ކުންނު އާއި ވާދީ – 1 ވަނަ ބާބު

11791724_10152974268235423_992826649_n

އެޑިޓަރުގެ ނޯޓް: މިއީ އެމެރިކާގެ ނަފުސާނީ ޑޮކްޓަރެއް ކަމަށްވާ ޑރ. ސްޕެންސަރ ޖޯންސަން 2009 ވަނަ އަހަރު ޝާއިއު ކުރެއްވި 102 ސަފުހާގެ ފޮތް “ޕީކްސް އެންޑް ވެލީސް” (“ކުންނުތައް އަދި ވާދީތައް”) ގެ ދިވެހި ތަރުޖަމާއެވެ. ކުޑަކުދިންނަށް ވެސް ވާހަކަ ލިޔުމަށް މަޝްހޫރުވެފައިވާ ޑރ. ޖޯންސަންގެ 9 ބާބު ހިމެނޭ މި ފޮތުގައި ވަނީ ހަމަ ކޮންމެ އިންސާނަކަށް ވެސް ދުނިޔަވީ ދިރިއުޅުމުގައި ކުރިމަތިވެދާނެ ކޮންމެ ފަދަ ބޮޑު ހުރަސްތަކެއް ވެސް ގިރާކޮށް، އަބަދުވެސް އުފަލާއި ހިތްހަމަޖެހުމުގައި ހަޔާތް ވޭތު ކުރާނެ ސީދާސާދާ ނަފުސާނީ އުކުޅުތަކެއް އިބްރަތުން ފުރިފައިވާ ކުރު ވާހަކައެއްގެ ސިފާގައި މި ފޮތުގައި ގެނެސްދީފައެވެ. ކިޔެވުމާއި މަސައްކަތާއި ލޯތްބާއި ރަހްމަތްތެރިކަމާއި އިޖުތިމާއީ އަދި ވިޔަފާރި ކަމަށް ވިޔަސް މި ފޮތުގައި ވަނީ ހަޔާތުގެ ކޮންމެ ދާއިރާއެއްގައި ވެސް ކުރިމަތިވާނެ ކުދިބޮޑު ހުރަސްތަކުން ފިލާވަޅު ލިބިގަނެ، މާޔޫސްކަމެއް ނެތި ދިރިއުޅުމައިގެން ކުރިއަށް ދިއުމުގެ މަގު ވަރަށް ސާފުސީދާކޮށް ދައްކައިދީފައެވެ. އޭދަފުށި ޓައިމްސްގެ ލިޔުންތެރިއެއް ކަމަށްވާ މުހައްމަދު އުބައިދު ދިވެހި ބަހަށް ތަރުޖަމާ ކޮށްފައިވާ މި ފޮތް މި 9 ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އީޓީގައި ޝާއިއުކޮށް ނިންމާލާނެ ވާހަކަ ދަންނަވަމެވެ. ޝުކްރިއްޔާ.

***

“އާ ކަންތައްތައް ހޯދައިގަތުމުގެ ދަތުރަކީ އާ ބިންތަކެއް ފެނުމެއް ނޫނެވެ، ނަމަވެސް އާ ނަޒަރަކުން ކަންތައްތައް ދުށުމެވެ.” – ޕްރައުސްޓް

“މައުލޫމާތުގެ އަސްލަކީ، އެ ލިބުމަށް ފަހު، އެ ބޭނުން ކުރުމެވެ.” – ކޮންފިއުޝަސް

ޕްރޮލޯގް: ފެށުން

(އެމެރިކާގެ) ނިއު ޔޯކް އަށް ވިއްސާރަ އެއް ރެއެއްގައި މައިކަލް ބްރައުން އަވަސްވެގަތީ އޭނާ އަށް ކުރިމަތިވެފައިވާ ދަތި ދުވަސްތަކަކާ ކުރިމަތިލުމަށް އެހީވެދޭނެ ރަހްމަތްތެރިއަކާ ބައްދަލު ކުރުމަށެވެ. އެ ކުޑަ ކަޑައަށް އޭނާ ވަންއިރު، ކުރިއަށް އޮތް މަދު ގަޑިއިރުކޮޅަކީ ކިހާ އަގުހުރި ވަގުތުކޮޅެއްކަން އެނގޭނޭ ގޮތެއް އެއިރަކު އޭނާއަކަށް ނެތެވެ.

