެ ގޮތުގައި ލޮލަށް ފެނުން

ނޭފަތުން ލޭ އައުން

ބޮލުގައި ރިއްސުން

ހޮޑުލެވުން

ހޮޑުލަވާ ގޮތް ވުން

ލޮލާއި ކަރު ތެރެ ހިރުވުން

ޓެކިކާރޑިއާ ނުވަތަ ހިތުގެ ވިންދު މާބޮޑަށް އަވަސްވުން

އޯވަޑޯޒްވެ، ހޭނެތި، މަރުވުމަށް އެކަށީގެންވުން.

ދިގު މުއްދަތުގައި ކުރިމަތިވެދާނެ ކަންތައްތައް:

ޕޭލަރ ނުވަތަ ހަމުގެ ކުލައާއި ތާޒާކަން ގެއްލުން

ތުރުތުރުއެޅުން

ހަށިގަނޑުގެ ބަރުދަން ލުއިވުން

މާބޮޑަށް އަބަދު ވަރުބަލިކަމެއް އިހުސާސް ކުރެވިފައި ހުރުން

ކަރުހިއްކުން

ހަނދާން ނެތުން

މީހުންނާ ހަތުރުވެރިވުން

ޑިޕްރެސް ވުން

އެހެން މީހުން ތިމާއާ އަބަދު ޖައްސާލައިގެން އުޅޭ ކަމަށް ހީވުން

މޭގަނޑަށް ގެއްލުން ލިބުން

ކިޑްނީތައް މަސައްކަތް ކުރަންވާ ގޮތަށް ނުކުރުން

ސިކުނޑި “މަރުވާ” ބަލި، މިސާލަކަށް ތިމަރަ އެޅި ޕެޓްރޯލުން ވަސް ބަލާ ނަމަ

ނައިޓްރަސް އޮކްސައިޑް އާ ބެހޭ ގޮތުން ކުޑަ ނޯޓެއް:

ނޭވާ ލުމުގެ ނިޒާމުން އެތެރެ ކުރެވޭ މި މާއްދާ މިގޮތަށް ބޭނުން ކުރުމުގެ ނުރައްކަލަކީ މި ބޭނުން ކުރަމުންދާ ވަގުތު ސިކުނޑިއަށް އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުލިބިދާނެތީއެވެ. މިފަހަކަށް އައިސް މި މާއްދާގައި ވަސްގަތުމަށް ބޭނުން ކުރަމުން އަންނަނީ، ސޮޑާ ދަޅުތަކާއި ވިޕްޑް ކްރީމް ކޮންޓޭނަރުތަކުގައި ހުންނަ ކުދި ސިލިންޑަރުތަކެވެ. މިއީ ކުދި ސިލިންޑަރުތަކެއް ކަމަށް ވުމުން، މީގައި ވަސް ގަންނަމުންދާއިރު، ދޭތެރެ ދޭތެރެއިން ނޭވާ ލާން ޖެހެއެވެ. އަދި މިހެންވެ ސިކުނޑިއަށް އޮކްސިޖަން ފޯރާ މަގު ބަންދެއް ނުވެއެވެ. ނަމަވެސް ދަތުގެ ފަރުވާ ދޭ ފަރާތްތަކުން، ވިޔަފާރީގެ އުސޫލުން މި މާއްދާގެ ގިނަ މިންވަރެއް ހޯދާތީ، ލިބޭނީ ބޮޑެތި ސިލިންޑަރުގައި ކަމަށްވުމުން، މި ބާވަތުގެ ސިލިންޑަރު ނުރަނގަޅު ގޮތުގައާއި ނަހަމަ ގޮތުގައި ބޭނުން ކުރުމުން މީހުންގެ ފުރާނަ ގެއްލިފައިވެއެވެ.

އޯވަޑޯޒް ވެދާނެ ހެއްޔެވެ؟: އޯވަޑޯޒް ވުމަކީ އެކަށީގެންވާ ކަމެކެވެ. އެއީ ބޭނުން ކުރަނީ ކޮން ބާވަތެއްގެ މާއްދާއެއް ކަމާއި ބޭނުން ކުރާ ޒަރީއާގެ ގޮތުންނެވެ.

