ކުންނު އާއި ވާދީ – 3 ވަނަ ބާބު

11791724_10152974268235423_992826649_n

ދެވަނަ ބާބު

ތިންވަނަ ބާބު: ހަނދާން ނެތެން ފެށުން

އޭނާގެ ވާދީއަށް އެނބުރި އާދެވުމާއެކު އެ ޒުވާނާގެ ހަނދާނަށް އަލުން އައީ ކުރިން ހިޔަލުގައި ހުރެ ދުރުން ފެންނަން ހުރި ކުންނު އާ ދިމާއަށް ބަލައި، އެ ތަނުގެ މަތީގައި ތަފާތު ހަޔާތެއް ހޯދުމުގެ ހުވަފެން ދުށްކަމެވެ.

ދެން އޭނާއަށް އިހުސާސް ކުރެވުނީ ކުއްލި އުފާވެރިކަމެކެވެ. ހަގީގަތުގައި ވެސް އޭނާއަށް އެ ކުންނު މައްޗަށް އެރިއްޖެއެވެ! އަދި އޭނާ ހަމަ އުއްމީދުކުރި ފަދައިން، މާ ރަނގަޅު މަންޒަރެއް އޭނާއަށް ފެނުނެވެ.

މިހާރު އޭނާ ހުރީ އޭނާއަށް މި ލިބުނު އާ ވިސްނުމުގެ އަލީގައި އޭނާގެ ވަޒީފާއަށް އަލުން ރުޖޫއަވުމަށެވެ. ހާދިސާތަކުން ފުރިފައިވާ މި “އެޑްވެންޗަރ”ގެ ވާހަކަ އޭނާގެ މައިންބަފައިންނާއި އަދި ރަހްމަތްތެރިންގެ ގާތުގައި ބުނުމުން އެ މީހުން ހިތަށްއަރާނީ ކީކޭ ބާވައޭ އޭނާގެ ހިތަށްއެރިއެވެ.

ގެއާ ދިމާއަށް ދިޔަ މަގުމަތީގައި އޭނާގެ ހިތަށްއެރިއެވެ: “މި ވާދީން ފެންނަ މަންޒަރު ހާދަ ހަންޏޭ. އަހަރެންނަށް ދެވުނު އެ ކުންނު މަތިން ބޮޑު މަންޒަރު ބަލައިލަން ހާދަ ފަސޭހައޭ.”

އޭނާގެ ނަފުސާމެދު އޭނާ ވަރަށް ހިތްހަމަޖެހުނެވެ.

އޭނާ ވަރަށް އަޅާލާ ހާއްސަ ޒުވާން އަންހެނެއްގެ މަތިން އޭނާ ހަނދާންވިއެވެ. އަދި އޭނާ މި ކުރި ދަތުރާއި އޭނާއަށް މި ހޯދުނު އާ މައުލޫމާތާމެދު އެ އަންހެންކުއްޖާ ޝައުގުވެރިވާނެކަމަށް އުއްމީދުކުރިއެވެ.

ގެއަށް ދެވުމުން އޭނާގެ މައިންބަފައިންގެ ގާތުގައި އޭނާ ފަރުބަދަ މައްޗަށް ކުރި ދަތުރުގެ ވާހަކަ ބުންޏެވެ. އަދި އެ ފަރުބަދައިގެ މަތީގައި ދިރިއުޅޭ މުސްކުޅި ފިރިހެންމީހާގެ ފަރާތުން ދަސްވި ކަންތައްތަކުގެ ވާހަކަ ކިޔައިދިނެވެ.

މި އާ ފަލްސަފާގެ ސަބަބުން ވަޒީފާގައި އަލުން އޭނާއަކީ ބޭނުންތެރި މުވައްޒަފަކަށް ވާނެ ކަމަށް އޭނާ ބުންޏެވެ. އަދި އިސާހިތަކު އޭނާއަށް ޕްރޮމޯޝަނެއް ނުވަތަ މަގާމުގެ ކުރިއެރުމެއް ލިބޭނެކަމާމެދު ޝައްކެއް ނެތް ކަމަށް ބުންޏެވެ.