އޭނާއަށް އޭން ކާރ ފެނުމުން އޭނާ ހައިރާންވިއެވެ. މައިކަލް އަޑުއަހާފައިވާ ގޮތުގައި އޭން އަށް ވެސް ވަނީ ވަރަށް ދަތި ދުވަސްތަކަކާ ކުރިމަތިވެފައެވެ. މިހެންވެ، އޭންގެ ފަރާތުން އެ ސިފަތައް ފެންނާނެ ކަމަށް މައިކަލް އަށް ހީކުރެވުނެވެ. ނަމަވެސް ފެންނަ ފެނުމަށް އޭން ހުރީ ވަރަށް އުފަލުން އަދި އާރޯކަމުން ފުރިފައެވެ.

ތައާރަފުވެލުމުގެ ގޮތުން ކުޑަކޮށް ވާހަކަ ދައްކާލާފައި މައިކަލް ބުނެލިއެވެ: “ތިބާ ތިހުރީ ވަރަށް ރަނގަޅު ހިސާބެއްގައި ކަމަށް ފެނޭ، އަހަރެންނަށް ފަހުމްވެފައިވާ ގޮތުގައި، ތިބާ އަށް ދަތިތަކަކާ ކުރިމަތިވި ނަމަވެސް.”

އޭން ޖަވާބު ދިނެވެ: “އަހަރެން މިހުރީ ހަމަ ހަގީގަތުގައި ވެސް ރަނގަޅު ހިސާބެއްގައި. މަސައްކަތުގެ ދާއިރާއިން ވެސް އަދި ދިރިއުޅުމުގެ ދާއިރާއިން ވެސް. ނަމަވެސް އެއީ އަހަރެންނަށް ކުރިމަތިވި ދަތި ވަގުތުތަކާ ހެދިއެއް ނޫން. އެއީ އެ ދަތި ވަގުތުތަކުން ރަނގަޅު ގޮތެއް ނުވަތަ އެޑްވާންޓޭޖެއް ނަގާނެ ގޮތް އަހަރެންނަށް ދަސްވެގެން.”

މައިކަލް ހައިރާން ވިއެވެ. “އެއީ ކިހިނެތް؟” އޭނާ އެއްސެވެ.

އޭން ޖަވާބު ދިނެވެ: “މި ބުނީ، މިސާލަކަށް، އަހަރެން ހީކުރީ އަހަރެމެންގެ ސެކްޝަންގެ މަސައްކަތް ދިޔައީ ރަނގަޅަށް ކަމަށް، އެކަމަކު ހަގީގަތުގައި އެ ގޮތެއް ނޫން. އަހަރެމެންނަށް ކާމިޔާބު ލިބުނު، އެކަމަކު އަހަރެމެންނަށް ކަންތައްތަކާމެދު ފަރުވާ ކުޑަކޮށްލެވުނީ. އެ ކަން އަހަރެމެންނަށް ރޭކާލީއިރު އެހެން ކުންފުނިތައް ވަނީ އަހަރެމެންނަށް ވުރެ މާ ކާމިޔާބުވެފައި. އަހަރެންގެ އިސް މީހާ ނުވަތަ ބޮސް އަހަރެންނާމެދު ހިތްހަމަ ނުޖެހުނު. އެ ހިސާބުން އަހަރެންގެ މޫޑު ދަށް ވާން ފެށީ. އަދި އަވަހަށް މައްސަލަތައް ހައްލު ކުރުމަށް ޕްރެޝަރު ބޮޑުވި. ކޮންމެ ދުވަހެއް ދިޔައީ ސްޓްރެސް އިތުރުވަމުން.”

