ކުންނު އާއި ވާދީ – 5 ވަނަ ބާބު

11791724_10152974268235423_992826649_n

ހަތަރުވަނަ ބާބު

ފަސްވަނަ ބާބު: ދަސްކުރުން

ފަރުބަދަ މައްޗަށް އަނބުރާ އެރުމުގެ ދަތުރު އުނދަގުލެވެ. އަދި ކުންނުއާ ހަމައަށް ދެވުނުއިރު ޒުވާނާ ވަނީ ވަރުބަލިވެފައެވެ. އެކަމަކުވެސް، އޭނާއަށް އާދެވުނީ ރީތި އިރުއޮއްސޭ މަންޒަރެއް ފެނުމުގެ ފުރުސަތު އޮއްވައެވެ.

މި ފަހަރު މުސްކުޅިޔާގެ ފަރުބަދަމަތީ ގެއަށް އައުމަށް ޒުވާނާއަށް ދައުވަތު ދެވުނެވެ. އެ ގޭގެ ސައިޒާއި ފަންނުވެރިކަމާމެދު ޒުވާނާ ހައިރާންވިއެވެ.

ދެ ފިރިހެނުން ދެން ބޭރަށް ނުކުމެ، ރީތި ފެންގަނޑެއްގެ ކައިރީގައި ހަދާފައިވާ ޑެކެއްގެ މަތީގައި އިށީނެވެ.

ޒުވާނާ ބުނެލިއެވެ: “މި ކުންނަށް އެނބުރި އާދެވުމުން އަހަރެން ވެފައި މިވާ އުފާވެރިކަމުގެ ބޮޑުކަން ކިޔައިދޭން ވެސް ނޭނގޭ.”

ޒުވާނާއާ ބައްދަލުވުމުން މުސްކުޅިޔާ އުފާވިއެވެ. ނަމަވެސް ޒުވާނާ މާޔޫސްވެފައިވާ މަންޒަރު ފެނިފައި އެއީ ކީއްވެތޯ އެހިއެވެ.

ޒުވާނާ ބުންޏެވެ: “އަހަރެން މަގޭ ވާދީއަށް އެނބުރި ގޮސްފައި ތިބާ ހިއްސާ ކުރި ވާހަކަތަކަށް އަމަލު ކުރެވޭތޯ މަސައްކަތް ކުރިން. މިސާލަކަށް، ނުރަނގަޅު ވަގުތެއްގައި ނުވަތަ ނުބައި ތަޖުރިބާއެއްގެ ފަހަތުގައި ފޮރުވިފައިވާ ރަނގަޅު ކަންތައްތަކަކީ ކޮބައިތޯ ހޯދުން ކަހަލަ ކަންތައްތައް. ފުރަތަމައިން ކަންތައްތައް ރަނގަޅަށް ދިޔަ. އެކަމަކު ފަހުން ކަންތައްތައް މާ ނުބައިކޮށް ދިޔައީ. އަހަރެންގެ ހިތްވަރު އެލުނު. އަދި ވަގުތު ހޭދަކޮށްލުމަށް ޕްލެޓޯއަށް ދިޔައީ. އެކަމަކު އެކަމުން އެހާ ރަނގަޅު ތަޖުރިބާއެއް ނުކުރެވުނު.”

މުސްކުޅިޔާ އެއްސެވެ: “އެއީ ތިބާއަށް ރަނގަޅު ނުވަތަ ނުރަނގަޅު ތަޖުރިބާއެއްތަ؟”

“ތިބުނި އެއްޗެއް އަހަންނަކަށް ނުވިސްނޭ،” ޒުވާނާ ޖަވާބު ދިނެވެ.

މުސްކުޅިޔާ ބުންޏެވެ: “މި ކަހަލަ އެއްޗެއް ދުވަހަކުވެސް ދުށިންތަ؟”

ދެން މުސްކުޅިޔާ ކުރެހުމެއް ކުރެހިއެވެ:

pulse line vector

ޒުވާނާ ޖަވާބު ދިނެވެ: “ތިޔަ ހީވަނީ ހިތުގައި ވިންދު ޖަހާ ގޮތުގެ ޗާޓެއްހެން.”

މުސްކުޅިޔާ ބުންޏެވެ: “މީގައި މިވާ އަޑިގުޑަންތަކުން ތިބާ ހަނދާން ވަނީ ކޮން ކަމެއް؟”

“ހީވަނީ ކުންނުތަކަކާއި ވާދީތަކެއްހެން!” ޒުވާނާ ބުނެލިއެވެ.

“އާނހ،” މުސްކުޅިޔާ ބުންޏެވެ. “އެކަމަކު މީގެ މާނައަކީ ކޮބާ؟”

މި ފަހަރު މުސްކުޅިޔާ ކުރަހާލީ ސީދާ ތެދު ރޮނގެކެވެ:

pQnt71o

ޒުވާނާ ބުންޏެވެ: “ތީގެ މާނައަކީ ހިތުގައި އެއްވެސް ވިންދު ޖެހުމެއް ނެތޭ.”

މުސްކުޅިޔާ ބުނެލިއެވެ: “އާނހ! މައްސަލައެއް! ސިއްހަތު ރަނގަޅު ހިތުވިންދެއް ފަދައިން ތިބާގެ ޒާތީ ކުންނުތަކާއި ވާދީތަކަކީ އާދައިގެ ރަނގަޅު ހަޔާތެއްގެ މުހިންމު ބައެއް. ހަމަ އެ ގޮތަށް ޕްލެޓޯތައް ވެސް. އެއީ، ކަންތައްތައް ދާ ގޮތާމެދު ވިސްނާލައި، ކުރިމަގު ރާވާލަން ރަނގަޅު އިންޓަވަލެއް އަދި އަރާމު ކުރާ ވަގުތެއްގެ ގޮތުގައި އެ ޕްލެޓޯ ބޭނުން ކޮށްފި ނަމަ. ހަގީގީ ދުނިޔެއިން ރެކެން އުޅުމަކީ ރަނގަޅު ކަމެއް ނޫން. އަރާމުކޮށްލައި ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް ކަމަށް އިތުބާރު ކޮށްގެން ހުރުމަކީ ގިނަ ފަހަރަށް ރަނގަޅު ކަމެއް. ސަބަބަކީ، ރޭގަނޑު ރަނގަޅަށް ނިދާލެވުމުން ނުވަތަ ދުވަސްކޮޅެއްގެ އިންޓަވަލަކަށް ފަހު، ކަންތައްތައް ދާނީ ހަގީގަތުގައި ވެސް ރަނގަޅަށް.”