އޭނާގެ މަންމަ އާއި ބައްޕަ އެކަކު އަނެކަކަށް ބަލައިލިއެވެ. އޭނާ ބައިސާކަނޑަނީ ކަމަށް އެ ދެމައިންނަށް ހީވިއެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ.

މި ދެއްކުނު ވާހަކަތަކާމެދު ހުދު ޒުވާނާއަށް ވެސް އެހާ ބޮޑު ޔަގީންކަމެއް ނެތެވެ. މި އާ ނަޒަރިއްޔާތުގެ ސަބަބުން މާބޮޑު ތަފާތުތަކެއް ފެންނާނެތޯއާމެދު އޭނާ ވިސްނާލިއެވެ. ޝައްކުތަކެއް އަދިވެސް ހުރިނަމަވެސް އެ ކަން ތަޖުރިބާކޮށްލައި ބަލައިލަން އޭނާ ޝައުގުވެރިވިއެވެ.

ކުންނުމަތިން ދަސްވި ކަންތައްތައް ރަހްމަތްތެރިން ގާތުގައި ފަހުރުވެރިކަމާއެކު ނުހަނު އަވަހަށް އޭނާ ބުންޏެވެ.

ބައެއް ކުދިން ޝައުގުވެރިވިއެވެ. ނަމަވެސް އަނެއްބައި އެކުވެރިން ތިބީ ވަހުމްތަކެއްގެ ތެރޭގައެވެ. އެ ވާހަކަތައް ހާދަ ސީދާސާދާ ކަމަށާއި އެހެންކަމުން އެ ފަލްސަފާ މަސައްކަތް ކުރާނެ ބާވައޭ އެ މީހުންގެ ހިތަށްއެރިއެވެ. އެކަމަކު ރަނގަޅު ރަހްމަތްތެރިންތަކަކަށް ވާތީ އެ އެންމެން ވެސް ބޭނުންވީ އެ ނަޒަރިއްޔާތު އެ ޒުވާނާއަށް ކާމިޔާބުވުމަށެވެ.

އެ ވާހަކަތައް އެއްކަލަ އަންހެންކުއްޖާ އަށް ވެސް އޭނާ ކިޔައިދިނެވެ. އެ ފަލްސަފާއާމެދު އަންހެންކުއްޖާ ވެސް ހައިރާންވިއެވެ. އަދި ޒުވާނާއަށް ލިބިފައިހުރި ކަމަށް ފެންނަ އުފާވެރިކަން ފެނިފައި އަންހެންކުއްޖާ ވެސް އުފާވިއެވެ. އަންހެންކުއްޖާ އުއްމީދުކުރީ ޒުވާނާއަށް ލިބުނު އާ ޝައުގުވެރިކަން ދެމިގެންދާނެ ކަމަށެވެ.

ޒުވާނާ ވަޒީފާއަށް އެނބުރި ދިޔައީ އުފަލުން ހުރެއެވެ.

އޭނާގެ ކުންފުނީގެ ވިޔަފާރި ރަނގަޅެވެ. މުދާ ވިކޭ އަދަދު އިތުރުވަމުން ގޮސްފައިވެއެވެ. އަދި ކުރިން ނުލިބޭ މިންވަރަކަށް ކުންފުންޏަށް ލިބޭ ފައިދާ ވެސް ވަނީ ބޮޑުވެފައެވެ.

ދެން އެއް ދުވަހަކު ވަރަށް މުހިންމު ޝިޕްމަންޓެއް ގެއްލުނެވެ. އަދި އެއްވެސް މުވައްޒަފަކަށް އެ ޝިޕްމަންޓް ނުހޯދުނެވެ. މި ކަމާ އެ ކުންފުނީގެ އެންމެ ބޮޑު ކަސްޓަމަރު ހިތްހަމަ ނުޖެހުނުލެއް ބޮޑުކަމުން އެ ކުންފުނީގައި ހުޅުވާފައިވާ އެ ކަސްޓަމަރުގެ އެކަންޓު ކެންސަލް ކޮށްލައި، ވިޔަފާރީގެ ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު އެ ކަސްޓަމަރު ދިނެވެ.