އެއީ ދެވިހިފާ އެއްޗެއް ހެއްޔެވެ؟: އާނއެކެވެ. ބައެއް ބާވަތްތަކަކީ ދެވިހިފާ އެއްޗެއްސެވެ. މިސާލަކަށް ޕެޓްރޯލް އަދި ތެރަހުގެ ބާވަތްތައް

ގްލޯސަރީ ނުވަތަ މި ފޮތުގައި ބޭނުން ކޮށްފައިވާ ބަސްތަކުގެ މާނަ

އެސިޓިލްކޮލައިން – ނިއުރޯޓްރާންސްމިޓަރެއް

އޭ.ޑީ.އެޗް.ޑީ – އެޓެންޝަން ޑެފިސިޓް ހައިޕަރއެކްޓިވިޓީ ޑިސްއޯޑަރ

އޭ.ޑީ.އައި.އެސް – އަލްކޮހޯލް އެންޑް ޑްރަގް އިންފޮމޭޝަން ސަރވިސް

އެއިޑްސް – އެކުއަޔަޑް އިމިއުނޯ ޑިފިޝަންސީ ސިންޑްރޯމް. އެޗް.އައި.ވީގެ ފަހުގެ މަރުހަލާއެއް. އެޗް.އައި.ވީ ޖެހިފައިވާ ކޮންމެ މީހަކު އެއިޑްސް ބައްޔަކަށް ބަދަލެއް ނުވޭ

އެނަންޑަމައިން – ޓީ.އެޗް.ސީ ފަދަ ނިއުރޯޓްރާންސްމިޓަރެއް

ބޮންގް – މެރިހާނާ ނުވަތަ މެރުއާނާ ބުއިމަށް ބޭނުން ކުރާ އާލާތެއް

ބުޕްރެނޯފައިން – ހެރޮއިން ބޭނުން ކުރާ މީހުންނަށް ދެވޭ ބޭހެއް. މެތަޑޯން އާ ހިލާފަށް ބުޕްރެނޯފައިންގެ ރަނގަޅުކަމަކީ ނުވަތަ އެޑްވާންޓޭޖަކީ އޭގެ އަސަރު ގިނަ ދުވަހު ދެމިހުންނަ ކަމެވެ. މިހެންވެ އޭގެ ޑޯޒް ނަގަން ޖެހޭ ދޭތެރެ ދުރެވެ.

ކޯލްޑް ޓާރކީ – ޑޮކްޓަރީ ބޭހެއް ބޭނުން ނުކޮށް މަސްތުވާތަކެތި ބޭނުން ކުރުމުގެ އާދައިން ދުރުވުން. މި ނަން ދިނީ ވިތްޑްރޯވަލް ނުވަތަ ސިކުގެ އަލާމާތްތަކުގެ ތެރޭގައި މީހާގެ ގައިގައި ހީބިހި ފާޑުގެ އެއްޗެއް ނަގާތީ އެއާ ގުޅުވައިގެންނެވެ.

ކޯން – ބޮންގެއްގައި މެރުއާނާކޮޅު ރޯކޮށްލަން ބައިންދާ ދަނގަޑު މަތިގަނޑު

ޑިޓޮކްސް – “ޑިޓޮކްސިފިކޭޝަން”ގެ ކުރު ގޮތް. ހަށިގަނޑުން ވިހަތައް ބޭރު ކުރުމަށް ކިޔާ ނަމެއް. މި ކަމަށް ނުވަތަ މިކަން ކޮށްދޭ މަރުކަޒަކަށް ވެސް “ޑިޓޮކްސް” މި ބަސް ބޭނުން ކުރުން އެކަށީގެންވޭ.

ޑިސީސް މޮޑެލް – ބަނގުރަލާއި މަސްތުވާތަކެތި ބޭނުން ކުރުމަކީ ސިއްހީ ބައްޔެއް ކަމަށް ދެކޭ ނަޒަރިއްޔާތު ނުވަތަ އައިޑިއޮލޮޖީ. މި ފިލޯސޮފީ ނުވަތަ ފަލްސަފާ ގަބޫލު ކުރާ މީހުން ދެކޭ ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކަށް ހަގީގީ ހައްލެއް ނެތެވެ. އޮތް ހަމައެކަނި ގޮތަކީ އެ ބޭނުން ނުކޮށް ހުރުމެވެ.