މައިކަލް ދެން އެހިއެވެ: “އެހެންވީއިރު، ދެން ވީ ކިހިނެތް؟”

އޭން ޖަވާބު ދިނެވެ: “އަހަރެންނާއެކު މަސައްކަތް ކުރި އަހަރެން އިހްތިރާމް ކުރާ މުވައްޒަފެއްގެ ފަރާތުން އަހަރެންނަށް މިދިޔަ އަހަރު ވާހަކައެއް އަޑު އިވުނު. އެކަމުގެ ސަބަބުން ރަނގަޅަށް ކަންތައްތައް ދާ ވަގުތާއި ނުބައިކޮށް ކަންތައްތައް ދާ ވަގުތާމެދު އަހަރެން ދެކޭ ގޮތް ބަދަލުވި. އެހެންވެ މިހާރު އަހަރެން ކަންތައް ކުރާ ގޮތް ތަފާތު. އަހަރެންގެ ޒާތީ ހަޔާތުގައި ރަނގަޅަށް ނުވަތަ ނުރަނގަޅު ކަންތައްތައް ދިޔަ ނަމަވެސް، އެ ވާހަކަ އަޑުއިވުމުން އަހަރެން މާބޮޑަށް ހަމަޖެހުނު އަދި މާބޮޑަށް ކާމިޔާބުވި. އެކަން އަހަރެން ދުވަހަކުވެސް ހަނދާން ނުނެތޭނެ!”

“އެއީ ކޮން ވާހަކައެއް؟” މައިކަލް ސުވާލު ކުރިއެވެ.

އޭން އިރުކޮޅަކުން ހަމަހިމޭނުން އިނެވެ. ދެން ބުންޏެވެ: “އެ ވާހަކަ އަޑު އަހަން ތިބާ ބޭނުން ވަނީ ކީއްވެތޯ އަހަރެން ސުވާލު ކޮށްލިއަސް އެންމެ ރަނގަޅުތަ؟”

ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވާ ކަމަށާއި އަދި ގޭތެރޭގައި ވެސް ކަންތައްތައް އެހާ ރަނގަޅަށް ނުދާ ކަމަށް، ޖެހިލުންވެ ހުރެ ނަމަވެސް މައިކަލް އިއުތިރާފު ވިއެވެ.

އޭނާ އިތުރަށް އެއްޗެއް ބުނާކަށް ނުޖެހުނެވެ. އޭނާ ލަދުގަތްކަން އޭން އަށް އިހުސާސް ކުރެވުނެވެ. އަދި ބުންޏެވެ: “އެ ވާހަކަ އަޑުއަހަން އަހަރެން ބޭނުންވި މިންވަރަށް ތިބާ ވެސް ބޭނުންކަން އަހަރެންނަށް ފާހަގަ ކުރެވޭ.”

އޭނާ ބުނީ މައިކަލް ގާތުގައި އެ ވާހަކަ ކިޔައިދޭނީ އެ ވާހަކައަކީ މައިކަލް އަށް އަގުހުރި ވާހަކައެއްކަން ފަހުމް ވެއްޖެ ނަަމަ، މައިކަލް އެ ވާހަކަ އެހެން މީހުންނާ ޝެއާކޮށް ހިއްސާ ކުރާނެ ކަމުގެ ޝަރުތުގެ މަތިން ކަމަށެވެ. މައިކަލް އެ ކަމަށް އެއްބަސްވިއެެވެ. އަދި ދެން އިވިގެންދާނެ މި ވާހަކައަށް އޭން މައިކަަލް ތައްޔާރު ކޮށްލިއެވެ.