މައްސަލަ ހައްލު ކުރަން ހުރިހާ މުވައްޒަފުން ވެސް އަވަސްވެގަތެވެ. ބައެއް މުވައްޒަފުން މަސައްކަތް ކުރީ އާ ޝިޕްމަންޓެއް ފޯރުކޮށްދިނުމަށެވެ. އަނެއްބައި މުވައްޒަފުން އަމާޒު ހިފީ އެ ގެއްލުނު ޝިޕްމަންޓް ހޯދުމަށެވެ.

ނަމަވެސް އެ ކުންފުނި ވަނީ މާ އަވަހަށް ފުޅާ ވެގެން ގޮސްފައެވެ. މިހެންވެ އެ ތަނުގެ މުވައްޒަފުންގެ އަދަދު މަދުކަމުގެ ދަތިކަން އިހުސާސް ކުރެވި، ހުރިހާ އެންމެން ވަނީ ވެސް ވަރުބަލިކަމެއްގެ ތެރޭގައެވެ. މިހެންވެ، މަސައްކަތް ކުރި ނަމަވެސް، އެހެން ޝިޕްމަންޓްތައް ވެސް ގެއްލުނެވެ. ގިނަ ކަސްޓަމަރުންތަކެއް އޯޑަރުތައް ކެންސަލް ކުރަން ފެށިއެވެ. މުވައްޒަފުންގެ މަސައްކަތުގެ މޫޑު ހަރާބުވިއެވެ.

ވާދީއަކުން ނުކުންނާނެ ގޮތާމެދު މުސްކުޅިޔާ ބުނި ވާހަކަ ޒުވާނާ ހަނދާންވިއެވެ: “ތިމާގެ ވާދީ ކުންނަކަށް ހަދާނީ ތިމާއެވެ. އެއީ، ނުބައި ވަގުތާއި ނުބައި ތަޖުރިބާގެ ފަހަތުގައި ފޮރުވިފައިވާ ރަނގަޅު ކަންތައްތައް ހޯދައިގެން އޭގެ ބޭނުން ކޮށްގެންނެވެ.”

އެ ރޭ ޒުވާނާ އެ ކަމާ ވިސްނަމުންދިޔައެވެ.

ޖެހިގެން އައި ދުވަހު ހިޔާލަކާއެކު އޭނާގެ ވެރިމީހާގެ އަރިހަށް އޭނާ ދިޔައެވެ: ޝިޕްމަންޓް ދަތުރު ކުރާ ގޮތް “ޓްރެކް” ކުރާ ޓްރެކިންގ ނިޒާމުގައި ހުރި ބަލިފައިތައް ހޯދައިގަނެ، ކުރިމަގުގައި ލިބޭ އޯޑަރުތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭން މާ ރަނގަޅު ނިޒާމެއް ގާއިމު ކުރުން ވާނީ ކިހިނެތްތޯއެވެ؟ މި ކާރިސާއިން އާ ފުރުސަތެއް ހޯދުން ވާނީ ކިހިނެތްތޯއެވެ؟

އޭނާގެ ބޮސްއަށް މި ހިޔާލު ކަމުދިޔައެވެ. އަދި މި ފަދަ ނިޒާމެއް ގާއިމު ކުރާނެ ޓީމެއް އުފައްދައި އެ ޓީމުގެ ވެރިޔަކަށް ނުވަތަ ލީޑަރަކަށް ވުމަށް ޒުވާނާއަށް އިރުޝާދު ދިނެވެ.

ދުވަސްކޮޅެއްގެ ތެރޭގައި މިހާރު ހުރި ނިޒާމުގައި ހުރި މައިގަނޑު މައްސަލަތައް ޓީމަށް ދެނެގަނެވި، އޯޑަރުތައް ހޭންޑްލް ކުރާނެ މާ އިތުބާރު ބޮޑު އަދި އަގު ހެޔޮ ނިޒާމެއް ތަރައްގީ ކުރެވުނެވެ.

