ކުންނު އާއި ވާދީ – 4 ވަނަ ބާބު

11791724_10152974268235423_992826649_n

ތިންވަނަ ބާބު

ހަތަރުވަނަ ބާބު: އަރާމު ކުރުން

ޕްލެޓޯގެ ފަޅުކަމުން ޒުވާނާއަށް ހައިރާންކަން ލިބުނެވެ. އެއްވެސް ގަހެއް ނެތެވެ. އަދި ލޮލުކޮޅަށް އެންމެ ދުރުން ފެންނަ ހިސާބަށް ވެސް ބިންގަނޑު އޮތީ ރަހަކޮށް އެއްވަރެއްގައެވެ.

ތާފަނާ ނެގިމަޑު ހޫނުކަމެއް ހުރިއިރު ވާދީހާ ހޫނެއް ނޫނެވެ. އަދި ކުންނުހާ ފިންޏެއް ވެސް ނޫނެވެ. ވިލާލައި އުޑުމަތި އޮތީ ބަނަކޮށްލައިފައެވެ. އިރެއް ނުފެނެއެވެ. ހީވީ އެ ތަނުގައި ހަގީގަތުގައި އެއްވެސް ކަހަލަ މޫސުމަކަށް ވާ ކަހަލަ މޫސުމެއް ނެތް ހެންނެވެ.

ބައެއް ފަހަރަށް ދުރުން އޭނާއަށް އެހެން މީހުން ފެނެއެވެ. ނަމަވެސް އެ މީހުންގެ ކިބައިން އޭނާ ރެކުނެވެ. އޭނާ ބޭނުންވީ އެކަނި ހުންނާށެވެ.

މަދުމިނުގެ ނުވަތަ އެއްވެސް ޖަޒުބާތެއް އިހުސާސް ނުކުރެވުމުން އޭނާއަށް ފުރަތަމަ ހަމަޖެހުމެއް ލިބުނެވެ. ޕްލެޓޯއަށް އާދެވުނީތީ އުފާކުރެވުނެވެ.

ޖަޒުބާތީ ގޮތުން އޭނާއަށް ކުރިމަތިވި އުސްތަކާއި އަޑިތަކުގެ ސްޓްރެސްތަކުން އޭނާ ދާދި އަވަހަށް ސަލާމަތްވާން ފެށިއެވެ. އޭނާ ހަމަ އެ ހުރި ތާނގައި ހުންނަ ހިތްވިއެވެ. އެ ގޮތް އަރާމު ކަމަށް އިހުސާސް ކުރެވުނެވެ.

ފަހުން، އޭނާގެ ރަހްމަތްތެރިން ހޯދިގެން އޭނާ އުފާވިއެވެ. އެކަމަކު އެ މީހުން އޭނާއާ ބައްދަލު ކުރާކަށް ޝައުގުވެރިހެނެއް ހިއެއް ނުވެއެވެ.

އެ މީހުންގެ ލޮލުގައި ވަނީ ނެގިމަޑު ކަމެވެ. އަދި އެ ޕްލެޓޯ ގޮތަށް މަރުވެފައި ތިބިހެން ހީވެއެވެ. އެ މީހުންގެ ވަށައިގެން ހިނގާ ކަންތައްތަކާމެދު ޝައުގުވެރިކަމެއް ހުރި ހެނެއް ހިއެއް ނުވެއެވެ. މިއީ ގެއިން ބޭރުގައި އޮތް ތަނެއް ނަމަވެސް، އެ މީހުންގެ ސިއްހަތު ރަނގަޅު ހެނެއް ހިއެއް ނުވެއެވެ. އެއްވެސް އާރޯކަމެއް އެ މީހުންގައި ނެތެވެ.

ޒުވާނާ އެ ރަހްމަތްތެރިންތަކާ ދިމާއަށް ބަލައިލިއެވެ. އަދި އޭނާ ވެސް މިހާރު ހުންނަން ފެށީ އެ މީހުންގެ ސިފައަށްތޯ އޭނާ ވިސްނަން ފެށިއެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަނީ އޭނާ ވެސް އެ މީހުންނާ ވައްތަރު ވާން ފަށައިފި ކަމަށް އިހުސާސް ކުރެވިގެންނެވެ.

ކުރާނެ ކަމެއް ނެތިގެން ޒުވާނާ ފޫހިވާން ފެށިއެވެ. އޭނާ ފުރަމަތަ ޕްލެޓޯއަށް އައި އިރު، ހަޔާތުގައި ކުރިން ދިމާވި ކަންތައްތަކުން ބްރޭކެއް ނުވަތަ އިންޓަވަލެއް ލިބުމުން ތާޒާ ކަމެއް ލިބުނެވެ.

މިހާރު ހީވަނީ އޭނާގެ ހުރިހާ އާރޯކަމެއް ފަނޑުވެގެން ދާން ފަށައިފި ހެންނެވެ. ކުންނު މަތީގައި ހުރެވުނުއިރު ހުރި ޝައުގުވެރިކަމުގެ އިހުސާސެއް މިހާރަކު ނެތެވެ.

ވާދީގައި ހުރެވުނުއިރު އޭނާއަށް ހީވީ ޕްލެޓޯއަށް ދިޔުމަކީ ރަނގަޅު ހިޔާލެއް ހެނެވެ.

އެކަމަކު މިހާރު އޭނާގެ ހިތަށްއަރަމުން ދިޔައީ އަދިވެސް އޭނާ މި ޕްލެޓޯގައި މަޑުކުރަނީ ކީއްވެކަމާމެދުއެވެ. އޭނާއަށް ވިސްނުނީ ޕްލެޓޯއަކީ “ނިއުޓްރަލް” ނުވަތަ ވަކި ކޮޅަކަށް ނުޖެހޭ ވަގުތުކޮޅެއް ކަމެވެ. އުފާވެރިކަމެއް ވެސް އަދި ހިތާމަވެރިކަމެއް ވެސް އިހުސާސް ނުކުރެވޭ ވަގުތެކެވެ.