އޭން ބުންޏެވެ: “އަހަރެންނަށް އެނގުނު ގޮތުގައި ތިމާއަށް ކުރިމަތިވާ ރަނގަޅު އަދި ނުރަނގަޅު ކަންތައްތަކުގައި، މި ވާހަކަ ހިތުން އަދި ސިކުނޑިން އަޑު އަހައި، ތިމާގެ އަމިއްލަ ތަޖުރިބާގެ އަލީގައި މި ވާހަކަ ފުރިހަމަކޮށްލުން ރަނގަޅުވާނެ. އެއީ ތިމާއަށް އެކަށީގެންވާ ކަންތައްތަކުގެ ހަގީގަތަކީ ކޮބައިކަން ދެނެގަންނަން. މި ވާހަކައިގެ އިބުރަތްތައް ވަރަށް ގިނަައިން ތަކުރާރު ވާނެ، ނަމަވެސް އެއީ ކުދިކުދި ތަފާތު ގޮތްގޮތަށް.”

“ކީއްވެ ތަކުރާރު ވަނީ؟” މައިކަލް ސުވާލު ކުރިއެވެ.

އޭން ޖަވާބު ދިނެވެ: “މި ބުނީ، އަހަރެންނަށް ފަސޭހަވި ފަހުން ހަނދާން ބަހައްޓަން. އަދި އަހަރެންނަށް އެ އިބްރަތްތައް ހަނދާން ވުމުން، އެ އިބްރަތްތައް އަހަރެންނަށް އިތުރަށް ބޭނުން ކުރެވުނު.”

އޭން އިއުތިރާފު ވިއެވެ: “ބަދަލަކަށް އަހަރެން ނުރުހެން. އެހެންވެ، އާ ކަމެއް އަހަރެންނަށް ގިނައިން އިވުމުން، ކަންތައްތަކާމެދު އިތުބާރު ކުރަން ޖެހިލުންވާ އަހަރެންގެ ސިކުނޑިއަށް އެކަން ފަހުން ބަލައިގަނެވޭ ގޮތް ވަނީ. އެއީ އެ ކަންތައްތައް އަހަރެންނަށް ފަރިތަވެ، އަހަރެންގެ ހިތުގައި ހަރުލުމުން. ދެން އެ ހިސާބުން އެ ކަންތައްތައް ވެގެންދަނީ އަހަރެންގެ ނަފުސުގެ ބައެއްގެ ގޮތުގައި. އެ ވާހަކައާމެދު އަހަރެން ވަރަށް ގިނައިން ވިސްނުމުން އެއީ އަހަރެންނަށް ވީ ގޮތަކީ. ނަމަވެސް، ތިބާ ބޭނުން ނަމަ، ތިބާ އަމިއްލައަށް އެކަން ދެނެގަނެވިދާނެ.”

“ވާހަކައެއްގެ ސަބަބުން ބޮޑު ބަދަލެއް އަތުވެދާނެ ކަމަށް ތިބާއަށް ހިީވޭތަ؟ އަހަރެން މިހާރު ވެސް މި ހުރީ ވަރަށް ދަތި މަރުހަލާއެއްގައި،” މައިކަލް ބުންޏެވެ.

އޭން ޖަވާބު ދިނެވެ: “އެހެންވެއްޖެއްޔާ ތިބާއަށް މިކަމުން އޮތީ ކޮން ގެއްލުމެއް؟ އަހަރެންނަށް ބުނެވޭނެހާވެސް އެއްޗަކީ އެ ވާހަކަައިގެ އިބުރަތްތައް އަހަރެންގެ ހަޔާތުގައި އަމަލު ކުރަން ފެށުމުން، ވަރަށް ބޮޑު ބަދަލެއް އައި ކަމަށް. ބައެއް މީހުންނަށް އެ ވާހަކައިން މާބޮޑު އެއްޗެއް ނުލިބޭ ނަމަވެސް އަނެއް ބައި މީހުންނަށް ވަރަށް ބޮޑު އެއްޗަކަށްވޭ! އެ ވާހަކައެއް ނޫން މުހިންމީކީ. އެ ވާހަކައިން ތިބާ ލިބިގަންނަ އިބުރަތްތައް ހުރިހާ ވެސް އޭގެ ބާރަކީ. އެއީ ހަމަ ތިބާއަށް އޮތް ކަމެއް.”