ޒުވާނާ މި ފަހަރު ކުންނަށް އައީ ތައްޔާރުވެގެން، ކުންނުމަތިން ހޯދައިގަނެވޭ ކަންތައްތައް ފާހަގަ ކުރުމަށް ނޯޓު ފޮތެއް ހިފައިގެންނެވެ. އޭގައި އޭނާ ލިޔުނެވެ:

–          ޕްލެޓޯއަކީ އަރާމު ކޮށްލައި، ކަންތައްތަކާމެދު އަލުން ވިސްނާލައި، އަދި އާ ތާޒާ ކަމަކާއެކު ދިރިއުޅުމާ އަލުން ކުރިމަތިލުމަށް ތިބާއަށް ލިބޭ ވަގުތެކެވެ –

ޒުވާނާ ބުންޏެވެ: “ޕްލެޓޯގެ މަތީގައި އަހަރެން ހޭދަ ކުރި ފުރަތަމަ ވަގުތުތައް އެއީ ރަނގަޅު ވަގުތުތަކެއް ނޫން ކަންނޭނގެ. އެކަމަކު އެންމެ ފަހުން އެކަން ރަނގަޅު ގޮތަކަށް ބަދަލު ވެގެން ދިޔަ. އެ ތަނަށް އަހަރެން ފުރަތަމަ ދިޔައިރު އަހަރެންނަށް ހީކުރެވުނީ ދިރިއުޅުމާމެދު އަހަރެންނަށް އުއްމީދު ގެއްލުވައިލެވުނުހެން. އެކަމަކު ފަހުން އަހަރެން މަގޭ ވާދީއަށް އެނބުރި ދިއުމުން އިތުރަށް އަރާމު ވެފައިވާކަން އިހުސާސް ކުރެވުނު. އަދި މި ކުންނަށް ރުޖޫއަވުމަށް މާ ބޮޑު ޝައުގުވެރިކަމެއް އުފެދިގެންދިޔަ. ނަމަވެސް، އުސްތުކާއި އަޑިތައް ވެސް ތަޖުރިބާ ކުރުން އެއީ ރަނގަޅު ގޮތެއް ކަމަށް ވަނީ ކިހިނެތް؟ ކިހިނެތް އެއީ އަމާން ގޮތަކަށް ވާނީ؟ އުސްތަކާއި އަޑިތައް ތަޖުރިބާ ކުރެވެންޏާ ހާސްވެ ސްޓްރެސް ވާނެއެއްނޫން؟”

މުސްކުޅިޔާ ޖަވާބު ދިނެވެ: “އެއީ، އެ އުސްތަކާއި އަޑިތަކާއި އެއްގޮތަށް ތިބާ ވެސް އެ ދިމާއަށް ދަންޏާ. ތިބާގެ ރަނގަޅު އަދި ނުރަނގަޅު ތަޖުރިބާތައް މެނޭޖް ކުރަން ހަމަ ‘ހަގީގަތު’ގައިވެސް އެނގިއްޖެ ނަމަ، ހަޔާތުގައި ރަނގަޅު ބެލެންސެއް ހުރިކަން ތިބާއާށް އިހުސާސް ކުރެވެން ފަށާނެ.”

“އެކަމަކު އެއީ ކިހިނެތް؟” ޒުވާނާ ސުވާލު ކުރިއެވެ.

މުސްކުޅިޔާ ޖަވާބު ދިނެވެ: “އެންމެ ފުރަތަމައިން، ތިބާއަކީ ތިބާގެ ކުންނުތަކާއި ތިބާގެ ވާދީތައް ނޫން ކަމަށް ތިބާއަށް ރޭކާލައިފި ނަމަ، ތިބާއަށް އަމާންކަމާއި ހިތްހަމަޖެހުން ލިބޭނެ. ދެން، ތިބާއަކީ ޖަޒުބާތީ ‘ރޯލަރކޯސްޓަރ’އެއްގައި މަތިން ތިރިއަށް އަދި ތިރިން މައްޗަށް ދަތުރުކުރާ މީހެއް ކަމަކަށް އިހުސާސެއް ނުކުރެވޭނެ.”

ދެ މީހުން އިރުއޮއްސޭ މަންޒަރާ ދިމާއަށް ބަލަން ހިމޭންކަންމަތީގައި އިނދެ މުސްކުޅިޔާ އެ ބުނި އެއްޗަކާމެދު ޒުވާނާ ވިސްނާލިއެވެ.

ދެން މުސްކުޅިޔާ ސުވާލު ކުރިއެވެ: “ތިބާގެ ވާދީއަށް އެނބުރި ދިއުމުން ފުރަތަމަ ވީ ކިހިނެތް؟”

ޒުވާނާ ޖަވާބު ދިނެވެ: “ކުންނުތަކާއި ވާދީތަކުގެ ފަލްސަފާ ފުރަތަމަކޮޅު އަހަރެންނަށް މަސައްކަތް ކުރި ކަމަށް ފެނޭ. ވަޒީފާގައި ވަރަށް ރަނގަޅު ކާމިޔާބީތަކެއް ލިބުނު. ނަމަވެސް ދެން ކަންތައްތައް ދިޔައީ ނުބައިކޮށް. އަދި އެއީ ކީއްވެ ކަމެއް އަހަރެންނަކަށް ނުވިސްނޭ.”

މުސްކުޅިޔާ ބުންޏެވެ: “ހިތުވިންދު ޖަހާ ގޮތުގެ ޗާޓު ތިބާއަށް ދެއްކުމުގައި އަހަރެންގެ އެހެން މަގުސަދެއްވޭ. އެއީ ކުންނުތަކާއި ވާދީތަކުގެ ނަޒަރިއްޔާތު ތިބާގެ ހިތާމެދު ވެސް އަމަލު ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން.”

“ތިބުނީ ކީކޭ؟” ޒުވާނާ އެއްސެވެ.

