ކުންނު އާއި ވާދީ – 2 ވަނަ ބާބު

11791724_10152974268235423_992826649_n

ފުރަތަމަ ބާބު

ދެވަނަ ބާބު: ޖަވާބުތައް ހޯދުން

ޒުވާނާގެ ޝައުގުވެރިކަން ހުރި ނަމަވެސް، ކުންނު އާ ހަމަ އަށް ދެވުނީ އިރު އޮއްސުނު ފަހުންނެވެ. އިށީނދެލާފައި އޭނާ ކުކުރާލިއެވެ: “އަޅެ، ނޫން! އޭތި ގެއްލުނިއްޔޭ!”

އަނދިރިގަނޑު ތެރެއިން ގާތުން އަޑެއް އިވުނެވެ: “ކޯޗެއް ގެއްލުނީ؟”

ސިއްސައިގެން ގޮސް ޒުވާނާ އެނބުރިލިއެވެ. އަދި މަދު ފޫޓުތަކެއް ދުރުގައި އޮތް ބޮޑު ގާގަނޑެއްގެ މަތީގައި މުސްކުޅި ފިިރިހެނަކު އިށީނދެގެން އިން ތަން ފެނުނެވެ.

ޒުވާނާ ތުރުތުރުލަމުން ބުންޏެވެ: “މައާފު ކުރޭ، ތިބާ ތިތާ އިން ކަމެއް އަހަރެން ނުދެކެން. ކުންނުން އިރު އޮއްސޭ މަންޒަރު އަހަރެންނަށް ގެއްލުނީ. ހިތާމައާއެކު ބުނަން ޖެހެނީ މިއީ އަހަރެންގެ ހަޔާތުގެ ވާހަކަ.”

މުސްކުޅިޔާ ހީނގަތެވެ. އަދި ބުންޏެވެ: “އަހަރެންނަށް އެނގޭ ތި އިހުސާސް.”

އެ ވަގުތު އެ ދިމާވީ ދުނިޔޭގައި ހުރި އެންމެ ސުލްހަވެރި އަދި ކާމިޔާބު އެކަކާ ކަން އެ ޒުވާނާ އަށް އެނގޭނެ ގޮތެއް ނެތެވެ. ޒުވާނާ އަށް އެ މީހާ ފެނުނީ ހަމަ އާދައިގެ ރަނގަޅު މުސްކުޅިޔެއް ގޮތަށެވެ.

އިރުކޮޅެއް ފަހުން މުސްކުޅިޔާ ބުންޏެވެ: “އެހެންވީއިރު، މިހާރު ފެންނަ މަންޒަރާ މެދު ތިބާ ދެކެނީ ކިހިނެތް؟”

“ކޮން މަންޒަރެއް؟” ޒުވާނާ ސުވާލު ކުރިއެވެ. އަނދިރިގަނޑާ ދިމާއަށް ލޯކުޑަކޮށްލާފައި ބަލައިލިއެވެ. ނަމަވެސް އެއްވެސް މަންޒަރެއް ނުފެނުނެވެ. އަލަށް މި ދިމާވި މީހާ އާ މެދު ފާޑުފާޑުގެ ސުވާލުތައް ޒުވާނާގެ ހިތުގައި އުފެދެން ފެށިއެވެ.

މުސްކުޅިޔާ ފަހަތަށް ލެނގިލުމަށް ފަހު އުޑުމައްޗަށް ބަލައިލިއެވެ. ޒުވާނާ ވެސް މައްޗަށް ބަލައިލިއެވެ. އަދި އެތުރިފައިވާ ތަރިތައް ވިދާބަބުޅާ ތަން ފެނުނެވެ. ތަރިތައް އެހާ ސާފު ކޮށް އޭނާ އަށް ވާދީން ދުވަހަކު ވެސް ނުފެނެއެވެ.

“ރީތި، އެހެންނު؟” މުސްކުޅިޔާ ބުނެލިއެވެ.

“އާނހ!” އަންތަރީޒުވެފައި ޒުވާނާ ބުންޏެވެ. ތަރިތަކަށް ބަލަމުން އޭނާ އަށް އަމާން ހިނދުކޮޅެއް އިހުސާސް ކުރެވުނެވެ. “އެ އެއްޗެހި މިއޮއް ހުރިހާ ދުވަހު އެ ތާނގައި ހުރި، ދެއްތޯ؟”

“އާނހ އަދި ނޫން،” މުސްކުޅިޔާ ބުންޏެވެ. “އާނހ، އެ އެއްޗެހި އެ ތާނގައި އަބަދުމެ ހުރި. ތިބާ އަށް ޖެހުނީ ތިބާ ބަލާ އެއްޗެހި ތަފާތު ކޮށްލަން.”

ދެން މުސްކުޅިޔާ އިތުރު ކޮށްލިއެވެ: “އަދި ނޫން. މުޅިއަކުން އެހެނެއް ނޫން. ސައިންސްވެރިން ބުނާ ގޮތުގައި އަހަރެމެންނަށް މިހާރު މި ފެންނަ ގިނަ އަލިތަކަކީ މީގެ އެތައް މިލިއަން އަހަރެއް ކުރިން ފަނޑުވަމުން ދިޔަ ތަރިތަކުން ނުކުތް އަލިތައް. އެ ތަރިތައް މިހާރު އެ ތަންތަނަކު ނެތް.”

ޒުވާނާ ބޯހޫރާލިއެވެ. އަދި ބުންޏެވެ: “ހަގީގީ އެއްޗެއްސަކީ އަދި ނޫން އެއްޗެއްސަކީ ކޮބައިކަން އެނގެން އުނދަގޫ.”

މުސްކުޅިޔާ އެއްވެސް އެއްޗެއް ނުބުންޏެވެ. އޭނާ ހަމައެކަނި ހިނިތުންވެލީއެވެ.

އޭނާ ހިނިތުންވެލީ ކޮން ކަަމަކާ ހުރެތޯ ޒުވާނާ ސުވާލު ކުރުމުން މުސްކުޅިޔާ ޖަވާބު ދިނެވެ: “އަހަރެން ދެންމެ ހިތަށް އެރީ ތިބާގެ އުމުރުގައި އަހަރެން ވެސް ތިބާ ތިޔަ ވިސްނާ ގޮތަށޭ ގިނަ ފަހަރު ވިސްނީ. ހަގީގީ ނޫން ކަންތަކުން ހަގީގަތް ވަކި ކުރުމުގައި.”

އިރުގަނޑެއް ވަންދެން ދެ މީހުން ހަމަހިމޭނުން ތިއްބެވެ. މަތިން ފެންނަ އަލީގެ “ޝޯވ” ބެލުމުގައެވެ.

