ބީއެމްއެލުން ދޫކޮށްފައިވާ ލޯނުތަކަށް ފައިސާ ދެއްކުން ހަ މަސްދުވަހަށް ފަސްކޮށްފި

ސަރުކާރުގެ އިކޮނަމިކް ރިކަވަރީ ޕްލޭންގެ ދަށުން ކޮވިޑް-19 އާ ގުޅިގެން ފަރުދުންނަށާއި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނަގާފައިވާ ލޯނުތައް ދެއްކުން 6 މަސްދުވަހަށް ފަސްކޮށްދިނުމަށް ނިންމިކަމަށް ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.

އެގޮތުން މިވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް ބީއެމްއެލް އިން މިވަނީ މި ފަރާތްތަކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު 6 މަސްދުވަހަށް ފަސްކޮށްފައެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވިގެންދާނެތީވެ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށްވެސް މިވަނީ 6 މަސްދުވަސް އިތުރު ކުރެވިފައެވެ. އަދި މީގެ އިތުރުން ލޯނު ދެއްކުން ފަސްކުރާ 6 މަހަށް ފަހު، ޖެހިގެން އަންނަ 6 މަސްދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދު %20 މަދުކޮށް ދެއްކުމުގެ ފުރުސަތުވެސް ހަމަޖެހިފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޕަރސަނަލް، ހައުސިންގ، އަދި ބިޒްނަސް ލޯނުތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން 6 މަސްދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް 1 މާރިޗް 2020 އިން ސެޕްޓެމްބަރ 2020 ގެ ނިޔަލަށް މިފުރުސަތު ލިބޭނެއެވެ. ލޯން އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި  ޝަރުތަކީ ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުމެވެ.

“މިގޮތުން މާރިޗު މަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައިވެސް ލޯނުގެ ފައިސާ ފަހުންދެއްކޭނެގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެއެވެ. ދައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދޫކޮށްފައިވާ ކްރެޓިޑް ކާޑާއި އޯވަރޑްރާފްޓް އަށް ދައްކަންޖެހޭ ފައިސާ ނުހިމެނެއެވެ،” ބީއެލްއެލުން ބުންޏެވެ.

 ބީއެމްއެލުން ބުނި ގޮތުގައި ލޯނު އަނބުރާދެއްކުން ފަސްކުރަން ބޭނުންވާ ކަސްޓަމަރުންނަށް 6 މަސް ދުވަހު ލޯނުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް މި 6 މަސްދުވަހު ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް މި  6 މަސް ދުވަހު ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެއެވެ. ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލެއް ގެނެވިފައި ނުވެއެވެ. އެހެންކަމުން މިހާރުވެސް ލޯނަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ލޯނަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން ވަކިވަކިން ކޮންމެ ކަސްޓަމަރަކަށް ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، ލޯނަށް ދައްކަންޖެހޭ ފައިސާ އަނބުރާ ދެއްކުން ފަސްކުރުމުގެ ފުރުސަތު ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެ ފުރުސަތު ފަހިކޮށްދީ އަދި ވަކިން ހާއްސަކޮށް ފަރުދުންނަށް އޮންލައިންކޮށް މިކަމަށް އެދި ހުށަހެޅޭނެ ގޮތް މިއަންނަ ހަފްތާތެރޭގައި ހަމަޖެހިގެންދާނެ ކަމަށް ވެސް ބީއެމް އެލުން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.