މުސްކުޅިޔާ ބުންޏެވެ: “ކުންނުމަތިން ލިބޭ ފިލާވަޅުތައް އެކަންޏެއް މުހިންމީކީ. އެ ފިލާވަޅުތަކާމެދު ތިބާ އިހުސާސް ކުރާ ގޮތާއި އަދި އެއާމެދު އަމަލު ކުރާ ގޮތުގެ މައްޗަށް ހުރިހާ ނަތީޖާއެއް ބިނާވެފައި އޮންނަނީ. މިސާލަކަށް، ވާދީގައި ހުންނައިރު ތިބާ އަމަލު ކުރަނީ ކޮން ގޮތަކަށް؟”

ޒުވާނާ ތަކުރާރު ކޮށްލިއެވެ: “އަހަރެންގެ އަމަލުތައް ހުންނަނީ ކޮން ގޮތަކަށްހޭ؟”

“އާނހ،” މުސްކުޅިޔާ ބުންޏެވެ. “އަދި ތިބާގެ ވާދީއަށް އެނބުރި ދެވުމުން އިހުސާސް ކުރެވުނީ ކޮން ގޮތަކަށް؟”

ޒުވާނާ ބުންޏެވެ: “އަހަރެންނަށް ރަނގަޅު ޖަޒުބާތުތަކެއް އިހުސާސް ކުރެވުނު. ވަރަށް އުފާވެރި ވަގުތެއް އެއީ!”

މުސްކުޅިޔާ އެކައްޗެކޭ ވެސް ނުބުނެއެވެ.

“ކިހިނެތްވީ؟” ޒުވާނާ ސުވާލުކުރިއެވެ. ނަމަވެސް މުސްކުޅިޔާ ހަމަ މަޑުކޮށްލައިގެން ހުރީއެވެ. ދެންމެ ބުނެވުނު ވާހަކަ ދެން ޒުވާނާއަށް ރޭކާލިއެވެ. އަދި ވިސްނުމެއް އައެވެ: “އަޅޭ! އެއީ އެހެންވެ، ދޯ! ރަނގަޅު ވަގުތުތައް ދެމިގެން ނުދިޔައީ އަހަރެންނަށް އިހުސާސް ކުރެވުނު ގޮތާއި އަދި އެ ކަމާމެދު އަމަލު ކުރެވުނު ގޮތެއްގެ ސަބަބުން.”

މުސްކުޅިޔާ ބުންޏެވެ: “ވަރަށް ރަނގަޅު! އަސްލުވެސް، އެއީ އެ ރަނގަޅު ތަޖުރިބާ ތިމާއަށް މެނޭޖްކޮށް ދަމަހައްޓަން ނޭނގުމުން ވީ ގޮތެއް. އެހެންވެ އެ ރަނގަޅު ވަގުތުތައް އަތުން ބީވެގެން ދިޔައީ. އެ ކަމާ މެދު މި ގޮތަށް ވިސްނުމުން އެހީއަކަށް ވެދާނެ:

–          ބުއްދިވެރިކަމާއެކު ރަނގަޅު ވަގުތުތަކާއި ތަޖުރިބާތައް މެނޭޖްކޮށް، ދަމަހައްޓާއި އަދި އެ ކަމާ އުފާކޮށް ޝުކުރުވެރިވުމުން، ކުރިމަގުގައި ނުބައި ވަގުތާއި ނުބައި ތަޖުރިބާ ކުރެވޭލެއް މަދުވެގެން ދާނެއެވެ –

މި ކަމާ މެދު ޒުވާނާ އިތުރު ވަގުތުކޮޅަކު ވިސްނާލަން އިނެވެ. އަދި ބުންޏެވެ: “އެކަމަކު އަހަރެންނަށް ނުވިސްނޭ އަހަރެންނަށް ނުބައިކޮށް ކުރެވުނީ ކޮން ކަމެއްކަން. އަހަރެންގެ ރަނގަޅު ތަޖުރިބާތައް ނުބައިކޮށް މެނޭޖް ކުރެވުނީ ކިހިނަކުން؟”

މުސްކުޅިޔާ ބުންޏެވެ: “ތިބާ އެހާ ބޮޑަށް އުފާވެފައި ހުރެވުމުން، މި ކުންނުމަތީގައި ހޯދައިގަނެވުނު ކަންތައްތަކާމެދު ތިބާ ފަހަރެއްގައި ފޮނިކެނޑިންތަ؟”

ޒުވާނާ އެކައްޗެކޭ ވެސް ނުބުނެ މަޑުމަޑުން އިނެވެ.

މުސްކުޅިޔާ އަނެއްކާވެސް ސުވާލު ކޮށްލިއެވެ: “އެ ކަން އެ ގޮތަށް ފަހަރެއްގައި ވީ ކަން ތިބާއަށް ވިސްނޭތަ؟”

“އަހަންނަކަށް ހިއެއް ނުވޭ. ފަހަރެއްގައި…” ޒުވާނާ މި ފަހަރު ޖަވާބު ދިނެވެ.

މުސްކުޅިޔާ އިތުރު އެއްޗެކޭ ނުބުނެ މަޑުކޮށްލިއެވެ.

ޒުވާނާ ފުން ނޭވާއެއް ލިއެވެ: “އެނގޭތަ؟ އެެހެންވެ ކަންނޭނގެ އަހަރެންގެ ރައްޓެހިން މި ފަހަކަށް އައިސް އަހަރެންގެ ފަރާތުން ރެކެނީ.” ޒުވާނާ އެންމެ ބޮޑަށް ވިސްނަމުން ދިޔައީ އެއްކަލަ އަންހެންކުއްޖާ އާމެދުއެވެ.

ދެން ޒުވާނާ ބުނެލިއެވެ: “އެންމެ ފުރަތަމަ އަހަރެން މި ކުންނަށް އައުމުން، ތިބާ ބުނީ ކުންނެއްގެ މަތީގައި ތިބުމަށް ބޭނުން ނަމަ ‘ހަގީގަތު’ގައި ވެސް ތައްޔާރުވެ ހުންނަން ޖެހޭކަން ގިނަ މީހުންނަށް ރޭކާ ނުލައި ކަމަށް.”

މުސްކުޅިޔާ ހިނިތުންވެލިއެވެ: “ތިބާ ތިކަން ހަނދާން ހުރުމުން އަހަރެން އުފާވޭ. ކުންނަކަށް އެރުމަށް ތައްޔާރުވެ ނުހުންނަ މީހާ ވަރަށް އަވަހަށް އޭގެން ވެއްޓޭނެ. އަދި ވޭން ތަޖުރިބާ ކުރާނެ.”