ދެން މުސްކުޅިޔާ އެއްސެވެ: “ކުންނު މައްޗަށް ތިޔަ އައީ ކީއްވެ؟”

“އަހަރެންނަކަށް ޔަގީނެއް ނޫން،” ޒުވާނާ އިއުތިރާފު ވިއެވެ. “ކޮންމެވެސް ކަމެއް އަހަރެން ހޯދަނީހެން އަހަރެންނަށް އިހުސާސް ކުރެވެނީ.”

ވާދީގައި އުޅުނުއިރު ކުރެވުނު ހިތާމަ މުސްކުޅިޔާއަށް ޒުވާނާ ކިޔައިދޭން ފެށިއެވެ. އެއަށް ވުރެ ރަނގަޅު ގޮތެއް އޮންނަން ޖެހޭނެ ކަމަށް އިހުސާސް ކުރެވުނު ކަމަށް ބުންޏެވެ.

އަދާކުރި ވަޒީފާތަކުގެ ވާހަކަ ޒުވާނާ ކިޔައިދިނެވެ. މަސައްކަތް ނުކުރި ގުޅުންތަކުގެ ވާހަކައެވެ. ފުރިހަމަ ގާބިލިއްޔަތަށް ނުފޯރި ކަމެވެ.

ނުދަންނަ މީހަކަށް އެހާ ގިނަ ވާހަކަތައް ހާމަކުރެވެމުން ދިޔަ އަޑު އިވިފައި ޒުވާނާ އަމިއްލަށް ހައިރާން ވިއެވެ.

މުސްކުޅިޔާ ގާތުން އަޑުއަހަމުން ދިޔައެވެ. ޒުވާނާގެ ވާހަކަ ނިމުމުން މުސްކުޅިޔާ ބުންޏެވެ: “އަހަރެން ވެސް ‘ދަށު’ގައި ހުރި ކިތައްމެ ފަހަރެއް ހަނދާން އެބަހުރި. ފުރަތަމަ ވަޒީފާއިން ކަނޑާލި ހަނދާން އަދިވެސް އެބަހުރި. ވަަރަށް ސަކަރާތް. ވަރަށް މަސައްކަތުން ވެސް މަސައްކަތެއް ނުލިބުނު.”

“އެހެންވީއިރު ތިބާ ކިހިނެތް ހެދީ؟” ޒުވާނާ ސުވާލު ކުރިއެވެ.

“ވަރަށް ދިގު ޒަމާންގަނޑެއް ވަންދެން އަހަރެން ހުރީ ރުޅިގަދަވެ އަދި ދެރަވެފައި. އަހަރެންނަށް ކަންތައްތައް ދިޔައީ ރަނގަޅަކަށް ނޫން. އެކަމަކު ދެން އަހަރެން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ރަނގަޅު ރަހްމަތްތެރިޔަކު ހުރިހާ ކަމެއް ބަދަލު ވެގެން ދިޔަ ވާހަކައެއް ބުނީ.”

“އެއީ ކޮން ވާހަކައެއް؟” ޒުވާނާ އެއްސެވެ.

މުސްކުޅިޔާ ޖަވާބު ދިނެވެ: “އޭނާ އެ ކަމަށް ދިން ނަމަކީ ‘ރަނގަޅު އަދި ނުބައި ވަގުތުތަކާމެދު ކުންނުތަކާއި ވާދީތަކުގެ ނަޒަރުން ކުރިމަތިލުން’. އޭނާ ބުނީ މި ގޮތަށް އަމަލު ކުރުމުން މަސައްކަތު ދާއިރާ އާއި ޒާތީ ހަޔާތުގައި މާ އަމާން ވެ އަދި ކާމިޔާބު ވާނެ ކަމަށް. ފުރަތަމައިން އަހަރެންނަށް ގަބޫލު ކުރަން ދަތިވި. އެކަމަކު ފަހުން އެނގުނީ އެއީ ތެދެއް ކަން. އަދި އަހަރެންގެ މަސައްކަތާއި ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނުވި.”

“އެއީ ކިހިނަކުން؟” ޒުވާނާ އެނގެން ބޭނުންވިއެވެ.

“އެ ކަމުގެ ސަބަބުން އަހަރެންގެ ހަޔާތުގައި ކުރިމަތިވި އުސްތަކާއި އަޑިތަކާމެދު އަހަރެން ދުށް ގޮތް ބަދަލު ވީ. އަދި އެ ކަމުގެ ސަބަބުން އަހަރެން ކަންތައްތައް ކުރާ ގޮތް ބަދަލު ވީ. އެ ނަޒަރިއްޔާތަށް ޝުކުރު ހުރި.”

“އެއީ ކޮން ގޮތަކުން؟” ޒުވާނާ ސުވާލު ކުރިއެވެ.

“އަހަރެންގެ ރަހްމަތްތެރިޔާ ތިން ކަމެއް އަހަރެންނަށް ހާމަ ކޮށްދިން؛ ވާދީއަކުން އަވަހަށް ނުކުންނާނެ ގޮތް؛ ކުންނެއްގައި ގިނައިރު ހުންނާނެ ގޮތް؛ އަދި އަހަރެންގެ ކުރިމަގުގައި ކުންނުތައް ގިނަކޮށް ވާދީތައް މަދުކުރާނެ ގޮތް.”

އެއީ ހަމަބުއްދި ގަބޫލު ކުރެވޭނެ ކަމެއްތޯ ޒުވާނާގެ ހިތުގައި ސުވާލު އުފެދުނެވެ. އެކަމަކު އޭނާ ވެސް މިހާރު ހުރީ ޖަވާބުތަކެއް ހޯދުމުގެ މަގުމަތީގައި ކަމަށް ވާތީ، އެ ކަންތައްތައް ދެނެގަންނަން ޝައުގުވެރިވިއެވެ. މިހެންވެ ސުވާލު ކުރިއެވެ: “އަހަރެންނަށް ތިޔަ ވާހަކަ ކިޔައިދީފާނަންތަ؟”

މުސްކުޅިޔާ ބުންޏެވެ: “އަހަރެން ކިޔައިދޭނަން. ނަމަވެސް އެއީ ތިބާއަށް މި ވާހަކަ ބޭނުންތެރި އެއްޗަކަށް ވެއްޖެ ނަމަ، މި ވާހަކަ އެހެން މީހުންނާ ހިއްސާ ކުރާނެ ކަމުގެ ޝަރުތުގެ މަތިން.”

“ކީއްކުރަން އެހެން މީހުންނާ ހިއްސާ ކުރަންވީ؟” ޒުވާނާ ބުންޏެވެ.

