ޕާކިސްތާން މެޗުގެ ސްކޮޑަށް ސެންޓޭ ނަގައިފި

އަލީ ފާސިރު (ސެންޓޭ)

ޕާކިސްތާންގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު މި މަހު ކުޅޭ އެކުވެރިކަމުގެ ދެ މެޗުގެ ސްކޮޑުގައި ނިއުރޭޑިއަންޓްގެ ފޯވާޑް އަލީ ފާސިރު (ސެންޓޭ) ހިމަނައިފި އެވެ.

އޭދަފުއްޓަށް އުފަން ޒުވާން ފޯވާޑް ސެންޓޭ ހިމަނާފައި ވަނީ ކުރިން ސްކޮޑަށްނެގި 27 ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އީގަލްސްގެ އަހްމަދު އިމާޒް ބާކީކޮށް އޭނާގެ ބަދަލުގަ އެވެ. އިމާޒް ސްކޮޑުން ބާކީ ކުރީ މިހާރު ކުރިއަށްދާ 21 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ތެރެއިން އޭނާގެ ކަކުލު ހުޅަށް ލިބުނު އަނިޔާއިން އަދި މުޅިން ފިޓް ނުވާތީ އެވެ.

ސެންޓޭ އެންމެ ފަހުން ގައުމީ ޓީމަށް ކުޅުނީ 2011 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގަ އެވެ. މިދިޔަ އަހަރު ނޭޕާލްގައި އޮތް އޭއެފްސީ ޗެލެންޖް ކަޕަށް ނެގި ސްކޮޑްގައި ސެންޓޭ ހިމެނުނު ނަމަވެސް، ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ލިބުނު އަނިޔާއަކާ ގުޅިގެން މިދިޔަ ސީޒަންގެ ބޮޑުބައެއް އޭނާ ހޭދަކުރީ ކުޅުމާ ދުރުގަ އެވެ. އެކަމަކު ސީޒަންގެ ފަހުބައިގައި ދަނޑަށް އެނބުރި އައިސް، ސެންޓޭ ވަނީ ވިކްޓަރީ އަށް ލަނޑުތަކެއް ވެސް ޖަހައިދީފަ އެވެ.

ސެންޓޭގެ އިތުރުން ސްކޮޑުގައި ހިމެނޭ އޭދަފުއްޓަށް އުފަން އެހެން ކުޅުންތެރިންގެ ތެރޭގައި ނިއުރޭޑިއަންޓްގެ މިޑްފީލްޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) އާއި މާޒިޔާގެ ޑިފެންޑަރު ޝާފިއު އަހްމަދު (ޝާފީ) ހިމެނެ އެވެ.

ޕާކިސްތާންގެ ގައުމީ ޓީމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމު ކުޅޭ އެކުވެރިކަމުގެ ދެ މެޗު އޮންނާނީ މިމަހުގެ 12 އަދި 14 ވަނަ ދުވަހު އެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.