ޒުވާނާ ބުންޏެވެ: “ކުންނެއްގައި ހުރުމަށް ހަގީގަތުގައި ތައްޔާރު ވެވޭނީ ކިހިނެތް؟”

މުސްކުޅިޔާ ބުންޏެވެ: “އަހަރެންގެ ޖަވާބުތައް ދިނުމަށް ވުރެ، ފަހަރެއްގައި ތިބާގެ އަމިއްލަ ޖަވާބުތަކެއް ހޯދުމަށް އަހަރެންނަށް އެހީތެރިވެވިދާނެ. ކަންތައް ނުބައިކޮށް ދާން ފެށުމުން ތިބާއަށް އިހުސާސް ކުރެވުނީ ކިހިނެތް؟”

“ވަރަށް ސަކަރާތްކޮށް،” ޒުވާނާ ޖަވާބު ދިނެވެ.

“އެހެންވީއިރު އުޅުން ބަދަލު ނުކުރީ ކީއްވެ؟” މުސްކުޅިޔާ ސުވާލު ކުރިއެވެ.

“ނޭނގެ،” ޒުވާނާ އިއުތިރާފު ވިއެވެ. “ފަހަރެއްގައި އަހަރެންނަށް އެ ކަންތަކާ ކުރިމަތިލާން ނޭނގޭތީވެ ކަންނޭނގެ. ނޫނީ އަހަރެންނަށް ހީކުރެވުނީ އެ ކަންތައްތަކާ އަޅާ ނުލާ ހުރެއްޖެ ނަމަ އަލުން ހުރިހާ ކަމެއް ވެސް ކޮންމެވެސް ގޮތަކުން ރަނގަޅުވާނެހެން. ނޫނީ އަހަރެން ކަންތައްތައް ކުރީ ނުބައިކޮށް ކަމަށް އަމިއްލައަށް އިއުތިރާފު ވާން ބިރުގަތީ ކަންނޭނގެ. އަދި އެހެން މީހެއްގެ އެހީއަށް އެދެން ވެސް ބިރުގަތީ ކަންނޭނގެ.”

“ތިޔަ ހުރިހާ ސަބަބުތަކުގައި ވާ އެއްގޮތް ކަމަކީ ކޮބާ؟” މުސްކުޅިޔާ ސުވާލު ކުރިއެވެ.

އިރުކޮޅެއް ވަންދެން ޒުވާނާ ވިސްނާލިއެވެ. އަދި ބުންޏެވެ: “އަހަރެންނަކަށް ޔަގީނެއް ނޫން. ބިރުން ބާ؟”

އެއްބަސްވުމުގެ ގޮތުން މުސްކުޅިޔާ ބޯޖަހައިލިއެވެ: “އާނހ. އަދި އިންސާނެއް ބިރުގަތުމުގެ އަސްލަކީ ކޮބާ؟”

ޒުވާނާއަކަށް އޭގެ ޖަވާބެއް ނޭނގެއެވެ.

މުސްކުޅިޔާ ޖަވާބު ދިނެވެ: “އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް އޭގެ އަސްލަކީ އަހަރެމެންގެ ‘އީގޯ’.”

(އީގޯއަކީ އެ މީހަކަށް އެ މީހެއްގެ އަމިއްލަ ނަފުސު މުހިންމު ވުމުގެ އިހުސާސް އާއި ޖަޒުބާތެވެ. އެއީ އެ މީހަކު އަމިއްލަ ނަފުސަށް ކުރާ އިހްތިރާމާއި އަމިއްލަ ގާބިލިއްޔަތްތަކާމެދު ދެކޭ ގޮތެވެ. ނަފުސާނީ އިލްމްގެ ދާއިރާގައި އީގޯއަކީ އިންސާނާގެ އަމިއްލަ ނަފުސު އޭނާއަށް އިހުސާސްކޮށްދޭ ސިކުނޑީގެ ބައެވެ. އިންސާނަކު އެތެރެއިން އަދި ބޭރުން ކުރާ ތަޖުރިބާތަކުގެ ހަގީގަތް ދެނެގަންނަ ސިކުނޑީގެ ބައެވެ. ފަލްސަފާ ނުވަތަ ފިލޯސޮފީ އާއި ރޫހީ، ދީނީ އަދި ރޫހާނީ ދާއިރާގައި އީގޯގެ މާނައަކީ އަމިއްލައަށް ވިސްނަން އެނގޭ، އަދި ވިސްނޭ ކަމާއި ދިރިހުރިކަން އަމިއްލައަށް ދެނެގަންނަ ނުވަތަ އިހުސާސް ކުރާ ކޮންމެ އެއްޗެއް ނުވަތަ މަހުލޫގެކެވެ.)

މުސްކުޅިޔާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ: “ތިބާގެ އީގޯގެ ސަބަބުން ކުންނެއްގައި ތިބާ ބޯހަރު ގޮތްދޫނުކުރާ މީހަކަށް ހަދާފާނެ. އަދި ވާދީއެއްގައި ބިރުން ފުރިފައިވާ މީހަކަށް ހަދާފާނެ. އޭގެ ސަބަބުން މީހާއަށް ހަގީގަތް ފެނުމަށް ހުރަސް އެޅޭ. ތިބާގެ އީގޯ ކަންކަމުގެ ހަގީގަތް އޮޅުވާލާ. ކުންނެއްގައި ހުންނައިރު ކަންތައްތައް އެ ހުންނަ ރަނގަޅު މިނަށް ވުރެ ބޮޑަށް ރަނގަޅަށް އީގޯއިން ދައްކުވައިދޭނެ. އަދި ވާދީއެއްގައި ހުންނައިރު ކަންތައްތައް ގޯސްކޮށް ހުންނަ މިންވަރު އިތުރަށް ގޯސް ކަމަށް އީގޯއިން ދައްކައިދޭނެ. ކުންނެއްގައި ދާއިމަށް ދެމިހުރެވިދާނެ ކަމަށް އީގޯއިން ދައްކައިދޭނެ. އަދި ވާދީއަކަށް ދުވަހަކު ނިމުމެއް ނެތް ކަމަށް އީގޯއިން ދައްކައިދޭނެ.”