މުސްކުޅިޔާ ޖަވާބު ދިނެވެ: “އެ ކަމުގައި ދެ ސަބަބެއް ވޭ: އެއް ކަމަކީ އެހެން މީހުންނަށް އެހީތެރިވެދޭން؛ އަދި ދެވަނަ ކަމަކީ، ތިބާ އަށް ވެސް އެހީއަކަށް ވުމަށް. ރަނގަޅު ވަގުތުތަކާއި ނުބައި ވަގުތުތަކުން ފައިދާ ނަގާނެ ގޮތް އެ މީހުންނަށް ވެސް އެނގުމުން ތިބާގެ ވަށައިގެން އުޅޭ އެ މީހުން ފިކުރު ކުރުން މަދުވެ، އެ މީހުންގެ އުޅުން ވެސް ރަނގަޅުވެދޭ. އަދި މިހެންވެ، އެ މީހުންނާއެކު މަސައްކަތް ކުރުމަކީ އަދި ދިރިއުޅުމަކީ ތިބާ އަށް ވެސް އުފާވެރި ކަމަކަށްވޭ.”

ޒުވާނާ ބުނީ އެ ވާހަކައިން އޭނާ އަށް ފައިދާއެއް ކޮށްފި ނަމަ، ހަމަ ގައިމު ވެސް އެ ވާހަކަ އޭނާ އެހެން މީހުންނާ ހިއްސާ ކުރާނެ ކަމަށެވެ.

ދެން މުސްކުޅިޔާ ފެށިއެވެ: “މި ގޮތަށް ފެށުން ފައިދާ ބޮޑު ވެދާނެ:

–          ހުރިހާ ތަނެއްގެ ހުރިހާ އެންމެންނަށް މަސައްކަތު ދާއިރާ އާއި ދިރިއުޅުމުގައި ކުންނުތަކާއި ވާދީތައް ކުރިމަތިވުމަކީ ގުދުރަތީ ކަމެއް –

ޒުވާނާ ހިތްހަމަ ނުޖެހުނެވެ. މިއީ އޭނާ ހޯދަން ބޭނުންވި ޖަވާބެއް ނޫނެވެ.

“‘ކުންނުތައް އަދި ވާދީތައް’ ތިޔަ ބުނީ ކޮން މާނައެއްގައި؟” ޒުވާނާ ސުވާލު ކުރިއެވެ.

މުސްކުޅިޔާ ޖަވާބު ދިނެވެ: “އަހަރެން މި މާނަ ކުރީ ތިބާގެ މަސައްކަތު ދާއިރާ އާއި ދިރިއުޅުމުުގައި އިހުސާސް ކުރެވޭ ‘ޒާތީ’ އުސްތަކާއި އަޑިގުޑަންތައް. މި ފަދަ ރަނގަޅު ނުވަތަ ނުބައި ހިނދުކޮޅުތައް ދިގުދެމިގެން ހިނގައިދާނެ މިނެޓްތަކަށް ނުވަތަ މަސްތަކަކަށް ނުވަތަ އެއަށް ވުރެ ގިނަ ދުވަހަށް ވެސް. ޒާތީ ކުންނުތައް އަދި ވާދީތަކަކީ ދުނިޔޭގެ މަތީ ފަށަލައިން ފެންނަ ކުންނުތަކާއި ވާދީތައް ފަދަ ގުދުރަތީ ކަމެއް. މި ދެ ވައްތަރުގެ އުސްތަކާއި އަޑިގުޑަންތަކަކީ ވެސް ދާދި އެއްގޮތް ވިއްސިވިހާލި ވެފައި އަދި ގުޅިފައިވާ ދެ ބާވަތުގެ ކުންނުތަކާއި ވާދީތައް. ތިބާގެ މަސައްކަތުގެ އަދި ދިރިއުޅުމުގެ އެއް ‘ސަރަހައްދެއްގައި’ އުސްތަކެއް އިހުސާސް ކުރެވި އެހެން ސަރަހައްދުތަކުގައި އަޑިތަކެއް އިހުސާސް ކުރެވިދާނެ. އެއީ ގުދުރަތީ ކަމެއް. ދުނިޔޭގެ ހުރިހާ އެންމެންނަށް ވެސް ކުރިމަތިވާ ކަމެއް. ހުރިހާ ސަގާފަތެއްގައި ވެސް. އެއީ އިންސާނަކަށް ވުމުގެ އެއް ބައި.”

ޒުވާނާ މާނޭވާއެއް ލިއެވެ. އަދި ބުންޏެވެ: “އެހެންވީއިރު އަހަރެން އެކަންޏެއް ނޫން، ދޯ؟”

މުސްކުޅިޔާ ހީނގަތެވެ. “އަދި ކައިރިވެސް ނުވޭ! އެކަމަކު އެ ގޮތަށް ބައެއް ފަހަރު އިހުސާސް ކުރެވިދާނެ.” ދެން އޭނާ އިތުރުކޮށްލިއެވެ: “އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ދިމާވާ އުސްގަނޑުތަކާއި އަޑިގަނޑުތަކުގައި ވަރަށް ގިނަ ތަފާތުތަކެއް ހުރުން އެއީ ޔަގީން ކަމެއް. ސަބަބަކީ، އަހަރެމެންނަށް އެއްކަހަލަ ކަންތައްތަކެއް ދިމާވި ނަމަވެސް އެއްވެސް ދެ މީހެއްގެ ތަޖުރިބާ މުޅިއަކުން އެއްގޮތެއް ނުވާނެ. މިސާލަކަށް، ތިބާއަށް މި ގޮތަށް ވިސްނައިގަނެވިދާނެ:

–          އުސްތަކާއި އަޑިތަކަކީ ތިބާއަށް ކުރިމަތިވާ ހަމައެކަނި ރަނގަޅު އަދި ނުބައި ވަގުތުތަކެއް ނޫން. ނަމަވެސް ހަމައެއާއެކު އެއީ އެތެރެއިން ތިމާ އެ ކަންތައްތަކާމެދު އިހުސާސް ކުރެވޭ ގޮތާއި އަދި ބޭރު ފުށުން އެ ދިމާވާ ކަންތައްތަކާމެދު ތިބާ އަމަލު ކުރާ ގޮތް –

ތިބާ ކުރާ އިހުސާސްތައް ބިނާވެފައި އޮންނާނީ އެ ދިމާވި ކަމަކާމެދު ތިބާ ދެކޭ ގޮތެއްގެ މައްޗަށް ބިނާވެފައި. އެންމެ މުހިންމު ކަމަކީ، ތިބާ ތިބާއާމެދު ކުރާ އަގާއި ތިބާ ތިބާއާމެދު ހިތްހަމަޖެހޭވަރު، ތިބާއަށް ކުރިމަތިވާ ކަންތައްތަކާ ވަކިކުރަން އެނގުން. އަހަރެންނަށް ހޯދުނު ގޮތުގައި ނުބައި ކަންތައްތަކެއް ދިމާވި ނަމަވެސް ތިބާ ތިބާއާމެދު ހިތްހަމަޖެހިގެން ހުރެވިދާނެކަން-“