އެއްބަސްވުމުގެ ގޮތުން މައިކަލް ބޯޖަހައިލިއެވެ. “އޯކޭ. އަހަރެންނަށް ހީވަނީ ހަމަ ހަގީގަތުގައި ވެސް އަހަރެން އަޑުއަހާހިއްވާހެން.”

އެހެންކަމުން ރޭގަނޑުގެ ކެއުމުގައި ތިބެ އޭން އެ ވާހަކަ ކިޔައިދޭން ފެށިއެވެ. އަދި ކެއުމަށް ފަހު އައި ފޮނި އެއްޗެހި ނުވަތަ ޑެސަޓް އާއި ކޮފީ ބޮމުން ވެސް އެ ވާހަަކަ ކުރިއަށް ގެންދިޔައެވެ. އޭނާ ފެށިއެވެ:

ފުރަތަމަ ބާބު: ވާދީއެއްގައި މޫޑު ދަށަށް ދިއުން

އެއް އިރެއްގައި ވާދީއެއްގައި ހިތާމައާއެކު ވިސްނުންތެރި ޒުވާން ފިރިހެނަކު އުޅުނެވެ. އެއީ ކުންނެއްގައި އުޅުނު މުސްކުޅި ފިރިހެނަކާ ދިމާވަންދެނެވެ.

ކުޑައިރު ވާދީގައި އުޅުމަށް އެ ޒުވާނާ އުފާކުރިއެވެ. އެ ވާދީގެ ހިޔާތަކުގައި ކުޅެން އުޅެ، އެ ވާދީގައިވާ ކޯރުގައި ފަތާއުޅުނެވެ.

އެެ ވާދީއަކީ އޭނާއަށް އެނގޭ ހަމައެކަނި ތަނެވެ. އަދި އޭނާ ހީކުރީ އޭނާގެ މުޅި އުމުރު ހޭދަކޮށްލާނީ އެ ވާދީގައި ކަމަށެވެ.

ބައެއް ދުވަސްދުވަހު އެ ވާދީގައި އޮންނަނީ ވިލާތައް ބޯކޮށްލައިފައެވެ. އަނެއް ބައި ދުވަހު އަވި ދެއެވެ. ނަމަވެސް އޭނާގެ ކޮންމެ ދުވަހެއްގެ ދިރިއުޅުން އަބަދުމެ އެއްގޮތަކަށް ކުރިއަށްދާތީ އެކަމުން އޭނާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.

އެކަމަކު އުމުރުން ދުވަސްވީ ވަރަކަށް، ރަނގަޅުކޮށް ހުރި ކަންތައްތަކަށްވުރެ ނުބައިކޮށް ހުރި ކަންތައްތައް އޭނާއަށް ފާހަގަ ކުރެވޭލެއް އިތުރުވިއެވެ. އެ ވާދީގައި ހުރި އެތަކެއް ނުރަނގަޅު ކަންތައްތަކެއް މީގެ ކުރިން ފާހަގަ ނުކުރެވުނީ ކީއްވެ ކަމާމެދު އޭނާ ވިސްނިއެވެ.

ދުވަސްތައް ދިޔަ ވަރަކަށް ޒުވާނާގެ ހިތްހަމަ ނުޖެހުން އިތުރު ވަމުން ދިޔައެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް އޭނާއަކަށް ޔަގީނެއް ނުވިއެވެ.

ވާދީގައި ތަފާތު ވަޒީފާތައް އަދާކުރުމަށް އޭނާ މަސައްކަތް ކުރި ނަމަވެސް އެއިން އެއްވެސް މަސައްކަތެއް އޭނާ އުއްމީދު ކުރި ގޮތެއް ނޫނެވެ.