ޑޮޕެމައިން – ނިއުރޯޓްރާންސްމިޓަރެއް

އެޗް.ސީ.ވީ – ހެޕަޓައިޓިސް ސީ ވައިރަސް. މަސްތުވާތަކެތި އިންޖެކްޓް ކުރުމުގައި އެތައް ބަޔަކު އެއް ސިރިންޖު ކައްޓެއް ބޭނުން ކުރާ ނަމަ އެޗް.ސީ.ވީ ޖެހުމަށް މަގު ހުޅުވިގެންދޭ.

އެޗް.އައި.ވީ – ހިއުމަން އިމިއުނޯ ޑިފިޝަންސީ ވައިރަސް. އެއް ސިރިންޖު ކައްޓެއް އެތައް ބަޔަކު ބޭނުން ކުރުމުން އެޗް.އައި.ވީ ފެތުރުމަށް މަގުފަހިވޭ.

އެލް.އޭ.އޭ.އެމް – ލީވާ-އަލްފާ-އެސެޓިލް-މެތަޑޯލް. ހެރޮއިން ބޭނުން ކުރާ މީހުންނަށް ދިނުމަށް އަދިވެސް ތަހުލީލީ މަރުހަލާގައި ލެބޯޓްރީގައި ޓެސްޓް ކުރެވެމުން އަންނަ ބޭހެއް. މެތަޑޯންއިން ކުރާ އަސަރާ އެއްގޮތް މި ބޭސް ބޭނުން ކުރަން ޖެހެނީ ހަފުތާއަކު އެންމެ 3 ފަހަރުއެވެ.

އެލް.އެސް.ޑީ – ލިސަރޖިކް އެސިޑް ޑައިތިލްމައިޑް

މެތަޑޯން – ހެރޮއިން ބޭނުންކުރާ ހިތްވާހިތްވުން ކަނޑުވާލުމަށް ދޭ، ލެބޯޓްރީގައި ތައްޔާރު ކުރެވިފައިވާ، އަނގައިން ދިރުވާލާ، އޯޕިއޭޓް އެކުލެވޭ ބޭހެއް. އެކަށީގެންވާ މިންވަރަކަށް ބޭނުން ކޮށްފި ނަމަ، ހެރޮއިންއިން އެ ގެނުވާ “ހައި” ކަނޑުވާލާ.

އެމް.އެމް.ޓީ – މެތަޑޯން މެއިންޓެނަންސް ޓްރީޓްމަންޓް

ނަލްޓްރެކްސޯން – އޯޕިއޭޓްގެ ބާވަތްތަކުން ހަށިގަނޑަށް ކުރާ އަސަރު ހުއްޓުވާލާ މާއްދާއެއް

ނާރކަން – ނެލޮކްސޯން އަށް ބޭނުން ކުރެވޭ ބްރޭންޑް ނަން. ނެލޮކްސޯން އަކީ ހަށިގަނޑުގެ ރިސެޕްޓަރުތަކުގައި ވަކި ހިއްޕާލާފައިވާ އޯޕިއޭޓްތައް ނައްތާލާ މާއްދާއެއް. ނަލްޓްރެކްސޯންއާ ހިލާފަށް ނެލޮކްސޯންގެ އަސަރު ހުންނަނީ އެންމެ ގަޑިއިރެއް ނުވަތަ 2 ގަޑިއިރު. މަސްތުވާތަކެތިން އޯވަޑޯޒްވުމުން ވެސް ދެވޭ ފަރުވާއެއް.

ނިއުރޯއެޑެޕްޓޭޝަން – މަސްތުވާތަކެތި މާގިނަ ދުވަހު މާގިނައިން ބޭނުންކުރުމުން ހަށިގަނޑަށް އަންނަ ޖިސްމާނީ ބަދަލުތައް. މިއީ މަސްތުވާތަކެއްޗަށް ހަށިގަނޑު އަޅުވެތިވެފައިވާ ކަމުގެ ހެއްކެއް.