ގެއްލުން ލިބުނު ކަސްޓަމަރުންގެ ގާތުން ކުންފުނިން މައާފަށް އެދުނެވެ. އަދި ކުންފުނިން އަލުން ގާއިމު ކުރި އިތުބާރު ބޮޑު އަދި އަގު ހެޔޮ ނިޒާމުގެ މައުލޫމާތު ލިބުމުން އެ ކަސްޓަމަރުންތައް އަލުން އުފާކުރިއެވެ. އަދި ގިނަ ކަސްޓަމަރުން އަލުން އޯޑަރުތައް ދޭން ފެށިއެވެ. ފުރަތަމަ ފެށީ ކުދި އޯޑަރުތަކުންނެވެ. ނަމަވެސް ބޮޑެތި އޯޑަރުތައް އޭގެ ފަހުން އަންނާނެ ކަމަށް އުއްމީދު ކުރެވުނެވެ.

އާ ނިޒާމުގެ އާރުކާޓީއަކީ އެ ހިތްއަލި ޒުވާނާ ކަމަށް އަޑުފެތުރިގެންދިޔައެވެ. އެކުގައި އުޅޭ އެހެން މުވައްޒަފުންގެ މެދުގައި އޭނާގެ ނަން މަޝްހޫރު ވެ، އަދި ބޮސް ވެސް އުފާވިލެއް ބޮޑުކަމުން އެ ޒުވާނާގެ މުސާރަ ބޮޑުކޮށްލިއެވެ.

މާގިނަ ދުވަސްތަކެއް ނުވަނީސް، ޒުވާނާ އަނެއްކާވެސް އާ ހިޔާލަކާއެކު ބޮސްގެ ގާތަށް ދިޔައެވެ: މިހާރު ހުރި މާކެޓްތަކުގެ އިތުރުން އާ މާކެޓްތަކެއްގައި އިންވެސްޓް ކުރުން ކީއްތޯއެވެ؟

އެކަމަކު އޭނާގެ ބޮސް ބުނީ “ނޫނެކޭ”އެވެ. މިހާރު ވެސް ކަންތައްތައް ދަނީ އެންމެ ރަނގަޅަށް ކަމަށް އިހުސާސް ކުރެވޭ ކަމަށް ބޮސް ބުންޏެވެ. އަދި ޒުވާނައަކީ އެ ކުންފުނީގައި މިހާރު ވެސް ހުރި އެންމެ ޒުވާން މެނޭޖަރު ކަމާއި އަދި ދާދި ފަހުން އޭނާގެ މުސާރަ ވެސް ބޮޑުވެފައިވާކަން ހަނދާން ކޮށްދިނެވެ. އަދި މި ކަމާ ހިތްހަމަޖެހިގެން ހުރުން ރަނގަޅުވާނެ ކަމަށް ބޮސް ބުންޏެވެ.

ކުންފުނީގެ ގިނަ އެހެން މުވައްޒަފުން ފަދައިން ބޮސް ވެސް ވަނީ ކުންފުނި މިހާރު ހުރި ހިސާބު އެންމެ ރަނގަޅު ކަމަށް ނިންމައިގެން ކަމަށް ޒުވާނާއަށް ރޭކާލިއެވެ. ކުންފުނީގެ ބޭރުންނާއި އެތެރެއިން ގިނަ ކަންތައްތަކެއް ނުރަނގަޅަށް ދާން ފެށިއެވެ. އެކަމަކު އެއްވެސް މީހަކަށް އެ ކަންތައްތަކެއް ފާހަގައެއް ނުވިއެވެ.

ގިނަ މުވައްޒަފުން އުޅުނީ އެ މީހުން އަދިވެސް ތިބީ އުސްގަނޑެއްގެ މަތީގައި ގޮތަށެވެ. ވިޔަފާރި ފުޅާވުމާއެކު، އެންމެ ފުރަތަމައިން ވެސް އެ ކުންފުނި އެހާ ކާމިޔާބުވީ ކީއްވެކަން މުވައްޒަފުން ހަނދާން ނެތުނީއެވެ.

ގިނަ ޑިޕާޓްމަންޓްތަކުގެ ހަރަދުތައް ފޫ ނުބެއްދޭ ހިސާބަށް ދިޔައެވެ. ނަމަވެސް މުވައްޒަފުން ތިބީ ކުންފުނި އަދިވެސް ކުރިއަށްދަނީ ރަނގަޅަށް ކަމަށް ނިންމައިގެނެވެ.