މުސްކުޅިޔާގެ ވާހަކަ މިހާ ހިސާބަށް ދިޔައިރަށް ކުއްލިއަކަށް ޒުވާނާ އެ ވާހަކަ މެދުކަނޑާލިއެވެ: “އެހެންވީއިރު ތިބާ ތި ބުނަނީ ވާދީގައި އަހަރެންނަށް ކަންތައްތައް ގޯސްކޮށް ދިޔަ ނަމަވެސް އަހަރެން ހުންނަންވީ އުފާވެފައި ހެއްޔޭތަ؟ ތިބާއާ ދެކޮޅު ހަދަން އަހަރެން ނުރުހެން އެކަމުވެސް އަހަރެން ތިކަމާ ދެކޮޅު. އެ ވާދީގައި އަހަރެންނަށް އެއް ކަމެއް ވެސް ރަނގަޅަކަށް ނުދޭ! ތިބާ މި ތާ ކުންނު މަތީގައި އިނދެ ތިޔަ ހުރިހާ އެއްޗެއް ތިހެން ބުނަން ފަސޭހަ ވެދާނެ. އަހަރެންގެ ވާދީގެ ދިރިއުޅުމާއި ތިބާގެ ކުންނުގެ ދިރިއުޅުމާ އެއްވެސް ގުޅުމެއް ނެތް! އަހަރެން މިއައީ މުޅިން ތަފާތު ދުނިޔެއަކުން.”

ޒުވާނާ ފަޅައިގެން ދިޔަސް މުސްކުޅިޔާ އެ ކަމާ ހިތްހަމަ ނުޖެހުނުކަމަކަށް ނުފެނުނެވެ. މުސްކުޅިޔާ ހަމަ މަޑުމަޑުން އިނީއެވެ.

އިރުގަނޑެއް ފަހުން ޒުވާނާ އަލުން ހަމަޖެހުނެވެ. އޭނާއަށް ލަދުވެތިކަން އިހުސާސް ކުރެވުނެވެ. އަދި ބުންޏެވެ: “އަހަރެންނަށް މައާފު ކުރޭ. އަހަރެންނަށް އެނގޭ އަހަރެންގެ ހިތްވަރު އެލިފައިވާކަން. އެކަމަކު އަހަރެންނަށް ހީވަނީ އަހަރެން ކުޑަކޮށް ރުޅިވެސް އައިސްފައިވޭކަން. ހީކުރި ވަރަށް ވުރެ ވެސް ބޮޑު ރުޅިގަނޑެއް.”

އެއްބަސްވުމުގެ ގޮތުން މުސްކުޅިޔާ ބޯޖަހާލިއެވެ: “އަހަރެންނަށް ފަހުމް ވޭ.”

ދެން މުސްކުޅިޔާ ބުންޏެވެ: “އެހެންވީއިރު، ތިބާއަށް ހީވަނީ މި ތާ މަތީގައި އަހަރެންގެ ދިރިއުޅުމާއި އެ ތާ ތިރީގައި ތިބާގެ ދިރިއުޅުމާ އެއްވެސް ގުޅުމެއް ނުވާ ކަމަށް. އަހަރެން ތިބާގެ ގާތުން ވާހަކައެއް އަހާލާނަން. މި ތާ މައްޗަށް އެރިއިރު ތިބާގެ ވާދީ އާއި މި ކުންނު އާ ދެމެދުގައި ހުސް ބާގަނޑެއް އޮތް ތަން ދުށިންތަ؟”

“ނޫން، އަހަރެން ނުދެކެން،” ޒުވާނާ ބުންޏެވެ. “ކޮން ތާކު އެ ހުސްތަންކޮޅު އޮތީ؟”

މުސްކުޅިޔާ އެކައްޗެކޭ ވެސް ނުބުނެއެވެ.

ޒުވާނާ ވިސްނާލިއެވެ. އަދި ދެން ހީނގަތެވެ. “ސަބަބަކީ އެ ތަނަކު ނެތް ހުސް ޖާގައެއް. ދޯ؟”

“ވަރަށް ރަނގަޅު،” މުސްކުޅިޔާ ޖަވާބު ދިނެވެ.

“ސަބަބަކީ ކުންނުތަކާއި ވާދީތަކަކީ ގުޅިފައިވާ ތަކެތި،” ޒުވާނާ ބުންޏެވެ.

“ބެލުންތެރިކަން ވަރަށް ރަނގަޅު،” ހިނިތުންވަމުން މުސްކުޅިޔާ ބުންޏެވެ: “ކާކަށް އެނގެނީ ވާދީގެ އެންމެ އުސް ބަޔާއި ކުންނުގެ އެންމެ ތިރި ބައި ގުޅޭ ހިސާބު؟ މުހިންމީ ފަރުބަދަ އާއި ހަޔާތުގެ ވެސް ކުންނުތަކާއި ވާދީތައް ހަމައެކަނި ގުޅިފައިވާކަން ދެނެގަތުމެއް ނޫން، ނަމަވެސް ގުޅިފައިވަނީ ކިހިނެތް ކޮން ގޮތަކަށް ކަން ދެނެގަތުން.”

ދެން މުސްކުޅިޔާ ތަފުސީލު ކޮށްލިއެވެ:

“- ކުންނުތަކާއި ވާދީތައް ވަނީ ގުޅިފައި. މިއަދު ތަޖުރިބާ ކުރެވޭ ރަނގަޅު ވަގުތުތަކުގައި ހެދޭ ގޯސްތަކުގެ ސަބަބުން މާދަމާ ނުބައި ވަގުތުތައް ތަޖުރިބާ ކުރެވޭ. އަދި މިއަދު ތަޖުރިބާ ކުރެވޭ ނުބައި ވަގުތުތަކާ ދޭތެރޭ ބުއްދިވެރިކަމާއެކު އަޅާ ފިޔަވަޅުތަކުގެ ސަބަބުން މާދަމާ ރަނގަޅު ވަގުތުތައް ތަޖުރިބާ ކުރެވޭ-

މިސާލަކަށް، ‘ކުންނު އާއި ވާދީ ނަޒަރިއްޔާތު’ ގެންގުޅޭ މީހުން ކަމުގެ އަސްލަށް ރުޖޫއަވެ އަޅާ ފިޔަވަޅުގެ ސަބަބުން ނުބައި ތަޖުރިބާތައް ރަނގަޅު ކުރެވޭ. އެއީ ކަމުގެ އެންމެ މުހިންމު އަސްލަށް ވާސިލުވެގެން.”

މުސްކުޅިޔާ މިހާ ހިސާބަށް ދިޔަ ތަނާ ޒުވާނާ މެދުކަނޑާލިއެވެ: “… އެ ކަމުގެ ސަބަބުން ފަހުން ރަނގަޅު ތަޖުރިބާތަކަށް ބަދަލު ވެގެން ދަނީ!”