އެއް ވަޒީފާއެއްގައި އޭނާގެ ބޮސް އަބަދުވެސް އޭނާއަށް ހެދޭ ގޯސްތައް ފާހަގަ ކުރަމުން ދިޔައިރު އޭނާއަށް ކުރެވޭ ރަނގަޅު ކަންތައްތަކެއް ފާހަގައެއް ނުކުރެއެވެ.

އެެހެން ވަޒީފާއެއްގައި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު ގިނަ ކަމުން އޭނާ ގަދައަޅާ މަސައްކަތް ކުރިއަސް ނުވަތަ އެއްގޮތަކަށް މަސައްކަތް ނުކުރި ނަމަވެސް، އެއިން ކަމެއް އެއްވެސް މީހަކަށް ފާހަގަ ކުރެވޭ ކަމަކަށް ނުފެނުނެވެ. އޭނާގެ ހިއްސާ ހީވަނީ ނެތް އެއްޗެއް ހެންނެވެ. ހުދު އޭނާ އަށް ވެސް އޭނާގެ ހިއްސާ ނުފެނުނެވެ.

އެއް ފަހަރަކު، އެންމެ ފަހުން، އޭނާ އަށް ހީވީ އޭނާ ބޭނުންވި ކަހަލަ މަސައްކަތެއް ލިބުނު ހެންނެވެ. އޭނާގެ މަސައްކަތް މީހުން ބަލައިގަތެވެ. އަދި ކަންތައްތައް ކުރުމަށް އެހެން މީހުން ގޮންޖެހިއެވެ. އޭނާ މަސައްކަތް ކުރީ ވަރަށް ގާބިލު ބަޔަކާ އެކުއެވެ. އަދި ކުންފުނީގެ އުފެއްދުންތެރިކަމާމެދު އޭނާ ފަހުރުވެރިވިއެވެ. ޕްރޮމޯޓް ވަމުން ގޮސް ކުންފުނީގެ ޑިޕާޓްމަންޓެއްގެ ވެރިއަކަށް އޭނާ ވިއެވެ.

ނަސީބު ދެރަކަމުން، އެ ވަޒީފާ ގެއްލިދާނެ ކަމުގެ އިހުސާސް އޭނާ އަށް ކުރެވެން ފެށިއެވެ.

އޭނާގެ ޒާތީ ހަޔާތް ވެސް އެހާ ރަނގަޅެއް ނޫނެވެ. ހީވީ އެއް ހިތާމައަކަށް ފަހު އަނެއް ހިތާމައެއް ފަހަތުން އަންނަ ހެންނެވެ.

އޭނާގެ ރަހްމަތްތެރިންނަށް މި ކަންތައްތައް ފަހުމް ނުވާހެން އޭނާ އަށް ހީވިއެވެ. އަދި އޭނާގެ އާއިލާއިން ވެސް ބުނީ “މިއީ ހަމައެކަނި މަރުހަލާއެއް” ކަމަށެވެ.

ޒުވާނާ ހިތަށް އެރީ ކޮންމެވެސް އެހެން ތަނެއްގައި އޭނާ އަށް މާ ހަމަޖެހިގެން ދިރިއުޅެވޭނެ ބާވައެވެ.

ބައެއް ފަހަރު ހިޔަލުގައި ކޮޅަށް ހުރެ ފަރުބަދަތަކުން މައްޗަށް އަރާފައިވާ ޝާހީ ކުންނުތަކާ ދިމާއަށް އޭނާ ބަލައެވެ.

އެންމެ ގާތުގައި ހުރި ކުންނުގައި އޭނާ ކޮޅަށް ހުންނާނެ ގޮތް އޭނާގެ ހިޔާލަށް ގެނެއެވެ.

އިރުކޮޅެއް ވަންދެން އޭނާ އަށް ހިތްހަމަޖެހުމެއް ލިބެއެވެ.