ދެން މާ ބޮޑެތި މައްސަލަތައް ކުންފުންނަށް ދިމާވާން ފެށިއެވެ. ލިބޭ ފައިދާ ފުދޭވަރަކަށް ދަށަށް ގޮސް، ހަރަދުތައް ކުޑަ ކުރަން ޖެހުނެވެ. މުވައްޒަފުންތައް ކަނޑާލަން ފެށިއެވެ. އޭގެ ތެރޭގައި ޒުވާނާގެ ރަހްމަތްތެރިން ވެސް ހިމެނުނެވެ.

ކުންފުންޏަށް ނުބައި ވަގުތަކާ ކުރިމަތިލާން ޖެހުނެވެ.

ޒުވާނާއަށް އޭނާގެ މަގާމު ދިފާއު ކުރެވުނެވެ. ވަޒީފާގައި ދެމިހުރެވުނެވެ. ސަބަބަކީ އާ ޓްރެކިންގ ނިޒާމު އުފެއްދި ޓީމަށް އޭނާގެ ހިއްސާ ބޮޑުކަމުން އެ ކަމާ ހެދި އޭނާގެ މަގުބޫލުކަން ބޮޑުވެފައިވާތީއެވެ.

ވަޒީފާއިން އޭނާއަށް ލިބެމުން އައި ކާމިޔާބުގެ ވާހަކަ ވެސް ނުހަނު ފަހުރުވެރިކަމާއެކު ޒުވާނާ ވަނީ އޭނާގެ މައިންބަފައިންގެ ގާތުގައި ބުނެފައެވެ.

އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެ ކާމިޔާބު އޭނާގެ “ބޮލަށް ވަދެ” އެހެން މީހުން ދައްކާ ވާހަކަ އަޑު ނާހާ މީހަކަށް އޭނާ ބަދަލުވެގެންދިޔައެވެ. އޭނާ އަށް މުހިންމު ވީ ހަމައެކަނި އޭނާގެ އަމިއްލަ ހިޔާލެވެ.

ދުވަސްތައް ދިޔަ ވަރަކަށް، ކުންނު މަތީގައި އޭނާއަށް ދަސްވި ގިނަ ފިލާވަޅުތައް ބޭނުން ކުރަން އޭނާ ހަނދާން ނެތުނެވެ.

ނޭނގި ނަމަވެސް އޭނާގެ ވަށައިގެން އުޅޭ މީހުން އޭނާއަށް އެކަހެރި ކުރެވެން ފެށިއެވެ. އޭނާއާއެކު މަސައްކަތް ކުރާ މުވައްޒަފުން އޭނާގެ ކިބައިން ރެކެން ފެށިއެވެ. އަދި އޭނާގެ ބޮސް އޭނާއަށް ފާޑުކިޔަން ފެށިއެވެ.

ޒުވާނާއަށް އަލުން ލިބުނު ނަފުސުގެ ޔަގީންކަން ފަނޑު ވާން ފެށިއެވެ.

މަސައްކަތުގެ ދާއިރާގައި ކަންތައްތައް ނުބައިކޮށް ދާކަން ސާފެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް އޭނާއަކަށް ދޭހައެއް ނުވިއެވެ.

މައިންބަފައިން އޭނާއާ ވާހަކަ ދެއްކުމަށް މަސައްކަތް ކުރުމުން އޭނާ އަޑެއް ނޭހިއެވެ. އޭނާ ކުރި ހަމައެކަނި ކަމަކީ އޭނާގެ އަމަލުތައް ދިފާއު ކުރުމެވެ. މި ކަމުގެ ސަބަބުން ކަންތައްތައް އިތުރަށް ގޯސްވިއެވެ. އަދި ދުވަސްތައް ދިޔަ ވަރަކަށް ޒުވާނާއަށް ރޭކާލީ ކުރިއަށްވުރެ ފުން ވާދީއަކަށް ފޭބުނު ކަމެވެ.