މުސްކުޅިޔާ ބުނި ވާހަކަތައް ޒުވާނާ އޭނާގެ ނޯޓް ފޮތުގައި ލިޔެލިއެވެ:

–          ކުންނަކުން ދާދި އަވަހަށް ވެއްޓެން މެދުވެރިވާ އެންމެ އާއްމު ސަބަބަކީ ބޯހަރުކަމާއި ގޮތްދޫނުކުރުން އެއީ އަމިއްލަ ނަފުސަށް އޮންނަ އިތުބާރުގެ ގޮތުގައި ފެނުމެވެ. ވާދީއެއްގައި މާ ގިނައިރު ދެމިހުރުމުގެ އެންމެ އާއްމު ސަބަބަކީ ބިރުގަތުމުގެ ސިފަ އެއީ ކަންތައްތަކާމެދު ފުދިފައި ނުވަތަ ހިތްހަމަޖެހިފައިވާކަމުގެ ސިފާގައި ފެނުމެވެ –

ޒުވާނާ އެނގެން ބޭނުންވިއެވެ: “ބޯހަރުކަމާއި ގޮތްދޫނުކުރުމުގެ ސިފަ، ކުންނަކުން މީހާ ވައްޓާލަނީ ކިހިނެތް؟”

މުސްކުޅިޔާ ޖަވާބު ދިނެވެ: “މިސާލެއް ބުނެދޭނަން. އަހަރެންގެ ޒުވާން ދުވަސްވަރު އަހަރެން މަސައްކަތް ކުރީ ވަރަށް ބޮޑު އަދި މަޝްހޫރު ކުންފުންޏަކަށް. ރަނގަޅު އަގެއްގައި މުހިންމު ހިދުމަތެއް އަހަރެމެން ފޯރުކޮށްދިނުން. މުޅި ސިނާއަތުގައި ވެސް އޮތް އެންމެ ރަނގަޅު އަގުގައި. ދެން އަހަރެމެންގެ ހަރަދުތައް ބޮޑުވި. އަދި އިގުތިސާދު އަޑިއަޅާލި. އަހަރެމެން ހިދުމަތް ދޭ އަގު ބޮޑުވެގެންދިޔަ އަދި ދާދި އަވަހަށް ވަރަށް މަދު މީހަކަށް އެ ހިދުމަތް އަތްފޯރާފަށުގައި ހުރީ. ކުންފުންޏަށް ލިބޭ އާމްދަނީ ދަށްވި. ނަމަވެސް އަހަރެމެންގެ މަޝްހޫރު ކަމާހެދި ކުންފުންޏަށް ހީވީ ސާދާ ގޮތަކަށް އެ އަޑިގަނޑު ހިނގައިދާނެ ކަމަށް. އެކަމަކު ހަގީގަތަކީ ކުންފުނި ބަދަލަކަށް ބޭނުންވެފައިވާކަން. އެކަމަކު އެ ކަމެއް އަހަރެމެންނަކަށް ނުފެނުނު. ސަބަބަކީ އަހަރެމެންގެ ބޯހަރުކަމާއި ގޮތްދޫނުކުރުމުގެ ސަބަބުން އަހަރެމެންނަށް ވަނީ ކަންތައްތަކާ އަޅާ ނުލެވި އިހުމާލު ވެވިފައި. އެންމެ ފަހުން ވަރަށް ގިނަ ކަސްޓަމަރުން ގެއްލި ކުންފުނި ވިއްކާލަން ޖެހުނީ.”

“އެހެންވީއިރު ތިބާ ކީއްކުރީ؟” ޒުވާނާ ސުވާލު ކުރިއެވެ.

މުސްކުޅިޔާ ޖަވާބު ދިނެވެ: “އަހަރެންގެ އަމިއްލަ ނަފުސާ އަހަރެން ކޮށްލި ސުވާލަކީ ‘މި ތަޖުރިބާގެ ފަހަތުގައިވާ އަސްލު ހަގީގަތަކީ ކޮބައިހޭ؟’ ހަގީގަތަކަށްވީ އަހަރެމެންގެ ކަސްޓަމަރުން އަހަރެމެންނަށް ހިތްހަމަޖައްސައި ނުދެވުނީ. ދެން އަހަރެންގެ އަމިއްލަ ނަފުސާ ކުރި ސުވާލަކީ ‘އަހަރެން ދޭ ހިދުމަތް އިތުރު ކުރާނީ ކިހިނެތް؟’ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އެ ކުންފުނި ދޫކޮށް އަހަރެން އަމިއްލަ ކުންފުންޏެއް ފަށައިގަތީ. އަހަރެންގެ އާ ވިޔަފާރި ތަރައްގީ ކުރުމަށް ބިންގާއެއްގެ ގޮތުގައި ބޭނުން ކުރީ މި ބުނެވުނު ސުވާލު. އަހަރެމެން އާ ކުންފުނި ފެށީ ކުޑަކުޑަކޮށް ނަމަވެސް، އަހަރެމެންނާއެކު ކަސްޓަމަރުންނަށް ކުރެވުނީ ވަރަށް ރަނގަޅު ތަޖުރިބާއެއް. އަދި މި ވާހަކަ އެ މީހުން އެހެން މީހުން ގާތުގައި ބުނީ. އަހަރުތަކެއްގެ ތެރޭގައި މި ކުންފުނި ވެސް ބޮޑު ވިޔަފާރިއަކަށް ފުޅާވެގެންދިޔަ.”

އެއީ ކޮން ނަމެއް ކިޔާ ކުންފުންޏެއްތޯ ޒުވާނާ އެހުމުން މުސްކުޅިޔާ އެ ކުންފުނީގެ ނަން ބުންޏެވެ. އަދި ވަގުތުން ޒުވާނާއަށް އެ ކުންފުނި އެނގުނެވެ. ޒުވާނާއަށް ރޭކާލީ އޭނާގެ މި އާ ރަހްމަތްތެރިޔާއަކީ ނުހަނު މުއްސަނދި މީހެއް ކަމެވެ.