ނަމަވެސް އޭނާގެ ވާދީ އާ ކުންނު އާ އަޅާބެލި ވަރަކަށް އޭނާގެ ހިތްދަތިކަން ވީ އިތުރެވެ.

އެ ކުންނަށް އެރުމާމެދު އޭނާ އޭނާގެ މައިންބަފައިންނާއި ރަހްމަތްތެރިންނާ ވާހަކަ ދެއްކިއެވެ. ނަމަވެސް އެ މީހުން ދެއްކީ އެ ކުންނަށް އެރުމަށް ހުރި އުނދަގުލުގެ ވާހަކަ އާއި އަދި ވާދީގައި ހުރުމުން ލިބޭ ފަސޭހައިގެ ވާހަކައެވެ.

އެ ހުރިހާ އެންމެން އެ މީހުން ދުވަހަކު ވެސް ގޮސްފައި ނުވާ ހިސާބަކަށް ނުދިއުމަށް ހިތްވަރު ދިނެވެ.

މައިންބަފައިން ދެކު ޒުވާނާ ލޯބިވެއެވެ. އަދި އެ މީހުންގެ ވާހަކާގައި ކޮންމެވެސް ތެދެއް ވާކަން އޭނާ އަށް އެނގެއެވެ. އެކަމަކު އޭނާ އަކީ އޭނާގެ ބައްޕަ އާއި މަންމަ އާ ތަފާތު މީހެއްކަން ވެސް އޭނާ އަށް އެނގެއެވެ.

އެ ވާދީގެ ބޭރުގައި ތަފާތު ހަޔާތެއް އޮވެދާނެ ކަމުގެ އިހުސާސް އޭނާ އަށް ބައެއް ފަހަރު ކުރެވެއެވެ. އަދި މި ކަން ހޯދައިގަތުމަށް އޭނާ ބޭނުންވިއެވެ. އެ ކުންނު މަތީގައި ދުނިޔެއާމެދު އާ ގޮތަކަށް ފަހަރުގައި ދެކެވިދާނެ ކަމަށް އޭނާ އަށް ފެނުނެވެ.

އެކަމަކު ދެން ޝައްކާއި ބިރުވެރިކަން އޭނާގެ ހިތަށް އަލުން ވަންނަން ފެށިއެވެ. އަދި އޭނާ މިހާރު ހުރި ތާނގައި މަޑުކުރާނީ ކަމަށް އޭނާ ވިސްނިއެވެ.

އޭނާގެ ވާދީ ދޫކޮށްލުމަށް އެތަކެއް ދުވަސްތަކެއް ވަންދެން ޒުވާނާއަކަށް ނުކެރުނެވެ.

ދެން، އެއް ދުވަހަކު، އޭނާގެ ޅައިރުގެ ހަނދާންތައް އައިސް، މިހާރު ކަންތައްތައް ބަދަލުވެފައިވާ މިންވަރު ރޭކާލިއެވެ. މިހާރު އޭނާގެ ނަފުސާމެދު އޭނާ ސުލްހަވެރި ނޫންކަން އިހުސާސް ކުރެވުނެވެ.

އޭނާގެ ހިޔާލު ބަދަލު ވީ ކީއްވެ ކަމެއް ޔަގީނެއް ނުވިއެވެ، ނަމަވެސް ކުއްލިއަކަށް އޭނާ ނިންމީ ފަރުބަދައިގެ އެ ކުންނަށް ޒިޔާރަތް ކުރުމަށެވެ.

ހިތުގައި އޮތް ބިރުވެރިކަން އޭނާ އެއްފަރާތް ކުރިއެވެ. އަދި ވީ އެންމެ އަވަހަކަށް ދަތުރު ކުރަން އޭނާ ތައްޔާރު ވިއެވެ. ދެން، އެންމެ ގާތުގައި އެ ވާ ކުންނަށް އެރުމަށް އޭނާ އަވަސްވެގަތެވެ.