“އާނހ،” މުސްކުޅިޔާ ބުންޏެވެ. “އެކަމަކު ދެން ވާ ގޮތަކީ ގިނަ މީހުންނަށް އެ މީހުންނަށް ދިމާވާ ރަނގަޅު ކަންތައްތައް ދަމަހައްޓައި މެނޭޖް ކުރަން ނޭނގެނީ. އަދި އެ މީހުންނަށް ކުރިމަގުގައި ކުރެވޭނެ ނުބައި ތަޖުރިބާތަކަށް މަގުފަހި ކުރެވޭއިރު ވެސް އެ ކަމެއް ރޭކައެއް ނުލާ. މާ ގިނަ ވަސީލަތްތައް އެ މީހުން ބޭކާރު ކޮށްލަނީ. ކަމުގެ އަސްލުން ރެކިގަންނަނީ. އަދި އެންމެ މުހިންމު ކަންކަމަށް އަޅާ ނުލަނީ. އަދި މިހެންވެ ދެން ވާނެ ގޮތަކާ މެދު ވިސްނާލަމާ؟”

ޒުވާނާ ބުންޏެވެ: “ދެން އަނެއްކާވެސް ނުބައި ތަޖުރިބާތަކާ ކުރިމަތިލާން ޖެހެނީ!”

މިއީ ރަނގަޅު ވިސްނުމެއް ކަމަށް އެއްބަސްވާން ޒުވާނާއަށް މަޖުބޫރު ވިއެވެ. “އެހެންވީމާ، ގިނަ ފަހަރަށް ނޭނގި ހުރެ ނަމަވެސް ހަގީގަތުގައި ހުދު އަހަރެމެން އަހަރެމެންގެ ރަނގަޅު ތަޖުރިބާތަކާއި ނުބައި ތަޖުރިބާތައް އުފައްދަނީ.”

“އަސްލުވެސް!” މުސްކުޅިޔާ ބުންޏެވެ. ޒުވާނާއަށް އޭނާގެ ކަންކަން އަމިއްލައަށް ހޯދައިގަނެވެން ފެށި ތަން ފެނިފައި މުސްކުޅިޔާގެ ލޮލުން އުފާވެރިކަން ފެނުނެވެ.

“މިއީ އެއް ރެއަކަށް ވިސްނާލަން ފުދޭ މިންވަރެއް ކަންނޭނގެ،” މުސްކުޅިޔާ ބުންޏެވެ. “ތިބާ ޝައުގުވެރިވާ ނަމަ، މާދަމާ އަހަރެމެންނަށް ވާހަކަ ކުރިއަށް ގެންދެވިދާނެ.”

“ތިޔައީ އަހަރެން ވަރަށް ބޭނުން ކަމެއް،” ޒުވާނާ ޖަވާބު ދިނެވެ.

ދެން “ބާއްޖަވެރި ރެއެއް” މިހެން ކިޔާފައި ޒުވާނާ ދޫކޮށްލާފައި މުސްކުޅިޔާ ހިނގައްޖެއެވެ. އަދި ނިދުމަށްޓަކައި ޒުވާނާ ޓެންޓެއް ޖަހައި ކޭމްޕެއް ހެދިއެވެ.

ފަހުން، ނިދެމުން ދިޔައިރު، ޒުވާނާ ވިސްނަމުން ދިޔައީ އޭނާގެ އަމިއްލަ ޒާތީ ކުންނުތަކާއި ވާދީތައް ގުޅިފައި ވަނީ ކިހިނެތް ކަމާމެދުއެވެ.

އަނެއް ދުވަހު ހެދުނު ވަރަށް ފަތިހާ މުސްކުޅިޔާ އައީ ތަރުމޯޒަކަށް ހޫނު ކޮފީ އަޅައިގެން އެ ހިއްސާ ކުރުމަށެވެ.

ހެނދުނުގެ ގަދަ އަލީގައި ޒުވާނާއަށް ފާހަގަ ކުރެވުނީ މުސްކުޅިޔާގެ ދެ ލޯ ވަރަށް ސާފު ކަމެވެ. އަދި ޒުވާނާ ބުންޏެވެ: “ތިބާ ވަރަށް އުފާވެރިހެން ހީވޭ. އެއީ ތިބާ އަށް އަބަދު ވެސް މި ކުންނުގެ މަތީގައި ހުރެވޭތީތަ؟”

މުސްކުޅިޔާ ޖަވާބު ދިނެވެ: “ނޫން. އެހެންވެގެނެއް ނޫން އަހަރެން އުފާވަނީކީ. އަދި އަހަރެންނަށް އަބަދަކު މިތާ މަތީގައި ހުރެވޭކަށް ނޯވޭ. ދިރިއުޅުމަށް ބޭނުންވާ ތަކެއްޗާއި ސަޕްލައިތައް ހޯދުމަށް އަހަރެންނަށް ޖެހޭ ވާދީއަށް ފައިބަން.”

ޒުވާނާ އަދިވެސް ހުރީ ނިދިބަރުކައިފައެވެ. އަދި މިހެންވެ މުސްކުޅިޔާ ބުނި އެއްޗެއް މުޅިއަކުން ސާފެއް ނުވިއެވެ. “އަހަރެންނަށް ހީވަނީ މި ތާ މަތީގައި އަހަރެންނަށް ދާއިމީކޮށް އުފާވެރިކޮށް ހުރެވިދާނެހެން،” ޒުވާނާ ޖަވާބު ދިނެވެ.

“އެކަމަކު އެ ކަމެއް އެހެނެއް ނުވާނެ،” މުސްކުޅިޔާ ބުންޏެވެ. “އެއްވެސް މީހަކަށް އެއް ހިސާބެއްގައި އަބަދަކު ނުހުރެވޭނެ. ޖިސްމާނީ ގޮތުން އެއް ތަނެއްގައި ތިބާ ހުރި ނަމަވެސް، ހިތު ތެރެއިން ތިބާ އަބަދުވެސް ދާނީ އެއް ތަނަށް ވަންނަމުން އަނެއް ތަނުން ނުކުންނަމުން. ކަމުގެ ސިއްރަކީ ތިބާގެ ތަޖުރިބާ ކޮންމެ ވަގުތެއްގައި ވެސް އޭގެ ‘ހަގީގީ’ އަސްލުގެ ގޮތުގައި ބަލައިގަނެ އެ ކަމާ އުފާކޮށް އެ ކަމާ ޝުކުރުވެރިވުން.”