ކުންނާއި ވާދީ ފަލްސަފާ މަސައްކަތު ދާއިރާގައި ހަގީގަތުގައި ރަނގަޅު ކަމަށް ދައްކައެވެ. ނަމަވެސް ދިރިއުޅުމާއި ހަޔާތުގައި އެ ނަޒަރިއްޔާތު ބޭނުންތެރި ބާވައޭ، ޒުވާނާގެ ހިތަށްއެރިއެވެ. އޭނާ އެއްސެވެ: “މި ފަލްސަފާ ތިބާގެ ހަޔާތުގައި މަސައްކަތް ކުރި އިތުރު ގޮތްތައް ކިޔައިދީފާނަންތަ؟”

މުސްކުޅިޔާ އިރުކޮޅަކު ވިސްނާލިއެވެ. ދެން ބުންޏެވެ: “އާނހ. އަހަރެންގެ ޒާތީ މިސާލެއް ތިބާއާ ހިއްސާ ކޮށްލަފާނަން. އަހަރެންގެ އަންހެނުންގެ ބަލި ބޮޑުވި ވަރަކަށް، އަހަރެމެން ދެމައިންގެ ވާދީ ދިޔައީ ފުންވަމުން ފުންވަމުން. އަހަރެމެންގެ ދަރިން ބޮޑުކުރުމާއި ގޭތެރެގޭ ކަންތައްތައް ހަމަޖެއްސުމާއި އަދި އަހަރެމެންގެ ހުރިހާ ކަމެއް ވެސް ފުރިހަމަކޮށްދިއުން އެއީ ފަސޭހަ ކަމެއްގެ ގޮތުގައި އޭނާގެ ސަބަބުން ފެނިގެންދިޔަ. އޭނާ އުޅުނު ވޭނުގައި އޭނާ ކުރާހިތްވާ ކަންތައްތައް ނުކުރެވޭ ގޮތް ދިމާވުމުން އެ ކަމުން އަހަރެމެންނަށް ހިތްދަތިކަން ލިބުނު. އޭނާ ކުރި ގިނަ ކަންތައްތައް ކުރަން ޖެހޭނީ އަހަރެން ކަމަށް އަހަރެންނަށް އިހުސާސް ކުރެވުނު. އެހެންވެ، އޭނާއަށާއި ދަރިންނަށް އަޅާލުމަށް އަހަރެން މަސައްކަތް ކުރިން. ގޭތެރެ ބެލެހެއްޓުމަށާއި ވަޒީފާގައި ކުރިއަށް ދިއުމަށް ވެސް އަހަރެން މަސައްކަތް ކުރިން. އިސާހިތަކު އަހަރެން ވަރަށް ސްޓްރެސް ވި. އަސްލު އަހަރެން ކަންތައް ބޮޑުވީ އޭނާގެ ސިއްހަތާމެދު. އަހަރެންނަކަށް ނޭނގުނު އަހަރެން ކަންތައްތައް ކުރަންވީ ގޮތެއް.”

އެ ހިތި ތަޖުރިބާ ހަނދާން ކުރަމުން ކިޔައިދެމުން ދަނިކޮށް މުސްކުޅިޔާ ކުޑަކޮށް ހުއްޓުން ވެސް އެރިއެވެ.

“އެ ވާނީ ވަރަށް ދަތި ކަމަކަށް،” ޒުވާނާ މަޑުމަޑުން ބުނެލިއެވެ.

“ވަރަށް ދަތި،” މުސްކުޅިޔާ އެއްބަސްވިއެވެ. “އަހަރެން ބިރުގަތް. ދެން ވާނެ ގޮތަކާމެެދު ފިކުރު ބޮޑުވި. އަހަރެންނަށް އެނގޭ ބިރު އައިސް ހަގީގަތް ފަހާލަފާނެކަން. އެހެންވީމާ އަހަރެންގެ ނަފުސާ އަހަރެން ކުރި ސުވާލަކީ ‘މި ތަޖުރިބާގެ ފަހަތުގައިވާ ހަގީގަތަކީ ކޮބާ؟’ އަދި އެ ހަގީގަތް ވަރަށް ސީދާސާދާ. އެ ހަގީގަތަކީ އަހަރެން އޭނާ ދެކެ ލޯބިވާކަން. ދެން އަހަރެންގެ ނަފުސާ އަހަރެން ކޮށްލި ސުވާލަކީ ‘އެންމެ ބޮޑަށް ލޯބި ދިނުމުގެ ގޮތުން އަހަރެންނަށް މި ވަގުތު ކުރެވޭނީ ކޮން ކަމެއް؟’ ފުރަތަމަ އަހަރެންނަކަށް ނޭނގުނު. އެކަމަކު އަހަރެން ދެން ފެށީ އޭނާއަށް އެންމެ އަޅާލުން ބޮޑު ކަންތައްތައް ކުރަން. އަދި ދާދި އަވަހަށް އެ ވާދީ އެހާ ފުން ކަމަކަށް އިހުސާސެއް ނުކުރެވުނު.”

“އެއީ ކީއްވެ؟” ޒުވާނާ ސުވާލު ކުރިއެވެ.

މުސްކުޅިޔާ ޖަވާބު ދިނެވެ: “ސަބަބަކީ އަހަރެން ކިހާ ލޯބިވާކަން އަނބިމީހާއަށް ރޭކާލިތަން އަހަރެންނަށް ފެނުނީ. އޭގެ ސަބަބުން އޭނާއަށް އިތުރު ހަމަޖެހުމެއް ލިބުނު. އަހަރެންނަށް އެނގުނު އޭގެ ކުރިން އަހަރެންނަށް އެހާބޮޑަށް އަޅައެއް ނުލެވޭކަން. ދާދި އަވަހަށް، ކުރިއަށްވުރެ ރަނގަޅު އިންސާނަކަށް އަހަރެން ބަދަލު ވެއްޖެ ކަމުގެ އިހުސާސުން އަހަރެންނަށް އުފާވެރިކަން ލިބުނު. އަހަރެންނަށް ހައިރާންކަން ލިބުނު ނަމަވެސް އަހަރެންނަށް އިހުސާސް ކުރެވެން ފެށީ އަހަރެންނަށް މާ ބޮޑު ހަމަޖެހުމަކާއި ކާބިޔާބެއް ލިބުނު ކަމަށް އެ ހިތި ތަޖުރިބާގެ ތެރެއިން ވިޔަސް. އަހަރެންނަށް ރޭކާލީ އަހަރެންގައި ހުރި ބިރުތަކަކީ ބަޮޑަށް އަހަރެންނާ ގުޅިފައިވާ ބިރުތަކެއްކަން. އޭނާއާ ގުޅިފައިވާ ބިރުތަކެއް ނޫންކަން. އޭނާއަށް އިތުރަށް ލޯބި ފޯރުކޮށްދިނުމަށް އަހަރެން ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އަހަރެންގެ އަމާޒު ދިޔައީ އަހަރެންގެ އަމިއްލަ ނަފުސުގެ ބަދަލުގައި އޭނާއާ ދިމާއަށް. އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފުސުގެ ތެެރެއިން ނުކުމެވެގަނެވުނީ.”