ދެން ޒުވާނާ ހަނދާންވީ ވާދީއަށް އެނބުރި އައުމުގެ ކުރިން މުސްކުޅިޔާ ދިން އިރުޝާދުކޮޅެކެވެ:

–          ކުންނުތަކުގެ ދޭތެރޭގައި އަބަދުވެސް ހުންނާނީ ވާދީތަކެވެ. ދެން ޖެހޭ ކުންނަށް އަވަސްވެގަތުން ބިނާވެފައިވަނީ މިހާރު ހުރި ވާދީ ހައްލުކޮށް މެނޭޖް ކުރެވޭ ގޮތެއްގެ މަތިންނެވެ –

ޒުވާނާ ވިސްނާލިއެވެ: “ވާދީއެއް މެނޭޖް ކުރާނީ ހަގީގަތުގައި ވެސް ކިހިނެތް ހެއްޔެވެ؟”

މުސްކުޅިޔާ އެ ވާހަކަ ކިޔައިދީފައިވީ ނަމަވެސް، އޭނާ ބުނި އެއްޗެއް ޒުވާނާގެ ހަނދާނަކަށް ނައެވެ.

ރަހްމަތްތެރިން ފެނޭތޯ ޒުވާނާ ދިޔައެވެ. ނަމަވެސް ފެންނަ ހިސާބެއްގައި އެ މީހުން އުޅޭ ކަމަކަށް ނުވިއެވެ. އޭނާއަށް އެ ކަން ރޭކާ ނުލި ނަމަވެސް ހަގީގަތުގައި އެ މީހުން އޭނާގެ ކިބައިން ރެކެނީއެވެ.

އަންހެންކުއްޖާ ވެސް ގުޅާ ނުލާތާ ދުވަސްގަނޑެއް ވެއްޖެއެވެ. އެއީ ކީއްވެ ކަމާމެދު ޒުވާނާ ވިސްނާލިއެވެ.

“އަންހެންކުއްޖާ މާ ބިޒީކޮށް ބުރަކޮށް އުޅެނީ ކަމަށް ވާނީ،” ޒުވާނާ އަމިއްލަ ނަފުސަށް ބުނެލިއެވެ.

މާ ގިނަ ދުވަސްތަކެއް ނުވަނީސް، ޒުވާނާއަށް އިހުސާސް ކުރެވުނީ، ކުންނަށް ދަތުރު ކުރުމުގެ ކުރިން އޭނާއަށް އިހުސާސް ކުރެވުނު އެކަނިވެރިކަމަށް ވުރެ ވެސް ބޮޑު އެކަހެރިކަމެއް މިހާރު އިހުސާސް ކުރެވެން ފަށާފައިވާ ކަމެވެ.

ކުންނުތަކާއި ވާދީތައް ތަޖުރިބާ ކުރެވުމަކީ ގުދުރަތީ ކަމެއް ކަން ޒުވާނާ އަމިއްލަ ނަފުސަށް ހަނދާން ކޮށްދިނެވެ.

އޭނާގެ ވާދީން ނުކުމެވޭނެ މަގު ހޯދުމަށް މަސައްކަތް ކުރުމުގެ ގޮތުން ކަންތައްތަކާމެދު އަލުން ތަފާތު ގޮތަކަށް ވިސްނުމަށް އޭނާ މަސައްކަތް ކުރިއެވެ.

ކުރިމަތިވެފައިވާ ހިތި ތަޖުރިބާގެ ފަހަތުގައި ފޮރުވިފައިވާ ރަނގަޅު ކަންތައްތައް ހޯދައި އޭގެން ފައިދާ ނެގޭނީ ކިހިނެތްތޯ ބެލުމަށް ޒުވާނާ މަސައްކަތް ކުރިއެވެ.

ނަމަވެސް އެއްވެސް ކަމަކުން އޭނާއަށް އިތުރު ހިތްހަމަޖެހުމެއް ނުލިބުނެވެ.

ކުންނުތަކާއި ވާދީތަކުގެ ފަލްސަފާއިން ކުރިން އޭނާއަށް ވަނީ ކާމިޔާބު ލިއްބައިދީފައެވެ.

އެކަމަކު މިހާރު އެ ކަން އެ ގޮތަށް މަސައްކަތެއް ނުކުރިއެވެ. އަދި އެއީ ކީއްވެކަން އޭނާއަށް ފަހުމެއް ނުވިއެވެ.

ހިޔަލުގެ ތެރެއަށް އަލުން ގޮސް ފަރުބަދަ އާދިމާއަށް މައްޗަށް އޭނާ ބަލައިލިއެވެ.