“ތިޔައީ އަހަރެންނަށް ޔަގީން ކަމެއް ނޫން،” ޒުވާނާ ޖަވާބު ދިނެވެ. “އަހަރެންނަށް އެނގޭހާ ވެސް ކަމަކީ، މި ކުންނު މަތީގެ ހިތްގައިމު ސާފު ވައިގެ ތެރޭގައި އަހަރެންގެ ހަޔާތް ހަމަ އުފާވެރި ކަން. އެކަމަކު، ވާދީގައި ހޭދަ ކުރާ ވަގުތުތަކުން އަހަރެން އުފާވެރިކަން ލިބިގަންނާނީ ކިހިނެތް؟”

މުސްކުޅިޔާ ބުންޏެވެ: “ހަގީގަތުގައި، ވާދީއެއް ތަޖުރިބާ ކުރެވޭ ގޮތް ގިނަ ފަހަރަށް ބިނާވެފައި އޮންނަނީ އެ ވާދީގައި ތިބާ ހޭދަ ކުރާ ވަގުތުގެ މިންވަރުގެ މައްޗަށް. ކުންނު އާއި ވާދީ އާމެދު ދެކެވިދާނެ ރަނގަޅު އެއް ގޮތަކީ:

–          ކުންނު އަކީ ތިބާ އަށް ލިބިފައިވާ އެއްޗެއްސާއި ކަންކަމާމެދު ތިބާ އުފާކޮށް ޝުކުރުވެރިވާ ވަގުތުތައް. ވާދީ އަކީ ތިބާގެ ހަޔާތުން މަދު ވާ ބައިތައް ހޯދަން އެދެވޭ ވަގުތުތައް –

“ވަރަށް ޝައުގުވެރި،” ޒުވާނާ ބުނެލިއެވެ. “އެކަމަކު އަހަރެންނަށް ހަމަ ހީވަނީ އަހަރެން ކޮންމެ ގޮތަކަށް ބެލިއަސް ކުންނަކީ ކުންނެއްހެން އަދި ވާދީއަކީ ވާދީއެއްހެން. އެ ކަންތައްތަކާމެދު އަހަރެން ވިސްނާ ގޮތާއި އަދި ދެކޭ ގޮތާ މެދު އޮތީ ކޮން ގުޅުމެއް؟”

މުސްކުޅިޔާ ސުވާލު ކުރިއެވެ: “މި ކުންނު މައްޗަށް އެރި ވަގުތު ތިބާ އެންމެ ފުރަތަމަ ބުނި އެއްޗެއް ހަނދާން އެބަހުރިތަ؟”

ޒުވާނާ މަސައްކަތް ކުރިއެވެ، ނަމަވެސް ހަނދާނަކަށް ނައެވެ.

މުސްކުޅިޔާ ޖަވާބު ދިނެވެ: “ތިބާ ބުނީ ‘އޭތި ގެއްލުނިއްޔޭ’. ތިބާގެ އަމާޒާއި ފޯކަސް ހުރީ އިރުއޮއްސޭ މަންޒަރު ގެއްލުނު ގެއްލުމަށް. އަދި މިހެންވެ ތަރިތައް ނުފެނުނީ. ކުންނު މައްޗަށް އެރުނުކަމާމެދު ވެސް ތިބާ އުފާ ފާޅެއް ނުކުރޭ. ތިބާ މި ތާ މައްޗަށް އެރުނު ވަގުތު އަތް މައްޗަށް ނަގާ ‘އާނހ! އަހަރެންނަށް އާދެވިއްޖެ!’ ކިޔާފައި ހަޅޭއްލަވައިގަނެވުނު ނަމަ ތިބާއަށް އިހުސާސް ކުރެވޭނީ ކިހިނެތް؟”

ޒުވާނާ މާނޭވާއެއް ލިއެވެ: “އެހެންވީމާ އަހަރެންނަށް އަހަރެންގެ ޒާތީ ކުންނެއް ވާދީއަކަށް ބަދަލު ކުރެވުނީ. އެތައް އަހަރެއް ވަންދެން މި ތަނަށް އެރުމުގެ ހުވަފެން ދެކިފައި މި ތަނަށް އެންމެ ފަހުން އާދެވުމުން ވެސް އަހަރެންނަށް އިހުސާސް ކުރެވުނީ އަހަރެން ފޭލި ވީ ކަމަށް.”

މުސްކުޅިޔާ ބުންޏެވެ: “އާނހ. އެ ހިނދުކޮޅު ތިބާ ތިބާގެ އަމިއްލަ ސިކުނޑީގައި ވާދީއެއް އުފެއްދިކަން ތިބާއަށް އެނގޭތަ؟”

ދެން މުސްކުޅިޔާ އިތުރު ކޮށްލިއެވެ: “އާދަޔާ ހިލާފު ކާމިޔާބީއަކަށް ރިހި މެޑެލްއެއް ލިބުމަށް ފަހު ކާކު ހިތާމަ ކުރާނީ؟”

ޒުވާނާ އެ ކަމާ ވިސްނާލިއެވެ. އަދި ބުންޏެވެ: “އެއީ، ރަން މެޑެލްއެއް ލިބުމާ އަޅާބަލައިގެން.” ދެން އޭނާއަށް ރޭކާލިއެވެ. “އެހެންވީމާ، ވާދީތައް މަދު ކުރަން ބޭނުމިއްޔާ ތިމާއަށް ޖެހޭނީ ކަންތައްތައް އަޅާބެލުން މަދުކުރަން. އެ ވަގުތެއްގެ ރަނގަޅު ކަންތައްތަކާމެދު އުފާ ކުރާ ނަމަ، ތިމާއަށް ބޮޑަށް އިހުސާސް ކުރެވޭނީ ތިމާއަށް ހުރެވެނީ ކުންނެއްގެ މަތީގައިކަން.”

“އާނހ!” މުސްކުޅިޔާ ޖަވާބު ދިނެވެ. “އެއީ، ނުބައި ތަޖުރިބާއެއްގެ ތެރޭގައި ވިޔަސް. މިސާލަކަށް، ތިބާއަށް މި ގޮަތަށް ރޭކާލައިފި ނަމަ:

–          ބޭރުފުށުން ހިނގާ ކަންތައްތައް ތިބާއަކަށް އަބަދަކު ކޮންޓްރޯލެއް ނުކުރެވޭނެ. ނަމަވެސް ތިބާ ގަބޫލު ކުރާ ގޮތާއި އަދި އަމަލު ކުރާ ގޮތުގެ ސަބަބުން އަމިއްލަ ޒާތީ ކުންނުތަކާއި ވާދީތައް ބަދަލު ކުރެވިދާނެ –

ޒުވާނާ ދެ ބުމަ ގޮށްޖަހާލިއެވެ: “އަހަރެންނަކަށް ޔަގީނެއް ނޫން ތިބުނި އެއްޗެއް ވިސްނޭކަމެއް. ތި ގޮތަށް ކިހިނަކުން އަމަލު ކުރާނީ؟ ތިބާ ބުނީ ތިޔަ ގޮތަށް އަމަލު ކޮށްފި ނަމަ މަސައްކަތާއި ހަޔާތުގައި އަހަރެންނަށް އެހީއަކަށް ވާނެ ކަމަށް.”

