ވާރޭ ނުވެހި ގިނަދުވަސް ވުމުން ބ. ހިތާދޫން ފެން ހުސްވެފައިވާ ކަމަށް ހިތާދޫ ކައުންސިލުން ބުނެފިއެވެ.
ހިތާދޫ އޮންލައިން އަށް މަޢްލޫމާތު ދެއްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ ވާރޭ ނުވެހި ގިނަދުވަސް ތަކެއް ވުމުގެ ސަބަބުން ރަށުން ފެން ހުސްވެފައިވާތީ ފެން ފޯރުކޮށްދިނުމަށް އެދި ހުސްވި ހަފްތާގައި ޑިޒާސްޓަރ މެނޭޖުމަންޓު ސެންޓަރގައި އެދިފައި ވާނެކަމަށެވެ.
ޑިޒާސްޓަރ ސެންޓަރު ހިންގެވުމާ ޙަވާލުގެ ހުންނެވި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު އަޙުމަދު ވިދާޅުވީ ފެން ހުސްވެގެން ރިޕޯޓްކޮށްފައި ވަނީ ބ. ހިތާދޫގެ އިތުރުން ލ. ކުނަހަންދު އާއި ދ. ކުޑަހުވަދު އާއި އެއަތޮޅު ބަނޑިދު އާއި ތ. އޮމަދޫ އަދި އެއަތޮޅު ވިލުފުން ކަމަށެވެ. މީގެ ތެރެއިން ދ. ބަނޑިދޫ އާއި ލ. އަތޮޅުގެ ރަށްތަކުން އެއްކޮށް ފެން ހުސްވެފައި ވީނަމަވެސް އެނެއްބައި ރަށްތަކުގައި ހުރީ ވަރަށް މަދު ފެންކޮޅެއް ކަމަށެވެ.
” އެރަށްރަށަށް އަޅުނގަޑުމެން މިދަނީ ވަރަށް އަވަހަށް ފެންފޯރު ކޮށްދެވޭތޯ ބަލަމުން.. މިހާރުވާނީ އެކަން ކޮށްދޭނެ ފަރާތެއް ހޯދަން އިޢްލާން ކޮށްފައި ” އަޙްމަދު މުހައްމަދު ވިދާޅުވިއެވެ.
ހިތާދޫ ކައުންސިލްގެ ރައީސް ޔޫސުފު ޤާސިމް ވިދާޅުވީ ނުވަދިހައިގެ އަހަރު ތަކުގައި ބ. ހިތާދޫގެ ފެން ތަހުލީލު ކުރުމުން ހިތާދޫގެ ފެނަކީ އެއްގޮތަކަށްވެސް ބޭނުން ކުރުން ރަނގަޅު ނޫން ނަޖިސް އަސަރު ފެނިފައިވާ ފެނެއްކަށް ބުނެފައިވާއިރު މިހާތަނަށް އައިރުވެސް ހިތާދޫގައި ނަރުދަމާ ނިޒާމް ޤާއިމް ކުރެވިފައި ނުވާތީ އާއި މިދިޔަ އަހަރުގެ ބަޖެޓުގައި ހިތާދޫގެ ނަރުދަމާ ނިޒާމް ހިމެނިފައި އަދި އަހަރު ނިމިގެން ދިޔައިރުވެސް އަކަން ނުފެށި ވާތީ ހިތާމަކުރައްވާ ކަމަށެވެ.
ރައީސް އިރުރަށް ވިދާޅުވީ ހިތާދޫގައި ދިހަ ޓަނުގެ ފެންޕްލާންޓެއް ޔުޓިލިޓީޒް ކުންފުނީގެ ބެލުމުގެ ދަށުގައި ވާކަމަށެވެ. ނަމަވެސް މިފަދަ ހާލަތެއް މެދުވެރިވި އެންމެ ފަހަރަކުވެސް މިޕްލާންޓުގެ ޚިދުމަތް ނުލިބިވާ ކަމީ ކައުންސިލުން ކަންބޮޑުވާ ކަމެއްކަމަށެވެ. 2009 ނުވަވަނަ އަހަރުން ފެށިގެން މިހާތަނަށް ހަތަރު ފަހަރެއްގެ މަތިން ހިތާދޫން ފެން ހުސްވެފައިވެއެވެ. މިއިން ކޮންމެ ފަހަރަކުވެސް ޕްލާންޓް މައްސަލަ ޖެހިފައިވާ ކަން ކައުންސިލްގެ ރައީސް ފާހަގަ ކުރެއްވިއެވެ.