އެ ވީ ފަސޭހަ ދަތުރަކަށް ނޫނެވެ. ފަރުބަދައިގެ ދެބައިކުޅަ އެއްބަޔަށް އަރަން ވެސް އޭނާ ހީކުރި ވަރަށް ވުރެ ގިނަ ވަގުތު ނެގިއެވެ.

ނަމަވެސް މައްޗަށް އެރި ވަރަކަށް، ފިނި އަދި ތާޒާ ވައިން ޒުވާނާއަށް އާރޯކަން ލިބުނެވެ. މަތިން ބަލައިލިއިރު، އޭނާގެ ވާދީ ކުޑަ ކަމަށް ދެއްކިއެވެ.

ވާދީގައި އުޅުނުއިރު، އެ ތާނގެ ވައި އެކަށީގެންވާ މިންވަރަކަށް ސާފު ކަމަށް އޭނާ އަށް ފެނުނެވެ. ނަމަވެސް މަތިން ބަލައިލުމުން އޭނާ އަށް ފެނުނީ އެ ވާދީގައި ތާށިވެފައިވާ ހަރަކާތެއް ނެތް މުށި ކުލައަކަށްދާ “ފަޒާ”އެކެވެ.

ދެން އޭނާ އެނބުރި އަނެއްކާވެސް މައްޗަށް ދާން ހިނގައިގަތެވެ. މައްޗަށް އެރި ވަރަކަށް އޭނާ އަށް ފެންނަން ފެށި ކަންތައްތައް އިތުރު ވިއެވެ.

ކުއްލިއަކަށް އޭނާގެ ހިނގަމުން ދިޔަ މަގު ނިމުމަކަށް އައެވެ.

ކުރިއަށް ދާނެ މަގެއްް ނެތުމުގެ ސަބަބުން ތަނަށް އަނދިރިކަން ގެނެސްފައިވާ ގަސްތަކުގެ ތެރޭގައި އޭނާ ގެއްލުނެވެ. އެ ތަނުން ނުނިކުމެވޭނެ ކަމާމެދު ބިރު އުފެދުނެވެ.

މިހެންވެ، އޭނާ ނިންމީ ފަރުބަދައިގެ ނުރައްކާތެރި ހަނި އުސްތަނެއް ހުރަސް ކުރާށެވެ. އޭނާ ވެއްޓުނެވެ. ތަންތަން މަށައިގެން ގޮސް ލޭ އަންނަން ފެށިއެވެ. ތެދުވުމަށް ފަހު އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.

އެންމެ ފަހުން، އޭނާ އަށް އާ މަގެއް ހޯދުނެވެ.

ވާދީގައި އުޅޭ މީހުން ދިން އިންޒާރުތައް އޭނާގެ ހަނދާނަށް އައެވެ. ނަމަވެސް ދެން އޭނާ ހިތްވަރު ކޮށްފައި މައްޗަށް އަރަމުން ދިޔައެވެ.

މައްޗަށް އެރި ވަރަކަށް އޭނާގެ އުފާ ދިޔައީ އިތުރު ވަމުންނެވެ. އެ ވާދީ ދޫކޮށް އަދި ބިރުތައް ވެސް އެއްފަރާތް ކުރެވުމުގެ އިހުސާސާއެކުއެވެ.

އޭނާ މިސްރާބު ޖަހާފައި ވަނީ އާ ތަނަކާ ދިމާއަށެވެ.

ވިލާތަކުގެ މައްޗާ ހިސާބަށް އެރުމާއެކު އޭނާ އަށް ރޭކާލީ އެއީ ރީތި ދުވަހެއް ކަމެވެ. އަދި އިރު އޮއްސޭ މަންޒަރު ކުންނުން ފެންނާނެ ގޮތް އޭނާގެ ހިޔާލަށް ގެނައެވެ. އެ ތާ މަތިން އެ މަންޒަރު ބަލައިލުމަށް އޭނާ ކެތްމަދުވިއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.