އެހެންކަމުން، މި ޕްލެޓޯއަކީ އޭނާއަށް ކޮން އެއްޗެއް ހެއްޔެވެ؟ ހަގީގަތުގައި ވެސް އޭނާއަށް ބޭނުންތެރި އިންޓަވަލެއް ނަގައި އަރާމު ކުރަނީ ހެއްޔެވެ؟ ނޫނީ އޭނާ ހުރިހާ ކަމަކުން ސަލާމަތް ވާންވެގެން މި ތަނަށް އައީ ހެއްޔެވެ؟ އެހެންވީއިރު، އޭނާ ސަލާމަތް ވާން އެ މަސައްކަތް ކުރަނީ ކޮން ކަންތައްތަކަކުން ހެއްޔެވެ؟

އަދި އޭނާގެ ރަހްމަތްތެރިންގެ ހާލަކީ ކޮބައި ހެއްޔެވެ؟ ހިއްސުތައް އައްސި ކޮށްލައިގެން ހަގީގީ ދުނިޔެ އާއި ދިރިއުޅުމުން އެ މީހުން ސަލާމަތް ވާން މަސައްކަތް ކުރަނީ ހެއްޔެވެ؟

އެންމެ ފަހުން، އެ މީހުންނަށް އޭނާ އަލްވަދާއު ކިޔާފައި އަނެއްކާވެސް އަމިއްލަ މަގަކުން އޭނާ ހިނގަން ފެށިއެވެ.

ޒުވާނާއަށް ހުރެވުނު ހިސާބުން ކުންނު ފެންނަނީ ކިރިޔާއެވެ. އޭނާ މައްޗަށް ބަލައިލިއެވެ. އަދި މުސްކުޅިޔާ މިހާރު މަސްއޫލު ވެގެން އުޅޭނީ ކޮން ކަމެއްގައިތޯއާމެދު ވިސްނާލިއެވެ.

މުސްކުޅިޔާގެ މޫނަށް ބަލާލައި، އޭނާގެ ލޮލުން ފެނުނު ސާފު ކަމާއި އަލިކަން ޒުވާނާ ހަނދާން ވިއެވެ. ނަފުސުގެ ކޮންމެވެސް ބައެއް އަލުން އަނބުރާ އެ ކުންނަށް އެރުމަށް އެދޭކަން ޒުވާނާއަށް އިހުސާސް ކުރެވުނެވެ.

ކުންނުގައި އޭނާއަށް ހޯދުނު އާރޯކަން ހަމަ ގައިމު ވެސް ޕްލެޓޯގައި އޭނާއަށް އިހުސާސް ކުރެވުނު ނެގިމަޑުކަމާ ތަފާތުކަން ކަށަވަރެވެ.

ދެން އޭނާ އަނެއްކާވެސް ކުންނު އާ ދިމާއަށް މައްޗަށް ބަލައިލިއެވެ. އަދި ކުރިން ވެސް އެތައް ފަހަރަކު އިހުސާސް ކުރެވުނު ކަމަކަށް ބޭނުންވެފައިވާ ކަމުގެ ޖަޒުބާތު އިހުސާސް ކުރެވުނެވެ.

ހަޔާތުގައި އޭނާ ބޭނުންވީ ކުރިއަށްވުރެ ރަނގަޅު ގޮތްތަކެކެވެ.

ނަމަވެސް އަލުން ކުންނަށް އެރުމުގެ ހިތްވަރު ހުރި ކަމާމެދު އޭނާ ޔަގީނެއް ނޫނެވެ. އަލުން އަނބުރާ ވާދީއަށް ރުޖޫއަ ވާން ޖެހިއްޖެ ނަމަ އަލުން އޭނާއަށް ހިތާމަވެރިކަން ކުރިމަތިވެދާނެތީއެވެ.

އެ ރޭ އޭނާއަށް ރަނގަޅަކަށް ނުނިދެއެވެ. އަދި ވިސްނަމުން ދިޔައީ އަލުން ކުންނަށް އެރޭތޯ މަސައްކަތް ކުރަންވީ ކަމާމެދުއެވެ.

އެކަމަކު އަނެއް ދުވަހު އޭނާއަށް ހޭލެވުނީ ކުންނާމެދު ވިސްނުމެއްގެ ތެރެއިންނެވެ.

ގިނައިން އެ ކަމާ ވިސްނި ވަރަކަށް އޭނާ ބޭނުންވީ އެނބުރި މުސްކުޅިޔާ ގާތަށް ގޮސް، ކުންނާއި ވާދީ ފަލްސަފާ ހަމައެކަނި ކުޑަ ވަގުތުކޮޅަކަށް މަސައްކަތް ކުރީ ކީއްވެތޯ އެހުމަށެވެ.

އެންމެ ފަހުން އޭނާ ޕްލެޓޯ ދޫކޮށް، އޭނާގެ ވާދީއަށް ރުޖޫއަ ވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ކުންނަށް ރުޖޫއަ ވުމަށް ރޭވުންތައް ރޭވިއެވެ.

މި ފަހަރު އޭނާ އުއްމީދު ކުރީ ކުންނުން ލިބިދާނެ ތަޖުރިބާތަކަށް އޭނާއަށް ކުރިއަށްވުރެ ރަނގަޅަށް ތައްޔާރުވެ ހުރެވޭނެ ކަމަށެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.