ކުންނުތަކާއި ވާދީތަކުގެ ނަޒަރިއްޔާތު މުސްކުޅިޔާ ކިޔައިދިން ވަގުތު ރަނގަޅު ކަމަށް ފެނުނެވެ. ނަމަވެސް މިހާރު ހަގީގީ ދުނިޔޭގައި އެއީ ކުރިމަގެއް ނެތް ބިލާހެއް ފަދަ ފުލޯކު ވާހަކައެއް ކަމަށް ފެންނަން ފެށިއެވެ.

ވަހުމުން ފުރިފައިވާ އޭނާގެ ރަހްމަތްތެރިން ފަހަރެއްގައި ބުނީ ރަނގަޅަށް ކަންނޭނގެއެވެ.

ވިސްނާލުމަށް ޒުވާނާ ދިޔައެވެ. އަދި ހިމޭން ފެންގަނޑެއްގެ ކައިރީގައި އޭނާ އަރާމު ކޮށްލިއެވެ. ފެންގަނޑަށް ބަލައިލުމުން އޭނާއަށް ފެނުނީ އޭނާގެ އަމިއްލަ ސިފައެވެ. އޭނާއަށް ފެނުނު އޭނާގެ ސިފައާމެދު ހިތްހަމަ ނުޖެހުނެވެ.

އޭނާ ވާން ފަށާފައި ވަނީ ނަފުރަތުން ފުރި ބަންޑުން ވެފައިވާ އަދި އަމިއްލަ ނަފުސާ މެދު ސުލްހަވެރި ކަމެއް ނެތް މީހެއްކަން އޭނާއަށް އެނގުނެވެ. ދެން އޭނާ ހަނދާންވީ މުސްކުޅިޔާ ބުނި އެހެން އެއްޗެކެވެ: “ވާދީއަކުން އިބުރަތެއް ހާސިލު ނުވެއްޖެ ނަމަ، ހިތްދަތިކަމާ ކުރިމަތިވާނެއެވެ. ރަނގަޅު ފިލާވަޅެއް ދަސްވެއްޖެ ނަމަ، ތިބާއަށް އިތުރަށް ރަނގަޅު ވެވޭނެއެވެ.”

އެކަމަކު އެއީ ރަނގަޅު ވާހަކައެއް ނަމަ، އޭނާއަށް ދަސްވުމަށް ބޭނުންވެފައި އޮތީ ކޮން ކަމެއް ހެއްޔެވެ؟

ގިނަ ހަފުތާތަކެއް ފަހުން، މި ކަމުގެ ޖަވާބު ނުލިބިގެން ޒުވާނާ މާޔޫސް ވިއެވެ.

ކުންނު އާއި ވާދީގެ ދެމެދުގައި އޮންނަ ރަހައަށް ތެދަށް އޮންނަ ބިންކޮޅު ނުވަތަ “ޕްލެޓޯ”ގެ މައްޗަށް އައިސް އެ މީހުންނާ ގުޅުމަށް އޭނާގެ ރަހްމަތްތެރިން އޭނާ އަށް ދައުވަތު ދިނެވެ. އެއީ، އެ މީހުންގެ ބަހުރުވައިން ނަމަ، “ހިއްސުތައް އައްސިކޮށްލުމަށެ”ވެ.

ޒުވާނާ ދުވަހަކު ވެސް އެ ޕްލެޓޯގެ މައްޗަކަށް ނާރައެވެ. ނަމަވެސް އޭނާ އަޑުއަހާފައި އޮންނަ ގޮތުގައި އެ ތަނަށް ދިއުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ހަމަ ގައިމު ވެސް ކުންނު ހާ ދުރެއް ނޫނެވެ.

އަދި ވާދީގައި މޫޑު ހަރާބު ވެފައި ހުރުމަށް ވުރެ ޕްލެޓޯގައި ހިއްސުތައް އައްސި ވެފައި ހުރުން ވެސް މާ ރަނގަޅު ވާނެ ކަމަށް ޒުވާނާގެ ހިތަށްއެރިއެވެ.

އެހެންކަމުން ޕްލެޓޯއަށް ދާން އޭނާ ހިނގައިގަތެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.