“އާ އަހަރެން ތިޔަހެން ބުނިން،” މުސްކުޅިޔާ ޖަވާބު ދިނެވެ. “ވާދީއެއް ކުންނަކަށް ބަދަލު ކުރުމަށްޓަކައި ދެ ކަންތަކުން ކުރެ އެއް ކަމެއް ބަދަލު ކުރަން ޖެހޭނީ: ވަމުންދާ ގޮތް؛ ނޫނީ ވަމުންދާ ގޮތާމެދު ތިބާ އިހުސާސް ކުރާ ގޮތް. ވަމުން ދާ ގޮތް ތިބާ އަށް ބަދަލު ކުރެވޭނެ ނަމަ އެއީ ވަރަށް ރަނގަޅު ކަމެއް. ނަަމަވެސް އެ ގޮތަށް ހެދެން ނެތް ނަމަ، އެ ކަމަކާ މެދު ތިބާ އިހުސާސް ކުރާ ގޮތް ތިބާ އަށް ބަދަލު ކުރެވިދާނެ. އެއިރުން އެކަމަކުން ފައިދާ ނެގިދާނެ.”

“ކިހިނެތް؟” ޒުވާނާ ސުވާލު ކުރިއެވެ.

މުސްކުޅިޔާ ޖަވާބު ދިނެވެ: “މިސާލަކަށް، ތިބާއަކީ ތިބާގެ އާއިލާއަށް އާމްދަނީ ލިއްބައިދޭ ހަމައެކަނި މީހާ. ބޮޑު މުސާރަ ލިބޭ އަދި ޔަގީންކަން ބޮޑު ކަމަށް ތިބާއަށް ބެލެވޭ ވަޒީފާއެއް ތިބާގެ އެބައޮތް. އެއްވެސް އިންޒާރެއް ނެތި ކުއްލިއަކަށް އެނގުނީ ތިބާ ވަޒީފާއިން ވަކި ކޮށްފި ކަން. އަދި އަވަސް ފުރުސަތެއްގައި އާ ވަޒީފާއެއް ލިބިދާނެ ކަމަކަށް ތިބާއަކަށް ނުފެނޭ. ތިބާއަށް އިހުސާސް ކުރެވޭނީ ކޮން ގޮތަކަށް؟”

“ބިރުގަންނާނެ. ސިހޭނެ. ރުޅިގަދަވާނެ،” ޒުވާނާ ބުންޏެވެ.

“އަހަރެންނަށް ތިކަން ވިސްނޭ،” މުސްކުޅިޔާ ބުންޏެވެ. “ތިޔަ ގޮތަށް ގިނަ މީހުންނަށް އިހުސާސް ކުރެވޭނީ. އެކަމަކު، މިސާލަކަށް، ވަޒީފާއިން ކަނޑާލުން އެއީ ނުރުހޭ ކަމަކަށް ވިޔަސް، އެ ވަޒީފާ ދޫވުމަކީ ތިބާއަށް ކުރިމަތިވި އެންމެ ރަނގަޅު އެއް ކަންތައް ގޮތަށް ތިބާއަށް ފެނުނު ނަމަ؟ އެ ވަޒީފާއަކީ ތިބާއަށް އެންމެ އެކަށޭނަ މަސައްކަތް ނޫންކަން ފަހުން ރޭކާލައިފި ނަމަ؟ އެ ވަގުތު އެ ވަޒީފާ ދޫކޮށްލަން ދުވަހަކުވެސް ނިންމާފައި ނުވި ނަމަވެސް، އެ ވަޒީފާއަކީ މާކުރިން ވެސް ތިބާ ދޫކޮށްލަން މާ އައުލާކަން ބޮޑު ކަމެއް ނަމަ؟ އެ ވަޒީފާއިން ކަނޑާލުމަކީ އެއަށް ވުރެ ރަނގަޅު ގޮތެއް ވެދާނެ ކަމެއްކަން ގަބޫލު ކުރަން ތިބާ ނިންމި ނަމަ؟”

ޒުވާނާ ބުނެލިއެވެ: “އެކަމަކު އެއަށްވުރެ މާ ނުބައި ނަތީޖާއެއް ވެސް ނުކުމެދާނެ.”

މުސްކުޅިޔާ ހީނގަތެވެ: “ތިޔައީ ތެދެއް. އެއްވެސް މީހަކަށް ނޭނގޭނެ ކުރިއަށް ކަންތައްތައް ވާނެ ގޮތެއް. ނަމަވެސް، ހަގީގަތަކީ، ކަމަކާމެދު ރަނގަޅު ގޮތަކަށް ދެކި ރަނގަޅު ވިސްނުމެއް ގެންގުޅެފި ނަމަ، އާއްމު ގޮތެއްގައި ތިމާ ދާނީ ރަނގަޅު ނަތީޖާއަކާ ދިމާއަށް.”

ޝައްކެއްގައި އަދިވެސް ހުރި ޒުވާނާ ސުވާލު ކުރިއެވެ: “އެކަމަކު ވަޒީފާ މިހާރު ގެއްލިފައިވާ މީހަކަށް ތިޔައީ ކިހިނެތް ފައިދާ ކުރާނެ ކަމެއް؟ ވަޒީފާ ގެއްލިފައި ވުމާމެދު އޭނާގެ ހިތްހަމަޖެހުން އިތުރު ވެދާނެ، އެކަމަކު ވަޒީފާއެއްގެ ބޭނުން އަދިވެސް އޮންނާނެ. ރަނގަޅު އިހުސާސްތަކަކުން އާއިލާއެއްގެ ބަނޑުފުރާނަ މުއްތިއެއް ނުކުރެވޭނެ.”

މުސްކުޅިޔާ ބުންޏެވެ: “އެންމެ ރަނގަޅު. ހިނގާ ‘ހަގީގަތު’ގައި ވެސް ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބަލަން. ތިބާއަކީ އާ މުވައްޒަފަކަށް ވަޒީފާއެއް ދޭން ހުރި ބޮސްއެއް ނަމަ، ކޮން ޒާތެއްގެ މީހަކަށް ތިބާ ވަޒީފާ ދޭނީ؟ ފައިންއަރާޗަސްވެފައި ކަހަލަ ސިފައެއް ހުރި މީހަކަށްތަ؟ މުޅި ޖޮބް އިންޓަވިޔުގައި ވެސް އޭނާގެ ކުރީގެ ބޮސްއާމެދު ބަދުބަސްތައް ބުނެ ޝަކުވާ ކުރާ މީހަކަށްތަ؟ އެ ބޮސް އޭނާއާމެދު ނުރަނގަޅު ކަންތައްތައް ކުރި ގޮތުގެ ވާހަކަ މުޅި އިންޓަވިޔުގައި ދައްކާ މީހަކަށްތަ؟ ނޫނީ، ނުބައި ތަޖުރިބާއެއް ބަރުދާސްތު ކުރަމުން ނަމަވެސް އެ ކަމުން ރަނގަޅު މަގެއް ފެނޭތޯ މަސައްކަތް ކުރާ މީހާއަށްތަ؟ ވަޒީފާ ގެއްލުމުން އާ ފުރުސަތެއްގެ ފަހަތުން ދެވޭނެކަމުގެ މިނިވަންކަން އިހުސާސް ކުރާ އަދި މާ ރަނގަޅު ކަމެއް ހޯދަން މަސައްކަތް ކުރާ މީހާއަށްތަ؟”

ޒުވާނާ ޖަވާބު ދިނެވެ: “ރަނގަޅަށް ޕޮޒިޓިވްކޮށް ހުރި މީހަކަށް. ސަބަބަކީ، އެ ފަދަ ހެޔޮ ވިސްނުމެއްގައި ހުރި މީހަކަށް ވަޒީފާއެއް ރަނގަޅަށް އަދާ ކުރެވޭނީ.”