ނިއުރޯޓްރާންސްމިޓަރ – ސިކުނޑީގެ ނާރުތަކުގެ ދެމެދުގައި މުއާމަލާތް ކުރުމަށް މަގުފަހިކޮށްދޭ ކެމިކަލް މެދުވެރިއެއް

ނޮރެޕައިންފްރިން – ނިއުރޯޓްރާންސްމިޓަރެއް

އޮޕިއޮއިޑް – އޯޕިއަމް ނުވަތަ އަފިހުން ގަހުގެ މަލުން ނެގޭ މާއްދާއަށް އާއްމުކޮށް ކިޔާ ނަން. އެގޮތުން މޯފައިން އާއި އަދި އޮޕިއެޓްސް އާ ހަނގުރާމަ ކުރުމަށް ލެބޯޓްރީގައި އީޖާދު ކުރެވުނު މެތަޑޯން ފަދަ މާއްދާތަކާއި، އަދި ހަށިގަނޑުގައި ގުދުރަތީ ގޮތުން އުފެދޭ އެންޑޯޖެންސް ފަދަ މާއްދާތަކަށް ވެސް އޮޕިއޮއިޑް މި ނަން ބޭނުން ކުރެވެއެވެ.

ޕީ.ޑީ.އައި.އެސް – ޕޭރެންޓް ޑްރަގް އިންފޮމޭޝަން ސަރވިސް

ރެސިސްޓެންސް ޓްރެއިނިން – މަސްތުވާތަކެއްޗަށް މީހާ ހުށަހެޅުމުން، އެއާ ދުރުވުމަށް ހިތްވަރު ލިބޭނެ ތަމްރީންތައް ރާވައި ހިންގުން

ސެރޮޓޯނިން – ނިއުރޯޓްރާންސްމިޓަރެއް

ސަބްލިންގުއަލް – ދުލުގެ ދަށުގައި ބާއްވައިގެން ބޯ ބޭހުގެ ބާވަތްތައް

ޓީ.އެޗް.ސީ – ޑެލްޓާ-9-ޓެޓްރާހައިޑްރޯކެނަބިނޯލް. ކެނެބިސް ބުއިމުން މީހާއަށް “ހައި” ނުވަތަ އުފާވެރިކަން ގެނުވައިދޭ މާއްދާ

ޓޮލަރަންސް – މަސްތުވާއެއްޗެއް އާއްމު ގޮތެއްގައި ބޭނުންކުރަން ފެށުމުން ހަށިގަނޑު އެއަށް ދިފާއުވުން ކުޑަވާ މިންވަރު. އެގޮތުން މަސްތުވުމަށްޓަކައި ކުރިން ބޭނުން ކުރި މިންވަރަށް ވުރެ އިތުރަށް ބޭނުން ކުރަން ޖެހޭ ހާލަތް ކުރިމަތިވުން.

އިތުރު މައުލޫމާތު ހޯދުމަށް:

ގާނޫނީ ގޮތުން މަނާ މަސްތުވާތަކެއްޗާ ގުޅޭ މައުލޫމާތު ހިމެނޭ ލުއިފޮތްތައް ގިނަ އަދަދަކަށް ލިބެން ހުރެއެވެ. އަދި މިފަދަ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ފޯނުން ގުޅައިގެން ވެސް ހޯދިދާނެއެވެ. އޮސްޓްރޭލިޔާގައި މިފަދަ މައުލޫމާތެއް ހޯދާ ނަމަ، އޮސްޓްރޭލިއަން ޑްރަގް އިންފޮމޭޝަން ސަރވިސްގެ ވެބްސައިޓަކީ އެންމެ އެކަށީގެންވާ ވެބްސައިޓެވެ. (ދިވެހި ރާއްޖޭގައި މިފަދަ މައުލޫމާތު ހޯދާ ނަމަ ނެޝަނަލް ޑްރަގް ހޮޓްލައިން 1410 އާ ގުޅުއްވާށެވެ. ނުވަތަ ނެޝަނަލް ޑްރަގް އެޖެންސީ އާއި މަސްތުވާތަކެތީން ދިވެހި ދަރިން ސަލާމަތް ކުރުމަށް ހަދާފައިވާ ދިވެހި ހިލޭސާބަހަށް މަސައްކަތް ކުރާ އެން.ޖީ.އޯ ނުވަތަ ޖަމިއްޔާ ކަމަށްވާ “ޖޯރނީ”ގެ ވެބްސައިޓަށް (http://journey.org.mv/) ޒިޔާރަތްކޮށްލައްވާށެވެ.) (ނިމުނީ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.