“އެހެންވީމާ، ތިމާގެ އީގޯ އެއްފަރާތް ކުރެވުމުން، ވާދީއަކުން އަވަހަށް ނުކުމެވުމުގެ ފުރުސަތު ބޮޑު ތާ،” ޒުވާނާއަށް ރޭކާލިއެވެ.

“ތިޔައީ ހަމަ ތިޔަކަން ވާ ގޮތް،” މުސްކުޅިޔާ ބުނެލިއެވެ. “އަދި އީގޯ އެއްފަރާތް ކުރެވުމުން ކުންނެއްގައި ގިނައިރު ހުރުމަށް ވެސް އެހީއަކަށްވޭ.”

އެ ބުނީ ކިހާ މުހިއްމު ވާހަކައެއް ކަމާމެދު ޒުވާނާ ވިސްނާލިއެވެ. އެކަން އޭނާގެ ހަނދާނުގައި ހުންނާނެ ކަމަށް އުއްމީދު ކުރިއެވެ.

ފަހުން، ދުރަށް ބަލައިލުމަށް ފަހު އޭނާ ހަޅޭއްލަވައިގަތެވެ: “ވާވް. ބަލާބަލަ!”

މުސްކުޅިޔާ ހިނިތުންވެލިއެވެ. ކުރިން ނޫނީ ފަހުން ނަމަވެސް ޒުވާނާއަށް އެތަން ފެންނާނެކަން މުސްކުޅިޔާއަށް އެނގެއެވެ.

“އެތާ އެހެރަ ބޮޑު ކުންނެއް ބަލާބަލަ. މި ކުންނަށް ވުރެ ވެސް މާ އުސް،” މާ އުސް އެ ކުންނު ފެނުނީ އަލަށްހެން ކަހަލަ ގޮތަކަށް ޒުވާނާ ބުނެލިއެވެ. “އަހަރެންނަށް ޔަގީން މި ކުންނަށް ވުރެ ވެސް އެ ކުންނުން މަންޒަރު މާ ރީތިވާނެކަން.”

މުސްކުޅިޔާ އެއްބަސްވެލިއެވެ: “ޝައްކެއް ވެސް ނެތް.”

ޒުވާނާ ބުނެލިއެވެ: “އަހަރެން އެބަ ދާން ޖެހޭ އެ ތަން ބަލައިލަން.”

އެކަމަކު އޭނާ ދެން ތިރިއަށް ބަލާލައި، އެ ކުންނާއި މި ކުންނާ ދެމެދު އޮތް ފުން ވާދީ ފެނުނެވެ. އޭނާ ކުކުރާލިއެވެ. އެ ވާދީ ހުރަސް ކުރުން އުނދަގޫ ކަމަކަށް ވެދާނެކަން އެނގިއެވެ.

މުސްކުޅިޔާ ސުވާލު ކުރިއެވެ: “އެ ވާދީ އަށް ބަލައިލުމުން ތިބާއަށް ފެންނަނީ ކޮން ކަމެއް؟”

އިރުކޮޅަކު ވިސްނާލުމަށް ފަހު ޒުވާނާ ހީނގަތެވެ: “ވޭނެއްތަ؟”

މުސްކުޅިޔާ ވެސް ހީނގަތެވެ: “ގިނަ މީހުންނަށް ފުން ވާދީއެއް ފެންނަނީ ތިޔަ ގޮތަށް. އެ މީހުންނަށް ވާދީތައް ފެންނަނީ މާޔޫސް ވުމާއި ވޭނާއި ހިތާމައާއި ރުޅި އާއި ފޭލިވުން ކަހަލަ ސިފަސިފާގައި. އެކަމަކު ހަނދާން ކުރޭ އެ ކަމުގެ ފަހަތުގައި ފޮރުވިފައިވާ ރަނގަޅު ކަންތައްތައް ހޯދައި އެއަށް އަމާޒު ކުރުމުން ދެން ވާ ގޮތް.”

އެއްބަސްވުމުގެ ގޮތުން ޒުވާނާ ބޯޖަހާލިއެވެ: “ވާދީއެއް ކުންނަކަށް ތިމާއަށް ބަދަލު ކުރެވިދާނެ.”

“އާނހ،” މުސްކުޅިޔާ ބުންޏެވެ. “އެކަމަކު ވަރަށް ގަދަ މީހަކަށް ހަގީގަތުގައި އެ ފޮރުވިފައިވާ ރަނގަޅު ކަންތައް ހޯދައިގަނެ، އެ ކަމާމެދު އުފާކޮށް، ޝުކުރުވެރިވެވޭނީ. ތިބާއަށް އެކަން ކުރެވިދާނެ ކަމަށް ހީވޭތަ؟”

ޒުވާނާ ފުން ނޭވާއެއް ލިއެވެ: “ތިކަން ހަނދާން ކޮށްދިނީތީ ތިބާއަށް ޝުކުރިއްޔާ. އެހެންވީމާ، އަހަރެންނަށް ކުރިމަތިވެފައި މިވާ ގޮންޖެހުމަކީ ވާދީއެއް ތަފާތު ގޮތަކަށް ކަޑައްތު ކުރުން، ދޯ؟ އެހެންވީއިރު، އެކަން އަހަރެންނަށް ކުރެވޭނީ ކިހިނަކުން؟”

މުސްކުޅިޔާ ބުންޏެވެ: “އަހަރެންނަށް އެނގުނު ގޮތުގައި ވާދީއެއް ހުރަސް ކުރެވޭނެ އެންމެ މޮޅު ގޮތަކީ ތިމާގެ އަމިއްލަ ‘ސެންސިބަލް ވިޝަން’ (‘ބުއްދިވެރި އަމާޒު’)އެއް ކަނޑައަޅައި އެ މަގުން ހިނގައިގެން.”

“ތީގެ މާނައަކީ ކޮބާ؟” ޒުވާނާ އެއްސެވެ.