މުސްކުޅިޔާ ބުންޏެވެ: “އަދި އެހެންވެ ރަނގަޅު ގޮތް ގަބޫލު ކުރާ މީހާއަށް އާދައިގެ މަތިން މާ ރަނގަޅު ވަޒީފާއެއް ލިބެނީ. އެހެންވީމާ، އެ މީހާގެ އެ ވާދީއަށް ވީ ކިހިނެތް؟”

ޒުވާނާ އަށް ހައިރާންކަން ލިބުނެވެ. “އެ ކަން ބަދަލު ވީ ކުންނަކަށް! އެހެންވީއިރު، މީހާ ގަބޫލު ކުރާ ގޮތާއި އަދި އަމަލު ކުރާ ގޮތުން ހަގީގަތުގައި ވެސް ތަފާތެއް ގެނެވޭ. ފަހަރެއްގައި މިއީ ހަގީގަތުގައި ވެސް ފައިދާކުރަނިވި ގޮތެއް!”

“އާނހ،” މުސްކުޅިޔާ ބުންޏެވެ. “މިއީ ވަރަށް ފައިދާ ހުރި ގޮތެއް. ބައެއް ފަހަރު މިއީ މިހާ ސީދާސާދާ ކަމެއް:

–          ކަންކަމާމެދު ތަފާތު ގޮތަކަށް ތިމާ ދެކެން ފެށުމުން ވާދީން ނުކުމެވޭނެ މަގު ފެނެއެވެ –”

މިހާ ހިސާބަށް ވާހަކަ ދިޔަ ތަނާ ފަރުބަދައިގެ ކުންނުމަތީގެ ހޫނުމިން ދަށަށް ދިޔައެވެ. އަދި ސްނޯ ފައިބަން ފެށިއެވެ. މުސްކުޅިޔާ އެއްސެވެ: “ކުންނު މަތީގައި މަޑުކުރަން ތިބާ ތައްޔާރުވެފަތަ؟”

ފިނިކަމުން ސަލާމަތްވާނެ ހެދުންތަކެއް ނުގެންނަ ކަމަށް ޒުވާނާ އިއުތިރާފު ވިއެވެ. “އަހަރެންނަށް ހީވަނީ ވާދީން ނުކުތުމަށް އަވަސްވެގަތްވަރުން މި ތާ މަތީގައި ހުރުމަށް ބޭނުންވާނެ އެއްޗެއްސާމެދު އަހަރެން ހަގީގަތުގައި ނުވިސްނަން ކަންނޭނގެ.”

މުސްކުޅިޔާ ބުންޏެވެ: “ތިޔައީ އާދަޔާ ހިލާފު ކަމެއް ނޫން. ކުންނެއްގެ މަތީގައި ގިނައިރު ދެމިހުންނަން ބޭނުން ނަމަ ހަގީގަތުގައި ވެސް ތައްޔާރު ވާން ޖެހޭކަން ގިނަ މީހުންނަކަށް ރޭކައެއް ނުލާ.”

މުސްކުޅިޔާ އެ ބުނީ ތިމާގެ ރަނގަޅު ތަޖުރިބާތަކާއި ރަނގަޅު ވަގުތުތައް ބަލަހައްޓާ މެނޭޖް ކުރުން ކަމެއް ޒުވާނާއަކަށް ފަހުމެއް ނުވިއެވެ.

“އަހަރެން އުއްމީދު ކުރަން ތިބާ އަލުން އެނބުރި މައްޗަށް އަންނާނެ ކަމަށް،” މުސްކުޅިޔާ އިތުރު ކޮށްލިއެވެ. “އަހަރެން އުއްމީދު ކުރަން ތިބާގެ މި ޒިޔާރަތުން ތިބާއަށް އުފާވެރިކަން ލިބުނު ކަމަށް.” މިހެން ބުނެފައި ޒުވާނާގެ އަތުގައި ހިފާ ސަލާން ކޮށްލާފައި އޭނާއަށް އަލްވަދާއު ކިޔެވެ.

ކުންނު ދޫކޮށްލާފައި ދާން ޒުވާނާ ދެރަ ވިއެވެ. އެކަމަކު އެ ތަނުން އެ އެނގުނު ކަންތައްތަކުން އޭނާ އަށް ހިތްވަރު ލިބުނެވެ.

ވަޒީފާ އާއި ދިރިއުޅުމާމެދު މިހާރު ތަފާތު ގޮތަކަށް ދެކޭނެ ކަމަށް އޭނާ އަމިއްލަ ނަފުސަށް ބުނެލިއެވެ. އޭނާ އުއްމީދު ކުރީ އޭނާ އަށް މީގެ ފަހުން ވާދީއެއް ފެންނާނީ ފޮރުވިފައިވާ ރަނގަޅު ކަންތައްތަކެއް އިތުރަށް ރަނގަޅު ކުރުމަށް އޮތް ފުރުސަތެއްގެ ގޮތުގައި ކަމަށެވެ.

ފަރުބަދައިގެ ސާފު ވައިން އޭނާ ފުން ނޭވާއެއް ލިއެވެ. އަދި ވާދީއަށް ދެވުމުން ވެސް ސާފުކޮށް ކަންތައްތައް ފެންނާނެ ކަމަށް އޭނާ އުއްމީދު ކުރިއެވެ.

ހަނދާން ކުރަން ބޭނުންވި ކަންތަކާމެދު އޭނާގެ ސިކުނޑީގައި އޭނާ ފާހަގަ ކުރިއެވެ:

–          ތިމާގެ ވާދީ ކުންނަކަށް ހަދާނީ ތިމާއެވެ. އެއީ، ނުބައި ވަގުތާއި ނުބައި ތަޖުރިބާގެ ފަހަތުގައި ފޮރުވިފައިވާ ރަނގަޅު ކަންތައްތައް ހޯދައިގެން އޭގެ ބޭނުން ކޮށްގެންނެވެ – (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.