މުސްކުޅިޔާ ޖަވާބު ދިނެވެ: “‘ސެންސިބަލް’ (‘ބުއްދިވެރި’) އޭ މި ބުނީ ތިބާއަށް އެންމެ އެކަށޭނަ ކަމަށް ބެލެވޭ ކުރިމަގުގެ ކުންނެއް ހިޔާލަށް ގެނެސް ސިފަކޮށް އެ އަށް ‘ވިޝަން’ (‘އަމާޒު’)އެއް ކަނޑައެޅުން. ތިމާއަށް ހިޔާލު ކުރެވޭ އެންމެ ބޮޑު، އެ ކަމަކަށް ފުދޭވަރަކަށް ބޭނުންވާ، އެ ކަމެއް ވާން ފުދޭވަރަކަށް އެދޭ، އަދި ހަގީގަތުގައި ވާސިލު ވެވިދާނެ ކަމަށް ފެންނަ އަމާޒެއް. އަދި ‘ސެންސިބަލް’ގެ މާނައަކީ، ތިމާގެ ފަސް ހިއްސު ބޭނުން ކޮށްގެން އެ އަމާޒުގެ ކުދިކުދި ތަފުސީލުތަކަށް ދާންދެން ތިމާގެ ހިޔާލުގައި ކުރަހާލައި އެއީ ހަގީގަތުގައި ވެސް ތިމާއަށް ވާސިލު ވެވިދާނެ އަދި ހަގީގަތަކަށް ހެދިދާނެ އަމާޒެއްކަން ރޭކާލާން ފެށުން. ތިމާގެ ކުރިމަގުގެ ކުންނު ހިޔާލަށް ގެނެސްލާ. އޭތި ހުންނާނެ ގޮތް، އަޑުއިވޭނެ ގޮތް، ދުވާނެ ވަސް، ލާނެ ރަހަ، އަދި އަތްލުމުން ނޫނީ އެހެން ގޮތްގޮތުން ވެސް އެކަން އިހުސާސް ކުރެވޭނެ ގޮތް. މި ގޮތަށް ހިޔާލު ކުރަމުން ތަފުސީލުތައް ސިކުނޑިއަށް އަންނަމުން ގޮސް އެންމެފަހުން އެއީ ހަގީގަތުގައި ވެސް ކުރެވިދާނެ ކަމެއްކަން އެނގޭ ހިސާބުން ވާދީން ނުކުމެވޭނެ ބާރަކަށް އެ އަމާޒު ވެގެންދާނެ.”

މިއީ ކިހާ ބާރުގަދަ ކަމެއްކަން ޒުވާނާއަށް ވިސްނުނެވެ. އަދި ލިޔުނެވެ:

–          ދެން އޮތް ކުންނަށް ދިއުމަށް މޮޅު އެއް މަގަކީ ތިމާގެ ‘ބުއްދިވެރި އަމާޒު’ގެ ފަހަތުން ދިއުމެވެ. ތިމާ އެދޭ މޮޅު ކުރިމަގުގެ އެންމެ ތަފުސީލީ ހިޔާލުތައް ސިކުނޑީގައި ރާވާލައި ކުރަހާލެވުމުން އެ ކުންނަށް ދިއުމަށް ބޭނުންވާ ކަންތައްތައް ކުރުމަށް ތިމާ ޝައުގުވެރިވެ އުފާވެރިވާނެއެވެ –

ރޭގަނޑު ވަންދެން ދެ މީހުން ވާހަކާގައި ތިއްބެވެ.

ފަހުން އެ ރޭ، ޒުވާނާ އޭނާގެ ޓެންޓު ތެރެއަށް ވަދެ، މާ ރަނގަޅު ހިސާބަކަށް ދިއުމުގެ ހުވަފެން ދެކުނެވެ.

ފަތިހުފަތިހާ އަނެއް ދުވަހު ހޭލައި، އެ މާ އުސްކޮށް ހުރި ކުންނާ ދިމާއަށް ނަޒަރު ހިންގާލިއެވެ. ދެން އޭނާ ދިޔައީ މުސްކުޅިޔާ ހޯދުމަށެވެ.

ޒުވާނާ ބުނީ ޖެހިގެން އެހެރަ ކުންނަށް ދިއުމަށް އެހާ ގިނަ ވަގުތު ނުނަގާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެ ތަނަށް ދެވުމަށް ފަހު މިހާރަށް ވުރެ ހިތްގައިމު މަންޒަރެއް ފެންނާނެ ކަމަށެވެ.

އަލްވަދާއު ކިއި ވަގުތު މުސްކުޅިޔާ ހިޔާލެއް ދިނެވެ: “މާ އުސްކޮށް ހުރި އެ ކުންނަށް ފޯރުމުން، ތިބާގެ ނަފުސުގައިވާ މާ ފުން ހަގީގަތްތައް ދެނެގަތުމަށް މަސައްކަތް ކުރެވިދާނެތޯ ބަލަން ތިބާ ބޭނުންވެދާނެ. ތިބާގެ ވިސްނުމާއި ހިޔާލުތަކާމެދު ތިބާގެ ހިތް ބުނަނީ ކީކޭތޯ އަޑުއަހަން ތިބާ ބޭނުންވެދާނެ. ތިބާގެ ނަފުސުގެ ހަގީގަތްތަކާ ދިމާއަށް ތިބާގެ މަސައްކަތާއި ދިރިއުޅުން ގެންދިޔަ ވަގުތުތައް ހަނދާން ވެދާނެ. އެ ގޮތުން ތިބާއަށް ހޯދޭ ކަންކަން ވެގެންދާނީ ތިބާއަށް ލިބޭ އަމިއްލަ ބުއްދިވެރިކަމަކަށް. އެއީ އަހަރެންގެ ނޫނީ އެހެން މީހެއްގެ ބުއްދިވެރިކަމެއް ނޫން.”

ޒުވާނާ ބުނީ އޭނާ އެކަން ހަނދާނުގައި ބަހައްޓާނެ ކަމަށެވެ. އަދި އެހާ ގިނަ ކަންތައްތައް ހިއްސާ ކުރި ކަމަށްޓަކައި މުސްކުޅިޔާއަށް ޝުކުރު އަދާކުރިއެވެ.

ދެން ދެ މީހުން އަތާއި އަތް ޖޯޑުކޮށް ސަލާން ކުރިއެވެ. އަދި ދުރުގައި ހުރި އެ މާ އުސް ކުންނަށް ވާސިލުވުމަށް އެ ފުން ވާދީ ހުރަސް ކުރަން ޒުވާނާ ނައްޓާލިއެވެ. (ނުނިމޭ)

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.